އަދުގެ ޚާއްސަ

Print

ގަމާރުކަން ބޮޑުވީމާ ވާގޮތެއް ނުއެނގޭ!

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ސަމާސާ އަދަބު

ކޮމަންޑޫ ޢަލީ އިބުރާހީމް


މީގެ އަހަރުތަކެއް ކުރިއެވެ. ރަށްފުށުގެ ތަޢުލީމީ ޙާލަތުވަނީ ވަރަށްވެސް ދަށު ދަރަޖައެއްގައެވެ. ރަނގަޅު އިލްމުވެރިޔަކު ހުއްޓަސް ހުންނަނީ މާލޭގައެވެ. ރަށްފުށުގެ ރަށަކުން ކިރިޔާވެސް އެއްޗެއް ދަންނާނީ މުދިމެވެ. ނޫނީ މުދިމެއްގެ ދަރިއެކެވެ. އެވެސް ހެޔޮކޮށްވިއްޔާ ދީނީ ޢިލްމެކެވެ. ކަމަކާ ބުއްދިއެއް ފިކުރެއް ކުރުމަކާ ނުލައި ބޮލުގައި ތާކިހަލެއް އަތުގައި ކަޅު ކުޑައެއް އޮންނަ މީހަކު ބުނާ އެއްޗެެއް މޮޅު ކުރެއެވެ.

އެމީހަކަށް ސަޖިދަ ނުޖެހިދަނީ ކިރިޔާވެސް ތޯއްޗެކެވެ. ރަސްކަލެއްގެ ދަރަޖައަށް ނުލިބިވާނީ ތަޚުތަކާއި ތާޖަކާ ކަންނޭނގެއެވެ. އަތުން ފައިން މަސައްކަތް ކުރުމަކާ ނުލައި ކައިބޮއި ހަދާނެއެވެ. މިފަދަ މީހުންނަށް އެމީހުން އަމިއްލައަށް ފެނިގެން އުޅޭ ކަހަލައެވެ. މީހުން މަގު ފުރައްދައި، ބުއްދިތައް ގޯސް ކުރަނީއެވެ. މީހުން ލައްވައި އެމީހުން އަމިއްލައަށް ރީތި ލަގަބެއް ކިޔުއްވައެވެ. ދަންނަ ކަލޭފާނެވެ. ސީދީބެއެވެ. މިފަދަ އެތައް ދަރަޖައަކުންނެވެ.


މިއީ މިފަދަ ނަން ހިނގާ ލަގަބަކަށް ސީދީބެ ކިޔުއްވާ ބޭކަލެއްގެ ވާހަކައެވެ. އެއްފަހަރަކު ދަތުރުވަރެއްގައި ރައްޓެއްސެއްގެ ރަށަކަށް ސީދީބެ ޒިޔާރަތް ކުރެއްވިއެވެ. މިއީ ރަށުގެ މީހުންނަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެއްމެއެވެ. ސީދީބެއަށްޓަކައި ރަށުގެ މަގުތަކާއި ގޯޅިތައް ތަނަވަސްކުރިއެވެ. ގެއެއް، ބަދިގެއެއްގައި ފައިންޕުޅު "އަޅުއްވާނެ" ކަމަށް ދޮންވެލީގެ ދޫލަ އެޅިއެވެ. ކޮންމެވެސް އެއްއިރަކު ސީދީބެއަށް ފަރިއްކޮޅު އެރުވުމަށް މީރު މޮޅު ކެއުން ހޯދުމަށް ބުރަ މަސައްކަތާއި ބޮޑު ޚަރަދު ކުރިއެވެ. މާލެ ފުރާ ވަޑައިގަންނަވާއިރަށް ހަދިޔާތައް ހޯދައި ޖަމާކުރަމުން ގެންދިޔައެވެ.


ރަށުގެ އެންމެންހެން ކަހަލަ ގޮތަކަށް މިހެން އުޅެއެވެ. މިވަރު ކޮށްދޭއިރު ސީދީބޭ މިރަށު މީހުންނަށް ކޮށްދިނީ ކޮންކަމެއްބާވައެވެ؟   ސަރުކާރުން ރަށުގެ މީހުން ބާލަން އުޅޭތީ ސީދީބެ ހިރިގަލެއްގައި ލިޔުއްވައި ކުރައްސަވައި ހުކުރު މިސްކިތުގެ ބިންގަލުގެ އަޑީ ވަޅުލައްވާ ދެއްވިއެވެ. މަންމައިންނާއި ބައްޕައިން ކުރިމަތީ ތިން އަހަރުވެސް ނުފުރޭ ކުދިންގެ ބޮލުގައި ފިރުންމަވާ ފުމެ ހެއްދެވިއެވެ. ދަރިފުޅު ބޮޑުވެ މޮޅު މީހަކަށް ވާނެއޭ ވިދާޅުވަމުންނެވެ. ހުން އަންނަ މީހުންނާއި ބޭރަށް ހިންގާ މީހުން ރަނގަޅު ކޮށްދެއްވައެވެ. ބޮޑުއަށީ އުތުރުކޮޅުގައި އިށީނދެވަޑައިގެން ތުން ތަޅުވަމުން ފުމެ ލައްވަމުން ހައްދަވާ ފެންތައްޓެއް ބޯން ދެއްވައިގެންނެވެ. ގެއާއި ބަދިގޭގޭގެ ބިންގާ ރަނގަޅު ހެޔޮ ސާއަތުގައި އަޅުއްވައި ދެއްވައެވެ.
މީހުން ދެކޭގޮތުގައި ސީދީބެއަކީ މޮޅު މީހެކެވެ. މާތް މީހެކެވެ. ބުއްދިވެރިއެކެވެ. މީހުން ގަމާރުވީމާ ވާނީވެސް އެހެންތާއެވެ. ސީދީބޭގެ އެދުމާއި ބޭނުން ފުއްދަނީ އެތަކެއް ބައެއްގެ ބޮލުގައި އިލްޒާމްތައް އަޅުވަމުންނެވެ. ސީދިބެ ރަށަށް ވަޑައިގަތް ދަތުރު އެރަށަށް ދެތިން މީހަކު ފޮނުވާލިވެސްމެއެވެ. ކަންތައްވާގޮތަކީ ކޮބައިބާވައެވެ!


ސީދީބޭ ވަރަށް އަވަހަށް އަވަހާރަ ލައްޕަވައެވެ. ދެން އެންމެން ނިދާ ފައި ހިލަވަލު އޮބުނީމާ ވަޑައިގަންނަވަނީ ދަމު ނަމާދަށެވެ. ރަށުގައި ހުންނަނީ އެންމެ މިސްކިތެކެވެ. ސީދީބެ ދަމު ނަމާދަށް ވަޑައިގަންނަވަނީ އެކި ރޭ އެކި މިސްކިތަށެވެ. ފިރިމީހާ ރަށުގައި ނެތް ރެއަކު އެކަނި އޮންނަ އަންހެނަކު ނިދާނީ ސީދީބެއާ އެއް މިސްކިތެއްގައެވެ. ދުވާލު ގޭގޭ ދޮށުންނާއި ދަނޑުތަކުން ހިންގަވާ ބައްލަވާފައި ވަޑައިގަންނަވާނީ މިރޭ އެރޭނެ ރަނގަޅު މިސްކިތެއް ބައްލަވާފައެވެ. ކޮންމެއަކަސް މިބާވަތުގެ މިސްކިތަށް ވަޑައިގެން ގެއަށް ވަޑައިގެން އަވަހާރަލައްޕަވާނީ ފަތިހަށް ދޮންވާން ތައްޔާރަށްވެފައިވަނިކޮށެވެ. ދެން ތެދުވެ ވަޑައިގަންނަވާނީ ހެނދުނު ނާސްތާ ތައްޔާރުވީމައެވެ. ގޭ މީހުންނަށް އެނގޭ މިންވަރަކީ ސީދީބެ ކޮޓަރިކޮޅުގައި ދަމު ނަމާދު ކުރައްވައި ފަތިސް ނަމާދު ކުރައްވައިގެން އިރު އަރާން ކައިރިވީމާ ނިދިކުރައްވާކަމެވެ.


އެއްދުވަހަކު ސީދީބޭ އުޅުއްވާ ގެކޮޅުގައި ބަޔަކު ވާހަކަފުޅު ދައްކަވާން އިންނެވިއެވެ. ސީދީބޭ އިންނެވީ ބޮޑު އަށީގައެވެ. ބޮޑު އަށީގައި ހުންނަނީ މަޅު އަޅާ މަޅު މަތީ ކުނާ އަޅާފައެވެ. އަރިމަތީ ފިލާ ޖަހާ ތަންދޮށް ނުފެންނާނެހެން ބަންދުކޮށްފައެވެ. ކުރީގައި މިގޮތަށް ހަދާފައި ހުންނަނީ ބޮޑު އަށި ތަންދޮށުގައި ކާށްޓާއި ހިފާ ގެންގުޅޭ ބައެއް މުދާ ރައްކާ ކުރާށެވެ. އެހެންކަމުން މީދަލާއި ކުރަފިފަދަ ދިރޭ ތަކެތިވެސް މިތާ އުޅެއެވެ. ކޮންމެއަކަސް ސީދީބޭގެ މާތްކަމުން މިތަނުން ހަމަ އެކަކަށްވެސް ބޮޑު އަށީގައި އިންނާކަށް ނުކެރުނެވެ. މި މީހުން ތިބީ ދިމާ އެނދު އުތުރު އެނދުގައެވެ. ކުއްލިއަކަށް ވާހަކަ މެދުކަނޑާލައްވާފައި ސީދީބެ ތެދުވެ ވަޑައިގެންފިއެވެ. އަދި ބޮޑު އަށީ ކުނާ ހިއްލަވާލައްވައި މަޅުގަނޑެއް ނެންގެވިއެވެ. ދެން މިތާނގައި ހުރި ފެން ރުނބަޔަކަށް އަތްޕުޅު ބާނާލައްވައި އަވަހަށް ތެދުވެ ވަޑައިގެން އަވަހަށް މަޅު އަޅުއްވާ ކުނާ ރީތިކޮށްލެއްވިއެވެ. އޭރު ސީދީބޭގެ އެހެރަ ހުދު ރިވެތި ގަމީސްކޮޅުގެ ކިހިލިފަތްޕުޅާ ހަމައަށް ތެމި ފޯވެ ފެންތިކިތައް ޖަހައެވެ. މިތަނުން މީހަކު ސީދީބޭ ތިޔަ ކުރެއްވީ ކީއްތޯއޭ ދެންނެވިއެވެ. ސީދީބޭ ވިދާޅުވީ ކާށިދޫ ކަނޑުން ދަތުރު ކުރަމުންދިޔަ އޮޑިއެއް ފެތެނިިކޮށް ސަލާމަތް ކުރެއްވީއެވެ. މިތަނުން ހަމަ އެކަކަށްވެސް އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ. އެހެންތާއެވެ. ބޮޑުއަށީ ތަންދޮށުގައި ފެން ރުނބައެއް ހުންނާނޭ ކަމަކަށް ގޭ މީހުންވެސް ހީއެއް ނުކުރެއެވެ.


އެހެން ދުވަހެއްގެ ވާހަކައެކެވެ. ސީދީބޭ ހެނދުނުގެ ނާސްތާ ކުރައްވައިގެން ވަރަށް ހެދިލައްވައިގެން އަތްޕުޅުން ކުޑަކޮޅު ހިއްޕަވައިގެން ހިންގަވާ ލައްވަނިކޮށް ފެނިވަޑައިގަތީ މިސްކިތު ވަޅު ހިއްކަން ބަޔަކު އުޅެނިކޮށެވެ. ސީދީބޭ ވަޑައިގެން ވަޅަށް ބައްލަވާ ލެއްވިއިރު ގަމަދުރު ވަޅެކެވެ. ވެލި ވަޅެކެވެ. ވަޅުގެ ފުލެއް ފެނުގެ އަޑީގައި ފާރެއް ގަލެއްނެތެވެ. އަޑީގައި ހޮހަޅަ ހެދިފައެވެ. މިފަދަ އެހެން ވަޅެއްވެސް މިރަށުގައި ހުރެއެވެ. އެއީ ރަށު މީހުން ބޯފެން ނަގަން ދެކުނު ކޮޅުގައި ކޮނެފައި ހުރި ވަޅެކެވެ. ވާބޯ ހިސާބުގައެވެ. މިދެ ވަޅު ދޭތެރޭ އެންމެ ގާތް ގޮތަކަށްވެސް ފަނަރަ ސަތޭކައެއްހާ ފޫޓު ހުންނާނެއެވެ. ސީދީބޭ ކުޑައިރުކޮޅަކު ފިކުރުފުޅުކޮށްލައްވާފައި މިތާ ތިބި މީހުން ގާތުގައި ވިދާޅުވިއެވެ. ތިމަން މިވަޅަށް ފައިބައި މިރަށު ބޯފެންވަޅުން އަރާފާނަމެވެ. ދެން މި މީހުން ހައިރާންވެ އެކަކު އަނެކަކަށް ބަލާލާފައި އަޅެ ތިޔަހެން ހައްދަވާ ބައްލަވާށޭ ބުނެފިއެވެ. ސީދީބޭ ވިދާޅުވިއެވެ. ކަލޭމެން އެވަޅުދޮށަށް މަ ބުނާގޮތަށް ދާށެވެ. ބިމުގައި ވަރަށް ބާރަށް ފައިތަޅަމުން ލަސްލަހުންނެވެ. އެއީ އަހަރެން އަޑިން ފީނާފައި ދާއިރު ވަޅުހުރި މިސްރާބު އެންގުމަށްޓަކައެވެ. ދެން މި މީހުން އާދޭހާއެކު ދަންނަވައިފިއެވެ. ސީދީބޭ ކުޑަކޮޅު ވަޅު ކައިރީ ބަހައްޓާފައި ވަޅަށް ފުންމަވާލައްވައިފިއެވެ. ދެން ގަމުދުރު ދޮށަށް ވަދެ ނިވާވުމުން އެއްކަލަ މީހުން ގުންފައި ތަޅަމުން ހިނގައިގެންފިއެވެ. ސީދީބޭ އެމީހުން ދިޔަކަން އެނގިވަޑައިގަތުމުން ވަޅުން އެރުއްވޭތޯ ބައްލަވަނީއެވެ. ސީދީބޭއަކީ ދުވަހަކުވެސް މިގޮތަށް އުޅުއްވި ބޭފުޅެއްނޫންކަމުން ވަޅުން އަރާވަޑައިގަތުންވީ ވަރަށް ބޮޑު ކަމަކަށެވެ. އެހެންނަމަވެސް ބޭޒާރުނުވަނީސް މިކަން ކުރެވޭތޯ ވަރަށް މަސައްކަތް ކުރެއްވިއެވެ. ފައިންޕުޅުން އެތައް ތަނެއް ޒަޚަމްވެ ހެދުންކޮޅު ވީދި، ފެހި އުނގުޅި ކޮންމެއަކަސް ވަރަށް ވަރުފުޅު ބަލިވެގެން ނަމަވެސް ވަޅުން އަރާ ވަޑައިގެންފިއެވެ. ދެކޮޅު ހޯދާ ބައްލަވާ ލެއްވިއިރު އެއްވެސް މީހަކު ފެންނާކަށް ނެތުމުން ވަލާ ދިމާއަށް ދުވެވަޑައިގަތެވެ. ކިތަންމެ ތަދުވެފައި ގައިކޮޅުގައި ރިހިވަޑައިގެން، ވަރުބަލިފުޅުކަމާއެކު ދުވެ ވަޑައިގެން ވަލުތެރެއަށް ދުވެވަޑައިގަތެވެ. ބޯގަސްތަކާއި ހަނި މަގުތަކުން ފެން ވަޅާ ހަމައަށް ވަޑައިގަތްއިރު ގައިކޮޅުން އެތައް ތަނެއް ދުޅަވެ ރަތްވެފައިވެއެވެ. ދެލޯ ފުޅު ބޮޑުވެ ދާފޮދު މާނޭވާ ހިއްލާ ހާލު އަވަސް އަވަހަށް ވަޅަށް ފުންމަވާ ލައްވައިފިއެވެ. އެއްކަލަ މީހުން ބިމުގައި ފައިން ތަޅަމުން ވަޅާ ހަމައަށް އައީ ރަށުގެ އެންމެންހެން ކަހަލަ ގޮތަކަށް ފަހަތުލައިގެންނެވެ. ސީދީބޭ  ބިމުގެ އަޑީގައި ފީނާ ވަޑައިގެން އެވަޅުން އަރާ ވަޑައިގަންނަވާތަން ދެކޭށެވެ. މި މީހުން އައިސް ވަޅަށް ބަލައިލިއިރު ވަޅަކު ސީދީބެއެއް ނެތެވެ. އެހެނަސް ސީދީބޭ އެއިރު ވަޅުގެ ގަމަދުރު ތެރޭ ނިވައިވެގެންހުރެ ދުޅަވެފައިވާ ތަންތަނަށް ތަދުފުޅުވެފައިވާތީއާއި ހަންފުޅު މެށިފައިވާ ތަންތަނުން ދިލަފުޅު ނަގާވަރުން ކީރިތި ކުރައްވާ ހުއްޓެވެ. މީހުންތައް އައިސް ޖަމާވެއްޖެކަން ގައިމުވުމުން ސީދީބޭ ލިބެން އުޅޭ މޮޅު ފަޚުރަށްޓަކައި ރިއްސާތަންތަނާއި ދިލަފުޅު ނަގާ ތަންތަން ހަނދުމަފުޅު ނައްތާލައްވާފައި ކުއްލިއަކަށް ވަޅުތެރެއަށް ފީނާ ވަޑައިގެން ތެދުވެ ވަޑައިގެންފިއެވެ. އެހިނދު އެންމެންގެ ޝަހާދަތް އިނގިލިގޮސް ނޭފަތު ކުރީގައި ޖައްސަ އަނގަތައް ހުޅުވިއްޖެއެވެ. ހައިރާންކަމާއެކު އެކަކު އަނެކަކަށް ބަލާން ފެށިއެވެ. މިވަގުތު ސީދީބޭ އަވަސް އަވަހަށް ވަޅުން ނަންގަވައި ދެއްވުމަށް ވިދާޅުވިއެވެ. ދެން ދެމީހަކު ވަޅަށް ފައިބާ ސީދީބެއަށް އަނިޔާއެއް ނުވާނޭހެން ސީދީބޭ ވަޅުން ނަގައިފިއެވެ.


ސީދީބޭ ވަޅުން އަރާ ވަޑައިގަތްއިރު އެތާ ރަށުގެ އެންމެން ކަހަލަ ގޮތަކަށް ތިއްބާ ފެނިވަޑައިގެންފައި ވަރަށް އުފާފުޅު ވެއްޖެއެވެ. އެއިރު ހަށިކޮޅުން ބައެއް ތަންތަނުން ލޭ އޮހޮރެއެވެ. ބައެއް ތަންތަން ދުޅަވެ އަރާފައިވެއެވެ. މިވަގުތު އެންމެންގެ ތެރެއިން ތަންކޮޅެއް ހަލަނި މީހަކު "ސީދީބޭ މިހާވަރު ވެވަޑައިގަތީ ކީއްވެތޯއޭ؟" ދަންނަވައިފިއެވެ. ސީދީބޭ ވިދާޅުވީ " ކަލޭމެން މާބާރަށް ހިނގާފައި އައިމާ އަވަސްކުރަން އުޅެން ހަދައިގެންނާއި ރަށުގއަޑީގައި ތޫނު މުރަކައާއި ބޮޑެތި ގައު ގިނަކަމުން ވީގޮތެއް ކަމުގައެވެ." އިތުރު މީހަކަށް އެއްޗެއް ދަންނަވާކަށްވެސް ނުކެރުނެވެ. ކޮންމެއަކަސް މިކަމުގެ ސަބަބުން ސީދީބޭގޭ ގަދަރާއި މާތްކަން ރަށުގައި އެތައް ގުނައަކަށް އުފުލިއްޖެއެވެ.
            -ނިމުނީ-

ހަމަމިގަލަމުން

އިދާރާ

ވާހަކަ