އަދުގެ ޚާއްސަ

Print

ޚުންސާގެ ބައެއް ޝަރުޢީ ޙުކުމް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ފިޤުހު


ޢަބްދުލްމުޢީދު ޙަސަން

ތިރީގައި މިވަނީ، ޚުންސާއާބެހޭ ގޮތުން ކުރެވިފައިވާ ބައެއް ސުއާލާއި، އެއަށް ޢިލްމުވެރިން ދެއްވާފައިވާ ޖަވާބެވެ.

1. އުފަންވާއިރު، ފިރިހެން ޖިންސާއި އަންހެން ޖިންސްގެ ގުނަވަން ހުންނަ ކުދިންގެ ޖިންސް އިޞްލާޙުކުރުމުގެ ޝަރުޢީ ޙުކުމަކީ ކޮބާތޯއެވެ؟
2. ޑަކުޓަރަކު، ޚުންސާއެއްގެ ޖިންސް އިޞްލާޙުކުރެއްވުމުގެ ޙުކުމަކީ ކޮބާ؟
3. ޚުންސާގެ ކައިވެނީގެ ޙުކުމަކީ ކޮބާތޯއެވެ؟

 

ފުރަތަމަ ސުއާލުގެ ޖަވާބު

ސ. އުފަންވާއިރު، ފިރިހެން ޖިންސާއި އަންހެން ޖިންސްގެ ގުނަވަން ހުންނަ ކުދިންގެ ޖިންސް އިޞްލާޙުކުރުމުގެ ޝަރުޢީ ޙުކުމަކީ ކޮބާތޯއެވެ؟

ޖ. ޚުންސާ، ނުވަތަ ތިންވަނަ ޖިންސަށް ދެ ޙާލަތެއް ވެއެވެ. އެއީ:

1. ޚުންސާގެ ޖިންސް ކަށަވަރުވުން
މި ޙާލަތުގައި، އޭނާއަކީ ފިރިހެނެއްކަން ނުވަތަ އަންހެނެއް ކަން ޔަޤީންވާނެއެވެ. މި ޙާލަތުގައި އޭނާއާ މުޢާމަލާތްކުރަން ޖެހޭނީ، އޭނާ ނިސްބަތްވާ ޖިންސްގެ މީހެއް ފަދައިންނެވެ. ފިރިހެނެއް ނަމަ، ފިރިހެނެއް ފަދައިންނެވެ. އަންހެނެއް ނަމަ، އަންހެނެއް ފަދައިންނެވެ.

2. ޚުންސާގެ ޖިންސް ކަށަވަރު ނުވުން
މި ޙާލަތުގައި، އޭނާއާމެދު ބަލަން ޖެހޭނީ ރައްކާތެރި ގޮތަށެވެ. ފާފައިން ރައްކާތެރިވުމަށްޓަކައި، ފިރިހެނުން އޭނާއާ މުޢާމަލާތްކުރާނީ ހިލޭ އަންހެނެއް ފަދައިންނެވެ. އަންހެނުން އޭނާއާ މުޢާމަލާތްކުރާނީ، ހިލޭ ފިރިހެނެއް ފަދައިންނެވެ. މީގެ މާނައަކީ، ފިރިހެނުންނާއި އަންހެނުންނަށް އޭނާގެ ޢައުރަ ދައްކައިގެން ނުވާނެއެވެ. އަދި ހިލޭ އަންހެނަކާ ނުވަތަ ފިރިހެނަކާއެކު، ކޮޓަރިއެއް ފަދަ ތަނެއްގެ ތެރޭގައި އެހެން މީހުންނަށް ނުފެންނަ ގޮތަށް އެކަހެރިވުން އޭނާއަށް ހުއްދައެއް ނުވާނެއެވެ.

ނަންގަނެވިދިޔަ، ދެ ޙާލަތުގައި ޢަމަލުކުރާނެ ގޮތް ތިރީގައި މިވަނީއެވެ.

1. ޖިންސް ކަށަވަރުވެފައިވާ ޚުންސާގެ ހަށިގަނޑުން އުނިކުރާނީ، އޭނާ ނިސްބަތް ނުވާ ޖިންސްގެ ގުނަވަންތަކެވެ. މި ޙާލަތުގައި، ފިރިހެން ޚުންސާއެއް، އަންހެކަށް ބަދަލުކުރުމާއި، އަންހެން ޚުންސާއެއް ފިރިހެނަކަށް ބަދަލުކުރުމަކީ، ހުއްދަ ކަމެއް ނޫނެވެ. ހުއްދަވެގެންވަނީ، އޭނާ ނިސްބަތް ނުވާ ޖިންސްގެ ގުނަވަންތައް އުނިކުރުމެވެ.

2. ޖިންސް ކަށަވަރުނުވާ ޚުންސާ، އިޞްލާޙުކުރަންވީ ޖިންސަކީ ކޮބައިކަން ކަނޑައަޅުއްވާނީ ކަމާބެހޭ ޑަކުޓަރުންނެވެ. ޖިންސް ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ތަޙުލީލުތަކުގެ ނަތީޖާއަށް ބެއްލެވުމަށްފަހު، ޑަކުޓަރުން، އޭނާ ނިސްބަތްކުރައްވާނީ، އެޖިންސެއްގެ ޚާއްޞަ ސިފަތައް އޭނާގެ ކިބައިގައި ބޮޑަށް ހުރި ޖިންސަކަށެވެ. މިގޮތުގެ މަތިން، ޖިންސް ކަނޑައަޅައި، އޭނާގެ ޖިންސް އިޞްލާޙު ނުކޮށްފިނަމަ، އޭނާ ދިރިއުޅެން ޖެހޭނީ ދަތި އުނދަގޫ ޙާލެއްގައެވެ. މިހެންވެ، އޭނާގެ ޖިންސް އިޞްލާޙުކުރުމަކީ ހުއްދަކަމެކެވެ.

ދެވަނަ ސުއާލުގެ ޖަވާބު

ސ. ޑަކުޓަރަކު، ޚުންސާއެއްގެ ޖިންސް އިޞްލާޙުކުރެއްވުމުގެ ޙުކުމަކީ ކޮބާ؟

ޖ. އިސްވެދިޔަ ނުކުތާތަކުގެ މައްޗަށް ބަލާއިރު، ޑަކުޓަރަކު ޚުންސާގެ ޖިންސް އިޞްލާޙުކުރެއްވުމުގެ ޙުކުމް އެބަ އޮޅުންފިލައެވެ. ޖިންސް އިޞްލާޙުކުރުން ހުއްދަ ޙާލަތްތަކުގައި އެކަން ކުރުމަކީ، ޑަކުޓަރަށް ހުއްދަވެގެންވާ ކަމެކެވެ. އަދި ޖިންސް އިޞްލާޙުކުރުން ހުއްދަ ނޫން ޙާލަތްތަކުގައި، އެކަން ކުރުމަކީ، ޑަކުޓަރަށް ޙަރާމްކަމެކެވެ.

ތިންވަނަ ސުއާލުގެ ޖަވާބު

ސ. ޚުންސާގެ ކައިވެނީގެ ޙުކުމަކީ ކޮބާތޯއެވެ؟

ޖ. އިސްވެދިޔަ ގޮތުގެ މަތިން، ޖިންސް ކަނޑައެޅި، ބޭސްފަރުވާކޮށް، އިޞްލާޙުކޮށްފައިވާ ޚުންސާއަކު ކާވެނިކުރުމަކީ މައްސަލައެއް އޮތްކަމެއް ނޫނެވެ. އެހެނީ، ބޭސްފަރުވާކޮށް އިޞްލާޙުކުރުމަށްފަހު، އޭނާއަކީ ޚުންސާއެއް ނޫނެވެ. ނަމަވެސް ބޭސްފަރުވާއަށް ފަހުގައި ވެސް، އޭނާގެ ޖިންސް ކަށަވަރު ނުވާކަމަށްވަނީނަމަ، ކާވެނިކުރުން ހުއްދައެއް ނުވާނެއެވެ. އިސްވެ ބަޔާންވެދިޔަ ފަދައިން، އޭނާއާމެދު ބަލަން ޖެހޭނީ ރައްކާތެރި ގޮތަށެވެ. އޭނާ، ފިރިހެނަކާ ކާވެނިކުރާއިރު، އޭނާއަކީ ފިރިހެނެއް ކަމުގައި ވެދާނެއެވެ. އަދި އަންހެނަކާ ކާވެނިކުރާއިރު، އޭނާއަކީ އަންހެނެއް ކަމުގައި ވެދާނެއެވެ.

 

މަޞްދަރުތައް:
1. އިސްލާމްވެބް ޑޮޓް ނެޓް.
2. އަޙުކާމުލް ޚުންސާ، ޢައްލާމާ ޖަމާލުއްދީން ޢަބްދުއްރަޙީމް.
3. އިސްލާމް އޮންލައިން ޑޮޓް ކޮމް.
4. އަދި އިތުރު މަޞްދަރުތައް.

ހަމަމިގަލަމުން

އިދާރާ

ވާހަކަ