އަދުގެ ޚާއްސަ

Print

ހައްދުންމަތީ އިސްދޫ މީހުންގެ އުވަ ދެވުން

ޝާޢިއުކުރީ އިބްރާހީމް ޙަމީދު . ހިމެނޭބަޔަކީ ތާރީޚް

ހައްދުންމަތީ އިސްދޫގެ ދުވަސްވީ ކާބަފައިންނަކީ، އެވޭލާ ޒަމާނުއްސުރެ ދިރިއުޅުމަށްޓަކައި ތަފާތު އެކިއެކި މަސައްކަތްތައް ކުރަމުން އައި ބައެކެވެ. އަމިއްލަ އަތުންފައިން ކުރެވެންހުރިނަމަ ހުރި، ހުރިހާ މަސައްކަތެއް އަމިއްލައަށް ކޮށްގެން ދިރިއުޅުން ފުރިހަމަ ކުރަމުން އައި ހީވާގި، ކެރޭ، މުރާލި، ހިއްވަރުގަދަ ބައެކެވެ. ރަށްވަންތަކަމާއި، އަތޮޅުވަންތަކަމުގެ ފުންލޯބި ހިތުގައި އޮވެގެން ޢުމްރާނީ ތަރައްޤީގެ އަރުތަ ހޯދުމަށް މަސައްކަތް ކުރަމުން އައި ބައެކެވެ. މިކަންކަމުގެ ދިރިހުރި ހެކި، އަދި އަދަށް ދާންދެންވެސް ހައްދުންމަތީ އިސްދޫގެ މީހުން ދިރިއުޅޭ ސަރަޙައްދުން ފެންނަން އެބަހުއްޓެވެ. އެއަގުހުރި ކާބަފައިން އިޚްތިޔާރުކުރި މަސައްކަތްތަކުގެ ތެރެއިން މި ލިޔުން މެދުވެރިކޮށް ބަޔާންކޮށް ދެވޭތޯ މިބަލަނީ ހައްދުންމަތީ އިސްދޫގައި އުވަދެވުމުގެ މަސައްކަތް ކުރަމުންއައި ގޮތެވެ.

އުވަދެވުމުގެ ވާހަކައަކީ، މިޒަމާނުގެ ޒުވާންނުންނަށް، އާވާހަކައެއް ކަމުގައި ނޫނީ ނުވާނެއެވެ. ޚާއްޞަކޮށް ސަޤާފަތަށް ލޯބިކުރުމުގެ ރޫޙު އުފެދިފައިވާ މިޒަމާނުގައި، ސަޤާފީ ކަންކަން އޮޅުން ފިލުވަން މަސައްކަތްކުރާ ބަޔަކަށް، މުޙިއްމު ވާހަކައަކަށް ނޫނީ ނުވާނެއެވެ. މިކަން މުޙިއްމުވާ އެއްސަބަބަކީ، އިހުމީހުން އުޅުނު ޙާލަތާއި، ކޮށްއުޅުނު ބުރަ މަސައްކަތާ ދޭތެރޭ ފިކުރުކޮށް، އެކަންކަން ދެނެގަތުމެވެ. އަނެއް ސަބަބަކީ، ކާބަފައިންވެސް މި ޤައުމު އާރާސްތު ކުރެވޭތޯ ބުރަ މަސައްކަތް ކޮށްފައިވާ ކަމާއި، ޓެކްނޮލޮޖީގެ ގޮތުން އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ޙާލަތުގައި، އަމިއްލައަށް، ކަންކަން އީޖާދުކޮށްގެން ދިވެހިވަންތަ ގޮތުގައި ކުރަމުންއައިގޮތް، ބަލައި އެގޮތްތައް ދެނެގަތުމެވެ.

ހައްދުންމަތީ އިސްދޫގައި އެންމެ އެވޭލާ ޒަމާނުގައި ގެދޮރުއަޅައި އުޅުނީ، ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްގޮތަށް ދަނޑިފަން، ފަންގެ، ރޯނު ބޭނުންކޮށްގެންނެވެ. އެއަށްފަހު އުވަދަވައިގެން އުވައިން ގާފޮޅު ރާނައި އޭގެ މަތީ މެއްލަ ޖަހައި، ހިމަ ދަޑިން ބިތްގަތައި ތޮށަލިން ބިތުފަންގިޖަހައި ފަނުން ފުރާޅު ހިޔާކޮށްގެންނެވެ. އަދި ބައެއް ގޭގޭގައި ބިއްގަނޑުގައި ދަނޑި ޖަހައި، އުއި ގޯނީގައި އުވަލައިގެން ބިއްގަނޑު ހަދައި، ފުރާޅުގައި ފަން، ނުވަތަ ޓިނު ޖަހައިގެންވެސް ގެ ގަދައި އުޅުނެވެ. ދެން ފެންނަންފެށީ އުވަދަވައިގެން، ފަރުމަތިން ގައުނަގައިގެން މުޅިގެ އެއްކޮށް ރާނައި، ފަނުން ނުވަތަ ޓިނުން ނުވަތަ އީޓުން ހިޔާކުރަން ފެށިތަނެވެ. ތަނަވަސްކަމުގެ އަހުލުވެރިން ގޭތެރޭ ތަޅުންގަނޑު އަޅަންވެސް އުވަ ބޭނުންކުރި ތަނެވެ. ގޯތީގެ ފަންފުޅައް، އުފުރައި އެއްލާލައި، އުވައިން ރާނާފައިވާ ފާރުތަކަށް ބަދަލުކުރި ތަނެވެ. މިގޮތަށް އުވަބޭނުންކޮށްގެން ރާނާފައިހުރި ކިތަންމެ ފާރެއް މިހާރުވެސް ހައްދުންމަތިން ފެންނަން އެބަހުއްޓެވެ. މިހާރުވެސް އަޅުގަނޑު ދިރިއުޅޭ ގޭގެ ބޮޑުބައި ރާނާފައި ހުރީ އުވައިންނެވެ. އުވަޔަކީ، ވަރަށް ގިނަ ދުވަސް ވަންދެން ވީރާނާ ނުވެ ހުންނަ އެއްޗެކެވެ.

އިސްދޫގައި، އުވަދަވައި އުޅުނީ ދެގޮތަކަށެވެ. އެއްގޮތަކީ އުވަދަވަން ވަޅު ނުކޮނެ ބިންމަތީގައި އުވަދެވުމެވެ. އަނެއްގޮތަކީ އާދައިގެ މީހެއްގެ އިސްކޮޅަށްވުރެ ފޫޓެއްހައިތަން ތިލަކޮށް، ވަޅުގެ ވަށަމިނުގައި ގާތްގަނޑަކަށް 15 ފޫޓު ހުންނަވަރުގެ ވަޅެއްކޮނެގެން އެ ވަޅުގައި އުވަދެވުމެވެ. ޢާއްމުކޮށް ވަޅު ނުކޮނެ ބިންމަތީގައި އުވަދެވީ ފެންތިލަ ހިސާބުގައެވެ.

އުވަވަޅެއް ދެވުމުގެ ކުރިން އެކަމަށް ބޭނުންވާ ތަކެތި އެއްކޮށް ޖަމާކުރުމަކީ ކޮށްއުޅުނު ކަމެކެވެ. އުވަވަޅު އަންދަން ބޭނުންކުރާ ދަރަކަށް ބޭނުންކުރަނީ ކުރިވެއްޓުނު ރުކުގެ ތެރެއިން ލަކުޑިއަށް ކަމުނުދާ ރުއްރުކާއި، މަރުވެ ހިކިފައިވާ ގަސްގަހުގެ ލަކުޑިއަށް ކަމުނުދާ ދަރެވެ. ބައެއް ފަހަރު ރަށުގައި ހެދިފައިހުރި ބޮޑެތި ބިޔަ ގަސްތައް އުވަދެވުމުގެ ބޭނުމުގައި ކަނޑަމުންދިޔަ މަންޒަރު ސީދާ އަޅުގަނޑަށްވެސް ފެނިފައި އެބަހުއްޓެވެ. ކޮންމެއަކަސް މިތަކެތި އެއްކޮށްގެން އެއްތަނަކަށް ގެނެސް ބޮޑުކީސް އަޅައިގެން ދެތިން ހަތަރު މީހަކުވެގެން، އަންބާކިޔައި ދަރަށްބުރިކުރެއެވެ. ދެން އަތްގާޑިޔަލުގައި، ދަރު ގެންދަނީ އުވަދަވަން ގަސްދުކުރާ ތަނަކަށެވެ. ދަރުގެންދިއުމަށްފަހު، ދެން ހޯދައި ޖަމާކުރަނީ އުވަދަވަން އަންދާނެ އަކިރިއާއި މުރަކައާއި ގަލެވެ. ހަމައެއާއެކު އެއްކޮށްޖަމާކުރާ އެހެނިހެން ތަކެއްޗަކީ، އަވަހަށް ހުޅުރޯވެ އަނދާ ބާވަތްބާވަތުގެ އިލާއާއި. ހިކިފަނާއި، ފުޅަތްޕާއި، ހިކިހޯލި ދަރުތަކެވެ.

ވަޅުނުކޮނެ އުވަދަވަން ވަޅު ތައްޔާރުކުރާނަމަ، ވަޅުގެ މިނަށް ވަށައިގެން ފުޅަފެއް އަޅައެވެ. މި ފުޅަށް ފުޅައް އަޅަނީ ގާތްގާތުގައި ދަނޑި ޖަހައި، ޖެހިދަނޑީގެ، ވަޅުގެ އެތެރެއަށްވާ ފަރާތުގައި ތޮށަލިޖަހައި، ދެފޫޓެއްހާ އުސްމިނަށެވެ. އެއަޅާ ފުޅަފަކީ އެފުޅަފުގެ އެތެރެއަށް ފުރެންދެން އަކިރި، އެޅިޔަސް ފުޅައް ފަޅާލާފައި ބޭރަށް އަކިރި ނުދާ ފެންވަރަށް، މޮޅަށް އަޅާފައިވާ ފުޅަފަކަށް ވާންޖެހެއެވެ. މިދެންނެވިހެން ވަޅަކަށްވާހެން ވަށްކޮށް ފުޅައް އަޅައި ނިމުމަށްފަހު، އެތެރޭގައި ދަރުޖަހަން ފަށައެވެ. ދަރު ޖަހަނީ ދިގަށާއި ހުރަހަށެވެ. ފަސޭހައިން އަލިފާން ހިފައިގެން އަނދައިގަންނަ ގޮތަކަށެވެ. އެތެރޭގައި ހޮއި ހުންނަ ގޮތަކަށް ދަރުއަޅައި ނިންމާފައި، ދަރުގެ މަތިން ހިކިފަނާއި ފަންތޮށިފަދަތަކެތި އަޅައި މައްޗަށް އަޅާ އަކިރި ދެދަރުގަނޑު ދޭތެރެއިން އަޑިޔަށް ނުދާގޮތަށް ހިންމި ބައްދައެވެ. މިދެންނެވިހެން ދަރުޖަހާއިރު، ވަޅުގެ އެއް އަރިމަތިން އެތެރެއަށް އަލިފާން ވާޞިލުކުރުމަށްޓަކައި، އާނގަ ބަހައްޓައެވެ. އެ އާނގައިގެ އެންމެ އަޑީގައި ހުންނަނީ ފަސޭހައިން އަލިފާންހިފާ ބާވަތް ބާވަތުގެ ހިކި އިލައާއި ހޯލިތަކެވެ. ބައެއްފަހަރު އަލިފާން ރޯކުރަން ފަސޭހައަކަށް ކަރާސީނު ތެޔޮ ބޭނުން ކުރެއެވެ.

މިދެންނެވިހެން ދަރުޖަހައި ނިންމުމަށްފަހު ކުދިކުދި ގަލާއި، އަކިރިއާއި، މުރަކަ، ދަރުގެ މައްޗަށް އަޅައި އަކިރިފުންޏަކަށް ވާނޭހެން އަކިރިއަޅާ އުސްކޮށްލައެވެ. އޭރު އެވަޅު ހުންނާނީ ވަޅުގެ ވަށައިގެން އެޅި ތިރިފުޅަފުގެ މަތީކައިރިން ފެށިގެން މައްޗަށް (ޕިރަމިޑެއް ކަހަލަ ގޮތަކަށް) އަކިރިއަޅައި އުސްކޮށްފައެވެ. މިގޮތަށް އަކިރިއަޅާފައި ހުންނައިރުވެސް، ވަޅުތެރެއަށް އަލިފާން ފޮނުވުމަށް ކުރިން ތައްޔާރުކުރި އާނގަ ބައްދައެއް ނުލާނެއެވެ. އަދި އެ އާނގައިގެ ތެރެއިން ވަޅުގެ ތެރެއަށް އަކިރިއެއްވެސް ނާޅާނެއެވެ. އެހާހިސާބުން ވަޅުރޯކުރަންވީއެވެ. ރޯކުރާނީ އަލިފާންރޯކޮށްފައި އެއްކަލަ އާނގައިގެ ތެރެއަށް ދޫކޮށްލެވޭ އިލާގަނޑެއް ވައްޓާލުމުންނެވެ. ވަޅުގެތެރޭގައި އަލިފާން ރޯވެ އަނދަންފެށީމާ (ޖަހާފައި ހުރި އަކިރި ފުނިން ގަދައަށް ދުންއަރަންފެށީމާ) އެއްކަލަ އާނގަ ބަންދުކުރާނެއެވެ. ބަންދުކުރަނީ، އެތެރެއަށް އަކިރި ނޭޅޭނޭހެން ބޮޑުގަލެއް އާނގަމަތީ ބާއްވައިގެންނެވެ. ގައުއަޅައި އާނގަ ބަންދުކުރުމަށްފަހު އޭގެ މައްޗަށްވެސް އަކިރިއަޅައެވެ.

އުވަވަޅު އަނދަންފެށީއެވެ. މިގޮތަށް ދެރޭ ދެދުވާ، ނުވަތަ އެއްރޭ ދެދުވަސް، ވަންދެން އުވަވަޅުއަނދަން ބަހައްޓައެވެ. އުވަވަޅު އަނދަމުންދާއިރު އަބަދުވެސް އެކަކު ދެމީހަކު، ވަޅަށް ވާނުވާ ބަލަން ތިބެއެވެ. އެއީ، ވަޅު އަނދަމުންދާއިރު ވަކިދިމާއަކުން މާބޮޑަށް އަޑިއަށް ދާންފަށައިފިނަމަ،(ބާބިނދެން ފަށައިފިނަމަ) އެތަނަކަށް އަކިރި އަޅައި އެއްވަރުކުރުން ފަދަ ކަންކަން ކުރުމަށެވެ. ވަޅު އަނދައި ނިމޭއިރު ކުރިން ފުންޏަކަށް ޖެހި އަކިރި އަނދައި ވިރިގެން އަޑިޔަށް ފައިބައި އުވައަށް ވުމުގެ ސަބަބުން ވަޅުގެ މަތި ފެންނާނީ ފަތާކޮށެވެ. ވަޅު އެކަށް އަނދައި ނިމި ދުން މަދުވާން ފެށުމުން ދެން އެވީ ވަޅަށް ފެންޖަހާށެވެ. މުޅިވަޅަށް ފެން ނުވަތަ މޫދުލޮނު ޖެހުމަށްފަހު ވަޅުތެރޭގައި ހުރި އަލިފާނުގެ އަސަރު ކެނޑެންދެން ދުވަސްކޮޅަކަށް މައްޗަށް ރޯފަން އަޅާފައި ވަޅު ބަހައްޓައެވެ. މި މުއްދަތުގެ ތެރޭގައިވެސް ވަޅަށް ވާނުވާ ބަލަން، ނުވަތަ ވަޅަށް ބަޔަކު ގޯނާއެއް ކުރޭތޯ ބަލަން އެކަކު ދެމީހަކުހެން ދޭތެރެދޭތެރެއިން ވަޅުދޮށަށްގޮސް ފާރަލައި ބަލައެވެ.

އުވަދަވައި ނިމުމުން ދެންއޮތީ އުވަ ނެގުމުގެ މަސައްކަތެވެ. ވަޅުން އުވަ ނަގައި އަޅާނެ ގޯނިތަކެއް (މަދުނުވާ ޢަދަދަކަށް) ހޯދުމަށްފަހު، ފަކީރާ، ގާޑިޔާ ފަދަތަކެއްޗާއެކު ހައެއްކަ އަށެއްކަ މީހުން އެމަސައްކަތަށް ދެއެވެ. ވަޅުދޮށަށްގޮސް ވަޅުގެ މަތީގައި ހުރި އަކިރިތައް ކަހައި އެއްކައިރި ކޮށްލުމަށްފަހު ރޯ، ދިގުދަނޑިއަކުން އުލެއް ހަދައިގެން އުވަވަޅުގެ އެތަން މިތަނަށް އޫ ބާނައިގެން ވަޅުގައި އުވަ ހުރި މިންވަރު ބަލައެވެ. އެއަށްފަހު އުވަވަޅުގެ މަތީގައި ދެންވެސް ހުރިނަމަހުރި، ބާކީ އަކިރިތަކެއް ކަހައި، އެއްކައިރިކޮށްލުމަށްފަހު ފަކީރާތަކުން އުވަނަގައިގެން ގޯނިގޯންޏަށް އަޅައެވެ. އަދި ވަޅުގައި ހުރި އުވަ މުޅިން ހުސްވަންދެން، މިދެންނެވިހެން ގޯނިގޯންޏަށް، އެޅުމަށްފަހު ދެންއެވީ އުވަ ފައްލަވަކުރުމުގެ މަސައްކަތްކުރާށެވެ. ގާޑިޔަލަށް އެރުވުނު ވަރަކަށް އަރުވައިގެން ފައްލަވައަށް އުވަ އުފުލުމަށްފަހު ވަށައިގެން ބިތްބައްދައިގެން އުވަ ހުސްކުރެވޭވަރުގެ ފައްލަވައެއް ތައްޔާރު ކުރެއެވެ. ފައްލަވަ ތައްޔާރުކޮށް ނިމުމުން އުވަ ފައްލަވަ ކުރަންވީއެވެ. އުވަ ފައްލަވަކުރަނީ ގޯންޏާއެކުގައެއް ނޫނެވެ. ފައްލަވައަށް އުވަ ހުސްކުރާ ގޮތަށެވެ. ބައެއް ފަހަރު އުވަ ގޯއްޗަށް ގެނެސް ގިނަ ދުވަހު ހަލާކުނުވެ ހުންނަގޮތް ހެދުމަށް ބައެއް މީހުން ވަޅުގަނޑެއް ކޮނެ ވަޅުގެ ބިއްތަކުގައި ރަބަރު ކަހަލަ އާލާތެއް ޖަހައި އޭގެތެރެއަށް އުވަ އަޅައި، މައްޗަށް ސާފު ހުދު ދޮންވެލި ދެތިން އިންޗި ބޯމިނަށް އަޅައެވެ. އުވަ ރައްކާ ކުރާނީ ވީހާވެސް ފެން ފުން ހިސާބެއް ގައެވެ. މިގޮތަށް ހެދުމުގެ ބޭނުމަކީ، ގޯތީގައި ފެން ބޮޑުވެގެން އުވަގަނޑު ހަލާކުވެގެން ދިޔަ ނުދިނުމަށެވެ.

އެހިސާބުން އުވަދަވައި އުވަ އުފުލައި ފައްލަވަކޮށް ނިމުނީއެވެ. އުވަ ހުސްކުރި ގޯނިތައް މޫދަށް ގެންގޮސް ދޮވެ ސާފުކުރުމަށްފަހު އަވީލައި ހިއްކައި އެ ގޯނިތަކުގެ ވެރިފަރާތްތަކަށް ގޯނި ރައްދުކުރުމުން އުވަ ރައްކާކުރުމުގެ މަސައްކަތްވެސް ނިމުމަކަށް އައީއެވެ.

އުވަދަވައި އުޅުނު އަނެއްގޮތަކީ ބިންއުސް ހިސާބުގަނޑުގައި ވަޅެއް ކޮނެގެން އެވަޅުގައި އުވަދެވުމެވެ. ކުރިން މިދެންނެވި ގޮތާއި މިގޮތާ ދެމެދު ހުރި އެއްތަފާތަކީ އެކަށީގެންވާ ވަރުގެ ވަޅެއް ކޮނުމެވެ. ވަޅުގެ މިންކަމަށް ބަލަނީ ލިބިފައިހުރި ދަރުގެ ގިނަ މަދުމިނެވެ. ދަރު ގިނަނަމަ ވަޅު ބޮޑުކުރާނެއެވެ. އަނެއްތަފާތަކީ ވަށައިގެން ތިރިކޮށް ފުޅަފެއް އަޅަން ނުޖެހޭކަމެވެ. ދެން ކުރަންޖެހޭ ހުރިހާ މަސައްކަތެއްމެ ކުރަނީ އެއްގޮތަކަށެވެ.

އުވަދަވާއިރު އަބަދުވެސް މޫސުމަށް ބަލައި އުޅެއެވެ. ވާރޭވެހި ވިއްސާރަ ދުވަސްވަރެއް ނަމަ އެފަދަ ދުވަސްވަރެއްގައި އުވަދަވައެއް ނޫޅޭނެއެވެ. އަދި މޫސުމް ރަނގަޅުކަމުގައި ވިޔަސް ވައިޖެހޭ މިސްރާބެއްގެ ގޮތުން އަވަށްޓެރި ގޭގެއަށް ދުމުގެ އަސަރު ކުރާނެކަމަށް ފެންނަކަމަށްވާނަމަ ވައި އެހެން މިސްރާބަކަށް ބަދަލުވަންދެން އުވަދެވުން ލަސްކޮށްލާނެއެވެ. މިޒަމާނުގައި އަވަށްޓެރި ގެއަކުން ކުރާކަމެއްގެ ސަބަބުން އަނެއްބަޔަކަށް އުނދަގުލެއް ވެދާނެކަމަށް ނުބެލިޔަސް އެޒަމާނުގައި އުޅުނުމީހުން އުޅުނީ މިނިވަންކަމުގެ އިންސަރަޙައްދު ވަރަށް ރަނގަޅަށް ބަލައިގެންނެވެ.

ކޮންމެއަކަސް އުވަދެވުމާއި އުވައިން ރޭނުމުގެ މަސައްކަތް ދިވެހިންނަށް އަލްވަދާޢުކިޔައިފިއެވެ. އުވައަކީ ޢިމާރާތްކުރުމަށް މިޒަމާނަށް ކަމުދާ އެއްޗެއްކަމަކަށްވެސް ނުވިއެވެ. މަސައްކަތްތެރިން އުވައިން ރާނާކަށް ބޭނުމެއްވެސް ނުވިއެވެ. ތަފާތު އެކިއެކި ބްރޭންޑްތަކުގެ ސިމެންތި ރާއްޖެއަށް ތަޢާރަފުވެ، ސިމެންތީގެ އަގުއަރައި އުވައިގެ އަގު ދަށަށް ހިނގައްޖެއެވެ. ދުނިޔެ ތަރައްގީވެ ބަދަލުވަމުންދާ މިޒަމާނުގައި އުވަދެވުމާއި އުވައިން މަސައްކަތްކުރުން މިއަދު މިވަނީ ދުވަސްވީ ސަޤާފަތުގެ ތެރެއަށް ވަދެ ޚަބަރުނީވޭ ހިސާބުގައިއޮތް ނިމިނިމުނުކަމަކަށްވެ ނިމިފައެވެ. ނަމަވެސް މިއަދުވެސް އިސްދޫގައިހުރި އެންމެ ޒަމާންވީ އާޘާރީ އެއް ބިނާ ކަމަށްވާ، އިސްދޫ އާޘާރީ މިސްކިތުގެ ފާރުތަކުގައި ލާފައި ހުންނަނީ، އުވައެވެ.

 

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ