އަދުގެ ޚާއްސަ

Print

ރަމަޟާން މަހު މުސްލިމުންނަށް ލިބިފައިވާ ބައެއް ކާމިޔާބީތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

އަބޫ މުޙައްމަދު

ތަމްހީދު

ރަމަޟާން މަހޭ ބުނުމުން އަޅުގަނޑުމެންގެ ހިތްތަކަށް އާދަޔާ ޚިލާފު ޝުޢޫރުތަކެއް ވެރިވެގެން އާދެއެވެ. ތަޤުވާވެރިކަމާއި ރޫޙާނިއްޔަތު ދިރިގެން އާދެއެވެ. އަޅުކަމާއި ކެތްތެރިކަމާއި މި ހުރިހާ ކަމެއް ވެސް ހިތް މައްޗަށް އަންނާނެއެވެ. މިއީ ރަމަޟާން މަހާ ގުޅިގެން އަޅުގަނޑުމެންގެ ހިތްމައްޗަށް ކުއްލިއަކަށް ވެރިވެގެން އަންނާނެ ޝުޢޫރުތަކެވެ. 

އާދޭހެވެ! ރަމަޟާން މަހަކީ މައްސަރުތަކުގެ ރަސްގެފާނެވެ. މައްސަރުތަކުގެތެރެއިން އެންމެ މާތް މައްސަރެވެ. ކީރިތި ޤުރުއާން ބާވައިލެއްވި މައްސަރެވެ. އެއް ހާސް ރޭގެ ހެޔޮ ރެޔެއް އެ މަހުގައި ލެއްވި މާތް މައްސަރެވެ. އެ މަހުގެ ފުރަތަމަ ދިހައިގައި ރަޙުމަތް މެދު ދިހައިގައި މަޣުފިރާ، ފަހު ދިހައިގައި ނަރަކައިން މުއްތިކުރެއްވުން ލެއްވި މާތް މައްސަރެވެ. 

މި ދެންނެވި ކަންކަމަކީ ރަމަޟާން މަސް ޛިކުރު ކުރެވޭ ކޮންމެ ޙާލަތެއްގައި ހިތްމައްޗަށް އަންނާނެ ޝުޢޫރުތަކެކެވެ. މި ކަންކަމުގެ އިތުރަށް ރަމަޟާން މަހަކީ މުސްލިމުންނަށް ވަރަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާ މައްސަރެކެވެ. އިސްލާމީ ތާރީޚުގައި މުސްލިމުންނަށް ލިބުނު އެންމެ ފުރަތަމަ، އެންމެ ބޮޑު ނަޞްރުކަމުގައިވާ ބަދުރު ހަނގުރާމައިގެ ކާމިޔާބީ ލިބުނީ ރަމަޟާންމަހުގެ 17 ވަނަ ދުވަހުއެވެ. މައްކާ ފަތަޙަކުރެވުނީ ހިޖުރައިން 8 ވަނަ އަހަރުގެ ރަމަޟާންމަހުގެ 20 ވަނަ ދުވަހުގައެވެ. މިފަދަ ވަރަށް ގިނަ ކާމީޔާބީތަކެއް ރަމަޟާން މަހުގެ ތެރޭގައި  މުސްލިމުންނަށް ވަނީ ލިބިފައެވެ.

މި ދުވަސްވަރު އަޅުގަނޑުމެން ގޭގައި ތިބެހެން ހޭދަކުރަމުން މިގެންދާ ބަރަކާތްތެރި ރަމާޟާން މަހަކީ އިސްލާމީ ތާރީޚުގައި ވަރަށް ގިނަ ކާމިޔާބީތަކެއް ހާޞިލު ކުރި މައްސަރެކެވެ. މިހެން މި ތިބޭއިރު ރަމަޟާން މަހުގެ ތެރޭގައި މުސްލިމުންނަށް ލިބިފައިވާ ބައެއް ކާމިޔާބީތަކުގެ މައްޗަށް ވެސް ބަލައިލަމާ ހިންގަވާށެވެ! ޚުލާޞަ ގޮތެއްގައި ނަމަވެހެވެ.

މުސްލިމުންގެ ނަޞްރާއި ކާމިޔާބީގެ އަސާސް:

އެއްވެސް ޝައްކެއް ނެތް ގޮތުގައި މުސްލިމުންނަށް ލިބިފައިވާ ނަޞްރާއި ކާމިޔާބީއަކީ ﷲގެ މަގުގައި ފުރިހަމަ އީމާނާއި ސާބިތުކަމާއެކު، މާތް ﷲގެ ވަޖުހަފުޅަށްޓަކައި ކުރި މަސައްކަތްތަކުގެ ނަތީޖާއެވެ. މުސްލިމުންނަށް ލިބިފައިވާ ގިނަ ކާމިޔާބީތައް ރަމަޟާންމަހުގައި ލިބުމުގެ އެންމެ ބޮޑު ސިއްރަކީ ވެސް ރަމަޟާން މަހަކީ ތަޤުވާވެރިކަމުގެ މައްސަރުކަމަށްވުން ކަމަށް ކަމަށް ބެލެވެއެވެ. އެހެނީ ނަޞްރާއި ކާމިޔާބީ އަކީ ﷲގެ ޙަޟުރަތުން އަންނަ އެއްޗެއް ކަމަށް ވެފައި، ﷲ އަށް ނަޞްރުދޭ ނަމަ، އެކަލާނގެ ނަޞްރު ދެއްވާނެކަމަށް ވަނީ ވަޢުދުވެވޮޑިގެންފައެވެ. ﷲ އަށް ބޮޑަށް ތަޤުވާވެރިވެ، އީމާންތެރިކަން އިތުރުކުރި މިންވަރަކުން ނަޞްރު ލިބުމަށް މަގު ފަހިވާނެއެވެ. އާދޭހެވެ! ﷲގެ ޙަޟުރަތުން މެނުވީ ނަޞްރު ލިބުމެއް ނެތެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވެއެވެ. وَمَا النَّصْرُ إِلاَّ مِنْ عِندِ اللّهِ الْعَزِيزِ الْحَكِيمِ  ("عزيزވަންތަ، حكيمވަންތަ، اللَّهގެ حضرةން މެނުވީ، نصر ލިބުމެއް ނުވެއެވެ.") (سورة آل عمران:126) އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. "إِن يَنصُرْكُمُ اللّهُ فَلاَ غَالِبَ لَكُمْ وَإِن يَخْذُلْكُمْ فَمَن ذَا الَّذِي يَنصُرُكُم مِّن بَعْدِهِ وَعَلَى اللّهِ فَلْيَتَوَكِّلِ الْمُؤْمِنُونَ" .  ("اللَّه، ތިޔަބައިމީހުންނަށް نصرދެއްވާނަމަ، ފަހެ، ތިޔަބައިމީހުން ބަލިކުރާނޭ އެއްވެސް ފަރާތެއްނެތެވެ. އަދި، އެކަލާނގެ ތިޔަބައިމީހުން ދެރަކުރައްވާނަމަ، އެއަށްފަހު ތިޔަބައިމީހުންނަށް نصرދޭނީ ފަހެ، ކާކުހެއްޔެވެ؟ އަދި، ހަމައެކަނި اللَّهއަށް مؤمنން وكيلކުރާހުށިކަމެވެ!") (سورة آل عمران:160). ﷲއަށް ނަޞްރު ދޭނަމަ، (އެބަހީ ﷲ އެންގެވި ގޮތަށް އުޅޭނަމަ) އަޅުގަނޑުމެންނަށް ނަސްރުދެއްވާނެކަމަށް މާތް ﷲ ވަނީ ވަޢުދުވެވޮޑިގެންފައެވެ. އެކަލާންގެ ވަޙީކުރެއްވިއެވެ.  "يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ." ("އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّهއަށް (އެބަހީ: اللَّهގެ دينއަށް) نصرދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް نصرދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ثابتކުރައްވާނެތެވެ.") (سورة محمد:7)

މި ފަދަ އާޔަތްތަކުން މުއުމިނުންގެ އީމާންތެރި ހިތްތަކަށް ކާމިޔާމީގެ ޔަޤީންކަން ލިބިދެއެވެ. އެ މީހުންނަށް ލިބިފައިވާ އެންމެ ބާރުގަދަ ހަތިޔާރަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޢުދުފުޅުތަކެވެ. އެ އީމާނެވެ. މި އީމާނާއެކީގައި މުސްލިމުން ﷲ ގެ މަގުގައި ކާމިޔާބީއަށް އެދި މަސައްކަތްކޮށްފައިވަނީ މާތް ﷲގެ އަމުރުފުޅުތަކާއެކީގައެވެ. ފުރިހަމަ ޔަޤީނާއި އީމާނާއެކީގައެވެ. ﷲ އަށްޓަކައެވެ. ދުޢާކުރުމާއެކު މާއްދީ ގޮތުން ލިބެން ހުރި މިންވަރަކުން އެންމެ ފުރިހަމައަށް ތައްޔާރުވުމާއެކު މާތް ﷲއަށް ވަކީލުކޮށްގެންނެވެ. ދުވާލުގެ ވަގުތުގައި ޖިހާދުކުރެއްވުމަށް ފަހު މުސްލިމުން ވަރުބަލިކަމެއް ނެތި ﷲ އަށް އަޅުކަންކުރެއްވުމުގައި މުޅި ރޭގަނޑު ހޭދަކުރައްވަނީ އުފަލާއެކުގައެވެ. އެކަލާނގެ ވަޢުދުވެވޮޑިގެންފައިވާ ފުރިހަމަ ނަޞްރާއި ކާމިޔާބީ ލިބޭނެ ކަމުގެ ޔަޤީން ކަމާއެކުގައެވެ.

މި ދެންނެވި އީމާނާއެކުގައި މުސްލިމުންނަށް ފުރަތަމަ ލިބުނު ކާމިޔާބީއަކީ ކުރީން ވެސް ދަންނަވައިލެވުނު ފަދައިން ބަދުރުގައި ލިބުނު މަތިވެރި ކާމިޔާބީއެވެ. އެބައިމީހުންގެ ނަފުސާއި ދީނުގެ ދިފާޢުގައި ޖިހާދުކުރުމަށް ﷲގެ އިޛުނައާއެކު ކުރިމަތިލީ ފުރިހަމަ އީމާނާއި ޔަޤީންކަމާއެކުގައެވެ. ކާމިޔާބީ ނޫން އެހެން ކަމެއް ކުރިމަތީގައި ނެތްކަން ޔަޤީންވާތީއެވެ. ހަނގުރާމައިގައި އޮތީ އެހެންޏާ (ދުނިޔެމަތީގައި) ކާމިޔާބުލިބުމެވެ. ނުވަތަ ﷲ ގެ މަގުގައި ޝަހީދުވެ ދިޔުމެވެ. މިއިން ކޮންމެ ގޮތެއްގައި ވެސް އޮތީ ކާމިޔާބީއެވެ. 

މުސްލިމުންނަށް ބަދުރު ހަނގުރާމައި ލިބުނު ބޮޑު ކާމިޔާބީއަކީ ޤުރައިޝް ވަންހައިގެ މީހުން ވެސް ޙައިރާންކޮށްލި ކާމިޔާބީއެކެވެ. އެހެނީ ޢަދަދުގެ ގޮތުން މަދު، ހަތިޔާރުގެ ގޮތުން ވަރަށް ނިކަމެތި ބަޔަކު އޭރުގެ އެންމެ ބާރުގަދަ، އަދި ހަތިޔާރުގެ ގޮތުން މުއްސަނދި، ޢަދަދުގެ ގޮތުން އެތައް ގުނައެއް އިތުރު ބިޔަ ބޮޑު ލަޝްކަރެއްގެ މައްޗަށް މުސްލިމުންނަށް ލިބުނު ކާމިޔާބީއަކީ، މުސްލިމުންގެ އީމާންކަމުގެ ނަތީޖާއެއްގެ ގޮތުން ﷲ ދެއްވި ނަޞްރެކެވެ. އެކަލާނގެ ވަޢުދުވެވޮޑިގެންފައިވާ ކާމިޔާބީއެވެ.  

ބަދުރުގެ ކާމިޔާބީ: 

ހިޖުރައިން 2 ވަނަ އަހަރު ރަމަޟާން މަހު 17 ވީ ހުކުރު ދުވަހު ބަދުރު ހަނގުރާމައިގައި ލިބުނު ކާމިޔާބީއަކީ ޢަޖާއިބުކުރުވަނިވި ކާމިޔާބީއެކެވެ. އެހެނީ ހާހެއްހާ މީހުންގެ މައްޗަށް އެންމެ ތިންސަތޭކައެއްހާ މުސްލިމުން ހޯދި މަތިވެރި ކާމިޔާބީއަކީ ﷲގެ ނަޞްރު ފިޔަވައި އެހެން އެއްޗެއް ނޫނެވެ. މި ހަނގުރާމައަށް "ބަދުރު"ގެ ނަމުން ނަން ދެވުނީ އެއީ އެ ސަރަޙައްދުގައި ހުރި "ބަދުރު" ނަމަކަށް ކިޔާ ފެންވަޅަކަށް ނިސްބަތްކޮށް ކަމަށް ބުނެވެއެވެ. "އައްސީރަތުއްނަބަވިއްޔާ ފީ ޟައުއިލްޤުރުއާނި ވައްސުންނާ" މި ފޮތާ ޙާވާލާ ދެއްވައި އިބްރާހީމް އަޙުމަދު (2015) ވިދާޅުވެފައިވަނީ މި ދެންނެވި ފެންވަޅު ކޮނުނީ ބަދުރު ބްނި ޤުރައިޝް ބްނި ޔަޚުލަދުކަމުގައެވެ.  ބަދުރު ހަނގުރާމައިގެ މި މަތިވެރި ކާމިޔާބީއާ ބެހޭ ގޮތުން މާތް ﷲ ވަޙިކުރައްވައިފައިވެއެވެ. "وَلَقَدْ نَصَرَكُمُ اللّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ فَاتَّقُواْ اللّهَ لَعَلَّكُمْ تَشْكُرُونَ" ("ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، بدرހަނގުރާމައިގައި اللَّه، ތިޔަބައިމީހުންނަށް نصرދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكرވެރި ވުމަށްޓަކައެވެ.")

މައްކާ ފަތަޙަކުރެއްވުން:

ހިޖުރައިން 8 ވަނަ އަހަރު ރަމަޟާންމަހު 20 ވަނަ ދުވަހު ކީރިތި ރަސޫލާ މުސްލިމުންގެ ލަޝްކަރާއިގެން މައްކާއަށް ވަދެވަޑައިގެން މައްކާ ފަޙަކުރެއްވީ އެއްވެސް ކުރިމަތިލުމެއް ހިނގުމެއްނެތި އެވެ. ހައިބަތާއި ޝަރަފާއެކީގައެވެ.

މައްކާ ފަތަޙަކުރެއްވި ތާރީޚާ މެދު ކުދިކުދި ޚިލާފުތައް ހުރި ކަމަށް ވިޔަސް އެ ހަނގުރާމަ ހިނގީ ރަމަޟާން މަހެއްގެ މެދު ދިހައިގައި ކަމާމެދަކު އެއްވެސް ޚިލާފެއް ނެތެވެ. އެއީ ރަމަޟާން މަހު 13، 14، 17، 18، 19 ކަމަށްވެސް ރިވާޔަތްތައް އެބަހުއްޓެވެ.

މައްކާ ފަތަޙަކުރެއްވުމުގެ މަތިވެރި ޙާދިސާއާ ގުޅިގެން މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "إِذَا جَاء نَصْرُ اللَّهِ وَالْفَتْحُ . وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا . فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا." ("اللَّهގެ نصرއާއި، فتح އަތުވެއްޖެ ހިނދެވެ. އަދި اللَّهގެ دينއަށް މީސްތަކުން ބައިބަޔަށް ވަންނާތީ، ކަލޭގެފާނު ދެކެވަޑައިގެންފި ހިނދެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمدއާއެކު تسبيحވިދާޅުވާށެވެ! އަދި ފާފަފުއްސެވުން އެދިވަޑައިގެން އެކަލާނގެ حضرةއަށް ދަންނަވާށެވެ! ހަމަކަށަވަރުން، ގިނަގިނައިން توبة قبولކުރައްވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.")

މައްކާއަށް ވަދެވަޑައިގެން މައްކާ ފަތަޙަކުރެއްވުމަށް ފަހު، މީސްތަކުންނަށް ޢާއްމު ވެގެންވާ ޢަފޫޢާއްމެއް ދެއްވިއެވެ. ވަރަށް ދީލަތި މަޢާފެއްދެއްވިއެވެ. ބާރާއި އާރު ލިބިވަޑައިގަތުމާއެކު ވެސް މައްކާގެ މުޝްރިކުންނާ މުޚާޠަބުކުރައްވައި "ތިޔަބައިމީހުންދާނެ ތަނަކަށް ދާށެވެ. ތިޔަބައިމީހުންނަކީ މިނިވަނުންނެވެ."މިފަދައިން ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ޙަދީޘްކުރެއްވުމަކީ ދީލަތިކަމާއި ޢަފޫކުރެއްވުމުގެ ނަމޫނާއެކެވެ. އިތުރު އެކަލޭގެފާނަށް އެބަޔަކު ދުއްތުރާކޮށް އުނދަގޫކުރުމުގެ ސަބަބުން، މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރައްވަން ޖެހިވަޑައިގެންނެވި މުޝްރިކުންނަށް މިފަދަ ދީލަތި މަޢާފެއް ދެއްވީ އިތުރު އެކަލޭގެފާނަށް ހުރިހާ އާރަކާއި ބާރަކާއި ލިބިވަޑައިގެން ހުންނަވައެވެ. މި ފަދަ މަޢާފެއް ދެއްވި އިރުވެސް މިކަމުން އިސްތިސްނާ ކުރެއްވި ހަތަރު ފިރިހެނަކާއި ދެ އަންހެނަކު ވެއެވެ.  މީގެ ތެރެއިން ބައެއް މީހުން ޤަތުލުވެ ދިޔައީއެވެ. ދެން ތިބި މީހުންއިސްލާމްވެ ތައުބާވެގެން އައުމުން އެ މީހުންނަށް ވެސް ރަސޫލާ މަޢާފުދެއްވީއެވެ. މީގެ ތެރޭގައި ޢަބްދުﷲ ބުނު ޚާޠަލާއި އޭނާގެ ދެ ޖާރިޔާއިންނާއި ޢިކްރިމަތު ބުނު އަބޫޖަހުލާއި ހިންދުބިންތު ޢުތުބާ އާއި ހައްބާރުބުނުލްއަސްވަދާއި މައްކާގެ މަޝްހޫރު ޅެންވެރިޔާ ކަޢުބު ބުނު ޒުހައިރު ހިމެނިވަޑައިގަތެވެ.

މައްކާ ފަތަޙަކުރެއްވުމުގެ ޙާދިޞާއާ ބެހޭ ވަރަށް ގިނަ ތަފްޞީލުތައް ލިޔަން ބޭނުންވެއެވެ. އެހެންނަމަވެސް މި ޞަފުޙާތަކުން އެ ކަމަށް ޖާގައެއް ނެތެވެ. އެހެންކަމުން މި ވާހަކަ ކުރުކޮށްލުމަށްފަހު އެހެން ހަނގުރާމައަކާ ދިމާއަކަށް ނަޒަރު ހިންގައިލާނަމެވެ.

ތަބޫކް ހަނގުރާމަ (ޣަޒުވަތުލްއުސްރާ):

ތަބޫކް ހަނގުރާމައަކީ ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ކުރެވުނު އެންމެ ފަހު ހަނގުރާމައެވެ. ތަބޫކަކީ މަދީނާގެ އުތުރުން 778 ކިލޯމީޓަރުގެ ދުރުގައިވާ (މިހާރު ސަޢޫދީ ޢަރަބިއްޔާގެ) ރަށެކެވެ. މި ހަނގުރާމައަށް ޣަޒުވަތުލްއުސްރާ އޭ ވެސް ކިޔައިފައި ހުރެއެވެ. މާނައަކީ ދަތި ޙާލުގައި ކެރެވުނު ހަނގުރާމައެކެވެ.

މި ހަނގުރާމަކުރާން ދިމާވި ސަބަބަށް ބަލާއިރު މިހަނގުރާމައިގެ ސަބަބަކަށްވީ ރޫމީން ލަޝްކަރު އެއްކޮށްގެން މަދީނާއާ ދެކޮޅަށް ހަނގުރާމަކުރާން އުޅޭ ޚަބަރު ކީރިތި ރަސޫލާއަށް ލިބިވަޑައިގަތުމެވެ. އެހެންކަމުން އެ މީހުން މަދީނާއަށް ޙަމަލާދިނުމުގެ ކުރީން އެބައި މީހުންނަށް ޙަމަލާދެއްވުމަށް އެތަނަށް ލަޝްކަރަކާއިގެން ނުކުންނެވުމަށް ކީރިތި ރަސޫލާ ޚިޔާރުކުރެއްވި ކުރެއްވުމެކެވެ. މި ހަނގުރާމަ ހިނގި ދުވަސްވަރަކީ ތަދުމަޑު ދުވަސްވަރެކެވެ. ހޫނުގަދަ ހަނަފަސް ދުވަސްވަރެކެވެ. އެހެންނަމަވެސް އަޞްޙާބުބޭކަލުން މި ހަނގުރާމައަށް ވަރަށް ދީލަތި އެހީތަކެއް ދެއްވި އެވެ. މި ހަނގުރާމަ ނިމުނީ ރަމޟާން މަހެއްގައި ކަމަށް ވިޔަސް މި ހަނގުރާމައަށް ނުކުމެވަޑައިގަތީ ހިޖުރައިން ނުވަވަނަ އަހަރު ރަޖަބުމަހުގެ ތެރޭގައިކަމަށް ވެއެވެ. ހަނގުރާމައަށް ނުކުމެވަޑައިގަތީ 30000 ފަހުލަވާނުންނާއެކުގައެވެ. 10000 އަސަވާރުން ހިމެނިވަޑައިގަންނަވާ ގޮތުގެ މަތީންނެވެ. 

މި ގޮތުގެމަތީން ލަޝްކަރު ތައްޔާރުކުރައްވައި ދަތުރުފުޅުކުރައްވަމުން ތަބޫކާ ހަމައަށް ލަޝްކަރު ފޯރިއިރު ރޫމީންގެ ހިލަމެއް ނެތެވެ. އެއްވެސް މީހެއްގެ އަސަރެއް ފެނިވަޑައެއް ނުގަތެވެ. ރޫމީންނަށް ކީރިތި ރަސޫލާގެ ލަސްކަރުގެ ޚަބަރު ލިބުމާއެކު ގަތް ބިރަކުން ލަޝްކަރާއިގެން ޝާމުކަރައިގެ ތެރެއަށް ދެމިގެންފިއެވެ. މުސްލިމުންދެކެ ބިރުން ފިލީއެވެ. މުސްލިމް ލަޝްކަރުދެކެ ބިރުން ރޫމީން ފިލި ފިލުމަކީ މުސްލިމުންނަށް އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން ލިބުނު ކާމިޔާބީއެކެވެ. 

ކީރިތި ރަސޫލާ ތަބޫކުގައި މަޑުކުރެއްވީ ވިހިރޭ ވިހި ދުވާ ވަންދެނެވެ. މި މުއްދަތުގެ ތެރޭގައި އިތުރު އެކަލޭގެފާނުގެ އަރިހަށް ތަފާތު ވަފުދުތައް އައެވެ. ދެތިން ރަށެއްގެ ވެރީން ރަސޫލާއަށް އަހަރުން އަހަރަށް ޖިޒީދިނުމުގެ މައްޗަށް އިޤުރާރުވެ އެކަމުގެ މައްޗަށް ޞުލްޙަވެ އެކަމުގެ ފަތް ލިޔެ އެއްބަސްވެގެން ހިނގައްޖެއެވެ.

މިއީ ލޭ އޮހޮރުމެއް ނެތް ވަރަށް ކާމިޔާބު ހަނގުރާމައެކެވެ. 

މުސްލިމުންނަށް ލިބުނު އެހެން ކާމިޔާބީތައް:

އިސްލާމްދީނުގެ އަލީގައި އިސްލާމީ ފުތޫޙާތުތައް ފުޅާކުރެއްވުމުގެ މައްޗަށް ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމަށްފަހު ވެސް މުސްލިމުން ޚާއްޞަ ސަމާލުކަމެއް ދެއްވި އެވެ. އިސްލާމީ ރިސާލަތަކީ ވަކި ބަޔަކަށް ވަކި ހިސާބަކަށް ޚާއްޞަވެފައި ވާ އެއްޗެއް ނޫންކަމާއި އެ ރިސާލަތު މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަކީ މުސްލިމުންގެ މަސްއޫލިއްޔަތެއްކަން އެ ބޭފުޅުން ހިތްޕުޅުގެ އަޑިން ޤަބޫލުކުރެއްވި އެވެ. މި ގޮތުން އިސްލާމްދީނަށް ނަޞްރު ހޯއްދަވައިދެއްވައި އިސްލާމީ ފުތޫޙާތު ފުޅާކުރެއްވުމުގައި ރަމާޟްންމަހުގެ ބަރަކާތްތެރިކަމުގެ ފައިދާ ނެންގެވިއެވެ.  މިއީ، އީމާންވި މީހުންނަށް ނަޞްރު ދެއްވާނެކަމަށް މާތް ﷲ ވަޢުދުވެވޮޑިގެންވާ ވަޢުދުވެވޮޑިގަތުމަށް ފުރިހަމައަށް އިޢުތިމާދުކުރައްވައި ﷲ އަށްޓަކައި ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "إِنَّا لَنَنصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الْأَشْهَادُ"  ("ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رسولންނަށާއި، إيمانވި މީހުންނަށް، ދުނިޔޭގެ حياةގައްޔާއި، ހެކިންތައް ތެދުވާ ދުވަހުގައި (އެބަހީ: قيامةދުވަހުގައި) نصرދެއްވާހުށީމެވެ.")

މިދެންނެވި މަތިވެރި އީމާނުގައި މުސްލިމުން ރަމަޟާން މަހު ހޯދި ކާމިޔާބީތައް ވަރަށް ގިނައެވެ. އެ ހުރިހާ ތަފްޞީލުތައް މިހާ ކުރު ލިޔުމެއްގައި ބަޔާންކުރުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެހެންކަމުން ތަންކޮޅެއް ކުރުކުރުކޮށް މުސްލިމުންގެ ބައެއް ކާމިޔާބީތައް ބަޔާންކޮށްލެވޭތޯ ބަލާނަމެވެ.

އަންދަލުސް (ސްޕޭން) ފަތަޙަކުރެއްވުން:

ހިޖުރައިން 92 ވަނަ އަހަރު ރަމަޟާން މަހު 28 ވަނަ ދުވަހު (މީލާދީން 710 ވަނަ އަހަރު) މަޝްހޫރު ފާތިޙު ޠާރިޤު ބިން ޒިޔާދު، ސްޕޭންގެ ބާރުގަދަ ރަސްގެފާނު ކިންގް ރޮޑެރިކްއާ ހަނގުރާމަކުރައްވައި އަންދަލޫސް ފަތަޙަކުރެއްވީ ވެސް ރަމަޟާން މަހެއްގައެވެ. މި ނަޞްރަށް ފަހު މުސްލިމުންގެ ވެރިކަން އަންދަލުސް (ސްޕޭން) ގައި އަށްސަތޭކަ އަހަރަށް ދެމިގެންދިޔައެވެ.

ޖެރޫސަލަމްގެ ފަތަޙަ:

މަޝްހޫރު ފާތިޙު ސުލްޠާން ޞަލާހުއްދީނުލްއައްޔޫބީ ޖެރޫސަލަމުން ފްރާންކިޝް ލަޝްކަރު ފައްސައިލައި އެ ރަށް ފަތަޙަކުރެއްވީ ވެސް ރަމަޟާން މަހެއްގައެވެ. އެއީ މީލާދީ ގޮތުން ބަލާނަމަ، 1187 ވަނަ އަހަރު ޖުލައިމަހު 4 ވަނަ ދުވަހެވެ.

ޢާމޫރިއާ ފަތަޙަ:

ޢައްބާސީ ޚަލީފާ މުޢުތަޞިމް ބިﷲގެ ޒަޢާމަތުގެ ދަށުގައި ޢާމޫރިޔާ ފަތަޙަކުރެވުނީ ހިޖުރައިން 223 ވަނަ އަހަރު ރަމަޟާން މަހު 6 ގައެވެ.

ޢައިނު ޖާލޫތު ހަނގުރާމަ:

ފަލަޞްޠީނުގައި ފުރަތަމަ ފަހަރަށް މޮންގޯލީން ބަލިކޮށް އެރަށް ފަތަޙަކުރެއްވީ ވެސް ރަމަޟާން މަހެއްގައެވެ. އެއީ ހިޖުރައިން 658 ވަނަ އަހަރު ރަމަޟާން މަހު 24 ވަނަ ދުވަހުއެވެ. އެއީ މީލާދީ ގޮތުން 1260 ވަނަ އަހަރެވެ. މި ކާމިޔާބީ ހޯދިފައިވަނީ ސައިފުއްދީން މަޙުމޫދުގެ ޒަޢާމަތުގެ ދަށުގައެވެ.

އަންތާކިޔާ ފަތަޙަ:

ޒާހިރުބެބްރީސްގެ ޒަޢާމަތުގެ ދަށުގައި "އަންތާކިޔާ" ފަތަޙަކުރެވުނީ ހިޖުރައިން 666 ވަނަ އަހަރު ރަމަޟާން މަހު 14 ގައެވެ

ބެލްގްރޭޑް ފަތަޙަ:

ޢުޘްމާނީ ޚަލީފާ ސުލައިމާން ބަލްގްރޭޑް ފަތަޙަކުރެއްވީ ހިޖުރައިން 927 ވަނަ އަހަރު ރަމަޟާން މަހު 26 ގައެވެ.

ނިންމުން:

ރަމަޟާން މަހު މުސްލިމުންނަށް ލިބިފައިވާ ކާމިޔާބީތަކުގެ ވާހަކައަކީ ސީރަތު ފޮތްތަކާއި އިސްލާމީ ތާރީޚުގައި ރަން އަކުރުން ލިޔެވިފައިވާ ވަޤީޢާތަކެކެވެ. މި ކާމިޔާބީތަކުގެ ވާހަކަ ލިޔެވޭނީ މިފަދަ އެތައް ޞަފުޙާއެއްގައެވެ. 

ކީރިތި ރަސޫލާގެ ޒަމާނުގައި މުސްލިމުންނަށް ލިބިފައިވާ ބަދުރު ހަނގުރާމައިގެ ބޮޑު ކާމިޔާބީ އާއި މައްކާ ފަތަޙަކުރެއްވުމަށް އެކަނި ބަލައިލިޔަސް އެއީ ދުނިޔެ ސިއްސައިގެން ދާ ފަދަ މަތިވެރި ނަޞްރެއް ކަން ކަށަވަރެވެ. 

ރަސޫލާއަށް ފަހު އެކި ޚަލީފާއިން ފުޅާކުރެއްވި ފުތޫޙާތުތަކާއި ޚާއްޞަކޮށް އަންދަލުސްގެ ފަތަޙައާއި ޖެރޫސަލަމްގެ ފަތަޙައަކީ އާދަޔާ ޚިލާފު ކާމިޔާބީތަކެކެވެ. މިއިން ކޮންމެ ޙާދިސާއަކީވެސް އެ ޙާދިސާއެއްގައި ގިނަގުނަ ޢިބްރަތްތަކަކާއި ފައިދާހުރި ފިލާވަޅުތަކެއް އެކުލެވޭ ޙާދިސާއެއްކަން ކަށަވަރެވެ. މި ހުރިހާ ކަމެއްގެ ހަޤީޤީ ސިއްރަކީ އީމާންތެރިކަމާއި ﷲ އަށް ކުރާ އިތުބާރެވެ. ތަޤުވާވެރިކަމެވެ. 

____________________________________

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ