އަދުގެ ޚާއްސަ

Print

ގޭދޮރުމަތިން ފެންނަ ކޮތަޅު

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ އިޖުތިމާޢީ

ކޮމަންޑޫ ޢަލީ އިބުރާހީމް

މާލެއަކީ ދޭސީންގެ އިތުރަށް ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަނެކެވެ. ދެކުނު އޭޝިޔާގެ ސަރަޙައްދުގެ ނިޞްބަތުން އަވަށްޓެރި ގައުމުތަކުގެ މަސައްކަތު މީހުން އައިސް އުޅޭ ތަނެކެވެ. ޚާއްޞަކޮށް ބަގުލަދޭޝްގެ ރައްޔިތުން ގިނަ ޢަދަދަކަށް ޙަރަކާތްތެރިވާ ތަނެކެވެ.


ބޭރު ބަޔަކު ތަނެއްގައި ދިރިއުޅޭ ކަމުގައިވަނީނަމަ އެބައެއްގެ އާދަކާދަތަކާއި ގޮތްތައް އެތަނަކަށް ތަޢާރަފުވާނެއެވެ. އަހަރެމެންގެ އާދަކާދައާ ނުގުޅުނަސް ނުވަތަ އާދަކާދައާ ފުށުއެރިޔަސް އެކަން ހިނގަނީ އެގޮތަށެވެ.


ބިދޭސީ މަސައްކަތު މީހުންގެ ގިނަވުމުގެ ސަބަބުން ވައްކަން ކުރުމާއި ބަދު އަޚުލާޤީ ޢަމަލުތައް އަހަރެމެންގެ ތެރެއަށް ތަޢާރަފުވިއެވެ. ބިރުދެއްކުމާއި ޖިންސީ ގޯނާކުރުންތައްވެސް ފެންމަތިވިއެވެ. ހަމަމިއާއެކު ތަނުގެ ސާފުތާހިރުކަމަށާއި މަގުމަތީގެ ރައްކާތެރިކަމަށްވެސް ބަދަލުތަކެއް އަންނަން ފެށިއެވެ. އަދި މިނޫނަސް ދިވެހިންގެ ސަގާފަތަށް ފުށުއަރާ ކިތަންމެ ކަމެއް މިވެރިންގެ ފުށުން ފެންނަމުންދޭމެއެވެ.


މިފަހަކަށް އައިސް މާލެ ތެރެއިން ފެންނަމުންދާ އެންމެ ހުތުރު އެއް މަންޒަރަކީ ބިދޭސީ މަސައްކަތު މީހުން ދިރިއުޅެމުންދާ ތަންތަނުން ފެންނަ ކޮތަޅުތަކެވެ. ދޮރާށިދޮށުން މަރުޙަބާ ކިޔާ ނާސްތާ ކޮތަޅުތަކެވެ. މިތަކެތި ހާމައަށް ފެންނަގޮތަށް އެލުވާފައި   ހުންނަނީ ފާރަށް ނުވަތަ ދޮރާ ކައިރި ހިސާބެއްގައި ޖަހާފައި ހުންނަ ކަލާކުރި މޮހޮރުތަކުގައެވެ. ޕެކެޖު ތައްޔާރުކޮށްފައި ހުންނަ ފެންވަރު ރަނގަޅުކަމުން އޭގައި އެހުންނަނީ ކޮން އެއްޗެއްކަން މަގު ހިނގާ މީހުންނަށް ދެނެގަންނާކަށް މާއުނދަގުލެއްނޫނެވެ.


ބައެއް ފަހަރު މިދެންނެވި ކާނާ ޕެކޭޖުތައް އައު ދުވަހަކަށް އިރު އެރުމުގެ މާކުރިންވެސް ފެންނަން ހުރެއެވެ. ހީވާގޮތުން ދަންވަރު ގަޑީގައިވެސް މިތަކެތި ބަހާ ބަޔަކު އުޅެނީއެވެ. ޙަވާލުވާ ފަރާތް އަރާމު ނިދީގައިވާތީ މޮހޮރު ބޮލުގައި އަޅުވާލާފައި ދަނީ ދެން އިތުރު އުނދަގުލެއް ނުޖައްސަންވެގެންކަން ނޭނގެއެވެ. އާނއެކެވެ. އަހަރެމެން ދިވެހީން ދުރަށް ޖައްސާލި އިހުގެ ރެލީ ބައިސްކަލްތަކުގައި ޕްލާސްޓިކް ބާސްކެޓްތައް އައްސައިގެން މާލޭގެ އެކިއެކި ކޮޅުކޮޅު މައްޗަށް ދުއްވާ މީހުންނަކީ މިދެންނެވި ޕެކެޖުތައް ޑެލިވަރީ ކުރާ ފަރާތްތަކެވެ.


ގޭގެއިން ފަހާ ތަންތަނުން، މަސައްކަތްކުރާ ސައިޓްތަކުންގޮސް މިދެންނެވި ޕެކެޖުތައް ފަހަކަށް އައިސް ސްކޫލުތަކުގެ ތެރެއަށްވެސް ވަންނަން ފަށައިފިއެވެ. ސްކޫލަކާ އަލަށް ގުޅުނު ބިދޭސީ ޓީޗަރަކަށް ރައްދު ކުރުމަށް މިދެންނެވިފަދަ ޕެކެޖެއް ސްކޫލެއްގެ ދޮރާށިދޮށުގައި ހަރުކޮށްލި މަންޒަރު ފެނުމުން އެސްކޫލުގެ ފަރާތުން އެގޮތަށް އެކަން ނުކުރެވޭނެކަމާއި އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް އެ ޓީޗަރަށް އެންގިއެވެ. އޭގެފަހުން ދޮރާށިދޮށުގައި ހަރުކުރި އެމޮހޮރުތައްވެސް ނެތިގެން ދިޔައެވެ.


މިދެންނެވި ޕެކެޖުތަކަކީ ދޮރާށިދޮށް ހުތުރުކުރާ މަންޒަރަކަށްވީ ފަދައިން އަހަރެމެންގެ ސާފުތާހިރުކަމަށްވެސް ހުރަހަކަށްވެއެވެ. މަގު ހިނގާ ބައެއް ލާނެތް ކުދިން މި ޕެކެޖްތަކަށް ގެއްލުންދީ ހަދާކަންވެސް ފާހަގަ ކުރެވެއެވެ. ނަތީޖާއަކަށްވަނީ ރިހަ ޕަކެޓްތައް ފެޅި ފަރާޓާ ޕެކެޖު ބިއްމައްޗަށް ފޭބުމުން މަގުމަތީގައި މިފަދަ ކެއުމަކަށް އިންތިޒާރު ކުރަމުންދާ ވަގު ބުޅާތަކުގެ ދުވަހު ކާނާއަށްވުމެވެ. މަގުމަތީގެ ސާފުތާހިރުކަމަށް އަސަރު ފޯރުމެވެ. މިއީ ގޯތި ގެދޮރުގެ ވެރިފަރާތްތަކުންވެސް މިއަދު ވިސްނާލަންވެއްޖެ ކަމެކެވެ. މިއީ ދިވެހި ގޭގޭ ދޮރާށިދޮށުން ދެކެން ބޭނުންވާ މަންޒަރެއްނޫނެވެ. އެއަށްވުރެ އަޅުގަނޑުމެންނަކީ ގޯތި ގެދޮރު ނަލަކަންމަތީ ބާއްވަން އިސްކަންދޭ ބައެކެވެ. ވީއިރު، ދޮރާށިދޮށުން މަރުޙަބާ މިކިޔާ ކޮތަޅުތައް ނައްތާލަންވެއްޖެއެވެ. މިނޫންގޮތަކަށް މިކަން ކުރުމަށް އެވެރިންނަށް ވިސްނައިދޭންވެއްޖެއެވެ.


ޕޯސްޓުން ލިބޭ ތަކެތި ވައްޓާލުމަށް ޚާއްޞަ ފޮށިފޮށި ގޭގޭގައި ތައްޔާރުކޮށްފައި ހުންނަކަން ފާހަގަ ކުރެވެއެވެ. މި އުޞޫލުން މި ޕެކޭޖުތައް އެޅުމަށް ފޮށްޓެއް ނުވަތަ އެނޫންވެސް މަތިޖެހި އެއްޗެއް ބެހެއްޓުން ކީއްތޯއެވެ؟ އޭރުން އަހަރެމެންނަށް މިހާރު މިފެންނަ މަންޒަރު މިސިފައިގައި ފެނުމަކީ އެކަށީގެންވާކަމެއްނޫނެވެ. މާލޭ ސިޓީ ކައުންސިލުންވެސް މި ހުތުރު މަންޒަރު ނައްތާލުމަށް ގޮތްތަކެއް ނުވަތަ އަވަސް ފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ. ވެރި ރަށުގެ މަގުތައް ފަދައިން ވެރިރަށުގެ ގޯތި ގެދޮރުވެސް ރީތިވާނީ މިދެންނެވިފަދަ މަންޒަރުތައް ނެތިގެންނެވެ. މާބޮޑުވަރު ނުވަނީސް މިކަން ހުއްޓުވުމަށް ގޭގޭގެ ވެރިންނާއި ޒިންމާދާރުވާންޖެހޭ އެންމެހައި ފަރާތްތައް އަވަސްވަމާތޯއެވެ؟

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ