އަދުގެ ޚާއްސަ

Print

ތާރީޚީ ނަޒަރަކުން ދުނިޔޭގެ ޑްރާމާ

ޝާޢިއުކުރީ ޢަލީ އިބްރާހީމް ކޮމަންޑޫ . ހިމެނޭބަޔަކީ އެހެނިހެން

ކޮމަންޑޫ ޢަލީ އިބުރާހީމް

 

މިފަންނުގެ މާހިރުން ލިޔުއްވާ ގޮތުގައި ޑްރާމާ އޭގެ ސާދާގޮތުގައި ދުނިޔެ އުފަންވީއްސުރެ އޮވެއެވެ. ނަމަވެސް އިންސާނީ ތަހުޒީބުގެ ފެށުމުގެ ކުރިން ޑްރާމާގެ ވުޖޫދު ފެންނާކަށްނެތެވެ. ޤަދީމީ ޒަމާނުގައި އެކި ގައުމުގައި ޑްރާމާ ކުޅެމުން އައިގޮތް ތަފާތެވެ. މުޙައްމަދު ވަޙީދު (2003) ބަޔާންކުރައްވާގޮތުގައި ގްރީކާއި ހިންދުސްތާނުގައި ޑްރާމާ ތަރައްގީވަމުން އައީ އެކުއެކީގައެވެ. 

"ގްރީކުގައި ޑްރާމާ ކުޅެމުން އައިސްފައިވަނީ ދީނީ ޙަފްލާތަކުގައެވެ. އެއިރު ޑްރާމާތައް ހުންނަނީ ޅެމުންނެވެ. މިދުވަސްވަރުގެ މަޝްހޫރު ޑްރާމާ ލިޔުންތެރިންގެ ތެރޭގައި އެސްކީލަސް، ޔުރިޕައިޑިސް، ސޮފޮކްލީޒް އަދި އެރިސްޓޮފަނީޒް ހިމެނެއެވެ" (އާދަމް ޒާހިރު، 2003، ޞ.2). 

 

ގްރީކަށްފަހު ޑްރާމާ ބަދަލުވީ އިޓަލީގެ "ރޯމް" އަށްކަމަށްވެއެވެ. ޢައްބާސް އިބްރާހީމް (2000) ލިޔުއްވާފައިވާ ގޮތުގައި އެއިރު ރޯމް އޮތީ ވޭނާއި ހިތާމައިގެ ތެރޭގައެވެ. ތަމްސީލުތައް ބުރަވެފައިވަނީ ނަފްސާނީ ޤަބޫލުކުރުންތަކުގެ ނުފޫޒުން އެއްކިބާވެ ބިނާކުރުވަނިވި އުފެއްދުންތެރިކަމަށެވެ. އެހެންކަމުން އެމީހުންގެ ތެރޭގައި ތަރުޙީބު ލިބުނީ "ކޮމެޑީ" އަށެވެ. ނަމަވެސް ފަހުން "ޓްރެޖަޑީ" ގެ ޑްރާމާވެސް ލިޔުނެވެ. މިދުވަސްވަރުގެ އިޓަލީގެ އެންމެ މަޝްހޫރު ޑްރާމާ ލިޔުންތެރިޔަކީ ލުއިޖީ ޕިރަންޑެއްލޯއެވެ (ޞ. 24).

ޔޫރަޕަށް ޑްރާމާ ތަޢާރަފްވީ ރިނައިސަންސާއެކުގައެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގައި ޑްރާމާގެ ފަންނު އެހެން ގައުމުތަކުގައި ތަރައްގީ ނުވާވަރަށް މިދުވަސްވަރު ކުރިއަރައި ތަރައްގީވިއެވެ. 17 ވަނަ ގަރުނުގައި އުޅުނު ރާސީންއާއި މޯލިއަރ އަދި ޖޯން އަނޫއިލްއާއި ޖޯން ގިރޯޑޫސްއަކީ ފްރާންސްގައި މަޝްހޫރުވި ލިޔުންތެރިންނެވެ. މުޙައްމަދު ވަޙީދު (2003) ލިޔުއްވާގޮތުގައި އިނގިރޭސިވިލާތުގައި ޑްރާމާ ފެށުނު ދުވަސްވަރެއް ކަނޑައެޅިގެން އެނގޭކަށްނެތެވެ. އެހެންނަމަވެސް މީލާދުގެ 13 ވަނަ ގަރުނާ ހަމައިން ޑްރާމާގެ ކޮޅުމަތި ފެށުނުކަމުގެ ޢަލާމާތްތައް ފެންނަން އެބަހުއްޓެވެ. ޢާއިޝަތު ޝަނޫރާ (2009) ބަޔާންކުރައްވާގޮތުގައި މީލާދުގެ 16 އަދި 17 ވަނަ ގަރުނަކީ އިނގިރޭސި ވިލާތަށް ޑްރާމާގެ ބަހާރު މޫސުމެއް އައި ދުވަސްވަރެކެވެ. މިދުވަސްވަރުގެ މަޝްހޫރު ލިޔުންތެރިންގެ ތެރޭގައި ޝޭކްސްޕިއަރ،ކްރިސްޓޮފަރ މަރލޯވް، ތޯމަސް މިޑްލްޓަން އަދި ބެންޖޮންސަން ހިމެނެއެވެ. ޢައްބާސް އިބްރާހީމް (2000) ބަޔާންކުރައްވާގޮތުގައި "ޝެކްސްޕިއަރ (1564މ. އިން 1616މ.) އަކީ ވަރަށް ގިނަ ބައެއްގެ ނަޒަރުގައި އަދި މިހާތަނަށް ދުނިޔޭގައި އުޅުއްވި އެންމެ މޮޅު ޑްރެމެޓިސްޓެވެ. އޭނާގެ ލިޔުއްވުންތަކަކީ ދުނިޔޭގެ ކަންކޮޅުތަކުގައި މުނިފޫހިފިލުވުމުގެގޮތުން، ޒަމާންތައް ދައުރުވުމުގެ ސަބަބުންވެސް ބައުނުވާ ލިޔުންތަކެކެވެ" (ޞ.25). 

އެމެރިކާގައި ޑްރާމާ ކުރިއެރީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުންކަމަށްވެއެވެ. އާދަމް ޒާހިރު (2003) އާއި ޢައްބާސް އިބްރާހީމް (2000) ހާމަކުރައްވާގޮތުގައި އެމީހުންގެ ބޭނުމަކީ ހަނގުރާމައިގެ ސަބަބުން މުޖުތަމަޢަށް ކުރިމަތިވެފައިވާ ނަފްސާނީ މައްސަލަތަކުންނާއި އިޖުތިމާޢީ މައްސަލަތަކުން ދުރު ކުރުމެވެ. މިދުވަސްވަރުގެ ލިޔުންތެރިންގެ ތެރޭގައި ޓެނެސީ ވިލިއަމްސްއާއި އާތަރ މިލަރއާއި އޯނީލްފަދަ ލިޔުންތެރިން ހިމެނޭކަމަށް އާއިޝަތު ޝަނޫރާ (2009) ހާމަކުރައްވައެވެ.

މިޒަމާނުގެ ފަހުގެ ޑްރާމާތަކަށް އެންމެ ބޮޑު ޙިއްޞާވެދީފައިވާ ފަރާތްތަކުގެ ތެރޭގައި ނޯވޭގެ ޑްރާމާ ލިޔުންތެރިޔާ ހެންރިކް އިބްސެންއާއި ޖަރުމަނުގެ ބާތޮލްތް ބްރެޗް ހިމެނެއެވެ. މީގެތެރެއިން އިބްސެން މަޝްހޫރުވެފައިވަނީ "ލިބެރަލް ޓްރެޖެޑީ" ޑްރާމާ ލިޔުމަށެވެ. އަދި ބްރެޗް މަޝްހޫރުވެފައިވަނީ "ހިސްޓޮރިކަލް ކޮމެޑީ" ޑްރާމާ އުފެއްދުމަށެވެ (ޢާއިޝަތު ޝަނޫރާ، 2009، ޞ.3).

ހަމަމިގަލަމުން

އިދާރާ

ވާހަކަ