އަދުގެ ޚާއްސަ

Print

ކޮން މީހެއް؟ (5)

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށުއަޒީ)

(14 އެޕުރީލު 2020  ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ދާއޫދު ވަކި އެއްޗެއް ނުބުނެ ހީނލުމަށްފަހު ތިރިއަށް ފައިބައްޖެއެވެ. އަދި ޒިހުނީއާ ދިމާއަށް ބަލައިލުމަށް ފަހު ނީނާއާ މުޚާޠަބުކޮށް ބުނެލިއެވެ. "ނީނާ ދެން ފިހާރަ ތަޅުލައިފައި މިރޭ ދޭ. މާދަން ބްރީފިންގ ބާއްވާނީ. މާ ބޮޑަށް ލަސްވެދާނެ."  މިހެންބުނެފައި ނުކުމެ ޒިހުނީ ގޮވައިގެން "ޚާއްޞަ ދިރާސާތަކާއި ބޮޑެތި  އޯޑަރުތަކާ ބެހޭ އޮފީހަށް" ވަދެއްޖެއެވެ.

ނީނާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. ރޭގަނޑު ކުއްލި ގޮތަކަށް މިނިސްޓަރަކު ދާއޫދާ ބައްދަލުކުރާން ވަޑައިގަތީ ކީއްވެބާވައެވެ! "ޚާއްޞަ ދިރާތަކާއި ބޮޑެތި  އޯޑަރުތަކާ ބެހޭ އޮފީހަށް އެ ދެ މީހުން އެ ވަނީ ކޮން ކަހަލަ ދިރާސާއެއް ހަދާންބާވައެވެ! ނުވަތަ ކޮން ކަހަލަ ޚާއްޞަ އޯޑަރެއް ދެއްވާންބާވައެވެ. މިރޭ މިނިސްޓަ ރޭކުރައްވާނީ މި ރަށުގައިބާވައެވެ. ކައުނސިލްގެ މުވައްޒިފަކު ނެތި އަދި ސެކިޔުރިޓީއަކާ ވެސް ނުލައި ގިނިކަންޏާ މިނިސްޓަރަކު ދާއޫދާ ބައްދަލުކުރާން ވަޑައިގަތީ ކީއްވެބާވައެވެ! ........ މިފަދަ ކިތަންމެ ސުވާލެއް ނީނާގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. އެހެންކަމުން ޒިހުނީ ނުކުންނަ އިރެއް ބަލާން ނުވަތަ ނުކުމޭތޯ ބަލާން މަޑުކޮށްލާނީއޭ ހިތައި ފިހާރަ ނިއްވައިލައިގެން މަޑުކޮށްލައިފިއެވެ.

ވިއްސަކަށް މިނިޓް ފަހުން ޒިހުނީ ނުކުމެވޑައިގެންފިއެވެ. ދާއޫދެއް ބޭރަކަށް ނުނުކުމެއެވެ. ޒިހުނީ ނުކުމެވަޑައިގަތީމާ، ސިޑިން މައްޗަށް އަރައިގެން ދިޔަ އަޑު އިވުނެވެ.

ޒިހުނީ ހުންނެވީ ވަރަށް ބޮޑަށް ހާސްވެވަޑައިގެން ދާހިއްލައިފޯވެފައެވެ. އެ ވަގުތު އައި ކާރަކާ ދިމާއަށް ހިންގަވައިގަތެވެ. އޭރު ކުރީން އަތްޕުޅުގައި އޮތް އަގުބޮޑު ގަޑިއެއް އަތްޕުޅަކު ނެތެވެ. އަދި ގެންނެވި ބްރީފްކޭހެއްވެސް ނުގެންނަވައެވެ. ނީނާއަށް މިކަން ފާހަކަކުރެވިގެން ފިހާރައިން ނުކުމެ ޒިހުނީއާ މުޚާޠަބުކޮށް ދެންނެވިއެވެ.

"ބައްލަވާ! މަޑުކޮށްލަބައްލަވާ!" ނީނާ މިހެން ދެންނެވުމާއެކު ޒިހުނީ ކުޑަކޮށް ހުއްޓިވަޑައިގެން ނީނާއަށް ބައްލަވައިލެއްވިއެވެ. 

"ބައްލަވާ، ކަމެއް ހަނދުމަފުޅުނެތީހެން ހީވާތީ މި ދަންނަވައިލީ." ވަރަށް ޖެހިލުންވެ ހުރެ ނީނާ ބުނެލިއެވެ. "މަނިކުފާނުގެ ބްރީފް ކޭސްމަތި ހަނދުމަފުޅު ނެތީތޯ؟

"ހަނދާނ ނެތިގެނެއް ނޫން." މިހެން ވިދާޅުވެފައި ކުރިޔަށް ހިންގަވައިވަޑައިގަތެވެ. "އެއީ ދާއޫދުގެ އެއްޗެއް."

އަނެއްކާ ފަހަތަށް އެނބުރިވަޑައިގެން ނީނާއާ މުޚާޠަބުކޮށް މިނިސްޓަރު ވިދާޅުވިއެވެ.

"އަހަރެންނާ ބެހޭ އެއްވެސް ވާހަކައެއް އެއްވެސް މީހެއް ގާތު ނުބުނާތި!" އަމުރުވެރި ރާގަކަށް މިނިސްޓަ ވިދާޅުވިއެވެ. "ޒިހުނީ މި ރަށަށް އައިވާހަކަ ވެސް ބުނެގެން ނުވާނެ."

"އާދެ! އާދެ!" ނީނާއަށް ބުނެލެވުނީ ހަމައެކަނި މި މިންވަރަށެވެ. އެއާއެކު ޒިހުނީ ވަރަށް ބާރަށް ވަޑައިގެން ގޯޅީ އަނެއް ކަންމަތީގައި އޮތް ކާރަށް އަރައިވަޑައިގެންފިއެވެ. އަދި ދާލަން މަތީން އިސްދޫއާ ދިމާއަށް ވަރަށް ބާރަށް ކާރު ގޮސް އޮބައިލައިފިއެވެ. ނީނާއަށް ލަފާކުރެވުނީ އިހައްދޫ ވައިގެ ބަނދަރުން މިރޭ ޒިހުނީ މާލެ ވަޑައިގަންނަވާން ވެފައިވާތީ އެހާ އަވަހަށް ވަޑައިގަތީ ކަމުގައެވެ.

ނީނާ ގަސްތުކޮށްގެން ހުރީ ޒިހުނީގެ ކުއްލި ޒިޔާރަތުގެ ވާހަކަ ގޭ މީހުންނާއި ރައްޓެހީން ގާތުގައި ވެސް މާޖާ ކަމަކަށް ހަދައިފައި ދާއްކާން ގަސްތުކޮށްގެންނެވެ. ނަމަވެސް އެ ވާހަކަ ނުދައްކާން ވަޢުދުވެވުނީމާ އެ ޚިޔާލުގައި ހުރެ ނީނާ ވެސް އެ ރޭ ގެޔަށް ހިނގައްޖެއެވެ.

(5)

އުފާވެރި ހަފުތާ ބަންދު

އަނެއް އަހަރުގެ އިރުވައި މޫސުން ލައިގަތީއެވެ. ވިލާތުގެ ފިނި މޫސުމާއެކު ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރީން އިތުރުވެއްޖެއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގެ މީހުން ކިޔާ "ހައި ސީޒަނެވެ." މިއަހަރަކީ ދިވެހި ސަރުކާރުން "ވިޒިޓް މޯލްޑިވްސް" ގެ ނަމުގައި މުޅިއަހަރު ފާހަގަކުރާން ޚާއްޞަ ޕްރޮގްރާމްތަކެއް ރާވައިފައިވާ އަހަރެކެވެ. ހަތް ލައްކަ ފަތުރުވެރީން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ. ހަތް ލައްކަ މީހުންނަށް ޚިދުމަތް ދެވޭ ވަރަށް މީގެ އެތައް އަހަރެއްގެ ކުރީން ދިވެހި ރާއްޖޭގައި ޤާއިމުކޮށްފައިވާ ވައިގެ ބަދަރާއި ގިމަތައިގެ ބޭނުންތެރިކަން މިއަދު ދިވެހީންނަށް ވިސްނިއްޖެއެވެ. ވެލާނާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަކީ ދިވެހީންގެ ފަޚުރެކެވެ. ދެކުނު އޭޝިއާގެ އެންމެ ރީތި ވައިގެ ބަނދަރެވެ.

ދިވެހިރާއްޖެއަށް ގިނަ ފަތުރުވެރީން އައުމުގެ ފައިދާއާއި މިކަމުގެ އަސަރު ހައްދުންމައްޗަށް ވެސް ވަރަށް ބޮޑަށް ފެނެއެވެ. މުންޑޫ ގެސްޓް ހައުސްތައް ވެސް ފުރޭ ރޭރޭ މިހާރު އެބަ އާދެއެވެ. ކަންމަތީ ޝޮޕްގެ ވިޔަފާރި ވެސް ވަރަށް ރަނގަޅެވެ. މުންޑޫގެ އުފެއްދުންތައް ވެސް ވަރަށް ރަނގަޅަށް ފަތުރުވެރީންނަށް ވިކެއެވެ. މުންޑޫ ރައްޔިތުން އުފަލުން ފޮޅެނީއެވެ. ދާއޫދުގެ ރަނގަޅުކަމާއި ނީނާގެ ހިންގުންތެރިކަމާމެދު ތަޢުރީފު ނުކުރާ ދުލެއް މުންޑުވަކު ނެތެވެ.

ނަމަވެސް..... ނީނާ މިހާރަކަށް އައިސް ހުންނަނީ ވަރަށް ބޮޑު ފިކުރެއްގެ ތެރޭގައެވެ. އޭނާގެ ކިބައަކުން އުފާވެރިކަމުގެ ކުލައެއް ވެސް ނުފެނެއެވެ. ނީނާ އަބަދު ވެސް ފިކުރުކުރަނީ މިނިސްޓރ ޒިހުނީގެ ކުއްލި އަދި ސިއްރު ޒިޔާރަތާ މެދުގައެވެ. 

"ކީއްވެބާ އެހާ ކުއްލި ގޮތަކަށް ވަޒީރަކު ވަޑައިގެން ދާއޫދާ ބައްދަލުކުރެއްވީ؟ ކީއްވެބާ އެ ކަން ސިއްރުކުރައަވާން ނީނާއަށް އެހާ ބޮޑަށް ބާރުއަޅަުއްވައި ވަޢުދުކުރުވީ؟ ޒިހުނީ ގެންނެވި ބްރީފުކޭސް ނުގެންދެވީ ކީއްވެބާ؟ އޭގައި ހުރީ ކޮން އެއްޗެއްބާ؟........." މި ފަދަ އެތައް ސުވާލަކުން ޒިހުނީ ހުންނަނީ އަބަދުވެސް ހާސްކުރުވައިފައެވެ. 

އެހެން މައްސަލައެއް ވެސް މިއަދު ނީނާއަށް ވަނީ ދިމާވެފައެވެ. ނީނާ ވަނީ މުންޑޫގެ ޒުވާނަކާ ލޯބީގެ ގޮތުން ގުޅި ކާވެނިކުރާން ނިންމައިފައެވެ. އެރަށު ވީނަސްވިލާ އިބްރާހީމް އަލޫފެވެ. އަލޫފަކީ ވަޑިނޮޅު ރިސޯޓްގައި ވަޒީފާއަދާކުރާ ޒުވާނެކެވެ. ރަށަށް އާދެވެނީ ކޮންމެ ހަތް ދުވަހަކަށް ފަހު އެންމެ ދުވަހަކަށެވެ. އެ މީހުންކިޔާ ގޮތުން ނަމަ އޮފަށެވެ. މި ގޮތަށް އަންނަ އޮފު ދުވަސްދުވަހު ވެސް އަލޫފު ގިނައިން އުޅެނީ ޒުވާޏުންނާއެކީ ކުޅިވަރުގައެވެ. ނީނާއާ ބައްދަލުވަނީ ހުކުރު ހޮނިހިރަކާ ދިމާނުވެއްޖެ ނަމަ، ރޭގަނޑު ނުވައެއްގެ ބްރީފިންގ ގަޑިއަށްފަހު ނީނާ ގެޔަށް ދިޔައިމައެވެ. އެހެންކަމުން ނިދުމާ ދޭތެރޭ ލިބެނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. އެ ފަދަ ވަގުތުކޮޅެއް ވެސް އެކަހެރިކޮށް ލިބިއްޖެނަމަ....... މިއީ ވެސް ނީނާގެ ހިތާމައިގެ ސަބަބެކެވެ. ނީނާ އިންތިހާއަށް އަލޫފު ދެކެ ލޯބިވެއެވެ. އަދި އަންނަ އަހަރު ކާވެނިކުރެވޭނެ ކަމަށް އުންމީދު ވެސް ކުރެއެވެ. 

އަނެއްކޮޅުން މިހާރަކަށް އައިސް ދާއޫދާ ވެސް ނީނާ ވަރަށް ގަޔާވެއެވެ. ގިނައިން މި އުޅެވެނީ ވެސް ދާއޫދާ އެކީގައެވެ. ދާއޫދަކީ ތަނަވަސް ފައިސާވެރިއެކެވެ. ނީނާ ބޭނުން އެއްޗެއް އޭނާ ދެއެވެ. އަލޫފަކީ މޫންޑޫގެ ފަގީރު ޢާއިލާއެއްގެ ނިކަމެތި ކުއްޖެކެވެ. މައިންބަފައިންނަށް ޚަރަދުކޮށްފައި ނީނާއަށް ދޭނެ އެއްޗެއް އަލޫފަކަށް ނުލިބެއެވެ. ދާއޫދު ނީނާއަށް ވުރެ ފަނަރަ އަހަރު ދޮއްޓެވެ. ނަމަވެސް އެއީ އޭނާއަށް ވަރަށް ކަމުދާ ފިރިހެނެކެވެ. ރަށުގެ ހުރިހާ ޒުވާން އަންހެން ކުދީން ވެސް ތިބެނީ ދާއޫދުގެ އިޝާރާތަކަށް ބަލަބަލައެވެ. ނަމަވެސް ދާއޫދުގެ އެއްވެސް އިޝަރާތެއް ހަމަ އެންމެ ކުއްޖަކަށް ވެސް ނުލިބެއެވެ.

މި ގޮތުގެ މަތީން ދެ އަތަށް ކިރެމުން ބޮޑު ފިކުރެއްގައި ނީނާ ދުވަސްތައް ވޭތުކުރަމުން އަންނަނިކޮށް އެއް ދުވަހަކު ދާއޫދު އޭނާ ހައިރާންކޮށްލައިފިއެވެ.

ބުދަދުވަހުގެ ރޭ ބްރީފިންގ އަށް ފަހު 9:30 އެހާކަންހާއިރު ފިހާރަ ލައްޕާން ނީނާ ތައްޔާރުވަނީއެވެ. ބޮކިތައް ނިންވަން ފަށައިފިއެވެ. އެހެން ރޭރޭ، ވަރަށް އަވަހަށް ދާއޫދު ފިހާރައިން ނުކުމެގެން އޭނާގެ އެޕާރޓްމަންޓަށް ދާނެއެވެ. މިރޭ ނުކުންނާކަށް ނޫޅުނެވެ.

"ނީނާ!" ދާއުދު ނީނާއަށް ގޮވައިލިއެވެ. "ބޮކިތައް ނުނިވެ އިހަށް ދިހަވަރަކަށް މިނިޓް މަޑުކޮށްލަފާނަންތަ؟"

ނީނާ އެކައްޗެއްވެސް ނުބުނެ ހައިރާންކަމާއެކު ދާއޫދަށް ބަލައިލިއެވެ. "ކިހިނެއްތޯ ހަދާންވީ؟"

"ހާދަ ހާސްވެފައި". ދާއޫދު  ހީނލިއެވެ. "އައިސްބަލަ ކުޑައިރުކޮޅަކު މިތާ އިށީނދެލާން. އަދި އެހާ ދަމެއް ވެސް ނުވޭނު!"

"އާދެ!" ކިޔަމަންތެރި ޖާރިޔާއަކުހެން އަލުން ބޮކިތައް ދިއްލުމަށް ފަހު ނީނާގެ ގޮނޑިގައި އިށީނދެއްޖެއެވެ. "ކިހިނެއްތޯ ވީ؟ އަޅުގަނޑަށް ގޮށްކަމެއް ވީތޯ؟"

"ހެހެހެހެހެ!" ދާއޫދު ހީނލިއެވެ. އަދި ދެ މާނައެޅޭ ގޮތަކަށް ބުނެލިއެވެ. "ނީނާ ގޯސްކަންތައް ވެސް ކުރަންތަ؟"

"ނޫން! މި ދެންނެވީ ނުރަނގަޅު ކަމެއް ކުރެވުނީތޯއޭ!" ނީނާ އަވަސްއަވަހަށް ކުށެއް ނުކުރާ ކަން ބުނެދޭން މަސައްކަތްކުރިއެވެ. 

"މިއަދު ބުދަ ތަ؟" ދާއޫދު ތާކުންތާކު ނުޖެހޭ ސުވާލެއް ކޮށްލިއެވެ.

"އާދެ!" ނީނާ ވަރަށް ހާސްވެ ހައިރާންކަމާއެކު ބުނެލިއެވެ. "މިއަދަކީ ބުދަ ދުވަސް."

"ކޮން އިރަކު ކާވެނި ކުރަނީ؟"

"ނޭނގެ." ނީނާ ވަރަށް ލަދުގަތެވެ. "އަދި ތާރީޚެއް ކަނޑައެއް ނާޅާ".

"މި ހަފުތާ ބަންދުގައި ނީނާ ކީއްކުރަން އޮތީ؟" ދާއޫދު މުޅިން އެހެން ކަހަލަ ސުވާލެއް ކޮށްފިއެވެ. "ހުކުރު ހޮނިހިރުގައި އަލޫފު މި ރަށުގައި އުޅޭނެތަ؟"

"އަނެއްހެން ވަކި ކަމެއް ކުރާކަށް ނެތް." ނީނާ ހަމަ ގަސްތުގައި އަލޫފުގެ ވާހަކަ އިވުނު ކަމަކަށް ވެސް ނެހެދިއެވެ. "އެއްޗިހި ދޮވުން އޮންނާނީ."

"އަލޫފް ކޮބާ؟" ނީނާ ގަސްތުގައި އަލޫފުގެ ވާހަކަ ނުދެއްކީމާ ދާއޫދު ސީދާ ސުވާލުކޮށްލިއެވެ. "ކޮން އިރަކުން އޭނާ އަންނާނީ؟"

"ވީ ރިސޯޓްގައި." ނީނާ ޖަވާބު ދިނެވެ. "އިއްޔެ އެ ދިޔައީ އޮފް ނިންމާފައި. ދެން އޮފަށް އަންނާނީ އަންނަ ހަފުތާގެ ބުދަ ދުވަހު؟"

"މަށާ އެކީ މި ހަފުތާ ބަންދު ހޭދަކޮށްލާންވީނު؟" ނީނާ އުއްމީދު ވެސް ނުކުރާ ފަދަ އެއްޗެއް ދާއޫދު އަހާލައިފިއެވެ؟ "ކެރޭނެރަ؟"

"ތިޔަ ވިދާޅުވީ ވީކެންޑްގައި ވެސް މަސައްކަތްކުރައްވާނެ ވާހަކަތޯ؟"

"ނޯ، މައި ޑިއަރ!" ވަރަށް ލޯބިން ދާއޫދު މުޚާޠަބުކޮށްލިއެވެ. "މިބުނީ މާލެ ގޮސްލާން ވީނޫންހޭ؟"

ނީނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނަސް އެ ގޮތަށް މީގެ ކުރީން ދުވަހަކު ވެސް ދާއޫދު މުޚާޠަބެއް ނުކުރެއެވެ. އަދި އެ ހުށަހެޅި ހުށަހެޅުން ގަބޫލުކުރާން ކިތަންބޭނުންވިޔަސް އެއީ ވަރަށް އުނދަގޫ ކަމެކެވެ. އަލޫފަށް އެނގިއްޖިއްޔާ މުޅިން ކަންތައް ގޯސްވީއެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ؟" ނީނާ އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން ދާއޫދު އަނެއްކާ ސުވާލުކޮށްލިއެވެ. "ކަމޯން. ސޭ ސަމްތިންގ، ޑިއަރ!"

"ދެވިދާނެ. ބަޓް......" ނީނާ ޝަރުޠެއް ކަނޑައަޅަން އުޅެފައި މަޑުކޮށްލިއެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ