އަދުގެ ޚާއްސަ

Print

ދިވެހިބަހުގެ ދުވަސް: ދިވެހިބަހުގެ ޕްރޮފެސަރުގެ ޢީދުމީލާދު

. ހިމެނޭބަޔަކީ ފަންވަތް

 "ފަންވަތް" ޓީމް

 

14 އެޕްރީލު 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ރަސްމީ ގޮތެއްގައި "ދިވެހިބަހުގެ ދުވަސް" ފާހަގަކުރައްވަން ސަރުކާރުން ނިންމަވައި އެ ދުވަހަކީ ދިވެހިބަހުގެ "ޕްރޮފެސަރު" މަރުޙޫމް ޙުސައިން ޞަލާޙުއްދީންގެ އުފަން ދުވަސް ކަމަށް ކަނޑައަޅުއްވައި އެ ދުވަސް ގެންދަވަނީ ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރައްވަމުންނެވެ. ކަން ދިމާވި ގޮތުން، މިއަހަރު މުޅި ދުނިޔެއަށް ފެތުރިފައިވާ ޢާލަމީ ވަބާއެއް ކަމަށްވާ "ކޮވިޑްނަވާރަ"އިގެ ސަބަބުން އެންމެން ތިބި އިޖުތިމާޢީ ގައިދުރުކަމުގައެވެ. ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. އިސްކޫލުތައް ބަންދެވެ. މިސްކިތްތައް ވެސް ބަންދެވެ. އެހެންކަމުން މިއަދު މިދުވަސް ފާހަގަކުރެވޭނީ މަޢުލޫމާތުގެ ރަސްމަގުން ނުވަތަ މީސްމީޑިއާގެ ވަސީލަތުންނެވެ.

  

"އިނގިރޭސި ބަހުގެ ދުވަސް" ކަމުގައި ކަނޑައަޅައި ފާހަގަކުރެވެނީ މަޝްހޫރު އަދީބު އަދި މުޞައްނިފް ޝެކްސްޕިއަރގެ އުފަންދުވަސްކަމެވެ. މި ބީދައިން ދިވެހިބަހުގެ ދުވަހަކީ މަރުޙޫމް ޝައިޚު ޙުސައިން ޞަލާޙުއްދީންގެ އުފަންދުވަސް ކަމަށް ސަރުކާރުން ކަނޑައެޅުއްވީއެވެ.

ދިވެހިރާއްޖޭގެ ޝެކްސްޕިއަރ ހެއްޔެވެ؟ ނުވަތަ އެންމެ މޮޅު އަދީބު ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު އަލްއަޚު އާދަމް ނަޞީރު އިބްރާހީމް ޞަލޙުއްދީނާ ބެހޭ ގޮތުން ލިޔުއްވި ލިޔުމަކުން ވަރަށް ރަނގަޅަށް ދެއްވައިފައިވެއެވެ. 2012 ވަނަ އަހަރު ޖަނަވަރީ މަހު 27 ވަނަ ދުވަހު، އަޚު ނަޞީރުގެ މި ލިޔުއްވުމުގެ ބައެއް ނަކަލުކޮށްލާނީ ޝައިޚު ޞަލާޙުއްދީނުގެ ތަޢާރުފުގައި އަލްއަމީރު މުޙައްމަދު އަމީން ވިދާޅުވެފައިވާ ބަސްފުޅެއް ނަކަލުކޮށްކުމަށް ފަހުގައެވެ. އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ޞަލާޙުއްދީން ނެތް ނަމަ އަދަބީ ގޮތުން ޖަލާލުއްދީނެއް، ބޮޑުފެންވަޅުގޭ ސީދީއެއް ނޫފެދުނީހެވެ. އާދެ! ދެން ޞަލާޙުއްދީނާ ބެހޭ ގޮތުން ނަޞީރު ލިޔުއްވި ލިޔުއްވުން ވިދާޅުވުން އެދެމެވެ. ހުރިހާ ސުވާލެއްގެ ޖަވާބު ލިބިވަޑައިގަންނަވާނެ އެވެ.

"ފަޟީލަތުއްޝައިޚަކީ، މޮޅު އަދީބެކެވެ. ކުޅަދާނަ ކާތިބެކެވެ. ފަންނުތަކުގައި ފުންނާބުފުޅު އުހުލިގެންވާ ޢިލްމުވެރިއެކެވެ. އިސްލާމީ ފިލޯސަފަރެކެވެ. ޤުދުރަތީ ޝާޢިރެކެވެ. ޤައުމުގެ ފަޚްރެއްކަމުގައިވާ ދިވެހި ދަރިއެކެވެ.ދިވެހިރާއްޖެއަށް އެކިރޮނގުރޮނގުން އެ މަނިކުފާނުގެ ކިބައިން ލިބިފައިވާ ޚިދުމަތްތައް ގިނަގުނަ އެވެ. ދިވެހީން އެ މަނިކުފާނަށް ދަރާފައިވާ ދަރަންޏަކީ، ދުވަހަކު އަދާވެވޭނެ ދަރަންޏެއްނޫނެވެ. އެ މަނިކުފާނު އަވަހާރަވުމުން ދިވެހީންނަށް އެ ގެއްލުނީ، ކުޅަދާނަ ކިތައް މީހުންތޯ އެވެ؟"ތިޔަ ވިދާޅުވީ ދިވެހިރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބު، ދިވެހި އަދަބުގެ ފަތިހުގެ ތަރި ފަޟީލަތުއްޝައިޚު އަލްޢައްލާމާ ޙުސައިން ޞަލާޙުއްދީނު ފަނޑިޔާރުމަނިކުފާނުގެ ތަޢާރުފުގައި، އެ މަނިކުފާނުގެ ލޮބުވެތި ދަރިވަރު، ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ޝާޢިރުލްޢުމޫމީ ޝައިޚުލްއިސްލާމް ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީނު ފަނޑިޔާރު މަނިކުފާނު ކުރައްސަވައިލައްވައިފައިވާ ތަޢުރީފުގެ އަބާރަނައެކެވެ.   ވަރަށްބޮޑު ތެދުފުޅެކެވެ. ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަކީ އާދައިގެ ބޭފުޅެއް ނޫނެވެ. އަދި ކިޔެއްތަ އާދަޔާ ޚިލާފު ބޭފުޅެކެވެ. ތޫނުފިލިކަމުގައެވެ. އުފެއްދުންތެރިކަމުގައެވެ. ވިސްނުންފުޅު ތަނަވަސްވުމުގައެވެ. ޤައުމީ ފިކުރުގައެވެ. ފިޤުހު ޢިލްމާއި އަދަބިއްޔާތުގައެވެ. އެމަނިކުފާނުގެ ގަލަމީ އެކުލަވައިލުންތައް މި ކަމަށް ހެކިދެއެވެ.  މި މަޒުމޫނުގައި ބަލައިލާނީ ފަޟީލަތުއްޝައިޚުގެ އަދަބީ އުފެއްދުންތަކުގައިވާ އާދަޔާ ޚިލާފު ބައެއް ނުކުތާތަކަށާއި އެ ނުކުތާތަކާއި މި ޒަމާނުގެ ޢިލްމީ ހޯދުންތަކާ ގުޅުވައިލީމާ ލިބިދޭ އަޖާއިބު ކުރުވަނިވި ނަތީޖާގެ މައްޗަށެވެ.

އުފަންވެވަޑައިގަތުމާއި ތަޢުލީމީ  ފުރުޞަތު

ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ  ހިޖުރައިން 1298 ވަނަ އަހަރު އެވެ. ދުވަހަކީ އެ އަހަރުގެ ޖުމާދަލް އޫލާ މަހުގެ 15 ވަނަ ދުވަހެވެ. މީލާދުން އެ ދުވަހަކީ،  1881 ވަނަ އަހަރުގެ އޭޕްރީލުމަހުގެ 14 ވަނަ ދުވަހެވެ.  19ވަނަ ސައްތައިގެ އެ ދުވަސްވަރަކީ މި ސަރަހައްދުގެ ނިސްބަތުގައި  ދަތި ދުވަސްވަރެކެވެ. ރާއްޖޭގެ ހާލު އަދި މާބޮޑެވެ. އުފެއްދުންތެރިކަމާއި ޞިއްޙީ ޙާލަތެވެ. ހައިހޫނުކަމާއި ތަދުމަޑުކަމުގެ އާފަތެވެ. ތަޢުލީމު ދޮގެއްތޯ އެވެ؟ މަދަރުސާތަކެއް ނެތެވެ. ނިޒާމީ ތަޢުލީމުގެ އުސޫލުތައް ކީއްކުރަންތޯއެވެ؟ އޭގެ ހިޔަނި ވެސް ނެތެވެ. ފަޟީލަތުއްޝައިޚުގެ އާއިލާ އަކީ މާލޭގެ ހަރޮށި އާއިލާއެއްކަމުގައި ވިޔަސް، ތަނުގައި ނެތް ޢިލްމެއް މި ބިމުން ހޯއްދަވައިދެއްވާނީ ކިހިނަކުންތޯއެވެ؟ފަޟީލަތުއްޝައިޚު ލިޔުއްވައިފައިވާ ގޮތުގައި ޢަރަބި ތަޢުލީމުގެ ކަންފުޅެއް  އެ މަނިކުފާނަށް ލިބިވަޑައިގަތީ، އުމުރުފުޅުން 14 އަހަރުފުޅުގައެވެ. ކިޔަވާ ވިދާޅުވާ ހިތްޕުޅުން އައްޑު އަތޮޅަށް ވަޑައިގަތީއެވެ. ހުންނެވީ އަލްފަޤީހު އިބްރާހީމް ތަކުރުފާނު އަރިހުގައެވެ. އާދެ! ދިވެހިތާރީޚުގައި މަޝްހޫރު އައްޑޫ ދޮންބެއްޔާގެ އަރިހުގައެވެ. ކިހާ ދުވަހަކު ކަމަށްތޯ އެވެ؟ އެންމެ ދޮޅު އަހަރެއްހައި ދުވަހުއެވެ. މި މުއްދަތުގެ ތެރޭގައި ކިޔެވުން އޮތީ ވެސް ވަރަށް އާދައިގެ ގޮތެއްގައެވެ. ޝައިޚު ދޮންބެއްޔާ ދިރިއުޅުއްވުމަށް ކުރައްވާ މަސައްކަތަކީ  މަސްވެރިކަމެވެ. ދުވާލު ދޮންބެއްޔާ އުޅުއްވަނީ ކަނޑުމަތީގައެވެ. ދޮށީގެ މަސްވެރިކަމުގައެވެ. ކިޔަވައި ދެއްވުން އޮންނަނީ ރޭގަނޑު ޢިޝާނަމާދަށްފަހުއެވެ.  ފަޟީލަތުއްޝައިޚު ވިދާޅުވެފައިވާ ގޮތުގައި ކިޔަވައި ދެވޭ ގޮތަކީ އަރަބި ބަހުގެ ގަވާއިދުގެ ބައެއް ފިލާވަޅު ނަންގަވައިދެއްވުމާއި، ކޮންމެ ރެޔަކު ވެސް ޢަރަބި ބަހުން ކުޑަ ވާހަކައެއް ކިޔައިދެއްވުމެވެ. ދެން ކިޔެވުމަށް ހިތްވަރު ލިބޭ ކަހަލަ ވާހަކަތައް ކިޔައިދެއްވައެވެ. އަދި އަރަބި ބަހުގެ ލަފުޒު ފޮތްފޮތުން ލަފުޒު ބަލާނެ ގޮތް ބުނެދެއްވައެވެ.  އުމުރުފުޅުން އެންމެ 14 އަހަރުފުޅުގައި ވަޑައިގެން، އައްޑޫގައި ހޭދަ ކުރެއްވި ދޮޅު އަހަރެއްހައި ދުވަހުން ފަޟީލަތުއްޝައިޚުގެ  "ފުރަތަމަ ޑިގުރީ ނިމުނީ" އެވެ. ދެން ޖެހިވަޑައިގަތީ މާލެ ވަޑައިގަންނަވާށެވެ. މި ގޮތަށް ކަންކުރައްވަން ޖެހުނީ ދޮންބެއްޔާގެ ޞިއްޙީ އުޒުރަކަށްޓަކައެވެ. ނަމަވެސް މާލޭން ނައިބުތުއްތޫ އަރިހުން އިތުރަށް އުނގެނިވަޑައިގަތުމަށް ދޮންބެއްޔާ ނަސޭހަތްތެރިވެވަޑައިގެން، އެކަމުގައި އަމަލުކުރައްވަންވީ ގޮތުގެ އިރުޝާދު ވެސް ދެއްކަމަށްވެއެވެ.  

ތަޢުލީމުގެ ދެވަނަ މަރުޙަލާ

ނައިބު ތުއްތޫ އަރިހުން އުގެނިވަޑައިގަތުމީ ފަސޭހަފުޅުކަމަކަށް ނުވެ އެވެ. ސަބަބަކީ ތުއްތޫގެ މިޒާޖުފުޅާ ރަސްކަމުގެ ސިޔާސަތާ މުޑިއަރާވަރުންނެވެ. ތުއްތޫ އަބަދުހެން ހުންނަވަން ޖެހެނީ ރާއްޖޭގެ ކޮންމެ ވެސް ރަށެއްގައެވެ. މާލެ ވަޑައިގަތުމުގެ އިޒުނަ ނެތް ގޮތެއްގައެވެ. ފޮނުވައިލެއްވިފައެވެ. އަރުވާލެއްވިފައެވެ. ނަމަވެސް ތުއްތޫ އަރިހުން ވެސް ކޮންމެވެސް ވަރެއް ކުރެއްވި އެވެ. އެއަށްފަހު، ޙުސާމުއްދީނޭ ކިޔުނު ޢަރަބި ޢިލްމުވެރިއެއްގެ އަރިހުން ވެސް އުނގެނިވަޑައިގަތެވެ.  ކޮންމެއަކަސް އުމުރުން ފުޅުން އަށާރަ އަހަރުފުޅު ފުރިހަމަ ވުމުގެ ކުރީން، ދައުލަތުގެ ބަންޑާރަ ނައިބުކަމުގެ މަގާމަށް އެމަނިކުފާނު އިސްކުރެއްވިއްޖެއެވެ

ބަސްފޮތާއި ލަފުޒުފޮތް

"ބަސްބަހީ މީހުން ހަދާ އެއްޗެއް ބަލަގަ ނޫނޭ…" ވިދާޅުވަނީ އަޅުގަނޑުމެންގެ ފަޟީލަތުއްޝައިޚެވެ. ހަމަ އެހެންމެ ލަފުޒު ފޮތުން ލަފުޒު ބަލަން ދަސްކުރާ ވާހަކަ ވިދާޅުވީ ވެސް އެމަނިކުފާނެވެ. ބަހެއްގައި ހިމެނޭ  ލަފުޒުތަކުގެ މާނަ ލިޔެ ހިމަނައިގެން އެކުލަވައިލާ ފޮތަށް ޒަމާނުއްސުރެ އަޅުގަނޑުމެން ކިޔަމުން މި އައީ ބަސްފޮތެވެ. ދިވެހިބަސްފޮތެވެ.  މިއީ ރަނގަޅު ނަމެއް ނޫން ކަމަށް ބަހަވީ ޢިލްމުގެ ބޭފުޅުން ދެކެވަޑައިގަންނަވައެވެ. ބަސްފޮތޭ ބުނީމާ އޭން ދޭހަވަނީ "ދިވެހިބަސް" "އިނގިރޭސިބަސް" "ފަރަންސޭސިބަސް" ނުވަތަ "އަރަބިބަސް" ފަދަ ބަހެއްގެ ފޮތެއްކަމުގެ މާނަ ކަމަށް ބަހަވީ ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. އެހެންވީމާ ބަހެއްގައި ހިމެނޭ ވަކި ވަކި ލަފުޒުތަކުގެ މާނަ ލިޔެގެން އަޅުގަނޑުމެން މި ގެންގުޅޭ ފޮތަށް، ތަފާތު އެހެންނަމެއް ކިޔުމަކީ ޢިލްމީ ގޮތުން ބަލާއިރު ރަނގަޅުގޮތެވެ.  ފަޟީލަތުއްޝައިޚު މި ވަނީ މި ހަމަ، މާ ކުރިން ހިފަހައްޓަވައި ދައްކަވައިދެއްވައިފައެވެ. މިއީ އެމަނިކުފާނުގެ ވިސްނުންފުޅުގައި ބަހަވީ ޢިލްމުގެ ތަރަހަތައް ޤުދުރަތުން ލައްވައިފައިވާކަމުގެ ދަލީލެއް ނުންތޯ އެވެ؟

 ޕޯލް ގުރައިސް ގެ ނަޒަރިއްޔާ

1972 ވަނަ އަހަރު ބަހުގެ ޢިލްމާ ބެހޭ ވަރަށް ޚާއްޞަ އާ ހޯދުމެއް ހޯދުނެވެ. މި ހޯދުން ހޯއްދެވީ ޕޯލް ގުރައިސް ނަމަކަށް ކިޔުނު ބަހަވީ މާހިރެކެވެ. އެތައް ދިރާސާތަކަކަށްފަހު، އެނާ އެކުލަވައިލެއްވި ނަޒަރިއްޔާ ބުނާ ގޮތުގައި އިންސާނުން އެކަކު އަނެކަކާ ދައްކާ ވާހަކަ ކާމިޔާބު ވުމާއި ނާކާމިޔާބުވުން މައިގަނޑު ހަތަރު ސިފައެއްގެ މައްޗަށް ބިނާވެގެންވެއެވެ.  އޭގެތެރޭގައި ދެކެވޭ ވާހަކައިގެ މިންވަރާއި އޮއްޓަރު ހިމެނެއެވެ. ގުޅުމާއި އަދަބުހިމެނެއެވެ. މިއިން ކޮންމެ ނުކުތާއަކަށް އެއްތައް ތަފުޞީލެއް އޭނާ ހުށަހަޅުއްވައެވެ.  ފަޟީލަތުއްޝައިޚުގެ ލިޔުއްވުންތަކުން، މީގެ ތެރޭން އެއް ނުކުތާއަކާ ބެހޭ މިސާލެއް ހުށަހަޅައިލާނަމެވެ. މި ނުކުތާ އަކީ ވާހަކައިގެ އަދަބާ ގުޅުންހުރި ނުކުތާއެވެ. މި ތާނގައި އަދަބުގެ މާނަ ވަރަށް ފުޅަލެވެ. އޭގެ ތެރޭގައި އެ ބަހެއްގައި މުވާޞަލާތު ކުރުމަށް ބޭނުންކުރާ އާދަ ކާދަތައް ވެސް ހިމެނެއެވެ.  މި ސާލަކަށް ދިވެހިންގެ ބަހުގެ ޠަބީޢަތް ނިޔާ ކުރާ ގޮތުން ތަންކޮޅެން ބަނިޔާދަން ބައްޕަ އަކު ނުވަތަ މަންމައަކު، އަންހެން ދަރިޔަކާ މުޚާޠަބު ކުރަނީ "ކަލޭ" އޭ ކިޔާފައެއް ނޫނެވެ. އެ ހާލަތުގައި ބޭނުންކުރާ ލަފުޒަކީ "ކަނބުލޯ" މި ލަފުޒެވެ.  ދެން ފަޟީލަތުއްޝައިޚު މި ހަމަ ގެންގުޅުއްވައިފައިވާ ގޮތް ބައްލަވާށެވެ.  "ކަނބުލޯ ބައްޕައާއި ވަކި ވިފަހުން ލައްކަ ނުބައިވެއްޖެތާއޭ" މިއީ ސީރަތުއްނަބަވިއްޔާ އިން ނަކަލު ކޮށްފައިވާ ޖުމުލަ އެކެވެ.  އަބޫސުފިޔާނު މުޝްރިކެއްގެ ގޮތުގައި ހުރެ ކީރިތި މާތް ނަބިއްޔާގެ ގެކޮޅަށް ދިޔަ ދުވަހެކެވެ. އޭނާގެ އަންހެން ދަރިފުޅު، ކީރިތި މާތް ނަބިއްޔާގެ އަނބިކަނބަލުން އިތުރު އެކަލޭގެފާނުގެ ދާންމަތިކޮޅުގެ ޙުރުމަތަށްޓަކައި  އެ ދާންމަތިކޮޅު އެއްކިބާ ކުރެއްވި އެވެ.  މި ކަމާ ހިތް ހަމަ ނުޖެހިގެން އަބޫސުފިޔާނު އެ ކަމާނާއާ ދިމާ އަށް ބުނި އިބާރާތް، ފަޟީލަތުއްޝައިޚު ދިވެހިބަހަށް ގެންނަވައިފައިވާ ފުރިހަމަ ގޮތް، ދިވެހިބަހުގެ ތަބީއަތާ ގުޅެއެވެ. ޕޯލް ގުރައިސްގެ ނަޒަރިއްޔާ އަށް ފެތެ އެވެ.  އެހެންނާ އަރަބި ބަހުން އޮތް ޖުމުލައިގެ އަސްލު ލަފުޒީ މާނަ އަށް ބަލާއިރު "ކަލޭ" އޭ ބުންޏަސް މާނަ ގޯހެއް ނުވާނެ އެވެ. 

ކަމޭ ހިތުމުގެ ނަޒަރިއްޔާ

ދެން ވެސް ހަމަ މި ކަހަލަ ޢިލްމީ އަޖާބެކެވެ. ކަމޭ ހިތުމުގެ ނަޒަރިއްޔާގެ ނަމުގައި 1978ވަނަ އަހަރު ބަހަވީ ޢިލްމުގެ އާ ނަޒަރިއްޔާއެއް ތަޢާރުފުވި އެވެ. މި ނަޒަރިއްޔާގެ ބާނީންނަކީ ބްރައުންނާއި ސްޓެފަނެވެ.  މައިގަނޑު ގޮތެއްގައި މި ނަޒަރިއްޔާގައި ބަޔާން ކުރަނީ ކަމޭ ހިތުމާއެކު ވާހަކަ ދެއްކުމުން ނެރެދޭ ނަތީޖާތަކުގެ މައްޗަށެވެ. އެއާ ގުޅިފައިވާ ސަބަބުތަކުގެ މައްޗަށެވެ. ފަޟީލަތުއްޝައިޚުގެ ލިޔުއްވުންތައް ކަމޭހިތުމުގެ ނަޒަރިއްޔާ އަށް ވެސް ފެތެއެވެ. މިސާލު މި ފަހަރުވެސް ސީރަތުން ނަގަމާތޯ އެވެ. އަބޫ ލަހަބުގެ ދަރިޔަކު ކުރި ވިޔަޔާ ނުދާ ކަމެއްގެ ސަބަބުން ކީރިތި މާތް ނަބިއްޔާ އަށް ދުޢާފުޅެއް ކުރެއްވުނެވެ. "ހައްދަވައި ބޮޑުކުރެއްވި ކަލާކޯއޭ އޭނާގެ މައްޗަށް އިބަ ސުވާމީންގެ ކުއްތާތަކުގެ ތެރެއިން ކުއްތާއެއް ފާކުރައްވައިފާނދޭވެ!" މި ޚަބަރު ލިބިވަޑައިގެން އަބޫޠާލިބުގެފާނު ވިދާޅުވި ކަމަށް އޮންނަ ބަސްފުޅެއް ގެންނަވައިފައިވާ ގޮތް ބައްލަވާށެވެ!  އަބޫޠާލިބުގެފާނު ވިދާޅުވި ބަސްފުޅު ދިވެހިބަހަށް ގެންނަވައިފައިވަނީ މި ފަދައިންނެވެ. "އޭ އަޚްކަލޭގެފާނުގެ ދަރިކަލުންނޭވޭ! ކަލޭގެފާނުގެ އަޚާގެ ދަރިޔާގެ މައްޗަށް ތިޔަވަރުގެ ދުޢާފުޅެއް ނުކުރެއްވިޔެއްކަމަކު ފުދިއްޖައީސް ނޫންތޯ އެވެ؟" ހަގީގަތުގައި އަރަބި ބަހުން އޮތް އަސްލު ޖުމުލައިގެ ލަފުޒީ މާނައަކީ "އޭ އަޚްކަލޭގެފާނުގެ ދަރިކަލުންނޭވޭ! ކަލޭގެފާނުގެ އަޚާގެ ދަރިޔާގެ މައްޗަށް ތިޔަވަރުގެ ދުޢާފުޅެއް ނުކުރެއްވިޔެއްކަމަކު ފުދިއްޖައީހެވެ" މި އެވެ. ނަމަވެސް  ފަޟީލަތުއްޝައިޚު އެ ވަނީ "ނޫންތޯ އެވެ" މި އިބާރާތް އިތުރު ކުރައްވައިފައެވެ. ނަތީޖާ އަކީ ކަމޭ ހިތުމުގެ ސިފަ މި ބުނުމަށް ލިބުމެވެ.  އެހެންވީމާ، ބްރައުންނާ ސްޓެފަންގެ ކަމޭ ހިތުގެމުގެ ނަޒަރިއްޔާ އަށް ފެތުމުގައި ވެސް ފަޟީލަތުއްޝައިޚުގެ ލިޔުއްވުންތައް ނަމޫނާ އަކަށް އެބަވޭ ނޫންތޯ އެވެ؟ 

ތަރުޖަމާކުރުމުގެ ފަންނު

އެނގިވަޑައިގަންނަވާނެ ފަދައިން ތަރުޖަމާކުރުމަކީ ފަންނެކެވެ. ޢިލްމެކެވެ. ހުނަރެކެވެ. މި ރޮނގުގައިވެސް ފަޟީލަތުއްޝައިޚަކީ އާދަޔާ ޚިލާފު ބޭފުޅެކޭ ދަންނަވަން ޖެހެއެވެ.  ތިރީގައި މިވާ ޢިބާރާތް ތިބާ ތަރުޖަމާ ކުރައްވާނީ ކިހިނަކުންތޯ އެވެ؟ فجاءالأسدي تشمم وجوههم حتىضرب عتيبة فقتله. وفيرواية «فضخرأسه»  މިއީ އަބޫ ލަހުބާ ބެހޭގޮތުން އިސްވެ ދެންނެވުނު ހާދިސާއާ ގުޅިފައިވާ ވާހަކައެކެވެ. އޭނާގެ ދަރި މަރުވެގެން ދިޔަ ގޮތެވެ. ޖަންގަލީގެ ބޮޑު ބިޔައެއްގެ ސަބަބުންނެވެ.  ސިންގާއެއްގެ ސަބަބުންނެވެ. އަޅުގަނޑު މި އިބާރާތް،  އަރަބި ބަސް ދަންނަ މި ޒަމާނުގެ ޒުވާން ދެ ޢިލްމުވެރިޔަކާ ހިއްސާކޮށްލީމެވެ. އެ ބޭފުޅުން މި ޖުމުލަ ތަރުޖަމާ ކުރެއްވީ އަންނަނިވި ގޮތަށެވެ. "ފަހެ، ސިންގާއެއް އައެވެ. ދެން އެ މީހުންގެ މޫނުތަކުން ވަސްބެލި އެވެ. އުތައިބަތު ޤަތުލުކޮށްލެވެންދެނެވެ." ކޮންމެ އަކަސް ފޯނުން އަޅުގަނޑު ދަންނަވައިލި ދަންނަވައިލުމަކަށް ކުރެއްވި މި ތަރުޖަމާ ދެވަނަ ފަހަރަށް ދައްކައިލެވުނު ނަމަ އެ ބޭފުޅުން ވެސް މި އަށްވުރެ ރަނގަޅު ކުރައްވާނެކަން ކަށަވަރެވެ. އެކަން ވީވެސް އެހެންނެވެ. ދެން ފަޟީލަތުއްޝައިޚުގެ ތަރުޖަމާ ބަލައިލަމާ ހިނގާށެވެ. "އިސާހިތަކު މި ތަނަށް ނިކުތް ސިންގާއެއްގެ ބޮޑުކަމާއި ސިފަހުތުރުކަމުން ހަމަ އެކަކަށް ހިރިލާންވެސް ނުކެރި ތިއްބާ އެކި މީހުންގެ މޫނަށް ވަކިވަކިން ނޭވާ އަޅަމުން ވަސްގަންނަމުން އައިސް ކުއްލިޔަކަށް އުތައިބަތުގެ މޭފަޅައި ބޯ ޗިސްޗިސް ކޮށްލައިފައި ހިނގައްޖެ އެވެ"  މި ތަރުޖަމާ އަޅުގަނޑު އެބޭފުޅުންނަށް ދައްކައިލީމެވެ. އެ ބޭފުޅުން ހައިރާންފުޅުވީ އެންމެ ނުކުތާއަކާ މެދު އެވެ. އެއީ "يتشمم" މި ލަފުޒުން ފަޟީލަތުއްޝައިޚު ނެރުއްވައިފައިވާ، އެބޭފުޅުންނަށް ކުރިން ވިސްނާލެއްވިފައި ވެސް ނެތް މުހިންމު މާނަ އެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި ޢަރަބި ބަހުގައި "ޝައްމަ"ގެ މާނަ އަކީ ވަސްބެލުމެވެ. ނުވަތަ ވަސްގަތުމެވެ. ނަމަވެސް "ޔަތަޝައްމަމަ" މި ގޮތަށް މި ލަފުޒު އައިމާ އެއީ "ވަސްގަންނަމުން" މި ގޮތަށް އެ ބުނުން ބަދަލު ވީ އެވެ. ފަޟީލަތުއްޝައިޚު ގެންނަވައިފައި އެވަނީ އެ ފުރިހަމަ މާނަ އެވެ. ހަމަ އެހެންމެ ޖަނަވާރަކާ ގުޅިފައިވާ  ހާދިސާއަކަށް ވާތީ ބަސްތަކުގައި ބިރުވެރިކަން އުފެއްދެވި އެވެ. "ނޭވާ އެޅުން" ފަދަ ލަފުޒުތައް ބޭނުން ކުރެއްވި އެވެ. މިހިރީ ވެސް ފަޟީލަތުއްޝައިޚުގެ ހުރި އާދަޔާ ޚިޔާލު ޤާބިލްކަމެވެ. މީގެ އިތުރަށް އަރަބި ޅެންވަޒަނަށް ހެދިފައި ހުންނަ ބުނުންތައް ހަމަ އެގޮތަށް އެ "މީރުކަމާއެކު" ދިވެހިބަހަށް ގެންނަވައެވެ. އެ މިޔުޒިކަށެވެ." ހިލައިން ހެދިފައިވާ އިލާހުންތަކީ ބިލާހެއްކަމުގައިވެ ފިލައި ހިނގައްޖެ އެވެ."

ޅެންވެރިކަން

އާދެ ފަޟީލަތުއްޝައިޚުގެ ޅެންވެރިކަމާބެހޭ ގޮތުން ވެސް ހަމަ އެންމެ ނުކުތާއެއް ނަމަވެސް ފާހަގަ ކޮށްލާހިތްވެއެވެ." ވަޅި ނެރޭ ތަން ދެކެފައި ހާ ކުޅައޭ އަސްތަޣުފާރު މަޅިފަތީގައި ޖެހުމުން ކުކުޅު ޙަރާމް ކުޅައެ އެ ބާޒު" އާދެ! އަޖަލު ޖެހުމުން އަނިޔާވެރިޔާ ވެސް، ﷲ ވޮޑިގެންވާކަން ހަނދާންވެ އެވެ. ކުށުގައި ބެދުމުން މުޖުރިމާ އޭނާގެ ހިކި ހިތްވަރު ދޫކުރެއެވެ. އެކަމަކު ސަލާމަތްވެ މިންޖުވަންދެނެވެ. ޅެންވެރިކަމަށް ބަލާއިރު މިއީ ކޮންފަދަ މާނަ ފުން މާނަ ރީތި ބައިތެއްތޯ އެވެ؟ 

ޢިބާރާތްކުރެއްމުގެ މޮޅުކަން

"އަޅުގަނޑު މި މުދައު އެއްކުޅަގޮތް ދެނެ ހުންނެވީމު ތޯއެވެ. އެ އެއްކުޅައީ އަރާމެއްނެތި މަސައްކަތް ކޮށްގެން ވަރުބަލިވާހައި ތަދުބީރު ކޮށްގެން އަބުރު ދާހައި މަކަރު ހަދައިގެން ކަށްވަޅު އަނދިރި ވާހައި ދޮގު ހަދައިގެން ބަނޑުފެޅޭހައި ސޫދުކައިގެން ކުޅުހިކި ލަގޮނޑީގައި ނާށިލާހައި ދަހިވެގެން ހަލާކުވާހައި ޚަރަދު ކުޑަކޮށްގެންނެވެ. އެމުދައު ގިނަވި ގިނަވިހެން އަޅުގަނޑުގެ ހިތުން ދިޔައީ މައިބަފައިކަމުގެ ކުލުނުވެރިކަމާއި. ގާތްތިމާގެ ކަމުގެ އޯގާވެރިކަމާއި. އިންސާންކަމުގެ އަބުރުވެރިކަމާއި މަރުވަމުންނެވެ. ދެން މުދައު ގިނަވެ ތަނަވަސްވެ މީހުންގެ ލޯތައް މަށާ ދިމާޔަށް ހުއްޓި މީހުން އަބަދުވެ އެބަހަރަވެއެވެ. އެހެން ވީވީހެން އަޅުގަނޑުގެ ހިތްދަނީ މީހުންގެ މައްޗަށް ކުޑައިވަމުން ފައުނުގެ މައްޗަށް ބޮޑާވަމުންނެވެ. މިކަހަލަ މުއްސަނތި ކަމަކުން ސުވަރުގެއާއި ބާއްޖަވެރިކަން ލިބޭނޭ ކަމަށްހޭ. އީމާންކަމަކާ ލަފާކަމެއް އަންނާނޭ ކަމަށްހޭ ތިޔަހެން ނަމަވާ ޤާރޫނުގެ ތަޅުދަނޑިފަތި މޫސާގެފާނުންގެ ޢަޞާކޮޅަށްވުރެ މޮޅުވީސްތާއެވެ."  ތިޔަ ވިދާޅުވީ ފަޟީލަތުއްޝައިޚުގެ އާދަޔާ ޚިޔާލު ތަޢުބީރުތަކެވެ. ޢިބާރާތްކުރުމުގައި ތަބާވާންޖެހޭ ހުރިހައިކަމެއް މި ޖުމުލަތަކުން ފެނިވަޑައިނުގަންނަވާތޯ އެވެ. އެތުރުމުގެ ތަރުތީބެވެ. މުނާސަބު އެކަށޭނަ ލަފުޒުތައް ބޭނުން ކުރައްވައިފައިވުމެވެ. އެއްޖުމުލަ އަނެއް ޖުމުލައިގެ މައްޗަށް ބިނާވެފައިވުމެވެ. އޭގެ ގެތުމުގެ ބަދަހިކަމެވެ. އޭގައިވާ މިޔުޒިކެވެ. މާނައިގެ ފުރިހަމަކަމެވެ.

ފަޟީލަތުއްޝައިޚުގެ ފިޤުހީ ވިސްނުން

ފަޟީލަތުއްޝައިޚަކީ ވަރަށް މަންޠިޤީ ޢިލްމީ ވިސްނުންފުޅެއް ގެންގުޅުއްވި ބޭފުޅެކެވެ. ދީނުގެ ކަންކަމުގައި ވެސް ފުންކޮށް ދިރާސާ ކުރައްވައި މައްސަލައިގެ އަސްލަށް ވަޑައިގަންނަވައެވެ. ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީނު ވިދާޅުވާ ގޮތުގައި ދިވެހިންގެ ތެރޭގައި އެ ޒަމާނުގައި އޮތް، ދީނުގެ ކަންކަމުގައި "އަކުރުގައި ހިފައި ދެމުން" ނިމުމަކަށް ގެންނަވައި ޙަޤީޤީ ފިޤުހީ މަންހަޖެއް ތަޢާރުފުކޮށްދެއްވީ އެ މަނިކުފާނުގެ ލޮބުވެތި އުސްތާޛު، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނެވެ.  ހެދުން އެޅުމާ ބެހޭ ގޮތުން ފަޟީލަތުއްޝައިޚު ފާޅު ކުރައްވައިފައިވާ ރައުޔު ބައްލަވައިލައްވާށެވެ! "ކޮންމެ ހޫނު މޫސުމަކަށް ފިނިޒާތުގެ ތުނި ތަކެތި، ފިނި މޫސުމަކަށް ބޯޒާތުގެ ގަރަމް ތަކެތިލުމަށް އަދި އިސްރާފެކޭ މީހަކު ނުކިޔާނެ އެވެ.  އަޖައިބުވަނީ އެވެނި ބަޔަކު ހެދޭ ހެދުމެއްވެ ކޮންމެހެން ހެދޭން މިވެނިބަޔަކަށް ރީތިވެ ކޮންމެހެން އެވައްތަރު ޖައްސާން އުޅޭ އުޅުމަށެވެ. އެއިރު އެވައްތަރާއި ތިމާމެނާއި ތިމާމެން ތިބި ތަނާއި އަރައި އަރަފޯދިގެން އެއްވެސް ގޮތަކުން ނުވިޔަސް ވަރިހަމަ ކަމުގައި ހަދައި،  ހަމަ އެކަނި ކަނުވެގެންވާ ތަޤުލީދުގެ ލޮލަކުން ނޫނީ ރީތި ހުތުރަކަށް ނުބަލަތެވެ." 

ޢިލްމަށް އަމާނާތްތެރިވެވަޑައިގަތުމާއި ތަވާޟުޢުވެރިކަން

ފަގީރުވެދާނެތީ ބިރުން މުދާ ބައްކުރުމަކީ ބައެއް މީހުންކިބައިން ފާޅުވާ ނާތަހުޒީބު ސިފައެއް ދޮގެއްތޯ އެވެ؟ ހަމަ އެފަދައިން ތިމާގެ ހައިބަތު ކަމީނާ ވެދާނެތީ އެހެން ކޮންމެ މީހަކަށް ވުރެ މަތީގައި މޮޅުގައި ތިމާ ހުރުމަށް އެދުމަކީ ވެސް ބައެއް މީހުންގެ ކިބައިން ފެންނަ ދެރަ ނިކަމެތި ސިފައެކެވެ. ނަމަވެސް ފަޟީލަތުއްޝައިޚު ވަނީ މި ފަދަ "ނަފުސާނީ ބަލިތަކުން" މިންޖުވެވަޑައިގެންނެވެ. އެ މަނިކުފާނަކީ ޢިލްމަށް އަމާނާތްތެރި ބޭފުޅެއްކަމުގެ ހެކި އެބަހުއްޓެވެ. އެހެނީ ޝާޢިރުލް ޢުމޫމީ އަކީ އެމަނިކުފާނުގެ ދަރިވަރެކެވެ. ނަމަވެސް ފަޟީލަތުއްޝައިޚުގެ ޅެންފޮތުގައި ޝާޢިރުލް އުމޫމީގެ ޅެމެއް ހިމަނުއްވައި އެ ޅެމުގެ ފެށޭތާނގައި ލިޔުއްވައިފައިވެ އެވެ. މިއީ ޗަވިޔަންޏަށް ނިމޭގޮތަށް ޅެމެއް ހަދަން އުޅެ އުޅެ އަހުރެންނަށް ނޭނގިގެން ފަޟީލަތުއްޝައިޚު ޢަބްދުﷲ ފަހުމީދީ އުއްތަމަ ފަނޑިޔާރު މަނިކުފާނަށް ދެންނެވުމުން އެ މަނިކުފާނު ހައްދަވައިދެއްވި ޅެމެކެވެ.

ސަމާސާ އަދަބު

ދިވެހި އަދަބުގައި ސަމާސާ އަދަބުގެ ބައްޕަ އަކީ ވެސް ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުކަމުގައި ދެންނެވިދާނެ އެވެ. އެ މަނިކުފާނު ލިޔުއްވި "ދިވެހީންގެ ވާހަކަ" ބައްލަވާށެވެ. "ފުރޭތަ ފެންނަ ގޮތް" "ބަންދަލް މުޚުތާރު" ފަދަ ލިޔުއްވުންތަކަކީ ސަމާސާ އަދަބުގެ ދާއިރާގައި  އާދަޔާ ޚިލާފަށް މޮޅު އަދަބީ ގިލަފަތިތަކެވެ. ދިވެހިބަހުގެ މިޒަމާނުގެ އުސްތާޛު އަލްފާޟިލް ޢަބްދުﷲ ޞާދިޤު ވިދާޅުވެ ދެއްވި އެވެ. ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނު ހިންގެވި ޤުރުއާން ކިޔަވައިދޭން ދަސްކޮށްދޭ ކިލާހެއްގައި ބައިވެރިވެވުނެވެ. އަކުރުތަކުގެ މަޚުރަޖަށް ފަރުވާލެއް ނެތި ކިޔެވި ކުއްޖަކަށް {فعقروها} މިހެން ކިޔަންވީ ތަނެއްގައި ކިޔުނު ގޮތުން އަޑު އިވުނީ "ފާގަރޫހާ" މި ކަހަލަ ގޮތަކަށެވެ. ވަގުތުން ފަޟީލަތުއްޝައިޚު ވިދާޅުވި އެވެ. "ހޫނ. ހޫނ. ރަނގަޅޭ ރަނގަޅޭ ފާގަޔަކީ ރޫ ހުންނަ އެއްޗެކޭ. އެކަމަކު ތިޔަ ތާނގައި ތިޔަ އޮތީ އެ ވާހަކަ އެއް ނޫނޭ. فعقروها" މިހެން ކިޔާށެވެ.........."

އާދޭހެވެ! ޞަލާޙުއްދީނުގެ އަދަބީ ޚިދުމަތުގެ މައްޗަށް އާދަމް ނަޞީރު ކުރެއްވި ދިރާސާއެއްގެ ކުޑަ މިންވަރެއް މި ހާމަކޮށްލެވުނީއެވެ. މި ދިގު ބަޔާން ނިންމައިލައްވަމުން އާދަމް ނަޞީރު ލިޔުއްވައިފައިވެއެވެ.

"މި އަދު ތިބާ ދިވެބި ބަހުން މަތީ ތަޢުލީމު ޙާޞިލު  ކުރައްވައިފާނުއެވެ. މަތީ ވަނަތައް ވެސް ހޯއްދަވައިފާނުއެވެ. އެކަމަކު އިހުގެ އެދުރުން އުއްކެވި އެމުގެ އެހީގައެވެ. އެބޭފުޅުން އިބާރާތް ކުރެއްވި ގޮތާއި ޅެންތައް ދިރާސާ ކުރައްވައިގެންނެވެ. ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނު މި ފަދަ މޮޅު އުފެއްދުންތަކެއް އުފައްދަވައި ޤާބިލު ބޭފުޅަކަށް ވެވަޑައިގަތީ އެ ފަދަ އެއްވެސް މިސާލެއް ނެތިއެވެ. ދިވެހިބަހުން އެމަނިކުފާނު ކުރެއްވި ފަދަ އިބާރާތްތަކެއް އޭގެ ކުރިޔަކު ނެތެވެ. ޢިލްމީ ފޮތްފޮތެއް ވެސް ނެތެވެ. އުނގެނިވަޑައިގަތް މަދަރުސާއެއް ކޮލެޖެއް ޔުނިވަރސިޓީއެއް ވެސް ނެތެވެ. އެއާއެކު އެ މަނިކުފާނު އުފެއްދެވި ކޮންމެ އަދަބީ އުފެއްދެވުމަކީ ނަމޫނާއެކެވެ. މޮޅު އުފެއްދެވުމެކެވެ. ދިވެހިބަސްފޮތުގައި ޕުރޮފެސަރުގެ ފުރަތަމަ މާނަޔަކަށް އޮތީ "އެކަމެއްގެ ޢިލްމު ރަނގަޅަށް ދަންނަ  މީހާ" އެވެ. އެހެންކަމަށްވާނަމަ އިސްވެ ދަންނަވައިލެވުނު ޢިލްމީ ހެކިތަކުގެ އަލީގައި ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަކީ، މިހައިތަނަށް ފެންނަން ހުރި މަޢުލޫމާތަށް ބަލައި، ދިވެހިބަހުގެ ފުރަތަމަ ޕްރޮފެސަރުކަމުގައި ދެންނެވުމަކީ  އެހެންބޭފުޅުންނަށް ކުރެވޭ ބޭއިންސާފަކަށް ވެދާނެތޯ އެވެ؟"

ނަޞީރުގެ ވާހަކަ ނިމުނީއެވެ. ނިންމައިލައްވަމުން ނަޞީރު އެ ކުރެއްވި ސުވާލުގެ ޖަވާބަކީ "ނޫނެކެވެ. ނުވާނެއެވެ. އަދި ކީއްތޯއެވެ. އެންމެ އިންސާފުވެރި ގޮތަކީ ވެސް ތިޔައީ އެވެ.

އާދޭހެވެ! އައްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާހުއްދީނަކީ އައްޝައިޚުލްމަރުޙޫމު މުޙައްމަދު ޖަމާލުއްދީން ނައިބުތުއްތުގެ ޢިލްމުވެރިކަން ޖަމާވި މައި މަރުކަޒެވެ. އެމަރުކަޒުން އަދަބީ ޢީލްމުގެ ފައިދާ ޙާޞިލުކުރެއްވި އަދީބުންގެ ތެރޭގައި ބޮޑުފެންވަޅުގޭ ސީދީ އާއި މުޙައްމަދު އަމީނާއި ޖަމީލު ދީދީ އާއި ޖަލާލުއްދީނު ފަދަ ކިތަންމެ ބޭފުޅުންނެއް ހިމެނެއެވެ. ވީމާ، އަދަބީ ގޮތުން ބަލާއިރު އައްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާހުއްދީނަކީ ދިވެހިރާއްޖޭގެ ޝެކްސްޕިއަރުކަމާމެދަކު ޝައްކެއް ނެތެވެ. އާދަމް ނަޞީރުގެ ޢިބާރާތުންނަމަ އެއީ "ދިވެހިރާއްޖޭގެ ފުރަތަމަ ޕުރޮފެސަރެވެ." ޒާތީ ތަޢައްޞުކުގެ ކުލައެއް ނެތް ހިތެއްގައި މިކަމާ އިޚުތިލާފެއް ނޫފެދޭނެކަން ކަށަވަރެވެ. އެހެންވީމާ ދިވެހިބަހުގެ ދުވަސް ނިސްބަތްކުރަން އެއަށްވުރެ ޙައްޤުކަން ބޮޑު އެހެން އަދީބަކު ނެތްކަން ކަށަވަރެވެ. 

_____________________ 

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ