އަދުގެ ޚާއްސަ

Print

ކޮވިޑްނަވާރައާ ގުޅިގެން އިސްލާމީ އާދަތަކަށް ފޯރާ އަސަރާއި އިސްލާމް ދީނުގެ ފަހެލިކަން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ދީން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

މުޅި ދުނިޔެއަށް ފަހުގެ ތާރީޚެއްގައި ދިމާވެފައި ނުވާ ފަދަ ދަތި އުނދަގޫ ދުވަސްވަރަކާ މުޅި ދުނިޔެ މިއަދު ވަނީ ކުރިމަތިވެފައެވެ. އާދޭހެވެ! "ކޮވިޑް 19"ގެ  އުނދަގޫތަކާ މުސްލިމު އުއްމަތްވެސް ވަނީ ކުރިމަތިލާންޖެހިފައެވެ. އިސްލާމް ދީނަކީ ކޮންމެ ޙާލަކާއި ކޮންމެ ޒަމާނަކަށް ފެތޭ ފުރިހަމަ ދީނެކެވެ. އެހެންކަމުން މުސްލިމުންގެ ދީނީ އަދި އިޖުތިމާޢީ އާދަތަކަށް ބަދަލުގެނެސް، މި އުނދަގޫތައް ތަޙައްލުކުރުމުގެ ޤާބިލުކަން މުސްލިމުންނަށް ވަނީ ލިބިފައެވެ. އެކަންކަމާ މުސްލިމުން ގެންދަނީ ހުރިހައި މާނައެއްގައި އެއްބާރުލުން ދީ އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އިސްލާމް ދީނަކީ ހުރިހާ ޒަމާނަކާއި ހުރިހާ މަކާނަކާއި ހުރިހާ ޙާލަތަކަށް ފެތޭ ފުރިހަމަ ދީނެއްކަން މިއަދުގެ މި އުނދަގޫ ޙާލަތުންވެސް އަންނަނީ އިތުރަށް ސާބިތުވަމުންނެވެ. ކުޑަވެސް ޝައްކެއް ނެތެވެ. އިސްލާމް ދީނަކީ ޢާލަމީ ދީނެވެ. ހުރިހައި އިންސާނުން އުޅޭން ޖެހޭ ދީނެވެ. އެއީ ﷲގެ ޙަޟުރަތުގައި ޤަބޫލުފުޅުކުރެއްވިގެންވާ ހަމައެކަނި ދީނެވެ.

 

އިޖުތިމާޢީ އާދަތަކަށް ބަދަލުގެންނާން މަޖުބޫރުވުން:

މުސްލިމުންނަކީ (ހުޅަނގުގެ) ޣައިރު މުސްލިމުންނާ ޚިލާފަށް ގާތްތިމާގެ މީހުންނާއި ދުރުތާ ތިމާގެ މީހުންގެ މެދުގައި ގުޅުންތައް ޤާއިމުކުރަމުން އަންނަ ބަޔެކެވެ. ކައު ސާހިބާ ވަނީ މިކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައި އެކަމަށް ހިތްވަރުދެއްވައިފައެވެ. ޢާއިލީ ގުޅުން ދެމެހެއްޓުމަށް އިރުޝާދުދެއްވައިފައެވެ. ކީރިތި ޤުރުއާން ވަނީ ގާތްތިމާގެ މީހުންނަށް ދީލަތިވެ، ހެޔޮކޮށް ހިތާން މުސްލިމުންނަށް ދަސްކޮށްދީފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގެ ތަރުޖަމާގައިވެއެވެ. "ހަމަކަށަވަރުން،عدلވެރިވުމަށާއި،إحسانތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّهއަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި،منكراتތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް،وعظއިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ." (سورةالنّحل:90)

އަދި މައިންބައިންނަށް، ޚާއްޞަކޮށް އެބައިމީހުން ޢުމުރުން ދުވަސްވުމުން އެ މީހުންނަށް ޢަދުލުވެރިވެ ހެޔޮކޮށް ހިތައި އިޙުސާންތެރިވާން ވެސް ކީރިތި ޤުރުއާނުގައި މާތް ﷲ އަމުރުކުރައްވައި އިރުޝާދުދެއްވައިފައިވެއެވެ. އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގެ ތަރުޖަމާގައިވެއެވެ. "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُفވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!" (سورةالإسراء:23)

އިސްލާމް ދީނުގެ މި މަތިވެރި ތަޢުލީމުގެ ނަތީޖާއެއްގެ ގޮތުން ފެތުރިފައިވާ (އެކްސްޓެންޑެޑް) ބޮޑެތި ޢާއިލާތައް އެކުގައި ދިރިއުޅުމަށް ވަނީ އާދަކޮށްފައެވެ. އަދި ޢާއިލާ މާބޮޑުވެ، ދިރިއުޅުމުގެ ވަސީލަތްތައް ހުންނަ ގޮތުން ވަކި ގެދޮރުގައި ދިރިއުޅުނަސް ގިނަގިނައިން އެއްބަޔަކު އަނެއް ބަޔަކަށް ޒިޔާރާތްކޮށް އެކުގައި ކެއުމާއި ކަންކަން ހިއްސާ ކޮށް އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދީ ގުޅުން ދަމަހައްޓައެވެ.

މިއަދު ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާ ވައިރަހުގެ ޢާލަމީ ވަބާގެ ސަބަބުން އިޖުތިމާޢީ ގައިދުރުކަން ޚިޔާރުކުރާން ވަނީ ޖެހިފައެވެ. ގިނަ މީހުން އެއްތާކަށް އުއްވުމާއި ކޮންމެހެން ދާން ޖެހުނު ތާކަށް ނޫނިއްޔާ ނުގޮސް ގޭގައި ތިބޭން ވަނީ މަޖުބޫރުވެފައެވެ. އިސްކޫލުތަކާއި ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮންނަ މުއްދަތު ހަފުތާއަކުން ހަފުތާއަކުން އިތުރުވަމުން ދަނީއެވެ. ކޮންމެހެން ޟަރޫރީ ބޭނުމެއް ޖެހިގެން ނޫނީ ގެއިން ނުނުކުތުމަށާއި އެހެން މީހުންނަށް ޒިޔާރާތްނުކުރާން ޞިއްޙީ އިދާރާތަކުން އިރުޝާދުދެއްވަނީއެވެ. މި ހުރިހާ ފިޔަވަޅުތަކަކީ ވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންމެންވެސް ހެޔޮ ހިތުން ގަބޫލުކުރާންޖެހޭ ފިޔަވަޅުތަކެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ހުކުރު ދުވަހަކު އެއް މޭޒެއްގެ ދޮށުގައި، ފެތުރިފައިވާ ބޮޑެތި ޢާއިލާތައް އެއްވެ، އެކީ ކައިބޮއި ހެދުމުގެ އާދައަށް މިވަނީ ހުއްޓުމެއް އައިސްފައެވެ. އަދި ގާތްތިމާގެ މީހަކަށް ފޯނުކޮށްލުން ފިޔަވައި އިތުރު ގުޅުމެއް ބާއްވާން މިއަދު މިވަނީ ދަތިވެފައެވެ. އެކަމަށް ނުކުޅެދިފައެވެ. މުސްލިމުން މިކަމަށް ކެތްކުރާނެއެވެ. ﷲގެ އަމުރުފުޅާ އެއް ގޮތަށް ކެތްތެރިކަމާއި ނަމާދުން އެބައިމީހުން ވާގި ހޯދާނެއެވެ.

މުސްލިމުންނަކީ ދަންނަ މީހުންނާއި ނުދަންނަ މީހުންނާ ދިމާވިޔަސް ސަލާމްކުރުން އިސްކުރާ ބަޔެކެވެ. ގެޔަކަށް ވަންނަނީ ނަމަ، ސާލާމްކޮށް ހުއްދަ ހޯދާން ވާނަނެކަމަށާއި މީހަކު ސަލާމްކޮށްފި ނަމަ، އެއަށްވުރެ ފުރިހަމަ ސަލާމަކުން ޖަވާބުދޭން ނުވަތަ އެންމެ ކުޑަމިނުން އެ މިންވަރަށް ސަލާމުގެ ރައްދުދޭން ކީރިތި ޤުރުއާނުގައިވަނީ އަންގަވައިފައެވެ.މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގެ ތަރުޖަމާގައި ވެއެވެ. "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ أهلވެރިންނަށް سلامކޮށް إذنލިބިގެންފުމަށްދާނދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ." (سورةالنّـور:27)އެހެން އާޔަތެއްގައި އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައިގެ ތަރުޖަމާގައިވެއެވެ. " ތިޔަބައިމީހުންނަށް އެއްވެސްކަހަލަ سلامއަކުން سلامކޮށްފިނަމަ، އެއަށްވުރެ  ރިވެތި سلامއަކުން ތިޔަބައިމީހުން سلامކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ حسابބައްލަވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ." (سورةالنساء:86)

މުސްލިމުންގެ މެދުގައި ސަލާމް ފެތުރުން ގިނަކުރުމަށާއި އެކަމުގެ މާތްކަމާއި ދަރުމައިގެ މަތިވެރިކަން ކައުސާހިބާ (صلى الله عليه وسلم) މި އުންމަތަށް ވަނީ އަންގަވައިފައެވެ. ސަލާމްކުރުމުގެ ތެރޭގައި (އެއް މިންތީގެ މީހުން) އަތާ އަތް ޖޯޑުކޮށް ސަލާމްކުރުމާއި ކޮނޑާއި ކޮނޑުޖައްސައި ސަލާމްކުރުމަކީ މުސްލިމުންގެ ތެރޭގައި އޮންނަ އާދައެކެވެ. އަދި ކުޑަކުދީންނަށް ލޯބިކުރުމުގެ ގޮތުން ބޮސްދިނުމަކީ ވެސް އާދައެވެ. ނަމަވެސް، ކޮރޯނާ ވައިރަހުގެ ސަބަބުން އިޖުތިމާޢީ ގައިދުރުކަން އިޚުތިޔާރުކުރާން ޖެހިފައިވާތީ މި ހުރިހާ އާދައެއް މިއަދު މިވަނީ ދޫކޮށްލާންޖެހިފައެވެ. ވަގުތީ ގޮތުން ނަމަވެހެވެ. މިއަދު ސަލާމްކުރެވޭނީ ތިންފޫޓުގެ ދުރުން ހަމައެކަނި އަނގައިން އިއްވާ ލަފުޒުތަކަކުންނެވެ. ނުވަތަ ލިޔެފައި ފޮނުވާ މެސެޖަކުންނެވެ. މިއީ މުސްލިމުންގެ އާދަކާދައާއި އާދައަށް އައި ވަރަށް ބޮޑު ބަދަލެކެވެ. 

ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި:

ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން މުސްލިމުންނަށް ކުޑަކޮށްދޭ އެންމެ ބޮޑު ސަބަކީ އެ މީހުންގެ މެދުގައި ދަމަހައްޓަމުން އަންނަ އަމިއްލަ ސާފުތާހިރުކަމެވެ. ކޮރޯނާ ވައިރަސް ފެތުރުން މަދުކުރުމަށްޓަކައި ޞިއްޙަތު ޖަމުޢިއްތާތަކާއި ޞިއްޙީ މާހިރުން އެންމެ ބޮޑަށް "ކުރިއަރުވާ" ކަމަކީ އަމިއްލަ ސާފުތާހިރުކަމެވެ. ޚާއްޞަކޮށް ގިނައިރުވަންދެން (މަދުވެގެން 20 ސިކުންތު ވަންދެން) އަތްދޮވުމެވެ.

އިސްލާމް ދީނުގައި ވަނީ އަމިއްލަ ސާފުތާހިރުކަމަށް ވަރަށް ބޮޑަށް އިސްކަން ދީފައެވެ. އަދި މިކަން އެތައް ޤަރުނެއް ވަންދެން މުސްލިމުންގެ މެދުގައި އަންނަނީ ދަމަހައްޓަމުންނެވެ. މީސްތަކުންގެ ހަށިތަކާއި ފޭރާން ސާފުތާޙިރުކޮށް ބަހައްޓާން ވަނީ ޤުރުއާން ބާވައިލައްވާން ފެއްޓެވިތާ ވަރަށް ކުރީކޮޅުގައި މުސްލިމުންނަށް އިރުޝާދުދެއްވައިފައެވެ. ކައު ސާހިބާ މުޙައްމަދުއްރަސޫލުﷲ (صلى الله عليه وسلم) އާ މުޚާޠަބުކުރައްވައި ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގެ ތަރުޖަމާގައި ވެއެވެ. "އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައްطاهرކުރައްވާށެވެ!" (سورةالمدّثّر:4).

އަދި ސާފުތާހިރުކަމަށް ލޯބިކުރާ މީހުންނަކީ ﷲ ލޯބިވެވޮޑިގެންވާ މީހުންކަން އަންގަވައި ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގެ ތަރުޖަމާގައި ވެއެވެ. "އަދި طاهرވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ." (سورةالبقرة:222)

މީގެ ސާދަ ޤަރުނުގެ ކުރީން މިއުއްމަތުގެ ކައު ސާހިބާ (صلى الله عليه وسلم) ވަނީ ސާފުތާހިރުކަމަކީ ކިހާ މުހިއްމު ކަމެއްކަން ވަރަށް ޞަރީޙަކޮށް އެތައް ފަހަރަކު އެތައް ގޮތަކަށް އޮޅުންފިލުއްވައިދެއްވައި މުސްލިމުންގެ ސަމާލުކަމަށް އެކަން ގެންނަވައިފައެވެ. އެލަކޭގެފާނު (صلى الله عليه وسلم) އަންގަވައިފައިވަނީ "ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި" ކަމުގައެވެ. އަދި ކެއުމުގެ ކުރީންނާއި ކައި އަވަދިވެގެން އަތް ދޮންނާން އެ ކަލޭގެފާނު ވަނީ މުސްލިމުންނަށް އަންގަވައިފައެވެ. އަދި ހިނައި ޠާހިރުވުމަކީ ޢާއްމުކޮށް އެދެވިގެންވާ (އިޚުތިޔާރީ) ކަމެއް ކަމަށް ވިޔަސް އަނބިފިރިކަމުގެ ގުޅުން ހިންގައި (އެބައިމީހުންގެ ޙަޔާތުގެ ބައިވެރީންނާ އެކު ރޭކޮށް)ފި ނަމަ ހިނައިގަނެ މުޅި ހަށިގަނޑު ޠާހިރު ކުރުމަކީ މަޖުބޫރު (ވާޖިބު) ކަމެއްކަން އިސްލާމް ދީން ވަނީ އަންގަވައިފައެވެ. ގިނަގިނައިން (އެންމެ މަދުވެގެން ވެސް ދުވާލަކު އެއް ފަހަރު) ދަތްއުނގުޅުމާއި ނިޔަފަތި ކަނޑައި ސާފުތާހިރުވުމާއި ސިއްރުގުނަވަންތައް (ވެސް) ޠާހިރުކުރައްވާން ވަނީ އިސްލާމް ދީނުގައި ވަރަށް ވަރުގަދައަށް އިރުޝާދު ދެއްވައިފައެވެ.

މީގެ އިތުރަށް މުސްލިމު ދުވާލަކު ކުރާ ފަރުޟު ފަސް ނަމާދު އަދާކުރާން ފެށުމުގެ ކުރީން އުޟޫކުރުމަކީ މަޖުބޫރުކަމެކެވެ. ވުޟޫކުރުމުގައި ދެއަތްތިލައާއ މުޅި އަތުގެ އުޅަނބޮށިން ފެށިގެން ތިރިއަށް ދޮވުމަކީ ވުޟޫގައި ހިމެނޭ ކަމެކެވެ. އަދި އަތްތިލައިގެ އިނގިލިތައް ވިނަވައިލައި އަހުރު ވެސް ދޮންނާން ޖެހެއެވެ. ވުޟޫގެ ތެރޭގައި މުޅި މޫނާއި ދެފައިތިލަ ދޮވުމާއި ބޮލާއި ކަންފަތުގައި ފެންފޮހެ ސާފުކޮށްލުން ވެސް ހިމެނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގެ ތަރުޖަމާގައި ވެއެވެ. "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން قصدކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން طاهرވެގަންނާށެވެ! އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ދެން، ފެން ނުލިބިއްޖިއްޔާ طاهرވެލީން ތިޔަބައިމީހުން تيمّمކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ!" (سورة المائدة:6)

މި ހުރިހައި އަމުރުފުޅުތަކަކީ ވެސް އަޅުގަނޑުމެން ސާފުތާޙިރުކަން މަތީގައި ތިމުމަށްޓަކައި ކުރައްވައިފައިވާ އަމުރުފުޅުތަކެކެވެ. ވުޟޫކުރުމާއި ހިނައި ގަތުމުގައި ވެސް ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ ލުއިތަކެއް ދެއްވައިފައިވާ ކަން ވެސް ހަނދާންކުރާންޖެހެއެވެ. މިކަން އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވައި މި ދެންނެވި އާޔަތް ނިންމަވައިލައްވަމުން ވަޙިކުރައްވައިފައިވަނީ ﷲ އަޅުގަނޑުމެން ދެކެ ލޯބިވެވޮޑިގެންވާ މިންވަރު ދޭހަވާ ބަސްފުޅެކެވެ. އެ އާޔަތުގެ ފަހުބައިގެ މާނައިގެ ތަރުޖަމާގައިވެއެވެ. " ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް اللَّهއިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން طاهرކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ نعمةފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން شكرކުޅައުމަށްޓަކައެވެ." (سورةالمائدة:6). މާތް ﷲގެ ދީލަތިވަންތަކަމާއި އޯގާވަންތަކަމުގެ މަތިވެރިކަމާއެވެ!

މި ދެންނެވި ކަންކަމަކީ ކޮރޯނާ ވައިރަހުން މުޅިން ސަލާމަތްކޮށްދޭނެ މިންވަރެއް ކަމުގައި ނުވިޔަސް ހަމަ ގައިމުވެސް މި ކަންކަމަކީ ކޮރޯވައިރަސްގެ ހިރާސް ވަރަށް ބޮޑަށް ކުޑަކޮށްދޭނެ ކަންކަމެވެ.

މުސްލިމުން ޤަޟާޙާޖާކޮށް ނިމުމުން ސާފު ފެނުން ދޮވެ ތާހިރުކުރާކަމީ ޣައިރު މުސްލިމުން ވަރަށް ޝައުޤުވެރިކަމާއެކު ދެނެގަންނަ ތަފްޞީލެކެވެ. މުސްލިމުން ފާޚާނާކޮށް ނިމިގެން ފާޚާނާ ކަރުދާސް ބޭނުންކުރިޔަސް ނަޖިސް ނުކުންނަ ދޮރުތައް ސާފުފެންދޮންނަކަމީ، އިސްލާމްދީނުގައި ސާފުތާހިރުކަމަށް ދޭ ސަމާލުކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފެން ނުލިބޭ ފަދަ (ދަތި) ޙާލަތެއް ކުރިމަތިވެއްޖެ ނަމަ އިސްތިންޖާކުރުން ވެސް އިސްލާމް ދީނުގައި ޝަރުޢުކުރައްވައި ތަކުލީފުތައް ވަނީ ކުޑަކުރައްވައިފައެވެ.އަދި ފެން ނުލިބިގެން ނުވަތަ އެހެން ސަބަބަކާ ހުރެވެސް ފެނުން އިސްތިޢުމާޅުކުރާން ނުކުޅެދިއްޖެ ނަމަ، ތަޔައްމުމުކުރާން ވެސް ވަނީ އަންގަވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގެ ތަރުޖަމާގައި ވެއެވެ. "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާނދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ حال ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ! އަދި، މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރިން މެނުވީ، جنبވެރިވެގެންވާ حالވެސް، ތިޔަބައިމީހުން ހިނައިގެންފުމަށް ދާނދެން، (ނަމާދާ ގާތްނުވާށެވެ!) އަދި، ބަލިމީހުން ކަމުގައި ތިޔަބައިމީހުން ވާނަމަ، ނުވަތަ، ދަތުރެއްގެ މަތީގައިވާނަމަ، ނުވަތަ، ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އައިނަމަ، (އެބަހީ: ކުޑަކަމު ނުވަތަ ބޮޑުކަމު ހިނގައްޖެނަމަ) ނުވަތަ، އަންހެނުންގައި ތިޔަބައިމީހުން ބީހިއްޖެނަމަ، ދެން، ތިޔަބައިމީހުންނަށް ފެން ނުލިބިއްޖިއްޔާ، طاهر ވެލިން ތިޔަބައިމީހުން تيممކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި، (އެ ވެލިން) ފުހޭށެވެ! ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން عفوކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ." (سورةالنساء:43)

އިސްވެ ދިޔަ ހުރިހައި ދަލީލުތަކަކުން ވެސް އިސްލާމް ދީނުގައި ސާފުތާހިރުކަމަށް ދީފައިވާ އިސްކަން ކިތަންމެ ފުރިހަމައަކަށް ވެސް ހާމަވާނެކަން ކަށަވެރެވެ. މިއަދު ކުރޫނާ ވައިރަހުގެ ސަބަބުން ސާފުތާހިރުކަމަށް އިސްކަން ދޭން ޞިއްޙީ މާހިރުން ގޮވައިލާ އިރު، ނިކަންކަމަށް އިސްލާމްދީނުގައި މިވަނީ މާކުރީން އަންގަވއި އަމުރުކުރައްވައިކަން ހަނދާންކޮށްލާންޖެހެއެވެ. ހީވަނީ ހަމަ މި ޒަމާނުގައި ފޮނުއްވި ދީނެއްހެން ނޫންތޯއެވެ! އޭގެ މާނައަކީ ކޮންމެ ޒަމާނަކަށް ވެސް އިސްލާމް ދީން ފެތޭ ކަމެވެ.

މިސްކިތްތައް ބަންދުކުރުމާއި ހުކުރުކުރުން މެދު ކަނޑައިލުން:

ފަރުޟު ފަސް ނަމާދާއި ހުކުރު ނަމާދާއި އަދި އެހެން ބައެއް ނަމާދުތައް ވެސް ޖަމާޢަތުގައި ކުރުމަކީ ޝަރުޢުގައި ވާ ގޮތެވެ. އަދި އެއީ އެ ނަމާދުގެ ސަވާބު ހަތާވީސް ގުނައަށް އިތުރުވާ ކަމެއްކަމަށް މުސްލިމުން ޔަގީންކުރެއެވެ. ވަކި ތަރުތީބަކުން އިމާމާގެ ފަހަތުގައި ގާތްގާތުގައި މީހުން އެތުރިލައި ރީތިކޮށް ސަފުތައް ތަރުތީބުކޮށްލައި ހެދުމަކީ ނަމާދުގެ ކުރީން އިމާމާ އަމުރުކުރުން ސުންނަތްވެގެންވާ ކަމެކެވެ. އެއީ ނަމާދުގެ ރީތިކަމުގެ ތެރެއިން ވާކަމެކެވެ. އަދި އެއީ ނަމާދު ފުރިހަމަވުމުގެ ތެރެއިން ވާކަމެއް ވެސް މެއެވެ.

ނަމަވެސް ޢަލަމީ ވަބާގެ ދުވަސްވަރު މި ގޮތަށް ގައިގޯޅިވެ، ގައިދުރުކަން ދޫކޮށްލުމީ ވަރަށް ހިރާސީ ކަމެކެވެ. މި ސަބަބަށްޓަކައި މިއަދު މިސްކިތައް ވަނީ ބަންދުކުރެވިފައެވެ. ރާއްޖެ އިސްލާމްވީ ފަހުން ފުރަތަމަ ފަހަރަށް ހުކުރުކުރުން ވަނީ މާލޭ ސަރަހައްދުގައި ހުއްޓައިލައިފައެވެ. މިސްކިތުގައި ޖަމާޢަތް ހަދައިގެން މިހާރަކު މާލޭ ސަރަޙައްދަކު ނަމާދެއް ނުކުރެވޭނެއެވެ. ހުކުރު ނަމާދެއް ނުކުރެވޭނެއެވެ. މިސްކިތަށް ނުގޮސް ގޭގައި ވެސް ފަރުޟު ފަސް ނަމާދާއި ސުންނަތް ނަމާދުތައް ކުރެވިދާނެއެވެ. ވީމާ ފަރުޟު ފަސް ނަމާދު މި ޙާލަތާ ގުޅިގެން ގޭގައި ކުރުމަކީ މުސްލިމުންނަށް މާ ބޮޑު ކަމެއް ނޫނެވެ. ނަމަވެސް ހުކުރު ނަމާދަކީ ޖަމާޢަތުގައި ނޫނީ ނުކުރެވޭ ނަމާދަކަށް ވާތީ ހުކުރު ނަމާދު މެދުކަނޑައިލުމަކީ މުސްލިމުންނަށް ކުރިމަތިވި ވަރަށް ބޮޑު ހިތްދަތިކަމެކެވެ. ހުކުރު ނަމާދަކީ 20-30 މިނިޓްގެ ޚުޠުބާއަކަށް ފަހު ކުރެވޭ ދެ ރަކުޢަތުގެ ނަމާދެކެވެ. ހަފުތާއަކު އެއް ފަހަރު (ހުކުރު ދުވަހު މެންދުރު ވަގުތު) ކުރުން ވާޖިބު ނަމާދެކެވެ. މި ނަމާދު ނުކުރެވިއްޖެ މީހާ އެ ދުވަހު ވެސް މެންދުރު ނަމާދު އަދާކުރާން ވާޖިބުވާނެއެވެ.

މީލާދީން 622 ވަނަ އަހަރު ހުކުރު ނަމާދު ޝަރުޢުކުރެއްވި ފަހުން ދުނިޔޭގެ ފެންވަރުގައި ހުކުރު ނަމާދުކުރުން ހުއްޓައިލި މިއީ ފުރަތަމަ ފަހަރެވެ. ކޮވިޑް19 ގެ ޢާލަމީ ވަބާއާ ގުޅިގެން އެންމެ ފުރަތަމަ ހުކުރު ނަމާދުކުރުން ވަގުތީ ގޮތުން ހުއަޓައިލީ މާރިޗްމަހު 4 ވަނަ ދުވަހު އީރާނުންނެވެ. މިހާ ހިސާބުން ވެސް ތުރުކީވިލާތާއި އިންޑޮނޭޝިއާއިން ގައިދުރުކަން ބަހައްޓައިގެން ހުކުރު ނަމާދު ކުރެވޭތޯ މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް މި ގޮތަށް މިކަން ކާމިޔާބެއް ނުތްވެވެ. އެންމެ ފަހުން މުޅި އިސްލާމީ އުއްމަތުގައި ވެސް މިސްކިތްތަކުގައި ޖަމާޢަތުގައި ނާމަދުކުރުން މަނާކުރެވި މިސްކިތްތައް ބަންދުކުރެވިއްޖެއެވެ.

ޖަމާޢަތުގައި ނަމާދުކުރުން ބަންދުވިޔަސް މުސްލިމުންނަށް ނަމާދުކުރުމުގެ ފުރުޞަތު ބަންދެއް ނުވެއެވެ. ތިމާގެ ގެޔާއި އަދި ސާފު ޠާހިރު ކޮންމެ ތަނަކީ ނަމާދުކުރެވޭ ތަނެއްކަމުގައި މާތް ﷲ ވަނީ ލައްވަވައިފައެވެ. މިއީ މުސްލިމުން އޮތް ވަރަށް ބޮޑު ރަޙުމަތެކެވެ. އިސްލާމް ދީނުގައި އިންފިރާދީ އަޅުކަމާއި ނަމާދުތަކަކީ އިޖުތިމާޢީ އަޅުކަންތަކާއި ނަމާދުތަކަށް ވުރެ މާ މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެހެން ދީންތަކާ ޚިލާފަށް އަޅުކަންކުރާ ތަނެއް ނެތުމަކީ މުސްލިމުންނަށް އަޅުކަންކުރާން އެއްވެސް ހުރަހެއް އޮތްކަމެއް ނޫނެވެ. ފަރުޟު ފަސް ނަމާދުވެސް ގޭގައި ކުރެވެއެވެ. އަދި ސުންނަތް ނަމާދުތައް ގިނައިން ކުރަނީ ވެސް ގޭގައެވެ. ހުކުރު ނަމާދުގައި އިއްވޭ ޚުޠުބާ ވެސް މީޑިއާ މެދުވެރިކޮށް ނުވަތަ އޮންލައިން ވަސީލަތަކުން އެންމެންނަށް ވެސް އިއްވިދާނެއެވެ. އޭރުން ހަފުތާ ނަޞޭޙަތް ވެސް ލިބިގަނެވުނީއެވެ. ހުކުރު ނަމާދު ޖަމާޢާތުގައި ކުރެވެން ނެތީމާ، ކޮންމެ މީހަކުގައި މެންދުރު ނަމާދު ކޮށްލެވިދާނެއެވެ. މިކަން ވެސް ޙައްލުވީއެވެ.

ރޯދައާއި ޙައްޖަށް ކޮށްފާނެ އަސަރު:

އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރެއިން މުހިއްމު ދެ ރުކުރަނީ ރަމަޟާން މަހު ރޯދަ ހިފުމާއި އަހަރަކު އެއް ފަހަރު ކަޢުބަތުﷲ ގެފުޅަށް ގޮސް ޙައްޖުވުމެވެ. ރަމަޟާން މަސް އަންނަން ފޮއިދުވަހަށް ވަނީއެވެ. ކަލަންޑަރު ބުނާ ގޮތުންނަމަ، މި އެޕްރީލު މަހު ސައުވީސް ވަނަ ދުވަހަކީ މިއަހަރު ރަމަޟާންމަހު ފުރަތަމަ ދުވަހެވެ. މުލަރޯދަ ދުވަހެވެ. އެޕްރީލު މަހު ސައުވީހުން ފެށިގެން މައީމަހު ތޭވީހުގެ ނިޔަލަށް ރޯދަމަށް ދެމިގެންދާނެއެވެ. މި މުއްދަތުގައި މުސްލިމުން ދުވާލު، ފަޖުރުން ފެށިގެން އިރު އޮއްސެންދެން، ތިބޭނީ ކެއުމާއި ބުއިމާއި އެހެން ބައެއް އަރާމުތަކުން ދުރުހެލިވެގެން ރޯދައަށެވެ. ރޯދަ ހިފުމަކީ މިއީއެވެ. ކަންތައްތަކަކުން ދުރުހެލިވެގެން ހުންނަ ހުރުމެކެވެ. އެހެންކަމުން "ކޮވިޑް19" ގެ ސަބަބުން، މާތް ﷲގެ ރަޙުމަތްފުޅާއެކު މި އަޅުކަމުގެ މި ބައަކަށް އަސަރެއް ނުފޯރާނެއެވެ. ނަމަވެސް އަސަރު ފޯރައި ހުރަސް އެޅޭނީ ރަމަޟާންމަހު އަޅުގަނޑުމެން އާދަވެ ކުރާ ތަރާވީޙު ނަމާދާއި ދަމުނަމާދުގެ ޖަމާޢަތަށެވެ. ރޯދަވީއްލުމުގެ އެއްވުންތަކަށާއި ތަރާވީސް ގަޑިތަކަށެވެ. އަޅުގަނޑުމެން (މުސްލިމުން) ޢާއްމު ގޮތެއްގައި ރައްޓެހީންނާއި ގާތް އެކުވެރީންނަށް ރޯދަވީއްލުމާއި ތަރާސްވީސް ގަޑިތަކަށް ދަޢުވަތުދީ އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރަމުއެވެ. ރޯދަމަހުގެ މި ބަޔަށް މި ފަހަރު އަސަރު ފޯރާނެއެވެ. މިފަދަ އެއްވުންތަކެއް ނުބޭއްވޭނެއެވެ. "ކޮވިޑް19"ގެ ސަބަބުން އިޖުތިމާޢީ ގައިދުރުކަން އިޚުތިޔާރުކުރާން ޖެހިފައިވާތީއެވެ. އަދި ވަރަށް ފޯރީގައި ކޮންމެ އަހަރަކު އޮންނަ "މާހެފުން" މިފަހަރު އޮންނާންޖެހޭނީ ނިދައިފައެވެ.

ރޯދަމަސް ނިމުނީމާ، އަޅުގަނޑުމެން (މުސްލިމުން) ފިޠުރު ޢީދުގެ މުނާސަބަތު ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުގެއެވެ. މި ފާހަގަކުރުންތައް ފަށަނީ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދީން އެއްވާ ބިޔަ ބޮޑު ޖަމާޢަތެއްގައި ކުރާ ނަމާދަކުންނެވެ. ނަމާދަށްފަހު މީރު ކާނާއާއި ހަދިޔާބަދިޔާ ބަދަލުކުރުމެވެ. އެއާއެކު ތިން ދުވަހަށް ދިގު ދެމިގެންދާ ކުޅިވަރުގެ ޙަރަކާތްތަކަށެވެ. ރީތި ހެދުންލައި ކުޑަކުދީން ނަލަހައްދައިގެން ބާއްވާ އިޖުތިމާޢީ ޒިޔާރާތްކުރުންތަކަށެވެ. މިކަންކަމަށް (ޢިދުގެ ހުރިހާ ކަމަކަށް ވެސް) މި ފަހަރު އަސަރު ފޯރާނެއެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ހައްޖުގެ އަޅުކަމަށް ފޯރާނެ އަސަރު މާ ބޮޑެވެ. ޢުމްރާއަކީ މުޅި އަހަރު ދުވަހުގެ ތެރޭގައި ކުރާ އަޅުކަމެކެވެ. ޚާއްޞަކޮށް ރަމަޟާން މަހާ ގުޅިގެން މި އަޅުކަން އަދާކުރާ މީހުން އިތުރުވެއެވެ. ކަޢުބަތުﷲ ގެފުޅު ހުންނަ ސަޢުދީ ޢަރަބިއްޔާއިން ވަނީ، އަވައްޓެރި އީރާނުގައި ކޮރޯނާވައިރަސް ފެތުރެން ފެށުމާއެކު އީރާނު މީހުންނާއި އަދި ހުރިހާ ޤައުމެއްގެ ޢުމުރާވެރީން ސަޢޫދީ ޢަރަބިއްޔާއަށް ވަނުން ވަގުތީ ގޮތުން މަނާކޮށްފައެވެ.

ޙައްޖު މޫސުން މިއަހަރު (2020) ފެށެނީ ޖުލައި މަހުގެ ފަހުކޮޅުގައެވެ. ޞިއްޙީ މާހިރުން ލަފާކުރާ ގޮތުގައި އެހާތަނަށް ވެސް ކޮވިޑް19 (ޢަލަމީ ވަބާ) ފެތުރުން ދުނިޔެއިން މުޅިން ނުހުއްޓުމަކީ އެކަށީގެންވާ ކަމެކެވެ. ޙައްޖަކީ ދެ މިލިޔަނަށްވުރެ ގިނަ މީހުން އެއްފަހަރާ ސަޢޫދީއަށް ޖަމާވާ އަޅުކަމެކެވެ. ކޮރޯނާ ވައިރަހުގެ ނުރައްކާ އޮތް މި ދުވަސްވަރު މި ގޮތަށް އެއްވެއްޖެ ނަމަ، ހަމަ އެންމެ ސިކުންތެއްގެ ތެރޭގައި އެތައް ހާސް ބަޔަކަށް މި ބަލި ފެތުރުމުގެ ފުރުޞަތު އޮންނާނެއެވެ. އެހެންކަމުން މި ފަހަރުގެ ޙައްޖުގެ އަޅުކަން ނުބާއްވާ ގޮތަށް ހަމަޖެއްސުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ޙައްޖުގެ ތައްޔާރީތައް ނުކުރުމަށާއި އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅާން ސަޢޫދީ ސަރުކާރުން ވަނީ ޤައުމުތަކަށް ގޮވައިލައިފައެވެ.

އިސްލާމީ ތާރީޚުގެ ސާދަ ޤަރުނަށް ނަޒަރު ހިންގައިލާއިރު ހަނގުރާމައިގެ ސަބަބުންނާއި މަގުތައް އަމާންނުވުމުގެ ސަބަބުންނާއި އެކިއެކި ކާރިސާއާއި ނުރައްކާތެރި ހާދިސާތަކާއި އެކިއެކި ބަލިމަޑުކަމުގެ ސަބަބުން ސާޅީހަކަށް ފަހަރު ވަނީ ޙައްޖުގެ އަޅުކަން ނުބާއްވައި މެދުކަނޑައިލައިފައެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން މި ފަހަރު ޙައްޖުގެ އަޅުކަން ނުބާއްވާ ގޮތަށް ހަމަޖައްސައިފި ނަމަ، މިކަން ވާނީ، ޢާލަމީ ވަބާ (pandemic) އެއްގެ ސަބަބުން ޙައްޖުގެ ފަރުޟު އަދާކުރުން ހުއްޓުމަކަށް އައި ފުރަތަމަ ފަހަކު ކަމަށެވެ.

ޙައްޖަކީ އަޅުކަމެއްގެ އިތުރަށް ވަރަށް ބޮޑު ޞިނާޢަތެއް ވެސް މެއެވެ. ޙައްޖުވެރީން ޙައްޖައްދަނީ އެ މީހުން ތިބުމާއި ކެއުމަށް އަދި ވިސާއާއި ޓިކެޓަށް އެތައް މަސްތަކެއްގެ ކުރީން ފައިސާ ދައްކައިގެންނެވެ. ޙައްޖު ކެންސަލް ވެއްޖެ ނަމަ މި ދެންނެވި ފަދަ މީހުންގެ ފުށުން ނަފާ ލިބޭ މީހުންނަށް މިއީ ވަރަށް ބޮޑު މާލީ ގެއްލުމަކަށް ވާނެއެވެ. އަދި ޙައްޖާ ގުޅިގެން އުފެދޭ އެތައް ވަޒީފާއެއް ގެއްލިގެންދާނެއެވެ. ހަމައެފަދައިން ޙައްޖު މޫސުމަކީ އެތައް ޤައުމެއްގެ އެތައް ވިޔަފާރިތަކަކަށް ފަހި ފުރުޞަތަކަށް ވާއިރު، ޙައްޖު ކެންސަލް ވެއްޖެ ނަމަ، އެތައް ބަޔެއްގެ ވިޔަފާރިތަކަކަށް ވަރަށް ބޮޑު ގެއްލުމަކަށް ވާނެއެވެ. ބައެއް ވިޔަފާރިތައް ބަނގުރޫޓުވުން ވެސް އެކަށީގެންވެއެވެ.

ތިލަފަތް ހަމަކަން:

ކޮރޯނާވައިރަހުގެ މި ޢާލަމީ ވަބާއަކީ ޢަޤީދާއާ ގުޅޭ ކަމެއް ކަމަށް މުސްލިމުންގެ މެދުގައި ބަހުސް ހިނގި ކަމަށް ބުނެވެއެވެ. އެހެނީ މުސްލިމުން އީމާންވަނީ މި ކާއިނާތާއި ކާއިނާތުގައި ވާހައި ކަމެއް ތަޤުދީރުކުރައްވައި އެންމެހައި ކަންކަން ތަންޡީމުކުރައްވައި ހިންގަވަނީ އަރަހުށި ހުސްޠާހިރުވަންތަ ކުޅަދުންވަންތަ މާތް ﷲ ކަމަށެވެ. މި ޢަޤީދާގެ މައްޗަށް ވިސްނާއިރު، ކޮރޯނާ ވައިރަހަކީ ވެސް މާތް ﷲގެ އުފެއްދެވުމެކެވެ. ބޭނުމެއް ނެތް ގޮތެއްގައި މާތް ﷲ އެއްވެސް އެއްޗެއް ނޫފައްދަވާނެ ކަމަށް އަޅުގަނޑުމެން (މުސްލިމުން) އީމާންވަމުއެވެ. ވީމާ، ކޮރޯނާ ވައިރަހުން ސަލާމަތްކުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ﷲއަށް އަޅުގަނޑުމެން އީމާންވުމާ ދެމެދު ތިލަފަތްހަމަވުމެއް އަޅުގަނޑުމެން ގެންގުޅޭންޖެހެއެވެ.

މި ގޮތުގެ މައްޗަށް ނަޒަރެއް ދޭއިރު، އެހެން ބައެއް ދީންތަކުގެ މީހުން ފަދައިން ބައެއް މުސްލިމުން ވެސް ޤަބޫލުކުރާ ގޮތުގައި ކޮރޯނާ ވައިރަހަކީ އިންސާނާގެ ނުބައި ޢަމަލުތަކުގެ ސަބަބުން އިންސާނުންނަށް އިންޒާރުކުރައްވައި އިންސާނިއްޔަތަށް ކޯފާއެއްގެ ގޮތުން ފޮނުއްވި ވަބާއެކެވެ. މީގެ މާނައަކީ އީމަންތެރިކަން އިތުރުކޮށް ﷲގެ މަގަށް އިންސާނުން އެނބުރި ރުޖޫޢަވެ، ސަބަބުތަކުގައި ހިފައިގެން ﷲއަށް ވަކީލުކުރާ ނަމަ، މިކަމުން ތެދުވެރި ޞާލިޙު އަޅުތަކުން ސަލާމަތް ކުރައްވާނެއެވެ.

މި ދެންނެވި ވިސްނުމަކީ ކޮރޯނާ ވަބާގެ ސަބަބުން އުފެދިފައިވާ ބިރުވެރިކަމާއި ބިރާސް ވަރަށް ބޮޑަށް ކުޑަކޮށްދޭނެ ވިސްނުމެކެވެ. މުސްލިމުގެ އަޣުލަބިއްޔަތު ގަބޫލުކުރާ ގޮތުގައި މި ވަބާއަކީ އިންސާނުންގެ ކޮންޓްރޯލްގައި ވާކަމެއް ނޫނެވެ. އިންސާނުންނަށް އޮތީ ސަބަބުތަކުގައި ހިފައިގެން ﷲ އަށް ވަކީލުކޮށް، ﷲގެ މަގަށް އެނބުރި ރުޖޫޢަވުމެވެ. ހަނދާން ބަހައްޓަންވީ ކަމަކީ ﷲ އަށް ވަކީލުކުރާންޖެހޭނީ، ބަލީން ރައްކާތެރިވާނެ ހުރިހާ ސަބަބުތަކެއްގައި ހިފައިގެންކަމުގައެވެ. ޢިލްމުވެރީން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، މީހަކު ﷲ އަށް އިތުބާރުކޮށް ވަކީލުކުރުމުގެ ގޮތުން ޖަމަލެއް ނުބަނދެ ދޫކޮށްލުމުން، ކައު ސާހިބާ އޭނާއާ މުޚާޠަބުކުރައްވައި "ފުރަތަމަ ޖަމަލު ބަންނާށެވެ! ދެން މާތް ﷲ އާ ވަކީލުކުރާށެވެ!" ޙަދީޘްކުރައްވައި ދެއްވި އިރުޝާދާ އެއް ގޮތަށް ކަންތައް ކުރާށެވެ! އާދޭހެވެ! ބަލިވީމާ އެކަމުން ސަލާމަތްވުން އެދި ﷲ އަށް ވަކީލުކުރާންޖެހޭނީ ބޭސްކުރުމަށް ފަހުގައެވެ. ބަލިތަކުން ސަލާމަތްކޮށްދެއްވުން އެދި ﷲ އާ ވަކީލުކުރާންޖެހޭނީ ބަލީން ރައްކާތެރިވާން ޞިއްޙީ މާހިރުން ދެއްވާ އިރުޝާދާ އެއް ގޮތަށް ޢަމަލުކުރުމާއެކީގައެވެ.

ކައުސާހިބާ (صلى الله عليه وسلم) ވެސް ބޭސްފަރުވާ ކުރެއްވިއެވެ. އަދި ބޭސްފަރުވާކުރެއްވުމަށް މުސްލިމުންނަށް ހިތްވަރު ދެއްވިއެވެ. ޙަދީޘްކުރައްވަމުންނެވެ. "މާތް ﷲ އެ ބައްޔަކާއެކު އޭގެ ފަރުވާ ނުލައްވައި އެއްވެސް ބައްޔެއް ނޫފައްދަވައެވެ. އެންމެ ބައްޔެއް ފިޔަވައެވެ. އެއީ މުސްކުޅި ބައްޔެވެ."

މީގެ އިތުރަށް ކައު ސާހިބާ (صلى الله عليه وسلم) ވަނީ ކަރަންޓީނުގެ އުޞޫލު ވެސް ތަޢާރަފުކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައިވެއެވެ. "އެއްވެސް ރަށެއްގައި ބަލިމަޑުކަމެއް (ޠާޢޫން) ފެތުރިއްޖެ ޚަބަރު ތިޔަބައިމީހުންނަށް ލިބިއްޖެ ނަމަ، ފަހެ ތިޔަބައި މީހުން އެ ރަށަކަށް ނުވަންނަހުށިކަމެވެ! އަދި ތިޔަބައި މީހުން ތިބި ރަށެއްގައި މިފަދަ ބަލިމަޑުކަމެއް ފެތުރިއްޖެ ނަމަ ފަހެ، އެ ރަށަކުން ތިޔަބައި މީހުން ނުނުކުންނަހުށިކަމެވެ."

ކީރިތި ޤުރުއާން މުސްލިމުންނަށް ހަނދާންކޮށްދެނީ ޙަޔާތުގެ އުނދަގޫތަކާ އަޅުގަނޑުމެންނާ ކުރިމަތިކުރައްވަނީ އަޅުގަނޑުމެން އިމްތިޙާނުކުރައްވުމަށްޓަކައިކަމެވެ. އެއީ އަޅުގަނޑުގަނޑުމެން ވަރުގަދަކުރެއްވުމަށްޓަކައި މެދުވެރިކުރައްވާ ވަގުތީ ދަތިކަމެއްކަމުގައެވެ.މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގެ ތަރުޖަމާގައިވެއެވެ. "ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكرކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافرނުވާށެވެ! އޭ إيمانވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّهވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." (سورة البقرة:153~154)

އަދި ވެސް އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގެ ތަރުޖަމާގައިވެއެވެ. "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحانކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! އެއުރެންނީ އެއުރެންނަށް مصيبةއެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّهއަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرةއަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرةން مغفرةއާއި رحمةއެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ." (سورة البقرة:156~158)

އެއްވެސް ޝައްކެއް ނެތެވެ. މި ފަދަ ހިތަދަތި އުނދަގޫ ވަގުތުގައި އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް މާލީ އަދި އިޤުތިޞާދީ ކިތަންމެ ދަތިކަމެއް ފޯރާނެއެވެ. އަދި ފޫނުފެއްދޭފަދަ ގެއްލުމެއް ވެސް ކުރިމަތިވެދާނެއެވެ. ތަނަވަސްކަމާއި އާމްދަނީ ލިބޭނެ މަގުތައް ބަންދުވެދާނެއެވެ. ޚިޔާލަށް ނުގެނެވޭ ފަދަ ގެއްލުންތައް މުޅި މަޢީޝަތަށް ކުރިމަތިވެދާނެއެވެ. މިކަމާ މެދު ވެސް ފައްސި ވިސްނުމެއް ގެންގުޅުން ހުއްޓެވެ. އެހެނީ ކައު ސާހިބާ (صلى الله عليه وسلم) އިރުޝާދު ދެއްވަނީ މި ފަދަ މުޞީބާތްތަކުން އަޅުގަނޑުމެންނަށް ގެއްލޭ މުދަލަކީ ޞަދަޤާތެއްގެ ގޮތުގައި ހިމެނޭނެ ތަކެތި ކަމުގައެވެ. އަދި މި ފަދަ ޢާލަމީ ވަބާއެއްގެ ސަބަބުން މަރުވާ މީހުންނަކީ ޝަހީދުންގެ ގޮތުގައި ލިޔުއްވޭނެ ކަމުގައެވެ.

ކޮންމެ އަކަސް މި ޙަޤީޤަތްތަކާ މިއަދު މިވަނީ ކުރިމަތިލާންޖެހިފައެވެ. މި މުޞީބާތުން އަޅުގަނޑުމެން ނަޖާކުރައްވާ އިރު އަޅުގަނޑުމެންގެ ޙާލަތު އޮންނާނީ ކިހިނެއް ކަމާމެދު ވިސްނައި ފިކުރުކޮށް އެ ކަންކަމާމެދު އަޅުގަނޑުމެންނަށް ޚިޔާލުކުރެވޭނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ އިޢުތިޤާދަކީ މި ކަމުގައި ވެސް ކޮންމެވެސް ހެވެއް އޮންނާނޭ ކަމެވެ. އަޅުގަނޑުމެންނަށް ހެޔޮ ގޮތާއި ރަނގަޅުގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. އެއީ އަޅުގަނޑުމެން ހައްދަވައި ގެންގުޅުއްވާ އަޅުގަނޑުމެންގެ ވެރި ރައްބެވެ.

ނިންމައިލަމުން:

އަޅުގަނޑުމެންނަށް ހާމަވާ ޙަޤީޤަތަކީ، ދީނީ އަޅުކަންތަކުގައި ލައްވައިފައިވާ ލުއި ފަސޭހަކަން މި ޢާމާލީ ވަބާގެ ތެރެއިން ފެންނަ ކަމެވެ. އަދި މިއަދު ކޮރޯނާ ވައިރަހުން ސަލާމަތްވާން ޞިއްޙީ މާހިރުން ދެއްވާ އިރުޞާދުތައް މާ ކުރީން އިސްލާމް ދީން ވަނީ އުނގަންނަވައިދެއްވައިފައިކަމެވެ. އެކި އަޅުކަން އަދާކުރުމުގައި ވެސް ޙާލަތާ ގުޅިގެން އެޅޭނެ ލުއި ފަސޭހަ ފިޔަވަޅުތައް ހުންނަކަމެވެ. މިއީ ފަހެލި ދީނެއް ކަމެވެ. ހުރިހާ ޒަމާނަކާއި ހުރިހާ ޙާލަތަކާ ކުރިމަތިލުމުގެ ޤާބިލުކަން ހުރި ފުރިހަމަ ދީނެއް ކަމެވެ.

އަދި "ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުން އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުން" ﷲ އިންސާނުން އިމްތިޙާނުކުރައްވާ ކަމެވެ. މި ފަދަ ދަނޑިވަޅުތަކުގައި ވެސް ކެތްރިކަމާއި ނަމާދުން ވާގި ހޯދައި ﷲ އަށް ވަކީލުކޮށް އެ ކަލާންގެ މަގުގައި ސާބިތުވެ ތިބުމުގެ ފައިދާއާއި ލާބަ އަޅުގަނޑުމެންނަށް ހަނދާން އާކޮށްދެއެވެ.

ކީރިތިވަންތަ މާތް ﷲ! މި ކޮރޯނާ ވައިރަހުގެ ނުރައްކަލުން ދިވެހީންނާއި އެންމެހައި މުސްލިމުން އަދި މުޅި އިންސާނިއްޔަތު ޙިމާޔަތްކުރައްވައި ރައްކާތެރިކުރައްވާނދޭވެ! މި ވަބާއަކީ މުސްލިމުންނާއި އިސްލާމް ދީނަށް އިތުރުކުރިއެރުމާއި ފާގަތިކަން މިންވަރުކުރައްވާނެ ސަބަބެއް ކަމުގައި ލައްވާނދޭވެ! އަދި އިސްލާމީ ހިދާޔަތުގައި އަޅަމެން ސާބިތުކޮށްދެއްވައި، މި ދިވެހިރާއްޖެ އިސްލާމީ ހިދާޔަތުގައި މިނިވަންކަންމަތީ ޤިޔާމަތާ ހަމައަށް ލަހައްޓަވާނދޭވެ! އާމީން!

-----------------------------------------------

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ