www.fanvai.info

Print

ވޯރާވިޔަފާރިވެރިން އެހާ ނުފޫޒުގަދަ ބަޔަކަށްވީ ކީއްވެގެން ހެއްޔެވެ؟

ޝާޢިއުކުރީ މަރްޔަމް ސަނިއްޔާ ، ރޯޒްވިލާ / ނ. ކެނދިކުޅުދޫ . ހިމެނޭބަޔަކީ ތާރީޚް

ތަޢާރަފް

ވޯރައިންނަކީ ދިވެހިރައްޖޭގައި ވިޔަފާރިކޮށް އުޅުނު ބައެކެވެ. އަދި މިއީ އިންޑިޔަގެ ބޮމްބޭ ހިސާބުން ރާއްޖެ އައިސް އުޅުނު ބައެއްކަމަށް އަހުމަދު ޝާކިރު (2004) ހާމަކުރައްވައެވެ. މިމީހުންނަށް ދާއޫދީ ބޯރާއިން އަދި ބޯރާ ބުންބާ އިން ކިޔުނުކަމަށް އަބްދުﷲ މުފީދު (2009) ބަޔާންކުރައްވައެވެ. އަދި 'ވޯރާ' މިނަމަކީ ފަހުން މުޙައްމަދު އަމީން ދެއްވި ނަމެއް ކަމުގައިވެސް ބަޔާންކުރައްވައެވެ. ވޯރާއިންގެ ތެރޭގައި ސްރީލަންކާގެ މީހުން ތިބޭކަމަށް ވެއެވެ. އަދި އެމީހުންގެ ވިޔަފާރިތަކުގެ ވެރިން ތިބެނީ ސްރީލަންކާގައި ކަމަށާއި މާލޭގައި ތިބެނީ މުނީމުން(ސޭޓުން)ނާއި ނޯކަރުންކަމަށްވެސް އަބްދުﷲ މުފީދު (2009) ބަޔާންކުރައްވައެވެ.

މާލޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ލިބުމުގެ ކުރިން ވޯރާއިން ވިޔަފާރިކުރަމުން އައިސްފައިވަނީ މޫސުމަށް ވިސްނައިގެންނެވެ. އެގޮތުން ވަކި ދުވަސްވަރެއްގައި ވިޔަފާރިކުރުމަށް ފަހު އެނބުރި ވަޒަނަށް ދަނީއެވެ. މިގޮތަށްވިޔަފާރި ކުރި ދުވަސްވަރު ވޯރާއިން ވިޔަފާރިކުރަމުން ދިޔައީ އެބައިމީހުން ގެންނަ މުދަލުގެ ތެރެއިން ސަރުކާރުން ކަނޑައަޅާ ނުވަތަ ސަރުކާރުން ގަންނަން ބޭނުންވާ ތަކެތި ސަރުކާރުން ކަނޑައަޅާ އަގަކަށް ގަނެވިއްކާ ގޮތުގެ މަތިންގެ ކަމަށް މުޙައްމަދު ޝާތިރު (2000) ހާމަކުރައްވައެވެ. ނަމަވެސް އައްޞުލްޠާން މުޙައްމަދު އިމާދުއްދީން 4 ގެ ރަސްކަމުގައި 1857 ވަނަ އަހަރު ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ވޯރާއިންނަށް ލިބުމާ ގުޅިގެން އެބައިމީހުން ރާއްޖޭގައި ވަޒަންވެރިވެ ތިބެ ވިޔަފާރިކުރަން ފެށިއެވެ. މިގޮތަށް 105 އަހަރު ވަންދެން ވޯރާއިން ދިވެހިރާއްޖޭގައި ވިޔަފާރިކުރިއެވެ.

މިގޮތަށް ވޯރާއިން ރާއްޖޭގައި ވިޔަފާރިކުރި ދުވަސްވަރު އެބައިމީހުންގެ ނުފޫޒު ރާއްޖޭގައި އޮތީ ވަރަށް ގަދަވެފައެވެ. ވޯރާއިންގެ ނުފޫޒު ގަދަވުމުގައި ސަބަބުތަކެއް ވެއެވެ.

1) ދިވެހިރާއްޖޭގެ ސިޔާސީ އިސް ފަރާތްތައް ވޯރާވިޔަފާރިވެރިންނާ ގުޅިފައިވުން.

ވޯރާވިޔަފާރިވެރިން ދިވެހިރާއްޖޭގައި ވަޒަންވެރިވެ އެބައި މީހުންގެ ވިޔަފާރިތައް ފުޅާކުރަމުން ދިޔުމުގައި ދިވެހިންގެ ހިއްސާ ވާކަމުގައި ޤަބޫލުކުރަންޖެހެއެވެ. މިގޮތުން އަބްދުﷲ މުފީދު (2009) ބަޔާންކުރައްވާ ގޮތުގައި ވޯރާއިން ރާއްޖެ ގެނެވުނީ ރާއްޖޭގައި ސިޔާސީ ގޮތުން އެންމެ ވާދަވެރި ކަކާގެ އާއިލާ އާއި އަތިރީގެ އާއިލާއާ ދެމެދު އޮތް ވެރިކަމުގެ ދެކޮޅުވެރިކަމާއި ދަހިވެތިކަމުގައެވެ. އަތިރީގޭ އާއިލާއިން ފުރަތަމަ މިކަމާ ދެކޮޅު ހެދިކަމުގައި ވިޔަސް ފަހުން ސްރީލަންކާގެ އެންމެ އެންމެ އަރާތިބި ވޯރާ ވިޔަފާރިވެރިން މާލެގެނައެވެ. އޭގެތެރޭގައި ކަރީމްޖީ، ޖައުފަރުޖީ އަދި މުހައްމަދު އަލީ ކަރީމްޖީ ހިމެނެއެވެ. އަދި އެފަރާތްތަކުގެ އެހީގައި މިއީ ރާއްޖޭގައި ތިބި ވޯރާއިންގެ ތެރެއިން އެންމެ ބާރުގަދަ ފަރާތްތައް ކަމުގައި ފާހަގަވެގެން ގޮސްފައިވެއެވެ. އަދި އޭގެ ފަހުން ސިޔާސީ ގޮތުން ދެން އެންމެ ކުރިއަށް ތިބި އެއްގަމުގޭ މީހުން ވޯރާވިޔަފާރި ވެރިންނަ ގުޅިގެން މަސައްކަތް ފެށިއެވެ. އަހުމަދު ޝާކިރު (2004) ހާމަކުރައްވާ ގޮތުގައި އޭރު ރާއްޖޭގެ ބޮޑުން ތިބެނީ ވޯރާއިން ބުނިގޮތެއް ހަދައިގެންނެވެ. ސިޔާސީ ގޮތުން ބާރުގަދަ ފަރާތްތަކުން ވޯރާއިންނާ ގުޅިފައި ވުމުން ރާއްޖޭގައި ވޯރާވިޔަފާރިވެރިންނަކީ ނުފޫޒު ގަދަ ބައެއްކަމުގައި ވެގެން ގޮސްފައިވެއެވެ.

2) ވޯރާވިޔަފާރިވެރިންނަކީ ރާއްޖޭގެ ރަދުންނާއި ދިވެހިންނަށް މަޤުބޫލު ބަޔަކަށް ވެފައިވުން.

ވޯރާއިން ރާއްޖެ އައިއިރު ދިވެހިންގެ ދިރިއުޅެނީ މަސްވެރިކަމާ ދަނޑުވެރިކަމުން ލިބޭ މަންފާއަކުންނެވެ. ވޯރާއިން އައިސް ރާއްޖޭގައި ވިޔަފާރިކުރަން ފެށުމުން ބޭރުން އެތެރެ ކުރެވޭ ތަކެއްޗާމެދު ދިވެހިންގެ ޝައުޤުވެރިކަން އިތުރުވެގެން ގޮސްފައިވެއެވެ. މީގެ އިތުރުން ވޯރާއިން ރާއްޖެ އައިތާ ކުރީކޮޅު ލިބެންފެށި ފައިދާތަކުގެ ސަބަބުން، ވޯރާއިންނަކީ ރަދުންވެސް ވަރަށް ގަޔާވާ ބަޔަކަށް ވިއެވެ. މުޙައްމަދު ނަޝީދު (އަހަރު ނެތް) ބަޔާންކުރައްވާފައިވަނީ ނޫރައްދީން ބަންޑާރައިންނާ ވޯރާއިންނާ މާގާތް ގުޅުމެއް އޮންނަކަމަށާއި، ރަދުން އަބަދުވެސް މަސައްކަތްޕުޅު ކުރައްވަނީ ވޯރާއިންނަށް ނަފާވާ ގޮތަށެވެ. ދިވެހިންގެ ރުހުން ލިބިފައިވުމާއި ރަދުންގެ ތާއީދު ލިބިފައިވުމުން ވޯރާއިން ބޭނުންވާ ގޮތަށް ކަންކަން ހިންހުމަށް މަގުފަހިވެގެން ގޮސްފައިވެއެވެ. މިކަމުގެ ސަބަބުން ވޯރާއިންގެ ބާރު ރާއްޖޭގައި ގަދަވެގެން ގޮސްފައިވެއެވެ.

3) ވޯރާއިން ރާއްޖޭގައި ވިޔަފާރިކުރުމަށް އެކަށީގެންވާ ޤަވާޢިދުތަކެއް ހެދިފައި ނެތުމާއި ވިޔަފާރީގެ ރަނގަޅު ނިޒާމެއް ޤާއިމުވެފައި ނެތުން.

ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ ވޯރާއިންނަށް ލިބުމާ ގުޅިގެން ދާއިމީގޮތެއްގައި ރާއްޖޭގައި ތިބެގެން ވިޔަފާރި ހިންގަމުން ގެންގޮސްފައިވާ ކަމަށް މުޙައްމަދު ޝާތިރު (2000) ހާމަކުރައްވައެވެ. އަދި މިގޮތަށް ބޭރުބަޔަކަށް ވިޔަފާރި ކުރުމުގެ ހުއްދަ ދެވިފައިވަނީ އެކަށީގެންވާ ޤަވާޢިދުތަކެއްގެ މަތިން ނޫންކަމަށް ހާމަކުރައްވައެވެ. އެދުވަސްވަރު ރާއްޖޭގެ ވިޔަފާރިތައް ހިނގަމަށް ކަނޑައެޅިފައިވާ ރަނގަޅު ނިޒާމްތަކެއް ހަމަޖެހިފައި ނުވާކަމަށްވެސް ހާމަކުރައްވައެވެ. މީގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ ވޯރާއިން ބޭނުންގޮތަކަށް އެބައިމީހުންގެ ވިޔަފާރިތައް ކުރިއަށް ގެންދުއުމަށް މާބޮޑު ހުރަސްތަކެއް ކުރިމަތިވަމުން ނުދިއުމެވެ. މިކަމުގެ ފައިދާނަގައި ވޯރާއިންގެ ވިޔަފާރި ބޭނުންގޮތަކަށް ކުރިއަށްގެންގޮސް އެމީހުންގެ ވިޔަފާރީގެ ބާރު ގަދަކުރަމުން ގެންގޮސްފައިވެއެވެ.

4) ދިވެހި ދައުލަތް ވޯރާވިޔަފާރިވެރިންނަށް ދަރަނިވެރިވެފައިވުމާއި އިމްޕޯޓް އެކްސްޕޯޓް އެމީހުންގެ އަތްދަށުގައި ވުން.

ވޯރާއިން ރާއްޖެ އައުމާއެކު ދިވެހިންގެ އުފެއްދުންތައް މަދުވެ ވޯރާއިންނަށް ބަރޯސާވަމުން ދިޔައެވެ. ވޯރާއިންގެ މުދާ ނުއަގުގައި ވިއްކަން ފެށުމުގެ ނަތިޖާއަކަށް ވެގެން ދިޔައީ ދިވެހިންގެ ބޯޓުތަކުން ގެންނަ މުދާ ނުވިކުމެވެ. އަދި ދިވެހިން ގެންގުޅެމުން އައި ބޯޓްތައް ވޯރާއިންނަށް ހެޔޮއަގުގައި ވިއްކާލިއެވެ. މިކަމުގެ ސަބަބުން ވިޔަފާރީގެ ގޮތުން ރާއްޖެއަށް އާމްދަނީ ލިބޭނެ ހުރިހާ ދޮރެއް ވަނީ ގާތްގަނޑަކަށް ބަންދުވެފައި ކަމަށް އަބްދުލް ޙަކީމް ޙުސައިން މަނިކު (1997) ހާމަކުރައްވައެވެ. ދިވެހި ސަރުކާރުގެ ފަރާތުން ލޭންދޭނުގެ ގޮތުގައި ވޯރާއިންގެ އަތުން އެތައް މުދަލަކާއި ފައިސާއެއް ނެގުމުގެ ސަބަބުން ދައުލަތް އޮތީ ވޯރާއިންނަށް ދަރަނިވެރި ވެފައިކަމަށް ނަސީމާ މުޙައްމަދު (2010) ބަޔާންކުރައްވައެވެ. ދައުލަތަކަށް އެންމެ ގިނަ ފައިސާ ލިބޭނެ އެއްދޮރަކީ އިމްޕޯޓް އެކްސްޕޯޓް ކަމުގައި ވީހިނދު، ރާއްޖޭގެ އިޤްތިޞާދު އޭރު އޮތީ ހިލޭކަހަލަ ގޮތަކަށް ވޯރާއިންގެ އަތްމައްޗަށް ދޫކޮށްލެވިފައި ކަމަށް އިންރާހިމް ޝިހާބު (1990) ބަޔާންކުރައްވައެވެ. މިކަމަށް އިޝާރާތްކުރައްވާ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1990) ހާމަކުރައްވާ ގޮތުގައި އިމްޕޯޓް ޑިއުޓީ ނެގެނީ މަދު މުދަލަކުންކަމަށާއި އެކްސްޕޯޓް ޑިއުޓީ ނެތްކަމަށެވެ. އަދި ޑިއުޓީ ނަގަން އުޅޭ ކޮންމެ ފަހަރަކު އެކަމަށް ވޯރާއިން ހުރަސްއަޅާ ކަމުގައިވެސް ބަޔާންކުރައްވައެވެ. މިކަންކަމުގެ ސަބަބުން ދައުލަތަށް ފައިސާ ލިބޭނެ އިތުރު ގޮތްތަކެއް ނެތުމުގެ ސަބަބުން އެ ދަރަނި އަދާކުރެވޭނެ ގޮތެއްވެސް ނެތްކަމަށް އަހުމަދު ޝާކިރު (2004) ހާމަކުރައްވައެވެ. މީގެ ނަތީޖާއަކީ ވޯރާއިން ބޭނުންވާ ގޮތަށް ކަންކުރުމަށް ދިވެހި ދައުލަތަށް ޖެހުމެވެ.

5) ހޭލުންތެރިކަމާ ތަޢުލީމީ ފެންވަރު ދިވެހިންގެ ނެތުން.

ވޯރާއިން ރާއްޖޭގައި ވިޔަފާރި ކުރަމުން ދިޔަ ދުވަސްވަރަކީ ދިވެހިންގެ މެދުގައި ތައުލީމު އާއްމުވެފައިވާ ދުވަސްވަރެއް ނޫނެވެ. އެހެން ކަމުން ވިޔަފާރީގެ ކަންކަމުގައި ވޯރާއިން ގެންގުޅެމުންދިޔަ މަކަރުވެރި ގޮތްތައް ފާހަގަނުކުރެވުނީއެވެ. އަހުމަދު ޝާކިރު (2004) ބަޔާންކުރައްވާ ގޮތުގައި އޭރު ދިވެހިންނަށް ވިޔަފާރީގެ ތެރެއަށް ވަދެވިފައި ނެތުމާއި ވިޔަފާރިއާ މެދު ދުރަށް ވިސްނިފައި ނެތުމުން ވޯރާއިން، އެމީހުންނަށް ހުރިހާ ފައިދާއެއް ލިބޭގޮތަށް ވިޔަފާރިތައް ހިންގަމުން ދިޔައިރުވެސް ދިވެހިން ތިބީ އެކަމަށް ސަމާލުނުވެއެވެ. ވޯރާއިންނަކީ ވަރަށް ރަނގަޅަށް ވިޔަފާރި ދަންނަބައެއް ކަމަށާއި އަދި މަކަރުވެރިބައެއްކަމަށް އަބްދުﷲ މުފީދު (2009) ހާމަކުރައްވައެވެ. އަދި މިކަންކަމުގެ ބޭނުންކޮށްގެން ދިވެހިންގެ ތެރެއަށް އެމީހުންގެ ނުފޫޒު ފޯރުވާފައިވެއެވެ.  

ނިންމުން.

ވޯރާވިޔަފާރިވެރިން ރާއްޖެ އައިސް ވިޔަފާރި ކުރަން ފަށާފައިވަނީ ދިވެހިންގެ ފަރާތުން ލިބުނު ފުރުޞަތުތަކެއްގެ އެހީގައެވެ. އަދި މިގޮތަށް ވިޔަފާރި ކުރި ދުވަސްވަރު އެބައިމީހުންނަކީ ނުފޫޒު ގަދަބަޔަކަށް ވެގެން ގޮސްފައިވެއެވެ. މިކަމުގެ ސަބަބުތަކަކީ އޭރު ދިވެހިރާއްޖޭގެ ސިޔާސީ އިސް ފަރާތްތައް ވޯރާވިޔަފާރިވެރިންނާ ގުޅިފައިވުން، ވޯރާވިޔަފާރިވެރިންނަކީ ރާއްޖޭގެ ރަދުންނާއި ދިވެހިންނަށް މަޤުބޫލު ބަޔަކަށް ވުން، ވޯރާއިން ރާއްޖޭގައި ވިޔަފާރިކުރުމަށް އެކަށީގެންވާ ޤަވާޢިދުތަކެއް ހެދިފައި ނެތުމާއި ވިޔަފާރީގެ ރަނގަޅު ނިޒާމެއް ޤާއިމުވެފައި ނެތުން، ދިވެހި ދައުލަތް ވޯރާވިޔަފާރިވެރިންނަށް ދަރަނިވެރިވެފައިވުމާއި އިމްޕޯޓް އެކްސްޕޯޓް އެމީހުންގެ އަތްދަށުގައި ވުން އަދި ދިވެހިންގެ ވިޔަފާރީގެ ކަންކަމަށް ހޭލުންތެރިކަން ކުޑަކަމާއި ތަޢުލީމީ ފެންވަރު ނެތުމެވެ. އެއްވެސް އިންސާފެއް ނެތި ވޯރާއިން ރާއްޖޭގައި ވިޔަފާރި ކުރަމުން ދަނިކޮށް އެބައިމީހުން ރާއްޖެއިން ފޮނުވާ ލެވުނީ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައެވެ.

ރިފަރެންސް ލިސްޓް

ނަސީމާ މުޙައްމަދު. (2010). ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

އަހުމަދު ޝާކިރު. (2004). ވިހިވަނަ ޤަރުނުތެރޭގައި ދިވެހިރާއްޖެ 1. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ  މަރުކަޒު.

އަބްދުﷲ ޙަކީމް ހުސައިން މަނިކު. (1997). އިއްޔެ. މާލެ: ނޮވެލްޓީ ޕްރެސް.

އަބްދުﷲ މުފީދު. (2009). ކުރީގެ ވިޔަފާރި އާއި ބާޒާރުމަތި. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕްބަލިޝަރސް  ޕވޓ ލމޓ.

އިބްރާހިމް ޝިހާބު. (1990). ރާއްޖޭގެ ވެރިކަމުގެ ތާރީޚުގެ ތެރެއިން އައްޞުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

މުޙައްމަދު ނަޝީދު. (އަހަރު ނެތް). ދަގަޑުދަހަނާ. މާލެ: މާލޯފާނު ޕަބްލިޝަރސް.

މުޙައްމަދު އަމީން. (1990). ދިވެހި ތާރީޚަށް އައު އަލިކަމެއް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

މުޙައްމަދު ޝާޠިރު. (2000). ވޯރާވިޔަފާރިވެރިން ސަތޭކަ ފަސް އަހަރު ވަންދެން ރާއްޖޭގެ ވިޔަފާރި ކޮންޓްރޯލް ކުރި.  ފުރަދާނަ (25)، 33-32.

www.fanvai.info