އަދުގެ ޚާއްސަ

Print

ނަތީޖާ ޙާޞިލްކުރުވަނިވި މުޢާމަލާތްކުރުން

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޝަމްސުލް ފަލާޙް

މުޢާމަލާތްކުރުމަކީ އިންސާނުންގެ މެދުގައި އޮންނަ ގުޅުމާއި އިންސާނުންގެ ވަށައިގެން މިދުނިޔޭގައިވާ މާޙައުލާއި އިންސާނުންނާ ދެމެދުގައިވާ ގުޅުން ބައްޓަން ކޮށްދޭ ވަރަށް މުހިންމު ކަމެކެވެ. މާތްﷲ އިންސާނުންނަށް ދެއްވި މި މަތިވެރި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ކުރުމަށް އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނަންޖެހެއެވެ.

ހެންރީ މިންސްޓްބާރގަކީ، ހިންގުމުގެ ދާއިރާގެ މާހިރެކެވެ. އެކިއެކި އިދާރާތަކުގެ މެނޭޖަރުންގެ ފެންވަރުގައި ކުރާ މަސައްކަތްތަކުގެ ޠަބީޢަތާބެހޭ ދިރާސާއެއް، 1973 ވަނަ އަހަރު އޭނާ ކުރެއްވިއެވެ. އެދިރާސާގައި އޭނާ ބަޔާންކުރައްވާފައިވާގޮތުން، ކޮންމެ ދުވަހަކުވެސް މެނޭޖަރަކު އޭނާގެ މަސައްކަތުގެ 75 އިންސައްތަ ހޭދަކުރަނީ އެކި މީހުންނާ މުޢާމަލާތްކުރުމުގައެވެ. އޭގެތެރޭން 6 އިންސައްތަ ބޭނުންކުރަނީ ފޯނުގެ ޒަރީޢާއިން ކަމަށްވާއިރު 10 އިންސައްތަ ޝެޑިއުލްނުކުރާ ބައްދަލުވުންތަކަށް ހޭދަކުރެއެވެ. އަދި 59 އިންސައްތަ ބޭނުންކުރަނީ ޝެޑިއުލް ކޮށްފައިވާ ބައްދަލުވުންތަކަށެވެ. މިއީ އަދި އެހެނިހެން ޒަރީޢާތަކުން ކުރާ މުޢާމަލާތްތައް ނުހިމަނުއްވައި އޭނާގެ ދިރާސާގެ ނަތީޖާއެވެ. މިދިރާސާގެ ނަތީޖާ މިތަނުގައި ނަކަލުކޮށްލުމުން، ކަމެއް ރާވައި ހިންގުމަށްޓަކައި މުޢާމަލާތްކުރުމުގެ މުހިންމުކަން ތިބާއަށް ވިސްނިވަޑައިގަންނަވާނެއެވެ.
 
މިދަންނަވާލެވުނީ ކުންފުންޏެއްގެ ނުވަތަ އިދާރާއެއްގެ މަސައްކަތުގެ މާޙައުލުގެ ދިރާސާއެއް ނަމަވެސް، މިއީ ދިރިއުޅުމުގައި ނުހަނު ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމެކެވެ. ފަރުދެއްގެ އަމިއްލަ ޙަޔާތާއި ޤައުމެއްގެ ދެމިއޮތުންވެސް ނަތީޖާ ޙާޞިލްކުރުވަނިވި މުޢާމަލާތްކުރުމަށް ސަމާލުކަމެއް ދޭންޖެހެއެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއް ކުރާއިރު މުޢާމަލާތްކުރަންޖެހެއެވެ. އެހެނީ އެއީ، އިންސާނުންގެ މެދުގައި ޚިޔާލާއި، ފިކުރާއި، ޢިލްމާއި ވިސްނުން، މުވާޞަލާތު ކުރެވޭ ޒަރީޢާއެވެ. ޢާއިލާތަކާއި މުޖުތަމަޢާއި އެކިއެކި މުއައްސަސާތަކާއި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އާލާކޮށް ބަދަހިކޮށްދޭ ކަމަކީ ރަނގަޅަށް އެދެވޭގޮތުގައި ކުރެވޭ މުޢާމަލާތެވެ. ތިބާގެ ޙަޔާތުގެ ކޮންމެ ކަމެއްވެސް ކާމިޔާބުވުން ބިނާވެފައިވާނީ ތިބާއަށް އެކަމަކާބެހޭގޮތުން ކުރަންޖެހޭ މުޢާމަލާތްތަކުގައި ތިބާ ބޭނުންކުރައްވާ އުސޫލުތަކުގެ މައްޗަށެވެ. ބޭނުންކުރައްވާ އާދަތަކާއި ގޮތްތަކުގެ މައްޗަށެވެ. މުޢާމަލާތްކުރުމުގައި ރަނގަޅުގޮތް ޚިޔާރުކުރައްވައިފިނަމަ ކާމިޔާބީއަކީ ތިބާގެ ޙައްޤެކެވެ. އެފަދަ ޙާލަތްތަކުގައި ކާމިޔާބީވާނީ ތިބާގެ އަތްފޯރާ ހިސާބުގައެވެ. ނަމަވެސް، މުޢާމަލާތްކުރުމުގައި ތިބާ ނޭކަށޭނަކަން ދައްކަވައިފިނަމަ، ނާކާމިޔާބީ ނޫން އެހެން އެއްޗެއް ތިބާޔަކަށް ޙާޞިލެއް ނުކުރެއްވޭނެއެވެ.

ކާޑުއުފައްދާ ކުންފުންޏެއްކަމަށްވާ ހޯލްމާރކް އަކީ 1980 ގެ އަހަރުތަކުގައި ދުނިޔޭގެ ކާޑު އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ. އެކުންފުނީގެ އަސާސެއްކަމަށް އެމީހުން ބަލާފައިވަނީ ފެންވަރާއި އީޖާދީ އުފެއްދުންތެރިކަމެވެ. ނަމަވެސް، 1991 ގައި ހީނުކުރާކަހަލަ މައްސަލައެއް އެކުންފުންޏަށް ކުރިމަތިވިއެވެ. އެކުންފުނީގެ ކާޑު އުފެއްދުމުގެ މަސައްކަތްތައް އިންތިޒާމުކޮށްފައިވާގޮތުން ކާޑެއް ފަރުމާކުރުމާއި އެންމެ ފަހު މަރުޙަލާއާ ހަމައަށް 18 މަސްދުވަސް ނަގައެވެ. ހޯލްމާރކު ކުންފުނިން މިހާ ދިގު މުއްދަތެއް އެކަމަށް ނަގާއިރު، އެކުންފުނީގެ ވާދަވެރި ކުންފުނިތަކުން އައު އަދި މީހުން ގަޔާވާކަހަލަގެ ކާޑެއް ހެދުމަށް ނަގަނީ ވަރަށް ކުޑަ މުއްދަތެކެވެ. ނަތީޖާއަކަށްވެގެންދިޔައީ ހޯލްމާރކަށް ލިބެންއޮތް ފައިދާގެ ބޮޑުބައެއް އެހެން ކުންފުނިތަކުގެ ތިޖޫރީތަކަށް ވަދެގެންދިއުމެވެ. މިމައްސަލަޔާމެދު އެކުންފުނިން ވަރަށް ފުންކޮށް ވިސްނިއެވެ. ފާޅުވެގެންދިޔަ ކަމަކީ، އެކުންފުނީގެ އެކިއެކި ދާއިރާތަކުގެ މެދުގައި އޮންނަނީ ވަރަށް ކުޑަ ގުޅުމެއްކަމެވެ. މުޢާމަލާތު ކުރުމުގެ އުސޫލުތައް ރަނގަޅުނޫންކަމެވެ. ދުރު ހިސާބުތަކުގައި ކުންފުނީގެ ބައިތައް ޤާއިމްކޮށްފައިވުމުން މުވާޞަލާތުކުރުމުގައި ދަތިތައް ކުރިމަތިވާކެމެވެ. މިމައްސަލަ ޙައްލުކުރުމަށްޓަކައި، ހޯލްމާރކު ކުންފުނިން، އެއް ފުރާޅެއްގެ ދަށަށް އެކުންފުނީގެ ހުރިހާ ސެކްޝަންތަކެއް ގެނައެވެ. އަދި ސެކްޝަންތަކުގެ މެދުގައި މަޝްވަރާކުރުމުގެ ބައްދަލުވުންތައް ބާއްވަން ފެށިއެވެ. ނަތީޖާ ވަރަށްވެސް ކާމިޔާބެވެ. ކުރިން 18 މަސްދުވަހުން ނިންމާލެވޭ މަސައްކަތް 8 މަސްދުވަހުން ނިންމާލުމަށް މަގުފަހިވެގެންދިޔައެވެ. ހޯލްމާރކުގެ މި ފިލާވަޅަށް ތިބާ ފުންކޮށް ވިސްނަވާށެވެ. މިއީ ކާމިޔާބު ޙަޔާތަކަށް ނުހަނު ބޭނުންތެރި ފިލާވަޅެކެވެ.


ހަމަމިގަލަމުން

އިދާރާ

ވާހަކަ