އަދުގެ ޚާއްސަ

Print

ހުސް ނޫނު: އޭގެ ބޭނުމާއި މަގުސަދު

. ހިމެނޭބަޔަކީ މާދަރީބަސް

ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)

ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކުގެ ޙަޤީޤީ ބޭނުމަކީ ބަހުގެ އަޑުތަކާއި އަޑު ނެރެންވީ ގޮތް ފާހަގަކޮށްދިނުމެވެ. އަކުރުތަކަކީ އަޑުތަކުގެ ނިޝާނެވެ. ފިލިތަކަކީ އެ އަޑުތައް "އިއްވާން" ވީ ގޮތް އަންގައިދޭން ބޭނުންކުރާ ނިޝާނެކެވެ. ވީމާ، އަޑެއް ރަމްޒުކޮށްދޭ އަކުރާއި އަޑުނެރެންވީ ގޮތް އަންގައިދޭ ނިޝާންކަމަށްވާ ފިލި ހަމަޔަށް ނެތް ނަމަ އެ އަޑު ފުރިހަމަޔަށް "ނެރެވޭނޭ" ގޮތެއް ނޯންނާނެއެވެ.

ދިވެހިބަހުގެ ބަސްކޮށާރުގައި ހިމެނޭ ލަފުޒުތަކުގެ ލިސްޓްގައި ހިމެނޭ ހުރިހާ ލަފުޒެއް، އެއްވެސް މީހަކަށް، ހަމަކަށަވަރުންވެސް އެންމެންނަކަށް ނޭނގޭނެއެވެ. އަދި އަލަށް ދިވެހިބަސް އުނގެނި ދަސްކުރާ ބިދޭސީން ވެސް މި ޒަމާނުގައި އަންނަނީ އިތުރުވަމުންނެވެ. މާނަ ނޭނގޭ ލަފުޒެއް ބަސްފޮތުން ނުވަތަ އެހެން ލިޔުމަކުން ނަމަވެސް ބަލައިގެން ދަސްކުރާ މީހަކަށް އެ ލަފުޒެއް ފުރިހަމަޔަށް އެނގޭނީ ފިއްޔާއި އަކުރުތައް ލިޔުމުގައި ހަމަޔަށް ހުރެގެންކަން ކަށަވަރެވެ. "އިއްވަން" ބޭނުންވާ އަޑެއް ރަމްޒު ކޮށްދޭ އަކުރާއި އެ އަޑެއް ނެރޭންވީ ގޮތް އަންގައިދޭ ނިޝާން ލިޔުމުގައި އުނިވެފައިވާ ނަމަ، ހެޔޮކޮށް އެ ލަފުޒެއް "އަދާކުރެވޭނެ" ގޮތެއް ނޯންނާނެއެވެ. ނޯށަން އަރުވައިގެން ކިޔާންޖެހޭ ތަންތާނގައި ހުސްނޫނު ނުލިޔާ ނަމަ، އެއީ ނޯށަން އަރުވައިގެން ކިޔާންޖެހޭ ތަނެއް ކަމެއް، އެ ލަފުޒެއްގެ އަޞްލު(ނުވަތަ މާނަ) ނުދަންނަ މީހަކަށް ނޭނގޭނެއެވެ. ރޭޑިއޯއިން އިވޭ ލަވައެއްގައި ވެސް....."މިތުރުނޭ އުގެނެމާހޭ،...." ކިޔައިފައިވަނީ "އުނގެނުން" މި ލަފުޒު ލިޔުނު އިރު، ހުސްނޫނު އިހުމާލުކޮށްލައިފައިވާތީކަމަށް ދެންނެވިދާނެއެވެ. އަދި ލަވަކިޔުންތެރިޔާއަށް އެ ލަފުޒުގެ އަޞްލު އެނގިވަޑައިނުގަންނާތީ ލިޔުމުގައި އޮތް ގޮތަށް ވިދާޅުވީކަމަށް ވެސް ވެދާނެއެވެ.

އެހެން މިސާލެއް ދަންނަވާނަމަ ފިރުނބައިދުއާއި ހޯނޑެއްދުއާއި ހެލެނގެލި ފަދަ (ރަށްރަށުގެ) ނަންނަން ކިޔާއިރު ނޯށަން އަރުވައި ކިޔާން ޖެހުނަސް، އެ ރަށްރަށުގެ ނަން ލިޔާ އިރު (ލިޔުމުގައި) ހުސް ނޫނު ނޯންނަ ނަމަ އެ ރަށްރަށުގެ ނަންތައް ކިޔާންޖެހޭ ގޮތް ނޭނގޭ މީހަކަށް އެ ނަންނަން ރަނގަޅަށް ކިޔާކަށް ނޭނގޭނެއެވެ.

ކުރީގެ އަދީބުންގެ ލިޔުއްވުންތަކަށް ބަލާއިރު ހުސްނޫނު ލިޔަންޖެހެނީ މައިގަނޑު ދެ ސަބަބަށްޓަކައެވެ. އެއީ ހުސްނޫނު ނުލިޔައިފި ނަމަ، އަކުރާއި ފިލި، އެއް ގޮތަށް ޖަހާންޖެހޭ ލަފުޒުގެ ތެރެއިން ނޯށަށް އަރުވައި ކިޔާންޖެހޭ ލަފުޒާއި ނޯށަން ނާރުވައި ކިޔަންޖެހޭ ލަފުޒެއް ނަމަ މި ފަދަ ދޭދޭ ލަފުޒުގެ މާނަ ދޭހަވާން ދަތިވުމެވެ.

އިސްވެ ދެންނެވުނު އުޞޫލުން ހުސްނޫނު ލިޔުނަސް، އަކުރާއި ފިލި، އެއް ގޮތަކަށް ހުންނަ ލަފުޒުތަކުގެ މާނަ ދޭހަވުމަކަށް ފަސޭހައެއް ނުވެއެވެ. އެހެނީ، އެއް ގޮތަކަށް އަކުރާއި ފިލިޖެހިފައި، ކިޔާ ގޮތް ވެސް އެއްގޮތްވެފައި ތަފާތު ޙާލަތްތަކުގައި ތަފާތު މާނަ ދޭހަވާ ލަފުޒުތަކަކީ ކޮންމެ ބަހެއްގައި ވެސް ހުންނަ ލަފުޒުތަކެކެވެ. މިފަދަ ލަފުޒުތަކުގެ މާނަ އެނގެނީ އެ ޖުމްލައަށާއި ޖުމުލަ ލިޔުނު ޙާލަތަށް (ކޮންޓެކްސްޓް) ވިސްނައިގެންނެވެ. އަންނަނިވި މިސާލުތަކަށް ވިސްނައިލަމާތޯއެވެ! 

1- މުސަޅަކީ ބިމުގައި ހަރު ކޮނެގެން ދިރިއުޅޭ ޖަނަވާރެކެވެ.

2- ރާވެރިބޭ އަށް ރުކަކު މިއަދު ހަރު ބަނދެފިއެވެ.

3- އެއީ ބޯ ހަރު ކުއްޖެއް ނޫނެއެވެ.

4- ބިލަތް ކަނޑަން ފަސޭހަ ވާނީ އެގޭ ހަރު ގެނެސްގެންނެވެ.

5- ހަރު ހަނޑުލުގެ ބޮނޑިބަތެއް ވެސް މަށަން ނުބައެއް ނޫނެއެވެ.

6- މިއަދު ބަތް ހަރުކަމުން ގަރުދިޔަ އާއި އެކު ކާކަށް ކަމުނުދެއެވެ.

7- ރަށުގެ ހަރު މީހުންނަށް އިޙުތިރާމްކުރާންޖެހޭނެ އެވެ.

8- މިގޭ ގަހަކު އަދި ހަރު މިރުހެއް ނެތެވެ.

0- ދަގަނޑަށްވުރެ އެކަތަ ހަރުވާނެއެވެ.

10- ނަމަނަމަ ހަރު މުދާ ނުވިއްކައްޗެވެ!

އިސްވެ ދިޔަ މިސާލުތަކުގައިވާ "ހަރު" އެކަނި އޮންނަ އިރު އެ ލަފުޒުގެ ވަކި މާނައެއް ދޭހަކުރާން އުނދަގޫވިޔަސް، މި ލަފުޒުގެ މާނަ ދޭހަކުރާން ފަސޭހަކުރާންވެގެން ހުސްނޫނު ލިޔާ ވާހަކަ އެކަކު ވެސް ނުދައްކައެވެ. އެއީ އެލަފުޒު ކިޔާއިރު އިވޭ އެއްވެސް އަޑެއް ނުލިޔެ ދޫކޮށްލެވިފައި ނެތީތީއެވެ. އެއް ލަފުޒެއްގައި ގިނަ މާނަ ދޭހަވާ ލަފުޒުތަކުގެ ޙަޤީޤީ މާނަ އެނގޭނީ ކުރީން ވެސް ދެންނެވި ފަދައިން އެ ޖުމްލައެއްގައި ލަފުޒު ބޭނުންކޮށްފައި އޮތް ޙާލަތަށް (ކޮންޓެކްސްޓް އަށް) ވިސްނައިގެންނެވެ. އެހެންވީމާ ހުސްނޫނު ލިޔާން ޖެހެނީ ކޮންމެހެން މާނަ ތަފާތުކުރާން ނޫންކަން އެބަ އެނގެއެވެ. ކަނޑި، އަޅުގަނޑު، ރަނގަޅު ފަދަ ލަފުޒުލަފުޒުގައި ހުސްނޫނު ލިޔަން ޖެހޭނީ އެ ލަފުޒު ކިޔާއިރު ނޯށަން އަރުވައި ކިޔާން ޖެހޭތީއެވެ. މާނަ ދޭހަކުރާން ފަސޭހަކުރުމަށްޓަކައެއް ނޫނެވެ. އެހެންވީމާ ހުސްނޫނު ލިޔާންޖެހެނީ ނޯށަން އަރުވައި ކިޔާންޖެހޭ ތަންތާނގައިކަން އޮޅުމެއް ނެތި އެބަ އެނގެއެވެ.

ތަންކޮޅެއް ކުރީގެ ލިޔުންތަކުން ހުސްނޫނު ނުފެނުމަކީ މިއަދު ހުސްނޫނު ނުލިޔާން ދައްކާން އޮތް ބަހަނާއެއް ނޫނެވެ. މިސާލަކަށް "ރަގަޅު"، "އަޅުގަޑު"، "އިބަ"، "ހަދު"، "އުދަގޫ"، "އެގުން"، "އުގެނުން"، ފަދަ ލަފުޒުތައް ހުސްނޫނާ ނުލައި ލިޔެފައި އޭރު ހުރީ ހުސްނޫނާ ބެހޭ ވަކި ހަމައެއް އުޞޫލެއް އެކަށައެޅިފައި ނެތީތީ ކަމަށް ވެދާނެއެވެ. ނަމަވެސް އެ ލަފުޒު ބޭނުންކޮށްފައި އޮތް މަޤާމެއްގެ ގޮތުން އެ ލަފުޒުތައް (ރަނގަޅު، އަޅުގަނޑު، އިނބަ، ހަނދު، އުނދަގޫ، އެނގުން، އުނގެނުން، މި ގޮތަށް) ނޯށަށް އަރުވައިގެން ކިޔާން އޭރުގެ ދިވެހީންނަށް އުނދަގުލެއް ނުވެއެވެ. އޭރުގެ ލިޔުންތަކުގައި "އިނބަރަސްކަލާނގެ" މި ލަފުޒު "އިބަރަސްކަލާނގެ" މި ގޮތަށް (ހުސްނޫނު ނެތި) ލިޔެފައި ހުރީތީ "އިބަ" އެއީ "އިނބަ"ގެ މާނަ ނޫން އެހެން މާނައެއް ދޭހަވާ ލަފުޒެއް ކަމަށް ލިޔެ މިހާރު ވަނީ ރަދީފުގައި ވެސް ހިމަނުއްވައިފައެވެ. އެ ލަފުޒު ދިރިދެމި އޮތް އަތޮޅުގެ ބަހުރުވަ ދިރާސާ ކުރެއްވުމެއް ނެތި މި ބަދަލު ގެންނެވީތީ ހިތާމަކުރަމެވެ. އެކަމަކު ހަމަ އެ ދުވަސްވަރު ލިޔަމުން ގެންދިޔަ ގޮތަށް "އަޅުގަޑު" މިއީ "އަޅުގަނޑު" ނޫންކަމަށް އަދި "ރަގަޅު" މިއީ "ރަނގަޅު" ނޫންކަމަށް ބައްލަވައި މި ލަފުޒުތައް ވަކިވަކީން ރަދީފުގައި ހިމަނުއްވައިފައި ނުވަނީ ކީއްވެތޯ އަޅުގަނޑު ސުވާލު އުފައްދަމެވެ. މި ސުވާލު މިހެން އުފައްދާންޖެހުނު ސަބަބަކީ ކުރީ ޒަމާނުގައި ހުސްނޫނު ލިޔެފައި ނޯންނަނީ ހަމައެކަނި "އިނބަ" ލިޔާއިރު ނޫންކަމަށް ވެފައި، ހަމަ އެއްވެސް ލަފުޒެއްގައި ހުސްނޫނު ނޯންނާނެތީއެވެ. އެހެނީ ހުސްނޫނުގެ އުޞޫލު ތަޢާރަފުވީ މާ ފަހުންނެވެ. އެހެންނަމަވެސް އެ ލަފުޒުތައް ކިޔާއިރު ހުސްނޫނުގެ އަޑު ނެރޭން ބަހުގެ އަހުލުވެރީންނަށް އެނގޭނެއެވެ. 

ހުސްނޫނުގެ ވާހަކަ ދިވެހިބަހުގެ ތެރެއަށް ވައްދައިގެން އައިސް، ފޮތެއްގައި ފުރަތަމަ އެ ވާހަކަ ލިޔުއްވި ބޭފުޅަކީ އައްޝައިޚު އިބްރާހިމް ރުޝްދީ އަލްއަޒުހަރީއެވެ. އޭނާގެ "ސުއްލަމުލްއަރީބު ފީ ލުޣަތިލް މަޙަލްދީބިއްޔާ" ނަމަކަށް ކިޔާ ފޮތުގައި ބަޔާންކުރައްވައިފައިވާ ގޮތުގައި ނޯށަން އަރުވައި ކިޔާންޖެހޭ ކަން އަންގައިދޭ ނިޝާނެއް ނެތް ނަމަ ނޯށަން އަރުވައި ކިޔަން އެނގޭނީ ކުޑަކޮށް ވިސްނައިލައިފިނަމަ ކަމަށް ވަތީ، މާބޮޑު ވިސްނުމަކާ ނުލައި ކިޔަންވާ އަޑުން ކިޔުމަށްޓަކައި ނޯށަން އަރުވައި ކިޔަން ޖެހޭ ކޮންމެ އަކުރެއްގެ ފަހުގައި ހުސްނޫނު ލިޔުން ލާޒިމުވާނެއެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވައިފައިވާ "ބަހުގެ ހަމަ"އިގައި ވާ ގޮތުން ހުސް ނޫނުގެ އަޑު ފާޅުވާ ކޮންމެ ތަނެއް ލިޔާންވާނީ ހުސްނޫނާ އެކުގައެވެ. ނޯށަށް އަރުވައި ކިޔާންޖެހޭ ކޮންމެ ތަނެއްގައި ހުސްނޫނު ލިޔުން ލާޒިމުވީ މި ދުވަސްވަރުން ފެށިގެންނެވެ. މި ދެންނެވި ދުވަސްވަރާ ހަމަޔަށް ވެސް އަޅުގަނޑު، ރަނގަޅު، އިނބަ ފަދަ ލަފުޒުތައް ލިޔެ އުޅުނީ ހުސްނޫނު ނުލައެވެ. އެކަމަކު އެންމެން ވެސް "އަޅުގަނޑު"، "ރަނގަޅު" މި ދެ ލަފުޒު އޭރުވެސް ކިޔައި އުޅުނީ ނޯށަށް އަރުވައިގެންނެވެ. "އިނބަ" މި ލަފުޒަށް ދިމާވީ މާ ހިތާމަވެރި ގޮތެކެވެ. އެއީ ޢާއްމު އަދަބީ ބަހުރުވައިގައި ޢާއްމުކޮށް ބޭނުންކުރާ ލަފުޒަކަށް ނުވާތީ، "އިބަ" ހުސްނޫނުނު ނެތި ލިޔެކިޔައި އުޅުމުން އެ ލަފުޒު ކިޔާންޖެހޭ ގޮތް ޢާއްމު އަދަބީ ބަހުރުވައިގެ އަހުލުވެރީންނަށް އެނގިވަޑައިގެންފައި ނެތީއެވެ. އަދި އެ ލަފުޒު ރަދީފަށް "ވެއްދި" ބޭފުޅުންގެ ތެރޭގައި "އިނބަ"ގެ އަހުލުވެރިޔަކު (އާދެ! ހައްދުންމަތީ ރައްޔިތަކު) ހިމެނިވަޑައިގެންފައި ނެތީއެވެ. ކޮންމެއަކަސް "އިނބަ" އާއި "އިބަ" އަކީ ހަޤީޤަތުގައި ދެ ލަފުޒެއް ނޫނެވެ. "ރަގަޅު" "އަޅުގަޑު" ވެސް ހުސްނޫނު ނެތި ލިޔަމުން އައި ބީދައިން ލިޔުމުގައި ހުސްނޫނު ބޭނުންނުކުރަނީއެވެ. 

ދިވެހިބަހާއި ތަރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވާ "ފަތްތޫރަ" (މަޖައްލާ) ގައި އަލްމަރުހޫމު ޙަސަން އަޙުމަދު މަނިކު ލިޔުއްވަފައިވާ ގޮތުން ނޯށަން އަރުވައި ކިޔަން ޖެހޭ ތަންތާނގައި ހުސް ނޫނު ނުލައި ލިޔުމަކީ ރަނގަޅު ގޮތެއް ނޫނެވެ. މިއީ މިއަދު ބަހާބެހޭ ރަސްމީ އިދާރާތަކުން ވެސް ގަބޫލުކުރާ ގޮތެވެ. ބަހުގެ އަހުލުވެރީންނާއި އަދީބުން ބޭނުންކުރާ ހަމައެވެ.

ދިވެހި ބަހުން (ހެޔޮކޮށް) ލިޔެފައި ހުންނަ ލިޔުންތަކާއި މަޝްހޫރު އަދީބުންނާއި ބަހުގެ ޢިލްމުވެރީންގެ ބަސްފުޅުތަކަށް ރިޢާޔަތްކުރާއިރު ހުސް ނޫނު ލިޔާންޖެހެނީ ކޮންމެހެން މާނަ ތަފާތުކުރާން ނޫންކަން އެނގެއެވެ. ތަފާތު އެތައް މާނަތަކެއް ދޭހަވާ ލަފުޒުތަކުގެ މާނަ ދެނެގަނެވޭނީ އެ ލަފުޒެއް ޖުމުލައިގައި ބޭނުންކޮށްފައިވާ ގޮތަށް ބަލައިގެންނެވެ. އެހެންވީމާ ހުސްނޫނު ލިޔާންޖެހެނީ ހުސްނޫނުގެ ކުރީގައި އޮންނަ އަކުރު ކިޔާނީ ނޯށަން އަރުވައިގެންކަން އަންގައިދިނުމަށްޓަކައެވެ. އެހެންވީމާ މާނަ ނޯޅުނަސް، އޮޅުނަސް ނުވަތަ ދޭހަކުރަން ފަސޭހަވިޔަސް، އުނދަގޫ ވިޔަސް، "ރަނގަޅު" ލިޔާންވާ ތަނެއްގައި "ރަގަޅު" ލިޔެގެން ކަމަކު ނުދާނެއެވެ. އަދި "އަޅުގަނޑު"ގެ ބަދަލުގައި "އަޅުގަޑު" ލިޔެގެން ވެސް ނުވާނެއެވެ. އެހެނީ /ރަނ/ އާއި /ރަ/ އަކީ ތަފާތު ކޮށް ކިޔަންޖެހޭ ދެއަޑެވެ. އަދި /ގަނ/ އާއި /ގަ/ ވެސް ކިޔެނީ އަދި ކިޔަން ޖެހެނީ ވެސް އެއް ގޮތަކަށް ނޫނެވެ.

ނޯށަން އަރުވައި ކިޔާންޖެހޭ ކޮންމެ ތަނެއްގައި ހުސް ނޫނު ބޭނުމަކީ ނޯށަށް އަރުވައި ކިޔާންޖެހޭ ތަންތަން ލިޔުމުން ފާހަގަކުރެވުމެއެވެ. ކިޔާންވާ ގޮތް އޮޅުނަ ނުދިނުމެވެ.

ނޯށަން އަރުވައި ކިޔާންޖެހޭ ތަންތަން ނޯށަން ނާރުވައި ކިޔާނަމަ އޭގެ އަޞްލު މަޚުރަޖު ގެއްލެއެވެ. ބަހުގެ ރީތި ކަމާއި އޮމާންކަން ނެތިދެއެވެ. އެއީ ބަހަށް ލިބޭ ވަރަށް ފަޤީރުކަމެކެވެ. ބަހަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ކުރެވޭ ވަރަށް ބޮޑު އިހާނާތެކެވެ.

ދިވެހިބަހަކީ  އިވޭ  ކޮންމެ  އަޑެއް  ލިޔުމުގެ ޤާބިލްކަން  ލިބިފައިވާ  ބަހެއް  ކަމަށް  އަޅުގަނޑުމެން ދަޢުވާކުރާ އިރު،  ބަހަށް  ލިބިފައިވާ މި  ކުޅަދާނަކަން  އަމިއްލަޔަށް  ދޫކޮށްލުމަކީ  ބަހަށް  ވެވޭ  ޚިޔާނާތެއް  ކަމުގައި  ނޫނީ  ނުވާނެއެވެ.  އެހެންވީމާ  ދިވެހި  ބަހުން  ލިޔާ އިރު  އެ ލަފުޒަކުން  "އިއްވާ"  ހުރިހާ އަޑުތަކެއް ވެސް ލިޔާންވާނެއެވެ.   ނޯށަށް  އަރުވައި  ކިޔާންޖެހޭ  ކޮންމެ  އަކުރެއްގެ  ފަހަތުގައި ހުސްނޫނު  ލިޔާންވާނެއެވެ. ދިވެހިބަސް  ލިޔެއުޅުމުގެ އުސޫލަކީ މިއީއެވެ. ދިވެހިބަހުގެ ޤަވާއިދާއި ހަމައަކީ ވެސް މިއީއެވެ.

__________________

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ