އަދުގެ ޚާއްސަ

Print

ވެބްސައިޓްތަކަށް ޚަބަރު ލިޔުން

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ އެނގޭތަ

ޢަބްދުﷲ ނަޢީމު އިބްރާހީމް

އޮންލައިން ނޫސްތައް ފުރަތަމަ ތަޢާރަފުވީ ދުވަސްކޮޅު ޕްރިންޓް މީޑިއާގެ ނޫސްވެރިން ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. އޮންލައިން ނޫހުގެ ސަބަބުން ޗާޕުކޮށްގެން ނެރޭ ނޫސްތައް ވިކުން މަދު ވެދާނެ ކަމަށް ނުވަތަ ޗާޕުކޮށްގެން ނެރޭ ނޫސްތަކުގެ މަގާމު އުވިގެން ހިނގައިދާނެ ކަމަށް ބިރުންވެސް އުޅުނެވެ. އެހެންނަމަވެސް ފަށައިގަތް ދުވަސްވަރު ބައެއް ނޫސްތަކުން އިންޓަރނެޓްގެ ބޭނުން ހިފަން ފެށީ ޗާޕުކޮށްގެން ނެރޭ ނޫހުގެ ބައެއްގެ ގޮތުގައެވެ. އާދައިގެ ކުދި ޚަބަރުތަކާއި، ކުއްލިއަކަށް ދިމާވާ ކަންތައްތަކުގެ ޚަބަރު (ބްރޭކިންގ ސްޓޯރީސް) އިންޓަރނެޓަށް ލާފައި، ޚަބަރުތަކުގެ އިތުރު ތަފްސީލު ޗާޕުކޮށްގެން ނެރޭ ނޫހުގައި ޖަހަން ފެށީއެވެ. މިހެން ކަންތައް ކުރުމުގެ ނަތީޖާއަކަށްވީ މަޑު މަޑުން ގޮސް ޗާޕުކޮށްގެން ނެރޭ ނޫސްތަކުގެ ތެރެއަށް އިންޓަރނެޓް ވަނުމެވެ. ކުރިން ބީރައްޓެހި މީޑިއަމެއްކަމަށް ބަލައިގެން އުޅުނު އެއްޗެއްގެ ބޭނުން ހުރިހައި ނޫހަކުންވެސް ކުރަން ފެށުމެވެ.

އޮންލައިން ނޫސްތަކުގެ ސަބަބުން ކުރި އެންމެ ބޮޑު ފައިދާތަކުގެ ތެރޭގައި ރަށުގެ ޚަބަރުތައް ރަށުން ބޭރުގައި ވަގުތުން ކިޔާލާނޭ ފުރުސަތު ލިބުން ހިމެނެއެވެ. މިސާލަކަށް ދިވެހިރާއްޖޭގައި ދިރިއުޅޭ އެމެރިކާ މީހަކު، އޭނާގެ ރަށުގައި ޗާޕުކޮށްގެން ނެރޭ ނޫސް ކިޔަން ބޭނުން ނަމަ އެތައް ދުވަހެއް ވާންދެން އިންތިޒާރުގައި ހުންނަން ޖެހެއެވެ. މިހާރު އޭނާގެ ރަށުގެ ނޫސް ނުކުތުމާއެކު ވަގުތުން ކިޔައިލެވޭ ގޮތް ވެއެވެ. ރާއްޖެއަށް ބެލި ނަމަވެސް މިހާރު ރާއްޖޭގެ ގިނަ ރަށްރަށުގައި އިންޓަރނެޓްގެ ޚިދުމަތް ލިބެން ހުރުމާއެކު މާލޭގައި ނުކުންނަ ނޫހުގެ އޮންލައިން އެޑިޝަން، އެ ނުކުންނަ ވަގުތު ކިޔައިލެވޭ ގޮތް ވެއެވެ. ހަމައެކަނި ކިޔުމެއް ނޫނެވެ. ޚަބަރާއި، މަޒްމޫނުތަކާ ބެހޭ ގޮތުން ބޭނުންވާ ޚިޔާލެއް ހަމަ ވަގުތުން އެބަ ދެވެއެވެ.

މި ބަދަލުގެ ސަބަބުން މީހުންގެ ވިސްނުމާއި، ފިކުރަށްވެސް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ކަމެއް ހިނގާ ވަގުތު އެ ކަމެއްގެ ޚަބަރު އެނގޭނޭ ގޮތް ވުމަކީ އިހަކަށް ޝަރުޠެއްގެ ގޮތުގައި އޮންނަ ކަމެއް ނޫނެވެ. އެކަމަކު މިހާރު އެ ޚަބަރު ނޭނގި ދެތިން މިނިޓު ފާއިތު ވެގެން ދިޔަޔަސް ރާއްޖޭގެ ނޫސްވެރިންނަށް، ނޫސްވެރިކަން ނުކުރެވުނީ ކަމަށް ބަލާ މީހުން ވަރަށް ގިނައެވެ. އެއްގޮތަކުން ބަލާ އިރު މިއީ ވަރަށް ރަނގަޅު ބަދަލެކެވެ. މި ބަދަލުގެ ސަބަބުން ނޫސްވެރިންގެ ކަންނެތްކަން ފިލަމުން އެބަދެއެވެ. ވަގުތުން ވަގުތަށް މަސައްކަތް ނިންމުމާއި، ކުއްލިއަކަށް ދިމާވާ ކަމެއްގައި ވަގުތުން ޙަރަކާތްތެރިވާން ނޫސްވެރިންނަށް ދަސް ވަމުން އެބަދެއެވެ.

ކޮންމެ ނޫހަކުންވެސް ޚަބަރުތައް ނިންމާން ޖެހޭ ސުންގަޑިއެއް ކަނޑައަޅައިފައި އޮވެއެވެ. މިސާލަކަށް ހަވީރު ނުކުންނަ ނޫހެއް ނަމަ މެންދުރު ފަހު އެކެއް ޖަހަންވާ އިރަށް ހުރިހައި ޚަބަރަކާއި، މަޒުމޫނެއް ނިންމާން ވާނެ ކަމަށް ކަނޑައަޅައިފައި އޮވެއެވެ. އޮންލައިން ނޫހަކީ މި ދެންނެވި ކަހަލަ ސުންގަޑިއެއް އޮންނަ ނޫހެއް ނޫނެވެ. ޚަބަރެއް ލިބޭ ވަގުތަކީ އެ ޚަބަރެއް ޝާއިޢު ކުރަން ޖެހޭ ވަގުތެވެ. ކުއްލިއަކަށް ދިމާވާ ކަންތައްތަކުގެ ޚަބަރު ވަގުތުން ގެނެސްދެވޭ ގޮތް ވުމަކީ އޮންލައިން ނޫހަކަށް ލިބިފައިވާ އެންމެ ބޮޑު ފައިދާއެވެ.

އިންޓަރނެޓް ގެ ފުރުސަތުތައް ކިތަންމެ ބޮޑު ނަމަވެސް ނޫސްވެރިން އަދިވެސް އެންމެ ފުރިހަމަ ގޮތުގައި އިންޓަރނެޓްގެ ޚިދުމްތަ ލިބިގަންނަ ތަނެއް ނުފެނެއެވެ. އަދިވެސް ޚަބަރު ވެފައި ވަނީ އެއްކޮޅުގެ އެއްޗަކަށެވެ. މި ދެންނެވީ އެއްކޮޅަކަށް ޖެހޭ ވާހަކައެއް ނޫނެވެ. މިހާރު ހުންނަ ގޮތުން ޚަބަރެއް ކިޔާފައި އެޔަށް ޚިޔާލު ދިނުން އެއީ ކިޔާ މީހަކަށް ކުރެވޭ ކަމަކަށް ވީ ނަމަވެސް ޓީވީ ނުވަތަ ރޭޑިއޯ ގައި އެވާހެން ނޫސްވެރިޔާ އާ ކިޔާ މީހާޔާ ސީދާ ވާހަކަ ދެއްކޭ ގޮތް އަދިވެސް ނޫސްވެރިން މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ. އެއީ ޖެހިލުންވުމެއްގެ ސަބަބުން ވާ ގޮތެއް ނޫން ކަމަށް ވެދާނެއެވެ. އޭގެ ސަބަބަކީ ނުފެނި އަދި އަޑުވެސް ނީވި ހަމައެކަނި ޓައިޕް ކުރާ އެއްޗެއްގެ ބޭނުންކޮށްގެން ވާހަކަ ދެއްކީމާ ހިތަށް ހަމަޖެހުމެއް ނުލިބުން ކަމަށް ވެދާނެއެވެ. ކޮންމެ ސަބަބެއް އޮވެގެން ކަމަށް ވިޔަސް އެއީ އަދި ނޫސްވެރިން ނުވަންނަ ދޮރެކެވެ.

އޮންލައިން ނޫހަށް ޚަބަރު ލިޔުން:

ދިރާސާތަކުން ދައްކާ ގޮތުގައި މިހާރަކަށް އައިސް މީހުން ވެބްސައިޓްތައް ބަލަނީ މަގުމަތީގައި ހުންނަ ބިލްބޯޑުތައް ބަލާހެންނެވެ. ބާރަށް ދުއްވާފައިދާ އެއްޗެއްގައި އިނދެގެން ބަލާ އިރު ބިލްބޯޑުގައި ފާޅުކަން ބޮޑުކޮށް ހުރި އެއްޗެއް ނޫން އެއްޗެއް ނުފެންނާނެއެވެ. ގިނަ މީހުން ވެބްސައިޓްތަކަށް ވަދެފައި "ސްކޭން" ކުރަނީއެވެ. ނުވަތަ މަތިމަތީން ބަލައިލަނީއެވެ. އެހެންވީމާ ބަލަންވާނީ މުހިއްމު ވާހަކަތައް ވީހައި ކުރެއްކޮށް، އެންމެ ކުރިން ކިޔައިލެވޭ ފަދަ ގޮތަކަށް ގެނެސްދެވޭތޯއެވެ. އެހެންނޫނީ އެންމެ މުހިއްމު ވާހަކަ އޮންނާނީ ކިޔުންތެރިންނާ ހަމައަށް ނުގޮސް ވަޅުޖަހައިފައެވެ.

ނޫހެއް ގަނެގެން ގެއަށް ގޮސް ކިޔާ ހިތް ނުވެއްޖެ ނަމަ މޭޒުމަތީގައި މީހަކު ބާއްވަފާނެއެވެ. އެކަމަކު ފަހުން އެ ނޫސް ނަގައިގެން ކިޔަން ފެށުމުގެ ފުރުސަތު އަބަދުވެސް އޮންނާނެއެވެ. މިޔާ ޚިލާފަށް ވެބްސައިޓެއްގައި އޮންނަ އެއްޗެއް ކަމުނުގޮސްގެން ދޫކޮށްލާފައި ދެވަނަ ފަހަރަށް އެޔަށް ސަމާލުކަން ދިނުމުގެ ފުރުސަތު ވަރަށް ކުޑަ ވާނެއެވެ. އެހެންވީމާ އެންމެ ފުރަތަމަ ދަނޑިވަޅުގައި ކިޔުންތެރިންގެ ސަމާލުކަން ހޯދޭ ވަރަށް ލިޔަން ވާނެއެވެ.

ނޫސްތަކުގައި ލިޔެފައި ހުންނަ ވާހަކަތައް ހުންނަނީ އެއް ވާހަކަޔާ އަނެއް ވާހަކަޔާ ވަރަށް ބޮޑަށް ގުޅިފައެވެ. އެކަމަކު އިންސާނާގެ ސިކުނޑި މަސައްކަތް ކުރަނީ ވަކި ތަރުތީބަކުންނެއް ނޫނެވެ. ސިކުނޑީގައި ހުންނަނީ އެ ވަގުތަކު ފެންނަ ހުރިހައި އެއްޗެއް ޖަމާ ވެފައެވެ. އެއް ކަމަކާ އަނެއް ކަމަކާ ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮވެދާނެއެވެ. އެހެން ނަމަވެސް އެއް ކަމަކީ އަނެއް ކަމެއްގެ ބަޔަކަށް ވުން ލާޒިމެއް ނޫނެވެ. އެހެންވީމާ ވެބް ޚަބަރު ލިޔާ މީހާ ބަލަން ވާނީ އިންސާނާގެ ސިކުނޑި މަސައްކަތް ކުރާ ގޮތް ބަލައިގެން ލިޔެވޭތޯއެވެ. ނޫސްތަކުގައި ޚަބަރު ލިޔާ އުސޫލުން މާ ބޮޑު ތަރުތީބެއްގައި ހިފަހައްޓަން މަސައްކަތް ކޮށްގެން ނުވާނެއެވެ. ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތް ވާހަކައެއް ކަމަށް ވާނަމަ، އެއް ވާހަކައަށް ވުރެ ގިނަ ވާހަކަ، އެއް ޚަބަރެއްގައި ހިމެނުމަކީ ކިޔާ މީހާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިގެން ދާނެ ކަމެކެވެ. އެހެން ނަމަވެސް މި ގޮތަށް އެކި ވާހަކަ ހިމަނާ އިރު ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމެއް އޮވެއެވެ. އެއީ ކިޔާ މީހާގެ ހިތަށް "އަހަރެން މި ވާހަކަ ކިޔައިފީމޭ..." އަރާ ގޮތް ނުހަދައި ވޭތޯ ބެލުމެވެ. މާނައަކީ ކުދި ކުދި އެތިއެތިކޮޅުން ނަމަވެސް ކިޔައިދޭ ވާހަކައަކީ ތަކުރާރު ނުވާ ވާހަކަ އަކަށް ހެދޭތޯ ބެލުމެވެ.

ވެބް ޚަބަރު ލިޔުމުގައި ސަމާލުކަން ދޭން ޖެހޭ ބައެއް ކަންތައް

•ޚަބަރު ކުދި ކުދި ވާހަކަތަކަކަށް ބައިކޮށްލާށެވެ! އެކަމަކު ބައިކުރާ ކޮންމެ ވާހަކައަކީ ވަކި ވާހަކައަކަށް ވާންވާނެއެވެ. މާނައަކީ ކުރިން އޮތް ޖުމްލަޔާ ނުލައިވެސް ކޮންމެ ޖުމްލައަކީ މާނައެއް ނުވަތަ މައުލޫމާތެއް އެކުލެވޭ ޖުމްލައަކަށް ހަދަން ވާނެއެވެ. ޖިގްސޯ އަރަތެއް މިސާލަކަށް ނަގާށެވެ. އޭގައި ހިމެނޭ އެއްވެސް އެތިކޮޅަކީ މުޅި އަރަތެއް ނޫނެވެ. މުޅި އަރަތް ފުރިހަމަ ވާނީ ހުރިހައި އެތިކޮޅެއް އެއްވީމައެވެ. އެކަމަކު ކޮންމެ އެތިކޮޅަކީވެސް މުހިއްމު އެތިކޮޅެކެވެ. އެކަތިކޮޅު މަދުވިޔަސް އަރަތުގެ ބައެއް އުނިވެގެން ދާނެއެވެ. ޚަބަރުވެސް ވާން ވާނީ މި ފަދަ ގޮތަކަށް ބައިކޮށްލެވޭ އެތިކޮޅު ތަކަކަށެވެ.

•މަތީގައި ބުނެވުނު ގޮތަށް ޚަބަރު ކޮށައިލާ އިރު ކޮންމެ ބައެއްވެސް ފެށެންވާނީ އެ ބައެއްގައި އޮންނަ އެންމެ އަޅައިގަންނަ ވާހަކައަކުންނެވެ. ފަހަތަށް ގޮސް މުހިއްމު ވާހަކަ ބުނަން ބާއްވައިގެން ނުވާނެއެވެ. ޚަބަރު ފެށުމުގައި އޮންނަ ލީޑް ގައި ބަޔާން ކުރާ ވާހަކައަށް ފެތޭ ގޮތަށް ކޮންމެ ވާހަކައެއް ވަކިން ކިޔައިދެމުން ގެންދާށެވެ. އެކަމަކު ކޮންމެ ވާހަކައެއްވެސް ވާން ވާނީ ލީޑްގައި އޮތް ވާހަކަ ރޫޅެމުންދާ ދިއުން ދައްކައިދޭ ވާހަކަ އަކަށެވެ. މާނައަކީ ފަހުން ކިޔާ އެއްވެސް ވާހަކައަކުން ލީޑް ގައި އޮތް ވާހަކަ އަކީ ބޭނުމެއް ނެތް ވާހަކަ އަކަށް ވެގެން ނުވާނެއެވެ.

•ބަހުރުވަ ތިލަ ކުރާށެވެ. ޚަބަރަކީ ހިނގައިދިޔަ ކަމެއްގެ ވާހަކަ ކަން އަބަދުވެސް ހަނދާން ކުރަން ވާނެއެވެ. އެހެންވީމާ ވެ ނިމިދިޔަ ކަމެއްގެ ވާހަކަ ކިޔައިދޭ ގޮތަށް ކިޔައިދޭށެވެ. އަދި އިނގިރޭސި ބަހުން ލިޔާ އިރުވެސް ކުރު ގޮތަށް ލަފްޒު ބޭނުން ނުކުރާށެވެ. މިސާލަކަށް Don’t ގެ ބަދަލުގައި Do not މިހެން ލިޔާށެވެ.

•ކުރު ޖުމްލަތައް ބޭނުން ކުރާށެވެ. އަދި ކޮންމެ ޕެރެގްރާފެއްގައިވެސް ގިނަ ވެގެން ތިނެއް ނުވަތަ ހަތަރު ޖުމްލައަށް ވުރެ ގިނަ ނުކުރާށެވެ.

•ދެ ޕެރެގްރާފް ދޭތެރެއަށް ހުސް ފޮޅުވަތެއް ދޫކުރާށެވެ. ޚަބަރެއްގެ ބައެއް ދިހަ ވަރަކަށް ފޮޅުވަތަށް ވުރެ ދިގުނުކޮށް ވޭތޯ މަސައްކަތް ކުރާށެވެ.

•އަރިމަތީ ސުރުޚީ ބޭނުން ކުރާށެވެ. އަދި ޚަބަރު ބައިތަކަކަށް ބަހައިލާ އިރު ވަކި ކުދި ސުރުޚީތަކެއްގެ ދަށުން ލިޔާށެވެ.

•ޚަބަރު ބައި ބަޔަށް ބަހާ އިރު ކޮންމެ ބައެއްގައި ހިމެނޭ ވާހަކައިގެ ޚުލާސާއެއް ސުރުޚީގެ ދަށުގައި ލިޔެލާށެވެ!

•ސުރުޚީ ޖަހާ އިރު އަރަތަކަށް ވާ ގޮތަށް ސުރުޚީ ނުޖަހާށެވެ. އަށްޑިހައިގެ އަހަރުތަކުގައި ރާއްޖޭގައި ނެރުނު ނޫހެއްގެ ބޭރުގަނޑުގެ އެންމެ ބޮޑު ސުރުޚީގައި އޮތެވެ. "ދެލޮރީ ޑަން!" މިއީ ދެ ލޮރީ ޖެހިގެން އެކްސިޑެންޓެއް ވީ ވާހަކަ އޮތް ޚަބަރެއްގެ ސުރުޚީއެކެވެ. މި ކަހަލަ ސުރުޚީ އެއްގޮތަކަށްވެސް ނުޖަހާށެވެ. ސުރުޚީން ޚަބަރު އެނގެން ވާނެއެވެ.

•ޚަބަރުގެ ޓޯން ނުވަތަ އަސަރު ދަމަހައްޓާށެވެ. ހިތާމަވެރި ހާދިސާއެއްގައި ބަޔަކު މަރުވީ ވާހަކަ ލިޔާ އިރު ކިޔާ މީހާ ހެއްވަން މަސައްކަތް ނުކުރާށެވެ. މުޅި ޚަބަރުގައި އެއް އަސަރެއް ހިފަހައްޓާށެވެ.

•އަބަދުވެސް ޕޮޒިޓިވް ކޮށް ޚަބަރު ލިޔާށެވެ. ތަނަކުން މިވެނި ކަމެއް ކުރަން ބުނެފައި އަދިވެސް ދެބައިކުޅަ އެއްބައި ނުނިމެއޭ ބުނުމުގެ ބަދަލުގައި، ދެބައިކުޅަ އެއްބައި ނިމިއްޖެއޭ ބުނާ ގޮތަށް ޚަބަރު ލިޔާށެވެ.

•ޢަދަދުތައް ލިޔާ އިރު އެނގޭ ގޮތަށް ލިޔާށެވެ. މިވެނި ތަނަކަށް ވަރަށް ގިނަ މީހުން ދިޔައޭ ލިޔުމުގެ ބަދަލުގައި ލަފާ ކުރާ ޢަދަދެއް ލިޔާށެވެ.

•ލިޔުމުގައި ބޭނުން ކުރާ ނިޝާންތަކަށް ސަމާލުކަން ދޭށެވެ. ސްކްރީނުގައި ސެމީކޯލަން ފެންނަ ގޮތް ކުޑަ ވާނެއެވެ. އޭގެ ބަދަލުގައި ރޮނގުބުރިއެއް (ޑޭޝް) ބޭނުން ކުރުން ރަނގަޅު ވާނެއެވެ.

•ޚަބަރެއް ޝާއިޢު ކުރުމުގެ ކުރިން ރަނގަޅަށް ކުށް ފިލުވާށެވެ.

_____________________

ނޯޓް: މިއީ 2009 ގައި ޢަބްދުﷲ ނަޢީމް އިބްރާހީމް ލިޔުއްވައިފައިވާ ލިޔުއްވުމެކެވެ. އޮންލައިން ނޫސްވެރީންނަށް މުހިއްމު ވެދާނެތީ މި ލިޔުން ޝާއިޢުކޮށްލީއެވެ.

 

 

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ