އަދުގެ ޚާއްސަ

Print

ކާކުކަން ނޭގޭ މީހަކާ މުޚާޠަބުކުރާނެ ގޮތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްމުޢީދު ޙަސަން

ބައެއް ފަހަރު، ކާކުކަން ނޭނގޭ މީހަކާ ވާހަކަ ދައްކަން ޖެހިދެއެވެ. މިސާލަކަށް ފޯނުންނެވެ. ފަހެ، މި ޙާލަތުގައި، އެމީހަކާ މުޚާޠަބުކުރަން ވާނީ، ބަހުގެ ކޮން ދަރަޖައަކުންތޯވެ؟

މިސުއާލުގެ ޖަވާބު، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން (ރަޙިމަހުﷲ) ލިއުއްވާފައިވާ ހާދިސާއެއްގައި ބަޔާންކުރައްވާފައި ވެއެވެ. އެ ހާދިސާ ލިއުއްވާފައި ވަނީ، "ދިވެހީންގެ ވާހަކަ" ނަމަކަށް ކިއުނު ފޮތުގައެވެ. ތިރީގައި މިވަނީ، އެ ހާދިސާ އެފޮތުގައި އޮތްގޮތަށް ނަކަލުކޮށްފައެވެ.

"ވާހަކަ ކިޔާ މީހާ" އޭ ލިއުއްވާފައިވާ ކޮންމެ ތަނެއްގައި، އޭގެ މާނައަކީ، ޙުސައިން ޞަލާޙުއްދީނެވެ.




އެމީހަކީ ކާކުކަން ނޭނގިހުރެ ވާހަކަ ދައްކާން ވެއްޖައީވިއްޔާ، ދައްކަންވާނީ މާތްބަހުންނެވެ.

ވާހަކަ ކިޔާ މީހާ، އެއްދުވަހަކު، ދަމަކަށް އިރުއެރިތަނާ އަތިރީގެއަށް ގޮސް، އެތެރެ ގެކޮޅަށް ވަންނާން، މެދުދޮރު ފޮތިކޮޅާ ކައިރިޔަށް ދިޔައިރު، އަތިރީގޭގައި އިންނަވާ ގޮމާ، މެދު އެތެރި ގެކޮޅު ތެރޭގައި، ހުންނަވައިގެން ކުޑަކޮށް ހިތްޕުޅާ ނުވެ، މީހަކާ ވާހަކަފުޅު ދައްކަވައެވެ. ބޭރުގެކޮޅު ތެރޭން ހިނގާ އަޑު އައްސަވައިގެން ބައްލަވާލައްވާފައި ވިދާޅުވިޔޭ، އާނ، ކޮއްކޮ ވަންނަވާށޭ، ވަންނަވާށޭ. ތިޔަވީ މާ ރަނގަޅަށޭ. އަޅުގަނޑުމެންނަށް މިހާރު މިއުޅެނީ ވާހަކަ ދައްކާން ވެސް ނޭނގިގެންނޭ.

ދެން ވަންއިރު، މިތާހުރި މީހަކީ، ކަންމަތީގޭ ދޮށީ ތުއްތޫއެވެ. ވަދެފައި ކީއްތޯއޭވީ ދެންނެވީމާ ވިދާޅުވިޔޭ. ތިމަން ގޮމާ، މި އެތެރިގޭގައި އިންދައި، މެދު އެތެރިގޭ ތެރެއިން މީހަކު ހިނގާލި އަޑު އިވިގެން، ފިރިހެނެއްކަން ވެސް އެނގިގެން، ކޮން ބޭކަލެއްތޯއޭ ބުނެފީމޭ. ބުނީމާ މިކޮއްކޯ ދިން ޒުވާބަކީ، ތިޔަ މަލާމާތް ކުރައްވަނީތޯއެވެ؟ މިހެންނޭ. އަޅުގަނޑު ގާތުގާ ބައްޕާފުޅު ވިދާޅުވިޔޭ. ކަނބުލޯވޭ. ކާކުކަން ނޭނގިހުރެ، މީހަކު ކުރެން އެއީ ކާކުތޯ އަހަނީވިއްޔާ، އަހަންވާނީ، ތިޔައީ ކޮން ބެއިކަލެއްތޯ؟ މިހެންނޭ. ގެއްލުމެއް ނެތް ގޮތަކީ އެޔެވެ. ތިޔަ ކުދިންނެއް ކަމަކު، ސައްޔިދު ބެއިކަލުންނާ، ދައުލަތުގެ ފަރާތުން ބޮޑެތި ކަންކަމުގައި ތިބޭ މީހުންނާ ވާހަކަދައްކާންވާނީ، ލައްބަ ދުރުވަން ކިޔާ ގޮތަށް މާތް ބަހުންނޭ.

މި ބަސްފުޅު، އަޅުގަނޑު ހަނދާން ހުންނަނީ، ހަމަ ދެންމެ ވިދާޅުވި އެއްޗެއްހެންނޭ. ދެން މިގޮތަށް ވާހަކަ ދައްކާން ހެދީމާ، މިކުދީންނަށް ވަނީ، މަލާމާތް ކުރަނީ ކަމުގަޔޭ. މިހެންވީމާ، ކަންތައް ބޮޑުވެއްޖެތާޔޭ. ތެދެކޭ އެއްޒަމާނެއްގެ މީހުންނަކާ އަނެއް ޒަމާނެއްގެ މީހުންނަކާ މޮށެކިޔާއުޅުމުގައި ވެސް އެއްގޮތެއް ނުވާނެޔޭ. އެކަމަކު އަޅުގަނޑު ނިންމާނީ، އަޅުގަނޑަށް އެނގިހުރި ގޮތަށޭ. ކޮއްކޯއަށް ފެނިލައްވަނީ ކިހިނެއްތޯޔޭ؟

ވާހަކަ ކިޔާ މީހާ: އަޅުގަނޑަށް ވެސް ފެންނަނީ ހަމަ ތިޔަ ވިދާޅުވި ގޮތެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ