އަދުގެ ޚާއްސަ

Print

ވަކިމީހަކަށް ފޮނުވާ އެއްޗެއް ފަރާތްފަތާރަށް ނުފޮނުވުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށުއަޒީ)

ދުނިޔޭގެ އެހެން  ބަސްބަހެކޭ އެއް ފަދައިން ދިވެހިބަހުގައި ވެސް އެއް ލަފުޒަކުން އެތައް މާނައެއް ދޭހަވާ ލަފުޒު ހުރެއެވެ. އެ ލަފުޒުން ގަސްތުކުރާ އަޞްލު މާނަ އެނގޭނީ އެ ލަފުޒެއް ލިޔުމުގައި ނުވަތަ ޖުމުލައިގައި ބޭނުންކޮށްފައިވާ ޙާލަތަކުންނެވެ. (ކޮންޓެކްސްޓަށް ބަލައިގެންނެވެ.) މިފަދަ އެއް ލަފުޒަކީ "ފަރާތް" މި ލަފުޒެވެ.

"ފަރާތް" މި ލަފުޒުގެ މާނައިގެ ގޮތުގައި ހައެއްކަ މާނަ ރަދީފުގައި ލިޔެފައި ވެއެވެ. ނަމަވެސް ދިވެހިން ވާހަކަދައްކައި އުޅޭއިރު އެޔަށް އިތުރު މާނަތަކުގައި ވެސް އެ ލަފުޒު ބޭނުންކުރާކަން އަޅުގަނޑަށް ފާހަގަކުރެވެއެވެ. ފުރަތަމަ ރަދީފުގައިވާ މާނަތަކަށް ބަލައިލާނަމެވެ.

 

(1)ކިބަ. މިސާލު : އޭނާގެ ފަރާތުން (އޭނާގެ ކިބައިން) (2) ނިސްބަތްވާ ދަރިކޮޅުނުވަތަ ޢާއިލާ. މިސާލު: މަންމަ ފަރާތުގެ ބޮޑުބޭބެ. (މައިފުށުގެ ބޮޑުބޭބެ) (3) ފުށް. މިސާލު :ގަނޑުގެ އެފަރާތް، ގަނޑުގެ މިފަރާތް. (4) ބިތް. މިސާލު: އަތޮޅުގެ އުތުރު ފަރާތުން ދަތުރުކުރާށެވެ. )އުތުރުބިތުން ދަތުރުކުރާށެވެ.) (5) ފަޅި، މިސާލު: ޖަލްސާއަށް ދިޔަމީހުން އިށީނދެ ތިބީ، ހޯލުގެ ވާތްފަރާތުގައެވެ.(ވާތްފަޅީގައެވެ.) (6) މީހުންނާއި ކުލަބު ޖަމްޢިއްޔާ ފަދަ އެކުވިނަންތައް ގުޅުވައިގެން ބޭނުންކޮށް އުޅޭ ބަހެއް. މިސާލު: މިކަމަށް އެދޭ ފަރާތްތަކުން. (7) ދިމާ. މިސާލު: ވައިޖެހެނީ އުތުރު ފަރާތުންނެވެ.

މީގެ އިތުރަށް "މިޞްރާބު" ގެ މާނައިގައި ވެސް މި ލަފުޒު ތަކާ ގުޅިގެން ވެސް "ފަރާތް" ބޭނުން ކުރެވެއެވެ. މިސާލަކަށް: (1) ހަނދު ހުރީ ކޮން މިޞްރާބަކަށް ހެއްޔެވެ؟ ހުރީ އުތުރު ފަރާތަށް ކުޑަކޮށް އަރިކޮށެވެ.

 "ފަރާތް" މިއީ ނަމެކެވެ. މިކަން އެނގެނީ އެ ލަފުޒު ފަށްފަށްކޮށްގެން ނުވަތަ "ތައް" އިތުރުކޮށްގެން ވެސް ގިނަ ކުރެވޭތީއެވެ. މިސާލަކަށް: (1) އެކިފަރާތްފަރާތަށް  (2) ހުރިހާ ފަރާތްތަކުން ވެސް ފިއްތުންތައް ކުރިމަތިވެއެވެ.

އާދޭހެވެ! ތިޔަ ވިދާޅުވާ ވާހަކަފުޅު އަޅުގަނޑަށް ސާފެވެ. ނަމަވެސް ދިވެހިބަހުގައި ފަރާތް ބޭނުންކުރެވޭ އެތައް ގޮތްތަކެއް ހުރި ނަމަވެސް އެ ލަފުޒު ބޭނުންކުރާން ނުވާ ގޮތްގޮތަށް ބޭނުންކުރީމާ ކިޔައިލާން ނުވަތަ އަޑުއަހައިލާން އުނދަގޫ ގޮތެއް އެބަ ހުރެއެވެ. މިސާލަކަށް ފޯނުން ވާހަކަދައްކައިލުމާއެކު ތިއީ ކޮން ފަރާތެއްތޯ އެބަ އަހައިލައެވެ. އެހެން އަހާ މީހެއްގެ މަޤުޞަދަކީ ތިޔައީ ކާކުތޯ ނުވަތަ ކޮން ބޭފުޅެއްތޯ ސާފުކޮށްލުން ކަމަށް ވެދާނެއެވެ. ނުވަތަ ތިޔަ ވާހަކަދައްކަނީ ކޮން ކުންފުންޏަކުން ނުވަތަ ކޮން ޖަމްޢިއްޔާއަކުންތޯ ބަލާން ކުރާ ސުވާލެއް ކަމަށް ވެސް ވެދާނެއެވެ. އެހެނީ "ފަރާތް" އެއީ "މީހުންނާއި ކުލަބު ޖަމްޢިއްޔާ ފަދަ އެކުވިނަންތައް ގުޅުވައިގެން ބޭނުންކޮށް އުޅޭ ލަފުޒެއް" ކަމަށް ވެސް "ބަސްފޮތު"ގައި އޮތީތީއެވެ. އެހެންނަމަވެސް މީސްމީހުނަށް ނިސްބަތްކޮށް "ފަރާތް" ބޭނުންކުރީމާ ބައެއް ފަހަރު މާނަ އޮޅެއެވެ. ނުވަތަ އަޑުއަހައިލާން އުނދަގޫވެއެވެ. މިސާލަކަށް ކާކު/ކޮން ބޭފުޅަކު ފޮނުވި/ފޮނުއްވި އެއްޗެއްތޯ ސުވާލުކުރާންވެގެން މިއީ ކޮން ފަރާތަކުން ފޮނުވި އެއްޗެއްހޭ އެހީމާ މާނަ އޮޅެއެވެ. އޭނާއަކީ ވަރަށް ރަނގަޅު މީހެކޭ ބުނަންވެގެން އެއީ ވަރަށް ރަނގަޅު ފަރާތެކޭ ބުނީމާ ކަމަކު ނުދެއެވެ. އިބިލީހަކީ ވަރަށް ނުބައި ފަރާތެކޭ ބުނުމުގެ ބަދަލުގައި އިބިލީހަކީ ނުބައި މަޚުލޫޤެކޭ ނުވަތަ ޝައިޠާނެކޭ ބުނީމާ މާ އަސަރު ގަދަވެއެވެ. މާނަ މާ ޞަރީޙައެވެ.

ކަން އޮތީ މިހެން ކަމުގައި މިހެން ކަމުގައި ވިޔަސް މިހާރު "ފަރާތް" އެއީ ކޮންމެ ކަމަކަށް ބޭނުންކުރާ ލަފުޒަކަށް ވާތަން އެބަ ފެނެއެވެ. ދިވެހި ބަހުގައި ހުރި އެތައް ލަފުޒެއްގެ ބޭނުން ނިހިފި އެ ލަފުޒުތައް ބާކީވާތަން އެބަފެނެއެވެ. އަދި މިކަމުގެ ސަބަބުން އަނެކާއަށް ފޯރުކޮށްދޭ މެސެޖުގެ އަސަރު ވެސް ކުޑަވެއެވެ. އެކި ކަންކަމަށް ފުރަންޖެހޭ ފޯމުތަކާއި އިޢުލާންތަކުގައި ވެސް ނުގުޅޭ ގޮތަކަށް "ފަރާތް" ބޭނުންކޮށްފައި ހުރެއެވެ. "އެދޭ މީހާގެ ނަން:" މިގޮތަށް ލިޔުމުގެ ބަދަލުގައި "އެދޭ ފަރާތުގެ ނަން" ލިޔެފައި އޮތީމާ މާނަ ތަފާތުވެއެވެ. ސަބަބަކީ "މީހާ" އޭ ބުނުމުން ސީދާ ޞަރީޙަކޮށް މާނަ އެނގުނަސް "ފަރާތޭ" އޮތީމާ މާނައިގައި ފަނޑު ކަމެއް އާދެއެވެ. ތަފާތު މާނަ ދޭހަވެއެވެ. ކަމުނުދާނެޔެކޭ އަޅުގަނޑު ނުދަންނަވަމެވެ. ނަމަވެސް ފަރާތުގެ ނަމޭ ބުނީމާ އެ "ފަރާތުން" ގަސްތު ކުރެވޭ މާނައަށް ވަރަށް ބޮޑު ފަނޑުކަމެއް އާދެއެވެ. އޭނާއޭ ބުނާ ކޮންމެ ތަނެއްގައި "ފަރާތް" ބޭނުންކުރުމަކީ ޢިބާރާތަށް ކޮރުކަމެއް އަންނަ ކަމެކެވެ. އެއީ ރަނގަޅު ގޮތެއް ކަމަކަށް ހަމަގައިމު ވެސް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.

ވީމާ، އިޙުތިރާމާއެކު ދަންނަވަމެވެ. "އޭނާ"އަކީ ތިންވަނަ ފަރާތަށް ނިސްބަތްވާ ބަދަލު ނަމަކަށް ވިޔަސް "ފަރާތް" އެއީ ވަރަށް ގިނަ މާނަ ދޭހަވާ ލަފުޒެކެވެ. ވީމާ، ތިމާ އޭނާއަށް ރައްދުކުރަން ބޭނުންވާ މެސެޖް ފަރާތްފަރާތަށް ފޮނުވުމުގެ ބަދަލުގައި އޭނާއަށް ފޮނުވާން އާދަކުރަމާތޯއެވެ!

___________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ