އަދުގެ ޚާއްސަ

Print

އައިބައިފިއްޔާއި އާބާފިލި އޮޅުނު ފަދައިން ހުސްނޫނާއި ޏަވިޔަނި ވެސް އޮޅެނީ!!

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

"ޓެކްސީ ވެރިންނަށް ފެއްސާއި ރަތެއް ވަކިކުރަން ނޭންގޭ" މި ސުރުޚީގެ ދަށުގައި 2017 ޑިސެންބަރު 17 ވަނަ ދުވަހު 12 ޖަހާ އެހާކަންހާ އިރު، ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިޢުކުރި ރިޕޯޓެއް ކިޔައިލުމުން އަޅުގަނޑު ހިތަށް ވެރިވީ މުޅިން އެހެން ޝުޢޫރެކެވެ.

އެ ރިޕޯޓް ކިޔައިލުމުން ލިޔުންތެރިޔާ ހާމަކުރައްވާން މަސައްކަތްކުރެއްވި ޚިޔާލު އަޅުގަނޑަށް ރޭކައިލި އެވެ. ނަމަވެސް މުޅި ލިޔުމުން ދޭހަވަނީ އެހެން މާނައެކެވެ.

ރިޕޯޓްގެ ސުރުޚީގައި ވަނީ "ޓެކްސީ ވެރިންނަށް ފެއްސާއި ރަތެއް ވަކިކުރަން ނޭންގޭ" މިފަދައިންނެވެ. މި ޖުމުލައިން ދޭހަވަނީ ކޮންމެވެސް މީހަކު ނުވަތަ ބަޔަކު "ޓެކްސީ ވެރީންނަށް" އަންގާންޖެހޭ ވާހަކައެއް ކޮންމެވެސް ސަބަބަކާހުރެ ނޭންގި އޮތްކަމެވެ. އަޅުގަނޑު ހިތަށް އެރީ އެއީ އަންގާންޖެހޭ ކަމެއް ބާވައެވެ. ބަޔަކު ނޭންގިޔަސް އަމިއްލަޔަށް ވެސް ކުލަ އެނގެންވާނެތާއެވެ.

ރިޕޯޓު ކިޔަމުން ގޮސް ދެން ފެނުނީ އެހެން ޖުމުލައެކެވެ. "ދެންފެށީ އަތްނަގާށެވެ. ނަގާނެ ނުނަގާނެ ކާރެއް ނޭންގުނެވެ. އެހެންޔާ،އެއަށް ފުރިހަމައަށް ޤާނޫނު ބައްޓަންކޮށްފައިވާއިރު ޓެކްސީ ވެރިންނަށް ކުލަ ފަރަގު ކުރަން ނޭންގުމުން، ގާނޫނުގެ ބޮލަށް …….." މި ޖުމުލައެވެ. މި ޖުމުލައިން ވެސް ބަޔަކަށް ކަމެއް އަންގާންޖެހި ނޭންގި އޮތް ވާހަކަ އެބަ ބުނެއެވެ. އަންގާންޖެހެނީ ކާކަށް ބާވައެވެ؟ ނޭންގުނީ ކޮން ސަބަބަކާ ހުރެބާވައެވެ؟ މިއީ އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލުތަކެކެވެ. މި ޖުމުލައިން މުޅިން އެހެން ކަމެއް ވެސް ފާހަގަކުރެވުނެވެ. ޏަވިޔަނީގެ ބަދަލުގައި ޔާ ބޭނުންކޮށްފައި އޮތް އޮތުމެވެ. "އެހެންޏާ"ގެ ބަދަލުގައި "އެހެންޔާ" ލިޔެފައި އޮތުމެވެ. މިއީ އެ ލިޔުންތެރިޔަކަށް އޮޅިގެން ލިޔުއްވައިފައި އޮތް ގޮތެއް ނޫނެވެ. މިއީ މިހާރުގެ ލިޔުންތަކުން ވަރަށް ގިނައިން ފާހަގަކުރެވޭ މައްސައެކެވެ.

މުޅި ލިޔުމުން އަޅުގަނޑަށް ދޭހަވީ ލިޔުންތެރިޔާ ފާޅުކުރައްވާން އެ އުޅުއްވަނީ ޓެކްސީ ބޯޑު ފެހި ކުލައިން ނުވަތަ ރަތްކުލައިން ދިއްލުމުގައި ވަކި އުޞޫލެއް ނުގެންގުޅޭ ވާހަކައެކެވެ. ފާޅުކުރައްވާން މަސައްކަތްކުރެއްވި ޚިޔާލާއި ދޭހަވާ މާނަ ދިމާނުވީ ހުސްނޫނާއި ނޫނު ސުކުން އަދި ޔާއާއި ޏަވިޔަނި ވަކިކުރައްވަން ލިޔުންތެރިޔާއަށް އެނގިވަޑައިނުގަންނާތީއެވެ.

މިއީ ދިވެހިބަހަށް މިއަދު ކުރިމަތިވެފައިވާ އާ މައްސަލައެކެވެ. މި މައްސަލަ އުފެދިގެން މި އުޅެނީ މިއަދު ސޯޝަލް މީޑއާގައި ދިވެހިބަހުން ލެޓިން އަކުރުން ގިނަ ބަޔަކު މުޢާމަލާތު ކުރާއިރު ދިވެހިބަސް ލެޓިން އަކުރުން ލިޔުމުގެ ގަވާއިދެއް 1977 ން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކުރައްވައިފައިވާކަން ވެސް މިއަދުގެ ޒުވާނުންނަށް ނޭނގޭތީ އެ މީހަކު ހިތު ހުރި ގޮތަކަށް ލިޔަންފެށުމުންނެވެ. ލެޓިން އަކުރުން ދިވެހިބަސް ލިޔާއިރު، ނޫނު ސުކުނާއި "ހުސްނޫނަށް" ބޭނުންކުރާނޭ އަކުރެއް ނިޝާނެއް މި ޒަމާނުގެ ކުދީންނަށް އެނގިފައި ނެތީތީއެވެ. އެހެންކަމުން ނޫނު ސުކުނަށް ވެސް ހުސްނޫނަށް ވެސް "އެން" އަކުރު ބޭނުންކޮށް އެ އުޞޫލު ތާނައަށް ނަޤުލުވީއެވެ. ޏަވިޔަނީގެ އަޑުނެރުމަށްޓަކައި "ވައި" އަކުރު ބޭނުންކޮށް އެ އަޑު ތާނައަށް ގެނައީއެވެ.

މިކަމުގައި ކަމާބެހޭ ކޮންމެވެސް ފަރާތަކުން ހަރުދަނާ ފިޔަޅެއް އަޅުއްވާން އެބަޖެހެއެވެ. ބަސްލިޔެކިޔައި އުޅުމުގައި އެކަށައެޅިފައިވާ އުޞޫލު ޢާއްމުންނަށް ނޭނގޭ ނަމަ، އެ މީހަކު ހިތަށް އެރި ގޮތަކަށް ލިޔާންފަށާނެއެވެ. ނަތީޖާއަކަށް ވާނީ ލިޔުންތެރިޔާ ދޭން ބޭނުންވާ މެސެޖު ނޫން އެހެން މެސެޖެއް ކިޔާ މީހާއަށް ފޯރުމެވެ. މިކަމުގެ ސަބަބުން ޚިޔާލަށް ވެސް ނާންނަހާ ބޮޑެތި އިޖުތިމާޢީ އަދި ޤާނޫނީ މައްސަލަތައް ކުރިމަތިވެދާނެއެވެ.

ދިވެހިބަހުގައި ފަޅިނޯށުގެ އަޑުގެ ރަމްޒެއްގެ ގޮތުގައި ބޭނުންކުރަނީ ހުސްނޫނެވެ. ފިލިނުޖަހައި އޮންނަ ނޫނެކެވެ. ފުރިހަމަ ނޯށުގެ އަޑަށް ސުކުންކޮށްފައިވާ ނޫނެކެވެ. އެހެންނޫނީ "އަލިފާނުގެ ހާދިސާއެއް ހިނގައިފި"އޭ ލިޔަން ބޭނުންވެގެން "އަލިފާނުގެ ހާދިސާއެއް ހިންގައިފި"އޭ ލިޔެފި ނަމަ އެއީ ބަޔަކު ގަސްތުގައި ކުރި ކަމަކަށް މާނަކުރެވިދާނެއެވެ. އެނގުމާއި އެންގުމުގެ ތަފާތާއި "ބަނޑުން ވެއްޓިއްޖެ"އޭ ބުނާންވެގެން "ބަންޑުން ވެއްޓިއްޖެޔޭ ބުނީމާ" އަންނަ ތަފާތު އަޅުގަނޑުމެން ދެނެގަންނާން އެބަޖެހެއެވެ. މި ތަފާތު ނޭނގުމަކީ ޓެކްސީ ޑްރައިވަރުންނަށް ރަތާއި ފެހި ވަކިކުރާން ނޭނގުމަށްވުރެ މާ ނުރައްކާތެރި ކަމެކެވެ.

"ދިވެހިބަސް އިނގިރޭސި (ލެޓިން) އަކުރުން ލިޔުމުގެ ގަވާއިދު" ގައި ވާ ގޮތުން ދިވެހިބަސް ލެޓިން އަކުރުން ލިޔާއިރު ޏަވިޔަނީގެ އަޑުގެ ރަމްޒެއްގެ ގޮތުން ބޭނުންކުރާން ކަނޑައަޅައިފައި ވަނީ "ޖީ"އަކުރާއި "އެން"އަކުރެވެ.   gnއެވެ. އެން (n) އަކުރާއި ވައި (y) އަކުރެއް ނޫނެވެ. ނޫނު ސުކުނުގެ ބަދަލުގައި ބޭނުންކުރާނީ "އެން" (n) އަކުރެކެވެ. "ހުސްނޫނު"ގެ ބަދަލުގައި ބޭނުންކުރާނީ "އެން"އަކުރާއި އެޕޮސްޓްރޮފީ (’n) އެކެވެ. މި ގޮތުގެމަތީން، އެކަށައެޅިފައިވާ ގަވާއިދަށް ހުރިހާ އެންމެން ޢަލަކުކުރާނަމަ، މި އޮޅުންތަކެއް ނާރާނެއެވެ. ކަމާ ބެހޭ އިދާރާއިން އެހެން ގަވާއިދެއް އެކަށައަޅަންދެނެވެ. އެކަށައެޅިފައިވާ ގަވާއިދެއް އޮންނަނީ އެންމެންގެ ލާބައަޢި މަންފާއަށްޓަކައެވެ.

_____________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ