އަދުގެ ޚާއްސަ

Print

ކުރި ފަތް

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ފަންވަތް


ކޮމަންޑޫ ޢަލީ އިބުރާހީމް

އަދަބީބަހުގެ ސިލްސިލާ ވާހަކައިން:   


ހެނދުނު ވަލުން ކިރިއްސައިގެން ގެނައި ފަން ބޮޑި ވިނުމުގެ މަސައްކަތް އާމިނަ ކުރަމުން ގެންދިޔައީ  އޭނާގެ 5 އަހަރަށްދާ ދަރިފުޅު ޢަލީ އަދި އެދުރު ދައިތަ ގެއިން ނާންނަތީއެވެ. ކޮންމެ ދުވަހަކުވެސް އައިމިނަ ފަންގަނޑުން އަތްދޫކޮށްލަނީ އެސޮރު ކިޔަވައިގެން އައީމައެވެ. އެސޮރަށް ސައި ދިނުމުގެ ކަންތައް ކުރަނީ އޭގެފަހުގައެވެ.

 


މޫސަ ނިޔައުވީފަހުން މިއީ 5ވަނަ އަހަރެވެ. މޫސަ މަރުވީ ޢަލީއަށް އަހަރުވެސް ނުވަނީހެވެ. އެހެންކަމުން އައިމިނަ އޭނާގެ ދަރިފުޅު ބަލަހައްޓަމުން ގެންދަނީ އޭނާގެ އަމިއްލަ އަތުން މަސައްކަތް ކޮށްގެން ހޯދާ އެއްޗަކުންނެވެ. ގޭގެއަށް ފުޑައިދީގެންނާއި ގަސްފަދަ ތަކެތި ހެއްދުމުގެ އިތުރަށް ފަންގިވިނުމާއި ރޯނުވެށުންފަދަ މަސައްކަތް ކޮށްގެންނެވެ.


ކުޑަކުޑަ ޢަލީއަށް އޭނާގެ ބައްޕަގެ ލޯބި މަޙުރޫމުވެފައިވިކަމުގައިވިޔަސް މަންމަގެ ފުށުން އެލޯބިވެސް އެއްވެސް އުނިކަމެއްނެތި ލިބެމުންދެއެވެ. އޭނާ ބޭނުންވާ އެއްޗެއް މަންމަ ހޯދައިދެއެވެ. ކުޅޭނެ ބޯޅައާއި މެޓާ ބިސްކޯދުފަދަ ތަކެތި ލިބިލިބި ހުރެއެވެ. އެހެންކަމުން ޢަލީއާއެކު ކުޅެން އަންނަ ކުދިންނަށްވެސް ޢަލީއަކީ ފަޤީރު ކުއްޖެއްކަން އިޙުސާސް ނުކުރެވެއެވެ. އެދުރުދައިތަ ގޭގައިވެސް ޢަލީ ފާހަގަ ކުރެވެނީ އަޚުލާޤު ރަނގަޅު ބަސްއަހާ ބަސް ޤަބޫލުކުރާ ކުއްޖެއްގެ ގޮތުގައެވެ.


ޢަލީގެ ޢުމުރުން މިހާރު 6 އަހަރު ފުރި 7 ވަނަ އަހަރަށް އަޅައިގަތީއެވެ. ފަށާ ތަޢުލީމުގެ ފެންވަރަށް ކިޔަވައިދެމުންދާ ރަށު މަދަރުސާއަށް އައިމިނަ އޭނާގެ ދަރިފުޅު ޢަލީ ވައްދައިފިއެވެ. މަދަރުސާގެ މުދައްރިސުންނަށް ޢަލީ ފާހަގަވެގެން ދިޔައީ އަޚުލާޤު ރަނގަޅު ކިޔަމަންތެރި ދަރިވަރެއްގެ ގޮތުގައެވެ. މުދައްރިސުން ޢަލީގެ ކުރިމަގާމެދު އައިމިނައަށްދޭ ހިތްވަރުން އައިމިނަ ހުންނަނީ އުފަލުން ހަލާކުވާވަރުވެފައެވެ. އެއީ އޭނާ ދެކެމުންދާ ހުވަފެނެކެވެ.


މިހާރު އައިމިނަ ކުރިއަށްވުރެވެސް އިތުރު މަސައްކަތްތައް ހޯދައިގެން ކުރަން ފަށައިފިއެވެ. އެއީ ޢަލީ ނަކަތްގެލުމުގެ ދުވަސް ކައިރިވަމުން އަންނާތީއެވެ. ޢަލީއަށް ކިޔަވައިދިނުމުގެ ކަންތައްތަކަށް ޚަރަދުކޮށްފައި ކޮންމެ މަހަކުވެސް ސަތޭކައިން ސަތޭކަ ފަންސާހުން ފައިސާ އައިމިނަ ރައްކާކުރެއެވެ. އައިމިނަ ޤަޞްދުކޮށްފައިވަނީ އިސްކޫލުގެ ބޮޑު ބަންދުގައި އޭނާގެ ބޮޑުބޭބެ ޙުސައިންގެ ދަރިފުޅު އިސްމާޢީލާއެކު ޢަލީވެސް ޚިތާނު ކުރާށެވެ. މިކަންވަނީ ޙުސޭނުވެސް އައިމިނަ ގާތުގައި މާކުރިން ދައްކާ ހަމަޖައްސާފައެވެ.


ޝަޢުބާން މަހެއްގެ 15 ވަނަ ދުވަހު މެންދުރުފަހު އައިމިނަގެ ދަރި ޢަލީއާއި ޙުސައިނުގެ ދަރި އިސްމާޢީލު ނަކަތްގެ ލައިފިއެވެ. މިކުދިން ޚިތާންކުރީ އައިމިނަޔާއި މޫސަގެ އަމިއްލަ ގެ ކެޔޮގަސްދޮށުގޭގައެވެ.


ޢަލީ ޚިތާނު ކުރީއްސުރެ އައިމިނަ އިންނަނީ ޢަލީ ކައިރީގައެވެ. ޢަލީއަށް ކަމެއް ވެދާނެތީއެވެ. ޢަލީ ފަރާތަކަށް ފުރޮޅިލަފާނެތީއެވެ. ދަމަށް ތިބުމުގެ ދަންފަޅިތައްވެސް ބަލަހައްޓަނީ ޚުދު އައިމިނައެވެ. ދުރުތާ ތިމާގެ ބަޔަކު ފިޔަވައި މިގެއަށް ވަދެ އުޅެނީ ޢަލީގެ މުދައްރިސާއި އެދުރުދައިތަޔާއި ޢަލީއާ އެއްފުރާގެ ގޭދޮށު ކުދީންނެވެ. އެހެންނަމަވެސް ޚިތާންކޮށްގެން އުޅޭ އެހެން ގޭގެއިން ގޮވާލަން އަންނަ މީހުންނަށްދޭ ބޮޑިބަތް ތަށިތަކާއި ސަރުބަތް ތަށިތައް އައިމިނައަކަށް މިގޭއަކުން ދޭކަށް ނުލިބެއެވެ. ސަބަބަކަށްވަނީ އައިމިނަގެ ނިކަމެތިކަމެވެ.


ޢަލީއާއި އިސްމާޢީލު ޚިތާން ކުރިތާ 5ވަނައަށްވީ ދުވަހު ފެންއެޅުމަށްފަހު އެދުރުބޭ އެކުދިން ދޫކޮށްލިއެވެ. އެހެންކަމުން އައިމިނަވެސް ވޭތުވެދިޔަ ދުވަސްތަކުގައި ފުނިޖެހިފައިހުރި މަސައްކަތްތައް ކުރަން ފެއްޓިއެވެ. ފަންގިވިނުމައި ރޯނުވެށުމުގެ މަސައްކަތްތަކެވެ. ހަފުތާއެއްވީއިރު މަސައްކަތްތައްވެސް ހަމައަކަށް އެޅިއްޖެއެވެ. އަދި ޢަލީވެސް ޗުއްޓީ ނިންމާލާފައި މަދަރުސާއަށް ދާން ފަށައިފިއެވެ.


މާޒީއާއެކުވެގެން ދުވަސްތަކެއް ގެއްލިގެން ހިނގައްޖެއެވެ. ކުޑަ ކުދިންތައްވެސް ޅަފުރާ ކަނޑައްތުކޮށް ޒުވާނުންގެ ގޮތުގައި ދިރިއުޅުމާ ކުރިމަތިލައިފިއެވެ. ޢަލީއަކީވެސް މިއަދު ރަށުގެ ޒުވާނުންގެ ތެރޭގައި ނަން ހިނގާ ޒުވާނެކެވެ. ރަށު އޮފީހުގެ ހީވާގި ކާތިބެވެ.


އައިމިނައަކީވެސް މިއަދު ކުރިން ދުށް އައިމިނައެއްނޫނެވެ. އޭނާ ކެނޑި ނޭޅި ކުރި ކުރަ ބުރަ މަސައްކަތުން މިއަދުވަނީ ހަމަޖެހޭ އާދައިގެ ދިރިއުޅުމަކާ ކުރިމަތިލާފައެވެ. ޢަލީއަށް ލިބޭ އެއްޗެއް ޚަރަދުކޮށްފައި ބޮޑުބައެއް އައިމިނަ ރައްކާ ކުރަނީއެވެ. އެއީ ވަރަށް މާތް މަޤުޞަދެއް އޭނަގެ ހިތުގައި ކަނޑައެޅިފައި އޮތީމައެވެ. ކުރިއަށް އޮތް އަހަރަށް ޙައްޖުގެ މަތް އަޅުކަން އަދާކުރުމުގެ މާތް ނިޔަތުގައެވެ.


ޛުލްޙިއްޖާ މަހެއްގެ 14 ވަނަ ދުވަހެވެ. ޢަލީ އޭނާގެ މަސައްތުގައި އޮފީހުގެ މޭޒުދޮށުގައި އިށީދެލައިގެން އިން ވަގުތެވެ. ގަޑިން މެންދުރު ދޭއްޖެހީއެވެ. މިގަޑީގައި ޚަބަރު އަޑު އެހުމަކީ ކޮންމެ ދުވަހަކުވެސް ޢަލީގެ އާދައެވެ. އަލީ އޮފީހުގައި ގެންގުޅޭ ރޭޑިޔޯ ހުޅުވުމުން އޮފީހުގައި އުޅޭ ޕިޔޯނުވެސް ޚަބަރު އަޑުއެހުމަށްޓަކާ އެގަޑީގައި އަންނާނެއެވެ. މިއަދުވެސް ތިބީ ޢަލީއާއި ޕިޔޯނު ޙުސައިނެވެ. ޚަބަރުތަކުގެ މުހިއްމު ސުރުޚީތައް އިވުމުން ޢަލީގެ ވިންދު އަވަސްވެގެންދިޔައެވެ. އަތަމާ ގުރޫޕުން ޙައްޖުގެ އަޅުކަން ކުރުމަށް ގޮސް އުޅުނު ރާއްޖޭގެ އަންހެނަކު އަރަފާތު ބިމުގައި ނިޔައުވި ޚަބަރެވެ. ޢަލީ ރޭޑިޔޯގެ ވޮލިއުމް ބާރުކޮށްލިއެވެ. މިހާރު އައިސްއައިސް އެހުރީ ޚަބަރުތަކުގެ ތަފުޞީލެވެ. ހިމޭން ވަގުތުކޮޅަކަށްފަހު ޢަލީގެ ކަންފަތަށް އެއަޑު އިވިގެން ދިޔައީ ވިރިވިރިހުރި ތިމަރަ އެއްޗެއް އޮއްސާލި ފަދައިންނެވެ. ޝަހާދަތް އިނގިލީގައި ދައިގެންގޮތަށް މޭޒުމައްޗަށް ދެމުނެވެ. ﷲ ގެ ކުޅަދުންވަންތަކަމެވެ. އެމާތް ޢަރަފާތު ބިމުގައި ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށްފަހު އައިމިނަ ނިޔައުވީއެވެ.


ޙުސައިނަށް އަލީ ހިފަހައްޓާ ނުލެވިގެންގޮސް އަރި އަޅާލައިފިއެވެ. އެވަގުތު ހަޅޭއްލަވައިގަތް އަޑަށް ނުކުތް ސެކެރެޓަރީ ޝިހާބު ނައިނަމަ ޙުސައިނަށް ޢަލީ ހިފަހައްޓާލުންވީ ވަރަށް އުނދަގޫ ކަމަކަށެވެ. މި ލިބުނު ކުއްލި ހިތާމަވެރި ޚަބަރުން ޢަލީވަނީ ހަމައިން ނައްޓާލާފައެވެ. ކުޑައިރުއްސުރެ ބައްޕަޔަކާ ނުލާ ބަލަ ބޮޑުކުރި މަންމަ އޭނާ ދޫކޮށްލާފައި ދިޔަ ހިތާމައިގައެވެ.


ޢަލީ ހިތާމަވެރި ހިނގުމެއްގައި އޭނާގެ ބައްޕަޔާއި މަންމަ އޭނާ ކުޑަދުވަހުއްސުރެ ދިރިއުޅެމުން ގެންދިޔަ އޭނާގެ އަމިއްލަ ގެއަށް އައިސްވަނެވެ. މަންމަގެ ހަނދާންތައް އޭނާގެ ވަށައިގެން އެނބުރިގަތެވެ. ރޯނުގައި އަޅާފައިހުރި ލިބާސްތައް ފެނުމުން އޭނާއަށް ރޮވިއްޖެއެވެ. ގޭތެރޭގެ ކޮންމެ މަންޒަރެއް އޭނާއަށް ފެންނަނީ ލޮލުން ފައިބަމުންދާ ދިޔާ ކަރުނުގެ ތެރެއިންނެވެ. މަޑުމަޑުން އޭނާ ހިނގަމުންގޮސް މަންމަގެ ރޯނު ފުރި ނިދާ އެނދުގައި އިށީނދެލިއެވެ. އެނދުމަތީގައި އަޅާފައިވާ ކަށިކެޔޮފަތު ސާންތީގައި އޭނާއަށް މުށްކަވާލެވުނެވެ. އޭނާއަށް އެއްވެސް އިޚުތިޔާރަކާނުލާ ރޮއި ގަނެވިއްޖެއެވެ. ބާރުބާރަށް ގިސްލެވެން ފެށިއްޖެއެވެ. އެވަގުތު ކޮންމެވެސް މީހަކު ސަލާމް ގޮވާލި އަޑު އިވުމުން އޭނާގެ ހިތުގައި މާބޮޑަށް ޖެހިއްޖެއެވެ. އޭނާ އެމީހަކާ ދިމާއަށް ފެންކަޅިވެހުރެ ބަލައިލިއެވެ. މުދިމު އިބުރާހީމުފުޅުބެ އޭނަޔާ ވަރަށް ކައިރީގައި ހުއްޓާ ފެނުނެވެ. ޢަލީއަށް މާބާރަށް ރޮއިގަނެވިއްޖެއެވެ. އެވަގުތު މުދިންބެ ޢަލީ ހިތްހަމަޖައްސުވައިދެވޭތޯ ބަލަމުންދިޔައެވެ.


"ޢަލީ! ދެރަ ނުވޭ. ނުރޮއި. ޢަލީގެ މަންމަ އެދިޔައީ ވަރަށް އުފަލުން. އެންމެ މާތް ބިމުގަ.މިއީ ރޯންވީ ވަގުތެއްނޫން. މަންމައަށް ހެޔޮ ދުޢާ ކުރަންވީ ވަގުތު. ދުނިޔޭގެ ޤާނޫނު.ދުނިޔޭގެ ދައުރުވުން. މުސްކުޅިން ބުނާ އަޑު އަމެއްނު.ކުރިން ނިކުތް ކުރިފަތް ކުރިން ދޮންވެގެން ބިން މައްޗަށް ވެއްޓޭނެ. ޢަލީގެ ބައްޕަ ނިޔައުވީ ޢަލީގެ މަންމަގެ ޙަޔާތުގެ އެންމެ ޒުވާން ދުވަސްތައް ގުނަގުނަ ހުއްޓާ. މަންމަ ނިޔައުވެގެން އެދިޔައީ ޢަލީގެ އެންމެ އުފާވެރި ދުވަސްތައް އައިސް ހުއްޓާ. މިބުނީ ކުރިން ދުނިޔެއަށް އައި މީހުން ކުރިން ދުނިޔެއާ އަލްވަދާޢު ކިޔަންޖެހޭފަހަރު އަންނަ ވާހަކަ.


މުދިމްބޭގެ ވާހަކަތަކުން ހިތްވަރު ލިބިގެން ޢަލީ މަޑުމަޑުން ތެދުވިއެވެ. އަދި މަންމައަށް ހެޔޮ ދުޢާ ކުރުމަށް އަވަސްވެގަތެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ