އަދުގެ ޚާއްސަ

Print

ޚުންސާގެ ޖިންސު ކަނޑައަޅާ ގޮތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސިއްޙަތު


ޢަބްދުލްމުޢީދު ޙަސަން


ޚުންސާއަކީ ކޮބާ؟
ޚުންސާއަކީ، ފިރިހެނެއްކަން ނުވަތަ އަންހެނެއްކަން ނޭގޭ މީހާއެވެ. ބައެއް ފަހަރު، އޭނާގެ ހަށިގަނޑުގައި، ދެ ޖިންސްގެ ދެ ގުނަވަން ވާނެއެވެ. އެއީ ފިރިހެން ހަށްޓާއި އަންހެން ހަށްޓެވެ. އަދި ބައެއްފަހަރު، އޭނާގެ ހަށިގަނޑުގައި ދެ ޖިންސުންކުރެ ޖިންސެއްގެ ޖިންސީ ގުނަވަން ބޭރުން ނުފެންނާނެއެވެ.

ފިޤުހުވެރިންގެ އަރިހުގައި ޚުންސާގެ ޖިންސް
އިސްލާމީ ފިޤުހުވެރިން، (ކުރީގައި) ޚުންސާއެއްގެ ޖިންސް ކަނޑައަޅުއްވަނީ، އޭނާ ކުޑަކަމުދާ ގޮތުގެ މައްޗަށް ބިނާކުރައްވައިގެންނެވެ. އެއްގޮތަށްވުރެ ގިނަ ގޮތަށް ޚުންސާއަކު، ކުޑަކަމު ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތްތަކަކީ:


1. ފިރިހެން ހަށިން ކުޑަކަމު ދިއުން: މި ޙާލަތުގައި އޭނާގެ މައްޗަށް ހިނގާނީ ފިރިހެނެއްގެ ޙުކުމެވެ.

2. އަންހެން ހަށިން ކުޑަކަމު ދިއުން: މި ޙާލަތުގައި އޭނާގެ މައްޗަށް ހިނގާނީ އަންހެނެއްގެ ޙުކުމެވެ.

3. ފިރިހެން ހަށިންނާއި އަންހެން ހަށިން ކުޑަކަމު ދިއުން: މި ޙާލަތުގައި ބަލާނީ، ކުރިން ކުޑަގެފިލި ބޭރުވަނީ ކޮންތަނަކުންތޯއެވެ. ކުރިން ކުޑަގެފިލި ބޭރުވީ، ފިރިހެން ހަށިން ކަމަށްވަނީނަމަ، އޭނާގެ މައްޗަށް ހިނގާނީ ފިރިހެނެއްގެ ޙުކުމެވެ. ކުރިން ކުޑަގެފިލި ބޭރުވީ، އަންހެން ހަށިން ކަމަށްވަނީނަމަ، އޭނާގެ މައްޗަށް ހިނގާނީ އަންހެނެއްގެ ޙުކުމެވެ.

4. ފިރިހެން ހަށިންނާއި އަންހެން ހަށިން އެއްފަހަރާ ކުޑަކަމު ދިއުން: މި ޙާލަތުގައި ބަލާނީ، ގިނައިން ކުޑަގެފިލި ބޭރުވީ ކޮންތަނަކުންތޯއެވެ. ގިނައިން ބޭރުވީ ފިރިހެން ހަށިން ކަމަށްވަނީނަމަ، އޭނާގެ މައްޗަށް ހިނގާނީ ފިރިހެނެއްގެ ޙުކުމެވެ. ގިނައިން ބޭރުވީ އަންހެން ހަށިން ކަމަށްވަނީނަމަ، އޭނާގެ މައްޗަށް ހިނގާނީ އަންހެނެއްގެ ޙުކުމެވެ. އެ ދެ ގުނަވަނުން ބޭރުވި ކުޑަގެފިލީގެ މިންވަރު އެއްވަރު ވެއްޖެނަމަ، އޭނާ ބާލިޣުވަންދެން ބަހައްޓާނީއެވެ. ބާލިޣުވުމުން، މަތިމަހާއި ތުނބުޅި ފެޅުމާއި އަޑުބަރުވުން ފަދަ، ފިރިހެން ސިފަތައް އޭނާގެ ކިބައިން ފާޅުވެއްޖެނަމަ، އޭނާގެ މައްޗަށް ހިނގާނީ ފިރިހެނެއްގެ ޙުކުމެވެ. ނޫންނަމަ، އޭނާގެ މައްޗަށް ހިނގާނީ އަންހެނެއްގެ ޙުކުމެވެ.

5. ވަކި ވައްތަރެއްގެ ޖިންސީ ގުނަވަނެއް ނެތުން: މި ޙާލަތުގައި ކުޑަގެފިލި ކުރުމަށް ހުންނަނީ ލޯވަޅެކެވެ. މި ޙާލަތުގައި އޭނާއާމެދު ގޮތެއް ކަނޑައަޅާނީ ބާލިޣުވުމުންނެވެ. އޭނާގެ ކިބައިން ފިރިހެން ސިފަތައް ފާޅުވެއްޖެނަމަ، އޭނާގެ މައްޗަށް ހިނގާނީ ފިރިހެނެއްގެ ޙުކުމެވެ. އަންހެން ސިފަތައް ފާޅުވެއްޖެނަމަ، އޭނާގެ މައްޗަށް ހިނގާނީ އަންހެނެއްގެ ޙުކުމެވެ.

ޢިލްމީ ހަމަތަކުން، ޚުންސާގެ ޖިންސް ކަނޑައެޅުން
މިޒަމާނުގެ ސައިންޓިފިކް ހޯދުންތަކުގެ އަލީގައިވަނީ، ޖިންސް ކަނޑައަޅާދޭ ޢިލްމީ ހަމަތައް ހޯދިފައެވެ. އެއީ:

1. ކްރޯމަސޯމް (Chromosome) ގެ ވައްތަރު: ފިރިހެނުންގެ ހަށިގަނޑުގައި ވާނީ XY ކްރޯމަސޯމެވެ. އަންހެނުންގެ ހަށިގަނޑުގައި ވާނީ XX ކްރޯމަސޯމެވެ.

2. ޖިންސީ ގޮށްތައް: ފިރިހެނުންގެ ހަށިގަނޑުގައި ވާނީ، ދެއޮށެވެ. އަންހެނުންގެ ހަށިގަނޑުގައި ވާނީ، ދެ އޯވަރީއެވެ.

3. އެތެރެހަށީގެ ޖިންސީ ގުނަވަންތައް: ފިރިހެނުންގެ ހަށިގަނޑުގައި ވާނީ، ފިރިހެން ފެން ގެންގުޅުމާއި ނަޤުލުކުރުމާ ބެހޭ ބައިތަކެވެ. އަންހެނުންގެ ހަށިގަނޑުގައި ވާނީ، ރަޙިމާއި ބިސް ދަތުރުކުރާ ހޮޅިއާއި ޒަވާޖީ ގުޅުމަށް ބޭނުންވާ ބައިތަކެވެ.

4. ބޭރުން ފެންނަން ހުންނަ ގުނަވަންތައް: ފިރިހެނުންގެ ހަށިގަނޑުގައިވާނީ، ފިރިހެން ހައްޓާއި އުރަވަޅިއެވެ. އަންހެނުންގެ ހަށިގަނޑުގައިވާނީ، ކުޅަދިއްޔާއި ބޮޑު ދެތުންފަތާއި ކުޑަ ދެތުންފަތާއި އަންހެންހަށީގެ ދޮރެވެ.

މިކަންތައްތަކުގެ ތެރެއިން، ޢާއްމުންނަށް ފާހަގަކުރެވޭނީ، ބޭރުފުށުން ފެންނަން ހުންނަ ގުނަވަންތަކެވެ. ޑަކުޓަރުންނަށް ވެސް ހަމަލޮލުން ބައްލަވައިގެން ފެނިވަޑައިގަންނަވާނީ އެ ގުނަވަންތަކެވެ. ބޭރުފުށުން ބަލައިގެން ޖިންސް ކަނޑައަޅަން ނޭގިއްޖެނަމަ، އިތުރު ތަޙުލީލުތައް ކޮށްގެން ޖިންސް ކަނޑައެޅެއެވެ.

ނަންގަނެވިދިޔަ ކަންތައްތަކުގެ ތެރެއިން އެއްފަހަރާ ދެޖިންސްގެ ބައި ހިމެނޭ ކަމަށްވަނީނަމަ، އެޙާލަތުގައި އެމީހަކު ވާނީ ޚުންސާއަކަށެވެ. ޚުންސާގެ ތިންވައްތަރެއްވެއެވެ. އެއީ:

1. ފިރިހެން ޚުންސާ
މި ޙާލަތުގައި ފިރިހެން ކުއްޖާގެ ޖިންސީ ގުނަވަންތަކުގައި އާދަޔާ ޚިލާފު ގޮތެއް ވާނެއެވެ. އެ ގުނަވަންތައް، ބޮޑަށް ވައްތަރުވާނީ އަންހެން ކުއްޖެއްގެ ޖިންސީ ގުނަވަންތަކާއެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި ދެ އޮށް ވާނެއެވެ. އޭގެ އިތުރުން އޭނާގެ ހަށިގަނޑުގައިވާނީ، XY ކްރޯމަސޯމެވެ. މި ޙާލަތުގައި ޢާއްމު ގޮތަކީ، ކުއްޖާގެ ޖިންސް، ފިރިހެން ޖިންސަށް އިޞްލާޙުކުރުމެވެ. މިނޫން ގޮތަކަށް ޢަމަލުކުރަން ޖެހިއްޖެނަމަ، އެކަން ކަނޑައަޅުއްވާނީ ޑަކުޓަރުންނެވެ.

2. އަންހެން ޚުންސާ
މި ޙާލަތުގައި، އަންހެންކުއްޖާގެ ހަށިގަނޑުގައި، ފިރިހެން ކުއްޖެއްގެ ޖިންސީ ގުނަވަން، ބޭރުން ފެންނަން ހުންނާނެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގެ ތެރޭގައި އޯވަރީއާއި ރަޙިމާއި ބިސްދަތުރުކުރާ ހޮޅި ވާނެއެވެ. މި ޙާލަތުގައި، ކުއްޖާގެ ޖިންސް، އިޞްލާޙުކުރަނީ އަންހެން ޖިންސަށެވެ.

3. އަސްލު ޚުންސާ
މި ޙާލަތުގައި، ކުއްޖާގެ ހަށިގަނޑުގައި ދެޖިންސްގެ ގުނަވަންތައް ވާނެއެވެ. އޭނާގެ ހަށިގަނޑުގައި އަންހެނުންނަށް ޚާއްޞަ އޯވަރީއާއި ފިރިހެނުންނަށް ޚާއްޞަ އޮށް ވާނެއެވެ. މި ޙާލަތުގައި، އޭނާގެ ޖިންސް ކަނޑައަޅާދޭ އެހެން ކަންކަމަށް ޑަކުޓަރުން ބައްލަވާނެއެވެ. އެއަށްފަހު، އޭނާގެ ޖިންސް އިސްލާޙުކުރަންޖެހޭނީ، ބޮޑަށް ބުރަވާ ކޮޅަކަށެވެ. ފިރިހެން ސިފަތަކުގެ ކޮޅު ބުރަވެއްޖެނަމަ ފިރިހެނަކަށެވެ. އަންހެން ސިފަތަކުގެ ކޮޅު ބުރަވެއްޖެނަމަ، އަންހެނަކަށެވެ.

 

މަޞްދަރުތައް:
1. އިސްލާމްވެބް ޑޮޓް ނެޓް.
2. އަޙުކާމުލް ޚުންސާ، ޢައްލާމާ ޖަމާލުއްދީން ޢަބްދުއްރަޙީމް.
3. އިސްލާމް އޮންލައިން ޑޮޓް ކޮމް.
4. އަދި އިތުރު މަޞްދަރުތައް.

ހަމަމިގަލަމުން

އިދާރާ

ވާހަކަ