އަދުގެ ޚާއްސަ

Print

މާހެފުމާއި ނިޞްފު ޝައުބާން: ނިޔަތް ރަނގަޅުކޮށްލުން

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ދީން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

މިއަދު ދުނިޔެއަށް ފެތުރިފައިވާ ޢާލަމީ ވަބާއާ ގުޅިގެން އަޅުގަނޑުމެންގެ އިޖުތިމާޢީ އާދަތައް މިވަނީ އަލުން ތަރުތީބުކުރާންޖެހިފައެވެ. ދީނީ އަޅުކަންތަކުގެ އުޞޫލަށް ވެސް މިވަނީ ބަދަލު ގެންނާންޖެހިފައެވެ. މި ބަލީގެ ނުރައްލުން ސަލާމަތްވުމަށްޓަކައެވެ. ޞިއްޙީ ހޭލުންތެރިކަން އިތުރުވެ ވަރަށް ގިނަ ކަންކަމަށް ބަދަލުގެންނާން މި ވަނީ ޖެހިފައެވެ. އަޅުގަނޑުމެން ކުރިމަތި މިލީ ތާރީޚުން ވެސް ޖާގަ ހޯދައިފި ތަފާތު ރޯދަމަހަކާއެވެ. 

ހަމަ މި ބީދައިން، ދީނީ ހޭލުންތެރިކަން އިތުރުވުމާ ގުޅިގެން އަޅުގަނޑުމެން ދިވެހީންގެ ސަގާފަތުގައި ހުރި ބައެއް އާދަކާދަތައް ބިދުޢަކަމަށްވެ، އެ ކަންކަން ވަނީ ހުއްޓައިލެވިފައެވެ. އަދި ދީނުގައި ސުންނަތްކަމުގައި ބެލުނު ކަންކަން ވެސް މި ބީދައިންވަނީ ހުއްޓައިލެވިފައެވެ. މީގެ ތެރެއިން ބައެއް ކަންކަމަކީ، ހެޔޮ ކަމެއްކަމުގައި ބަލައި، ކާބަފައިން ކުރީތީ ކުރި ކަންކަމެވެ. އަނެއްބައި ކަންކަމަކީ ސުންނަތުގެ ގޮތުގައި ފޮތްފޮތުގައި ލިޔެވިފައި ހުރީތީ ކުރެވުނު ކަންކަމެވެ. 

ހުކުރުކުރާއިރު، އިމާމު މީހާ އަސައެއް ނުވަތަ ކަނޑިއެއް ފަދަ އެއްޗެއް ހިފައިގެން ހުރުމަކީ 1980 ގެ އަހަރުތަކާ ހަމައަށް އައި އިރު ވެސް ދިވެހިރާއްޖޭގައި ސުންނަތެއްގެ ގޮތުގައި ލިޔެވި، ބެލެމުން އައިކަންކަމެވެ. މިކަން ހުއްޓުވައިލެއްވީ ޝައިޚުލްއަޒުހަރު ޖާދުލްޙައްޤު ޢަލީ ޖާދުލްޙައްޤު ރާއްޖޭގައި ހުކުރުކުރެއްވި ދުވަހު އެކަލޭގެފާނެވެ. ނަމާދުކުރާއިރު ބޮލުގައި އެއްޗެއް ނާޅައި ހުރުމަކީ ނަމާދު ފުރިހަމަނުވާނޭކަމެއް ކަމަށް ބަލައި، ލައިގެން ހުންނަ ގަމީސް ބާޅައިގެން ބޮލުގައި އެޅިތަން އަޅުގަނޑު ވެސް ދުށީމެވެ. ނަމަވެސް މިހާރު އެއީ ނަމާދުގެ ސުންނަތެއް ކަމަކަށް ވެސް ނުބަލައެވެ. އަދި ދިވެހީންގެ ތެރޭގައި ނަމާދުކުރާ މީހުންގެ ތެރެއިން ހާލަކުން މީހަކު ނޫނީ ބޮލުގައި އެއްޗެއް ނުމެ އަޅައިވެސްމެއެވެ.

ޝަޢުބާން މަހަކީ މުސްލިމުންގެ ގާތުގައި ވަރަށް ޚާއްޞަ މަހެކެވެ. އެމަހުގެ ފަނަރަ ވިލޭރެއާ ދުވަހާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދެކެވިފައި ވެއެވެ. ސަގާފީ ގޮތުން ދިވެހީންގެ ތެރޭގައި ފާހަގަކުރާ ދުވަހެއްގެ ގޮތުގައި ހިޔަރަކާތް ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި އޮވެ އެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރި މަންޒަރު ވަރަށް ގާތުން އަޅުގަނޑު ވެސް ދުށީމެވެ. ހިޔަރަކާތް ދުވަހުގެ މާތްކަމާ ބެހޭ ގޮތުން ލިޔެފައި ވެސް ހުރެއެވެ. ހިޔަރަކާތްދުވަހުގެ ދުޢާއާއި ހިޔަރަކާތް ނަމާދައި މިފަދަ ވަރަށް ގިނަ ކަންތައް ވެސް އެބަހުރެއެވެ. 

ނަމަވެސް މިކަންކަން މިއީ މިހާރު މާޒީއެވެ. އަޅުގަނޑުމެންގެ ސަގާފަތުގެ ތާރީޚެވެ. މިއީ މިކަން ވާނެ ގޮތް ވެސް މެއެވެ. ކަމެއް އޮތް ރަނގަޅު ގޮތް އެނގުމުން އެ ގޮތަށް ރުޖޫޢަވުމަކީ މުސްލިމުންގެ މައްޗަށް ލާޒިމުކަމެކެވެ. 

އަޅުގަނޑު މި އުޅެނީ ހިޔަރަކާތް ރޯދައާއި ހިޔަރަކާތް ނަމާދާއި ހިޔަރަކާތް ދުވަހުގެ ދުޢާއަކީ ބިދުޢައެއް ނޫންކަމަށް ވަކާލާތުކުރާކަށް ނޫނެވެ. އެކަމުގެ ހަގީގަތް ކޮންމެވެސް ވަރަކަށް ހާމަކޮށްލެވޭތޯ ބަސައްކަތްކޮށްލާށެވެ.

ހިޔަރަކާތް ނަމާދު  (ނުވަތަ  الصلاة الألفية)  އުފެއްދީ  ހިޖްރައިން 448 ވަނަ އަހަރުގައި ކަމަށާއި، އަދި އެއީ ފަލަސްޠީނުގެ ނާބްލްސްގެ މީހެއް ކަމުގައިވާ އަބުލްޙަމްރާ ބައިތުލްމަޤްދިސަށް އައިސް ފަށައިގަތް ބިދުޢައެއްކަން އަޅުގަނޑަށް ވެސް އޮތީ އެނގިފައެވެ. ހިޔަރަކާތް ދުވަހުގެ ދުޢާއަކީ ވެސް ބަޔަކު އުފެއްދި އެއްޗެއް ކަމާއި އެއީ ސުންނަތުން ސާބިތުވާ ކަމެއް ނޫންކަން ވެސް އެނގެއެވެ. ކީރިތި ރަސޫލާ، ޝަޢުބާން މަހު ގިނަގިނައިން ރޯދަފުޅު ހިއްޕެވި ނަމަވެސް އެ މަހުގެ ވަކި ދުވަހެއް ޚާއްޞަކުރައްވައިފައި ނެތްކަން ވެސް ވަނީ އެނގިފައެވެ. ވީމާ މި ކަންކަމާ މެދަކު ޝައްކެއް ނެތެވެ.

ހިޔަރަކާތް ދުވަހާއި ހިޔަރަކާތް ވިލޭރެއަކީ އަޅުގަނޑުމެން ކުޑައިރު ވަރަށް މުހިމުއްމު މުނާސަބަތެކެވެ. މިކަމާ ބެހޭ ވާހަކަ އަޅުގަނޑު ވަރަށް ތަފްޞީލުކޮށް ލިޔެފައިވެސް ވާނެއެވެ. ވީމާ، އިތުރަށް އެ ވާހަކަ ތަކުރާރުކުރާކަށް ނެތީމެވެ.

މިއަދު އަޅުގަނޑުގެ ހިތަށް އަރަނީ ވެރިވަނީ އެހެން ޝުޢޫރެކެވެ. އަޅުގަނޑުމެން މުސްލިމުން ހިޔަރަކާތް ފާހަގަކުރާން ފެށީ އަދި އެކަން ކުރަމުން އައީ ސަގާފީކަމެއްގެ ގޮތުން އިޖުތިމާޢީ ގުޅުން ބަދަހިކުރާން ނޫންބާވައެވެ. މި ކަމުގެ ތެރެއަށް ދީނީ ކުލަ ވައްދައި ބިދުޢާ އުފެއްދީ މާފަހުން ގަސްތުގައި ނުވަތަ އެ ގަސްތުނެތި ނޫންބާވައެވެ. އެހެންވީ އިރު، ދީނީ އެއްވެސް ނިޔަތެއް ނެތި، އިޖުތިމާޢީ ކަމެއްގެ ގޮތުގައި އެ ދުވަސް ފާހަގަނުކުރެވޭނެބާވައެވެ. މިއަދު އަޅުގަނޑުމެން "މާހެފުން" ބާއްވާ ގޮތަށް، އިޖުތިމާޢީ އަދި ޢާއިލީ ގުޅުން ބަދަހިކުރުމަށްޓަކައްޔާއި ރޯދަ މަސް އަންނަން ފޮއި ދުވަހަށް ވެއްޖެކަން ހަނދާނަށް ގެންނާން އިޖުތިމާޢީ ކެއުމެއް ނުބޭއްވޭނެބާވައެވެ. 

އާދޭހެވެ! ބިދުޢާ އަކަށް ވާނީ ދީނުގައި ޝަރުޢުކުރެވިފައި ނެތް ކަމެއް އެއީ ދީނުގެ ކަމެއްގެ ގޮތުގައި ބަލައި ސަވާބުހޯދުމުގެ ނިޔަތުގައި (އަޅުކަމެއްގެ ގޮތުގައި) ދީނަށް އިތުރުކުރާ ކަންކަން ނޫންތޯއެވެ؟ އެހެންވީ އިރު އިސްރާފަކަށް ނުވާ ގޮތަކަށް ޢާއިލީ ގުޅުން ބަދަހިކުރުމަށް ޓަކައި ބޮޑުކެއުން ކައްކައިލައި އަވައްޓެރީންނާއި ޢާއިލީ މީހުން އެއްވެލައި ކައި އުފާކޮށްލުމަކީ އިޖުތިމާޢީ ގުޅުން ބަދަހި ވާނެ ކަމެއް ނޫންތޯއެވެ؟ އަޅުގަނޑު ދެކޭ ގޮތުގައި މިއީ ދީނީ އަޅުކަމެއް ކަމެއް ކަމަށް ނުދެކި މިއީ ހަމައެކަނި އިޖުތިމާޢީ ކަމެއްގެ ގޮތުގައި ބަލައިގެން އެކުވެރިކަމާއި ގުޅުންތެރިކަން ބަދަހިކުރުމަށް މި ފަދަ ކަމެއް ކުރެވިއްޖެ ނަމަ، އެއީ ރަނގަޅުކަމަކަށް ވެދާނެއެވެ. 

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އިރުމަތީ އޭޝިއާގައި އެ ޤާއުމުތަކުގެ މުސްލިމުން މިހާރު ވެސް "ނިޞްފު ޝަޢުބާން" (ޝަޢުބާން މަސް ދެބައިވުން) ފާހަގަކުރެއެވެ. ނަމަވެސް އެމީހުން އެ ދުވަސް ފާހަގަކުރުން ބިދުޢައަކަށް ވާނީ އެކަން ކުރާ ގޮތާ ގޮތާއި އެކަމުގެ ނިޔަތުގެ މައްޗަށެވެ. އެހެނީ ކޮންމެ ކަމެއް ވެސް ބިނާވެފައި އޮންނާނީ ނިޔަތުގެ މައްޗަށް ކަމަށް ކައު ސާހިބާ  (صَلَّى اللهُ عَلَيْهِ وَسَلَّمَ ) މި އުންމަތަށް ވަނީ އަންގަވއިދެއްވައިފައެވެ. އެތުރު އެކަލޭގެ ފާނު (صَلَّى اللهُ عَلَيْهِ وَسَلَّمَ ) ޙަދީސް ކުރައްވައިފައިވެއެވެ. إِنَّمَا الْأَعْمَالُ بِالنِّيَّاتِ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى ("ހަމަކަށަވަރުން ކުރާ ޢަމަލުތައް އޮންނާނީ ނިޔަތުގެ މަތީގައެވެ. އަދި ހަމަކަށަވަރުން ކޮންމެ މީހަކަށް ވެސް އެމީހަކު ނިޔަތް ކަމެއް އެމީހަކަށް ލިބިގެން ވެއެވެ.")

ކޮންމެއަކަސް ހިޔަރަކާތް ދުވަހަކީ އަދި އެދުވަހާ ބެހޭ ގޮތުން ކުރާ އެއްވެސް ކަމަކީ ޞައްޙަ މަގުން ސާބިތުވެފައިވާ ކަމެއް ނޫންކަމަށް ހުރިހާ ޢީލްމުވެރީން ވެސް ވިދާޅުވެއެވެ. މި ދުވަހާ ބެހޭ ގޮތުން ހުރި ކަމަށް ބުނާ ޙަދީޘަކީ މީހުން ހަދައިފައިވާ އަމިއްލަ އުފެއްދުންތަކެއް ކަން ޙަދީޘް ޢިލްމުވެރީން ވަނީ ސާބިތުކޮށްދެއްވައިފައެވެ. ވީމާ މިފަދަ އެއްވެސް ކަމެއް ދީނީ ކަމެއްގެ ގޮތުގައި ކުރުމަކީ ބިދުޢައެއް ކަމާ މެދަކު މިއަދު އެއްވެސް ދިވެއްސަކު ދެބަހެއް ނުވާނެއެވެ. ނަމަވެސް އަޅުކަމުގެ ނިޔަތެއް ނެތި، ރޯދަމަސް އަންނާން ފޮއިދުވަހަކަށް ކައިރި ވެއްޖެކަން ގާތްތިމާގެ މީހުންނަށް ހަދާންކޮށްދީ ޢާއިލީ ގާތްކަމާއި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށްޓަކައި ބޮޑުކެއުންކައްކައިލައި، ކައިބޮއި ހަދައިލުމަކީ ސަގާފަތް ދިރުވުމަށްޓަކައި ނުކުރެވޭނެ ކަމެއްބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. އަޅުގަނޑުމެން މި ރޯދަމާ ދިމާކޮށް ނޫނީ އެހެން ކޮންމެ ރޯދަ މަހެއްގައި ވެސް މާހެފުން ބާއްވާ އުޞޫލުންނެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ ޚިޔާލެކެވެ.

ފަންވަތުގެ ހުރިހާ ކިޔުންތެރީންނަށައި ދިވެހި ލޮބުވެތި އަޚުންނާއި އުޚުންނަށް މި ފެށުނު ރަޟާން މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އިޚުލާޞްތެރިކަމާއެކު އަރިސްކުރަމެވެ. މި ރަމަޟާން މަހަކީ ފާގަތި ކާމިޔާބު ރޯދަކަމެއް ކަމުގައި ލައްވާށިއެވެ! އަދި ކޮވިޑް-19ގެ ނުރައްކާތެރި ވަބާއިން ދިވެހި ޤައުމާއި މުޅި ދުނިޔެ ވެސް ކައިރި މުސްތަޤުބަލެއްގައި ސަލާމަތްވުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ!

________________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ