ކޮން މީހެއް؟ (2)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
(10 އެޕުރީލު 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
ދާއޫދުގެ ފަރާތުން ފެނުނު ތަފާތު ކަންތައްތަކުގެ ސަބަބުން އެއީ އާދައިގެ މީހެއް ނޫންކަމަށް މުންޑޫގައި ކިޔައި އުޅުނެވެ. އެކަމަކު ދާއޫދު ކިޔާ އެހާ މަޝްހޫރު ވިޔަފާރިވެރިއެއްގެ ނަންވެސް އަޑުއިވިފައިނުވާކަމަށް ވެސް ބައެއް މީހުން ބުނެއެވެ. ދާއޫދުގެ ދީލަތިކަމާއި މުންޑޫއަށް އޭނާ އައި އަގުބޮޑު ބިޔަ ކާރާއި، މުންޑޫން އޭނާ ފުރައިގެން ދިޔަ ރީތި ބޮޑު ލާންޗަށް ވިސްނައިލިޔަސް މިއީ އާދައިގެ މީހެއް ނޫންކަން ވިސްނޭހައި ވެއެވެ.
(2)
ކަންމަތީ ފިހާރަ
ދާއޫދުގެ ފަރާތުން ފެނުނު ތަފާތު ކަންތައްތަކާ މެދު މުންޑޫގައި ވަރަށް ބޮޑަށް ބަހުސް ކުރެވުނެވެ. އަދި ދާވޫދު ފުރައިގެން ދިޔަތާ ހަފުތާއެއް ވީއިރުވެސް އެ ވާހަކައަށް ފަނޑުކަމެއް ނާދެއެވެ. ދެތިން ފިރިހެނަކު އެއްވެލިޔަސް އަންހެންވެރީން އެއްވެލިޔަސް ދައްކަނީ ދާއޫދުގެ ވާހަކައެވެ. ބައެއް މީހުން ބުނަނީ އެއީ މާލޭ މީހެއް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އޭނާ ވާނީ ގަންފޮނަދޫ ސިޓީގެ ފޮނަދޫ ނުވަތަ ގަމު މީހެއް ކަމަށެވެ. ރާއްޖޭން ބޭރުގައި އުޅެފައި މުއްސަނދިވެގެން އައީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެ ވާނީ ކުޅުދުއްފުށީ ސިޓީގެ ނުވަތަ އައިހަވަން ސިޓީގެ މުއްސަންޖެއް ކަމަށެވެ.
މި ގޮތުގެ މަތީން ޒުވާނުންގެ ބަޔަކު އަތިރީ ޖޯލިފަތީގައި ދާއޫދުގެ ހަގީގަތާ މެދު ބަހުސްކުރާން ތިއްބައި މުޝްތަރީގޭ ކައިރިއަށް ކާރެއް މަޑުކޮށްލިތަން ފެނިއްޖެއެވެ. އެންމެން ކުއްލިއަކަށް މުޝްތަރީގޭ ކައިރިއަށް ޖަމާވެއްޖެއެވެ.
"އައްސަލާމް ޢަލައިކުމް! ކިހިނެއްތޯ ހުރިހާ ބޭފުޅުން" ދާއޫދު ހިނިތުންވެ ހުރެ އެންމެންނާ މުޚާޠަބުކޮށް ސަލާމް ގޮވައިލިއެވެ.
"ވަޢަލައިކުމް ސަލާމޭ!" ގޮވަމުން އެ މީހުން ވަކިވަކީން ގޮސް ދާއޫދާ އަތާ އަތް ޖޯޑުކޮށް ސަލާން ވެސް ކޮށް ހެދިއެވެ.
"ދާއޫދު! މިރަށަށް ތިޔަ ވަޑައިގަންނަވަނީ ކީއްވެތޯ" އެއްވެ ތިބި މީސްތަކުންގެ ތެރެއިން މީހަކު ސުވާލުކޮށްލިއެވެ.
"މިރަށުން ގެޔެއް ގަންނާން ބޭނުންވާތީ މި އާދެވެނީ." ދާއޫދު ޖަވާބު ދިނެވެ.
"ހެހެހެހެ! މިރަށުން ގެޔެއް ގަންނާށޭ!.....މަލާމާތެއް ތޯ؟" އެކަކު ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ. "ދާއޫދުމެންފަދަ ބޭފުޅުންނަށް މި ރަށުގައި އޮތީ ކޮން މުސްތަޤުބަލެއްތޯ؟"
"މިރަށް ހަމަ ހިތްގައިމީ. މި ރަށް ދެކެ ވަރަށް ގަޔާވެވިއްޖެ." ދާއޫދު ޖަވާބު ދިނެވެ. "މިއީ ސަމާސާއެއް ވެސް މަލާމާތެއް ވެސް ނޫން."
"މި ރަށުގެ ހުރިހާ ޒުވާނުން މިހާރު ރަށުން ފައިބައިގެން ހިނގައްޖެ. އެއް ބަޔަކު މާލެއަށް. އަނެއް ބަޔަކު ގަން-ފޮނަދޫ ސިޓީއަށް." އެހެން މީހަކު ވާހަކަދެއްކިއެވެ. "މި ރަށުގައި މި ތިބީ އަހަރެމެން ކަހަލަ ހައެއްކަ މުސްކުޅިން."
"ތިކަން އަޅުގަނޑަށް ވެސް ވިސްނޭ. އެކަމަކު ވެސް އަޅުގަނޑު ހަމަ މި ރަށުގައި އުޅޭ ހިތްވަނީ."
"މި ރަށުގައި ބައިވަރު ގޭގެ އެބަހުރި. ހީވަނީ ލިބިދާނެހެން. ކަންމަތީގޭ މުހައްމަދުވެ އިހަކަށް ދުވަހު ނިޔާވީ. އެގޭ ހުރިހާ ކުދީން އުޅެނީ މިހާރު ސިޓީގައި. ހީވަނީ އެ ގެ ވިއްކައިފާނެހެން." އެކަކު ބުންޏެވެ.
އަނެއް ދުވަހު ހެނދުނު އެ ރަށު ދެތިން ހަރު މީހަކާ މުޙަންމަދާ ރަށުތެރެ ހިނގައިލާން ނުކުމެ ބަލައިލި އިރު ފަޅު ގޯތިތައް ވަރަށް ގިނައިން ފެނުނެވެ. ދާއޫދަށް އެންމެ ކަމު ދިޔައީ ބޮޑުމަގުގައި ހުރި ކަންމަތީގެ ކިޔާ ގެޔެކެވެ. އެ ގެޔަކީ ވެސް ފަޅަށް ހުރި ގެޔެކެވެ. އެހެންކަމުން އެ ގެ ގަތުމަށްޓަކައި އެ ގޭގެ ވާރުތަވެރީންނާ ވާހަކަދައްކައިގެން އެކަން ހަމަޖައްސާން މޫސާފުޅުބެއާ ހަވާލުކޮށްފިއެވެ. މޫސާފުޅުބެއަށް ފަސްހާސްރުފިޔާ ހަދިޔާއަކަށް ދީފައި މިކަން ހަމަޖައްސައިދެވިދާނެހޭ ދާއޫދު ސުއާލުކުރިއެވެ.
މޫސާފުޅުބެ ސިޓީއަށް ގޮސް ކަންމަތީގެއާ ގުޅުންހުރި ދެ މީހަކު ގޮވައިގެން މުންޑޫއަށް އަތުވެއްޖެއެވެ. މުސާފުޅުބެއަކީ ދާއޫދަށް ވަރަށް ކަމުދާ މީހެކެވެ. ގޯތި ގަތުމުގެ ކަންތައް ދާއޫދު ހަވާލުކުރީ ވެސް އެނަޔާއެވެ. މޫސާފުޅުބެ އެ ނިސްރީނާއި ޝާފިޢާ ވާހަކަދައްކައިގެން ދެލައްކަ ރުފިޔާއަށް އެ ގޯތި ވިއްކާ ގޮތަށް އެއްބަސްކުރުވައިފިއެވެ. އަދި އެގްރީމަންޓް ލިޔެ ފައިސާ ދީ ހުރިހާ ކަމެއް ހަމަ އެދުވަހުން އެދުވަހަށް ހަމަޖައްސައިފިއެވެ. ގޯތި ރަޖިސްޓަރީކުރުން ކަހަލަ ރަސްމީ ކަންކަން މޫސާފުޅުބެ ހަމަޖައްސައިދޭންޖެހޭނޭ ބުނެ ދާއުދުބެއަށް އެ ދުވަހު ވެސް ހަދިޔާއަކަށް ދެހާސްރުފިޔާ ދީފިއެވެ.
ދާއޫދަކީ ވެސް މަސައްކަތް ދަންނަ ހަރުދަނާ މީހެއްކަން އެނގުނީ، ކަންމަތީގެ ގަތުމަށްފަހު ވީރާނާވެފައި ހުރި، ގެ މަރާމާތުކުރާން ގިނަ ކަންކަން ދާއޫދު އަމިއްލަޔަށް ކުރާން ފަށައިގަތީމައެވެ. މޫސާފުޅުބެއާއި ރަށުގެ ބައެއް އެހެން މީހުން ވެސް އެހިތެރިވެދީގެން ދެ ދުވަހެއްގެ ތެރޭގައި ގެ މަރާމަތުކޮށް ގޯތިތެރެ ސާފުކޮށް ގޭގައި ކުލައި ހުރިހާ ކަމެއް ނިންމައިލައިފިއެވެ. ގޭގެ މޫނުމައްޗާއި އެތެރޭގެ ފަރުމާއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައެވެ.
ޖެހިގެންއައި ހުކުރު ދުވަހު އިރުއޮއްސުނު ތަނާ ބޮޑު ލޮރީއެއް ކަންމަތީގޭ ކައިރިއަށް މަޑުކޮށްލައި މުދާތަކެއް ބާލާން ފަށައިފިއެވެ. ރަށު މީހުންނަށް މި ވާ ގޮތެއް ނޭނގިފައި ތިއްބައި މުދާތައް ބޭލުމަށްފަހު ސިޓީއަށް ދިޔަތާ މާ ގިނަ އިރެއް ވެސް ނުވެ މުންޑޫ ބަނދަރަށް އައި ކާގޯ ބޯޓަކުން މުދާ ހަރުތަކަކާއި ހާޑްވެއަރގެ ސާމަނުތަކެއް ވެސް ކަންމަތީގެއަށް ބާލައިފިއެވެ.
ހޮނިހިރު ދުވަހު އިރުއެރިއިރު މުންޑޫ މީހުންނަށް ހައިރާން ލިބުނީ ކަނަމަތީގޭ މަގުމައްޗަށް ވާ ގޮތަށް ދާއޫދު ތަރައްގީކުރި މައިގެ މަތީގައި ވަރަށް ބޮޑު ބޯޑެއްގައި "ކަންމަތީ ފިހާރަ" ޖަހައިފައިވާތަން ފެނުމުންނެވެ. ދާއޫދު ފިހާރައެއް ހަދާން އުޅޭ ވާހަކައެއް މޫސާފުޅުބޭ ގާތަކު ވެސް ނުބުނެއެވެ. އެހެންވެ، ވަރަށް ހައިރާންވެގެން ދާއޫދު ގާތަށް އައިސް ބުނެފިއެވެ.
"މި ރަށުގައި ފިހާރައެއް ތިޔަ ހެދީ ކީއްކުރަން؟" ހައިރާންކަމާއެކު މުސާފުޅުބެ ސުވާލުކޮށްލިއެވެ. "ޝާދީވިލާ ކުދީން ހިންގި ފިހާރަ ވެސް ފައިދާއެއް ނުވާތީ ބަންދުކޮށްފައި އެގޭ އެންމެން ސިޓީއަށް ބަދަލުވިދާ މިހާރު އަހަރަކަށް ވުރެ ވެސް ގިނަ ދުވަސްވެއްޖެ."
"ކިހިނެއްވީ؟" ދާއޫދު ވެސް ކޮށްލީ ސުވާލެކެވެ.
"ކަމެއް ނުވޭ. ދާއޫދަށް ފައިދާއެއް ނުވާނެހެން ހީވާތީ ހަމަ ސުވާލުކޮށްލެވުނީ" މޫސާފުޅުބެ ވަރަށް ސީރިއަސްކަމާއެކު ޖަވާބު ދިނެވެ." މި ރަށު މީހުން ގަންނަ އެއްޗެއް ވިއްޔާ ގަންނާނީ މާބައިދޫން. ބޮޑެތި އެއްޗިހި ގަންނާނީ ގަންފޮނަދޫ ސިޓީން. އެ ތަންތަނުން މާލެއަށްވުރެ ވެސް އަގުހެޔޮކޮށް ބޭނުން އެއްޗެއް ލިބެންހުރޭ."
މޫސާފުޅުބޭގެ އެ ކަންބޮޑުވުމަކަށް ދާއޫދު މާބޮޑު އެއްޗެކޭ ނުބުނެ ކޮށްލީ އެހެން ސުވާލެކެވެ. "މޫސާފުޅުބޭ ފިހާރައިގައި މަސައްކަތްކޮށްލާނެ ކުއްޖަކު ލިބޭނެތަ ރަނގަޅު މުސާރައެއް ދީފިއްޔާ؟ ބޭނުންވަނީ މޮޅުކުއްޖެއް. އެ ކުއްޖެއްގެ ތަޢުލީމީ ފެންވަރު ހުރި ވަރަކުން މުސާރަ ދޭނީ.
"މި ރަށު ގިނަ ކުދީން އުޅެނީ މާލޭގައި ނުވަތަ ގަންފޮނަދޫ ސިޓީގައި. ރަށުގައި ވަޒީފާއެއް ނެތީމާ. ރަށުގައި ނޫޅޭނެ އެހާ ކިޔަވައިގެން އުޅޭ ކުއްޖެއް. ހަރުފުރާގެ މީހުންނާއި މުސްކުޅިންކޮޅު ރަށުގައި މި ތިބެނީ. އެކަމަކު ދެ ކުއްޖަކު އެބައުޅޭ ފޮނަދޫ ބޮޑު ފިހާރައިގަ އުޅޭ ކުއްޖަކާ ގަމު ކެފޭއެއްގައި އުޅޭ ކުއްޖަކު ޗުއްޓީއަށް އައިސް. ރަނގަޅު މުސާރައެއް ދޭންޏާ އެއިން ކުއްޖަކު އުޅެފާނެތާ. ހަމަގައިމު ވެސް ފަސޭހަވާނެއެއްނު؟" މޫސާފުޅުބޭ ހާސަރުތައް ދަމައިލިއެވެ.
"އަޅެ ތި ދެކުދީން ގެނެސް ދީފާނަންތަ ކުޑަކޮށް ވާހަކަދައްކައިލާން" ދާއޫދު ސުވާލުކޮށްލިއެވެ.
"އާނ!" މިއަދު ގެނެސް ދޭނަން.
***
ވިއްސަކަށް އަހަރަށްވުރެ ދޮށި ނުވާ ދެ އަންހެން ކުއްޖަކު ގޮވައިގެން ހަވީރު ހަތަރެއް ޖެހިތަނާ މޫސާފުޅުބެ ދާއޫދުގެ ކަންމަތީ ފިހާރައަށް އަތުވެއްޖެއެވެ. ދާއޫދު، ފިހާރައިގެ ނަންޖަހައިފައި ހުއްޓަސް އަދި ރަސްމީކޮށް ހުޅުވައި ވިޔަފާރި ނުކުރާތީ ފަހަރަކު ކުއްޖަކު ފިހާރައަށް ވައްދައިގެން ފާޑެއްގެ ބަސްދީގަތުމެއް ފިހާރައިގެ ތެރޭގައި ބާއްވައިފިއެވެ. ހުރިހާ ގޮތަކުން ބެލި އިރު ވެސް ދާއޫދަށް ކަމުދިޔައީ ނީނާ ކިޔާ ކުއްޖެކެވެ. ކަން ދިމާވި ގޮތުން ނީނާއަކީ މޫސާފުޅުބެއާ އެއް ބަނޑު އަންހެނެއްގެ ކުއްޖެކެވެ. ބޮޑު މުސާރައެއް ދޭ ނަމަ، ކަންފަތީ ފިހާރައިގައި އުޅެފާނެ ކަމަށް ދެކުދީން ވެސް އެއްބަސްވިއެވެ. މޫސާފުޅުބެ ހީކުރީ ނީނާއަށް ވަޒީފާ ހަމަޖައްސައިދިނީ މޫސާފުޅުބެއާ ދާއޫދު ބާއްވާ ގާތްކަމުގެ ސަބަބުން ކަމުގައެވެ. ނަމަވެސް އެ ކަމުގެ ސަބަބކީ ނީނާގެ އަޖާއިބެއްފަދަ ރީތިކަމާއި ބިޒިނަސް އެޑްމިނިސްޓރޭޝަންސްގެ ދާއިރާއިން އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމެވެ.
ކޮންމެއަކަސް އަދި ފިހާރަ ނުހުޅުވުނަސް ފިހާރަ ރަޖިސްޓަރީކުރުމާއި އެ ކަމާ ބެހޭ މަސައްކަތްތައް ވެސް ކުރަންޖެހިފައިވާތީ، ޖެހިގެން އައި ދުވަހުން ފެށިގެން ވަޒީފާއަށް ނުކުންނަން ނީނާއަށް އަންގައިފިއެވެ. ނުވަޔަކުން ހަތަރަކަށް މަސައްކަތްކުރާ ގޮތަށެވެ. މެންދުރު އެއް ގަޑިއިރުގެ ހުސްވަގުތުކޮޅެއް ވެސް ލިބޭ ގޮތަށެވެ. މަހަކު ވިހި ހާސްރުފިޔާއާއި އަހަރީ ބޯނަހުގެ އިތުރަށް ފިހާރައިގެ ވިހި އިންސައްތަ ހިއްސާ ވެސް ނީނާއަށް ދޭ ގޮތަށް އެއްބަސްވިއެވެ. ނަމަވެސް ފިހާރައިގެ ހިއްސާގެ ވާހަކަ އޮތީ ސިއްރެއްގެ ގޮތުގައި ބާއްވާން އެއްބަސްވެއެވެ.
(ނުނިމޭ)