އަދުގެ ޚާއްސަ

Print

މަސައްކަތް ދެކެ ލޯބިވުން: މޮޅުވުމުގެ މަގު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ

އިބްރާހީމް ރަޝީދު މޫސާ

ޔުނިވަރސިޓީއެއްގައި ކިޔަވާ ދަރިވަރަކު، ހިންގުމާއި ވެރިކަމާ ބެހޭ ތަޤްރީރެއްދެއްވަމުން ގެންދެވި އުސްތާޛަކަަށް ދެންނެވިއެވެ. "މަސައްކަތުގައި މޮޅު މީހަކަށް ވެވޭނީ ކިހިނަކުންތޯއެވެ؟" މި ތަޤްރީރު ދެއްވާން ހުންނެވި މަޝްހޫރު ޓޮމް ޕީޓަރސް، ޖަވާބުދެއްވުމުގެ ގޮތުން  "ޝައުޤުވެރިކަން" ބޯޑު ގައި  ލިއުއްވައިލެއްވި އެވެ.

  
    މި ސުވާލު  ވިޔަފާރިވެރިއަކާ ކުރުމުން ޖަވާބުގައި ވިދާޅުވީ އެއީ " ލޯތްބެވެ." 

    ދުނިޔަވީ ޙަޔާތުގެ ތަފާތު މައިދާންތަކުގައި  ކާމިޔާބު ހޯދުމަށާއި މޮޅުވުމަށް ހިތްވަރުދޭ އަދި އެކަމަށް މަގުކޮށައިދޭ އެންމެ ބޮޑުބާރަކީ ލޯތްބެވެ. ތިބާއަށް ލޯބިވެވިއްޖެ ނަމަ ލޯބިވެރިއާ އެދޭކަމެއް ކުރުމަށް  ތިބާ ކޮންމެ ކަމެއް ވެސް ކޮށްފާނެއެވެ. ލޯބިވެވޭ ވަގުތުން ފެށިގެން އެކަން ކާމިޔާބު ކުރުމަށް ތިބާ މަސައްކަތް ފަށާނެއެވެ. އެ ކަމުގެ ވަސީލަތްތަކާމެދު ވިސްނާނެ އެވެ. އައު ގޮތްތައް ހޯދަން ފަށާނެއެވެ. 

    ވަރަށްގިނަ ބަޔަކު ޙަޔާތުގެ ބޮޑު ބައެއް ހޭދަކުރާނީ މަސައްކަތުގަ އެވެ. ދިރިއުޅުމަށްޓަކައި މަސައްކަތެއްކުރާން ޖެހޭތީއެވެ. މި މަސައްކަތް ދެކެ ލޯބި ނުވާ ނަމަ ނުވަތަ ގަޔާނުވާ ނަމަ އެ ކަން ފޫހިކަމަކަށް ވެދާނެ އެވެ. އޭރުން ޙަޔާތުގެ ބޮޑުބައި ވާނީ ފޫހިގަނޑަކަށެވެ. މިހެންވެ، ކުރާ  ނުވަތަ ކުރާންބޭނުންވާ މަސައްކަތެއް ދެކެ ލޯބިވާންޖެހޭނެއެވެ. މުޖްތަމަޢުގައި ތިމާގެ އަގު މަތިވަމުންދާނީ ތިމާ ކުރާ މަސައްކަތުގެ ސަބަބުންނެވެ. މިހެންވެ އަޅުގަނޑުމެންގެ ދީން، އަޅުގަނޑުމެންް ކުރާމަސައްކަތްތައް، ރަނގަޅަށް ކުރަން ދަސްކޮށްގެން ކުރާން ގޮވައިލައެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ޙަދީޘްކުރައްވަނީ " إن الله يحب إذا عمل أحدكم عملا أن يتقنه" ("ހަމަކަށަވަރުން ﷲ ލޯބިވެވޮޑިގަންނަވަނީ ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމެއްކުރާނަމަ  އެކަމެއް ރަނގަޅަށް ބަރާބަރަށްް ކުރުމަށެވެ.") (رواه أبو يعلى) 

    މަސައްކަތުގައި ފާހަގަކުރެވޭ ފަދަމީހަކަށް ވުމަށްޓަކައި އެ މަސައްކަތެއް ދެކެ ލޯބިވާންޖެހޭނެ އެވެ. ބުނެވޭގޮތުގައި މަސައްކަތުގައި ކާމިޔާބުވުމުގެ ފުރަތަމަ ފިޔަވަޅަކީ އެކަމަކަށް ޝައުޤުވެރިވުމެވެ. ދެވަނަ ފިޔަވަޅަކީ އެކަމެއް ދެކެ ލޯބިވުމެވެ. މަސައްކަތް ދެކެ ލޯބިވުމަކީ އެ ކަމުގައި އޭނާ ހޭދަކުރާ ވަގުތުތަކުގެ މިންވަރުގެ މަތިން ހަނދާންނައްތާލާނެކަމެކެވެ. އެކަމުގައި އޭނާއަށް އުފުއްލަން ޖެހޭ ބުރައާއި ވޭން ވާނީ އުފަލަކަށެވެ. ލައްޛަތަކަށެވެ. 
    
އިންސާނީ ތަރައްޤީއާ ބެހޭ ތަޖްރިބާކާރުން ވިދާޅުވާގޮތުގައި މީހަކު ލޯބިވާ ޢަމަލެއް ކުރާއިރު އޭނާ އަށް އުފުއްލަން ޖެހޭ ބުރަތައް އޭނާއަށް އިޙްސާސްވެގެންދާނީ  އޭގެ ދިހަބައިކުޅަައެއްބައިގެ މިންވަރަށެވެ. އެއީ މި ކަމުގެ ސަބަބުން އޭނާއަށް ލިބޭ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމާ ހެދި އެވެ. ގިނަ ފަހަރަށް ބަލިވަނީ ނަފްސާނީ ސަބަބުތަކާ ހެދި އެވެ. އެހެންކަމުން ކުރާހިތްވާ ކަމެއް ކުރުމަކީ ބަލިތަކުން ރައްކައުތެރިކޮށްދޭނެ ކަމެކެވެ. ނުވަތަ ބަލި  ދުރުކުރާނެ ކަމެކެވެ. 
    
އަޅުގަނޑުމެންގެ އިސްލާމީ ބޮޑެތި ޢިލްމުވެރިންނަށާއި މުފައްކިރުންނަށް ބަލާ އިރު އެ ބޭކަލުންނަކީ މަސައްކަތަށް ވަރަށް ފަރުވާބެހެއްޓެވި، މަސައްކަތްކުރައްވާ ހިތްޕުޅުވި ބައެކެވެ. ޢިލްމު ޙާޞިލުކުރެއްވުމުގައި ޤުރްބާންވެވަޑައިގެން ބައެކެވެ. އިމާމު ޠަބަރީ އަކީ ދުވާލަކު 40 ޞަފްޙާ ލިއުއްވި ބޭކަލެކެވެ. އެ ޒަމާނުގައި ޞަފްޙާ އަކީ މިހާރުގެ  އޭ -3 ސައިޒުގެ 4 ޞަފްޙާ އެވެ.  ފާރާބީ އަކީ ރޭގަނޑު ވޮޗަރުކަންކުރައްވަމުން ޢިލްމު އުގެނިވަޑައިގެންބޭކަލެކެވެ. އިމާމު ބުޚާރީ އަކީ، މީހެއްގެ ފުށުން، ރަސޫލުﷲގެފާނުގެ ބަސްފުޅެއް އިވިވަޑައގަންފި ނަމަ   އެ ބަސްފުޅު ގެ ތެދުދޮގު ބެއްލެވުމަށްޓަކައި، އެ ބަސްފުޅު  ރިވާކުރެއްވި ބޭކަލަކު އަރިހަށް ބުރަ ދަތުރުކުރައްވާފައި ވަޑައިގެންނެވި ބޭކަލެކެވެ. 
    
އޭގެ ތެރެއިން ބޭކަލަކު އެކަލޭގެފާނުގެ  ރަޙްމަތްތެރިންނަށް ހުކުރުދުވަހު  ބުސްތާނަށް  ވަޑައިގެންނެވުމަށް ދަޢުވަތު އެރުއްވި އެވެެ. އެ ބޭކަލަކު ވިދާޅުވި އެވެ. ފޮތަކީ ޢިލްމުވެރިންގެ ބުސްތާނެވެ. މި ރަޙްމަތްތެރިން އެ ބުސްތާނުގައި ހޭދަކުރެއްވި  ވަގުތުކޮޅުގެ  ތެރޭގައި އެ ކަލޭގެފާނު ފޮތެއް ލިއުއްވި އެވެ. 
    
މި ޒަމާނަށް ބަލާ އިރުގައި ވެސް މަސައްކަތުގައި މޮޅު ހޯއްދަވާފައިވާ އެތައް މުފައްކިރުންނެއް، ޢިލްމުވެރިންނެއް އެބަ ތިއްބެވި އެވެ.  އޭގެ ތެރޭގައި ބޮކި އީޖާދުކުރެއްވި އެޑިސަނަކީ މަސައްކަތް ދެކެ ވަރަށް ލޯބިފުޅުވި ބޭފުޅެކެވެ. އޭނާ މަސައްކަތަށް ޝައުޤުވެރިކަން ހުރިލެއް ބޮޑުކަމުން، އަދި އެކަމާމެދު ވިސްނަވާލެއް ފުންކަމުން އޭނާގެ އަމިއްލަ ނަންފުޅު ވެސް ހަނދުމަފުޅު ނެތުނު ޙާލަތްތަކެއްވެ އެވެ. 
އެއްދުވަހަކު އޭނާ ޓެކުސް ދައްކަވަންވެގެން ޓެކުހާ ބެހޭ އޮފީހަށް ވަޑައިގަތެވެ. ކިޔޫގައި ހުންނަވައިގެން ފައިސާ ބަލައިގަންނަމީހާ އާ ހަމައަށް ވަޑައިގަތުމުން ޓެކުސް ދައްކަވަނީ ކާކުގެ ނަމުގައިތޯ ސުވާލުކުރި އެވެ. އޭނާ ވިސްނަވަމުން ގެންދަވަނީ އޭނާގެ މަސައްކަތާ ހެދިކަމުން  އޭނާއަށް އޭނާގެ ނަމެއް ހަނދުމަފުޅެއްނުވި އެވެ. ނަން ހަނދުމަފުޅުކުރައްވަން އެތައް މަސައްކަތެއް ކުރެއްވި އެވެ. ނަމަވެސް އަމިއްލަ ނަން ހަނދާނަކަށް ނައެވެ. އެޑިސަން ދަންނަމީހަކު އޭނާއާ ޖެހިގެން ކިޔޫގައި ހުއްޓެވެ. އޭނާ ފައިސާ ބަލައިގަންނަ މީހާ ގާތުގައި ނަމަކީ އެޑިސަން ކަމަށް ނުބުނި ނަމަ އެ ދުވަހު އެޑިސަނަށް ޓެކްސް ފައިސާއެއް ނުދެއްކެވޭނެ އެވެ. 
    
އެޑިސަން އަބަދުވެސް ވިދާޅުވަނީ އޭނާގެ އެއްވެސް އީޖާދަކީ  ހަމަ އެހެން އޮވެފައި އައި އެއްޗެއް ނޫނެވެ. އެއީ  އޭނާގެ ބުރަމަސައްކަތުން ހޯއްދެވުނު އެއްޗެކެވެެ. އޭނާ ވިދާޅުވަނީ "އެއްޗެއް ވުޖޫދަށް ގެނެސްދެވުމަކީ ހިތްހަމަޖެހުން ލިބޭކަމެކެވެ." 
    
މަސައްކަތް ދެކެ ލޯބިވުމަކީ ހަމައެކަނި ފަރްދުންގެ ކާމިޔާބީއެއް ނޫނެވެ. ޤައުމުތައް ވެސް ކުރިއަރައި ތަރައްޤީވަނީ މަސައްކަތް ދެކެ ލޯބިވުމުގެ ސަބަބުންނެެވެ. ޗައިނާ އާއި ޔޫރަޕާއި އޭޝިއާގެ ބައެއް ޤައުމުތަކުގައި މަސައްކަތް ނިމުމުން ރަނގަބީލެއް ޖަހަ އެވެ. އެއީ މީހުން މަސައްކަތުގައި އަވަދިނެތި ތިބުމުގެ ސަބަބުން އެމީހުންނަށް އެ ދުވަހުގެ ރަސްމީ ގަޑި މަތިން ހަނދާންނެތި  މަސައްކަތުގައި ތިބެދާނެތީ އެވެ. އެމީހުން މަސައްކަތް ދެކެ ލޯބިވާ ވަރުން އެ ދުވަހުގެ ކަމެއް އެ ދުވަހަކަށް ނިންމާލަން ބޭނުންވާތީ އެވެ.
    
ޖަޕާނުގެ ތަފާސްހިސާބެއް ބުނާގޮތުގައި އެ ޤައުމުގައި މަރުވާ ފިރިހެނުންގެ ތެރެއިން 10 % މީހުން މަރުވަނީ މަސައްކަތް ގިނަވުމުގެ ސަބަބުންނެވެ. ޖަޕާނުގައި އަހަރު ޗުއްޓީގެ މިންވަރަކީ އެންމެ ހަފުތާއެކެވެ. މިހެންވެ މަސައްކަތްކުރާ ގަޑި ހަފުތާއަކު 44 ގަޑިން  42 ގަޑިއަށް މަދުކުރުމަށް ޖަޕާނު ސަރުކާރުން މިހާރު ވަނީ ހުށައަޅައިފައެވެ. މިކަމާ ޢައްމު ރައްޔިތުން ނުޤަބޫލުވެގެން ވަނީ މުޒާހަރާތައް ބާއްވައިފަ އެވެ. އަޅުގަނޑުމެންގެ ޙާލަކީ ކޮބައިތޯއެވެ؟ ވިސްނާލައްވާށެވެ!

____________________________

ނޯޓް:

މިއީ 2010 ވަނަ އަހަރު އުސްތާޛު ލިޔުއްވި އަގުހިރި ލިޔުމެކެވެ. އަޅުގަނޑުމެން އެންމެން ގޭގައި ތިބޭ އިރު، މި ނުކުތާ އަށް ސަމާލުކަން ދީގެން މަސައްކަތް ކުރެވިއްޖެ ނަމަ، ފުރަބަންދު ނިމޭ އިރު އާދަޔާ ޚިލާފު ބޮޑު ބަދަލެއް މުޅި ޙަޔާތަށް ގެނެވިދާނެއެވެ. މިސާލަކަށް: ޤުރުއާން ހިތު ދަސްކުރުން، އަތު ލިޔުން ރީތިކުރުން، ޅެން ހަދާން ދަސްކުރުން، އިނގިރޭސިބަހަށް މޮޅުވުން، ޢަރަބި ބަސް ނުވަތަ ޗައިނާ ބަސް ނުވަތަ ބަންގާޅީ ބަސް (ގޫގްލްގެ އހީގައި) ދަސްކޮށްލުން. މޮޅު ފޮތެއް ލިޔުން، ފިލްމު ސްކްރިޕްޓެއް ލިޔުން. އާ ކަމެއްގެ ޙައްލު ހޯދުން. އެތައް ހާސް މާސްކެއް ފަހައި ބާޒާރަށް ނެތުން. ވޫލުން ތަފާތު ތަކެތި ވިޔުން. ގަސް ގްރާފްޓް ކުރުމުގައި ތަޖުރިބާތަކެއް ހޯދުން، ކެއްކުމުގެ އާ ފޮތެއް އުފެއްދުން ފަދަ މަސައްކަތެއް ކޮށްގެން ހީވެސް ނުކުރާ ފަދަ ބޮޑު ބަދަލެއް މުޅި ޙަޔާތަށް ގެނެވިދާނެއެވެ. 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ