އަދުގެ ޚާއްސަ

Print

ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު- ޚިދުމަތްތެރި ޒަޢީމެއް

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ޝަޚްޞިއްޔަތު

ކޮމަންޑޫ ޢަލީ އިބުރާހީމް

1-    ނަސަބު/ ޢާއިލާ
އަލްއަމީރު އިބްރާހީމް ނާޞިރުގެ ޢާއިލާއަކީ ވަރަށް ބޮޑު އަދި ދުރަށް ފެތުރިފައިވާ ޢާއިލާއެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ތިން ރައީސުންގެ ނަސަބުނާމާ (2008) ގައި ބަޔާންކޮށްފައިވާގޮތުގައި އިބްރާހީމް ނާޞިރަކީ ޔަމަނުކަރައިގެ ހަޟަރަމައުތުގެ ބަޢުލަވީ ނުވަތަ ބާޢަލަވީ

ދަރިކޮޅުގެ ކޯލާޑި ސައްޔިދު މުޙައްމަދު ހޮޅިނަޚާ މަލާބާރީގެ، ފަސްމަންދޫ ޙަސަން ބޮޑުހަކުރާ ތަކުރުފާނުގެ، ޙަސަން ހޮޅި ހަކުރާ މަނިކުފާނުގެ، ވީރު ޢަލިދޮށިމޭނާ ކިލެގެފާނުގެ، ކީހި އިބްރާހީމް ދީދީގެ، ވީރު ޙަސަންދީދީގެ، ޢަލީ މަލިމް މަނިކުފާނުގެ، މަލިންގޭ ޙަސަންދީދީ ވެލާނާ މަނިކުފާނުގެ، ވެލާނާގޭ މުޙައްމަދުދީދީގެ، ވެލާނާގޭ އަޙުމަދުދީދީގެ ބޭފުޅެކެވެ.


ނާޞިރުގެ މަންމާފުޅަކީ ދިޔަމިގިލީ ދަރިކޮޅުގެ އައްސުލްޠާން މުޒައްފަރު މުޙައްމަދު އިމާދުއްދީންގެ ދަރިކަލުން އައްސުލްޠާން އިބްރާހީމް އިސްކަންދަރު (2)ގެ ދަރިކަލުން އައްސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމްލަދޭރި ކިލެގެފާނުގެ ދަރިކަލުން ފުވައްމުލަކު ކަރިއްޔާ ގަނޑުވަރު އައްނަބީލު ހަސަންދީދީގެ ދަރިކަލުން، ޙުސައިންދީދީގެ ދަރިކަނބަލުން ދަނޑިމަގު ގަނޑުވަރު މަރިޔަމްދީދީގެ ދަރިކަލުން، މޫސާދީދީގެ ދަރިކަނބަލުން އާއިޝަތުދީދީއެވެ (އަޙުމަދު ޖަދުޢާން، އިބްރާހީމް އަޙުމަދު، 2008،ޞ.8).


ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ  މާލޭގެ އަގުހުރި ޚާންދާނެއްކަމުގައިވާ "ވެލާނާގޭ ޚާންދާން" ގެ  އަގުހުރި މެންބަރެއްގެ ގޮތުގައި މީގެ އަށްޑިހަ ދެވަރަކަށް އަހަރުކުރިންނެވެ. އެއީ 2 ސެޕްޓެންބަރ 1926 (24 ޞަފަރު 1345) ވީ ބުރާސްފަތި ދުވަހެއްގައެވެ.
އަޙުމަދު ޖަދުޢާން އާއި އިބްރާހީމް އަޙުމަދު (2008) ބަޔާންކުރައްވާގޮތުގައި އިބްރާހީމް ނާޞިރު އުފަންވެ ބޮޑުފުޅުވީ ފުވައްމުލަކުގައެވެ. ތުއްޕުޅުއިރުގައި އުޅުއްވީ ވަރަށް ދަތި ޙާލުކޮޅުގައެވެ. ނަމަވެސް ފަހުން އެމަނިކުފާނު ބަލަހައްޓަވައި ގެންގުޅުއްވީ އަދި ބޮޑުފުޅުވަންދެން ބެލެހެއްޓެވީ އެމަނިކުފާނުގެ ބޮޑުބޭބޭފުޅު ވެލާނާގޭ މުޙައްމަދު އިބްރާހީމްދީދީއެވެ (ޞ.8).
ހޮބީގެ ގޮތުގައި ރިޔަލު ދޯނި ދުއްވުމާއި ނައިޓް ފިޝިންގ އަދި ގަސް ހެއްދެވުންފަދަ ކަންތައްތަކަށް ލޯބި ކުރައްވާ  ނާޞިރު ފުރަތަމަ ކައިވެނި ކުރެއްވީ ފުރަތަމަ ޖުމްހޫރިއްޔާގެ ދުވަސްވަރުގައެވެ. ފުރަތަމަ ކައިވެނި ކުރެއްވީ 1950 ގައި ސޯސަންގޭ ޢާއިޝަތު ޒުބައިރު (ތުއްތުދޮން ގޮމާ) އެވެ. އެބަނޑުފުޅުން އަޙުމަދު ނާޞިރު ލިބިވަޑައިގަތެވެ. ދެން ކައިވެނި ކުރެއްވީ 1953 ގައި ބަގީޗާގޭ މަރިޔަމް ސަޢީދާއެވެ. އެބަނޑުފުޅުން މުޙައްމަދު ނާޞިރާއި ޢަލީ ނާޞިރު ލިބިވަޑައިގަތެވެ. މި ދެބޭފުޅުން އަވަހާރަވެއްޖެއެވެ. އެންމެފަހުން ކައިވެނި ކުރެއްވީ 1969 ގައި ކެރަފާ ނުވަތަ މަސްއޮޑި ނަސީމާ މުޙައްމަދު ކަލޭފާނާއެވެ. މި ބަނޑުފުޅުން އިސްމާޢީލު ނާޞިރާއި ޢާއިޝަތު ނާޞިރު ލިބިވަޑައިގަތެވެ. މިތިން އަނބިކަނބަލުން (ވަރިކުރައްވާފައި) މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ.


2-    ތަޢުލީމީ ޙަޔާތް 


ކަރިއްޔާ ޢާއިލާގެ އުސްތާޛުންގެ އަރިހުން އުނގެނި ވަޑައިގަތުމަށްފަހު މާލެ ވަޑައިގެން، މަދަރުސަތުއްސަނިއްޔާއިން ތަޢުލީމު ޙާޞިލް ކުރެއްވިއެވެ. އެއީ މިހާރުގެ މަޖީދިއްޔާ އިސްކޫލެވެ. އެއަށްފަހު ކިޔަވާ ވިދާޅުވުމަށްޓަކައި ދެން ވަޑައިގަތީ ސިލޯނަށެވެ. ދައުލަތުން ފޮނުއްވި ޠާލިބުންކޮޅެއްގެ ތެރޭގައެވެ. އެއީ މީލާދީން 1945 ވަނަ އަހަރުގެ މާރިޗު މަހުގެ 23 ވަނަ ދުވަހުއެވެ. ޢަބްދުﷲ ޙަމީދު (1967) ހާމަކުރައްވާގޮތުގައި ނާޞިރު ތައުލީމު ޙާޞިލް ކުރެއްވީ ސެންޓް ލޯރެންސް ސްކޫލުންނެވެ. ތަޢުލީމު ހޯއްދެވުމަށްޓަކައި އެކަށީގެންވާ މުއްދަތެއް ހޭދަ ކުރެއްވުމަށްފަހު އޭނާ އެނބުރި މާލެ ވަޑައިގަތީ 1949 ވަނަ އަހަރުގެ ޖަނަވަރީ 18 ވަނަ ދުވަހުއެވެ. 


3-    އިބްރާހީމް ނާޞިރު އަދާ ކުރެއްވި ވަޒީފާތައް ފެހިކޮށް ފޮނިކޮށް

ސިފައިންގެ މީހެއް                                     1949-02-29   
ވަޔަލެސް އޮފީހާއި ވުޒާރަތުއްޞިއްޙާގެ މަގާމަކަށް                         1949-12-26   
މަޖީދީ ކުތުބުޚާނާގެ ވެރިކަން                                1950-05-14   
ވުޒާރަތުލްމުވާޞަލާތުގެ މަގާމަކަށް                             1952-10-23
އިލެކްޓްރިކް އޮފީހުގެ ވެރިކަން                                 1954-01-07   
ވުޒާރަތުލްމާލިއްޔާގެ ވަކީލުކަމާއި މަހުކަމަތުލްއަމަންޢާއްމުގެ ވަކީލުކަން            1954-07-13   
ރައްޔިތުން މަޖިލިހުގެ ހެންވޭރު މެންބަރުކަން                         1955-08-23   
ހެންވޭރު އަވަށުވެރިކަން                                     1955-11-27
ވަޒީރުލްޢައުޡަމްގެ ނައިބުގެ ބަދަލުކަން                            1956-02-03
ސިފައިންގެ ވެރިކަން                                     1956-03-27
މަޙުކަމަތުލްއަމަންޢާއްމުގެ ވެރިކަމާއި ވަޒީރުލްމާލިއްޔާގެ ނާއިބުކަން                 1956-06-01
މުނިސިޕަލް ކައުންސިލްގެ ރައީސްކަން                            1956-08-07
ވަޒީރުލްއަޢުޡަމްގެ ޤާއިމު މަޤާމުކަން އަދި ވަޒީރުއްދާޚިލިއްޔާގެ ޤާއިމު މަޤާމުކަން        1957-03-10
އައްޑޫ ލިއެޒަން އޮފީހުގެ މާލޭގެ ވެރިކަން                             1957-08-13
ވަޒީރުއްދާޚިލިއްޔާކަން                                     1957-08-19
ވަޒީރުލްއަޢުޡަމްކަން                                    1957-12-10
ވަޒީރުލްމާލިއްޔާ،ވަޒީރުއްދާޚިލިއްޔާކަން،މަޙުކަމަތިލްޚާރިޖިއްޔާގެވެރިކަން،މަޙުކަމަތުލްއަމަންޢާއްމުގެ ވެރިކަން    1957-12-11
ކަސްޓަމުގެ ވެރިކަން                                    1959-01-29
މަޙުކަމަތުލް އަސްޣާލުގެ ވެރިކަން                                1959-04-29
އައްޑޫ މައްސަލަ ހަމަޖައްސާ ވެރިކަން                            1959-05-09   
ވަޒީރުލްމަޢާރިފްކަން،ވަޒީރުއްތިޖާރާ ވައްތަންވީނުކަން                    1959-08-02   
ރައީސުލްޖުމްހޫރިއްޔާކަން                                    1968-11-11     
ރައީސުލްޖުމްހޫރިއްޔާކަމުން ވަކިވެ ވަޑައިގަތީ                        1978-11-10   
                                މަޢުލޫމާތު ނެގީ:  "ވިޔަފާރި މިއަދު" ގެ ޢަދަދުތަކުން
 4- އިބްރާހީމް ނާޞިރުގެ ޚިދުމަތްތައް ފުންކޮށް ފުޅާކޮށް
4.1 ފުރަތަމަ ދަރަޖައިގެ ޚިދުމަތްތައް
ފުރަތަމަ ދަރަޖައިގެ ޚިދުމަތްތަކުގެ ތެރޭގައި ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރިއްޔަތެއް އުފެއްދެވުމާއި އައްޑޫ ގަން ސަތޭކަ އަހަރަށް ކުއްޔަށް ދީފައި އޮތް އޮތުން ނިމުމަކަށް ގެންނެވުމާއި ދެކުނު ތިން އަތޮޅުގައި އުފެދުނު ސްވެޑީވް އައިލެންޑްސްގެ ސަރުކާރު އުވާލެއްވުމާއި ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައި ދެއްވުން ހިމެނެއެވެ.
4.1.1 ދެވަނަ ފަހަރަށް ރާއްޖެގައި ޖުމްހޫރިއްޔަތެއް އުފެއްދުން
ރައްޔިތުން ވެރިކަމަށް ގެނައި ބަދަލެއްގެ ގޮތުން ނާޞިރު ރައީސުލްޖުމްހޫރިއްޔާކަމަށް ހަމަޖެހުނީ 1968 ނޮވެންބަރު 11 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އިނގިރޭސި ރާނީ ރާއްޖެއަށް ވަޑައިގަތެވެ. އެއީ 1972 މާރޗް 13 ވަނަ ދުވަހުއެވެ. މިދަތުރުފުޅުގައި އިބްރާހީމް ނާޞިރަށް ކޭ.ސީ.އެމް.ޖީގެ މެޑެލް ދެއްވިއެވެ. ނާޞިރު ކުރެއްވި ޚިދުމަތުގެ ބޮޑުކަމުން ޤުދުރަތީ ނިޔާ އައި ގޮތީ ނާޞިރަށް މޮޑެލް ދެއްވުމަށް އިނގިރޭސިންގެ ރާނީ ވަޑައިގަގުމެވެ. ޢަބްދުލްޙަކީމު ޙުސައިން މަނިކު (1997) ބަޔާންކުރައްވާގޮތުގައި އިނގިރޭސި ރާޖާ ފުރަތަމަ މެޑެލް ދެއްވީ ހާޖީ ޢިމާދުއްދީނަށެވެ. ކޭ.ސީ.އެމް.ޖީ އެވެ. ދެން މުޙައްމަދު ޝަމްސުއްދީން (3) އަށެވެ. އޭގެފަހުން ޙަސަން ނޫރައްދީން ސާނީއަށް އިނގިރޭސިން ދިނީ ކޭ.ސީ.އެމް.ޖީ އެވެ. މުޙައްމަދު ފަރީދުލްއައްވަލަށް ރަސްކަމުގެ އަށްވަނަ އަހަރު އިނގިރޭސިން ދިނީ ކޭ.ސީ.އެމް.ޖީ އެވެ. މިޝަރަފު މިބޭބޭފުޅުންނަށް ދެއްވަން ވަޑައިގަތީ ކޮޅުނބުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ މޮލީއެވެ. ނާޞިރަށް ލިބުނު ޝަރަފު ރަސްރަސްކަލުންނަށްވެސް ނުލިބުނީއެވެ.
4.1.2 އައްޑޫ ގަން 100 އަހަރަށް ކުއްޔަށް ދީފައި އޮތް އޮތުން ނިމުމަކަށް ގެނައުން 
އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލްގެ ރަސްކަމުގައި ހިނގާދިޔަ ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއްކަމަކީ އިނގިރޭސިންނަށް ދިވެހިރާއްޖޭގެ ބިމުން (އައްޑު އަތޮޅު ގަމާއި ހިތަދޫން ބައެއް) 100 އަހަރަށް ކުއްޔަށް ދެއްވުމުގެ މައްސަލައެވެ. މިކަން ހަމަޖެހިގެން ދިޔައީ ވަރަށް ސިއްރު ގޮތަކަށް ކަމަށާއި އެންމެފަހުން އެއްބަސްވުމެއް އެކަށައެޅި އެއްބަސްވުމުގައި ރަމްޒީ ސޮއެއްގެ ގޮތުގައި ސިލޯނުގައި ދެ ޤައުމުގެ ފަރާތުން ސޮއި ކުރެވުނުއިރުވެސް ރާއްޖޭގެ ރަސްމީ އެއްވެސް ފަރާތަކަށް މިކަން އެނގިފައި އޮތްކަމަކަށް ނުވާކަމަށާއި ދިވެހިރާއްޖޭގެ ރަދުންނަށާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލިހަށްވެސް އެކަން އެނގިފައި އޮތްކަމަކަށް ނުވާކަމަށް 20 ވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ 4 (2006) ގައި ބަޔާން ކުރައްވައެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލިހަށް މި މައްސަލަ ހުށަހެޅީ މާފަހުންކަމަށްވެއެވެ. އޭރު އޮތީ 15 ޑިސެންބަރު 1956 ގައި ރަމްޒީ ސޮއި ދެ ޤައުމުންވެސް ކޮށްފައެވެ. އެހެންކަމުން އަސްލު އެއްބަސްވުމުގައި ރަސްމީގޮތުން ސޮއިކޮށް ރަދުން ތަޝްދީޤު ކުރެއްވުމުގެ ޤާނޫނީ ހައިޞިއްޔަތު ގެނައުމުގެ ފުރަތަމަ މަރުޙަލާ ކަޑައްތު ކުރުމަށްޓަކައި ރަމްޒީ ސޮއިގެ އެގްރިމެންޓް ރައްޔިތުންގެ މަޖިލިހަށް ބޮޑުވަޒީރު ކުރިން ކުރެއްވި ރަމްޒީ ސޮއެއް އެގޮތަށް އޮއްވައިމެ އެ އެގްރިމެންޓަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނޭ އެގްރިމެންޓެއް ނޫންކަމަށާއި އެ އެގްރިމެންޓްގެ ދިވެހި ކޮޕީއެއް ލިބިގެންނޫނީ މަޝްވަރާވެސް ނުކުރެވޭނެކަމަށް ވާހަކަ ދެކެވި މަޖިލިހުގެ ތެރޭގައި ބަހުސް ހޫނުވިއެވެ. މި މައްސަލަ ހުށަހެޅުއްވިއިރު ބޮޑުވަޒީރު އިބްރާހީމް ފާމްލަދޭރި ކިލެގެފާނު އަންގަވާފައި އޮތީ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރ ސަރ ސިސިލް ސާޔަސް އޭގެ ފަނަރަވަރަކަށް މިނިޓް ފަހުން އެކަމާ ބެހޭ ލިޔުމުގައި ސޮއި ކުރައްވާގޮތަށެވެ (20 ވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ 4، 2006، ޞ.85).
ބޮޑުވަޒީރުގެ ރޭއްވެވުން މިގޮތަށް އޮތްކަމުގައިވިޔަސް އަދި އިނގިރޭސި ވިލާތުގެ ހައިކޮމިޝަނަރ ވަޑައިގަންނަވަން ހަމަޖެހިފައި އޮތްނަމަވެސް އެކަން އެގޮތަށް ހިނގާގޮތެއް ނުވިއެވެ. މަޖިލިހުން އެކަން އެދުވަހު ފާސްވާގޮތެއްނުވިއެވެ. އައްޑޫ އަތޮޅު ގަން ކުއްޔަށް ދިނުމާ ދެކޮޅަށް ފިސާރި ކެރި ހުންނަވައިގެން ފުރަތަމަ ވާހަކަފުޅު ދައްކަވަން ފެއްޓެވީ ވެލާނާގޭ އިބްރާހީމް ނާޞިރެވެ.
4.1.3 އައްޑޫ ހުވަދޫ ބަޣާވަތް ދިވެހި ދިދައިގެ ދަށަށް ގެނައުން
ޤައުމެއް ބައިބައި ކޮށްލައި ވަކިވެގަތުމަށް މަސައްކަތް ކުރުމަކީ ގިނަ ލޭ އޮހޮރުވުންތައްވެސް ހިނގާނެ ކަމެކެވެ. އެހެންކަމުން އެއްވެސް ޤައުމެއްގެ އެންމެ ބިންކޮޅެއްވެސް އެ ޤައުމެއްގެ ދިދައިގެ ދަށުން ވަކިވެގެން ދިއުމަކަށް އެއްވެސް މީހަކު ނޭދޭނެއެވެ. އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް ކީރިތި މަހާރަދުންގެ ރަސްކަމުގައި، އަދި އަލްފާޟިލް ވެލާނާގޭ އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރު ކަމުގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އެއްކަމަކީ އައްޑު އަތޮޅާއި ފުވައްމުލަކާއި ހުވަދު އަތޮޅު ގުޅިގެން ދިވެހި ދައުލަތާ ދެކޮޅަށް ހިންގި ވަކިވެ ގަތުމުގެ ޙަރަކާތެވެ. ޤައުމެއްގެ ތާރީޚަށް ބަލާއިރު މިއީ ވަރަށް ބޮޑު ކަމެކެވެ. އައްޑޫ ބަޣާވަތް ނުވަތަ ހުވަދޫ ބަޣާވަތުގެ މައިގަނޑު އަމާޒަކީ އެތިން އަތޮޅު މުޅީން ދިވެހި ދިދައިގެ ދަށުން ނެއްޓި އެމީހުންގެ އަމިއްލަ ދައުލަތެއް ގާއިމު ކުރުމެވެ. އެދައުލަތަށް (ޔުނައިޓެޑް ސުވެދީބް އައިލޭންޑްސް) ގެ ނަމުން އެމީހުން ނަންވެސް ދިނެއެވެ. ރައްޔިތުންގެ މަޖިލިހެއް އޮވެގެން އެ މަޖިލީހުގެ މަޝްވަރާގެ މަތިންކަން ހިނގަމުންވެސް ގެންދިޔައެވެ. މިކަމުގެ އަޑި އޮތްގޮތް ބަލާއިރު ޙަޤީޤަތުގައި މި ދެކޮޅުވެރިކަން ފެށިގެން އައީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އައްޑޫ އަތޮޅަށް އިނގިރޭސިން ފޭބުމާ ގުޅިގެން ހިނގާދިޔަ ތަފާތު ކަންތައްތަކަށް ފަހުގައިކަމަށްވެއެވެ. ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ 4 (2006) ގައި ބަޔާންކުރައްވާގޮތުގައި އައްޑު އަތޮޅު ހިތަދޫ އަލްފާޟިލް ޢަބްދުﷲ އަފީފު އިސްވެ ހުންނަވައިގެން އެތިން އަތޮޅު ހިމެނޭ ސަރުކާރެއް އުފައްދައިގެން ހިންގަމުން ގެންދިޔަ ޙަރަކާތްތައް ހުއްޓުމަކަށް އައި ﷲ ގެ ރަޙުމަތްފުލާއެކު އޭރުގެ ބޮޑުވަޒީރު ވެލާނާގޭ އަލްފާޟިލް އިބްރާހީމް ނާޞިރު ކުރެއްވި މަސައްކަތްޕުޅުތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އެންމެފަހުން މައްސަލަ ޙައްލު ކުރައްވަން ޖެހިވަޑައިގަތީ ގދ. ހަވަރު ތިނަދޫ ފަޅު ރަށެއް ކަމުގައި ހައްދަވާފައެވެ.


4.1.4 ދިވެހިރާއްޖެއަށް  ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައި ދެއްވުން

 
އައްޑު އަތޮޅުގެ ބައެއް 100 އަހަރު ދުވަހަށް އިނގިރޭސިންނަށް ކުއްޔަށް ދިނުމަށް އޭރުގެ ވަޒީރުލްއަޢުޡަމް ސުމުއްވުލް އަމީރު އިބްރާހީމް ފާމްލަދޭރި ކިލެގެފާނު ރަމްޒީ ސޮއި ކުރެއްވުމާ ގުޅިގެން ދިވެހިރާއްޖެއާއި އިނގިރޭސިންނާ ދެމެދު ކުރެވިފައިވާ ޙިމާޔަތުގެ އެގްރިމެންޓާމެދު ދިވެހި ތަޢުލީމީ ޒުވާނުންކޮޅެއްގެ ހިތްތަކުގައި އައު ވިސްނުންތަކެއް ގެންގުޅުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ. އަދި ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދުމާމެދު އައު ވިސްނުންތަކެއް ގެންގުޅެން ފެށިއެވެ. ނަތީޖާއަކީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ވަނަ ދުވަހު ހެނދުނު މާލޭ ގަޑިން ހެނދުނު 10:00 ޖެހިއިރުއެވެ. އެވަގުތަކީ ދެ ޤައުމުގެ ފަރާތުން މިނިވަންކަމުގެ އެގްރިމެންޓްގައި ސޮއި ކުރެއވެވި ވަގުތެވެ. މި ރަސްމިއްޔާތު އޮތީ ސިލޯނުގައެވެ. ސިލޯންގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ގެ ގެކޮޅު ކަމުގައިވާ ވެސްޓްމިނިސްޓަރޒް ހައުސްގައެވެ. މި އެގްރިމެންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ދިވެހިރާއްޖޭގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޞާހިބުއްދައުލާ އަލްފާޟިލް އިބްރާހީމް ނާޞިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ސިލޯނުގައި ހުންނެވި އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ.


4.1.5 ވޯރާ ވިޔަފާރިވެރިން ފައްސާލުން


ވޯރާއިން މާލެ އައީ މުޙައްމަދު ޢިމާދުއްދީން 4 (މުސްކުޅި ބަންޑާރައިންގެ) ރަސްކަމުގެ ތެރޭގައި މީލާދީން 1857 ވަނަ އަހަރުގެ މެދުތެރޭގައިކަމަށްވެއެވެ. ޢަބްދުލްޙަކީމު ޙުސައިން މަނިކު (1997) ލިޔުއްވާގޮތުގައި ވޯރާއިން މާލެއަށް ގަދަ ކުރުވީ ކަކާގޭ ޢަލީ ރަންނަ ބަނޑޭރި ކިލެގެފާނެވެ. އެމީހުން ރާއްޖެ އައިސް ކުރީ "ފޭރިކާ ވިޔަފާރި"އެވެ. ދިވެހިންނަށް ދެމުން ދިޔައީ ބޮޑު ގެއްލުމެވެ. މިގޮތަށް މިކަން ހިނގަމުން ދަނިކޮށް 1959 ވަނަ އަހަރު ވޯރާއިންގެ ވިޔަފާރި ހުއްޓާލުމަށް ނާޞިރު ކުރިމަތިލައްވައިފިއެވެ. ގާތްގަނޑަކަށް 105 އަހަރަށް ދެމިގެންދިޔަ މި ވިޔަފާރި ވޯރާއިންނަށް ތަފާތު ދަތިތައް ކުރައްވާ 1 އޯގަސްޓް 1962 ގައި ނާޞިރު މުޅިން ހުއްޓުވާލިއެވެ.


4.2 ދެވަނަ ދަރަޖައިގެ ޚިދުމަތްތައް


ދެވަނަ ދަރަޖައިގެ ޚިދުމަތްތަކުގެ ތެރޭގައި ވޯރާ ވިޔަފާރިވެރިން ފޮނުވާލެއްވުމާއި އެސް.ޓީ.އޯ އުފެއްދުމާއި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފު ކުރެއްވުމާއި ރޯމަސް ގަތުމުގެ ވިޔަފާރި ފަށައި، ފެލިވަރު ކޭނަރީ އުފައްދައި، މަސްދޯނިފަހަރުގައި އިންޖީނު އެޅުމާއި އެއަރ މޯލްޑިވްސްއާއި ޝިޕިންގ ލައިނެއް އުފެއްދެވުން ހިމެނެއެވެ. އަދި އިނގިރޭސި މީޑިއަމަށް ތަޢުލީމު ދޭން ފައްޓަވައި ޓީވީ މޯލްޑިވްސްއާއި ރޭޑިޔޯ މޯލްޑިވްސް އުފެއްދެވިއެވެ. ކޭބަލް އެންޑް ވައަރލެސްއާ ގުޅިގެން އާރތް ސްޓޭޝަން އުފައްދައި ވޯކީޓޯކީއާއި ރޭޑިޔޯ ޓެލެފޯން ތަޢާރަފް ކުރައްވައި ރާއްޖޭން ބޭރާ ފޯނުން ގުޅައި، ތެލެފޯން ޢާއްމު ކުރައްވައި ކަރަންޓްގެ ޚިދުމަތް ފުޅާ ކުރެއްވިއެވެ. މީގެއިތުރުން އދ ގައި ބައިވެރިވެ ޑަބްލިޔޫ އެޗް އޯ ފަދަ ޖަމާޢަތްތަކުގައި ބައިވެރިވެ ގައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރެއްވިއެވެ. ވޯލްޑް ބޭންކާއި އައި.އެމް.އެފް ގައި ބައިވެރިވެ ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފެއްޓެވިއެވެ. މާލޭގައި ބިން ހިއްކަން ފެށީވެސް ނާޞިރުގެ ދައުރުގައެވެ.


4.2.1 އެސް.ޓީ.އޯ އުފެއްދުން 


ދުވަސްވަރަކީ ރާއްޖޭގެ ވިޔަފާރި ވޯރާ ވިޔަފާރިވެރިންގެ އަތްމަތީގައި އެތައް ޒަމާނެއް ވަންދެން އޮތުމަށްފަހު ދިވެހިންގެ އަތްމައްޗަށް އައިސް ދިވެހިން އަމިއްލައަށް ހިންގަމުން ގެންދިއުމަށް ފަށައިގެން ދުވަސްވަރެވެ. އޭރުގެ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރު ރާއްޖޭގެ ވިޔަފާރި އެކި ގޮތްގޮތަށް ބަދަލު ކުރައްވަމުން ގެންދެވި ގެންދެވުމުގައި ސަރުކާރުން މި ވިޔަފާރި ފެއްޓެވީ 1964 ވަނަ އަހަރުގެ ތެރޭގައެވެ. މި ވިޔަފާރި އައީ ބޮޑު އިސްޓޯރާ ގުޅުމެއްހުރި ތަނެއްގެ ގޮތުގައި އޭރުގެ ވަޒީރުލްއަޢުޡަމްގެ ރަސްމީ ގެކަމުގައިވާ އަތިރީމާފަންނުގޭ ތެރޭގައި ވަކި ވިޔަފާރި އެކައުންޓެއްގެ ސިފައިގައި އޭ.ޓީ.އޭ ގެ ނަމުގައިކަމަށް ޢަބްދުލްޙަކީމު ޙުސައިން މަނިކު (1997) ހާމަކުރައްވައެވެ.


އޭ.ޓީ.އޭ އުފެދުމާއެކު ކުރިން ރާއްޖޭގައި ހުރިހައި ވިޔަފާރިއެއްހެން ކުރަމުން އައި ސަރުކާރު ޙިއްޞާވާ 4 ކުންފުނި ކަމުގައިވާ ޤައުމީ ކުންފުންނާއި މައިޓް ކުންފުންޏާއި އޯކިޑް ކުންފުންޏާއި ސިނަމާ ކުންފުނި 1967 ގައި އުވާލެއްވިއެވެ. މި ފިޔަވަޅުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ހުރިހައި ވިޔަފާރިއެއް ބަދަލުވެގެން ދިޔައީ އޭ.ޓީ.އޭ އަށެވެ. އޮފީހެއްގެ ގޮތުގައި ބޭނުން ކުރެވެމުން ދިޔައީ ކުރިންވެސް ބޭނުންކުރަމުން އައި އަތިރީމާފަންނުގެއެވެ. ކުޑަ ދުވަސްކޮޅަކަށް ޤައުމީ ހޮޓަލުގެ މަތީބުރީގައި މި ވިޔަފާރި ހިންގެވުމަށްފަހު އަތިރީމާފަންނުގޭ އުތުރުބަޔަށް ބަދަލު ކުރެއްވިއެވެ. ވިޔަފާރި ހިންގަވަމުން ގެންދެވީ ފުރަތަމަ ވަޒީރުލްއަޢުޡަމް އަދި ފަހުން ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް ނާޞިރުގެ ސީދާ ބެއްލެވުމުގެ ދަށުންކަމަށް ޢަބްދުލްޙަކީމު ޙުސައިންމަނިކު (1997) ހާމަކުރައްވައެވެ.


9 ޖޫން 1976 ގައި ސަރުކާރު ހިންގެވުމަށް އައި ބައެއް ބަދަލުތަކާ ގުޅިގެން އޭ.ޓީ.އޭ ގެ ނަން ސްޓޭޓް ޓްރޭޑިންގ އޯގަނޭޒޭޝަން (އެސް.ޓީ.އޯ) އަށް ބަދަލުވެގެންދިޔައެވެ. އެހެންނަމަވެސް ކުންފުނި ހިންގަވަމުން ދިޔައީ ނާޞިރުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.


4.2.2 ފަތުރުވެރިކަން ތަޢާރަފު ކުރެއްވުން  


ފަތުރުވެރިކަން ރާއްޖޭގައި ފެށުނީ 1972 ވަނަ އަހަރު އަލްފާޟިލް އިބްރާހީމް ނާޞިރުގެ ވެރިކަމުގައެވެ. އިޓަލީގެ ޖޯޖް ކޯބިން ދިން ޚިޔާލަކުންނެވެ. ރާއްޖޭގެ ފަރާތުން އޭގައި ހިފީ މަސްއޮޑި އަޙުމަދު ނަސީމާއި ކޮލިގޭ މުޙައްމަދު ޢުމަރު މަނިކުކަމަށް ޢަބްދުލްޙަކީމު ޙުސައިން މަނިކު (1997) ހާމަކުރައްވައެވެ. ވީމާ ޓުއަރިޒަމްގެ ބާނީންކަމަށް ފާހަގަކުރަން ޖެހެނީ މި ދެ ޒުވާނުންނެވެ. އޭނާ އިންވެސްޓްކުރަން ދިނީ ތިރީސް ހާސް ޕައުންޑްކަމަށްވެއެވެ. ރާއްޖޭގައި ފުރަތަމަ ހެދި ރިސޯޓަކީ ކުރުނބާ ވިލެޖެވެ. މި ރިސޯޓް ހެދީ ހ. ކަރަންކާގޭ އިބްރާހީމް ރަޝީދު އަތުން ކުއްޔަށް ހިފައިގެން އަޙުމަދު ނަސީމާއި މުޙައްމަދު ޢުމަރު މަނިކެވެ. ހަމަ އެވަގުތު ރައީސް އިބްރާހީމް ނާޞިރު ބޮޑު ބަނޑޮސް އަމިއްލަ ބިމަކަށް ހަދައިގެން ވަރުގަދަ ރިސޯޓެއް ހުޅުވައިފިއެވެ. މިއާއެކު ދެން ފެނުނީ ނާޞިރުގެ އަނބިކަނބަލުން ނަސީމާ މުޙައްމަދަށް ވެލައްސަރު ލިބިވަޑައިގެންތަނެވެ. މި ރިސޯޓް ހެދީ އިސްވެރިއެއްގެ ގޮތުން ނަސީމާއާއި އޭނާގެ ބައްޕަ ކެރަފާ މުޙައްމަދު ކަލޭފާނެވެ. ލަސްތަކެއްނުވެ ދެން ފެނުނީ އަޙުމަދު ޙިލްމީދީދީއަށް އޮންނަ ފަރުކޮޅުފުށި ނާޞިރު ކުއްޔަށް ހިއްޕަވައިގެން ނިއުޑީސް ކޮލެނީއެއް (ރޯބަރަހަނާއަށް އަންހެނުންނާއި ފިރިހެނުންނާއި ޅަކުދިން އުޅޭ ތަނެއް) ގެ ގޮތުގައި "ކްލަބު ނޭޗަރ" ކިޔާ ނަންހުރި ފްރާންސްގެ ކުލަބަކާ ގުޅިގެން ހުޅުވުނު ތަނެވެ. މިތަނަކީ ތަންކޮޅެއް ކުރީގައި "ސޯސްންފުށި" ކިޔައިގެން ރާއްޖޭގައި އެވަގުތުހުރި ޒުވާން އިސްވެރިޔާއާއި ބައެއް އަންހެނުން އޮރިޔާމުން މޫދުގައި އުޅުނުކަމަށް ވަރަށް އިތުބާރު ގޮތެއްގައި އެނގިފައިވާ ރަށެކެވެ (ޢަބްދުލަޙަކީމު ޙުސައިން މަނިކު، 1997، ޞ.165). 


4.2.3  ރޯމަސް ގަތުމުގެ ވިޔަފާރި ފެށުން   


ނާޞިރު ބޮޑުވަޒީރަކަށް ވީތާ މާގިނަ ދުވަހެއްނުވެ 1958 ގައި ނާދީ ތަމައްދުން ގައި "މަސްވެރިކަމަށް ގެންނަން ފެންނަ ބަދަލު"  މި މައުޟޫޢަށް ޚިޔާލު ފާޅުކުރުމުގެ ޖަލްސާތައް ބާއްވަން ފަށައިފިކަމަށްވެއެވެ. މިކަމަށް "ފިޝަރީޒް އެޑްވައިޒަރީ ބޯޑް" ގެ ނަމުގައި 1959 ޖެނުއަރީ 19 ވަނަ ދުވަހު ބޯޑެއް އުފެއްދެވިއެވެ. ރައީސަކީ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. ވަރަށް ގިނަ އިޞްލާޙުތައް ގެންނެވިއެވެ. އެގޮތުން ރާއްޖޭގައި މަސްވެރިކަން ކުރުމަށް މިސްޓަރ ސަތޯ ކިޔާ އެޑްވައިޒަރަކައި "މުލަޓް" ކިޔާ މަސްބޯޓެއް ގެނައެވެ. މީނާ މިބޯޓުގައި އައީ 1963 މާރޗް 3 ވަނަ ދުވަހުކަމަށް އިއްޔެ (1997) ގައި ބަޔާންކުރައްވާފައިވެއެވެ. ދެން މާލަހެއްނުވެ ހުލުލޭގައި ބޯޓްޔާޑެއް އުފައްދައިފިއެވެ. މިތަނުން މަސް ބޯޓެއް ބަނދެ އިންޖީނު އަޅައިގެން ބޭލީ 1964 ޖުލައި 30ވަނަ ދުވަހުއެވެ. ދެންވެސް މަސްވެރިކަން ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށެވެ. އެހެންނަމަވެސް ސިލޯނު މީހުން ފާޑުފާޑަށް ދިވެހި މަސްގަތުމަށް ދަތި ކުރަން ފަށައިފިއެވެ. މިހިސާބުން ދެން ޢަޒުމް ވަރުގަދަ ނާޞިރު ކުރިމަތި ލެއްވީ ދިވެހިންގެ އަމިއްލަ ފައި މައްޗަށް ތެދުވާށެވެ. މަސް ވިއްކާން މާކެޓް ހޯދުމަށެވެ. ދެން މާލަހެއްނުވެ މަރުބޭނީ ކޯޕަރޭޝަނާއެކު މަސް ގަތުމުގެ އެގްރިމެންޓެއްގައި 1972 ވަނަ އަހަރު އޭޕްރީލް 7 ގައި ސޮއި ކުރިއެވެ. އެމީހުން ބޯޓްތައް ދިވެހިން ބާނާ މަސް ގަތުމަށެވެ. ފިނިކޮށްގެން ބޭރަށް ގެންދާށެވެ.


4.2.4 ފެލިވަރު ކޭނަރީ އުފެއްދުން


1971 ގައި ސްރީލަންކާއިން ދިވެހި ހިކިމަސް ގަތުން ކުއްލިއަކަށް ހުއްޓާލުމާ ގުޅިގެން އެކްސްޕޯޓުން ދިވެހިރާއްޖެއަށް ފައިސާ ހޯދޭ ހަމައެކަނި މަގު ބަންދުވިއެވެ. ދިވެހި ގައުމަށާއި އިޤުތިޞާދަށް ކުރިމަތިވި މި ހާސްކަމުން ސަލާމަތް ހޯދުމަށާއި ދިވެހި މަހުގެ އުފެއްދުންތައް ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރެވޭނެ މަގެއް ފަހިވޭތޯ ރައީސް އިބްރާހީމް ނާޞިރު ކުރެއްވި މަސައްކަތްތަކުގެ ދަށުން ރާއްޖޭގައި މަސް ގަތުމަށް ބޭރުގެ ކުންފުނިތަކަށް ސަރުކާރުން ދަޢުވަތު ދެއްވުމުން މި ދަޢުވަތު ޤަބޫލުކޮށް ރާއްޖެ އައި ފުރަތަމަ ކުންފުންޏަކީ މަރުބޭނީ ކޯޕަރޭޝަނެވެ.


ދުނިޔޭގައި މަސް ބޭނުމާއި ވިއްކުމުގެ ވާދަވެރިކަން އިތުރުވުމާއި ރާއްޖެއަށް ބާނާ މަހުގެ ޢަދަދު އިތުރުވާން ފެށުމާއެކު، ރާއްޖެއިން އެކްސްޕޯޓް ކުރުމަށް ތައްޔާރު ކުރެވޭ މަހުގެ ބާވަތްތައް އިތުރުވުމާއި އޭގެ ފެންވަރު ރަނގަޅު ކުރުމުގެ ބޭނުންތެރިކަން ދުވަހުން ދުވަހަށް ދިޔައީ ބޮޑުވަމުންނެވެ. މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި މިގޮތުން ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޓޫނާ ޕްރޮސެސިންގ ޕްލާންޓެއް ގާއިމު ކުރުމުގެ މަސައްކަތް 1977 ވަނަ އަހަރު ދިވެހި ސަރުކާރާއި ޖަޕާނުގެ ކުންފުންޏެއްކަމަށްވާ ނިޕޮން ސުއިޒާން ކައިޝާ ލިމިޓެޑާ ގުޅިގެން ފަށައި 1978 ވަނަ އަހަރު ފެބުރުއަރީ 2 ގައި ފެލިވަރު ކޭނިންގ ފެކްޓަރީގެ ނަމުގައި، ދަޅުގައި މަސް ބަންދުކުރތާ ކާރުޚާނާއެއް ފެލިވަރުގައި ހުޅުވައި މަސް ބަންދު ކުރަން ފެށުނެވެ. މިގޮތަށް މި ފެކްޓަރީ ޖޮއިންޓް ވިންޗަރ ކުންފުންޏެއްގެ ގޮތުގައި ނާޞިރުގެ ވެރިކަން ނިމުނުއިރުވެސް ހިނގަމުންދެއެވެ.


4.2.5 މަސްދޯނި ފަހަރުގައި އިންޖީނު އެޅުން


ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ޖަޕާނު ސަރުކާރުން އިންޖީނުތަކެއް ލިބޭތޯ އޭރުގެ ފިޝަރީޒް މިނިސްޓަރ އޮނަރަބްލް އަޙުމްދު ޙިލްމީ ދީދީ ޖަޕާނަށް ފޮނުއްވިއެވެ. އަޙުމަދު ޙިލްމީދީދީ ވަޑައިގަތީ ޖަޕާން ސަރުކާރުން 200 އިންޖީން ހިލޭ ލިބިގެންނެވެ. އިންޖީނުތައް ލަހެއް ނުވެ މާލެ ފޮނުވައިފިއެވެ. މީސްމީހުންގެ އަމިއްލަ މަސްދޯނިފަހަރުގައި އިންޖީން އަޅައިދޭން ފެށީ 1974 ސެޕްޓެންބަރ 16 ގައެވެ. އެހެންނަމަވެސް އޭގެކުރިން ހުޅުލޭ ބޯޓްޔާޑްގައި ބަނދެ ބާލަމުންދާ ސަރުކާރުގެ މަސްބޯޓް ފަހަރުގައި އިންޖީން އަޅާ އުޅުނެވެ.
 4.2.6  އެއަރ މޯލްޑިވްސް އުފެއްދުން
އެއަރ މޯލްޑިވްސްގެ ނަމުން އެއަރ ސަރވިސް ރާއްޖޭގައި ފެށީ 1966 ގައި އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރު ކަމުގައެވެ. 48 މީހުންނަށް ދަތުރު ކުރެވޭވަރުގެ 2 ފްލައިޓް ރާއްޖެއަށް ބައްލަވައިގަތެވެ. މިކަމުގެ ވެރިއަކަށްހުރީ ޕައިލެޓްކަން ކިޔަވައިގެން އެންމެ ފުރަތަމަ ރާއްޖޭގައި އުފެދުނު ކޯޕައިލެޓް މުޙައްމަދު ނަޢީމެވެ. އެހެންކަމުން މިކަންވެސް ވޭތޯ ފައްޓަވައިފައި މިއޮތީ ނާޞިރުކަމަށް ޢަބްދުލްޙަކީމު ޙުސައިން މަނިކު (1997) ބަޔާންކުރައްވައެވެ.


 4.2.7  ޝިޕިން ލައިނެއް އުފެއްދެވުން


ނާޞިރުގެ ބޮޑުވަޒީރު ކަމުގައާއި ރައީސް ކަމުގައި އެންމެ ކުރިއަރައިގެންދިޔަ އެއްކަމަކީ ޝިޕިންގެ ދާއިރާކަމަށްވެއެވެ. އާދަމް ޙަލީމު (2008) ބަޔާންކުރައްވާ ގޮތުގައި އޭރު ރާއްޖޭގައި އޮތް ޝިޕިންގ ލައިނަކީ، މުޅި އޭޝިޔާގެ އެންމެ ވަރުގަދަ އެއް ޝިޕިންގ ލައިނެވެ. އެގޮތުން ފުރަތަމަ ގަތީ މޯލްޑިވްސް ސްޓާރ އެވެ. އެއީ 1958 ވަނަ އަހަރުގެ ކުރީ ކޮޅުގައެވެ. ދެން 1959 ވަނަ އަހަރު މޯލްޑިވް ކްރެސެންޓެވެ. އޭގެފަހުން ޝިޕިންގ ލައިން ދުވަހެއް ދުވަހަކަށް ތަރައްޤީވަމުންގޮސް ނާޞިރުގެ ވެރިކަން ދޫކޮށްލެއްވިއިރު މުޅިން އަމިއްލަ 34 އާގުބޯޓް ދިވެހި ސަރުކާރުގެ މިލްކިއްޔާތުގައި ހުރިކަމަށް ޢަބްދުލްޙަކީމު ޙުސައިން މަނިކު (1997) ވެސް ހާމަކުރައްވައެވެ.


 4.2.8   ތަޢުލީމީ ޚިދުމަތްތައް 


މަޖީދިއްޔާ އިސްކޫލައި އަމީނިއްޔާ އިސްކޫލްގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށިފައިވަނީ 21 މާރޗް 1961 ގައި އިބްރާހީމް ނާޞީރުގެ ބޮޑުވަޒީރު ކަމުގައެވެ. އެކަމަކު ހަރުދަނާ އުޞޫލެއްގެ މަތިން އިނގިރޭސި ބަހުން ތަޢުލީމު ދޭން ފެއްޓިފައިވަނީ 21 މާރިޗް 1971ގައި ކަމަށް އިބްރާހީމް ޝިހާބު (1990) ބަޔާން ކުރައްވައެވެ.  24 ޖޫން 1965 ގައި އަމީނިއްޔާގެ 10 ކުއްޖަކު ލަންޑަން ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުގައި ފުރަތަމަ ފަހަރަށް ބައިވެރިވިއެވެ. މިއީ ރާއްޖޭގައި ބޭއްވުނު މިފަދަ ފުރަތަމަ އިމްތިޙާނެވެ.


1962 ވަނަ އަހަރު މަޖީދިއްޔާގައި ކެޑޭޓްކޯ އާއި އަމީނިއްޔާގައި ގައިޑް ޙަރަކާތް ފެށުނެވެ. ފުރަތަމަ ކެޑޭޓުންނަށް ބަޑި ދެއްވީ މުޙައްމަދު ފަރީދެވެ. ޙަރަކާތުގެ ވެރިއަކީ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. ގައިޑުންގެ ފުރަތަމަ ޙަރަކާތް ބޭއްވުނީވެސް އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރު ކަމުގައެވެ. ގައިޑުންގެ ފުރަތަމަ ކޭމްޕެއް ބޭއްވުނީވެސް 1964 ވަނަ އަހަރު  ނޮވެންބަރު 11 ވަނަ ދުވަހު ހުޅުލޭގައެވެ. އަދި މިއަހަރު ބުރައުނީސް ޙަރަކާތްވެސް ފެށުނެވެ. އަދި 25 ފެބުރުއަރީ 1967 ގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި "ތިންކިންގޑޭ" އެއް ފާހަގަ ކުރެވުނީވެސް ނާޞިރުގެ ބޮޑުވަޒީރު ކަމުގައެވެ.
މިހާރުވެސް ފެންނަން އެހުރި "އިސްކަންދަރު ސްކޫލް" ބިމުގައި "ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލް" ގެ ނަމުގައި 10 މެއި 1961 ގައި ތުއްތު ކުދިންނަށް ކިޔަވައިދޭނެ ސްކޫލެއް ބިނާ ކުރެވުނެވެ.


ކޮޅުނބުގައި "ނަރުގިސްވިލާ" އުފައްދައި މޫމިނާ ޙަލީމު،ކެރަފާ ނަސީމާ މުޙައްމަދު، އާމިނަތު ޖަމީލު، ކޮލިގޭ ޢާއިޝަތު ނާޞިރާ، މައުޞޫމާ ކަމާލުއްދީން، މަރިޔަމް ވަޙީދާ (ދުނި) ފަދަ ވަރަށް ގިނަ ކުދިންނަށް ރަނގަޅު ފެންވަރަކަށް ތަޢުލީމު ދޭން ފެށުނެވެ. މި ކުދިންނަށް ކިޔަވައިދެއްވީ ސީ.އެމް.އެސް. ލޭޑީޒް ކޮލެޖުންނެވެ. މިކުދިން އޯ ލެވެލުން ފާސްވީމާ ސްކޯލަރޝިޕް ލިބިފައިހުރި ތަންތަނަށް ފޮނުވާ ތަޢުލީމު ދެވުނެވެ. 


ރާއްޖެއާއި ރާއްޖޭން ބޭރުގައި ނާޞިރުގެ ވެރިކަމުގައި އިނގިރޭސި ވަރަށް ރަނގަޅަށް ދަސްކުރިއެވެ. މީގެތެރޭގައި އިސްމާޢީލު ފަޠުޙީ، މިދުޙަތު ޙިލްމީ، އިސްމާޢީލު ޝަފީޢު، ޙަސަން ޞާބިރު،ރިޟްވާން ޝަރީފު، ޢަބްދުﷲ ޔާމިން، އޮގަރު ވަޙީދު، މުޙައްމަދު ވަޙީދު ޙަސަން މަނިކު، މައިޒާން އާދަމް މަނިކު، ޢަލިމަނިކު، އެގޭ ޙަސަންމަނިކު މިހެން މިހެންގޮސް ވަރަށް ގިނަ ކުދިން ކިޔެވިއެވެ.


އިންޑިޔާ، ޕާކިސްތާނުގެ އިސްލާމީ ދާރުލްއުޅުމްތަކުން ކިޔަވައިގެން މަދީނާއަށްގޮސް މަދީނާ ޔުނިވަރސިޓީންވެސް ނާޞިރުގެ ވެރިކަމުގައި ތަޢުލީމު ޙާޞިލް ކުރެއްވި ކުދިން މަދެއްނޫނެވެ. އޭގެތެރޭގައި އަޙުމަދު ފާރޫޤު މުޙައްމަދު، އުޝްމާން ޢަބްދުﷲ، ޙުސައިން ޔޫސުފް، ޙަސަން ޔޫސުފް، ޝުޢައިބު ޢަބްދުއްރަޙްމާން، ޝުޢައިބު ޔޫސުފް، ޙުސައިން ރަޝީދު އަޙުމަދު، އިބްރާހީމް ރަޝީދު މޫސާ، އިބްރާހީމް ޒަކަރިއްޔާ މޫސާ، ޝައިޚް ރަމީޒު،ޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ފަދަ އެތައް ކުދިންނެއް ހިމެނެއެވެ. 


އޮސްޓްރޭލިޔާއަށް "ރޯފިލުވާ" ކޯހަށް ވަރަށް ގިނަ ބަޔަކު ފޮނުއްވިއެވެ. މީގެތެރޭގައި އިލްޔާސް އިބްރާހީމާއި ޢުމަރު ޒާހިރާއި ބުރެވިމާގޭ މުޙައްމަދު ޒާހިރާއި ޢަބްދުﷲ ޖަމީލާއި ޑރ. އަބްދުއްބަމަދާއި ޑރ. އަޙުމަދު ރާޒީއާއި ޑރ. ފާޠިމަތު މުޙައްމަދު ދީދީއާއި ވަޙީދުއްދީނާއި ގޯގޯ ލަޠީފާއި ރަށްރަށުގެ ކަތީބުންނާއެކު ވަރަށް ގިނަ ބަޔަކު ފޮނުއްވިއެވެ.
ނާޞިރު ވެރިކަން ދޫކޮށްލެއްވިއިރު ސަތޭކައަކުން ހަތްދިހަ ފަހަކާ ގާތަށް ލިޔަން ކިޔަން ދަންނަ މީހުން ތިބިކަމަށް ނުރަސްމީ ތަޢުލީމުދޭ މަރުކަޒުގެ ތަފާސް ހިސާބުތަކުން އެނގެއެވެ.


މާލޭ ނޫން އެހެން ރަށްރަށުގެ ތަޢުލީމަށް ނާޞިރުގެ ވެރިކަމުގައި މާބޮޑު ކަންތައްތަކެއް ކުރެވިފައެއްނުވެއެވެ. ތަޢުލީމު ދޭ ތަނެއްގެ ގޮތުގައި ބ. އޭދަފުށީގައި  ކޮމިޔުނިޓީ ސްކޫލެއް  2 ފެބުރުއަރީ 1977 ގައި ހުޅުވިފައިވެއެވެ.
 4.2.9  ޓީ.ވީ ސްޓޭޝަނެއް އުފެއްދުން
ރާއްޖޭގައި ޓީވީ ސްޓޭޝަނެއް ހުޅުވުނީ 29 މާރޗް 1978 ގައެވެ. ޢަބްދުލްޙަކީމު ޙުސައިން މަނިކު (1997) ލިޔުއްވާގޮތުގައި މިކަންތަކުގެވެސް ބާނީއަކަށްވަނީ ނާޞިރެވެ. އެކަމަކު މާބޮޑަށް ކުރިއރުވާނުލެވެނީސް ވެރިކަން ދޫކޮށްލައްވާން ނިންމަވައިފިއެވެ. އެހެންނަމަވެސް ފުދޭވަރަކަށް ޓީ.ވީގެ ކަންތައް އޮތީ ކުރި އަރާފައެވެ. މާލޭގެ ހުރިހައި ތަނަކަށާއި މާލެ އަތޮޅު ތެރެއަށް ޓީ.ވީ ލިބެއެވެ.


 4.2.10  ރޭޑިޔޯ ސްޓޭޝަނެއް އުފެއްދުން


"މާލޭ ރޭޑިޔޯ" ގެ ނަމުން ބްރޯޑްކާސްޓްކުރާ ސެންޓަރެއް ހުޅުވުނީ 29 ޑިސެންބަރ 1962 ގައެވެ. މިތަން ތަފާތު ނަންނަމަށް ބަދަލު ކުރަމުން ގެނައެވެ. "ދިވެހިރާއްޖޭގެ އަޑު" މި ނަން ހަމަޖެހިގެން ދިޔައީ ނާޞިރުގެ ވެރިކަން ނިމުނު ފަހުންނެވެ. އެންމެ ކުރީކޮޅުގައި  ރޭޑިޔޯއިން އެނައުންސްކުރި އެކައްޗަކަށްވަނީ ކީރިތި ރަސޫލާގެ ސިޔަރަތުކަމަށް ޢަބްދުލްޙަކީމު ޙުސައިން މަނިކު (1997) ބަޔާން ކުރައްވަމުން ލިޔުއްވާފައިވަނީ މިޕްރޮގްރާމް އެނައުންސްކުރަން ފެއްޓެވީ ރޯދަ މަހަށެވެ. އޭގެފަހުން ވަރަށް ޢިލްމުވެރި 5 ބޭފުޅުން ލައްވާ ކީރިތި ޤުރުއާން ތަރުޖަމާ ކުރައްވައި އަޑުތަކެއް ތަޖުރިބާ ކުރެއްވުމަށްފަހު ނާޞިރަށް ކަމު ދިޔައީ މުޙައްމަދު ޖަމީލެވެ. މުޙައްމަދު ޖަމީލުގެ އަޑުފުޅުން އެނައުންސް ކުރަން ފެށިގޮތަށް ދާދި ފަހަކާ ޖެހެންދެންވެސް ބަރާބަރަށް އެކަންތައް ހިނގިއެވެ.


 4.2.11  ކޭބަލް އެންޑް ވަޔަލެސް ފެށުން


ކޭބަލް އެންޑް ވަޔަރލެސް ޢިމާރާތް ހެދީ ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ. މިތަނަށް ބޭރު ފައިސާއިން ދިވެހި ސަރުކާރަށް ކުލި ދޭންޖެހެއެވެ. ފޮނުވާ މެސެޖުތަކުގެ އަގު ދިވެހި ސަރުކާރުން އެމީހުންނަށް ދޭންޖެހެއެވެ. ދިވެހި ރުފިޔާއިންނެވެ. ރާއްޖެއިން ރާއްޖޭން ބޭރަށް ފުރަތަމަ ގުޅާލީ ރައީސް އިބްރާހީމް ނާޞިރެވެ. ޔޫ.އެން. އޯ ގައި ހުރި ދާއިމީ ވަކީލު އަޙުމަދު ޙިލްމީ ދީދީއާއެވެ. އެއީ 17 މެއި 1977 ދުވަހުއެވެ. ނާޞިރުގެ ވެރިކަން ނިމުނުއިރު ކޮމިޔުނިކޭޝަންގެ ކަންތައް އޮތީ އޭރުގެ ނިޞްބަތުން ފުދޭވަރަކަށް ކުރި އަރާފައެވެ.


 4.2.12  ރޭޑިޔޯ ޓެލެފޯންގެ ޚިދުމަތް


ކޮންމެ ރަށެއްގައި ރަށު އޮފީހެއް އުފައްދަވައި ކޮންމެ އަތޮޅު އޮފީހެއްގައި ރޭޑިޔޯ ޓެލެފޯންގެ ޚިދުމަތް އަލަށް ދެއްވަން ފެއްޓެވީ އިބްރާހީމް ނާޞިރުގެ ބޮޑު ވަޒީރުކަމުގައެވެ. އަތޮޅު އޮފީސްތަކުން މާލެއާއި ރޭޑިޔޯ ޓެލެފޯނުން ގުޅަން ފެށީ 21 ނޮވެންބަރ 1962 ން ފެށިގެންނެވެ. އެދުވަސްވަރު ކޮޅުނބު އެމްބަސީއާ ވާހަކަ ދައްކަނީވެސް ރޭޑިޔޯ ޓެލެފޯނުންނެވެ.


 4.2.13  ބޭންކްތައް ގެނައުން


ނާޞިރު ދެކެވަޑައިގަތީ އެންމެ ގިނައިން ދިވެހިންދާ ލަންކާއަކީ ފްރީޕޯޓެއް ނޫންކަމާއި އެކްސްޗޭންޖް ކޮންޓްރޯލް ހަރުކަށިކަމާއި މިހިރަ ކަންކަމުން ދިވެހިންތައް ކޯޓްވާކަމާއި ބޮޑެތި ޖުރުމަނާ ވާކަމާއި މުޅި މިލްކު ގެއްލޭވަރަށްވެސް އަރައިގެންދާ ކަމަށްޓަކައި ބޭންކް ގެނައުމަށެވެ. ޢަބްދުލްޙަކީމު ޙުސައިން މަނިކު (1997) ލިޔުއްވާފައިވާ ގޮތުގައި ރ ެވެ. ދެ ސަރުކާރު އެއްބަސްވެގެން މާލޭގައި ގާއިމުވީ 4 ފެބުރުއަރީ 1974 ގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާއެވެ. ދެ އަހަރެއްހާ ދުވަސްވީތަނާ ޙަބީބު ބޭންކަށްވެސް މާލޭން ޖާގަ ލިބިއްޖެއެވެ. ލެޓަރ އޮފް ކްރެޑިޓުން މުދާ އިންޕޯޓް ކުރުމުގެ މަގު ހުޅުވުމީ ބޭންކުން ލިބުނު އެންމެ ބޮޑު އެހީގައެވެ.


 4.2.14  ޤައުމީ ލަވަޔާ އެއްގޮތަށް ދިދަ ބަދަލު ކުރުން


ޤައުމީ ލަވަ (ޤައުމީ ސަލާމް) އަންގައިދެނީ ދިވެހި ދިދައަކީ ފެއްސާއި ހުދާއި ރަތުން އެކުލެވިގެންވާ ދިދައެއްކަމެވެ. ލަވަ ހެއްދެވީ އަލްއުސްތާޛު މުޙައްމަދު ޖަމީލެވެ. އެދުވަސްވަރު ސަރުކާރު ހިންގަނީ އައްނަބީލު މުޙައްމަދު އަމީނެވެ. އެއްގޮތަކަށްވެސް ލަވަޔާއި ދިދަޔާ ދިމާނުވާކަމެއް އެމޮޅު ޢިލްމުވެރި މަނިކުފާނަށް އެނގިވަޑައިނުގަތެވެ. އަލްއަމީރު އިބްރާހީމް ފާމްލަދޭރި ކިލެގެފާނަށްވެސް އެކަމެއް ފާހަގައެއް ނުކުރެވުނެވެ. މިކަންތައް ފާހަގަ ކުރެވުނީ ޞާހިބުއްދައުލާ އިބްރާހީމް ނާޞިރަށްކަމަށް ޢަބްދުލްޙަކީމު ޙުސައިންމަނިކު (1997) ހާމަކުރައްވައެވެ. ދިދައިގެ ދިދަ ވަލުގައި ޖެހިފައި ހުންނަ ކަޅާއި ހުދުގެ ދަނޑިމަތި ދިދައިން ވަކިކޮށްލެއްވީއެވެ. މިހާރު ދިދަޔާއި ޤައުމީ ލަވައިގައި ކިޔާ އެއްޗަކާ ދިމާވީއެވެ. މިކަން ހިންގަލީ 25 ސެޕްޓެންބަރު 1965 ގައެވެ.


 4.3  އެހެނިހެން ޚިދުމަތްތައް ކުރުކޮށް


އިބްރާހީމް ނާޞިރު ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ މަދު ޞަފުޙާއެއްގައި ލިޔެލައިގެން ނިންމާލެވޭވަރަށްވުރެ ގިނަ ޚިދުމަތްތަކެކެވެ. އެގޮތުން މިބައިގައި ހިމަނާމިލަނީ އިސްވެދިޔަ ޚިދުމަތްތައް ފިޔަވައި އެމަނިކުފާނު ކޮށްދެއްވި ބައެއް ޚިދުމަތްތައް ކުރުކޮށެވެ. އެމަނިކުފާނުގެ އެހެނިހެން ޚިދުމަތްތަކުގެ ތެރޭގައި އަންހެނުންނަށް ފުރިހަމަ މިނިވަންކަން ދިނުމާއި ޤަބުރުސްތާންތައް އުވާލައްވައި ގޯތި ދިނުމާއި މާލެތެރޭން ބިން ވިއްކުމާއި ބިން ހިއްކީމާ ދެބައިކުޅަ އެއްބައި މިލްކުކޮށްދީ އަނެއް ބައި އެމީހަކަށް ރަޖިސްޓްރީކޮށްދިނުމާއި އަތޮޅު ފިހާރަތައް އުފެއްދުމާއި ރޯނާއި ބޮލީގެ މާކެޓް ހޯދައިދިނުމާއި ދިވެހި ތާރީޚަށް ޚިދުމަތް ކުރެއްވުމުގެ ގޮތުން ތާރީޚް ކޮމެޓީއެއް އުފެއްދެވުމާއި ބައިސްކޯފް ގެއެއް (އޮލިމްޕަސް) ހުޅުވުމާއި މާލޭގެ ހުރިހާ ގެއެއްގެ ގޭޓް އެތެރެއަށް ހުޅުވުމާއި ނަސްލީ އިމްތިޔާޒްތައް ނައްތާލުމާއި މޮޅު ދެރައިގެ ކުފޫ ހަމަކުރުމާއި މުންނާރުގައި ލޯޑް އިސްޕީކަރު ބެހެއްޓުމާއި ވެހިކަލްތައް ޢާއްމުކޮށްލުމާއި ސިޓީ އަޅާފޮށި ބެހެއްޓުމާއި ދިވެހި ލެޓިން އަކުރުން ލިޔުމާއި ރުއްގަހުގައި ތައްޖެހުމާއި ބޮލުގައި އެއްޗެއް ނާޅާ އުޅެން ހުއްދަކުރުމާއި ދެބުރިއަށް ނުވަތަ އުސްކޮށް ގެ އެޅުމަށް ހުއްދަކުރުމާއި ހުކުރު ޚުޠުބާ ޗާޕްކުރުމާއި ހުރިހައި އެއްޗެއް ކިރައިގެން ވިއްކާގޮތަށް ހަމަޖެއްސުމާއި ގަލޮޅުގައި މިހާރު އެ އޮންނަ ބޯޅަ ދަނޑު އުފެއްދުމާއި ސަރުކާރުގެ އޮފީސްތަކަށާއި ޝަރުޢީ އިދާރާތަކަށް އިނގިރޭސިން ނަން ކިޔުންފަދަ ޚިދުމަތްތައް ހިމެނެއެވެ.
4.4 ރާއްޖެއަށް އެ ޚިދުމަތެއް ފުރަތަމަ ޚިދުމަތެއްގެ ގޮތުގައި ތަޢާރަފު ކޮށްދެއްވި ބައެއް ޚިދުމަތްތައް 
ސަރުކާރުގެ ރަސްމީ ލިޔުންތަކުގައި ފުރަތަމައަށް މީލާދީ ތާރީޚް ޖައްސަވަން ފެއްޓެވުން     1958-01-01
އިނގިރޭސި ކިޔަވައިދިނުމަށްޓަކައި ރާއްޖޭން ބޭރުން ފުރަތަމަ ފަހަރަށް މުދައްރިސަކު ގެނައުން 1958-02-23   
އޮޑިދޯނިފަހަރު ފުރަތަމައަށް ރަޖިސްޓްރީ ކުރަން ފެށުނު                    1958-10-15
މަސްވެރިކަމުގެ ފުރަތަމަ މުބާރާތް ބޭއްވުނު                            1960-06-07
ރާއްޖޭގައި އެންމެ ފުރަތަމަ އޮޕަރޭޝަނެއް ކުރެވުނު                        1958-06-15
މަދަރުސާގެ ކުދިން ޚާއްޞަ ޔުނީފޯމެއްގައި ފުރަތަމަ މަދަރުސާއަށް ދިއުމަށް ހަމަޖެއްސުން    1960-02-14
މޮންޓެސޫރީ ސްކޫލެއް މާލޭގައި ފުރަތަމަ ފަހަރަށް ހުޅުވުނީ                     1961-05-10
ރޭޑިޔޯ ޓެލެފޯނުގެ ޒަރީޢާއިން ރާއްޖޭގެ ދެރަށެއް ފުރަތަމަ ފަހަރަށް ގުޅާލެވުނީ            1961-06-02   
ދިވެހިރާއްޖޭގެ ޤާނޫނީ ޢުޤޫބާތުގެ ފުރަތަމަ ޗެޕްޓަރ ފާސް ކުރެއްވި                1961-07-09   
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިފްޠިޠާޙް ކުރެވުނު އަތޮޅު ކޮމެޓީ ކ. އަތޮޅުގައި ހުޅުވާ ދެއްވި    1961-08-29   
ފުރަތަމަ ފަހަރަށް މަދަރުސާއެއްގެ ކުދިން (މަޖީދިއްޔާ) ބަޑި ހިފައިގެން މަގުމަތީގައި ހިނގުމެއް ބޭއްވުނު                                                1961-11-09   
ރަށްރަށުގެ ކަތީބުން، މުދިމުން، ނައިބުންނަށް ފުރަތަމަ ފަހަރަށް ސަރުކާރުން މުސާރަ ދެއްވަން ފެއްޓުން                                                                        1962-01-09
ރާއްޖޭގެ އަންހެނުންގެ ފުރަތަމަ މުޒާހަރާކުރުން                        1962-11-16
އަތޮޅު އޮފީހާއި މާލެއާ ދެމެދު ރޭޑިޔޯ ޓެލެފޯނުގެ ޚިދުމަތް ފުރަތަމަ ގުޅުނު            1962-11-21   
ރާއްޖޭގައި ހުޅުވުނު ފުރަތަމަ ފިލްމު ފެސްޓިވަލް ހުޅުވުން                     1962-12-01
ރާއްޖޭގައި ހުޅުވުނު ފުރަތަމަ ކާނިވާ  ހުޅުވުން                         1962-12-01
ފޫޅުމައިން ފުރަތަމަ ތަމްރީން ކުރައްވަން ފެއްޓުން                        1962-08-20
މާލޭ ރޭޑިޔޯ ފުރަތަމަ ޕްރޮގްރާމް ބްރޯޑްކާސްޓްކުރި                        1962-12-29   
ރާއްޖޭގައި ފުރަތަމަ ބޭއްވުނު ބޭރުގެ އިމްތިޙާން މަޖީދިއްޔާގައި ބޭއްވުނު            1963-08-10
ކޮއިން ބޮކްސް ޓެލެފޯން ބޫތެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބެހެއްޓީ            1964-10-30
ރާއްޖޭގެ ބޯއީސް ސްކައުޓް ކޭމްޕެއް ފުރަތަމަ ފަހަރަށް ބޭއްވުނީ                1965-04-30
ރާއްޖެގައި ފުރަތަމަ ފަހަރަށް ސްކޫލް ބޭންޑެއް މަޖީދިއްޔާގައި ހުޅުވުން             1965-07-01
އ.ދ ގެ ޢިމާރާތުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ދިދަ ނެގުނީ                 1965-09-12
ރާއްޖޭގައި ފުރަތަމަ ހުޅުވުނު އެމްބަސީ (ޗައިނާ އެމްބަސީ) ހުޅުވުން                1966-10-01   
ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުނީ             1967-01-04   
ރާއްޖޭގައި ފުރަތަމަ ވޮލީ މުބާރާތެއް ބޭއްވުނީ                           1969-11-03   
ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭ ލެވެލް އިމްތިޙާނެއް ބޭއްވުން                1970-06-02   
ސަރުކާރުން ކީރިތި ޤުރުއާން ފުރަތަމަ ފަހަރަށް ތަރުޖަމާކުރަން ފެއްޓުން            1971-04-02   
ފަތުރުވެރިންގެ ފުރަތަމަ ޖަމާޢަތް ރާއްޖެ އައުން                         1972-02-22   
ބާސްކެޓް މުބާރާތެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުން                    1973-12-28   
ފުރަތަމަ ލަވަ ކިޔުމުގެ މުބާރާތެއް ބޭއްވުން                         1974-06-20   
ރާއްޖޭގެ ފުރަތަމަ އެއަރ ލައިން "އެއަރ މޯލްޑިވްސް" އުފެދުން                1974-10-01   
ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްދޯނިފަހަރުގައި އިންޖީނުއެޅި                1974-11-20   
ރާއްޖޭގައި ފުރަތަމަ ފަހަރަށް މުދައްރިސުން ތަމްރީން ކުރަން ފެއްޓި                1977-02-20   
އެންމެ ފުރަތަމަ ލެޓިން އަކުރުން ލިޔެވުނު ވާހަކަ (އެންމެ ފުރަތަމަ) ނެރެވުނު        1977-08-05   
ރާއްޖޭގައި އެންމެ ފުރަތަމަ މިޔުޒިކާއި ލަވައިގެ ފެސްޓިވަލެއް ބޭއްވުނު            1977-09-16
ފުރަތަމަ ކޮމިޔުނިޓީ ސްކޫލެއް ބ.އޭދަފުށީގައި ހުޅުވުނު                     1978-02-24
                    މަޢުލޫމާތު ނެގީ:  ވިހިވަނަ ޤަރުނުގައި ދިވެހިރާއްޖެ (1) (2004) ން.

ޙަވާލާ ލިސްޓު
އިބްރާހީމް ޝިހާބު. (1990). ރާއްޖޭގެ ވެރިކަމުގެ ތާރީޚުގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލުގެ ރަސްކަން.
        މާލެ: ދިވެހިބަހައި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
އާދަމް ޙަލީމު. (2008،ނޮވެންބަރ 23). ނާޞިރުގެ ޤައުމީ ޚިދުމަތްތައް ގިނަ. ހަވީރު، ޞ.8.
އަޙުމަދު ޖަދުޢާން، އިބްރާހީމް އަޙުމަދު. (2008،ނޮވެންބަރު 23). ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިޝްމުތައް
        ތާއަބަދު ދެމި ހުންނަ ޛިކުރާއަކަށް ނިމުމެއް ނެތޭ!. އާފަތިސް، ޞ.8.
ޢަބްދުލްޙަކީމު ޙުސައިން މަނިކު. (1997). އިބްރާހީމް ނާޞިރުގެ ތާރީޚް. އިއްޔެ، 01، 115-236.
ޢައްބާސް އިބްރާހީމް. (1990). މަޖީދިއްޔާ އުފެއްދި އެންމެ އަގުހުރި ދަރި. ހުކުރު،16، 18-19.
ޢަބްދުﷲ ޙަމީދު. (1990). ދިވެހިރާއްޖޭގެ ސިޔާސީ ދާއިރާގެ ތެރެއިން ޞާހިބުއްދައުލާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު
        ރ.ބ.ކ،ނ.ޣ.ވ. ހުކުރު،16، 12-14.
މުޙައްމަދު ޝާޠިރު. (2005). ކުރީގެ ރައީސް ނާޞިރުގެ ޢުމުރުފުޅުން 79 އަހަރު ފުރިއްޖެ. ހުވާސް،126،11.
މުޙައްމަދު ނަސީރު. (2008). ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ތިން ރައީސުންގެ ނަސަބުނާމާ. މާލެ: ނޮވެލްޓީ ޕްރިންޓާރސް
        އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑް.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2004). ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ (1). މާލެ: ދިވެހިބަހާއި
        ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2006). ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ (4). މާލެ: ދިވެހިބަހާއި
        ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
                   


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ