ނަޞްރުގެ ދުވަހުގެ ތަޤުރީރު (2015)
މިއީ 2015 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން، އިންތިޒާމު ކުރައްވައިގެން، ސިފައިންގެ މައިމަރުކަޒު (ކަޅުތުއްކަލާ ކޮށި)ގައި ބޭއްވެވި ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި އެ ޖަލްސާގެ ޝަރަފުވެރިމެހުމާނު، ފަންވަތުގެ އެޑިޓަރ އާދަމް ނަޞީރު އިބްރާހީމް ދެއްވި ތަޤުރީރެވެ.
بسم الله الرحمن الرحيم
الحمد لله رب العالمين والصلاة والسلام على نبينا محمد وعلى آله وصحبه أجمعين
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބްލް އާދަމް ޝަރީފު، ޗީފު އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ވައިޒް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު، ދިވެހިޤައުމުގެ ފަޚުރުކަމުގައި ވާ ޤައުމާއި ދީނަށް ވަފާތެރި ހިތްވަރު ގަދަ ދިވެހި އެންމެހައި ސިފައިން. އެންމެހައި ޖަލީސުން. السلام
عليكم.
އާދެ! އަޅުގަނޑުގެ ލޯ މި ވަގުތު ހުއްޓިފައި މި ހުރީ ކުރިމަތީގައި ތިޔަ ތިއްބެވި، ނަޞްރުގެ ދުވަހުގެ ޢިއްޒަތްތެރި މުޖާހިދުންނަށް. އަޅުގަނޑުގެ ކަންފަތް ސަމާލުކަން ދީފައި ވަނީ ވަޒަން ހުސްވަނީއޭ ވަޒަން ގެނެސްދޭށޭ ޝަހީދު ޙުސައިން އާދަމް ގޮވައިލައްވައި އެ ތަކުރާރު ކުރެއްވި އިޚްލާޞްތެރި އާދޭހުގެ އަޑަށް. އަޅުގަނޑުގެ ހިތް މި ވަގުތު އުފައްދަމުންދަނީ ބޮޑުތަކުރުފާނުގެ އަގުމާތް ޖިހާދާ ދޮންބަންޑާރައިންގެ މޫރިތި ސީރަތުން އަދުގެ ޖީލާ ކުރިމަތި ކުރާ އެތައް ހާސް ސުވާލުތަކެއް.
އާދެ! 2015 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ މި ޚާއްޞަ ޖަލްސާގައި މި ފަދަ ގޮތެއްގައި އެއްޗެއް ބުނެލަން ފުރުޞަތު ދެއްވިކަށްޓަކައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމަށާއި، މިނިސްޓަރ އޮނަރަބްލް އާދަމް ޝަރީފަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވަން. ހަމަ މި ނޭވާގައި ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަރިސް ކުރަން.
އާދެ! ފަހަރެއްގައި ތިޔައިން ބޭފުޅެއްގެ ސުވާލަކަށް ވެދާނެ އަޅުގަނޑު މި މަގާމުގައި ހުއްޓި މި ހުރީ ކޮން ހައިސިއްޔަތަކުން ބާވައޭ؟ އެ ސުވާލު ތިޔަ ބޭފުޅުންނަށް ވުރެ ކުރިން ޚޮދު އަޅުގަނޑު، އަޅުގަނޑުގެ އަމިއްލަ ނަފުސާ ކުރިން. އަޅުގަނޑުގެ ޟަމީރު އަޅުގަނޑަށް ދިން ޖަވާބު ވަރަށް ކުރު. މި މަޤާމުގައި އަޅުގަނޑު ހުއްޓި މިހަރަ ހަމަ އެކަނި ހައިސިއްޔަތަކީ ... އެއީ ދިވެހިޤައުމުގެ ދެކެ ލޯބިވާތީ. ދިވެހި ބިމަށް ދިވެހީންނަށް ހެޔޮ އެދޭ ދިވެހި ދަރިއްޔަކަށް ވާތީ.
ޢިއްޒަތްތެރި ވަޒީރު!
އައުދާނަ ޗީފު!
އެންމެހައި ހާޒިރީން.
މި ޖަލްސާއަކީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވޭ ޖަލްސާއެއް. އެހެންކަމަށް ވާ ނަމަ، ޙަޤީޤަތުގައި މިއީ ކާމިޔާބީއާ އުފާވެރި ޝުޢޫރުތައް ފާޅު ކުރުމުގެ ޖަލްސާއެއް. ޙަމްދު ކުރުމާއި ޝުކުރު ކުރުމުގެ ޖަލްސާއެއް. މުސްތަޤުބަލް އާރާސްތު ކުރާންވީ ގޮތުގެ ފިކުރުތަކާއި އާ އުންމީދުތައް ހާމަ ކުރުމުގެ ޖަލްސާއެއް. ނަމަވެސް ސުވާލަކީ މި ކަންކަން ކުރަން އަދުގެ ޙާލަތު ތަން ދޭ ހެއްޔެވެ؟ އަޅުގަނޑުމެންގެ ޤައުމު އޮތީ މި އުފާތަކަށް ހިނިތުން ވެވޭ ފަދަ ޠަބީޢަތެއްގައި ހެއްޔެވެ؟ މިހިރަ ޝަފަރުވެރި ދިވެހި ދިދައަށް ބަލައިލެވޭ ކޮންމެ ފަހަރަކު، ފިނިވައިރޯޅި ކޯތާފަތުގައި ބީހިލާ ކޮންމެ ފަހަރަކު ހިތް ބުނަމުން ދަނީ؛
"ފަތިހުގެ ހިމޭން ވައިރޯޅިޔާ އައިސް ދިވެހި ދިދަ ވިހުރާލަދީ
މަތިވެރި މި ބިމުގެ ޝަހީދުނަށް ވަޠަނުގެ ސަލާމް އިއްވާލަދީ"
މި ފަދައިން. ކީއްވެ ތޯ މި ފަދަ ޝުޢޫރެއް އުފެދެނީ؟ ޙާލަތު. ޤައުމުގެ ޙާލަތު. އަޅުގަނޑުމެން އަމިއްލަ އަތްތަކުން އަޅުގަނޑުމެން ލިބިގަނެގެން މި ތިބަ ކަންކަން. މި އަދު އައްސުލްޠާނުލްޣާޒީ މުޙަންމަދުތަކުރުފާނުލް އަޢުޡަމް އަޅުގަނޑުމެންގެ ތެރެއަށް ވަޑައިގެންފި ނަމަ ވިދާޅުވާނީ ކީކޭތޯ؟ ޕޯޗުގީޒުންގެ މިތާ އޮތް ސަރުކާރުން ޢިއްޒަތް ދެއްވައި ވެރިއެއްގެ ގޮތުގައި އަރާމުގައި ހުންނެވެން އޮއްވައި އަނގަމަތި މަސްއޮޑިއެއްގައި އެތައް އަހަރެއް ވަންދެން އަތްވާ ވާރޭގައި ކަނޑުފަޅުފީނައިގެން ހޯއްދަވައިދެއްވި މިނިވަންކަމާއި އިޖުތިމާޢީ އަމާންކަމަށް އަޅުގަނޑުމެން ޚިޔާނަތްތެރި ވެއްޖެކަމުގެ ޝަކުވާ ނުކުރައްވާނެތޯ؟ މިއަދު އަލްޣާޒީ ޙަސަން ޢިއްޒުއްދީނު ދޮންބަންޑާރައިން އަޅުގަނޑުމެންނާ ހަމައަށް ވަޑައިގެންފި ނަމަ ވިދާޅުވާނީ ކީކޭތޯ؟ މަލާބާރު ހޮޅި ދުޝްމަނުން އަރާ މާލޭގެ ތިންބައިކުޅަ ދެބައި ހުޅުޖަހައި އަންދައިލައިފައި ވަނިކޮށް، ރޭވުންތެރިކަމާއެކު ދެއްވި ޙަމަލާއެއްގައި ހޮޅިންގެ ވަސް ފުހެލައްވައި ހޯއްދަވައިދެއްވި މި ޤައުމުގެ އިސްތިޤުލާލަށް ޣަދަރުވެރިވި ޣައްދާރުންނަށް އަޅުގަނޑުމެން މި ޖިލީލުގެ ދިވެހީން ވެއްޖެކަމުގެ ދަޢުވާ ނުކުރެއްވޭނެތޯ؟ ނުވަތަ މި އަދު ޝަހީދު ޙުސައިން އާދަމް ވަޑައިގެންފި ނަމަ، ޤައުމަށްޓަކައި އޭނާ ދޫކޮށްލެއްވި އޭނާގެ އަގު މާތް ފުރާނަފުޅުގެ އަގު އަޅުގަނޑުމެން ވަޒަން ކުރާކަމަށް އަޅުގަނޑުމެންނަށް އޭނާގެ އަރިހުގައި ދަންނަވަން ކެރޭނެ ތޯ؟ އަލިރަސްގެފާނާ ރާވެރިބެޔާ ނޮވެމްބަރު 3 ގެ 19 ޝަހީދުން އެ ބޭފުޅުންގެ ހަށިކޮޅުތަކުން ކާދު އަޅުއްވައިގެން، އެ ބޭފުޅުންގެ ޠާހިރު ލޭފޮދުން ފެންދެއްވައިގެން، އަޅުގަނޑުމެންނަށްޓަކައި ދިރުއްވި މިނިވަންކަމުގެ ގަސް، ހިތުހުރި ގޮތަކަށް ލޫޓުވާކަމުގެ އިލްޒާމާއި ބަދުނާމު މި އަދު އަޅުގަނޑުމެންނަށް ޙައްޤު ނުވޭ ބާ؟ މިއީ މި އަދު އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތަކު އޭނާގެ އަމިއްލަ ނަފުސާ ކޮށްލަން ޖެހޭ ސުވާލެއް. މި ވަގުތުގެ ޙަޤީޤަތްތައް ކުރިފުޅުމައްޗަށް ހާޒިރު ކުރައްވަމުން ނިކަން ވިސްނާވަޑައިގެން ބައްލަވާ!
ވީމާ ކޮންވެސް ކަމެއް ގޯސް ވެއްޖެ. ސަބަބު ދެނެގަންނާން ޖެހޭ، އަސްލު ހޯދާން ޖެހޭ ނުރަނގަޅު ކޮންމެވެސް ކަންތައްތަކެއް އެބަ ހުރި.
ޢިލްމީ ދިރާސާތަކަށް ބަލާއިރު، އަޅުގަނޑަށް ވިސްނޭ ގޮތުން، އަޅުގަނޑުމެން މިހާރު މި ތިބަ ޙާލަތަށް ދިޔުމުގެ އެއްސަބަބަކީ ތަޢުލީމާ ތަރުބިއްޔަތުގެ ކަންކަމުގައި އަޅުގަނޑުމެން ކަންފަސޭހަކަމާއެކު ފުރެއްދެ ސަގާފަތްތަކުގައި ލެނގިގަތް ލެނގިގަތުން. ސިޔާސަތާއި ޤާނޫނުތަކާއި އުސޫލުތައް ބަލައިގަތުމުގައި ދުނިޔޭގެ އެހެން ބައެއް ނުފޫޒަތކުގެ ފަސްބައިގައި ލޯ މަރައިގެން ތިބެ އެލިގަތް އެލިގަތުން. ތިމާމެންގެ އަމިއްލަ ޝަޚުޞިޔަތަށް ބޮޑު އިހުމާލުން އިހުމާލުވެގަތުން. އަމިއްލަ ވިސްނުމާއި އަމިއްލަ ފިކުރާ އަމިއްލަވަންތަކަން، ކަފުން ވެސް ނުކޮށް ކަށްވަޅުގައި ވަޅުލުން. "ޤައުމު ކުޑަ، މީސްކޮޅު މަދު، އެހެން ބަޔަކު ނުދަންނަ ބަހެއް" މި ފަދަ ނާއުންމީދީ، މާޔޫސީ އިބާރާތްތައް ހިތަށް ވައްދައި ހިތް ވަސްވާސްކޮށް ފިނޑިވެގަތުން.
ބައްލަވާ! އަޅުގަނޑުމެންގެ ކާބަފައިން އެމީހުންގެ ބުރަކަށިމަތީގައި މި ޤައުމު އުފުލައިގެން ޢިއްޒަތާއި ޙުރުމަތާ ރައްކާތެރިކަމާއެކު އަޅުގަނޑުމެންނާ ހަމަޔަށް ގެނެސް ދިނީ މި ހުރިހައި ސަބަބުތަކެއް ހުއްޓާ. އެކަމުގައި އައްޑަނަޔެއްކަމަށް ހެއްދެވީ ހަރުދަނާ އީމާންކަން. ސަވާރީއެއްކަމަށް ހެއްދެވީ މުރާލިކަމާއި ޙަރަކާތްތެރިކަން. ހަތިޔާރަކަށް ހެއްދެވީ އިޚްލާޞްތެރިކަމާއި ޙިކްމަތްތެރިކަން. ޤައުމަށްޓަކައި ހިތުގައި އޮތް ފުންލޯތްބާ ވަފާތެރިކަން. ނަމަވެސް މިއަދަށް ބަލާއިރު، ފަތިހު ހަތަރެއް ޖަހާ އިރު އެނދުން ތެދުވެ މާކަނޑަށް މަހަށް ނިކުތް މުރާލި ދިވެހީންގެ ދަރީން ކޮބައި ތޯ؟ ކަރުދާހުގައި ކުރެހޭ ކުރެހުމެއް ނެތި ހަލިދުވެއްޔަށް ވިއްޔާ ހަލި ދުވެއްޔަށް ބަރު މުދަލަށް ވިއްޔާ ބަރުމުދަލަށް އޮޑިދޯނި ފަހަރު ބަން އުފެއްދުންތެރި ދިވެހީންގެ ދަރީން ކޮބައި ތޯ؟ ބޭނުން ޝުޢޫރެއް ބާރު ހުރި އަސަރު ހުރިގޮތުގައި ފާޅުކުރި ބަސްތެރި ދިވެހީންގެ ދޫ ފަސޭހަ ދަރީން ކޮބައިތޯ؟ ބޭރުން ގެނެވޭ ބޭރުތަކެއްޗަށް ރޭރު ނުވެ ސާބިތު އަމިއްލަ ޝަޚްޞިއްޔަތެއް ދެއްކި އަޖުދާދުންގެ ދަރީން ކޮބައިތޯ؟ ނެތް. ބޯކޮށާ ކަތުރު ގެއްލިފައި ވާ، ހޮޅިބުރި އަލީގައި ނިދާ އެނދު ނުފެންނަ ޒުވާން ޖީލަކީ ކޮން ނަސްލަކަށް ކޮން އަސްލަކަށް ނިސްބަތްވާ ބައެއް ތޯ؟ ދިވެހި ޕާސްޕޯޓު ފިޔަވައި ދިވެހި ކުރިޔަށް ލައިފައި ކިޔާން މިހާރު އަޅުގަނޑުމެން އަތުގައި ސަލާމަތުން އޮތީ ކޮން އެއްޗެއް ތޯ؟ ފާރުތަކުގައި ކުރަހައިފައި ހުންނަ ކުރެހުންތައް، ތަޢާރުފު ކުރެވޭ ލަވަޔާއި މިޔުޒިކުތައް، މާލެއާ ރަށްރަށު އަތިރިމަތީ ހުރި ސައިފިހާރަތަކުން ކާން ލިބޭ ކެއުންތައް މި ހުރިހައި އެއްޗެއް ބުނަނީ އެއް ވާހަކައެއް. ހިބަރު އައިސް އޮޑިދަށުން ދިވެހިކަޅުބިލަމަސް އައިން ފަހައިލާ ގޮތަށް އަހަރެމެން އައިސް ދިވެހީންގެ ތަރިކަތައް ދިވެހި ބިމުން ފަހައިލައިފީމުއޭ.
އެހެންކަމުން ތަރުބަވީ ހޭރިޔާ ކުރުމަކަށް މި ޤައުމު އެބަ ދީލައިލާން ޖެހޭ. އަމިއްލަވަންތަ ދިވެހި ޝަޚުޞިއްޔަތެއްގެ ސިފަތައް އަޅުގަނޑުމެންގެ އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދޭން އެބަ ޖެހޭ. އެހެނީ ޝައްކެއް ވެސް ނެތް ގޮތުގައި ފުރިހަމަ މިނިވަންކަމެއްގެ ހުޅުކޮޅު ދިއްލޭނީ އަމިއްލަވަންތަކަމުގެ ދަންމަރުގާ.
ޢިއްޒަތްތެރި ވަޒީރު!
އެންމެހައި ހާޒިރީން!
ޤައުމެއްގެ ހަމަ ޖެހުމާ އެ ޤައުމެއްގެ އިޤުޠިޞާދު ވަނީ ގުޅިފާ. ރައްޔިތުންގެ އަސާސީ ބޭނުންތައް ފުދުން ވެސް މި ކަމާ ވަނީ ގުޅި ލާމެހިފާ. ނަމަވެސް އޭގެ ކުރީގައި އެ ޤައުމެއްގެ ވުޖޫދު އެއީ މާ މުހިންމުއެއްޗެއް. ޤައުމެއްގެ ވުޖޫދު ސާބިތުވާ އަސްލުތަކަކީ އެބަޔެއްގެ މާދަރީ ބަހާއި އަމިއްލަ ސަގާފަތާއި އާދަކާދައާއި އިޖުތިމާޢީ އަގުތައް. ފަރުދުންގެ ސުލޫކާ އަޚުލާޤު. އަރަބި ޅެންވެރިޔެއް ކަމަށް ވާ މަޝްހޫރު އަޙްމަދު ޝައުޤީ ވިދާޅުވަނީ؛
إنمـاالأمـم الأخلاق مـا بقيـت
فإن هم ذهبت أخلاقـهم ذهبــواً
މާނައަކީ؛ އަޚުލާޤު ނެތަމަ އުންމަތުގައި ހަރުދަނާ ވެފައި
އަޚުނާއި އުޚުތުނޭ އެ ބައެއް ނެތި ހިނގައްޖެޔޭ
އެހެންކަމުން މި ދާއިރާގެ ޢިލްމުވެރީން ޤައުމުގެ ވާހަކަ ފަށަނީ ވެސް މި އަސާސްތަކުން. ޚާއްޞަކޮށް މާދަރީ ބަހުގެ ވާހަކައިން. ތަޢުލީމު ދިނުމާ އުނގަންނާ ދިނުމުގެ ދާއިރާގެ ޒިންމާގެ ބަހުސު ފެށެނީ ވެސް މި ނުކުތާއިން. ޤައުމެއްގެ ވުޖޫދަށްޓަކައި އެ ޤައުމެއްގެ ދަރީންނަށް އެ ޤައުމެއްގެ މާދަރީ ބަހުން ކިޔަވައިދޭން ގޮވައިލެވޭނީ ވެސް މި ސަބަބަށްޓަކައި. އަދި ދުނިޔޭގައި ތަރައްޤީގެ އުސް ކުރިބޯށިތަކަށް ވާޞިލްވި ޤައުމުތަކުން އެ ކަމަށްޓަކައި މާދަރީ ބަހުގެ ސިޑި ބޭނުން ކުރީ ވެސް ބޭނުން ކުރަނީ ވެސް މިހެންވެގެން. މުޞްޠަފާ ޞާދިޤުއްރާޢީ ވިދާޅުވެފައިވޭ. "ބައެއްގެ ބަސް ނިކަމެތި ވެއްޖެއްޔާ އެ ބަޔަކު ނިކަމެތި ނުވެޔެއް ނުދާނެއޭ" ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި އިސްތިޢުމާރުގެ ދުވަސްވަރުގައި ބަހުގެ އިސްތިޢުމާރުގައި އަމިއްލަ ބަސް ފައިބުޑަށް ވައްޓައިލި ކޮންމެ ޤައުމެއް ގޮސް ވެއްޓުނީ އެހެން ޤައުމެއްގެ ފައިބުޑަށް. އަމިއްލަ އިސްތިޤުލާލާ އެކީ ހިންދެމިއެއް ނުލެވުނު. އެފުރިކާގެ ގައުމުތައް އެ އޮތީ ފެންނަން. ކުރިއަރާ ދިޔައީ ޖަޕާނު ކޮރެއާ ފަދަ ޤައުމުތައް. ޔަހޫދީ މުފައްކިރެއް ކަމުގައި ވާ އިލިއާޒަރު ބިން ޔަހޫދާ ބުނެފައި ވާ ގޮތުގައި "ބަހަކާ ނުލައި އުންމަތަކަށް ދިރުމެއް ނެތް". އޭނާގެ މި އިރުޝާދަށް ތަބާވެ ފަށްޅިތެރޭގައި އޮތް ހިބްރޫބަސް މި އަދު ވަނީ ރޮކެޓްސައިންސާ ހަމައަށް ތަރައްޤީކޮށް ފުޅާކޮށްފާ. ޑރ. ޙަސަން ޙަމީދު ވިދާޅުވާ ގޮތުގައި ދުނިޔޭގެ ތަފާތު ޤައުމުތަކުން އިޒުރޭލަށް ޖަމާވާ އެންމެން އެއްފިކުރަކަށް އެއް އަސްލަކަށް ގުޅުވައި ތަތްކޮށްދޭ ތެރަހަކީ ހިބުރޫ ބަސް. ދިވެހި އަދީބެއްކަމުގައި ވާ ޔޫސުފު އަލިފުޅު ވިދާޅުވަނީ.
"ގަހަށް ނެތް ލޯބި ފަތަކަށް ހުރުމަކީ އޭނޭކަށޭނަ ކަމެއް
ބަހަށް ނެތް ކުލުނު ޤައުމަށް ހުރުމަކީ ވެސް މުސްތަޙީލުކަމެއް"
އާދެ! މި ނުކުތާގައި އަޅުގަނޑު އަދިވެސް އެއްކަމެއް ފާހަގަކޮށްލަން ބޭނުން. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ނަތީޖާއާ ބެހޭ ގޮތުން އުފެދޭ އެއްސުވާލަކީ ދަރިވަރުންގައި އަޚުލާޤެއް ނުހުންނަ ވާހަކަ. ޤައުމީ ކަންކަމަށް ލޯބި ނުހުންނަ ވާހަކަ. މަސައްކަތްތެރިކަމެއް އުޅުންތެރިކަމެއް ނެތް ވާހަކަ. މި ކަމާ ބޭހޭ ދިރާސާއެއް ކުރެއްވި އެއްބޭކަލަކީ ޑޭވިސް ނަމަކަށް ކިޔުނު ބޭކަލެއް. އޭނާ ވިދާޅުވެފައި ވަނީ އޭގެ އެއްސަބަބަކީ ރާއްޖޭގައި އިނގިރޭސި ތަޢުލީމު ފެށިގެން އައި އިރު ދިވެހި ތާރީޚާ ސަގާފަތާ ދުރު ބީރައްޓެހި ގޮތަކަށް އެ ތަޢުލީމު ދެވިފައި ވުންކަމުގައި. ހެކި ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ އިބްތިދާއީ ފެންވަރުގައި ދިވެހި ތާރީޚު ކިޔަވައި ދިނުމުގެ ބަދަލުގައި ކިޔަވައި ދިނީ އިނގިރޭސި ތާރީޚުކަމަށް. ކޮލޯޓޯ ހާމަ ކުރައްވާ ގޮތުގައި އިނގިރޭސި ލިޓްރޭޗަރ ކިޔަވައިދޭން ބޭނުން ކުރީ ''ސޮލޮމަން އައިލެންޑް'' މި ފޮތް. އޭނާ ވިދާޅުވަނީ މިއީ އިނގިރޭސީންގެ މޮޅުކަމާއި އެފްރިކާ މީހުންގެ މޮޔަކަން ހާމަ ކޮށްދޭ ވާހަކައެއްކަމަށް. ކޮލޯޓޯ ކަށަވަރުކޮށް ދެއްވާ ގޮތުގައި މި ފޮތްފޮތުން ދިވެހި ކުދީންނަށް ޙާޞިލްވީ އެ ފޮތްފޮތް ލިޔެފައި ވާ މަޤުޞަދު. އެއީ އިނގިރޭސީންގެ މޮޅުކަމާ އެމީހުންގެ ޝާނާއި ޝައުކަތު އިޙްސާސްވުމާއި އެފުރިކާ އޭޝިޔާ ބައްރުގެ މީހުންގެ ރޯފުނުފިލާކަމާއި [ކަޓުކަން] ދިވެހި ޅަދަރީންގެ ހިތްތަކުގައި ބިންވަޅުނެގުން. ނަތީޖާއަކީ އަމިއްލަ ނަފުސުގެ ނިކަމެތިކަން އިޙްސާސްކުރެވި އެކަން ގަބޫލު ކުރެވުން. ކަށިކުނބުރު ވެލެއް އިންދީމާ އެ ފޯދިގެނެއް މޭބިސްކަދުރެއް ނާޅާނެ.
ވީމާ މައްސަލަ މިހާރު ވަރަށް ސާފު. އަޅުގަނޑުމެން ފަށަން ވި ހިސާބު އެނގިއްޖެ. ފެށިއްޖެވެސް މެ. އިއްތިފާޤުން މިރޭ މި ވީ ވަރަށް ތަފާތު ރެޔަކަށް. މިހެން މި ދެންނެވީ މި ސަރުކާރުގެ ތަޢުލީމީ އާ ސިޔާސަތުގެ ދަށުން ކިޔަވައި ދިނުމުގެ މަންހަޖަށް ބޮޑެތި ބަދަލުތަކެއް އިޞްލާޙުތަކެއް އެބަ ގެނެވޭ. އިއްތިފާޤުން މި ކަމުގެ އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި މިހާ ދުވަސްވަންދެން ހުންނެވީ އަޅުގަނޑުމެންގެ މި އިންނެވި ޢިއްޒަތްތެރި ޑިފެންސް މިނިސްޓަރު އޮނަރަބްލް އާދަމް ޝަރީފު. އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރެވެމުން ދިޔަ މި މަސައްކަތް ކޮންމެވެސް ހިސާބަކުން ބަލައިލުމުގެ ފުރުޞަތެއް އަޅުގަނޑަށް ވެސް ވަނީ ލިބިފާ. އެ މަސައްކަތް ދަނީ ވަރަށް އުންމީދީ މިސްރާބަކަށް. މި ދެންނެވި ތަރަހައިގެ މަތީގާ. ވީމާ ދެން އޮތީ މި ގޮތުގައި ކުރިޔަށް ދިޔުން.
އާދެ! އެއްވެސް ޝައްކެއް، ތޯ އެއް ހުރިކަމެއް ނޫން. ތަފާތު ގިނަ ބަސްތައް ދަސްކުރުމާއި އެ ބަސްބަހަށް އަހުލުވެރިވުމަކީ މުހިންމުކަމެއް. އިނގިރޭސިބަސް ވެސް އަދި އެ ނޫން ބަސްބަސްވެސް ދަސްކުރަންވީ. އުނގެނެންވީ. އެކަމަކު އެ ކަމަށްޓަކައި ފަށައިގަންނާން މި ޖެހެނީ މާދަރީބަހުން. އެންމެ އިސްކަން ދޭން މި ޖެހެނީ މާދަރީ މާދަރީބަހަށް. އަޅުގަނޑުގެ ނުކުތާއަކީ މިއީ. ފަހަރެއްގައި ވެސް އެހެން ބަހެއް އުނގަންނައި ނުދެއްވާށެކޭ ނޫން. ވަރަށް ފަހުގެ ދިރާސާއެއް ބުނާ ގޮތުން ކުޑަ ކުދީންނަށް ތުއްތު އިރު މާދަރީ ބަސް ނޫން ބަހަކުން ކިޔަވައި ދިނުމުން އެ ކުދިންގެ ހިތްތަކުގައި މާދަރީ ބަހާ މެދު ފޫހިކަމެއް އުފެދޭ. ނުނިޔަތް ލުމެއް އުފެދޭ. އެއީ އަގެއް ނެތް ބޭނުމެއް ނެތް އެއްޗެއް ކަމުގެ އިޙްސާސް އުފެދޭ. އެއާއެކު އެބަސް ނިސްބަތްވާ އަސްލުކަމުގައި ވާ އަމިއްލަ ޤައުމާ ސަޤާފަތާ ތާރީޚާ ޤައުމީ ތަރިކަތަކާ އަގުތަކަށް ޒާތެއްގެ ދުޝްމަންކަމެއް އޭނާގެ ހިތުގައި އުފެދެމުން ދޭ. މިއީ ކިހާ ބޮޑު ނުރައްކަލެއްތޯ؟ ވީމާ، މި ބައްޔަށް އަޅުގަނޑުމެން ފަރުވާ ކުރަން ޖެހޭ. ތިނެއް ނޮވެމްބަރުގެ ބަޠަލް ޝަހީދު ޙުސައިން އާދަމް އޭނާގެ ދުވަހު ފޮތުގައި ލިޔުއްވައިފައި ވަނީ ރީތި ކުދިކުދި ދިވެހި ތާނަ އަކުރުން. އަހަރެން ސިފައިންގެ ވަޒީފާއަށް ވަނީ މި ވެނި ދުވަހަކު. ބަޑި ހަވާލު ކުރީ މި ވެނި ދުވަހަކު. ފުރަތަމަ ޑިއުޓީ އަދާ ކުރީ މިވެނި ތަނެއްގާ. އޭނާ ޤައުމީ ޚިދުމަތުގެ ވާހަކަ ލިޔުއްވައިފައި ވަނީ ޤައުމީ ބަހުން. ފުރާނަފުޅު ދޫކޮށް ލެއްވީ ޤައުމަށްޓަކައި ހިތްޕުޅުގައި އުފެދިފައި ވާ ޚާލިޞް ވަފާތެރި ލޯބީގާ. މި އަދު އަޅުގަނޑުމެން ކުރެ ކާކުގެ އަތުގައި ބާ ތާނައިން ލިޔެފައިފައި އޮތް މި ފަދަ އެންމެ ކަރުދާސްކޮޅެއް ނަމަވެސް އޮތީ؟ އަމިއްލަ ނަފުސާ ސުވާލު ކޮށްލައްވާ!
ޢިއްޒަތްތެރި ވަޒީރު!
އެންމެހައި ހާޒިރީން!
އަޅުގަނޑު މި ދައްކަނީ ޤައުމީ ލޯބި އުފެދެން ޖެހޭ ވާހަކަ. އެ ލޯބި އުފެދޭނެ ސަބަބެއްކަމަށް ޢިލްމުވެރީން ހާމަކޮށްފައި ވާ ދިރާސާތަކާ ޙަޤީޤަތްތަކުގެ ވާހަކަ. ޤައުމީ ލޯބި އުފެދުނީމާ ޤައުމަށް ވަނީ ކިހިނެއް ތޯ ވެސް އެބަ ޖެހޭ ބަލައިލަން. ޤަބޫލު ކުރަން ޖެހޭ ޙަޤީޤަތެއް. ނުބައި މީހުން ކޮންމެ ޒަމާނެއްގައި ވެސް ތިބޭނެ. އެކަމަކު އަޖާބު ވާންވީ ކަމަކީ ރަނގަޅު މީހުންނަކީ ލޮލުބޭހެއްހައި ތަދު މަދު އެއްޗަކަށް ވެފައި ނުބައި މީހުންގެ ޖަމާއަތްތައް އައިން އައިނަށް ގިނަވުން. ޤައުމީ ލޯބި އެކަށޭނަ ގޮތުގައި އޮތް ބިމެއްގައި ކަން ހިނގާނީ އޭގެ އަނެއް ކޮޅަށް. ނުބައި މަދު ވާނެ. ރަނގަޅު ގިނަވާނެ. ރަނގަޅު މީހުން ގިނަވުމަކީ އިޚްލާޞްތެރީން އިތުރުވުން. ރަނގަޅު މީހުން ގިނަވުމަކީ އީމާންތެރީން އިތުރުވުން. އަމާނާތްތެރި ނަޒާހާތްތެރި އިޙްސާންތެރީންގެ ޤައުމަކަށް ޤައުމުވުން. އެހެން ވެއްޖެ ނަމަ ނުރައްކާތެރިކަން ޖެހޭނީ އެ ބިމަކުން ބަޗައިގެން ދާނެ. ބިރުވެރިކަން ޖެހޭނީ ވަގުތުން އަމާން ދޭން. ހިނިތުންވަމުން އަންނާނީ ރައްކާތެރިކަން. އަމާންކަން. ޞުލްޙަވެރިކަން. މި ފަދަ ޙާލަތެއްގައި ކޮންމެ ރައްޔިތަކީ އެ މީހެއްގެ ޝަޚުޞިއްޔަތުގެ ހަރުދަނާކަން ދެނެގަންނާން އެނގޭނެ މީހެއް. އޭނާގެ ޙައްޤާ ޒިންމާ ދެނެގަންނަން އެނގޭނެ މީހެއް. ޤާނޫނަކުން، ފަނޑިޔާރުގެޔަކުން ކަމެއް މަތިކޮށް މަޖުބޫރު ކުރާކަށް ނުޖެހޭ. އަމިއްލަ ޟަމީރު އެކަންކަން އަންގައިދޭނެ.
މިސާލަކަށް ދޮންބަންޑާރައިން ހޮޅިން އަތުން ޤައުމު މިނިވަން ކުރެއްވި. އޭނާ ދެކެވަޑައިގަތީ އެއީ އޭނާގެ ޒިންމާއެއްކަމަށް. ނަމަވެސް ރަސްކަމުގެ ތަޚުތަކީ އޭނާގެ ޙައްޤެއް ނޫންކަމަށް. އަމިއްލަފުޅަށް ތަޚުތުގައި އިށީނދެވަޑައެއް ނުގަތް. ހަމަ އެހެންމެ ރައްޔިތުން އައި ލާރި ހިފައިގެން. ފައިސާ ހިފައިގެން. ވެވަޑައިގެންނެވި ޤުރުބާނީއަށްޓަކާ. އެ ފައިސާއަކު ނުހިއްޕެވި. އަވަހާރަވަމުން ބޭފުޅުންނަށް ވެސް ކުރެއްވި ވަޞިއްޔަތަކީ ވެރިކަމަކީ ދަރިފުޅުމެންގެ ޙައްޤެއް ނޫނޭ. ވެރިކަން އޭގެ ޙައްޤުވެރީންނާ ހަވާލޭ ދަރިފުޅުމެންނާ މާތްކަލާނގެއާ ވަކީލޭ. މީ ދިވެހިވަންތަ ހަރުދަނާ ޝަޚުޞިއްޔަތަކީ. ޢިއްޒަތްތެރި ނަމޫނާ ބަޠަލުންނަކީ.
ހަމަ މިނޭވައިގައި އާންމު ރައްޔިތުންގެ ހަރުދަނާކަން ވެސް ހިތަށް ގެންނަން ޖެހޭ. ތިޔަ ބޭފުޅުން ގަބޫލު ކުރައްވާނެ. އޭރު ރާއްޖޭގައި ނޫސް އެޖެންސީތަކެއް ނުހުންނާނެ. ރޭޑިޔޯ ޓީވީ ޗެނަލްތަކެއް ވެސް ނުހުންނާނެ. އެކަމަކު ރައްޔިތުންގެ އަނގައިގައި ދޫ އޮންނާނެ. ހިނގައިފައި ތަންތަނަށް ދާނެ ފައި ހުންނާނެ. ބައްލަވާ! ބޮޑުތަކުރުފާނު ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމަ ކުރައްވާން ކަޅުއޮށްފުންމި ބަންނަވައި ތަމްރީނުތައް ހޯއްދަވަން އެތައް އަހަރެއް ހޭދަ ކުރެއްވި އިރު ޕޯޗުގީޒުންނަށް ހަމަ ރޭކާވެސް ނުލާ. އެއްވެސް ރައްޔިތަކު، މި ރޭވެމުން އަންނަ ބޮޑު ކަންތަކުގެ ވާހަކަ ހާމައެއް ނުކުރޭ. ހޫނު ޚަބަރުގެ މެޑެލް ޖަހަން އަނދިރިއަނދިރީންގެ ގާތަކަށް ނުދޭ. ހަމަ އެހެންމެ ދޮންބަންޑާރައިންގެ ޖިހާދަށް ބަލާއިރު، އޭރު ހޮޅިންގެ ސަތޭކަ މީހުން ހަތިޔާރާއެކު މާލޭގައި ފޯރިމަރަމުން ދިޔަ. ބައެއް ދިވެހީން ހޮޅީންގެ ވަޒީފާގައި ވެސް އުޅެމުން ދިޔަ. ނަމަވެސް އެ ހޮޅީންނާ ދިމާކޮށް އެމީހުން ބަލިކޮށްލުމަށްޓަކައި މާލޭގެ ރަށްވެހީންގެ އެތައް ބައެއް ގޮވައިގެން ދޮންބަންޑާރައިން ރޭއްވެވި ރޭއްވެވުން ތިންމަސް ދުވަސްވަންދެން ސިއްރު ކުރެވިފައި އޮތީ، ގައިމު ރައްޔިތުންގެ ކިބައިގައި ނަޒާހާތްތެރިކަމެއް. އަމާނާތްތެރިކަމެއް އިޚްލާޞްތެރިކަމެއް އޮތީމާ ނޫން ތޯ؟ މި ކަންކަމުގެ އަސްލަކީ އެ ރައްޔިތުން ޤައުމާއި ދީން ދެކެ ވީ ލޯބި. ދީނާ ޤައުމުގެ އަގު އެނގުން. އިލާހީ މި ނިޢުމަތުގެ މަތިވެރިކަން އިޙްސާސް ކުރެވުން. މާތް ﷲ ނަޞްރު ދެއްވީ މި ކަންކަމުން ދިވެހި މުސްލިމު ރައްޔިތުން އެ ކަލާނގެ ދީނަށް ނަޞްރު ދީފައި ވާތީ. މި ސަބަބަށްޓަކައި ދިވެހީން ދިވެހީންގެ ގޮތުގައި ދިވެހީން ދިވެހީންގެ ސޫރައިގައި ދެމި ތިބެން ޖެހޭ. އަމިއްލަ އެދުންތަކުގައި ކޮޅުފައިން ޖަހާން ކެރުމާއެކު އަމިއްލަވަންތަކަމުގައި ކޮލުދަތުން ހިފަހައްޓަން އެނގެން ޖެހޭ.
ޢިއްޒަތްތެރި ވަޒީރު!
އެންމެހައި ހާޒިރީން!
ނަޞްރުގެ ދުވަހު ދިވެހީންގެ އަމިއްލަ އިސްތިޤުލާލަށް ޙުރުމަތްތެރިކޮށް ހިތްތެވި، ޢިއްޒަތްތެރީންގެ ނަންފުޅުތައް ހަނދާނަށް ގެންނާން ޖެހޭ.
ޗޯޅާއިންގެ އަތުން ޤައުމު ސަލާމަތް ކުރެއްވުމުގައި މަހާބަރަނަ ރަދުން
ފުށެތިލާލުން މާލެ ހިފިޔަ ނުދިނުމަށްޓަކައި ޖިހާދު ކުރެއްވި ޝަހީދުވި ޢަލީ ރަސްގެފާނާއި ވިލިނގިލީ ރާވެރިބެ.
ފުށެތިކާލުންގެ އަތުން ރާއްޖެ ސަލާމަތް ކުރެއްވުމުގައި އުތީމު މަހާރަދުން
ހޮޅީންގެ ކިބައިން ރާއްޖެ ސަލާމަތް ކޮށް ދެއްވުމުގައި ދޮންބަންޑާރައިން
އިނގިރޭސީންގެ ކިބައިން ރާއްޖެ މިނިވަން ކުރެއްވުމުގައި ރައީސް ނާޞިރު
ތަމަޅަ ޓައިގަރުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރެއްވުމުގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު
އަދި މިހާރު ވަރަށް ބާރަށް އަންނަ އޮއިވަރެއްކަމުގައި ވާ ރާއްޖޭގައި އެހެން ދީންތަކަށް ފުރުޞަތު ހުޅުވައިލުމަށް އިންޒާރު ދީ ބޭރުގެ ފަރާތްތަކުން ފުމޭ ތާޅަފިލިތަކަށް ބީރު ކަންފަތްޕުޅެއް ދެއްވައި ކަނޑައެޅިގެން އެކަމަށް ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވެ އަމަލީ ގޮތުން އެކަން ދައްކަވާ މިހާރުގެ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤަޔޫމްގެ ނަންފުޅު ފާހަގަކޮށްލަން.
ހަމަ އެންމެ ޙައްޤު ގޮތުގައި ޖިހާދު ކުރެއްވި ދިވެހި އެންމެހައި މުޖާހިދުންނަށް ތާރީފު ރައްދުކުރާ ހާލު، އެންމެހައި ޝަހީދުންނަށް ހެޔޮ ދުޢާ ކުރަން...
ދިވެހިޤައުމުގެ ފަޚުރުކަމުގައި ވާ ދިވެހި ސިފައިން!
ތިޔައީ މި ޤައުމުގެ ދިފާޢީ އައްޑަނަ. ރައްޔިތުންގެ އިތުބާރު. އުންމަތުގެ ސަލާމަތް. ގެއެއްގައި އަލިފާން ރޯވާ ވަގުތު ތިޔަ ބޭފުޅުންގެ މިންނަތުން އެ އަލިފާން ނިންވައިލަދޭ ހިނދު އަނބިދަރީންނާއި މުދާ ސަލާމަތްވި ބައްޕަޔަކަށް ތިޔަ ބޭފުޅުންގެ ޚިދުމަތުގެ ފަނަރަ މިނިޓުގެ އަގު ވަޒަން ކުރެވޭނެ. ރަށަކަށް ރާޅު ބޮޑު ރާޅު އަރައި ގޭގެ ހިފައި ގެންގުޅޭ ސާމާނާއި ކާޑާއި ކާއެތިކޮޅު ހަލާކުވެފައި ވާ އާއިލާއެއް ރަނގަޅު ޙާލަތަކަށް ބަދަލުކޮށް ކާއެތިކޮޅު ދިއްކޮށްލާ ވަގުތު ތިޔަ ބޭފުޅުންގެ އެއް މިނިޓުގެ އަގު ވަޒަން ކުރެވޭނެ. މާ ކަނޑަށް ޣަރަޤުވެ، ކަނޑުވެފައި ވާ މީހާ އަތުގައި ހިފައި އޭނާގެ ފުރާނަ ސަލާމަތްކޮށް ދޯންޏަށް ލާ ކޯސްޓުގާޑަށް ލާ ވަގުތު އޭނާއަށް ތިޔަ ބޭފުޅުންގެ ޚިދުމަތުގެ އެއްސިކުންގެ އަގު އިޙްސާސް ކުރެވޭނެ. ޙަޤީޤަތަކީމީ. ދިވެހި ޤައުމު ސަލާމަތުން އޮތުމުގައި ތިޔައިން ވަފާތެރި އެއްވެސް ފަހުލަވާނެއްގެ ހިއްސާ ހިނދުކޮޅަކަށް ވެސް ގެއްލިގެން ނުދާކަން. ކުކުޅު ބިސް ކޭހަކުން ކިނބޫ ބިހެއް ވެސް ފެނިދާނެ. އެކަމަކު އޭގެ މާނައަކީ މުޅި ބިސްކޭހަކީ ކިނބޫ ބިސް ކޭހެކޭ ނޫން. ތިޔަ ބޭފުޅުންގެ އިޚްލާޞްތެރި ޤުރުބާނީއަށްޓަކައި ޢިއްޒަތްތެރި ހުރިހައި ސިފައިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އައްސަރިބަހާ ސާބަސް ދަންނަވަން.
އާދެ! ކޮންމެއަކަސް އަޅުގަނޑުގެ ވާހަކަކޮޅުގެ ޚުލާޞާއަކީ، ދިވެހީންނަށް ދިވެހީންގެ ޝަޚުޞިއްތު އެބަ އެނގެން ޖެހެޔޭ. އަމިއްލަވަންތަކަމަށް ލޯބި ކުރާން ދަސްވާން އެބަ ޖެހެޔޭ. އެހެނީ އިންސާނާ ދިފާޢު ކުރާނީ އޭނާ ލޯބި ވާ، އޭނާއަށް އެ އެއްޗެއްގެ އަގު މުހިންމުވާ އެއްޗެއް. ޤައުމުގެ އަގު ޤައުމުގެ ރައްޔިތުންނަށް އެނގެންޖެހެނީ ޤައުމުގެ ދެމި އޮތުމަށްޓަކާ... ދޫނި ސޫފާސޫފި ވެސް އޭގެ ހާލި ވިޔެ ފުރިހަމަ ކުރަނީ ފަރުވާތެރިކަމާ ލޯތްބާ ޝައުޤާއެކީގާ.
ވަކި ވެލާ އިރު ހަމަ މި ވަގުތު ވެސް އަޅުގަނޑުގެ ޝުޢޫރުތައް އަޅުގަނޑު ގޮވައިގެން ދާން މަސައްކަތް ކުރަނީ އުތީމު މުޙަންމަދު ތަކުރުފާނު ދޫނި ހިއްޕަވައި އެ ދޫނިތައް ދޫކޮށްލެއްވި ހިތްގައިމު ތުނޑިއަށް. އެހެންކަމުން އަޅުގަނޑާއެކު އުތީމު ތުނޑިޔަށް ވަޑައިގެން މި ޝުޢޫރުތަކުގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށް ތިޔަ އެންމެހައި ބޭފުޅުން އަރިހުން އެދެން.
އުތީމު ތުނޑީގެ މެދުގައި ހުއްޓި ހުރެ ފަށަމޭ މަގޭ މި ބަޔާން
އޮތީ ކަރުނައިގެ ހިތި ޞަފުޙާތަކޭ އަޑު ނެތް ތަނަށް މަ ކިޔާން
މިތާނގެ މި ރީތި ވެލިފުއްތަކުގެ ހުދުހުދު މަރުމަރީ ވިދުމުން،
ޚިޠާބު ކުރޭ ދިވެހި މުޅި އުންމަތަށް، ހިތް އެ ފަދަ ސާފު ކުރާން
ކޮބައިހޭ އުދުހި ދިޔަ ކިރު ދޫނިތައް މިނިވަން ކުރެއްވެވިހައި؟
ކޮބައިހޭ އޭގެ ޢިބްރަތަކީ މިހާރުގެ ޖީލު ހަނދުމަ ކުރާން
އަވީގައި ހަތަރު ދަމު [ޣާޒީ] އެ ހޯއްދެވި ހުނަރު ތުއްޕުޅުއިރު،
އެވީ ޤައުމެއްގެ ކުރިމަގަށޭ ބިނާކޮށް އުއްމަތެއް އުފުލާން
މި ތުނޑިޔަށް ބޮސްދެމުން ދާ ރާޅުތައް ބުނެދީ ބަލާށެ ނިކަން
އިތުރު މާތް ހިތްޕުޅުން އިވިފައިވި ޚާލިޞް ވިންދު، ޤައުމު އަހާން
އެ ޤުރުބާނީ ހަނދާން ނައްތާ، އެ މާޒީ މާ ކަނޑަށް ފައްތާ،
މި ކުށުގައި ނުވުމަށޭ ބައިވެރި، އައީ މި ތަނަށް މި ކަރުނަ އަޅާން
ޝުކުރިއްޔާ!