އަދުގެ ޚާއްސަ

Print

ޞޯދުގެ ކޮނޑުހުޅު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސަމާސާ އަދަބު

ޢަބްދުﷲ ނަޢީމު އިބްރާހީމް

ޞޯދަކީ އަޅުގަނޑުގެ ދިވެހި މުދައްރިސެވެ. ޞޯދު ފިޔަވައި ދިވެހިބަހުގެ އެއްވެސް ހަމައެއް، ލިޔުމުގެ އެއްވެސް އުޞޫލެއް އަޅުގަނޑަށް ކިޔައިދިން އެއްވެސް މީހަކު ނުހުންނާނެއެވެ. އެހެންވީމާ އަޅުގަނޑުގެ ދިވެހި މުދައްރިސަކީ ހަމައެކަނި ޞޯދެވެ. ޞޯދޭ މި ދަންނަވަނީ މުލީ ޢަބްދުﷲ ޞާދިޤުގެ ވާހަކައެވެ.

ޞޯދަކީ ސަމާސާ އަދަބުގައި ވަރަށް ކުރީގައި އުޅުއްވާ ބޭކަލެކެވެ. އަޅުގަނޑަށް ފާހަގަ ކުރެވުނު ގޮތުގައި އޭނާ ލިޔުއްވާ ސީރިއަސް ލިޔުންތަކުގައި ވެސް ކޮންމެވެސް ވަރަކަށް ހެއްވާ ގޮތް ހުރެއެވެ. އޭނާގެ ވާހަކައިގައިވެސް ހަމަ އެ ހެއްވާ އަސަރު ހުރެއެވެ. އެއީވެސް ޤުދުރަތުން ބައެއް މީހުންނަށް ދެއްވާ ހުނަރެކެވެ.

އެއް ދުވަހަކު ޞޯދާ ބައްދަލު ކޮށްލާން އަޅުގަނޑު ޤައުމީ މަރުކަޒަށް ހިނގައްޖައީމެވެ. އަޅުގަނޑު ވަން އިރު އޭނާގެ އަރިހުގައި އެހެން ބޭކަލަކުވެސް އިންނެވިއެވެ. އެއީ މަޝްހޫރު ޅެންވެރިއެއް ކަމަށްވާ ޔޫސުފް ޢަލިފުޅެވެ. އަޅުގަނޑު ވަނީމާ ޞޯދު ފެއްޓެވީ އޭގެ ހަފްތާއެއްހައި ދުވަސް ކުރީން ދިމާވީ ޙާދިސާއެއްގެ ވާހަކައެވެ.

"މި ދިޔަ ހަފްތާގެ ތެރޭގައި އެއް ދުވަހަކު އަހަރެން ފާޚާނާ ތެރެއަށް ވެއްޓުނީ-" ޞޯދު ވާހަކަ ފެއްޓެވިއެވެ. "ވެއްޓުނީއޭ ބުންޏަސް މުޅިއަކުން އެހެންނެއް ނޫން- އިނދަޖެހުނީ- އިނދަޖެހިފައި ކޮނޑަށް ވަރަށް ތޫނު ތަދެއް ވަދެއްޖެ- އެ ވަން ތަދު ނުފިލައިގެން އަހަރެން ޑަކްޓަރަށް ދައްކާން ހިނގައްޖައިން- ޑަކްޓަރު ބަލާފައި ބުނީ ޖެހުނު ތަނަކަށް އެއްވެސް ގެއްލުމެއް ވެފައެއް ނެތޭ-"

އަޅުގަނޑު ވާހަކައިގައި ބައިވެރި ވުމުގެ ގޮތުން ނަންގަނެލީމެވެ. "ތަދެއް އެރީ ކޮނޑަށޭ ދެންމެ ބުނުއްވީމެއް ނޫންތޯ-؟? އިނދަ ޖެހޭ އިރު ޖެހޭނީ ފިނދުމަސްގަނޑެއް ނޫންތޯ-?؟ އެހެންވީމާ ޑަކްޓަރުގެ ވާހަކަ ރަނގަޅު

ޞޯދު ބުނުއްވިއެވެ. "އާނ- ޑަކްޓަރުގެ ވާހަކަ ރަނގަޅު- އަހަރެންވެސް އޭނާގެ ވާހަކައަށް ތާއީދު ކުރިން- ތާއީދު ނުކޮށެއްވެސް ނުވާނެތާ- އަހަރެން ވެއްޓިގެން ގޮސް ޖެހުނީ ތަޅުންގަނޑު މަތީގައި- އެ ތަނަކަށް ހަމަ އެއްވެސް ކަމެއް ނުވޭ- ވީ ކަމެއް މިވީ އަހަންނަށް-"

ޑަކްޓަރަށް ދެއްކެވީމާ ވީ ގޮތް ވަރަށް ތަފްޞީލު ކޮށް ޞޯދު ކިޔުއްވައި ދެއްވިއެވެ. އޭނާގެ ވާހަކަ ނިންމަވައި ލެއްވީމާ އަޅުގަނޑު ބުނެލީމެވެ. "ވެއްޓިގެން ގޮސް ޖެހުނީ ފިނދުމަސްގަނޑު- އެކަމަކު ތަދު މިވަނީ ކޮނޑަށް- އެއީ ކިހިނެއްވީ ކަމެއްތޯ-?؟"

ޞޯދު އިޝާރާތް ކޮށްލެއްވީ ޔޫސުފް ޢަލިފުޅަށެވެ. "ތިޔަ ސުވާލުގެ ޖަވާބު އެންމެ ރަނގަޅަށް އެނގިލައްވާނީ ޔޫސުފްފުޅަށް-"

އަޅުގަނޑު ޔޫސުފް ޢަލިފުޅާ ދިމާއަށް ބަލައިލީމެވެ.

އޭނާ ހިނިތުންވެ ލައްވައިފައި ބުނުއްވިއެވެ. "އެހެރަ ކަންތައްތަކެއް ކަލޭމެން ކުދިންނަކަށް އަދިއެއް ނޭނގޭނެ- އެ ވާ ގޮތް ބުނެދެންތަ-؟ ބަލިވެ، ވެއްޓޭން ގާތް ވެފައި ހުންނަ ފަން ގެއެއްގެ އެއް ކަނުގައި ހިފައި ހަލުވައިލީމާ ވާނީ އެކަހަލަ ގޮތަކަށް- ވާރޭ ވެހެން ފަށާނީ އެ ހަލުވައިލި ދިމާއަކުންނެއް ނޫން- އެންމެ ބޮޑަށް ބާ ވެފައި ހުރި ދިމާއަކުން-"

(ނިމުނީ....)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ