ސަންތި މަރިޔަނބު (ދަތްތަކަށް ޚާއްޞަ)
މާފުށްކައިގެން މިތުރުން ދަތްތައް ހުދު ހަޑިކޮށްގެން
އެރޭ ނިދަން ދެމިތުރުނޭ ގެޔަށް ދިޔާ އަދިރިވުމުން
ގެއަށް ނިދާން ނުދާންވެގެން އަނގަ ގަދަ މިތުރޭ އެދިޔާ
ގެއަށްވުރެން ފިނިވާނޭ ކިޔާ އަތިރި ހޮޅުއަށްޓާށް
އިސާހިތަކު އޮށޯތްތަނާ އަނގަ ގަދަ މިތުރަށް ނިދުނޯ
އެހިނދު މިތުރު ގުގުރިދަމަން ފެށީ އަޑުގެ ނެތްތަނަށޯ
ކުއްލިއަކަށް މާގަދަ އަޑު ފަށްގަޑެކޭ އިވެންފެށީ
ތަންގަނޑު މުޅި އަލިވެގެނޭ އަލިފާން ކަނި ބުރަން ފެށީ
އަންހެނެކޭބިރުވެރިއޭ ބޮލުއިސްތަށި ހޭވިފައޭ
ލައިގެން ހުރި ލިބާސް ރަތޭ ކޮޑުގައި ދަތް ގޯނި އޮތޭ
އަސްތާ! މީ ސަންތިމަރީ ދަތަށް ޚާއްސަ ސަންތިމަރީ
މިތުރު ކަލޯ ދަތްފެނިފާ ސަންތި ލޮލުން ތަރި އެބުރީ
އެކޯފުރެޝް ކުލޯޒްއަޕާ، ކޮލްގެޓް ފަދަ މޮޅު ބޭސްތާއް
ދެލޯފުޅާ ހުއްޓާވެސް މިސޮރު ދަތެއް ނޫގުޅިތާ
ކިޔާ މިހެން ސަންތި މަރީ ކޮނޑުއޮތް ދަތް ގޯނި ނެގީ
ބަލަން ނުހުރެ މިތުރު އަނގައިން ދަތްއުފުރަން ސަންތި ފެށީ
ތަދުވިޔަކަސް ކެތްކޮށްގެން މިތުރު އޮތީ ބިރުގަތްފާ
ބިރުގަތަކަސް ލިބޭން އުޅޭ ނިޢުމަތަކަށް ހިތްއެދިފާ
ދަތްއުފުރާ ދެތިން ދަތެއް މިތުރު އަނގާ ޖެހުނު ތަނާ
އެއްކަލަ އަނގަ ގަދަ މިތުރު ނޯވެވިގެން އަނގައިން ބުނީ
މަރީ މަރީ މަ ބޭނުމީ، ގޯލްޑް ކުލަ އަރާ ދަތޭ
މިހެން ކިޔާ ހޭރިގަތީ ، އެސޮރު އަޑުގެ ނެތްތަނަށޭ
ސިއްސައިގެން ސަންތި އަތުން ދަތް ގޯންޏޭ ބަންޑުންވީ
ވިއްކަން ހުރި ދަތްގޯންޏޭ ވެއްޔާއެކު މަސްހުނިވީ
ރުޅިއައިސްގެން ސަންތިމަރީ މިތުރަށް އަޑުލާންއެފެށީ
އެސޮރު އަނގާ އިން ދެދަތަށް ފައިސާ ދައްކަން އެދުނީ
މިތުރު ކަލޯ ތިންހާހޭ ކަލޯ އަނގާ އިން ދެދަތާށް
މިހެން ކިޔާ ބިލުކޮޅެކޭ ސަންތި ޖެހީ މިތުރު ބޮލާށް
ފައިސާ ދައްކަން ދެކޮޅޭ މިތުރު ހެދީ އެބުނި ދަތާށް
އައިޑީކާޑޭ އެނެގީ ތިމަން ފަޤީރެކޭ ކިޔާ
މަންޖެ މަރީ ނުޖެހޭނޭ ފައިސާ ދައްކާން އެދަތާށް
އާސަންދައިން ދެދަތަށް އަގު ކެޑިދާނޭ މީގަހިފާ
ޒަމާން އޮތީ ބަދަލުވެފައިކަން އެނގުނީ މިހިސާބުން
ސަންތިމަރީ ދެރަވެ ލޮލުން ފެންހިލުނީ އެހިސާބުން
އަލިގަދަ ވިދުވަރަކާގެން ސަންތިމަރީ ގެއްލިދިޔާ
ދެން ދުވަހަކުވެސް އެރަށަށް އެނބުރިނުދާނަމޭ ކިޔާ
މިތުރު އަތުން ފައިސާއެއް ނުމެދިޔައޭ އެބުނި ދަތާށް
އެހެނަސް އެދެދަތް ފިޔަވާ ނެތޭ ދަތެއް އެސޮރު އަނގާ
ލަދުން މިތުރު އަނގަ ހުޅުވަން އެއަށްފަހުން ނުކެރުނުތާ
މިތުރުގެ އަގަ މަޑުވިގޮތޭ މިއީ ފަހުން އެގިއްޖެތާ