އަދުގެ ޚާއްސަ

Print

ދިވެހި މަސައްކަތްތެރިކަން

ޝާޢިއުކުރީ އުނައިސް . ހިމެނޭބަޔަކީ އާދަކާދަ

ފެށުން

މި މަޒުމޫނުގައި އަޅުގަނޑު ހިމަނާލާނީ ދިވެހި މަސައްކަތްތެރިކަމުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ތިން މަސައްކަތަކާއި ބެހޭ މަޢުލޫމާތެވެ. އެއީ ދަނޑުވެރިކަމާއި، ވަޑާންކުރުމާއި ކުނާވިޔުމެވެ. އަދި އެ މަސައްކަތްތައް ކުރާގޮތާއި، މަސައްކަތުން ލިބޭ ނަފާ އާއި އަދި މި މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި ބެހޭ މަޢުލޫމާތެވެ. މިފަދަ މަސައްކަތްތަކަކީ މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ މަސައްކަތްތަކެވެ.

ދަނޑުވެރިކަން

ދަނޑުވެރިކަމަކީ ދިވެހިން އިހުޒަމާނުއްސުރެ ކައިބޮއެ އުޅުމަށް ކުރަމުން އައި މަސައްކަތެކެވެ. ދިވެހިރާއްޖޭގައި ގޯތިތެރެއާއި ބޮޑެތި ބިން ތަކުގެ އިތުރުން ފަޅު ރަށްރަށުގައިވެސް ދަނޑުވެރިކަން ކޮށް އުޅެއެވެ.

މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު:

އުދަލި

ފެންދޭ ކުރާ

ގަހަށް ޖަހާ ބޭސް       

ގަހަށް ބޭސް ޖަހާ ފުޅި               

ގަސްކާނާ

 

މަސައްކަތް ކުރާގޮތް:

ބިމުގައި ގަސް އިންދުމަށްޓަކައި ފުރަތަމަ ބިމުގައި ހުންނަ ވިނަ ގަސްތައް އުފުރާ، ބިމުގައި ފަސްގަނޑު ޖަހައެވެ. އެއަށް ފަހު ބިމުގެ ވެއްޔާ ގަސް ކާނާ އެއްކޮށް ރަނގަޅަށް ތައްޔާރު ކުރެއެވެ. ދެން ބިމުގައި ގަސް ނުވަތަ ގަހުގެ އޮށް އިންދައެވެ. އަދި ކޮންމެ ދުވަހަކުވެސް ގަސްތަކަށް ފެންދިނުމާއި، ގަސްތަކަށް ކާނާ އެޅުމަކީ މުހިންމު ކަމެކެވެ. އަދި ބަލިޖެހުމުން ގަސްތަކަށް ބޭސް ޖަހައެވެ. މިކަމުގެ ސަބަބުން ގަސްތަކަށް ބަލިޖެހުމުން ދުރުވެ، ގަސްތަށް ރަނގަޅު ސިއްހަތުގައި ހުރުމަށް މަގުފަހިވެއެވެ.

މަސަތްކަތުން ލިބޭ ނަފާ:

ދަނޑުވެރިކަން ކުރަން ފެށުމަށްޓަކައި ގިނަ އަދަދެއްގެ ފައިސާ ބޭނުން ވާނެއެވެ. ނަމަވެސް ތިން ހަތަރު މަހުގެ ތެރޭގައި ދަނޑުތަކުން ފައިދާ ލިބެން ފަށައެވެ. އަދި އެންމެ ރަނގަޅަށް ގަސްތައް ބެލެހެއްޓިއްޖެނަމަ ގަސްތަކުން ލިބޭ ފައިދާ ދާނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ.

ކުނާވިޔުން

ކުނާ ވިޔުމަކީ ދިވެހިން ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތެވެ. މި މަސައްކަތަކީ ވަރަށް ކެތްތެރިވެގެން ނޫނީ ނުކުރެވޭނެ ފަދަ މަސައްކަތެކެވެ. ވަރަށް މުރާލިވެގެން ނޫނީ ނުކުރެވޭނެ އުނދަގޫ މަސައްކަތެކެވެ. ކުނަލެއް ވިޔެލުމަކީ ވަރަށް ގިނަ ވަގުތު ބޭނުންވާ ކަމެކެވެ.

މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު:

ވަލުތެރޭގައި ވިނަޔަކަށް ހެދިފައިވާ ހައި ގަސް

ދިއްގާ ގަހުގެ ތޮށިން ތައްޔާރުކުރާ ވަކަ

ލަކުޑީގެ ފަތިގަނޑެއް

އޮށިން ހަދާފައިވާ ވެން

ކުނާވިޔާ ހަރު

މަސައްކަތް ކުރާގޮތް:

އެންމެ ފުރަތަމަ، ހޯދި ވަކައިން ކާއްޔަށް ފަށް ލައްވާނީއެވެ. ދެން އެއަށްފަހު، ފަތިގަނޑާއި އެކު ކުނާވިޔާ ހަރަށް ފަށް ފުރާނީއެވެ. ދެން ހައި ދޮވެގެން، އަވީލާ ހިއްކާފަ ހައި ކަހާނީއެވެ. މިއަށްފަހު ކުނާވިޔަން ފަށަންވީއެވެ. އެންމެ ފުރަތަމަ، އެއްފަށް ދަށުން އަނެއްފަށް މަތިން ވެން، ހަރުގެ އެއްކޮޅުން އަނެއްކޮޅަށް ލައްވާނީއެވެ. ދެން ވެނުގެ ކޮޅުގައިވާ ވިދަކަށް ހައި ލެއްވުމަށްފަހު، ވެން ލެއްވި ކޮޅުން ދަމައިގަންނާނީއެވެ. ދެން ފަތިގަނޑުން ޖައްސާ ކައިރި ކޮށްލާނީއެވެ. މިހެން ލައްވާއިރު ލައްވާނީ ކޮންމެ ދެފަށުން އެއްފަށް މައްޗަށް ނަގާފައެވެ. އަދި ކޮންމެ ފަހަރަކު ފަތިގަނޑުން ޖައްސާ ކައިރި ކޮށްލާށެވެ. ހަރު ފުރުމުން ހުރިހާ ކޮޅެއް ބައްދާނީއެވެ.

މަސައްކަތުން ލިބޭ ނަފާ:

ކުރީޒަމާނުގައި މީހުން ނިދާ އެނދުގައިވެސް ކުނާ އަޅައެވެ. އަދި މިހާރު ކުނަލަކީ  ވަރަށް އަގުބޮޑުކޮށް ވިކޭ ރީތި އެއްޗެކެވެ. މިހާރުވެސް ބައެއްމީހުން ކުނާ ބޭނުން ކުރެއެވެ.                

ވަޑާންކުރުން

ވަޑާން ކުރުމަކީ ދިވެހިންގެ ދިރިއުޅުން ފުރިހަމަ ކުރުމަށްޓަކައާއި، އިޤްތިސާދު ކުރިއެރުވުމަށްޓަކައި ދިވެހިން ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތެވެ. މައިގަނޑު ގޮތެއްގައި ވަޑާންކުރުން ބެހިފައިވަނީ ދެބަޔަކަށެވެ. އެއީ ކިއްސަރު ވަޑާމާއި ތެދުއުއި ވަޑާމެވެ. ކިއްސަރު ވަޑާމަކީ ބޯޓު ބިލްޑިންއެވެ. މި ވަޑާމަށް މާވަޑާން ނުވަތަ އޮޑި ވަޑާންވެސް ކިޔާ އުޅެއެވެ. ތެދުއުއި ވަޑާމަކީ އޮޑިދޯނި ފަހަރު ބަނުމުގެ ތެރޭގައި ނުހިމެނޭ އެފަންނުގެ މަސައްކަތެކެވެ.  

މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު:

ކީސް

ފުރޯ

މަރުތެޔޮ

ރޮންދާ

ލަކުޑި

ވަކަރު

މޮހޮރު

މަސައްކަތް ކުރާގޮތް:

 

ވަޑާން ކުރުމަށްޓަކައި އެންމެ ފުރަތަމަ ބޮޑެތި ލަކުޑި ގަނޑުގަނޑު ކީހަނީއެވެ. އެއަށްފަހު އެ ލަކުޑިގަނޑު ރޮންދާޔަކުން މަށަނީއެވެ. އޮޑިދޯނިފަހަރު ފަދަ ތަކެތި ބަންނައިރު ވަކަރާއި ލަކުޑި ވެސް ބޭނުންވެއެވެ. ވަކަރާއި ލަކުޑި ހޯދަނީ ބޮޑެތި ގަސްގަހާއި ބޮޑެތި ރުއް ކަނޑައިގެންނެވެ.

މަސައްކަތުން ލިބޭ ނަފާ:

ވަޑާންކުރާ މީހުންނަކީ ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ބައެކެވެ. އެމީހުން ވަޑާންކޮށްގެން އުފައްދާ އެއްޗެހި ވިއްކަނީ ވަރަށް އަގުބޮޑު ކޮށެވެ. ނަމަވެސް ހިތާމައަކީ މިހާރު މިމަސައްކަތް ކުރާ މީހުން، ދުވަހެއް ދުވަހަކަށް މަދުވަމުން އަންނަކަމެވެ.

ނިންމުން:

ފުދޭވަރަކަށް ގިނަ މަޢުލޫމާތުތަކެއް އެނގިއްޖެ ނޫންހެއްޔެވެ؟ ނަމަވެސް މިއީ ވަރަށް މަދު މަސައްކަތް ކޮޅެކެވެ. ދިވެހި މަސައްކަތްތެރި ކަމުގެ މަދު މިންވަރެކެވެ. އަދި މިމަޢުލޫމާތުތަކުން އެނގުނީ މިމަސައްކަތްތައް މިހާރު މަޑުމަޑުން ފޮހެވެމުންދާ ކަމެވެ. އަންނަން އޮތް ޖީލުތަކަށް، އަހަރެމެންގެ ކާބަފައިންގެ މަސައްކަތްތަކުގެ މަޢުލޫމާތު ރައްކާތެރިކަމާއިއެކު ފޯރުކޮށް ދިނުމަކީ އަހަރެމެންގެ ޒިންމާއެކެވެ. ވީމާ، އެންމެން އެކުގާ އަހަރެމެންގެ މިޒިންމާ އަދާކުރަން ހިނގާށެވެ.

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ