އަދުގެ ޚާއްސަ

Print

ކޮވިޑް 19: ތޮއްޑޫ ކަރާގެ ބާޒާރަށް ލުއި ނަޒަރެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ

އާދަމް ނަޞީރު އިބްރާހީމް (2020) 

ތޮއްޑޫގެ ނަން އިވޭ އިރަށް، ވަރަށް ގިނަބައެއްގެ އަރުތެރޭ ފޮނިރަހަލާހެން ހީވެއެވެ. އެއީ ތޮއްޑުއޭ ހަމަ ބުނާ އިރަށް ކަރައެއް ދޯއޭ އަހާތީއެވެ. ކޮންމެޔަކަސް މި ކަމުން އެނގެނީ ތޮއްޑުއާ ކަރަޔާ ދެމެދު އޮތް ގުޅުމެވެ. އެ ގުޅުމުގެ މައްޗަށް ލިބިފައިވާ މަޝްހޫރުކަމެވެ.  ނަމަވެސް މި ގުޅުމުގެ ފެށުމަކީ ކޮބައިކަމެއް، ތޮއްޑޫގައި އެންމެ ފުރަތަމަ ކަރާ ހެއްދި މީހަކީ ކާކުކަމެއް، ނުވަތަ އެ ކަރާ އިންދި އަހަރަކީ ކޮބައިކަމެއް އަދި އެނގިފައެއް ނެތެވެ. އިވިފައި ހުރި ވާހަކަތަކުން އެނގޭ ގޮތުގައި ޝަމްސުއްދީނު ރަދުންގެ ޒަމާނުގައި ވެސް ތޮއްޑޫ މީހުން ކަރާ ހިފައިގެން މާލެ ދަތުރުކޮށްފައި އެބަ ހުއްޓެވެ. އެހެނީ މަޝްހޫރު ތާރީޚު ލިޔުންތެރިޔާ އަޙްމަދު ޝަފީޤުގެ ދުނިޔޭގައި އޭނާ އަޅުގަނޑު ގާތު ވިދާޅުވި ގޮތުގައި އަޅުގަނޑުގެ މުނިކާފަ ތޮއްޑޫ ދޮންކަލޭފާނު ކަރާ ހިފައިގެން ޝަފީޤު އަރިހަށް އެ ގެޔަށް ދުރުވެއެވެ. 

މި ލިޔުމުގައި ކުރުގޮތަކަށް ބަލައިލާނީ ކޮވިޑް 19 އާ ގުޅިގެން ތޮއްޑޫ ކަރާގެ ބާޒާރަށް މިހާރު އައިސްފައިވާ ބަދަލާ ހަމައަށް ކަރާގެ ބާޒާރު ދަތުރުކުރި ގޮތަށެވެ. 

ތޮއްޑޫ ކަރާގެ ވިޔާފާރި އެންމެ ފުރަތަމަ އޮތީ އަތޮޅުގެ ރަށްރަށަށް ކަމަށްވެއެވެ. ކަރާ ހައްދައިގެން އަތޮޅުގެ އެކި ރަށްރަށަށް ދަތުރުކުރަނީއެވެ. ނަމަވެސް އަރިއަތޮޅު އެކުލެވިފައި އޮންނަ ގޮތުން ތޮއްޑުއަކީ އެހެން ރަށްރަށާ ހިސާބަކަށް ދުރުގައި އޮންނަ ރަށަކަށް ވާތީ، މިއީ ވަރަށް ދަތި އަދި ބައެއް ފަހަރަށް ވަރަށް ގެއްލުން ބޮޑުކަމެކެވެ. އެއީ މޫސުމުގެ ފުރޮޅުންތައް އޮންނަ ގޮތުންނެވެ. 

ނަވާރަ ސަތޭކަ ހަތްދިހައިގެ އަހަރުތަކުގައި ރާއްޖޭގައި އޮޑިދޯނި ފަހަރުގައި އިންޖީނު އެޅުނެވެ. އޮޑިދޯނި ފަހަރުގައި އިންޖީނު އަޅަން ފެށުމުން ފަސޭހަކަމާއެކު ކަރާ މާލެ ގެނެވެން ފެށުނެވެ. ފުރަތަމަ ކަރާ ވިއްކަމުން ދިޔައީ މާލޭ ލޯކަލްމާރުކޭޓު ދޮށުގައެވެ. މަރުކޭޓު ދަންނަ އެންމެންނާ ރައްޓެހި ރީތިގަސްދަށުގައެވެ. އޭރު ކަރާ ހުންނަނީ ބާޒާރަށް ގެނެވޭ އެހެން ވެސް ތަކެއްޗާ އެކުގައެވެ. ދަރުފުނިތަކާއި ފަންބޮނޑިތަކާއި ކުކުޅުހާލާ ވެސް އެއް ތަނެއްގައެވެ. ކަރާ ވިއްކަނީ ބޮޑުކުޑަ މިނަށް ބަލައި ފުނިޖަހައިގެން ވަކިވަކީންނެވެ. ކިލޯ ކިރުމެއް ނޯވެއެވެ. ފަހުން ކަރާގެ އަދަދު އިތުރުވެ، ކަރާހިފައިގެން އަންނަ އޮޑި ފަހަރަށާއި ކަރާ ވިއްކާ މީހުންނަށް ޚާއްޞަ އިންތިޒާމުތަކެއް ސަރުކާރު ހަމަޖައްސަވައިދެއްވިއެވެ. 

އަޅުގަނޑު ކަރާ ވިއްކާން އައި ދެ އަހަރެއްގެ ތެރެއިން އެއް އަހަރެއްގެ ހަނދާނެއް ދަންނަވާލާނަމެވެ. ޝަޢުބާން މަހު 30 ހަމަވުމުން އެ ދުވަހު އަޅުގަނޑުމެން ކަރާ [ބިނީމެވެ.]  ދުވާލުގެ ބުރަ މަސައްކަތުން ކަރާ އޮޑިޔަށް ލައި މާލެ އަންނާން ފުރީ މެންދަމު ބާރަ ޖެހިފަހުން، ރަށުން ހާރުކައިގެންނެވެ. އިރު އަރައި ހަގަޑި ބައިވި އިރު ދޯނި އައިސް މާލެ ފަޅަށް ވަންނަނީއެވެ. ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ [ކަރާ އޮޑި ފަހަރަށް ޚާއްޞަ] މި ގޮތަށް ލިޔެފައިވާ ނަންފިލާގަނޑެކެވެ. މާލޭ ވާޓަރު ކައިރީ ހުރި ބޯޑެކެވެ. އެ ބޯޑުކައިރީ ހުރި އުމުރުން ދުވަސްވީ މީހަކު އަޅުގަނޑުމެންގެ ދޯންޏަށް ހަނާއަޅައެވެ. ދެ ދޯނީގެ ޖާގަ ފަޅުން އެ ވަނީ ހުސްކުރެވިފައެވެ. އަޅުގަނޑުމެން އެ ހުސްޖާގައަށް ވަދެ އޮޑި ތޮށިގަނޑާ ގާތްކޮށްފީމުއެވެ. ސަރުކާރު ބަންދު މުލަ ރޯދަ ދުވަހެއްގެ ހެނދުނު 6:30 ގައި ރަށްފުށުން ކަރާ ހިފައިގެން އަންނަ ދޯނި ފަޅުގައި އަޅާން ޖާހަގަ ތަނަވަސް ކުރައްވައިގެން އެ ޖާގަ ދައްކަވާން އެއްގަމުގައި ހަނާ އަޅުއްވާން އެހުންނެވީ ކޮންބޭފުޅެއް ތޯއެވެ؟ އޭރުގެ މިނިސްޓަރ އޮފް ޕަބްލިކް ވޯރކްސް އަދި މާލޭ މުނިސިޕަލްޓީގެ ރައީސް އޮނަރަބްލް ޢުމަރު ޒާހިރެވެ. އެއްގަމަށް ފޭބި އިރު މާރުކޭޓުން ވެސް ކަރާ ވިއްކާ މީހުންނަށް ޖާގަ ހައްދަވައިދެއްވައި އެ ތަނަށް ދޮންވެލި ލައްވައިފައިވެއެވެ. އަދި އޭގެ ފަހުން އަޅުގަނޑު އައި އަހަރެއްގައި މާރުކޭޓުގެ އިތުރަށް މިހާރު އެސްޓީއޯ ހޯމްއިމްޕްރޫވްމެންޓް އާ ދެމެދުން ދެ މަގެއް ބަންދުކުރައްވައި ދޮންވެލި އަޅުއްވައި މަތީން ސަތަރި ދަމައި ހިޔާކޮށްދެއްވައިފައި އޮތެވެ. ކަރާ ވިއްކަނީ ވިއްކާ މީހާ ކިޔާ އަގަށެވެ.  

ރާއްޖެއަށް ޑިމޮކްރަސީ އައިސް ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ތަޢާރުފުކޮށްދޭން ފެށުމުން ކަރާގެ ބާޒާރަށް ވަރަށް ފަސޭހަ ބަދަލެއް އައެވެ. އެއީ ދަތުރުވެރީންގެ މާރުކޭޓު ތަރައްޤީ ކުރެވި ރައްޔިތުންގެ މެންބަރުން އެ މާރުކޭޓުގެ ގޮޅިތައް ނެންގެވުމުން ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމެކެވެ. އެހިސާބުން ފެށިގެން ކަރާ ހިފައިގެން އައިސް ރައްޔިތުން އެ ކަރާ ވިއްކާން ތިބޭކަށް ނުޖެހެއެވެ. ކަރަޔަށް އަގުކިޔާކަށް ވެސް ނުޖެހެއެވެ. ރަށުގައި އުޅޭ ބަންގާޅު މީހުންގެ ހަވާލުގައި ކަރާ މާލެ ފޮނުވަނީއެވެ. ފޮނުވީމާ މަރުކޭޓުން އެ ކަރަޔާ ހަވާލުވާނީ ވެސް ބަންގާޅު މީހެކެވެ. އެއަށް އަގު ކަނޑައަޅާނީ ވެސް ބަންގާޅު މީހެކެވެ. ނުވަތަ ގޮޅީގައި ވިޔާފާރިކުރާ ވަތްގަނޑު ދޮށުގައި ބައެއް ފަހަރަށް އިންނަ ކޮންމެ ވެސް ދިވެއްސެކެވެ. 

ފަހަކަށް އައިސް ކަރާ ހެއްދުމުގެ މަސައްކަތް ވަރަށް ބޮޑަށް ޓެކްނޮލޮޖީއާ އަދި އެ ނޫންވެސް ޚަރަދުތަކާ ގުޅިއްޖެއެވެ. މިހާރު ކަރާ ދަނޑެއް ހައްދާން ގާތްގަނޑަކަށް ވިއްސަކަށް ތިރީހަކަށް ހާސް ރުފިޔާ ޚަރަދުކުރާކަމަށްވެއެވެ. އެއީ އެ ތާނގައި މަސައްކަތް ކުރާ ދިވެހީން ފިޔަވައި، އެ ކަމަށް ގެނެސްފައިވާ ބިދޭސީ މީހާގެ ޚަރަދުތައް ނުލައެވެ. ގަސްކާނާއާއި މެޝިނަރީއާއި އެ ނޫންވެސް ތަކެތީގެ އަގެވެ. 

ކޮވިޑް 19 މިއައީ މި ފަދަ ހާލަތެއްގައި ކަރާގެ މަސައްކަތް އޮއްވައެވެ. މަސައްކަތް ލުއިވެ އެއިން ލިބޭ އެއްޗެއް ވެސް އިޙްސާސް ނުކުރެވޭހައި ލުއިވެފައި އޮއްވައެވެ. މި ފަހަރު ކިހިނެއް ވާނެބާއެވެ؟ 

ކޮވިޑް 19 އާ ގުޅިގެން ފުރަތަމަ ލިބުނީ ހިތާމަވެރި ޚަބަރެކެވެ. މާލެއަށް ދަތުރުކުރުން މަނާވީއެވެ. ނަމަވެސް އޭގެ ފަހުން ވަރަށް އުންމީދީ ޚަބަރެއް ލިބިއްޖެއެވެ. ދަނޑުވެރީން ދަނޑުގައި ނުވަތަ ގޭގައި ތިބޭންވީއެވެ. އެއްވެސް ކަމަކާ ކަންބޮޑުވެ ހާސްވާނެކަމެއްނެތެވެ. ދަނޑުވެރީން ހައްދާ ތަކެތި އެސްޓީއޯއިން ގަންނާނެއެވެ. ނަމަވެސް ދެތިން ދުވަސް ފަހުން ދެން އެނގުނީ ދަނޑުވެރީން ހައްދާތަކެތީގެ ތެރޭގައި ކަރާ ނުހިމެނޭކަމެވެ. އެސްޓީއޯއަށް ކަރައެއް ނުގަންނާނެއެވެ. އެހެންވީމާ މި ރަމަޟާން މަހު ކަރާގެ ބާޒާރު އޮތީ ކިހިނެއް ބާވައެވެ؟ އަގު ހުރީ ކިހާ ހިސާބެއްގައި ބާވައެވެ؟ 

މީގެ ދެތިން ދުވަސް ކުރިން ރަށުގައި ހުރި އަޅުގަނޑުގެ ބޮޑުބޭބެއަށް ފޯނުކޮށް ހާލު އަހުވާލު އޮޅުންފިލުވައިލީމެވެ. ކަރާގެ އަގު ކިހިނެއްތޯ އަހައިލީމެވެ. ބުންޏެވެ. ކަރާގެ އޮންނާނީ ކޮން އަގެއް ހެއްޔެވެ؟ ބިނދެފައި ނެރެ އަތިރިމަތީ ބަހައްޓަނީއެވެ. އެއްރަށެއްގެ ބަޔަކު އައިސް ކަންނެލިކޮޅެއް ބަހައްޓާފައި އެ ހިފައިގެން ހިނގައިދާނެއެވެ. އަނެއް ބަޔަކު އައިސް ރިހާކުރުފުޅިކޮޅެއް ބަހައްޓާފައި އެ ހިފައިގެން ދަނީއެވެ.  އޮންނާނީ ކޮން ގޮތެއް ހެއްޔެވެ؟ ކަރާ ނޫން ކޮންމެ އެއްޗަކަށް ވެސް މިއަދު އެ ވިއްކަންވީ ނޫންހެއްޔެވެ؟ 

__________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ