އަދުގެ ޚާއްސަ

Print

އިސްލާމީ ޝަރީޢާގެ އަޞްލު ބާވައިލެއްވި މައްސަރު

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ޢަޤީދާ

عـبدالعزيزجمـال أبوبكر

އަޅުގަނޑުމެން މިހާރު ހޭދަކުރަމުން މި ގެންދަނީ ޤުރުއާންގެ މައްސަރުގެ ދުވަސްތަކެވެ. އެ މަހެއްގައި ޤުރުއާން ބާވައިލެއްވި މަތިވެރި މަސަރެވެ. މީސްތަކުންނަށް ތެދުމަގެއްކަމުގައްޔާއި ތެދުމަގާއި ހެކި ބަޔާންކޮށްދެއްވުމަށްޓަކައި ބާވައިލެއްވި މަތިވެރި ފޮތެކެވެ.  ކީރިތި ޤުރްއާނަކީ، ސޫރަތުލް ފާތިޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް، ކިޔެވުން އަޅުކަމެއްގެ ގޮތުގައި ލައްވައި، ޖިބްރީލްގެފާނު މެދުވެރިކުރައްވައި، މީސްތަކުން އުޅޭންވީ ރަނގަޅު ގޮތްތައް ބަޔާންކުރެއްވުމަށްޓަކައި، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް މާތްﷲ ބާވާލެއްވި އެކަލާނގެ ކަލާމްފުޅެވެ. ޢިބާރާތާއި މާނައާއެކުގައެވެ. ފޮތެއް ކިޔެވުން އެއީ އަޅުކަމެއް ލައްވައިފައިވާ އެހެން އެއްވެސް ފޮތެއް މި ދުނިޔޭގައެއް ނުވެއެވެ.

އިސްލާމް ދީނުގެ އަޞްލަކީ ނުވަތަ އަޞްލުތަކަކީ ކޮބައިތޯއެވެ! އިސްލާމް ދީނުގެ އަޞްލުތަކުގެ ވާހަކަ ދައްކާ އިރު އެ އެ މާތް ޝާރީޢާގެ ލުއިފަސޭހަ ކަމުގެ މައްޗަށް ބަލައިލުން މުހިއްމު ކަމެއް ކަމަށް ދެކެމެވެ. އެހެނީ އޭރުން އެ ދީނުގައި އިންސާނީ މިނިވަންކަން ލިބިދީފައިވާ މިންވަރު ވަޒަންކުރާން ފަސޭހަވާނެ އެވެ.

އާދޭހެވެ! އިސްލާމީ ޝަރީޢާ އަކީ ލުއިފަސޭހަ ޝަރީޢާއެކެވެ. އިންސާނާއަށް އެއްވެސް ތަކުލީފެއް ޖެއްސުމަކީ އިސްލާމީ ޝަރީޢާގެ މަޤްޞަދެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ (سورة التغابن:16). މާނައަކީ: "ފަހެ ތިޔަބައިމީހުންނަށް ކުޅަދާނަމިންވަރަކުން، ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ!" މިއެވެ. އަދިވެސް ހަމަ މިމާނައިގައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. لاَ يُكَلِّفُ اللّهُ نَفْسًا إِلاَّ وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ (سورة البقرة: 286). މާނައަކީ: "ﷲ އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާމިންވަރަކަށް މެނުވީ ތަކްލީފެއް ނުޖައްސަވަތެވެ. އެ نفسއެއް ހޯދި ހެޔޮކަމެއް (ގެ ثواب) އެ نفسއަކަށް ވެއެވެ. އަދި، އެ نفسއެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ نفسއެއްގެ މައްޗަށްވެއެވެ." އަދިވެސް އެ ކަލާނގެ ވަޙީކުރައްވައިފައިވެއެވެ. يُرِيدُ اللّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ. (سورة البقرة 185) މާނައީ: "اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ." ކީރިތި ރަސޫލާ ޙަދީސްކުރައްވައިފައިވެއެވެ. "وإذا أمرتكم بأمر فأتوا فيه ما استطعتم، وما نـهىكم عنه فاجتنبوه" (ރިޔާޟުއްޞާލިޙީން). މާނައަކީ: "ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކަމެއްކުރުމަށް އަމުރުކުރައްވައިފިނަމަ ތިޔަބައިމީހުންނަށް ވެވުނުވަރަކުން ވީހާ ރަނގަޅަކަށް އެކަމެއް ކުރާހުށިކަމެވެ! އަދި ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކަމެއް ނަހީކުރައްވައިފިނަމަ އެކަމަކުން ތިޔަބައިމީހުން މުޅިން ދުރުހެލިވެގަންނާށެވެ"!

އިސްލާމް ދީނުގެ އަޞްލުތަކުގެ އިސްވެ ދެންނެވުނު ދަލީލުތަކަށް އެކަނި ވިސްނައިލުމުންވެސް އިސްލާމް ދީނުނުގެ ލުއި ފަސޭހަކަން ވަރަށް ޞަރީޙަކޮށް ސާފުވެއެވެ. އެހެންކަމުން އެ ދީނުގެ އަޞްލުތަކުން އިންސާނުންނަށް ލިބި ދީފައިވާނެ މިނިވަންކަމާ ދޭތެރޭ ވިސްނައިލާން ވެސް އެ ދަލީލުތަކުން ދަފަސޭހަކަން ލިބެއެވެ. އެހެންކަމުން އިސްލާމް ދީނުގެ އަޞްލުތަކުގެ މައްޗަށް ބަލައިލުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.

އިސްލާމް ދީނުގެ އަޞްލުތައް:

އިސްލާމް ދީނުގެ އިސްވެ ދެންނެވުނު އަޞްލުތަކަކީ ނުވަތަ އިސްލާމްދީނުގެ ޙުކުމްތަކުގެ އަޞްލުތަކަކީ 4 ވަސީލަތެއް ކަމަށް ޝައިޚު މުޙައްމަދު ޖަމީލު ދީދީ (1945) އެ މަނިކުފާނު ލިޔުއްވި "ތަޢުލީމުއްދިޔާނާ"(2) ގައި ބަޔާންކުރައްވައިފައިވަނީ 4 ވަސީލަތެކެވެ. އެއީ (1) ކީރިތި ޤުރުއާނާއި (2) އިތުރުއެކަލޭގެފާނުގެ މާތް ސުއްނަތާއި (3) މި އުއްމަތުގެ ދަންނަބޭކަލުންގެ އިޖުމާޢު އާއި (4) ޤިޔާސްކުރުމެވެ. އިތުރު އަޞްލެއް ވެސް އިސްލާމް ދީނުގެ އަޞްލެއް ކަމުގައި ބައެއް ޢިލްމުވެރިން ހިމަނުއްވައިފައިހުރެއެވެ. އެއީ އިޖުތިހާދެވެ. އެހެން ނަމަވެސް އިޖްތިހާދަކީ ޤިޔާސާއި އިޖުމާޢުގެ އަސާސް ނުވަތަ ވަސީލަތްކަމުގައިވާތީ އެއީ ދީނުގެ ވަކި އަޞްލެއް ކަމުގައި ހިމަނާކަށް އަޅުގަނޑުގެ ބުއްދި ޤަބޫލެއް ނުކުރެއެވެ. އެހެންކަމުން އިޖުތިހާދު އެއީ ދީނުގެ އަޞްލެއް ކަމަކަށް އަޅުގަނޑު ބަލައިފައެއް ނޯންނާނެއެވެ.

ސުންނަތް ޖަމާޢަތުގެ މަޤްބޫލު 4 މަޛުހަބު ޤަބޫލުކުރަނީވެސް އިސްލާމީ ޝަރީޢާތުގެ މައިގަނޑު 4 އަޞްލެއް ވާކަމަށެވެ. އެއީ ޝައިޚު މުޙައްމަދު ޖަމީލު ދީދީ ވެސް ބަޔާންކުރައްވައިފައިވާފަދައިން، ކީރިތި قران އާއި، ކީރިތި ރަސޫލާގެ سنة އާއި ޞަޙާބީންގެ (ނުވަތަ ދަންނަބޭކަލުންގެ) إجماع އާއި قياس (އެއްވައްތަރު ނުވަތަ ޢިއްލަތު ސާބިތުވާ ކަންކަމަށް އެއް މިންގަނޑަކުން ޢަމަލުކުރުމުގެ އުޞޫލު) އެވެ. އިޖްމާޢާއި ޤިޔާސަކީ އިސްލާމް ދީނުގެ އަޞްލުގެ ތެރޭގައި ހިމެނުމަށް ހިތްޕުޅުހަމަނުޖެހޭ ޢިލްމުވެރީންވެސް އުޅުއްވައެވެ. އަދި މި ޒަމާނުގައި އިޖުމާޢުވެވުމާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ. އެހެންކަމުން މި 4 އަޞްލަށް ތަންކޮޅެއް ތަފުޞީލުކޮށް ބަލައިލާނަމެވެ.

1-ކީރިތި ޤުރުއާން:

ޤުރުއާނަކީ މާތް ﷲ ގެ އަޅުތަކުން އުޅުމަށް އެކަލާނގެ ރުއްސެވި ގޮތްތަކާއި ނުރުއްސަވާ ގޮތްތައް ބަޔާންކުރެއްވުމަށް އެކަލާނގެ ރަސޫލާ މުޙައްމަދު ނަބީކަލޭފާނުގެ މައްޗަށް ބާވައިލެއްވި އެކަލާނގެ ކަލާމްފުޅުކަން އަޅުގަނޑުމެން ހުރިހާ މުސްލިމުން ދަންނަމުއެވެ.   އެއީ އިހާއި ފަހުގެ ހުރިހާ ކަމަކަށް ވަމުދައްކަވައިފައިވާ އެކަލާނގެ މަންހަޖެވެ. 

2-ކީރިތި ރަސޫލާގެ ސުންނަތް:

ކީރިތި ޤުރުއާނުގެ އަމުރުޅުތަކަށް ނުވަތަ ޙުކުމްތަކަށް އިތުރު ތަފްޞީލު ލިއްބައިދެނީ ސުންނަތުންނެވެ. ކީރިތި ޤުރުއާނަކީ އިސްލާމް ދީނުގެ ޤާނޫނު އަސާސީ ކަމަށް ވާނަމަ، ސުންނަތަކީ ޤާނޫނު އަސާސީގެ ދަށުން އެކި ކަންކަމަށް ހުންނަ ތަފްޞީލީ ޤާނޫނުތައް ކަމަށް އަޅުގަނޑުމެންނަށް ބެލިދާނެ އެވެ.

ކީރިތި ރަސޫލާގެ ސުންނަތަކީ ކީރިތި ރަސޫލާގެ ޢަމަލުފުޅުތަކުން އަދި ބަސްފުޅުން ދެއްވައިފައިވާ އިރުޝާދުތަކެވެ. ބަސްފުޅުތަކާއި (قول) ޢަމަލުފުޅުތަކެވެ. (فعل). އަދި ތަޤުރީރީ (އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ކަމެއް ހިނގި އިރު އެކަމާ ދެކޮޅު ނެހެއްދެވި) ކަންކަމެވެ.

ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެ ޙަދީޘްފުޅުތައް މައިގަނޑު 3 ބަޔަކަށް ބަހައިލެވިދާނެ އެވެ. އެއީ މުތަވާތިރު ޙަދީޘާއި، މަޝްހޫރު ޙަދީޘާއި، އާޙާދު ޙަދީޘެވެ. އާޙާދު ޙަދީޘްގެ 3 ބާވަތެއް ވެއެވެ. އެއީ ޞަޙީޙު ޙަދީޘާއި، ޟަޢީފު ޙަދީޘާއި، އަލްޙަސަން ޙަދީޘެވެ.، އަލްޙަސަން ޙަދީޘް އިތުރު 3 ބަޔަކަށް ބަހައިލެވިދާނެއެވެ. އެއީ އަލްޙަސަން ލިޛާނާ އާއި އަލްޙަސަން ލިޣައިރާ އެވެ.

މިބައިތައް ކުރެހުމަކުން ދައްކާނަމަ އޮންނާނީ މިފަދަ ގޮތަކަށެވެ.

ޙަދީޘް ވާރިދުވުން ރިވާވުން

މުތަވާތިރު

މަޝްހޫރު ޙަދީޘް

އާޙާދު

      އައްޞަޙީޙު

      އައްޟަޢީފު

      އަލްޙަސަން

           އަލްޙަސަން ލިޛާނާ

           އަލްޙަސަން ލިޣައިރާ

 

3-ދަންނަބޭކަލުންގެ އިޖުމާޢު:

ދަންނަބޭކަލުންގެ އިޖުމާޢަކީ ނުވަތަ ޝަރީޢަތުގައި އިޖުމާޢޭ ބުނެވޭބަހުގެ މާނައަކީ [ކީރިތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފަހު، އިތުރު އެކަލޭގެފާނުގެ އުއްމަތުގެ މުޖުތަހިދު ދަންނަބޭކަލުން ކޮންމެ ޒަމާނެއްގައިވިޔަސް ޝަރުޢީ ޙުކުމެއްގެ މައްޗައް އިއްތިފާޤު ވުމެވެ.] 

މި އުއްމަތުގެ ފުރަތަމަ ޚަލީފާ ސައްޔިދުނާ އަބޫބަކުރުއްޞިއްދީޤު ކަންކަމުގެ ޙުކުމް ހޯއްދެވުމަށް ފުރަތަމަ ބައްލަވައިފައިވަނީ ކީރިތި ޤުރުއާނެވެ. ޤުރުއާނުން ޞަރީޙަ ޖަވާބެއް ލިބިވަޑައިނުގެންފި ނަމަ ދެން ރުޖޫޢަވެވަޑައިގަންނަވަނީ ކީރިތި ނަބިއްޔާގެ ސުންނަތަށެވެ. ސުންނަތުން ވެސް އެ މައްސަލައެއްގެ ސާފު ޖަވާބު ލިބިވަޑައިނުގެންފި ނަމަ، އަޞްޙާބު ބޭކަލުން އެއްކުރައްވައި އެ ބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތަކަށް އެ ރައުޔު ހޯއްދަވައެވެ. މިއީ ޞަރީޙަކޮށް ސާބިތުވާން އޮތް ކަމެކެވެ.

އިޖުމާޢު ދެބަޔަކަށް ބެހިގެންވެއެވެ. އެއީ ޞަރީޙަ އިޖުމާޢުއާއި، ސުކޫތީ އިޖުމާޢުއެވެ. ޞަރީޙަ އިޖުމާޢަކީ އެއިރެއްގައި އުއްމަތުގައި ތިއްބެވި، އެންމެހައި މުޖުތަހިދު ޢާލިމުން ދީނީ ޙުކުމެއްގެ މައްޗައް އިއްތިފާޤުވުމެވެ.

ސުކޫތީ އިޖުމާޢަކީ އެއިރެއްގައި ތިއްބެވި މުޖުތަހިދު ދަންނަބޭކަލުން ކުރެ ބޭކަލަކު ދީނީ ޙުކުމެއްގައި އެބޭކަލެއްގެ ރައުޔު ބަޔާންކުރެއްވުމުން، އެޒަމާނުގައި ތިއްބެވި އެދަރަޖައިގެ އެހެން ދަންނަބޭކަލުން އެއާމެދު އެއްޗެއް ވިދާޅުނުވުމެވެ.

މިއިން ބަޔާންވެގެންދަނީ އެއީ އެބޭކަލުންގެވެސް ރައުޔުކަމެވެ. އެހެނީ އެފާޅުކުރެވުނު ރައުޔަކީ ޞައްޙަ ނޫން ރައުޔެއްނަމަ އެބޭކަލުން އެކަން ބަޔާންކުރެއްވީހެވެ. އެއާ މެދު އެއްޗެއް ވިދާޅުނުވުމުން ދޭހަވަނީ އެ ރައުޔު ޞައްޙަކަމެވެ. މިހެންކަމުން މިއީ އިޖުމާޢުގެ ބައެއްކަމަށް އުޞޫލުލްފިޤުހުގެ ދަންނަބޭކަލުން ބަޔާންކުރައްވާފައިވެއެވެ. 

4-ޤިޔާސްކުރުން:

ޤިޔާސްކުރުމަކީ "ކީރިތި ޤުރުއާނުން ނުވަތަ ކަމަކަށް ކަނޑައެޅިފައިވާ ޙުކުމެއް އެ ޙުކުމް ކަނޑައެޅުމުގެ ޢިއްލަތު ސާބިތުވެއްޖެ ކޮންމެ ކަމަކާމެދު ހިންގުމެވެ."  

ޤިޔާސް ބޭނުންވަނީ ދުނިޔެ ތަރައްޤީވަމުން އައި އައުމުގައި އާކަންކަން ކުރިމަތިވާން ފެށުމެވެ. ފިޤުހު ތަރައްޤީކުރުމުގައި ވެސް ޤިޔާސްގެ މުހިއްމުކަން ފާހަގަވެއެވެ.

ޙަޤީޤަތުގައި ޤިޔާސްގެ ބިންގާ އަޅުއްވައިފައިވަނީ މިއުއްމަތުގެ 2 ވަނަ ޚަލީފާ ސައްޔިދުނާ ޢުމަރުބިން އަލްޚައްޠާބެވެ.

މިކަމުގެ އަޞްލަކީ ޤާޟީ އަބޫ މޫސަ އަލްއަޝްޢަރީ އަށް މައްސަލަތައް ބައްލަވައި ފައިޞަލާކުރެއްވުމަށް އިރުޝާދުދެއްވުމަށް ފޮނުއްވި ފަތްކޮޅެއްގައި ވިދާޅުވެފައިވެއެވެ. "އެއްވެސް ޙުކުމެއް ކަލޭގެފާނަށް ކީރިތި ޤުރުއާނުން ނުވަތަ ސުންނަތުން ކަލޭގެފާނަށް ފެނިވަޑައިނުގެންފި ނަމަ، ނުވަތަ ކަލޭގެފާނުގެ ހިތްޕުޅުގައި އެ ޙުކުމާމެދު ޝައްކެއް އުފެދިއްޖެ ނަމަ، ދެން އެކަމާމެދު ފުންކޮށް އޭގެ ހުރިހާ ކޮޅުކޮޅަކަށް ވިސްނައިވަޑައިގެން އެއް ފާޑުގެ މައްސަލަތައް ބައްލަވައި އޭގެ ދެކޮޅަށް ރިޢާޔަތްކުރައްވައި ވިސްނައި ވަޑައިގެން (ޤިޔާސްކުރައްވައިގެން) މަސްއަލައިގެ ޙުކުމަށް ވާޞިލުވާނީއެވެ. ޤިޔާސްގެ ފެށުމަކީ މިއީކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ސުންނަތާއި އިޖުމާޢާއި ޤިޔާސަކީވެސް ހަމަ ކީރިތި ޤުރުއާނުގެ އަޞްލުގެ ތެރޭގައި ހިމެނޭ ތިން ބަޔެވެ.  ތިން ޙާލަތެކެވެ. އެހެނީ ﷲ ވަޙީކުރައްވައިފައިވަނީ "مَا ضَلَّ صَاحِبُكُمْ وَمَا غَوَى. وَمَا يَنطِقُ عَنِ الْهَوَى. إِنْ هُوَ إِلَّا وَحْيٌ يُوحَى. عَلَّمَهُ شَدِيدُ الْقُوَى ".(" ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: محمدގެފާނު) حقގެމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި باطل اعتقادއެއް ނުކުރައްވައެވެ. އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ وحىއެއްކަމުގައި ނޫނީ ނުވެތެވެ. ބާރުގަދަ ملائكةއަކު، އެކަލޭގެފާނަށް އެ (وحى) އުނގަންނައިދެއްވިއެވެ."). (سورةالنّجم:2،3،4،5) އަދިވެސް ވަޙީކުރައްވައިފައިވެއެވެ. " وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا " ("އަދި رسولއާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!"). (سورة الحشر:7)

އިސްވެ ދެންނެވުނު އާޔަތްތަކުން އެއްވެސް އޮޅުމެއް ނެތި އެނގެނީ ކީރިތި ރަސޫލާގެ ސުންނަތަކީ ވެސް ހަމަ ޤުރުއާންކަމެވެ. އެކަލޭގެފާނު އެންގެވި ކޮންމެ ކަމެއްގައި ހިފައި ނަހީކުރެއްވި ކޮންމެ ކަމެއް ދޫކޮށްލެއްވުމަކީ ވާޖިބު ކަމެއް ކަމުގައެވެ. 

ކީރިތި ރަސޫލާގެ ޚުލުޤުފުޅާ ބެހޭ ގޮތުން ޢާއިޝަތުގެފާނަށް ސުވާލުދެއްނެވުމުން އެކަމަނާ ވިދާޅުވެފައިވަނީ "كان خلقه القرآن" ("އެކަލޭގެފާނުގެ ޚުލުޤުފުޅުވަނީ ޤުރުއާނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.")  އެހެންވީމާ އިސްވެ ދެންނެވުނު އާޔަތްތަކާއި ބަސްފުޅުތަކުން ސާބިތުވަނީ ކީރިތި ރަސޫލާގެ ޢަމަލުފުޅުތަކާއި ބަސްފުޅުތައްވެސް ވަނީ ކީރިތި ޤުރުއާނުގައި ވާ ގޮތުގެ މަތީން ކަމެވެ. ވީމާ އިސްލާމީ ޝަރީޢަތުގެ މައިގަނޑު އަޞްލަކީ ވެސް ކީރިތި ޤުރުއާން ފިޔަވައި އެހެން އެއްޗެއް ނޫނެވެ. އަދި ރަސޫލާގެ ސުންނަތް (ބަސްފުޅުތަކާއި ޢަމަލުފުޅުތައް) އައިސްފައިވަނީވެސް ޤުރުއާނުގެ އަޞްލުންނެވެ. ދަންނަބޭކަލުންގެ އިޖުމާޢާއި ޤިޔާސް ވެސް ބިނާވެފައި ވަނީ ކީރިތި ޤުރުއާނާއި ސުންނަތުގެ މައްޗަށެވެ. އެހެންވީމާ، އިސްލާމީ ފިޤުހާއި އުޞޫލުލްފިޤުހުގެ އަޞްލަކީވެސް ޤުރުއާނާއި ސުންނަތެވެ. މިހުރިހާ އެއްޗެއްގެ ވެސް މައިގަނޑު އަޞްލު ރައްދުވަނީ ކީރިތި ޤުރުއާނަށެވެ. ވީމާ ކީރިތި ޤުރުއާނުގެ އަޞްލަކީ ޤުރުއާންކަމާމެދަކު ޝައްކެއް ނެތެވެ. ދަންނަބޭކަލުންގެ ޤިޔާސާއި، އިޖުމާޢާއި، ރަސޫލާގެ ސުންނަތާއި މި ބައިގައި ބަޔާންކުރެވިފައިވާ ޙުކުމްތަކަކީ ޤުރުއާނުން އައިސްފައިވާ ޙުކުމްތަކެވެ. އެއީ އަމިއްލަ ރައުޔުތަކެއްނޫނެވެ. ވީމާ ކީރިތި ޤުރުއާނުގެ އަޞްލަކީ ޤުރުއާނެވެ. (ވަﷲ އަޢުލަމް)

_______________________________________

ރުޖޫޢަވި ވަސީލަތްތައް (މަރާޖިޢުތައް):

1. محمد ابن إسماعيل السننى. (2002). بلوغ المرام من أدلة لأحكام. رياض (سعودى عربيا): دار السلام

2. القران الكريم ގެ ދިވެހި ތަރުޖަމާ 

3. އިބްރާހީމް ރަޝީދު މޫސާ. (2009). ފަސޭހަ ފިޤުހު. މާލެ: ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ

4. ޖަމާލުއްދީން މުޙައްމަދު (2004). ލިސާނުލްޢަރަބި. މިޞްރު: ދާރު ޞާދިރު

5. އިސްމާޢީލް އިބްނި ޙައްމާދުލްޖައުހަރީ. (1982). އައްޞަޙާޙު ތާޖުއްލުޣަތި ވަ ޞަޙާޙުލްޢަރަބިއްޔާ

6. ޑރ. މުޙައްމަދު ސޫސުފް ޢަލީ.(2011). 2 ވަނަ ބައިނަލްއަޤްވާމީ އިންސާނިއްޔަތާއި ތާރީޚާއި އިޖުތިމާޢީ ޢިލްމާ ބެހޭ މަހާސިންތާ

 

7. އަބޫދާއޫދު، ފޮތް 24، ޙަދީޘު ނަންބަރު 3581، މުސަނަދު އަޙުމަދު

8. http://islamicthinkers.com/welcome/?p=325

9. http://www.answers.com/topic/mufti#ixzz2N6pny2bG

ހަމަމިގަލަމުން

އިދާރާ

ވާހަކަ