އަދުގެ ޚާއްސަ

Print

"ޢާލަމީ ވަބާ"ގެ މި ޙާލަތު، ތަރުބިއްޔަތަށް ފަހި ފުރުޞަތަކަށް ހެދިދާނެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

އެއްޗަކަށް ރަނގަޅު ގޮތާއި ފައިދާވާނޭ ގޮތާއި ހަލާކުނުވެ ގިނަ ދުވަހު އެއެއްޗެއް ދެމިހުންނާނޭ ގޮތް އެނގޭނީ އެ އެއްޗެއް އުފެއްދި ކުންފުންޏަކަށް ކަމީ އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރާ ހަގީގަތެކެވެ. ކޮންމެ އުފެއްދުމަކާ އެކު އެއެއްޗެއް ގެންގުޅެ ޢަމަލުކުރާނޭ ގޮތުގެ އަތްމަތީ ފޮތެއް (މެނުއަލެއް) އޮންނަނީ އެހެންވެގެންނެވެ. ޓީވީއަކަސް، ދޮންނަ މެސެނަކަސް، ސައިކަލަކަސް އަތު ފޯނަކަސް މި ކަން އޮންނަނީ މިހެންނެވެ. އަތްމަތީފޮތުގައި ދީފައި ހުންނަ އިރުޝާދާ ޚިލާފަށް ޢަމަލުކޮށްފި ނަމަ، އެއެއްޗަކަށް ލިބޭނީ ގެއްލުމެވެ. ވަރަށް އަވަހަށް ކަންފަތިވެ ހަލާކުވެދާނެއެވެ.

އިންސާނާ އުފެއްދެވީ މާތް ﷲ އެވެ. އަޅުގަނޑުމެންނަކީ ﷲ ގެ މަޚުލޫޤުންނެވެ. އެކަލާނގެ އަޅުންނެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ރަނގަޅު ގޮތާއި ފައިދާހުރި ގޮތްގޮތް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ.

އަޅުގަނޑުމެންނަށް މެދުވެރިކުރައްވާ ކޮންމެ ކަމެއްގައި ވެސް ރަނގަޅެއް އޮންނާނެއެވެ. އަޅުގަނޑުމެން ޢަމަލުކުރާންޖެހޭ ގޮތް މުޤައްދަސް "އަތްމަތީފޮތު"ގައި (ޤުރުއާނާއި ސުންނަތުގައި) ވަނީ އަންގަވައިފައެވެ. މިއާ އެއް ގޮތަށް ޢަމަލު ނުކޮށްފި ނަމަ، އަޅުގަނޑުމެންނަށް އޮތީ ގެއްލުމާއި ހަލާކެވެ. އަޅުގަނޑުމެންނަށް އޮތީ ދިމާވާ ކޮންމެ ކަމަކުން ވެސް ޢިބްރަތް ޙާޞިލުކޮށް ﷲގެ މަގަށް އެނބުރި ރުޖޫޢަވުމެވެ. އެ ކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އަޅުގަނޑުމެންނަށް ލާބައާއި މަންފާ ލިބޭނީ މި ގޮތަށް ޢަމަލުކޮށްގެންނެވެ. އެހެނީ އަޅުގަނޑުމެންނަށް މޮޅު ގޮތާއި ގެއްލުންވާނެ ކަންކަން ވެސް ދެނެވޮޑިގެންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.  "وَعَسَى أَن تَكْرَهُواْ شَيْئًا وَهُوَ خَيْرٌ لَّكُمْ وَعَسَى أَن تُحِبُّواْ شَيْئًا وَهُوَ شَرٌّ لَّكُمْ وَاللّهُ يَعْلَمُ وَأَنتُمْ لاَ تَعْلَمُونَ" ("އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.") (سورة البقرة: 216)

މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ކުރޫނާ ވައިރަހޭ ކިޔާ ލޮލަށް ނުފެންނަ ކުޑަކުޑަ ސޫތްޕެއްގެ ސަބަބުން ދުނިޔެއަށް މި ވަނީ ޢާލަމީ ވަބާއެއް ކުރިމަތިވެފައެވެ. މުޅި ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ބޮޑެތި އިޤުތިޞާދުތައް އިނދަޖެހެނީއެވެ. އެހެންނަމަވެސް އަޅުގަނޑުމެން މުސްލިމުން ވިސްނާންޖެހޭނީ މި ކަމުގައި ވެސް ﷲގެ މަތިވެރި ޙިކުމަތެއްވާނޭކަމަށެވެ. އަޅުގަނޑުމެން ދެކޭންޖެހޭނީ މި ފުރުޞަތަކީ ވެސް ﷲގެ މަގަށް އެނބުރި ދާން ލިބޭ އަގުހުރި ފުރުޞަތެއް ކަމުގައެވެ.

މި ނުރައްކާތެރި ބިރުވެރި "ޢާލަމީ ވަބާ"ގެ މި ހިތާމަވެރި ދަނޑީވަޅަކީ ވެސް މި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، މިއީ އިސްލާމީ އަޚުލާޤުގެ މަތީގައި ދަރީން ތަރުބިއްޔަތު ކުރުމަށްޓަކައި ލިބިފައިވާ ރަނުގެ ފުރުޞަތެއް ކަމަށް އަޅުގަނޑުމެންނަށް ހެދިދާނެއެވެ. އިސްލާމީ ތަރުބިއްޔަތުން ދަރީން ޒީނަތްތެރިކުރާން މި ފުރުޞަތުގެ ބޭނުން ހިފުމަކީ މި ނުރައްކާތެރި ދަނޑިވަޅުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، މި ނުރައްކާތެރިވަބާއިން ސަލާމަތްވުމަށްޓަކައި އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަށް ވާނެކަން ކަށަވަރެވެ.

އިސްލާމީ އަޚުލާޤާއި ތަރުބިޔަތުގެ ފިލާވަޅުތައް މި ދަނޑިވަޅާ ގުޅިގެން ކުދީންގެ ހިތްތަކުގައި ހަރުލެއްވިދާނެއެވެ. އެ ގޮތުން ކުރެވިދާނެ ބައެއް ކަންކަމުގެ ޚިޔާލު ހުށަހަޅައިލާނަމެވެ.

އިސްލާމީ ޝަރީޢާގައި ކާނާއަށް ދީފައިވާ މުހިއްމުކަމާއި ރަނގަޅު، ޙަލާތުތަކެތި ކެއުމަށާއި ޙަރާމް ތަކެތި ނުކެއުމަށް އަންގަވައިފައިވާކަން ހަނދާންކޮށްދެއްވިދާނެއެވެ. އަދި މި ފަދަ އަމުރުފުޅުތަކަކީ  އަޅުގަނޑުމެންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވައިފައިވާ އަމުރުފުޅުތަކެއް ކަމަށް ވިސްނައިދެއްވިދާނެއެވެ. އަޅުގަނޑުމެން ކުރާ ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން ﷲގެ ޒާތުފުޅަށް، އެކަލާނގެ އުލޫހިއްޔަތާއި ރުބޫބިއްޔަތަށް އެއްވެސް އަސަރެއް ނުފޯރާނެކަން ވިސްނައިދެއްވިދާނެއެވެ.

އަތްދޮންނާން އިރުޝާދު ދެއްވުމާއެކު، ހަމައެކަނި އިރުއިރުކޮޅާ ދެއަތް ދޮވުމުގެ އިތުރަށް، ޢާންމު ސާފުތާހިރުކަމަށް އިސްލާމް ދީނުގައި ދީފައިވާ ސަމާލުކަމާއި އެކަމަށް ކުރައްވައިފައިވާ އަމުރުފުޅުތައް ދަރީންނަށް ހަނދާންކޮށްދެއްވިދާނެއެވެ. ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅައެއްބައިކަން ދަރިވަރުންނަށް ވިދާޅުދެއްވައި މަދުވެގެން ދުވާލަކު ފަސްފަހަރު ވުޟޫކުރުމުގެ ފައިދާއާ ބެހޭ ގޮތުން ކުދީންނަށް ވިސްނައިދެއްވައި މަޢުލޫމާތު ދެއްވިދާނެއެވެ.

ކޮންމެ މީހަކު އެ މީހެއްގެ ޙާލާ މެދު ވިސްނާންޖެހިފައިވާ މި ދަނޑިވަޅުގައި ވެސް "ތިމާގެ ނަފުސަށް އެދޭ ކޮންމެ ކަމެއް" ތިމާގެ އަޚާއަށް އެދޭން ޖެހޭނެކަމާއި ތިމާގެ މީހުންނާއި އަވަށްޓެރީންނަށް ޚާއްޞަކޮށް، އަދި ޢާއްމުކޮށް އެންމެހައި މުސްލިމުންނަށާއި މުޅި އިންސާނިއްޔަތަށް އަޅައިލުމާއި ހެޔޮ ފޯރުވައި އުޅޭން އިސްލާމް ދީނުގައި އަންގަވައިފައިވާކަން ހަނދާންކޮށްދެއްވައި،  މި ދަނޑިވަޅުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ މުހިއްމުކަން ވިސްނައިދެއްވިދާނެއެވެ.

ހިތްދަތި ވަގުތުތަކުގައި ވެސް ނަމާދުކުރާން ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި ނަމާދަކީ މުންކަރާތްތަކާއި ނުބައި ކަންތައްތަކުން މީހާ ދުރުކޮށްދޭ ކަމެއްކަން ވިސްނައިދެއްވައި އިޚުލާޞްތެރިކަމާއެކު ﷲ އަށް ބިރުވެތިވެ ޚުޝޫޢަތްތެރިކަމާއެކު ގަވާއިދުން ނަމާދުކުރާން ކުދީން ހޭނުއްވިދާނެއެވެ. އަދި ކެތްތެރިކަމާއި ނަމާދުން ވާތްގާއި ބާރުވެރިކަން ލިބޭނެކަމާއި ނަމާދުން ވާގި ހޯދާން ﷲ އަންގަވައިފައިވާކަން ކުދީންނަށް ދަސްކޮށްދެއްވައި ކުދީންގެ ޢަޤީދާ ހަރުދަނާކުރެއްވިދާނެއެވެ.

ފަންނިއްޔާތު (ޓެކްނޮލޮޖީ) ގެ ގޮތުންނާއި ޒަމާނީ ސައިންސްގެ މައިދާނުގައި އިންސާނުން ކިތަންމެ ވަރަކަށް ކުރިއަރައިފައި ވިޔަސް އިންސާނުންނަކީ ހަގީގަތުގައި އެއްވެސް އާރެއްބާރެއް ނެތް  ބަލިކަށި ބަޔެއްކަމާއި އިންސާނުން ބަރޯސާވާންޖެހެނީ ހަމައެކަނި ﷲ އަށްކަން، "ކޮވިޑް19″ ގެ މި ޙާލަތުން ސާބިތުވާކަން ވިސްނައިދެއްވިދާނެއެވެ. ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށް ދަޢުވާކުރި ވިލާތުގެ ގައުމުތަކާއި އެމެރިކާއާއި ސީނުކަރައާއި އުތުރުކަރައާއި އަދި މުޅި ދުނިޔެ މިވަނީ ކުޑަކުޑަ ވައިރަހެއްގެ ސަބަބުން ކަންބޮޑުވެ، ކުޑަކަކޫމައްޗަށް ތިރިވެ ނިކަމެތިވެފައިކަމާއި އެހެންވީ އިރު އިންސާނާއަށް ހަގީގަތުގައި އެއް ވެސް ބާރެއް ނެތްކަން ކުދީންނަށް ވިސްނައިދެއްވިދާނެއެވެ. މި ކަންކަމުގެ ސަބަބުން ﷲގެ އުލޫހިއްޔަތާއި  ރުބޫބިއްޔަތުގެ މައްޗަށް ދަރިވަރުން ހޭލުންތެރިކުރެވިދާނެއެވެ.

އުމުރުން ދުވަސްވީ މީހުންގެ ތަޖުރިބާއާއި އެ މީހުންނަށް އިޙުތިރާމްކުރުމުގެ މުހިއްމުކަން ވިސްނައިދެއްވިދާނެއެވެ. މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ މި ޢާލަމީވަބާއިން ސަލާމަތްވާނެ ދަވާއެއް ނުވަތަ ވެކްސިނެއް ހޯދުމުގައި އަވަދިނެތި އުޅެނީ ގިނަ ދުވަސްވީ ތަޖުރިބާކާރުން ކަމަށްވާތީ، ގިނަ ދުވަސްވީ ތައުލީމީ މީހުންގެ އަގު ވަޒަންކުރާން ދަސްކޮށްދީ، މުސްކުޅީންނަށް އިޙުތިރާމްނުކުރާ މީހަކީ ތިމަންމެންގެ ތެރެއިންވާ މީހެއް ނޫންކަން ކައު ރަސޫލާ އަންގަވައިފައިވާކަން މި ފުރުޞަތުގައި ހަނދާންކޮށްދެއްވައި ބޮޑެތި މީހުންނަށް އިޙުތިރާމްކުރުމުގެ މައްޗަށް ކުދީން ހޭލުންތެރިކުރެއްވިދާނެއެވެ.

މިސްކިތްތަކާއި މަދަރުސާތަކާއި އިޖުތިމާޢީ މަރުކަޒުތަކުގެ މުހިއްމުކަން ވިސްނައިދެވިދާނެއެވެ. މި ތަންތަން ބަންދުކޮށް ނުވަތަ މީހުން ދިޔުން މަނާކުރުމުން ނުވަތަ މަދުކުރުމުން މުޖުތަމަޢާށް ލިބޭނެ ގެއްލުން ވިސްނައިދީ އެކުވެރީންނާއި މީސްތަކުނާ އެކަހެރިވެގެން އުޅޭން ޖެހުމަކީ ކިހާ އުނދަގޫ ކަމެއްކަން ވިސްނައިދެއްވައި، އިޖުތިމާޢީ ގުޅުމުގެ މުހިންމުކަން ދަސްކޮށްދެއްވިދާނެއެވެ.

ކުރާ ކޮންމެ (ހެޔޮ) ކަމެއް ފަށައިގަތުމުގައި "ބިސްމިﷲ" ކިޔަން އާދަކުރުމާއި އެކަމެއް ނިމުމުން ﷲ އަށް ޙަމްދުކުރުމުގެ މުހިއްމުކަން ވިސްނައިދެއްވިދާނެއެވެ. އަދި ﷲގެ ނަންފުޅު ނުގަނެ ކުރާ ކަންކަމުގައި ބަރަކާތެއް ނުހުންނާނެކަން ވިސްނައިދެވިދާނެއެވެ.

މި ދުނިޔެއަކީ ދާއިމީ ތަނެއް ނޫންކަން ވަށައިގެން މަރުވަމުންދާ އަވަށްޓެރީންގެ މަރުތަކުން ސާބިތުވާކަމާއި މަރަކީ ނިމުމެއް ނޫންކަމާއި އެއީ އަނެއް ދުނިޔެއަށް ބަދަލުވާ ބަދަލުވުމެއްކަން ދަރީންނަށް ހަނދާންކޮށްދެއްވިދާނެއެވެ. އެހެންކަމުން އަނގައިން ބޭރުވާ އެންމެ ފަހު ކަލިމައަކީ ޝަހާދަތުގެ ދެކަލިމަކަމުގައި ހަދާންޖެހޭނެކަމާއި މިކަމަށްޓަކައި ނިދާއިރު އެންމެ ފަހުން ކިޔާ ކަލިމާއަކީ "ކަލިތުއްތައުޙީދު" (ޝަހާދަތް) ކަމުގައި ހަދާން ދަރިވަރުންނަށް ވިސްނައިދެއްވިދާނެއެވެ. އެހެނީ ނިދުމަކީ ވަގުތީ (ކުޑަ) މަރެއް ކަމާއި އެއީ ދާއިމީ މަރެއް ކަމުގައިވެ، ނިދައިފައި ދެން ހޭލެވޭނީ މަޙުޝަރުގެ މައިދާނަށް ކަމަށް ވެސް ވެދާނެކަން ވިސްނައިދެވިދާނެއެވެ. އެހެންކަމުން ނިދުމުގެ ކުރީން ކުރުސިއާއި ޝަހާދަތް ކިޔާން އާދަކުރާން ދަރީންނަށް ހަނދާންކޮށްދެއްވިދާނެއެވެ.

ދުނިޔަވީ ކޮންމެ ކަމެއްގައި ވެސް އިސްލާމްދީނުގައި ފުރިހަމަ އިރުޝާދުތައް ދެއްވައިފައިވާކަމާއި އިސްލާމްދީނަކީ ދުނިޔޭގައި ފުރިހަމައަށް އުޅެ، އާޚިރަތް ބާއްޖަވެރިކުރާނެ މަގުކަމަށާއި، އިސްލާމް ދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންނަކީ އަބާއްޖަވެރި ޖާހިލުންކަން ދަރީންނަށް އޮޅުންފިލުވައިދެއްވައި  ވިސްނައިދެއްވިދާނެއެވެ.

މި ނުރައްކާތެރި ކުރޫނާ ވައިރަހަކީ އަޅުގަނޑުމެން ﷲ އާއި ކުއްތަންވާން ލިބޭ ރަނގަޅު ފުރުޞަތެއްކަމުގައި ލައްވައި މި ބަލީން އަޅަމެން ރައްކާތެރިކޮށްދެއްވައި، އިސްލާމް ދީނުގެ ހިދާޔަތުގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު މިއަޅާއަށާއި އެންމެހައި ދިވެހީންނަށް ދެއްވައި، އިސްލާމް ދީނުގެ ހިދާޔަތުގައި މިނިވަންކަންމަތީ މި ލޮބުވެތި ޤައުމު ޤިޔާމަތާ ހަމަޔަށް ދަމަހައްޓަވާށިއެވެ! އާމީން.

_______________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ