www.fanvai.info

Print

ހިޔަންޏަށް މުޑި ނެގުން

ޝާޢިއުކުރީ މާހިދު މުޙައްމަދު / ފްރެޝްކޯނަރ / ނ. ހެނބަދޫ . ހިމެނޭބަޔަކީ ސަމާސާ އަދަބު

އަހަރެންނަކީ ބޮނޑިބަތުގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އަހަރެންގެ އަންހެނުން މިރެއަށް ބޮނޑިބަތް ކައްކާ ވާހަކަ ބުނީއްސުރެ އަހަރެން ހުންނަނީ ކުޅު ދިޔާވެފައެވެ. ސޮނިފައިބާ ވަރުގައެވެ. ވާނީވެސް އެހެންނެވެ. ބޮނޑިބަތްކޮޅެއް ކާލަން ނުލިބޭތާ ހާދަ ޒަމާނެއް ވެއްޖެއެވެ. މިރޭ ރަނގަޅަށް ކާލާނަމެވެ. ކެއުމަށް ތައްޔާރުވަންދެން އަހަރެން އިނީ ފާޚާނާގައެވެ. ބަނޑު ހުސްކުރާށެވެ. ގިނައިން ކެވޭނީ އޭރުންނެވެ.

ރޭގަނޑު އަށެއް ޖަހައިފިއެވެ. ކާން ތައްޔާރުވެއްޖެއެވެ. ކާކޮޓަރިން ދުވި ބޮނޑިބަތް ވަހުންވެސް ހިތާހައްޓާބެދިއްޖެއެވެ. ބަލަން ނުހުރެ ހަރަކުން ދޫކޮށްލި މިސައިލެއްހެން ގޮސް އަވަހަށް މޭޒު ކައިރީ ހުރި ގޮނޑިއެއްގައި އިށީނދެފީމެވެ. ރަނގަޅަށް ގޮނޑީގައި ހަމަޖެހެލިތަނާ ގޮނޑިއާއެކު އެ ވެއްޓުނީ ތަޅުންގަނޑު މައްޗަށެވެ. އުނަގަނޑަށް ވީތަދުން ހަޅޭއްފަޅޭއްޖަހައިގަނެވިއްޖެއެވެ. ބަދައެއް ބިންދައިގެން ދިޔައީ ކަންނޭނގެއެވެ. މިކަހަލަ ކެހި އިންސާނުންނަށް ދޭން ހެޔޮނުވާނެއެވެ. ވާނުވާ ބެލިއިރު އިށީނދެވުނީ އެއްފައި ނެތް ގޮނޑިއެއްގައެވެ. ނަމަވެސް ވާތަދަކަށް ނުބަލައި އަނެއްކާވެސް ޖެހިގެން ހުރި ގޮނޑީގައި އިށީނދެފީމެވެ.

 

ފުރަތަމަ ސަމުސާ އަނގައަށްލާން ތައްޔާރުވިތަނާ އެދިޔައީ ގެއިން ކަރަންޓެވެ. މުޅި ދުނިޔެއިން ފިއުޒު ދިޔައީ ކަންނޭނގެއެވެ. މިވީ ކިހާ ދެރަ ކަމެއްހެއްޔެވެ؟ ބަލާކަށް ނުހުރެ އުއްބައްތިއެއް ހިފައިގެން އައިސް ރޯކޮށްލައިފީމެވެ. "އަމައްޔާއި" ރޯވި ހުޅުކޮޅާއެކު ފެނުނީ ކަޅު ބަރުވެރި މީހެކެވެ. ފޫޅުދިގު ހަންޑި ހެއްޔެވެ؟ ނަމަވެސް ފޫޅެއް ނެތެވެ. ހާދަހާ ބޮޑު މީހެކެވެ. ހާދަހާ ކަޅެވެ. ގަތް ބިރުން ދުއްވައިގަނެފީމެވެ.

އިރުކޮޅެއްފަހުން ކާގެއަށް ބޯ ދިއްކޮށްލީމެވެ. އޭތި ފެންނާކަށް ނެތެވެ. ތަންތަން ހޯދަމުން ކާގެއަށް ވަދެވިއްޖެއެވެ. ކަމަކުދާކަށް ނެތެވެ. އަހަރެންގެ ކުރިމަތީގައި އެބަހުއްޓެވެ. އަހަރެން ކުރާހާ ކަމެއް އޭތި ކުރެއެވެ. އަޖައިބެކެވެ. މެންދުރުކާޅެއްހެން އަނގަހުޅުވައިފައި ހުރެވިއްޖެއެވެ. މިފަހަރު އަހަރެންގެ ގާތަށް އައީ ރުޅިއެވެ. އަށްޑިހައަށް އަރަނީއެވެ. ރަންކަނިޖަހަން ފަށައިފިއެވެ. ކަންކަށްޓަށް އަތްދޮވެލަން ހޫރާލި އަތް ގޮސް އެޖެހުނީ ފާރުގައެވެ. އެއީ އަދި އަތްލެވޭ އެއްޗެއްވެސް ނޫނެވެ. މޭޒުމަތިން ފުރަތަމަ އަތުޖެހުނު އެތި އެއާ ދިމާލަށް އެއްލައިފީމެވެ. އެއަށް އެއްގޮތެއްވެސް ނުވިއެވެ. ސިއްސައިގެސްގޮސް ބަލައިލެވުނީ އެއްލާލެވުނު ތަބައް ތެރެއިން ފޭބި ބޮނޑިބަތްތަކަށެވެ. އެ އެއްލައިލެވުނީ މޭޒުމަތީގައި ހުރި ބޮނޑިބަތް ތަބަކެވެ. އަހަރެންގެ ހިތް ކުދިކުދިނުވީ ހަމަ ކިރިޔާއެވެ. ވީދެރައިންނާއި ހިތަށް ކުރި ބުނަން ނޭނގޭފަދަ ފުން އަސަރަކުން ލޮލުން ކަރުނައައިސް ރޮވިއްޖެއެވެ.

އެތައި ހުއްޓައި ކަރަންޓު އައިސްފިއެވެ. މިވީ ކިހިނެތް ހެއްޔެވެ؟ މިހާރު އެމީހާއެއް ނެތެވެ. އަހަންނަށް އެ ހަނގުރާމަ ކުރެވުނީ މަގޭ ހިޔަންޏާއެވެ. އެކަމަކު އުއްބައްތި ދިއްލާފައި ހުންނައިރު ހިޔަނި ހާދަ ބޮޑުވެފައި ކަޅެވެ.

- - ނިމުނީ - -

www.fanvai.info