އަދުގެ ޚާއްސަ

Print

ކޮން މީހެއް؟ (3)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

(12 އެޕުރީލު 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ކޮންމެއަކަސް ފިހާރަ ރަޖިސްޓަރީކުރުމާއި އެކަމާ ބެހޭ މަސައްކަތްތައް ވެސް ކުރަންޖެހިފައިވާތީ، ޖެހިގެން އައި ދުވަހުން ފެށިގެން ވަޒީފާއަށް ނުކުންނަން ނީނާއަށް އަންގައިފިއެވެ. ނުވަޔަކުން ހަތަރަކަށް މަސައްކަތްކުރާ ގޮތަށެވެ. މަހަކު ވިހި ހާސްރުފިޔާއާއި އަހަރީ ބޯނަހުގެ އިތުރަށް ފިހާރައިގެ ވިހި އިންސައްތަ ހިއްސާ ވެސް ނީނާއަށް ދޭ ގޮތަށް އެއްބަސްވިއެވެ. ނަމަވެސް ފިހާރައިގެ ހިއްސާގެ ވާހަކަ އޮތީ ސިއްރެއްގެ ގޮތުގައި ބާއްވާން އެއްބަސްވެއެވެ. އަދި ޙިއްޞާ ދިނުމުގެ ކަންތައް ހަމަޖައްސާނީ ނީނާގެ މަސައްކަތް ހުންނަ ގޮތް ވަޒަންކޮށް، ދާއޫދު ހިތް ހަމަޖެހޭ ގޮތަށް މަސައްކަތް ކުރާ ނަމަ ކަމަށް ވެސް ނީނާއަށް ވަނީ އަންގައިފައެވެ.

(3)

މުނިސިޕަލް ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރި ޖަލްސާ

ހައްދުންމަތީ "ގަންފޮނަދޫ ސިޓީ"ގެ ދަށުގައި އޮންނަ މުންޑޫ މުނިސިޕަލް ކައުންސިލްގެ ޢާއްމު ބައްދަލުވުމެއް މަދުވެގެން ކޮންމެ ހަމަހަކުން އެއް ފަހަރު ބޭއްވުމަކީ ލޯކަލް ކައުންސިލް އޮތޯރިޓީގެ ޤާނޫނު ލާޒިމުކުރާ ކަމެކެވެ. މި ބައްދަލުވުމަކީ ކޮންމެހެން ރަށުގެ ރައްޔިތުންނަށް އޮންނަ ބައްދަލުވުމެއް ނޫނެވެ. ރަށުގައި ދިރިއުޅޭ ކޮންމެ މީހަކީ ވެސް މި ބައްދަލުމުގައި ބައިވެރިވާން ޖެހޭ މީހެކެވެ. އަދި މުނިސިޕަލް ކައުސިލަށް މެންބަރުން ހޮވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ވެސް އޮންނަނީ އެ ރަށެއްގައި ދިރިއުޅޭ މީހުންނަށެވެ. ރަށުގެ ރަޖިސްޓަރީގައި އޮތަސް ރަށުގައި ދިރި ނޫޅޭތާ އެއް އަހަރު ވެފައިވާ މީހުންނަކަށް އެ ރަށެއްގައި ވޯޓު ދިނުމުގެ ޙައްގެއް ނޯވެއެވެ. މި އުޞޫލަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި އެ ރަށެއްގައި އޮންނަ މުނިސިޕަލް ކައުންސިލަކުން ޚިދުމަތް ދޭނީ އެ ރަށެއްގައި އޭރަކު ދިރިއުޅޭ ބަޔަކަށެވެ. އެހެންވީމާ، އެ ބަޔަކަށް ޚިދުމަތްކުރާ ބަޔަކަށް ހޮވާން ޖެހޭނީ، އެ ބަޔަކު ބޭނުންވާ ބަޔެކެވެ. ރަށުގައި ދިރިއުޅޭ މީހުންނަށް ޚިދުމަތްކުރާނެ ބަޔަކު މާ ދުރުގައި ތިބޭ ބަޔެއްގެ ވޯޓުން ހޮވުމަކީ މި ފަދަ މީހުންގެ ނަޒަރުގައި ވަރަށް ބޮޑު ބޭއިންސާފެކެވެ.

އިސްވެ ދެންނެވުނު ގޮތުގެ މަތީން މުންޑޫ މުނިސިޕަލް ކައުންސިލުން މި އަހަރުގެ ފުރަތަމަ ބައިގައި ބާއްވާ ޢާއްމު ޖަލްސާ އޮތީ ހުކުރު ދުވަހު ހަވީރު ހަތަރެއް ޖެހި އިރު އެވެ. ޖަލްސާއަށް ފަހު ވަރުގަދަ ސައެއް ވެސް އޮންނަ ގޮތަށް އޮތީ ހަމަޖެހިފައެވެ.

ކީރިތި ޤުރުއާންގެ ބަރަކާތުން ޖަލްސާ ފެއްޓުމަށްފަހު، ސެކްރެޓަރީ-ޖެނެރަލްގެ ކުރު ތަޢާރުފެއް އޮތެވެ. ތަޢާރުފަށް ފަހު ރައްޔިތުންނާ މުޚާޠަބުކުރައްވައި ޗީފްކައުންސިލާރ އަލްފާޟިލް އިބްރާހީމް ނަޢީމް ވާހަކަ ފައްޓަވައިދެއްވިއެވެ.

"ބިސްމިﷲ، ވައްޞަލާތު ވައްސަލާމް ޢަލާ ރަސޫލިﷲ!

މުންޑޫގެ ރައްޔިތުންނާއި މުންޑޫގައި ދިރިއުޅޭ އެންމެހައި ބޭފުޅުން!

އައްސަލާމު ޢަލައިކުމް!

އާދަކާދައިގެ މަތީން އަދި ޤާނޫނުގައި ވާ ގޮތުގެ މަތީން މިއީ ރައްޔިތުންނާ ބައްދަލުކުރުމުގެ ގޮތުން މިއަހަރު ބާއްވާ ފުރަތަމަ ޖަލްސާ. މި ޖަލްސާއަށް ވަޑައިގެންދެއްވި ކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނޭ ފަދައިން އަދި ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން މި ޖަލްސާއަކީ ރަށުގައި ދެވޭ މުނިސިޕަލް ޚިދުމަތްތަކާ ބެހޭ ގޮތުންނާއި ރަށުގެ ކުރިމަގާ ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާން ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ޖަލްސާ. މި ދިޔަ އަހަރަކީ ﷲގެ ވާގިފުޅާއެކު ގިނަ ކަންތައްތަކެއް ކުރެވުނު ފާގަތި، އަރުތަވެރި އަހަރެއް. ތިޔަ ލޮބުވެތި ރައްޔިތުންނާއި ދީލަތި ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަމާއެކު މި ރީތި މާލަން ބިނާކުރެވުނީ ވެސް މި ދިޔަ އަހަރު". ޖަލްސާ ކުރާން ތިބި މާލަމުގެ ވަށައިގެންނާއި މައްޗަށް ކަޅި ހިންގަވައިލެއްވުމަށް ފަހު ނައީމްގެ ވާހަކަ ކުރިޔަށް ގެންދެވިއެވެ. "އަޅުގަނޑުގެ ވާހަކަ ދިގު ނުކޮށް ތިޔަ ބޭފުޅުންގެ ޚިޔާލުފުޅުތަކަށް ތަންދީނުމުގެ ގޮތުން އަޅުގަނޑު ކުރުކޮށްލާނަން. ކޮންމެ ބޭފުޅަކު ވެސް ވާހަކަފުޅު ދައްކަވަން ބޭނުންފުޅުވީމާ އަތްޕުޅު އުފުއްލަވައިލައްވާ! އޭރުން އެ ބޭފުޅެއްގެ މައިކް މި ކޮޅުން އެސްޖީ އޮންކޮށްލަދެއްވާނެ. ކޮންމެ ބޭފުޅަކަށް ވެސް ލިބިވަޑައިގަންނަވާނީ ގިނަވެގެން ތިން މިނިޓް.  ޝުކުރިއްޔާ!"

އެންމެ ފުރަތަމަ ވާހަކަދައްކާން ފުރުޞަތު ހޯދީ ޢަލީ އާދަމެވެ. ރަށުގެ ގިނަ މީހުން ދަންނަ ގޮތުން "ވޯޓަރޓޭންކް" އަލިފުޅުބެއެވެ. 

"ޝުކުރިއްޔާ، ޗީފް ކައުންސިލާރ! ނަޢީމްގެ ޒައާމަތުގައި މުންޑޫއަށް ގެނެސްދެއްވާ ގިނަގުނަ ތަރައްޤީއަށްޓަކައި ޝުކުރުދަންނަވަން. އެކަމަކު މަކަށް ނެއިގޭޅަ މާ ރީތިކޮށް މާލޭބަހުން ވާހަކަދައްކާކަށް. އެހެންވޫމާ ދެން މަ ވާހަކަދއްކާނޫ ރަށު ބަހުން. "އަލިފުޅުގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "ވަރަށް ބޮޑަ މައްސަލައެއް މަ އެބޮތް އަދު ހުރަހަޅާން. މަ މިޔޯ މި ރަށު ފިހާރައެއް ހަދައިގެން އޮޅުނު މީހެއްކަން ނައީމަށް ވެސް އެނގޭޅަ. އެކަމަކު އެޔޯ މި ރަށު މީހުން ގެ ތަރުހީބު އޮތް ކަމެއް ނޯން. އަހަގުންނަށް މާ ރަނގަޅަ ގަންފޮނަދޫ ސިޓީއިން ނޯނުއްވާ މާބައިދޫން އެއްޗެއް ގަނެލުއްވާ! މި ރަށު މި އޮންނަ އަމާންކަމަށް ބުރޫއަރަން ކަމަކަށް ވާނޫ އަނެއްކާ މި ރަށު ފިހާރައެއް ހޮޅުވައިފުއްވާ!  އެހެންވޫމާ މި ރަށު އެއްވެސް ފިހާރައެއް ހުއްދަދޭކަށް މަކަށް ނުފެނެއި. އެހެންވެގެން އެ ވާހަކަ ބޮނެލޫ. ޝުކުރިއްޔާ!"

އެހެން މީހަކު ވެސް ވާހަކަދައްކާން ފުރުޞަތު ހޯދައި ރަށުބަހުން ފަށައިގަތެވެ. "އަލިފުޅުގެ ވާހަކައަށް ތާއީދުކެރަން. މި ރަށަށް އައި ބޭރު މީހަކު ކައުންސިލުން ހުއްދަވެސް ނުހޯދައި މިހާރު މިރަށު ފިހާރައެއް ހޮޅުވައިފި. އެކަން ހުއްޓުވާންޖެހޭޅަ." 

މޫސާފުޅުބެ ވާހަކަދައްކާން ފެށިއެވެ. "މިޔޯ ކޮސްވަން ކަހަލަ ވާހަކަދައްކަން ބަޔެއް. މި ރަށު މީހަކު ފިހާރައެއް ހޮޅުވޫމާ އެކަން ހުއްޓުވާންވޫ ކިޔެއް ވެގެން؟ އެޔޯ ރަށަށް ލިބެން ކުރުއެރުމެއް ނޯންތެ؟ އެކަމުން އުފެދޭންވޫ ކޮން ކޮން ހަމަނުޖެހުމެއް. މި ދައްކަން ވާހަކަޔަކުން މަހަމަ ކޮސް ވެއްޖެ."

"އެޔޯ ތެދެއް." އެހެން މީހަކު ފުރުޞަތު ހޯދައިގެން މޫސާފުޅުބެއަށް ތާއީދުކޮށްފިއެވެ. "މަށް ފެނެނޫ މި ރަށު ފިހާރައެއް ހޮޅުވުމަކޫ ވަރަށް ފައިދާހުރިކަމެއްހެން."

މިހާ ހިސާބުން ރިޔާސަތުން ވާހަކަދައްކާން ފެއްޓެވިއެވެ. "އަޅުގަނޑަށް ހީވަނީ މި ރަށު ފިހާރަހުޅުވާން އުޅުއްވާ ބޭފުޅާ ވެސް މި ޖަލްސާގައި އެބަ އިންނެވިހެން. އޭނާ ފިހާރަހުޅުއްވަން ގަސްތުކުރައްވާ ގޮތާއި އެކަމުން ރަށަށް ލިބޭނެ ފައިދާއަކާއި އޭނާގެ މަޤުޞަދާ ބެހޭ ގޮތުން އެއްޗެކޭ ވިދާޅުވާން ފުރުޞަތު އަރުވައިފައި ދެން އޭގެ ފަހުން އެހެން ބޭފުޅުން ވާހަކަފުޅު ކުރިޔަށް ގެންދެވިއްޔާ ޖަލްސާ ތަންކޮޅެއް ކުރުވެދާނެހެން. އެންމެ ރަނގަޅުތޯ؟" ޗީފް ކައުންސިލާރ ނައީމް ވިދާޅުވިއެވެ.

އެކި ދިމަދިމާއިން "ތާއީދު ތާއީދޭ" ގޮވައިލި އަޑު އިވުނެވެ.

"ކޮބައިތޯ ފިހާރަ ހުޅުއްވަން އުޅުއްވާ ބޭފުޅަކީ؟" ޗީފް ކައުންސިލާރ ސުވާލުކުރެއްވިއެވެ؟ "އެ ބޭފުޅަކު ކޮއްޅަށް ތެދުވެވަޑައިގެން ދެއްވަފާނަންތޯ؟"

ނަޢީމްގެ ވާހަފުޅާ ގުޅިގެން ދާއޫދު ކޮޅަށް ތެދުވެ އަތް ހިއްލައިލިއެވެ.

"ކީކޭތޯ ރައްޔިތުންގެ ކަންބޮޑުވުމާ މެދު ވިދާޅުވާނީ؟" ނައީމް ސުއާލުކުރެއްވިއެވެ."ފައްޓަވާން ތިޔަ އުޅުއްވާ ވިޔަފާރިއާ ބެހޭ ތަފްޞީލެއް ދެއްވައިފާނަންތޯ؟" މިހެން ވިދާޅުވެފައި ދާއޫދު އިން މޭޒުގެ މައިކް އޮންކޮށްލާން އެސްޖީއަށް ނައީމް އިޝާރާތް ކޮށްލެއްވިއެވެ.

"އައްސަލާމް ޢަލައިކުމް. ވަރަށް ބޮޑަށް ޝުކުރިއްޔާ!" ދާއޫދު ވާހަކަދެއްކާން ފެށިއެވެ. "އަޅުގަނޑު މި ރަށުގައި ދިރިއުޅޭން ގަސްތުކުރީ މި ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި ރަށުގެ ހަމަހިމޭންކަމާއި ރަށުގައި ކުށްކުރާ މީހުން ނޫޅޭ ކަމުގެ ޚަބަރު އިވިގެން. ހަމަ ހަމަޖެހޭ އަރާމު ދިރިއުޅުމެއް ވޭތުކޮށްލާން ކަމަށް. އަޅުގަނޑު ކުރާން ގަސްތުކުރަނީ ހަމަ ޖެނެރަލް ގުޑްސްގެ ވިޔަފާރިއެއް. މާނައަކީ ދިރިއުޅުމަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ވިއްކާން އަޅުގަނޑު ގަސްތު ކުރަނީ. ރައްޔިތުންނަށް ލިބޭނެ ފައިދާ އަކީ ސިޓީއިން ނުވާތަ މާލެއިން ގަންނަން ލިބޭ އަގަށްވުރެ ހުރިހާ އެއްޗެއް ވެސް އަގު ހެޔޮކޮށް ލިބެން ހުރުން. އަޅުގަނޑު މުދާ ގެންނާނީ ސީދާ ރާއްޖެއިން ބޭރުން މި އަތޮޅަށް. ބަލްކްކޮށް ގެންނާނީ. ގާދޫ ބަނދަރުގައި މިހާރު ވެސް އޮންނާނެ އަޅުގަނޑުގެ މުދާ ހިފައިގެން އައި ބޯޓެއް. އަޅުގަނޑުގެ އަމާޒަކީ މި އަތޮޅު އެކަކު ވެސް ވިޔަފާރިކުރާން މާލެ ދާން ނުޖެހޭ ގޮތް ހެދުން. ރައްޔިތުންނަށް ލިބޭނެ އަނެއް ފައިދާއަކީ ރަށުގެ އުފެއްދުންތައް އަޅުގަނޑު ގަނެފައި ކުޑަ ފައިދާއެއް ލުމަށްފަހު ފަތުރުވެރީންނަށް ވިއްކައިދޭނަން. އޭރުން އާމްދަނި ލިބޭނެ ދޮރެއް ރައްޔިތުންނަށް ހުޅުވައިލެވުނީ. އަދި އިޖުތިމާޢީ ޒިންމާގެ ދަށުން ކުޅިވަޅުކުޅޭނެ އެކުވެންޏެއް ވެސް އަޅުގަނޑު ޤާއިމުކުރުމުގެ ވިސްނުމެއް އެބަހުރި."

މިހާ ހިސާބުން ރިޔާސަތުން ސުވާލެއް އުފައްދަވައިފިއެވެ. "މި ރަށުގައި ވަރަށް މީސްކޮޅު މަދު. ކިހިނެއްތޯ ތިހާ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރެއްވޭނީ. މިރަށު މިއިންނެވި އަލިފުޅު ވެސް ވިޔަފާރި ހުއްޓައިލެއްވީ މުދާތައް ނުވިކި ފިހާރަ ބަނގުރޫޓުވެގެން."

"އަޅުގަނޑު މިކަން މި ކުރަނީ ފީސިބިލިޓީ ސްޓަޑީއެއް ވެސް ހަދައިފައި. ހުރިހާ ޕްލޭނެއް ވެސް ކޮށްގެން. މި ރަށުގައި މީހުން މަދަސް މި އަތޮޅުގައި ތިރީހަކަށް ހާސް މީހުން އެބައުޅޭ. އަޅުގަނޑުގެ އަމާޒަކީ ހުރިހާ އެންމެން ވެސް މާލެ ދިޔުމުގެ ބަދަލުގައި މި ރަށަށް އައުމުގެ މަގު ފަހިކުރުން. އޭރުން ވިޔަފާރީގެ އިތުރު ދޮރުތަކެއް މި ރަށުގައި ހުޅެވޭނެ. ރެސްޓޮރަންޓް، ކެފޭ، ހޮޓާ ފަދަ ތަންތަން ހިންގޭނެ. ރަށުން ބޭރަށް ގޮސްތިބި އެތައް ޒުވާނުންނެއް އެނބުރި މި ރަށަށް އަންނާނެ. މި ރަށުގެ ކުރިމަގު އަޅުގަނޑަށް ފެންނަނީ ވަރަށް އުޖާލާކޮށް.

"އަޅުގަނޑަށް ހީވަނީ ދާއޫދު، ދާއޫދުތޯ ކިޔަނީ." ނައީމް ކުރެއްވި ސުވާލަށް ނައީމް ބޯޖަހައިލިއެވެ. "އަޅުގަނޑަށް ހީވަނީ ދާއޫދު މި ރަށުން ކާވެންޏެއް ކުރައްވަން ގަސްތުކުރައްވަނީހެން. މީ ސަމާސާ. އަޅުގަނޑު އެބަ އޮތް އަދި އެންމެ ސުވާލެއް. މި ރަށުގެ އުފެއްދުންތަކުގެ ވާހަކަ ވިދާޅުވިހެން ހީވި. އެއީ ކޮން ވާހަކަފުޅެއްތޯ؟ ތަފްޞީލެއް ދެއްވައިފާނަންތޯ؟"

"އާދެ! ރަނގަޅު ސުވާލެއް. އަޅުގަނޑު މި ދެންނެވީ މިސާލަކަށް މި ރަށު މީހުން ވަރަށް ފަރުމަސް ބާނައި. އަޅުގަނޑަށް ހީވަނީ ހުޅުންބުޖަހައި ކަށިނަގައި ސާފުކޮށް ޕެކެޓްކޮށް ފްރިޖްކޮށްގެން މާލެއަށް އަދި މި އަތޮޅުގެ ރަށްރަށަށް ސަޕްލައިކުރެވޭނެހެން. އަދި މި ރަށު މޫސާފުޅުބެ ވަރަށް ރީތި އެއްޗިހި ފަނުން ވިޔެހަދާކަން އެނގޭ. އެ ފަދަ ތަކެތި ފަތުރުވެރީންނަށް ވިއްކޭނެ. އަޅުގަނޑު އެ ހުރިހާ އެއްޗެއް ގަންނާނަން. އިހި ހުއިފިލަނޑާ. މި ފަދަ އެއްޗިހި ވެސް ގަނެ ބޭރުކުރެވިދާނެ. އެކަމަކު ކަޅުބިލަމަސް އަޅުގަނޑު ގަންނާކަށް ގަސްތެއް ނުކުރަން އަދިއެއް."

"ސާފުވެއްޖެ. ޕްލޭން ވަރަށް ރަނގަޅު ކަމަށް އަޅުގަނޑަށް ފެންނަނީ. އަދި ހުރިހާ ކައުންސިލަރުންނަށް ވެސް ތިޔަ ޕްލޭނަށް ތާއީދުކުރައްވާކަމަށް އެބަ ވިދާޅުވޭ." ދާއޫދުގެ ވާހަކަތަކާ މެދު ވަރަށް ހިތްޕުޅު ހަމަޖެހިގެން ނައީމު ތާއީދުކުރެއްވިއެވެ. "އެހެން ބޭފުޅާކު އެއްޗެއް ވިދާޅުވާން އެބަ އޮތްތޯ؟"

މާލަމުގެ އެކި ދިމަދިމާއިން "ތާއީދު ތާއީދު"ގެ އަޑު ގުގުމައިގެންދިޔައެވެ. ކުރީން އެކަމާ ދެކޮޅުހެދި އަލިފުޅު ވެސް އިތުރު އެއްޗެއް ނުބުނެއެވެ.

ދެން ޖަލްސާގައި ވާހަކަދެކެވުނީ ކައުންސިލުން މި ދިޔަ އަހަރުގެ ފަހު ހަމަސްދުވަހު ކުރިކަންތަކާއި މިއަހަރު ފުރަތަމަ ހަމަސްދުވަހަށް ރޭވިފައި ހުރި ކަންތައްތަކާ ބެހޭ ގޮތުންނެވެ. ދާއޫދުގެ ފިހާރަޔާ މެދު މީހުން ޝައުޤުވެރިވެފައި ތިބިވަރުން އިތުރު ސުވާލުގެ ވަގުތުގައި ވެސް ހަމަ އެކަކު ވެސް ސުވާލެއް ނުކުރިއެވެ. ލާނެތް މީހަކު "ދެން އަވަހަށް ޖަލްސާ ނިންމައިލައިފައި ސައިބޯންދާންވޫއެއްނޯންހޭ" ބުނެލިއެވެ.

އަޅުގަނޑަށް ހީވަނީ މި ޖަލްސާ ދެން ނިންމައިލާންވީހެން. ވަރަށް ކާމިޔާބު ބައްދަލުވުމަކަށް ވީކަމަށް އުންމީދުކުރަން. ހުރިހާ ބޭފުޅުންނަށް ވެސް ބާއްޖަވެރި ދުވަސްތަކަކަށް އެދެން." ނައީމް ޖަލްސާ ނިންމައިލައްވާން ވާހަކަފުޅު ދެއްކެވިއެވެ. "ހުރިހާ ބޭފުޅުން ވެސް ބޭރުގައި ތައްޔާރުކުރެވިފައިވާ ސައިފޮދަށް އިންސާފުކޮށްދެއްވުން އެދެން. ޖަލްސާ ނިމުނީ. އައްސަލާމް ޢަލައިކުމް."

***

ރައްޔިތުންނާ ބައްދަލުކުރި ޖަލްސާއަށް ފަހު މުންޑޫ ރައްޔިތުންނާއި މުނިސިޕަލް ކައުންސިލްގެ މެންބަރުން ވެސް ދާއޫދަށް ކުރާ އިޙުތިރާމް އިތުރުވެއްޖެއެވެ. މިކަން ދާއޫދަށް ވެސް އިޙުސާސްކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ފިހާރަ ރަޖިސްޓަރީކުރުމުގެ ކަންކަން އަވަހަށް ނިންމާން ނީނާއާ ޙަވާލުކޮށްފިއެވެ. އަދި ފަޅު ގޯއްޗެއް ކުއްޔަށް ހިފައި ބޮޑު ގުދަނެއް ހެދުމުގެ މަސައްކަތް ވެސް މޫސާފުޅުބެއާ ގުޅިގެން ކުރިޔަށް ގެންދާން ނީނާއާ ޙަވާލުކޮށްފިއެވެ. 

ނީނާ މަސައްކަތްކުރާންޖެހެނީ ޖެނެރަލް މެނޭޖަރުގެ ހައިސިއްޔަތުންނެވެ. ނަމަވެސް ނީނާގެ މަޤާމަކީ ސޭލްސް ސުޕަރވައިޒަރެވެ. ކުރީން ސިޓީގައި ނީނާ މަސައްކަތްކުރީ ސޭލްސް އެސިސްޓެންޓެއްގެ ގޮތުގައެވެ. އެހެންކަމުން މަޤާމު ކުރިއެރުމާއެކު ބޮޑު މުސާރައިގައި ރަށުގައި މައިންބަފައިންގެ ގާތުގައި މަސައްކަތްކުރެވޭތީ ނީނާގެ އިތުރަށް އެ ޢާއިލާގެ އެންމެން ވެސް ތިބެނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

ނީނާގެ ހިންގުންތެރިކަމުގެ ސަބަބުން އޭނާއަކީ އެ ދާއިރާއަށް ލޯހުޅުވިފައި ހުރި ކުޅަދާނަ ކުއްޖެއްކަން ދާއޫދަށް ފާހަގަކުރެވެމުން އައި ވަރަކަށް އޭނާގެ ހިތުގައި ނީނާއަށް ކުރެވޭ އިތުބާރު ބޮޑުވަމުން އެބަ އާދެއެވެ. ނީނާ ވެސް މަސައްކަތްކުރަނީ އޭނާގެ މަސައްކަތުގެ ކޮލިޓީ ދައްކައިގެން އޭނާގެ މަސައްކަތް ދާއޫދު ބަލައިގަންނަ ފެންވަރަށް ގެންދެވޭތޯއެވެ. ނީނާގެ މަސައްކަތުގަޑި ހަވީރު ހަތަރެއްޖަހާ އިރު ނިމުނު ކަމުގައި ވިޔަސް ކޮންމެ ރެޔަކު ވެސް ނުވައެއް ޖަހާއިރު، މަސައްކަތުގެ ޚުލާޞާ ޙިއްޞަކުރާން ފިހާރައަށް އަންނާން އޮންނަނީ ހަމަޖެހިފައެވެ. ބޭނުމަކީ އެ ދުވަހެއްގެ މަސައްކަތް ހިނގި ގޮތާއި މާދަމާގެ މަސައްކަތާ ބެހޭ ގޮތުން ދާއޫދަށް މައުލޫމާތު ދިނުމެވެ. މި ގޮތަށް މަސައްކަތްކުރަމުން އައި އައިހެން ނީނާގެ ހިތުގައި ވެސް ދާއޫދަށް ޚާއްޞަ ގަދަރެއް ދެވެން ފަށައިފިއެވެ. ދާއޫދުގެ ފެޝަނާއި ދާއޫދު ޖަހާ ސެންޓްގެ ވަހަކީ ނީނާއަށް ވަރަށް ގަޔާވާ އެއްޗިއްސަށް ވާހެން ޚުދު ނީނާއަށް ވެސް އިޙުސާސްކުރެވެން ފަށައިފިއެވެ.

ދާއޫދަކީ ނީނާއަށް ވުރެ 15 އަހަރު ދޮށި މީހެއް ނަމަވެސް ބަލައިލާން އެއީ ހަމަ ވަރަށް ހިތްގައިމު ޒުވާނެކެވެ. އަދި ނީނާއަށް ކުރާ ގަދަރާއި ބުނާބަހުގެ އިތުބާރާއި ގަޑިއަށް ކަމޭހިތުމާއި ސާފުތާހިރުކަމާއި، ބަސް މަދުކަމާއި މި ހުރިހާ ސިފަތަކަކީ ނީނާގެ ހިތް ދާއޫދުގެ މައްޗަށް ލެނބެން މެދުވެރިވި ސަބަބުތައްކަމުގައި ވެއްޖެއެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ