އަދުގެ ޚާއްސަ

Print

ކޮން މީހެއް؟ (9)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

(19 އެޕުރީލު 2020 މި ތާރީޚުގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ނީނާގެ މަސައްކަތް ނިންމައިލުމަށް ފަހު ހަވީރު އުޅުނީ މަންމަމެންނާއެކުގައެވެ. ގޭތެރޭގައި އެންމެން އުޅުނީ ފުޓްބޯޅަ މެޗެއް ބަލާށެވެ! މިއީ "ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކަރކަޕް" ގެ ފައިނަލް މެޗެވެ. މި މުބާރާތުގެ އެންމެ މޮޅު ޓީމާ ވަދަކުރާން ދިވެހިޓީމަށް ފުރުޞަތު ލިބުނަސް ދިވެހި ޓީމު ފައިނަލަށް އައީ ވަރަށް ހަނި ގޮތެއްގައެވެ. ޕޮއިންޓް އެއްވަރުވެގެން ވަން ގޯލުގެ އަދަދަށް ބަލައިގެން ހަމަ އެންމެ ޕޮިންޓެއްގެ ތަފާތުންނެވެ.  އެއްކޮޅުން ބައްދަލުކުރަނީ ދިވެހިރާއްޖޭގެ ނިއު ޓައިގާރސް ސްޕޯޓްސް ކްލަބު (އެންޓީއެސްސީ) ގެ ޓީމެވެ. އަނެއްކޮޅުން ބައްދަލުކުރަނީ ބަންގލާދޭޝްގެ މުޙައްމަދަން ސްޕޯޓިންގ ކްލަބްގެ ޓީމާއެވެ.

ނީނާއަށް ގެޔަށް ދެވުނު އިރު މެޗްގެ ފުރަތަމަ ސާޅީސްފަސް މިނިޓްގެ ކުޅުން ނިމިއްޖެއެވެ. ނަތީޖާއަކީ 0 – 0 އެވެ. ދެވަނަ ސާޅީސް ފަސްމިނިޓްގެ ކުޅުން ފެށިގެން ފުރަތަމަ ދިހަމިނިޓްގެ ތެރޭ އެންޓީއެސްސީ ޓީމުން ވިދިވިދިގެން ހައެއްކަ ޙާމަލާ ދީފިއެވެ. ކޮންމެ ޙަމަލާއެއް ވެސް "މުޙަންމަދަން"ގެ ގޯލްކީޕަރު މުޙަންމަދު ދަލްވާރު ކާމިޔާބުކަމާއެކު މަތަކުރަނީއެވެ. މާގިނަ ހަމަލާތަކެއް އެންޓީއެސްސީ ޓީމުގެ ގޯލަކަށް އަމާޒެއް ނުވެއެވެ. ނަމަވެސް އަށްޑިހަ ފަސްވަނަ މިނިޓްގައި މުޙަންމަދަންގެ ފޯރވަޑް މަސްއޫދު ބިލާލު ފޮނުވައިލި ބާރު ޙަމަލާ އަމާޒުވީ އެންޓީއެސްސީ ޓީމުގެ ގޯލުގެ މަތީ ކަނަށެވެ. މި ލަނޑާއެކު މިހާރުގެ ނަތީޖާއަކީ 1-0 އެވެ.

ނީނާއަކީ ފުޓްބޯޅައަށް މާ ޝައުޤުވެރިވާ ކުއްޖެއް ނޫނަސް ގޭ އެންމެން ބޮޑު އިސްކިރީނުން އަޅުވައިގެން ބަލާން ތިބީމާ ދޭތެރެ ދޭތެރެއިން ފެނެއެވެ. ގޭގެ އެންމެން ފޯރިނަގައި "ނިހާންޓޭ ޖަހާ! ޖަހާ! ނިހާންޓޭއަށް ޖެހޭނެ"އޭ ގޮވައިލި އަޑަށް ނީނާއަށް ޓީވީއާ ދިމާއަށް ބަލައިލިއެވ ނީނާއަށް ހުއްޓުން އެރިއެވެ. އެ ގޯލުޖަހަނީ މީގެ އެއް ދުވަސްކުރީން ނީނާއާ ބައްދަލުވި ޒުވާނާއެވެ. ނީނާގެ ހިތުގައި އޭނާއަށް އޮތީ ނަފުރަތެވެ. ނިހާންޓޭ ޖެހިބޯޅަ ދަލްވާރުގެ އަތުގެ މުލައްދަނޑީގައި ޖެހުނުލެއް ބާރުކަމުން އަތް ދިޔައީ މުލައްދަނޑީން ބިންދައިގެންނެވެ. ބޯޅަވަނީ އެތެރެއަށެވެ. މިހާރުގެ ނަތީޖާއަކީ 1 – 1 އެވެ. 

ކުޅުމަށް ކުޑަހުއްޓުމެއް އަތުވެއްޖެ އެވެ. ގޯލީއަށް ނުކުޅެވޭ ޙާލަތަކަށް ދިޔައިރު، މުހަންމަދަންގެ ބަދަލު ގޯލީ އަކީ އެހާ މޮޅު ކީޕަރެއް ނޫންކަން އެ ޓީމުގެ ކޯޗަށް ވެސް އެނގެއެވެ. ނަމަވެސް އެހެން އިޚުތިޔާރެއް ނެތުމާއެކު ކީޕަރު ބަދަލުކޮށްފި އެވެ. އޭރު މެޗުގެ ފުރިހަމަ ވަގުތު ހަމަވެއްޖެއެވެ. ބަދަލު ރެފްރީ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނިޓް ދައްކައިފައިވެއެވެ.

އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި ގޯލްގެ އިރުމަތީފަރާތުން ނެގި ހިލޭޖެހުމެއް މުހަންމަދަންގެ ކުޅުންތެރިޔަކު ގަސްތުގައި އަތުގައި ޖައްސައި މަތަކޮށްލިއެވެ. ރެފްރީ ނިންމީ އެއީ ޕެނެލްޓީ އެއް ދޭންޖެހޭ ކުށެއް ކަމުގައެވެ.

އިތުރު ވަގުތުގެ ފަހު މިނިޓްގައި ލިބުނު އެ ޕެނެލްޓީ ވެސް ގޯލަށް ފޮނުވައިލީ ނިހާންޓޭއެވެ. އެ ޕެނެލްޓީ ކީޕަރުގެ އަތުގައި ޖެހުނު ނަމަވެސް އޮތީ ބިއްދޮށު ތާގަނޑާ ތަތްވެފައެވެ. ގޯލީ ބޯޅައަށް ޑައިވްކޮށްލީ ވެސް ރަނގަޅު ފަޅިއަށެވެ. ނަމަވެސް އަރިމަތީ ދަގަނޑުގައި އޭނާގެ ބޯޖެހުނުލެއް ބާރުކަމުން ގޯލީ އޮތީ ޚަބަރު ހުސްވެގެން ދެމިފައެވެ. އެ ލަނޑާއެކު މެޗް ނިމުނީއެވެ. 2-1 ގެ ނަތީޖާއަކުން އެންޓީއެސްސީ ޓީމު ކުރި ހޯދައިގެންނެވެ.

މެޗަށް ފަހު، ޓީވީ މޯލްޑިވްސްގެ ނިވްސްކާސްޓަރަކު ދެ ޓީމުގެ ކައްޕީންނާ ބަސްދީގަތުމެއް ބޭއްވޭތޯ މަސައްކަތްކުރިއެވެ. މުހަންމަދަންގެ ކައްޕި ބުނީ "ނަތީޖާ އެ އޮތީ ފެންނާންކަމަށާއި މޮޅަށް ކުޅެ ގިނަ އިރު ބޯޅަ ހިފެހެއްޓީ ވެސް އެ މީހުން ކަމުގައެވެ. ނަމަވެސް މިއަދަކީ އެ މީހުންނަށް ބޮޑު މުޞީބާތެއް ކުރިމަތިވި ދުވަހެއް ކަމަށެވެ. އެންމެ މޮޅު ކީޕަރުގެ އަތް ވަރަށް ނުރައްކާތެރި ގޮތަކަށް ބިންދައި ދިޔުމާއި ބަދަލު ކީޕަރަށް، ފަހު ވަގުތުގައި މި ލިބުނު އަނިޔާއަކީ ޓީމަށް ލިބުނު ހިތާމައެއް ކަމުގައެވެ. ބުނެލެވެން އޮތީ މިވަރަށެވެ."

އެންޓީއެސްސީގެ ހުސޭން ނިހާނާ ޕްރެޒެންޓަރ ސުވާލުކޮށްލިއެވެ. "މިއަދުގެ މެޗާމެދު ވިދާޅުވާން އޮތީ ކީކޭތޯ؟" 

ނިހާން އެއްވެސް އެއްޗެން ނުބުންޏެވެ. އޭނާ ވާހަކަ ދައްކާން އުޅުނެވެ. ނަމަވެސް އެއްޗެއް ނުބުނުވުނެވެ. 

"ފުރަތަމަ ލަނޑަކީ ވަރަށް މޮޅު ލަނޑެއް." ޕްރެޒެންޓަރު އެހެން ސުވާލެއް ކޮށްލިއެވެ."ނަމަވެސް ބޯޅައިން ޖެހި ގޯލީގެ އަތް ބިނދުމާ މެދު ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ؟"

ނިހާނަޓޭއަށް އެއްޗެކޭ ނުބުނެވުނެވެ. އޭނާ ހުރީ މޮޅުވެގެން ލިބުނު އުފަލަށްވުރެ މާބޮޑު ހާސްކަމެއްގެ ތެރޭގައެވެ. މެޗްގެ ލައިވް ނިންމައިލުމަށް ފަހު އިސްޓޫޑިއޯއަށް ޓެލެކާސްޓިންގ ބަދަލުކޮށްލައިފިއެވެ. ދިވެހި ޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިއަދުގެ ކާމިޔާބީގެ ހުރިހާވެސް ޝުކުރެއް އޮހެމުން ދަނީ ނިހާންޓޭއަށެވެ. ނަމަވެސް އޭނާގެ ކިބައިން ފެންނަނީ ހާސްކަމާއި ހިތްދަތިކަމެވެ. އެންމެން ވެސް ހީކުރީ ދެ މީހަކަށް ލިބުނު ބޮޑު އަނިޔާގެ ސަބަބަކަށް ނިހާންޓޭ ވީމާ އެކަމާ މާ ބޮޑަށް އަސަރުކުރީ ކަމަށެވެ.

ގޯލީގެ އަތް ބިނދުމާއި ބަދަލު ގޯލީގެ ބޯފެޅުމަކީ ހަމަ އިއްތިފާޤެކެވެ. އެކަމުގައި އެއްވެސް މީހެއްގެ ކުށެއް ނެތެވެ. ނަމަވެސް ދެވަނަ ގޯލީގެ. ބޯ ދަގަނޑުގައި ޖެހި އޭނާގެ ޚަބަރު ހުސްވެގެން ހަސްފަތާލަށް ގެނދެވުނު އިރު އޭނާގެ ފުރާނަ ނެތް ކަމަށް ޑޮކްޓަރުން ބުންޏެވެ. ނަމަވެސް އެއީ އިއްތިފާޤެކެވެ. އެއްވެއް މީހެއްގެ ކުށެއް ނެތެވެ. ލައިވްކޮށް އެ މަންޒަރު ރާއްޖޭގެ އެތައް ހާސްބަޔަކާއި ބަނގްލަދޭޝްގެ އެތައް ބަޔަކު ބެލިއެވެ. މިއަދު މުޅި މީސް މީޑިއާގައި ވެސް އޮތީ ނިހާންޓޭއަށް ކުރާ ތަޢުރީފުން ފުރިފައެވެ. އޭނާގެ އެތައް ފޮޓޯއެއް އެކި ގޮތަށް އެކި ނޫސްތަކުން ނީނާއަށް ފެނެއެވެ.

މި މަންޒަރުތައް ފެނުމުން އެހެން މީހުންގެ ހިތަށް ވެރިވި ޝޫޢޫރާއި ނީނާގެ ހިތަށް އަރައި ފައިބަމުން ދިޔަ ޝުޢޫރު ތަފާތެވެ. 

މީގެ ދެ ދުވަސްކުރީން ނިހާންޓޭއާ ނީނާ ބައްދަލުވިއެވެ. އޭނާގެ އަދަބެއް ނެތް ބަހުރުވަ ނީނާގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ. އަނެއްކޮޅުން ނިހާންޓޭ ދާއުދާ ބައްދަލުކުރިއެވެ. ގެންދިޔަ ދަބަސް ދެމީހުން ދެ މީހުން ބަދަލުކުރިއެވެ. 

މި ގޮތަށް ދާއޫދާ ބައްދަލުކުރާ ކޮންމެ މީހަކާ ގުޅިގެން އެ މީހެއްގެ ނަން ވިދައިގަނެއެވެ. ކޮންމެވެސް މީހަކަށް ގެއްލުމެއް ލިބުމުގެ ހިތާމަވެރި ހާދިސާއެއް މެދުވެރިވެއެވެ. 

މިއަދުގެ ނާއިބު ރައީސް ޒިހުނީ، ދާއޫދާ ބައްދަލުކުރިތާ ހަފުތާއެއްގެ ތެރޭގައި އޭނާއަށް ނާއިބު ރައީސްކަން ލިބިވަޑައިގަތެވެ. ކުރީން ހުންނެވި ނާއިބު ރައީސް ވަރަށް ހިތާމަވެރި ހާދިސާއެއްގައި އަވަހާރަވިއެވެ. ދެވަނަ އަށް ބައްދަލުކުރި ނިހާންޓޭގެ ނަން އޭގެ ފަހުން ވިދައިގަތެވެ. އެވެސް ހިތާމަވެރި ހާދިސާއަކާ ގުޅޭ ކާމިޔާބީއެކެވެ. ހައްތާވެސް އިއްތިފާޤެވެ. މި ކަންކަމާ ވިސްނައި ފިކުކުރާން އެނގޭނޭ އެހެން އެއްވެސް މީހެއް ނީނާ ނޫނީ މި ދުނިޔޭގައި ވެސް ނުހުންނާނެއެވެ. އެހެންވީމާ ނީނާގެ ފިކުރުތަކާއި އެހެން މީހުން ވިސްނާ ގޮތާ ވަރަށް ބޮޑަށް ތަފާތެވެ. އެއީ މި ހުރިހާ ކަމަކާ ގުޅުންހުރި އެހެން ތަޖުރިބާތަކެއް ނީނާއަށް ލިބިފައިވާތީއެވެ.

ނީނާއަކީ ވިސްނުން ތޫނު ތަޢުލީމީ ޒުވާނެކެވެ. އެހެންކަމުން އޭނާއަށް މި ތަޖުރިބާ ކުރެވޭ ކަންކަމުގެ ހަގީގަތް ވަރަށް ވިސްނުންތެރިކަމާއެކު ހޯދުމުގެ ޢަޒުމު އާކޮށްފިއެވެ. މި ކަންކަމާ ބެހޭ ވާހަތަކަކީ ނީނާއަށް އެއް ވެސް މީހެއް ގާތު ދެއްކޭން ހުރި ވާހަކަތަކެއް ވެސް ނޫނެވެ. އަދި މި ހުރިހާ ކަމެއްގެ މުޅި ހަގީގަތް ސާފު ނުވަނީސް، އަދި ސާބިތުވާ ވަރުގެ ހެކި ނުފެންނަނީސް ޔޯލައަށް ވާހަކަ ދެއްކުމަކީ ވެސް ނީނާގެ އުސްލޫބެއް ނޫނެވެ. އެއީ ހަރުދަނާ އަންހެންކުއްޖެކެވެ. 

ނީނާ ގަސްތުކޮށްގެން މި ހުންނަނީ ކޮންމެ ގޮތަކުން ނަމަވެސް ދާއޫދާ މި ބައްދަލު ކުރާ ޚާއްޞަ ކަސްޓަރުންގެ ހަގީގަތާއި، "ޚާއްޞަ ދިރާތަކާއި ބޮޑެތި  އޯޑަރުތަކާ ބެހޭ އޮފީހު"ގެ ހަގީގަތް ހޯދުމުގެ ޢަޒުމު ކަނޑައަޅައިގެންނެވެ. މިހާރު ދާއޫދު ކައިރީ ކޮންމެ ވާހަކައެއް ވެސް ދެއްކި ދާނެއެވެ. އެކަމަކު  ދާއޫދާ މި ބައްދަލު ކުރާ ޚާއްޞަ ކަސްޓަރުންނާއި "ޚާއްޞަ ދިރާސާތަކާއި ބޮޑެތި  އޯޑަރުތަކާ ބެހޭ އޮފީހު"ގެ ވާހަކަދެއްކުމަކީ ދާއުދު ހިތްހަމަ ނުޖެހޭ ކަމެއް ކަން ވެސް ނީނާއަށް އެނެގެއެވެ. ނަމަވެސް ނީނާއަށް އެކަން ކުރެވޭނެއެވެ.

(8)

ފަރަޙަނާޒް

އާދައިގެ ދުވަހެކެވެ. ވައިޖެހެނީ ވަޑިނޮޅާ ދިމާއިންނެވެ. ހެޔޮވަރެއްގެ ނަލަ ރޯޅިއެކެވެ. އުޑުމަތީގައި ވިލާ ރޮއްޖެއްވެސް ނެތެވެ. ކަންމަތީފިހާރައިގެ ޝޯވ ރޫމްގެ ދޮރުމަތީގައި ވަނީ ރީތި ގަސްކަކުން ހިޔާއެޅިފައެވެ. އެ ގަހުގައި އެލުވައިފައި އޮތް ޖޯއްޔެއްގައި މޫސާފުޅުބެ އޮތީ ނީނާގެ އިންތިޒާރުގައެވެ. ކަންމަތީ ފިހާރައިގައި މަސައްކަތްކުރާ ކުދީންނަށް ގުދަނަށް ވަދެވޭނީ މޫސާފުޅުބެ ގުދަން ހުޅުވައިދިނީމައެވެ. ދަޅުދަނޑި އޮންނަނީ ނީނާގެ ޙަވާލުގައި ޝޯރޫމްގައެވެ.

ނުވައެއް ޖަހާން ދިހަވަރަކަށް މިނިޓް ހުއްޓައި ނީނާ އައިސް ޝޯރޫމް ހުޅުވައި ތަޅުދަނޑި މޫސާފުޅުބެޔާ ޙަވާލުކުރުމާއެކު ގުދަނާ ދިމާއަށް މޫސާފުޅުބެ ހިނގައްޖެއެވެ. ނީނާ ވެސް މަސައްކަތުގައި ޝާމިލުވެއްޖެއެވެ. 

ކުރީ ދުވަހުގެ ސޭލްސްއާއި ސްޓޮކް ޗެކްކޮށް ނިންމައިލަނީއެވެ. ކުއްލިއަކަށް ކުޑަ ކާރެއް އައިސް ކަންމަތީ ފިހާރައިގެ ޝޯރޫމާ ދިމާ ކުރިމަތީ މަގު އަނެއް ފަރާތުގައި މަޑުކޮށްލައިފިއެވެ. ނީނާ އެ ކާރާދިމާއަށް ބަލައިލިއެވެ. ނީނާއަށް ފެނުނީ ވަރަށް ރީތިކޮށް ހެދުން އަޅައިގެން ހުރި ރީތި އަންހެނަކު ކާރުން ފައިބައިގެން ނީނާއާ ދިމާއަށް އަންނަ ތަނެވެ. އެ އަންހެނެއްގެ ޢުމުރުން ތިރީހަކަށް އަހަރަށް ވުރެ ދޮއްޓެއް ނުވާނެއެވެ. އެއީ ނީނާ ކޮންމެވެސް ތާކުން ދުށް މޫނެކެވެ. ދަންނަ މޫނެކެވެ. އެކަމަކު ފެނުނީ ކޮން ތާކުން ކަމެއް ނީނާ ހަނދާނެއް ނެތެވެ.

"އައްސަލާމް ޢަލައިކުމް" ނީނާއަށް އެއްޗެއް ނުބުނެވެނީސް އެ އަންހެނަކު ސަލާމް ގޮވައިލިއެވެ."މީ ތޯ ދާއޫދުގެ ކަންމަތީ ފިހާރައަކީ؟"

(ނުނިމޭ)

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ