އަދުގެ ޚާއްސަ

Print

"ކަށި"

ޝާޢިއުކުރީ އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު . ހިމެނޭބަޔަކީ ސަމާސާ އަދަބު

އާދައިގެމަތިން ނޫރީ މިއަދުވެސް ގެއަށް އައި އިރު އަންހެނުން ގެއަކު ނެތެވެ. ނޫރީ ހުރީ ބަނޑުހައިވެގެން ހާންތިވާވަރުވެފައެވެ. ބަދިގެފަރާތަށް ގޮސް ތެލިތަކުގެ ފިޔަން ހިއްލާ މުޅި ބަދިގެ އެފުށް މިފުށަށް ޖެހިއިރުވެސް ރޯފިލުވާފައި ހުރި ކާއެއްޗެއް އަތަކު ނުޖެހުނެވެ. އުނދުންމަތީ އޮވެ ރޯފިލާފައި އޮތް މެއްސެއް ކީއްކުރަން ހެއްޔެވެ؟ މަދިރިއެއްވެސް ނެތެވެ. ނޫރީ ގާތަށް އައީކީ އަމަށަކު ރުޅިއެއް ނޫނެވެ. އެކަމަކު ކުރާނީ ކީއްހޭ ހިތާ ދެފަރާތަށް ބޯ ހޫރާލުމަށް ފަހު، މޮޅިވެރި ގޮތަކަށް އިސްޖަހައިގެން ހުރެ ކޮޓަރިއާ ދިމާއަށް ހިނގައި ގަތެވެ.

މިއީ އަންހެނުން ވަޒީފާއަށް ފޮނުވައިގެން ގިނަ ލާރި ހޯދަން އުޅޭ، ގިނަ ފިރިން އުޅޭ ގޮތޭ ހިތަށް އަރުވާލާފައި މިފަހަރުވެސް ނޫރީ އަމިއްލަ ނަފުސަށް ހިތްވަރު ލިބިގަތެވެ. މިފަހަރުވެސް ނޫޑުލިސް ޕެކެޓެއް ރޯފިލުވާލައިގެން ފުއްދާލާނީއޭ ހިތާ ހިނގައިގަތެވެ. ކަންމަތީ ފިހާރައަށް ދާށެވެ. ކޮންމެއަކަސް ފިހާރައަށް ވަދެ ސޭޓު ގާތުގައި ކަށި ނެތް މަސްދަޅެއް ލިބިދާނެތޯ އެއްސެވެ. އަދި އިތުރަށް އޮޅުންފިލުވައިދެމުން ކުރީ ދުވަހު ގެންދިޔަ ފެލިވަރު ތެޔޮމަސްދަޅުގައި ކަށި ހުރި ކަމަށާ، އެހެންވެ އެވާހަކަ ބުނެލީކަމަށް ނޫރީ އާދައިގެ ގޮތަކަށް ބުނެލިއެވެ. ކޮންމެއަކަސް ސޭޓާއި ނޫރީއާ ދެމެދު ދެކެވުނު ވާހަކަ ވަރަށް ކަނުލާ އަޑުއަހަން ފިހާރައިގައި ގެނގުޅޭ "ބަންގާޅި މީހާ" ހުއްޓެވެ. އޭނާއަކީ މުޅީން އައު މީހެއް ނޫނެވެ. ރާއްޖެ އައިސް އެ

ފިހާރައިގައި އޭނާ މަސައްކަތްކުރާތާ ހައެއްކަ މަސްދުވަސް ވެދާނެއެވެ. ފިހާރައިގެ ސޭޓު ބުނެދޭ ގޮތަށް ކަސްޓަމަރުންނަށް ހެޔޮކޮށް ހިތުމާއި، އަވަހަށް ޚިދުމަތްދީ ކަސްޓަމަރު ހިތްހަމަޖައްސައިދިނުމަކީ މި ކުމާރު އަބަދުވެސް ސަމާލުކަންދޭ ކަމެކެވެ. އެހެންކަމުން، ނޫރީއާއިމެދުވެސް އޭނާ ކަންކުރަން ބޭނުންވީ އެ ބީދައިންނެވެ.

ކޮންމެއަކަސް ފިހާރައިގެ ސޭޓާއި ނޫރީއާ ދެމެދު ދެކެވެމުން ދިޔަ، މަސްދަޅުން ފެނުނު ކަށީގެ ވާހަކަ މެދުކަނޑާލީ ކުމާރު ދަލުބޭރުން ޖެހިފައެވެ. ނޫރީގެ ކޮނޑުގައި އޯގާތެރި އަތަކުން ޖަހާލުމަށް ފަހު ބަނދިވަރު ކިޔާލިއެވެ. ފަތިވަރު ދަމާލިއެވެ.

"ބޭބެ! ބޭބޭ! ހުންނަނީ... އަންނަނީ... އަންނަނީ... ކަށި ހުންނަނީ... މިއަދު ބާޒާރުން ގެނެސް ހުންނަނީ... ކަށި ހުންނަނީ... ވަރަށް އަގުވެސް ހެޔޮ ހުންނަނީ... -/5 ރުފިޔާއަށް ދެ ކަށި ހުންނަނީ... ކިތައް ކަށި ބޭނުންވަނީ..."

ކުމާރުގެ ވާހަކަތަކަށް ނޫރީ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ކުމާރުގެ ފަރިތަކަމުން ބަސް ހުއްޓިފައެވެ. ދެމިޔަކަނުން ހަނދު އޮއްސިފައެވެ. އިސާހިތަކު ކޮތަޅަކަށް 4 ކާށި ލައިފައި ނޫރީ އަތަށް ދިއްކޮށްލިއެވެ. "ހަތަރު ކަށި ރަނގަޅުވަނީ ދޯ؟ ފަސް ކަށި ބޭނުންވަނީމަ ލިބެނީ..." ކުމާރު ކިތަންމެހާވެސް ފަރިތައެވެ. ފަރިތަކަން މާ ބޮޑެވެ. ފަރިތަކަން ބޮޑުކަމުން ކަށްޓެއް ކާށްޓެއް އޭނާއަކަށް ވަތްކެއް ނުވީ ވިއްޔާއެވެ. ނޫރީއަކީ ރުޅިގަދަ މީހެއް ނަމަ ކާށިން ބޮލުގައި ޖަހާ ކުމާރުގެ ދެ ބުމަ ދޭތެރެއިން ބުމައެއް ހަދާލީހެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ ނޫރީ ހުރީ މި ވާނުވާ އެނގުމުން ހިންޏާ ބިނދިފައެވެ. ބަހަކުން ބަހެއް ނުބުނެވިފައެވެ. ވެފައި ހުރި ހައިކަންވެސް ފިލައި ގޮއްސިއެވެ. ކުމާރާ ސަލާންވެސް ކޮށްލިއެވެ.  ދިމާވި ހާދިސާ ފޭސްބުކް ގައި ހިއްސާވެސް ކޮށްލިއެވެ. 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ