އަދުގެ ޚާއްސަ

Print

ކޮން މީހެއް؟ (4)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

(13 އެޕުރީލު 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ދާއޫދަކީ ނީނާއަށް ވުރެ 15 އަހަރު ދޮށި މީހެއް ނަމަވެސް ބަލައިލާން އެއީ ހަމަ ވަރަށް ހިތްގައިމު ޒުވާނެކެވެ. އަދި ނީނާއަށް ކުރާ ގަދަރާއި ބުނާ ބަހުގެ އިތުބާރާއި ގަޑިއަށް ކަމޭހިތުމާއި ސާފުތާހިރުކަމާއި، ބަސް މަދުކަމާއި މި ހުރިހާ ސިފަތަކަކީ ނީނާގެ ހިތް ދާއޫދުގެ މައްޗަށް ލެނބެން މެދުވެރިވި ސަބަބުތައްކަމުގައި ވެއްޖެއެވެ.

***

ދާއޫދު ހީކުރިވަރަށްވުރެ މާއަވަހަށް ނީނާގެ މަސައްކަތް ނިންމައި ދާއޫދަށް ރިޕޯޓްކޮށްފިއެވެ. ކުއްޔަށް ހިފި ގޯތީގައި ތައްޔާރުކުރި ބޮޑު ގުދަން ވަރަށް ފުރިހަމައެވެ. ދެ މީހަކަށް ތިބެވޭ ވަރުގެ ކުޑަ އޮފީހަކާއެކު ތައްޔާރުކުރި ގުދަން ވަރަށް ފުރިހަމައެވެ. ތަރުކާރީއާއި މޭވާއަށް ޚާއްޞަކޮށްފައިވާ ބައެއް ވަކީން ހުރެއެވެ. އަދި ވަރަށް ބޮޑެތި ދިހަ ޑީފްރީޒަރ ބަހައްޓާން ތައްޔާރުކުރި ބަޔާއި ކާޑުގެ ބާވަތްތައް ރައްކާކުރާ ބަޔާއި ލަކުޑިއާއި ހާޑްވެއަރގެ ބާވަތްތަކަށް ޚާއްޞަކުރިބައި ވެސް ހުރީ ވަރަށް ފުރިހަމައަށެވެ. އެއަރކޯން ކުރަންޖެހޭ ބައިތައް ވަނީ އޭސީ ހަރުކޮށް ސީސީޓީވީ ކެމެރާ ވެސް ހަރުކޮށްފައެވެ. މި ހުރިހާ މަސައްކަތެއް ވެސް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވިއްޖެއެވެ.

ގުދަން ބަލައިލުމަށްފަހު ދާއޫދު އިތުރު މަސައްކަތެއް ނީނާއާ ހަވާލުކުރިއެވެ. ފަސް އެޓެންޑެންޓުންނާއި  ސޭލްސް އެސިސްޓެންޓުންނާއި މެސެންޖަރަކު ހޯދާށެވެ. އަދި މުސާރައިގެ ގޮތުގައި ކަނޑައަޅާނެ މިންވަރެއް ނީނާ ނިންމުމަށްފަހު، މިރޭ ބްރީފިންގ ގަޑީގައި ހިއްސާ ކުރާން ހަވާލުކުރުމަށްފަހު ހަމަ މާދަމައިން މާދަމައަށް މީހުން ހޯދުމުގެ ކަންތައް ހަމަޖައްސާން ވެސް އެންގިއެވެ. 

(4)

މިނިސްޓަރެއް

ދާއޫދު އޭނާގެ ވަޢުދު ފުއްދައިފިއެވެ. އަތޮޅުން ނުލިބޭހާ އަގުހެޔޮކޮށް މިހާރު ކަންމަތީ ފިހާރައިން މުދާ ގަންނާން ލިބެއެވެ. ރަށު މީހުން ވެސް ތަފާތު ތަކެތި އުފައްދައި ދާއޫދަށް ވިއްކާން ފަށައިފިއެވެ. އެ ތަކެއްޗަށް ރަނގަޅު އަގު ލިބޭތީ މުންޑޫގެ ތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން ރަށު އެންމެން ވެސް ދާއޫދަށް ވަރަށް ބޮޑަށް ޤަދަރުކުރެއެވެ. ނަމަވެސް އެއްވެސް މީހަކު ދާއޫދު ދިރިއުޅޭ ގެޔަށް ގޮހެއް ނޫޅެއެވެ. ދައުވަތު ވެސް ނުދޭތީއެވެ. އަދި ގޭގެއަށް ގޮހެއް ވެސް ނޫޅެއެވެ. މީހަކު ދަޢުވަތު ދިނަސް ވަރަށް ޝުކުރު އަދާކޮށްފައި ބިޒީކަމުގެ ބަހަނާގައި އެ ގެޔަކަށް ނުދެއެވެ. 

ދާއޫދަކީ ރަށުގެ ތާރީޚާއި ސަގާފަތަށް ވަރަށް ލޯބިކުރާ މީހެކެވެ. ވަރަށް ރަނގަޅަށް ރަށުގެ ހުރިހާ ތަނަކާއި އަތިރިމައްޗާއި ޒިޔާރަތާއި ރަށުގެ އާސާރީ ތަންތަން ބަލައި ދިރާސާކުރިއެވެ. ނަމަވެސް ބަލައިލާން ވެސް މިސްކިތަށް ދިޔަތަނެއް އެއް ވެސް މީހަކު ނުދެކެއެވެ.  ދާއޫދަށް ރަށު މީހުން ކުރާ އިޙުތިރާމެއްގެ ސަބަބުން އެކަމާ ސުވާލުކުރާކަށް ވެސް ނުކެރެއެވެ. އެކަމަކު މިސްކިތަކީ އެ ރަށުގައި މިހާތަނަށް ޢިމާރާތްކުރެވިފައިވާ އެންމެ ރީތި ބިނާ ވެސްމެއެވެ.

ދާއޫދު ދިރިއުޅެނީ ކަންމަތީގޭގައި ވަކީންނެވެ. އޭނާ ނިދާކޮޓަރި ހަދައިފައި ހުންނަނީ ގޭގައި ތައްޓުއަޅައިގެން ހަދައިފައިވާ މަތީބުރީގައެވެ. މަތީ ތައްޓުގައެވެ. ކައިބޮއި ހަދަނީ ވެސް އަމިއްލައަށެވެ. ކަނީ ކޮން އެއްޗެއްކަމެއް ކިހިނެއްކަމެއް އެކަކަށް ވެސް ނޭނގެއެވެ.

ގޭގެ މަތީ ތައްޓަކީ ދާއޫދު ދިރިއުޅޭ ސަރަހައްދެވެ. ތިރީބުރީގައި ބޮޑުބައި ޚާއްޞަކޮށްފައިވަނީ ފިހާރައަށެވެ. ފިހާރައިގެ ބިއްދޮށަށް ވާގޮތަށް ތަންކޮޅެއް ބޮޑު ކޮޓަރިއަކާއި ކުޑަކޮޓަރިއެއް ހަދައިފައި ހުރެއެވެ. ބޮޑުކޮށް ހުންނަނީ ފިހާރައިގެ ބައެއް ސާމާނު ބަހައްޓާ ކޮޓަރިއެވެ. ސްޓޮކް ރޫމެވެ. އަނެއްކޮޓަރީގައި "ޚާއްޞަ ދިރާސާތަކާއި ބޮޑެތި  އޯޑަރުތަކާ ބެހޭ އޮފީސް" މި ގޮތަށް ހަރުކޮށްފައިވާ ނަންބޯޑެއް ހުރެއެވެ. އޭގެ ތިރީގައި "ހުއްދަ ނެތި ވަނުންމަނާ" މިހެން ލިޔެފައި ވެއެވެ. އަދި އިނގިރޭސިން "ކީޕް އައުޓް" މިހެން ލިޔެފައި ވެސް ވެއެވެ.

ކުރީން ވެސް ބަޔާންކުރި ފަދައިން މުންޑޫއަކީ ވަރަށް ކާރޫބާރޫ ބޮޑު ރަށެކެވެ. ކަނޑުމަގުންނާއި އެއްގަމުމަގުން ވިޔަފާރިކުރާން އަންނަ އުޅުންދުފަހަރުން އޮންނަނީ ފުރިހައެވެ. މުންޑޫއަށް މީހުން ޒިޔާރަތްކުރާ އަދަދު ކިޔަކަމާއެކު އެ ފަދަ މީހުންނަށް ބޭނުންވާނޭ ޚިދުމަތްތައް ވެސް ހިސާބަކަށް ފައިސާކޮޅު ގެންގުޅޭ މީހުން ވިޔަފާރިއުޞޫލުން ފަށައިގަނެފިއެވެ. ފެންވަރު ރަނގަޅު ދެ ރެސްޓޮރަންޓަކާއި ތިން ކެފޭ މިހާރު މުންޑޫގައި ހުރެއެވެ. ފެންވަރު ރަނގަޅު ތިން ގެސްޓް ހައުސް މިހާރު ވަނީ ޚިދުމަތްދޭން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން މުންޑޫގައި ރޭކޮށްލާން އަތޮޅުގެ އެކި ހިސާބުތަކުން ވިޔަފާރިކޮށްލާން މީހުން އާދެއެވެ. އަދި ބަރެސްދޫ އިންޓަރގްރޭޓެޑް ޓުރިސްޓް ރިސޯޓަށާއި އަތޮޅުގެ އެހެން ރިސޯޓްތަކަށް އަންނަ މީހުން ވެސް ހިސާބަކަށް މުންޑޫއަށް އާދެއެވެ. މަތީންދާބޯޓްގެ ދަތުރަކަށް ހުރަސް އެޅިގެން ބަޔަކަށް ބޯހިޔާވަހިކަން ދޭންޖެހިއްޖެ ނަމަ، ގިނަ ފަހަރަށް މިހާރު އެންމެ ފެންވަރު ރަނގަޅު އެކޮމަޑޭޝްނަ ވެސް ލިބޭން ހުންނަނީ މުންޑޫންނެވެ. ރަށުން ބޭރުގައި ވަޒީފާ އަދާކުރި ބައެއް މީހުން ވެސް ރަށަށް ބަދަލުވެ އެކި ބާވަތުގެ މަސައްކަތުގައި މަޝްޣޫލުވެގެން އުޅޭން ފަށައިފިއެވެ. 

***

ހުރިހާ ކަމެއްވެސް އާދައިގެ މަތީން ހިނގަމުން އާދެއެވެ. ފިހާރައިގެ މަސައްކަތް ރޭގަނޑު އަށެއް ޖަހާ އިރު، ނިމުނަސް ހަވީރު ހަތަރެއް ޖަހާއިރު ނީނާގެ މަސައްކަތް ނިމެއެވެ. ނަމަވެސް އާދައިގެ މަތީން ރޭގަނޑު ނުވައެއް ޖަހާއިރަށް ދުވަހުގެ މަސައްކަތުގެ ބްރީފިންގ ދިނުމަށްޓަކައި ނީނާ ފިހާރައަށް އާދެއެވެ. ނީނާއަށް ވެސް ދާއޫދުގެ ކޮޓރިއަށް އަދި ޚާއްޞަ ދިރާސާތަކާއި ބޮޑެތި އޯޑަރތަކާ ބެހޭ އޮފީހަކަށް ވަންނާކަށް ހުއްދައެއް ނޯވެއެވެ. އެހެންކަމުން ބްރީފިންގ އޮންނަނީ ކަންމަތީ ފިހާރައިގައެވެ.

ކަންމަތީ ފިހާރައިން ވަކިވަކި ކުދިކުދި އެއްޗިހި ވިއްކިޔަސް މިހާރު ފިހާރަ މަސައްކަތްކުރަނީ "ޝޯރޫމެއް"ގެ ގޮތުގައެވެ. ހޯލްސޭލް ވިޔަފާރި ކުރާ ފަރާތްތަކާއި އަގުބޮޑެތި ތަކެތި ގަންނަ ފަރާތްތަކުން ފިހާރައަށް ފައިސާ ދެއްކުމުން ބިލުހަދައި މުދާ ދޫކުރާން އަންގައި ނީނާ ސޮއިކޮށް ތައްގަނޑު ޖަހައިފައިވާ ބިލު ހިފައިގެން ފިހާރައިގެ ގުދަނަށް ދިޔައިމާ މުދާ ދޫކުރާނީ އެތަނުންނެވެ. ގުދަން ހުންނަނީ ފިހާރައާ ޖެހިގެން އެއްގެ ދޫކޮށްފައި އޭގެ ބިއްދޮށަށެވެ. އެހެންކަމުން ގުދަނަށް ދާކަށް އެކަކަށް ވެސް އުނދަގުލެއް ނޫނެވެ. ގުދަނެކޭ ދެންނެވިޔަސް އެއީ ރީތި ޝޮޕިންގ މޯލެއް ފަދަ ބޮޑު ތަނެކެވެ. މުޅި ތަން ހުންނަނީ އެއަރކޯން ކޮށްފައެވެ. އެތާނގެ މަސައްކަތްތައް ސީސީ ޓީވީގެ ޒަރީޢާއިން ނީނާއަށް އަބަދުވެސް ފެނެއެވެ. އަދި ޝޯރޫމާއި ގުދަން ދާއޫދު ކޮންމެ ތާކު ހުއްޓަސް އިންޓަރނެޓްގެ އެހީގައި ފެންނާނެހެން ވަނީ ޒަމާނީ ހުރިހާ ވަސީލަތެއް ޤާއިމުކޮށްފައެވެ.

އާދަކާދައިގެ މަތީން ނުވައެއް ޖަހާއިރު އޮންނަ ޚާއްޞަ ބައްދަލުވުމަކަށް ތަންކޮޅެއް އަވަހަށް އާދެވުނު ރެޔެކެވެ. 8:45 ގައި ޝޯރޫމް ނުވަތަ ފިހަރަ ހުޅުވައިލައިގެން ނީނާ ވަދެ ހަމަޖެހިލިތަނާ ދޮރުމައްޗަށް މީހަކު އައިސް ކަންމަތީ ފިހާރައަކީ މިއީތޯ ސުވާލުކޮށްފިއެވެ. އެއީ ވަރަށް ރީތިކޮށް ހެދުންއަޅައިގެން ހުރި ސާޅީހަކަށް އަހަރުގެ ފިރިހެނެކެވެ. ލައިގެން ހުރި ގަމީހާއި އަތުކުރީގައި އޮތް އަގުބޮޑު ގަޑީގެ ސަބަބުން އެއީ އާދައިގެ މީހެއް ނޫންކަން ނީނާއަށް ވިސްނުނެވެ. 

"ވަދެވަޑައިގަންނަވާ!" ނީނާ އޭނާއަށް އިޙުތިރާމް އަދާކުރުމުގެ ގޮތުން ދައުވަތު ދިނެވެ. "ނަމަވެސް މިހާރު ފިހާރަ ބަންދު".

"މިއައީ އެއްޗެއް ގަންނާކަށް ނޫން. ދާއޫދުގެ ފައިންޕުޅުދެކެލާން". އެ މީހަކު ވަރަށް ހާސްވެފައި ހުރެ ބުނެއިއެވެ. "ދާއޫދު އުޅުއްވައިތޯ؟"

"އާދެ! އެބަ އުޅުއްވާ! ދާއޫދު އުޅުއްވަނީ މަތީބުރީގައި. ޖެހިގެން އެހެރަ ދޮރުން ގެޔަށް ވަދެވަޑައިގެންނެވޭނީ" ނީނާ އޮޅުންފިލުވައިދިނެވެ. "ދަންނަވައިލާންވީތޯ؟ ވަޑައިގަންނަވާނެކަން އެނގިވަޑައިގަންނަވާނެތޯ؟"

ތިޔައީ ކޮން ބޭފުޅެކޭތޯ ދަންނަވާނީ؟"

"ޒިހުނީ"އޭ ދަންނަވާ! އޭނާ ނަން ބުނެލިއެވެ. "ޒިހުނީ އަޙުމަދު".

"އޯހ! ތިޔައީ މިނިސްޓަރ ޒިހުނީ ތޯ....؟" ކުޑަކޮށް ޖެހިލުންވެ ހުރެ ނީނާ އަށް ސުވާލުކޮށްލެވުނެވެ.

"އާނ!" ވަރަށް ހާސްވެފައި ހުރި ފަދަ ގޮތަކަށް އެ މީހަކު ޖަވާބު ދިނެވެ. "ދާއޫދަށް އަޅުގަނޑު އަންނާނެކަން އެނގިވަޑައިގަންނަވާނެ. އަވަހަށް ދަންނަވާ!"

"އާދެ! އާދެ!......"އޭ ކިޔަމުން ސިޑީގެ މައްޗާ ހަމައަށް ނީނާ ގޮސް ހުއްޓުނުތަނާ ޑޭވް ސިޓިން ފައިބަން އެބަ އާދެއެވެ! 

"ސާރ! މިނިސްޓަރ ޒިހުނީ..... ޒިހުނީ ވަޑައިގެން އެބަ އިންނެވި." ވަރަށް މަޖާވެލައިފައި ނީނާ ބުނެލިއެވެ. "ބްރީފްކޭހެއް ވެސް ހިއްޕަވައިގެން ހުންނެވީ! މިރޭ މިކޮޅުގައި މަޑުކުރައްވަނީކަން ނޭނގެ. ވަޑައިގަތް ކާރެއް ވެސް ނެތް".

ދާއޫދު ވަކި އެއްޗެއް ނުބުނެ ހީނލުމަށްފަހު ތިރިއަށް ފައިބައްޖެއެވެ. އަދި ޒިހުނީއާ ދިމާއަށް ބުނެލިއެވެ. "ނީނާ ދެން ފިހާރަ ތަޅުލައިފައި މިރޭ ދޭ. މާދަން ބްރީފިންގ ބާއްވާނީ."  މިހެންބުނެފައި ނުކުމެ ޒިހުނީ ގޮވައިގެން "ޚާއްޞަ ދިރާސާތަކާއި ބޮޑެތި  އޯޑަރުތަކާ ބެހޭ އޮފީހަށް" ވަދެއްޖެއެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ