އަދުގެ ޚާއްސަ

Print

އަދަބީ އުކުޅު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމް އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

(މިވާހަކަ ތަރުޖަމާ ކުރުމުގައި ދިވެހި މުޖުތަމަޢަށް ފައްތަން ވަރަށް ކުދި ބަދަލު އަޅުގަނޑު ގެނައީމެވެ.)

ބުރު ސޫރައަށް ބަލާއިރު އެއީ އެހައި ޚާއްޞަ މީހެކޭ އެއް ގޮތަކަށްވެސް ހިއެއް ނުވެއެވެ. އެއީ އިސްކޮޅުން ކުރު މީހެކެވެ. ހިކި މީހެކެވެ. މޫނުމަތީންވެސް އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ފެންނާކަށް ނެތެވެ. އޭނާއަކީ އެ ރީތި އޮފީހުގައި ޖެހިފައިވާ ހުތުރު ލައްގަނޑެކޭވެސް ހީވެއެވެ. ފުރަތަމަ ފެންނަ މީހަކަށް ހީވާނީ އޭނާއަކީ އޮފީހުގެ މަސައްކަތު މީހާ ކަމުގައެވެ. އަދި ބޭރުން އަންނަ މީހުންނަށް ދެއްކޭން ވެގެން ވެރިމީހާގެ ގޮނޑިއަށް އަރައި އިނީ ކަމުގައެވެ. އޭނާގެ އޮފީހުގެ ބޭރުގައި ހުރި ކޮޅުފިލާގޮނޑީގައި އިށީނދެގެން އިން ޕިޔޯނަކީވެސް އޭނާ އަށް ވުރެ ވަރުގަދަ ޝަޚްސިއްޔަތެއްގެ ވެރިއެކެވެ. އެކަމަކު އޭނާގެ ކުޑަކުޑަ ބޮލުގައި އޮތް ސިކުނޑިއަކީ އާދަޔާ ޚިލާފަށް މޮޅު ސިކުނޑި އެކެވެ. އޭނާއަކީ ނޫސް މަޖައްލާ ފަދަ ތަކެތި ޝާއިޢު ކުރާ އިދާރާއެއްގެ ވެރި އެކެވެ. އޭނާގެ ބެލުމުގެ ދަށުން ތިން މަޖައްލާއެއް ވަރަށް ކާމިޔާބު ކަމާ އެކު ނުކުމެ އެވެ.

ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެވެ. ކުއްލިއަކަށް ފެނުނީ އެންމެ މި ޒަމާނުގެ ވަކީލަކު އައިސް އޭނާގެ ކޮޓަރިއަށް ވަން ތަނެވެ. އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ކޯޓެކެވެ. އަތުގައި އަތްމަތީ ފޮށްޓެއް އޮތެވެ. އަރައިގެން ހުރި ކަޅު ބޫޓުން ހުރީ އޮފު އަރައަރައެވެ. އޭނާގެ ޙަރަކާތާއި ހިނގުމުން އެއީ ވަރަށް މޮޅު މީހެއްކަން އެނގޭހައި ވެއެވެ. ފެންނަ މީހަކަށް އަސަރު ނުކޮށް ނުހުންނާނޭކަން ކަށަވަރެވެ.

"އަހަރެން މިއައީ 'އަނދިރި' މަޖައްލާގެ އެޑިޓަރާ ބައްދަލު ކޮށްލަން-" އޭނާ ބުންޏެވެ. "ޕަބްލިޝަރު އަދި ޗީފް އެޑިޓަރު ޙަސަން ސަޢީދާ ބައްދަލު ކޮށްލަން-"

"އަވަހަށް ވިދާޅުވޭ- އަޅުގަނޑު ކޮށްދޭންވީ ކޮން ކަމެއްތޯ-؟"

"އެންމެ ފުރަތަމަ އަޅުގަނޑާ ޙަސަން ސަޢީދާ ބައްދަކު ކޮށް ދެއްވާ-" ވަކީލު ބުންޏެވެ. "އެ ވަރުން ފުދޭނެ-  އަޅުގަނޑަށް ހީވަނީ މިއަށްވުރެ ވަކީން ރަނގަޅަކަށް ބައްދަލެއް ނުކުރެވޭނެހެން- ޙަސަން ސަޢީދަކީ އަޅުގަނޑު-

އަވަހަށް ވިދާޅުވޭ- އަޅުގަނޑު ކޮށްދޭންވީ ކަމަކީ ކޮބައިތޯ-؟"

އޭނާގެ ވާހަކަ ވެގެން ދިޔައީ ވަކީލު ވަރަށް ބޮޑަށް ޙައިރާން ކުރުވި ވާހަކަ އަކަށެވެ. އެކަމަކު ހަމަ އެކަނި ވެރީ ސޮރީ އޭ ބުނެލާފައި ފުއްދާލީ އެވެ.

"އަޅުގަނޑުގެ ނަމަކީ ފަރުމާން-" އޭނާ ގޮނޑީގައި އިށީންނަމުން ބުނެލި އެވެ. "ވަރަށް ހިތާމަޔާ އެކު ދަންނަވާން ޖެހެނީ އަޅުގަނޑު މިއައީ އުފާވެރި ޚަބަރަކާއިގެންނެއް ނޫނޭ-"

"ޙަސަން ސަޢީދުގެ މޫނުގެ ކުލަވަރު ބަދަލު ވެގެން ހިނގައްޖެއެވެ.

ފަރުމާން އޭނާގެ އަތްމަތީ ފޮށި ހުޅުވައިލިއެވެ. އަދި އެ ފޮށިން ނެގި ހުދު ކުލައިގެ ސިޓީ އުރައެއް ޙަސަން ސަޢީދުގެ ކުރިމަތީގައި ބާއްވައިލިއެވެ.

އިތުރު މަޢުލޫމާތު ދިނުމުގެ ގޮތުން އޭނާ ބުނެލިއެވެ. "ޤާާނޫނީ ބަހުރުވައިން ދަންނަވާ ނަމަ މިއީ ޚަރަދު ހޯދުމުގެ ނޯޓިސް- ޙަސަން ސަޢީދުގެ މަޖައްލާގެ ސެޕްޓެމްބަރު މަހުގެ ޢަދަދުގައި 'ދުވަހުގެ އަނިޔާ' ގެ ނަމުގައި ކޮލަމެއް ޝާއިޢު ކޮށްފައިވޭ- އެ ކޮލަމުގައި އޮތް ލިޔުން ލިޔެފައި ވަނީ އަޅުގަނޑުގެ މުވައްކިލު އެމް. އޭ. ރަޤީބް ގެ ނަމުގައި- އެކަމަކު އެއީ ބޮޑު ކުށެއް- ރަޤީބް ވިދާޅުވާ ގޮތުގައި އެއީ އޭނާ ލިޔުއްވި މަޒުމޫނެއް ނޫން- ވޭތުވެ ދިޔަ ތިންމަސްދުވަހުގެ މަޖައްލާގައި އޭނާގެ ނަމުގައި ތިން ލިޔުން ޝާއިޢު ކޮށްފައިވޭ- އެހެންވީމާ ޙަސަން ސަޢީދު އަޅުގަނޑުގެ މުވައްކިލް ރަޤީބް ގެ ޢިލްމީ އަދި އަދަބީ މަޝްހޫރު ކަމުގެ ނާޖާއިޒު ފައިދާ ނަންގަވަނީ ކަން ވަރަށް ރަނގަޅަށް އެބަ އެނގޭ- އެއް ނަން ކިޔާ އެތައް ބަޔަކު އުޅޭނެ- ރަޤީބޭ ނަމަކަށް ކިޔާ އެހެން މީހަކު ލިޔަނީ ކަމަށް ބެލެވިދާނެ- އެކަމަކު އެންމެ ފަހުގެ ޢަދަދުގައި ރަޤީބް ގެ ފޮޓޯއެއްވެސް ޖަހާފައި އެބަ އޮތް- އަނދިރި މަޖައްލާ ގައި ޖައްސަވައިފައިވާ މަޒްމޫނު ތަކުގެ ސަބަބުން ރަޤީބްގެ އަގު ވެއްޓޭ ގޮތް އެބަ ދިމާވޭ- އެއީ އެ މަޒްމޫނު ތަކުގައި ހުރި ޚިޔާލު ތަކާއި ރަޤީބްގެ ޚިޔާލާ އެއްވެސް ކަހަލަ ގުޅުމެއް ނެތީމާ-"

ޙަސަން ސަޢީދު އޭނާގެ ކުރިމަތީގައި އޮތް ސިޓީ އުރައަށް އިޝާރާތް ކޮށްލި އެވެ. "މި ލިޔުމުގައި ވެސް ހުންނާނީ ދެންމެ ތިޔަ ދެއްކެވި ވާހަކަތައް- އެހެން ނޫންތޯ-؟"

ވަކީލު ބޯ ޖަހައިލި އެވެ. "އާދެ- އަދި އިތުރު ވާހަކަވެސް ހުންނާނެ- އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ޙަސަން ސަޢީދު ގަސްތު ކުރައްވަނީ އެ މަޒްމޫނުތަކުގެ ސިލްސިލާ ކުރިއަށް ގެންދަވަން- އެހެންވީމާ މީގެ ފަހުން އެ މަޒްމޫނުތައް ޖައްސަވައިގެން ނުވާނޭ ކަމަށްވެސް އޮންނާނެ- އަދި ކުރިން ޝާއިޢު ކުރެއްވި މަޒްމޫނު ތަކުގެ ސަބަބުން ރަޤީބަށް ލިބިވަޑައިގަތް ގެއްލުމުގެ އަގުވެސް ދެއްވާން ވާނޭ ކަމަށް އޮންނާނެ- އަޅުގަނޑަށް މި ނޯޓިސް ޕޯސްޓުންވެސް ފޮނުވިއްޖައީސް- އެކަމަކު އަޅުގަނޑަށް ފެނުނީ ސީދާ އައިސް ވާހަކަ ދައްކައިލުން ރަނގަޅު ވާނެ ކަމަށް-"

"ގެއްލުމުގެ އަގޭ ތިޔަ ވިދާޅުވަނީ ކޮން ކަހަލަ އަގަކަށްތޯ-؟"

"ރަޤީބް އެދިވަޑައިގަންނަވަނީ ފަންސާސް ހާސް ރުފިޔާ އަށް- އެ ރުފިޔާ އާ ޙަވާލު ވުމުގެ ހުއްދަ އޭނާ ވަނީ އަޅުގަނޑަށް ދެއްވައިފައި-"

"އަޅުގަނޑާ ސަމާސާ ކުރައްވަނީތޯ-؟" ޙަސަން ސަޢީދު ފަރުވާ ކުޑަ ގޮތަކަށް ބުނެލި އެވެ. "މި ރާއްޖޭގައި މަޒްމޫނުގެ އަގަކަށް އެހައި ބޮޑު އެއްޗެއް ނުލިބޭކަން އެނގިވަޑައިގެންފައި ނެތީތޯ-؟ މޮޅު ލިޔުމެއް ލިޔާ މީހަކަށް އެއްވެސް އެއްޗެއް ނުލިބެއޭ ދެންނެވުންވެސް ދޮގަކަށް ނުވާނެ-"

"ތިޔަ ވިދާޅު ވެވުނީ އިދިކޮޅަށްހެން ހީވޭ-" ވަކީލު ބުންޏެވެ. "ވިދާޅުވާން އުޅުއްވީ ބޮޑު އަގު ލިބެނީ މޮޅު ލިޔުންތެރިންނަށޭ- އެހެން ނޫންތޯ-؟"

"ނޫން- އަޅުގަނޑު މި ދެންނެވީ ހަމަ ރަނގަޅަށް-" ޙަސަން ސަޢީދު ބުންޏެވެ. "މޮޅު ލިޔުންތެރިން ލިޔަނީ ވަރަށް މޮޅު ލިޔުން- އެ ލިޔުންތައް ގިނަ ފަހަރަށް ޢާއްމުންގެ ބޮލަކަށް ނުވަދޭ- އެނގެނީ ދެތިން ހަތަރު މީހަކަށް- އެ ފެންވަރުގެ މީހުން އެހައިވެސް މަދު- އެ ފެންވަރުގެ މީހުން ދިވެހި ބަހުން ހުންނަ އެއްޗެއް ކިޔާކަށް ބޭނުމެއް ނުވޭ- އެ މީހުން ކިޔާނީ އިނގިރޭސި ބަހުން ނޫނީ ޢަރަބި ބަހުން ހުންނަ ލިޔުންތައް- ނޫނީ އެހެން ކޮންމެވެސް ބަހަކުން ލިޔެފައި ހުންނަ ލިޔުންތައް- އެހެންވީމާ އަޅުގަނޑުމެން ލިޔަން މި ޖެހެނީ އާދައިގެ މީހުން ކިޔާ ކަހަލަ އެއްޗެތި-"

"ދެން ހެޔޮ-" ވަކީލު އަތް އުފުލައިލި އެވެ. "ތިޔަ ވިދާޅުވާ އެއްޗެއް އަޅުގަނޑަށް ވިސްނިއްޖެ- އެކަމަކު ތިޔައީ މި ކަމަކާ ގުޅޭ ވާހަކަ އެއް ނޫން- އަޅުގަނޑު މި ދައްކަނީ އަގުގެ ވާހަކަ- ބަދަލުގެ ވާހަކަ-" އެއަށް ފަހު ތަންކޮޅެއް ސިއްރުވެރި ގޮތަކަށް ބުނެލި އެވެ. "ތިޔައީ ރަނގަޅު ބޭކަލެއްހެން އަޅުގަނޑަށް ހީވޭ- މި މައްސަލަ ތަންކޮޅެއް ކުޑަ ޚަރަދަކުން ވެސް ނިންމައިލެވިދާނެ- ރަޤީބަކީ ވަރަށް ބާރުގަދަ މީހެއްކަން ޙަސަން ސަޢީދަށް އެނގިވަޑައިގަންނަވާނެ- ވަރަށް ބޮޑެތި ބޭފުޅުންނާ އޭނާޔާ ގުޅުން އޮންނާނެ- ދާދި ފަހުން ބޭއްވުނު އަދަބީ ކޮންފަރެއްސެއްގައި ވެސް އޭނާ އިންނެވީ އިސްޓޭޖުގައި- މަޖައްލާގެ ރަޖިސްޓަރީ ބާޠިލުވާ ގޮތް ވުމަކީ ވެސް ދުރު ކަމެއް ނޫން-"

ޙަސަން ސަޢީދު އެ ވާހަކަ އަށް މާ ބޮޑު ސަމާލު ކަމެއް ނުދީ ބުނެލި އެވެ. "އަޅުގަނޑަށް ހީވަނީ ޝަރީޢަތަށް ދިއުމުގެ ޙައްޤު ކޮންމެ މީހަކަށް ވެސް އޮންނާނެ ހެން-"

ވަކީލުގެ ތުންފަތް މައްޗަށް މަލާމާތުގެ ހިނިތުން ވުމެއް ވެރި ވިއެވެ. "ދަންނަވަންތޯ-؟ އަޅުގަނޑު ޝަރުއީ ދާއިރާގައި އުޅޭތާ ފަނަރަ އަހަރު ދުވަސް ވެއްޖެ- އެހެންވީމާ ޝަރީޢަތަށް ދިއުމާއެކު މައްސަލަނިމޭނީ ރަޤީބަށް ކާމިޔާބު ލިބިގެންކަން އަޅުގަނޑަށް ޔަޤީން- އެ މަޒުމޫނުތައް ލިޔުއްވީ ރަޤީބް ކަމަށް ދެއްކެވޭނޭ އެއްވެސް ހެއްކެއް ޙަސަން ސަޢީދަކަށް ނުހޯއްދެވޭނެ- އަޅުގަނޑު މި ދަންނަވާ އެއްޗެއް ވިސްނިވަޑައިގެންފި ކަމަށް ހީ ކުރަން-"

"ވަރަށް ރަނގަޅަށް ވިސްނިއްޖެ- އެކަމަކު އަޅުގަނޑު ތިޔަ ވާހަކަ އަކަށް ތާއީދެއް ނުކުރަން- ތިޔަ ޔަޤީން ކަމުގެ އަގު ދެއްވަން ކެރިވަޑައިގެން ހުންނެވިއްޔާ ޝަރީޢަތަށް ދިއުން މާ ބުއްދިވެރި ކަމަށް އަޅުގަނޑަށް ފެނޭ-"

"ޔަޤީން ކަމުގެ އަގޭތޯ-؟"

"އާދެ- ތިޔަ ވިދާޅު ވަނީ މައްސަލަ ނިމޭނީ ރަޤީބްގެ ކޮޅަށޭ- އަޅުގަނޑު ދަންނަވާނީ މައްސަލަ ނިމޭނީ އަޅުގަނޑުގެ ކޮޅަށޭ- ކެރިވަޑައިގަންނަވާ ނަމަ ފަސް ހާސް ނުވަތަ ދިހަ ހާސް ރުފިޔާ ބަހައްޓަވާ-"

"ދިހަ ހާސް ރުފިޔާ އަށް އަޅުގަނޑު ތައްޔާރު-" ވަކީލު މޭޒު މަތީގައި އަތުން ޖަހައިލިއެވެ.

ޙަސަން ސަޢީދު އަތް ދިއްކޮށްލި އެވެ. "އަޅުގަނޑުވެސް ތައްޔާރު- އެހެންވީމާ ޖުމްލަ ވިހި ހާސް ރުފިޔާ- އެހެން ނޫންތޯ-؟"

"އާދެ-" ވަކީލު އަނެއްކާވެސް މޭޒު މަތީގައި ޖަހައިލިއެވެ. "ދެން ބައްދަލު ވާނީ ކޯޓުން- ޝަރީޢަތުގެ މަޖިލީހުގައި- އަޅުގަނޑު ޙަސަން ސަޢީދަށް އިތުބާރު ކުރަން- އެކަމަކު ރަނގަޅު ވާނީ އަޅުގަނޑުގެ ދިހަ ހާސް ރުފިޔާ އާއި ޙަސަން ސަޢީދުގެ ދިހަ ހާސް ރުފިޔާ އިތުބާރު ކުރެވޭ އެހެން މީހެއްގެ އަތުގައި ބެހެއްޓިއްޔާ- ކުރި ލިބޭ މީހަކާ ވިހި ހާސް ރުފިޔާ ޙަވާލު ކުރާނީ އެ މީހަކު-"

"ތިޔައީ ވަރަށް މޮޅު ބުއްދިއެއް-" ޙަސަން ސަޢީދު ބުންޏެވެ.

ދެ މީހުން ހިމޭނުން ތިބެގެން ވިސްނަމުން ދިޔައީ އިތުބާރު ކުރެވޭ އެހެން މީހަކު ހޯދާނޭ ގޮތަކާ މެދުގަ އެވެ. 

***

އެ ދެ މީހުން ދެވަނަ ފަހަރަށް ބައްދަލުވީ ކޯޓުންނެވެ.

ހައެއްކަ ރިޕޯޓަރުންގެ އިތުރަށް ކޯޓުގައި ތިބީ ދެ މީހުންނެވެ. އެކަކީ މުޅި ރާއްޖެއަށް މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ރަޤީބެވެ. ދެވަނަ މީހަކީ ވަރަށް ހިމަތޮޅިކޮށް ހުރި އިސްކޮޅުން ކުރު މީހެކެވެ. ޙަސަން ސަޢީދުގެ ފަރާތުން ވަކީލަކު ނާދެއެވެ. އޭނާގެ ދިފާޢުގައި ވާހަކަ ދައްކާނީ ޚުދު އޭނާއެވެ.

ޝަރީޢަތް ފެށިއްޖެ އެވެ. ވަކީލު ވަރަށް ހުނަރުވެރި ކަމާއެކު އޭނާގެ މައްސަލަ ހުށަހަޅައިފިއެވެ. އަދި ހެކީގެ ގޮތުގައި އަނދިރި މަޖައްލާގެ ދެތިން ޢަދަދުވެސް ހުށަހަޅައިފިއެވެ. އޭގެ ފަހުން އޮތީ ރަޤީބް ގެ ބަޔާނެވެ. އަނދިރި މަޖައްލާގައި ޝާއިޢު ކޮށްފައިވާ ލިޔުން ތަކަކީ އޭނާ ލިޔުނު ލިޔުން ތަކެއް ނޫން ކަމަށް ރަޤީބްގެ ބަޔާނުގައި އޭނާ ބުންޏެވެ. އަދި އެއީ އޭނާގެ މަޝްހޫރު ކަމުގެ ނާޖާއިޒު ފައިދާ ލިބިގަތުމުގެ ބޭނުމުގައި ޙަސަން ސަޢީދު ކުޅަ ކަމެއް ކަމަށް ވެސް ބުންޏެވެ. އޭނާ އެދުނީ އޭގެ ސަބަބުން އޭނާގެ ނަމަށް އެރި ހުތުރުގެ ބަދަލު ލިބިގަތުމަށެވެ.

އޭ. އެމް. ރަޤީބް ގެ ބަޔާން ނިމުމަށް ފަހު އޮތީ އަނދިރި މަޖައްލާ ގެ ޕަބްލިޝަރ އަދި ޗީފް އެޑިޓަރ ޙަސަން ސަޢީދުގެ ބަޔާނެވެ. އޭނާ ކޮށިގަނޑުގައި ހުރެގެން ދެއްކި ވާހަކައިގައި ރަޤީބްގެ ވާހަކަޔާ ކަނޑައެޅިގެން ދެކޮޅު ހެދި އެވެ.

މަޖައްލާގައި މަޒްމޫނު ޖަހާފައި އޮތް ޞަފްޙާ އޭނާ އަށް ދައްކަވައިފައި ފަނޑިޔާރު އޭނާޔާ ސުވާލު ކުރެއްވިއެވެ.

"ތިޔަ ވިދާޅުވަނީ މި މަޒުމޫނު ލިޔެފައިވާ އޭ. އެމް. ރަޤީބަކީ އެހެން މީހެއް ކަމަށްތޯ-؟"

"ނޫން- އަޅުގަނޑު މި ދަންނަވަނީ އެހެންނެއް ނޫން-" ޙަސަން ސަޢީދު ބުންޏެވެ. އެއަށް ފަހު ރަޤީބާ ދިމާއަށް އިޝާރާތް ކޮށްފައި ބުނެލި އެވެ. "މި ހުންނެވި އޭ. އެމް. ރަޤީބް ނޫން އެހެން އޭ. އެމް. ރަޤީބެއް އަޅުގަނޑު ނުވެސް ދަންނަން-"

ވަކީލު ފަރްމާން ގެ މޫނު މަތީން ހިތް ހަމަ ޖެހުމުގެ އަސަރު ފާޅު ވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް ބުނެލިއެވެ. "ޢިއްޒަތްތެރި ފަނޑިޔާރު- މިހާރު ޝައްކަކަށް އެއްވެސް ޖާގައެއް ނެތެއް ނޫންތޯ-؟ ޙަސަން ސަޢީދު އަމިއްލައަށް އިޢުތިރާފް ވެ ވަޑައިގެންފި- އެހެންވީމާ ދެން އޮތް ކަމަކީ ޙުކުމް ކުރެއްވުން-"

ފަނޑިޔާރު ގަލަން ނެންގެވިއެވެ. އަދި ލިޔުއްވަން އުޅުއްވައިފައި ކުއްލިއަކަށް ޙަސަން ސަޢިދާ ދިމާއަށް ބައްލަވައި ލެއްވި އެވެ. "ދިފާޢުގައި އެއްވެސް ވާހަކައެއް ދައްކަވަން ބޭނުންފުޅުތޯ-؟"

"ހެއްކަކު ހުށަހަޅަން އަޅުގަނޑު ބޭނުން-"

ވަކީލު އިޢުތިރާޒު ކުރިއެވެ. "ޢިއްޒަތްތެރި ފަނޑިޔާރު- ޙަސަން ސަޢީދު އެ އުޅުއްވަނީ ވަގުތު ނަންގަވައިލައްވާން-މިހާރަކު ހެއްކެއްގެ ބޭނުމެއް ނެތް-"

ފަނޑިޔާރު ވަކީލުގެ ވާހަކަ އަކަށް މާ ބޮޑު ސަމާލު ކަމެއް ނުދެއްވި އެވެ. "އަވަހަށް ހުށަހަޅުއްވާ-"

ޙަސަން ސަޢީދު އިޝާރާތް ކޮށްލީ ކޯޓުގައި އިން ހިމަތޮޅި މީހާއަށެވެ. އެ މީހާގެ ނަމެއް ކަމަށް ޙަސަން ސަޢިދު ބުނީ ސިރާޖެވެ.

"ޢިއްޒަތްތެރި ފަނޑިޔާރު މަނިކުފާނު-" ސިރާޖް ވާހަކަ ދައްކާން ފެށި އެވެ. "އަޅުގަނޑަކީ ޅެމާއި ލަވަ ހަދާ މީހަކީން- ލިޔުންތެރިއަކަށް އަޅުގަނޑު ހެއްދެވީ ޙަސަން ސަޢީދު-"

"ކަލޭގެ ޒާތީ ކަންތައްތަކުގެ ވާހަކަ އަކީ މި ކޯޓަކަށް ބޭނުން ވާހަކައެއް ނޫން-" ވަކީލު ބުނެލި އެވެ. "މި މައްސަލަ އާ ބެހޭ ގޮތުން އެނގި ހުރި ވާހަކައެއް ދައްކާ-"

"މި ކަމެއް ފެށުނީ މީގެ ހައެއްކަ މަސް ދުވަސް ކުރިން-" ސިރާޖް ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އަޅުގަނޑު އެއް ދުވަހަކު މި ކޯޓުގައި މި އިންނެވި މުޙްތަރަމް ރަޤީބް ގެ އަރިހަށް ދިޔައިން-"

ރަޤީބް ސިއްސައިގެން ގޮސްފައި ސިރާޖާ ދިމާއަށް ބަލައިލިއެވެ. އަދި ވިސްނާން ފެށިއެވެ.

ސިރާޖް ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ. "އަޅުގަނޑު އެ ދުވަހު ވަރަށް ރީތި ޝެފަރ ގަލަން ސެޓެއް ރަޤީބަށް ވެދުމަކަށް އެރުވިން-"

"ތިޔަ ކަމާ މި މައްސަލަޔާ ހުރީ ކޮން ގުޅުމެއް-؟" ވަކީލް ދެކޮޅު ހެދުމުގެ ރާގެއްގައި އަހައިލި އެވެ.

ފަނޑިޔާރު އެ ސުވާލުގެ އަޑެއް ނާއްސަވައެވެ. އަދި އެއީ ތެދެއްތޯ ރަޤީބާ ސުވާލު ކުރެއްވިއެވެ.

"އެއީ ތެދެއް-" ރަޤީބް ބުންޏެވެ. "އޭނާ އަޅުގަނޑަށް ޝެފަރ ގަލަން ސެޓެއް ދެއްވި-"

ސިރާޖް ޖީބުން ވަރަށް ދުވަސް ވެފައި އޮތް ބައު ގަލަމެއް ނަގައި ދައްކައިލި އެވެ. "މިއީ ރަޤީބް އަޅުގަނޑުގެ އެދުމުގެ މަތީން އެ ދުވަހު އަޅުގަނޑަށް ދެއްވި ގަލަމެއް- މިއީ ރަޤީބް ލިޔުއްވާން ގެންގުޅުއްވި ގަލަމެއް-" އޭނާ ރަޤީބާ ދިމާއަށް ބަލައިލި އެވެ. "ހަނދުމަފުޅު އެބަހުރިތޯ-؟ މި ގަލަމުގައި ރަޤީބްގެ ނަންފުޅުވެސް ކަނޑައި ނަގައިފައި އެބަ އޮތް-"

އޭ. އެމް. ރަޤީބް އެ ގަލަން އަތުލައިގެން ބަލައިފައި އެއީ ތެދެއް ކަމަށް ބުނެފިއެވެ. ޙަސަން ސަޢީދު އެ ގަލަން އަތުލައިގެން ގޮސް ފަނޑިޔާރުގެ އަތްޕުޅަށް އަރުވައިފިއެވެ.

"ޢިއްޒަތްތެރި ފަނޑިޔާރު-" ޙަސަން ސަޢީދު ވާހަކަ ދައްކާން ފެށި އެވެ. "ދުވަހުގެ އަނިޔާގެ ނަމުގައި ލިޔުނު މަޒުމޫނުތައް ލިޔެފައި ވަނީ ތިޔަ ގަލަމުން-"

"އެއީ ހައްތަހާވެސް މަކަރު-" ވާން އުޅޭ ގޮތް ވިސްނުނީމާ ވަކީލު ރުޅި އައިސްގެން ވަރަށް ބާރަށް ބުންޏެވެ.

ޙަސަން ސަޢީދު ބުނެލިއެވެ. "މިއީ މަކަރެއް ނޫން- އެއިން އެއްވެސް މަޒުމޫނެއްގައި އެއީ އޭ. އެމް. ރަޤީބް ލިޔުއްވައިފައިވާ މަޒުމޫނެކޭ ޖަހާފައެއް ނޯންނާނެ-"

"ތިޔަ ވިދާޅުވާ އެއްޗެއް ތަންކޮޅެއް ތަފްޞީލުކޮށް ވިދާޅުވޭ-"

"ޢިޒްޒަތްތެރި ފަނޑިޔާރު- މަޒުމޫނުގެ މަތީގައި ޖަހާފައި އޮންނާނީ އޭ. އެމް. ރަޤީބް ގެ ގަލަމުން... މިހެން- އެ މަޒްމޫނުތައް ލިޔެފައި ވަނީ އޭ. އެމް. ރަޤީބްގެ ގަލަމުން ކަމާ މެދަކު އެއްވެސް ޝައްކެއް ނެތް- އަޅުގަނޑު މި އައީ އެ މަޒްމޫނުތަކުގެ އަސްލުވެސް ހިފައިގެން- މަޒްމޫނުތައް ލިޔުނީ ސިރާޖް- ބޭނުން ފުޅިއްޔާ މި ގަލަމުން ލިޔުއްވައިފައި އެ މަޒްމޫނުގެ ލިޔުމާ އެއްގޮތްތޯ ބެއްލެވިދާނެ-"

ވަކީލު އެތައް ވާހަކައެއް ދެއްކުމާ އެކުވެސް ފަސް މިނިޓުގެ ތެރޭގައި މައްސަލަ މުޅީން ނިމިއްޖެ އެވެ. ނިމުނީ ޙަސަން ސަޢީދުގެ ކޮޅަށެވެ.

ފަރުމާން އިސް ދަށަށް ޖަހައިލިއެވެ. އަދި އޭނާގެ އަތްމަތީ ފޮށްޓަށް ކަރުދާސްތައް އަޅައިގެން ކޯޓުން ނުކުމެއްޖެއެވެ. ޙަސަން ސަޢީދާއި އޭނާގެ ވިހި ހާސް ރުފިޔާ ހިފައިގެން އިންތިޒާރުގައި ހުރި މީހާޔާ ދިމާއަށް ބަލައިވެސް ނުލައި އޭނާ ހިނގައްޖެއެވެ.

"ޙަސަން ސަޢީދު އޭ. އެމް. ރަޤީބުގެ ގާތަށް ގޮސް މަޑުމަޑުން ބުނެލިއެވެ. "ރަޤީބް އެ ގަލަން ބައްލަވައިގަންނަވަން ބޭނުންފުޅިއްޔާ އަޅުގަނޑު ސިރާޖާ ވާހަކަ ދައްކައިގެން ހަމަޖައްސަފާނަން-"

"ޝަޓްއަޕް-" ރަޤީބް ރުޅި އައިސްފައި ބުނެލި އެވެ. "އެކަމަކު ކުޑަކޮށް ވިސްނާލައިފައި އަހައިލިއެވެ. "ވިއްކާނީ ކިހައި ވަރަކަށް-؟"

"ދުވަހުގެ އަނިޔާގެ ދަށުން ތިން މަޒުމޫނު ލިޔުއްވައި ދެއްވާ-" ޙަސަން ސަޢީދު މާނައިން ފުރިފައިވާ ގޮތަކަށް އޭނާޔާ ދިމާއަށް ބަލައިލި އެވެ. "އޭގެ ފަހުން އެ ގަލަން ގެންދަވާ-!"

----------------------

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ