އަދުގެ ޚާއްސަ

Print

މަޢާފު (1)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު (ހއ.ދިއްދޫ)

ހެނދުނު އިރުއެރުމުގެ ކުރިން ގޯތިތެރެ ކުނިކެހުމަށްޓަކައި ޖަހުޒާ އަވަސްވެގަތެވެ. ފަތިސް ނަމާދަށްފަހު ކޮންމެ ގެއެއްގެ ގޯތިތެރެ ސާފުކުރުމުގެ އާދައަކީ ރަށުގެ އަންހެންވެރީންގެ ކަށީގައި ހިފައިފައިވާ ކަމެކެވެ. ކުނިކަހައި ނިމިގެން އިލޮށިފަތި ބަހައްޓައިފައި ގޭތެރެއަށް ވަނުމާއެކު މީހަކު އޭނާއަށް ގޮވާހެން ޖަހުޒާއަށް ހީވިއެވެ.

"ޖަހުޒާ.. ޖަހުޒާ.." އަވަށްޓެރިއެއް ކަމަށްވާ ޒައިނަބުގެ އަޑުއިވުނެވެ. އެ އަޑަށް ޖަހުޒާ ބޭރަށް ނިކުތެވެ. 

ބަލަ، މިތާ ޖޯލީގައި އިށީންނަން!" ޒައިނަބުގެ ވާހަކަ ހުރި ގޮތުން ޖަހުޒާ ކަންބޮޑުވިއެވެ. ވަރުގަދަ ޚަބަރަކައިގެން  ނޫނީ ޒައިނަބު އައިސް އެ ގޮތަކަށް ނުގޮވާނެކަން ޖަހުޒާއަށް އެނގެއެވެ. ދެމީހުން ޖޯލީގައި އިށީނދެއްޖެއެވެ. ރަށުގައި ހިނގާ ގިނަ ޚަބަރުތައް އެންމެ އަވަހަށް އަޑުއިވޭ މީހަކަށް ޒައިނަބު ވާނެއެވެ. އެ ގޮތަށް ޚަބަރުނަގާ ގިނަ މީހުންނާ ޚިލާފަށް ޒައިނަބު ގެންނާނީ ތެދު ޚަބަރެވެ.

"ކޮންކަމަކާތަ ތިހާ ބާރަށް ތިޔަ ގޮވީ؟ ކޮން ޚަބަރަކައިގެން ތިޔަ އައީ؟" ޖަހުޒާ އެހީ ސުވާލުން ފުރިގެންވާ ބެލުމަކާ އެކުއެވެ.

"މި ވާހަކަ ދައްކާން ދެރަވެސްވޭ. އެކަމަކު އެންމެ ރަނގަޅު ގޮތަކީ އިވުނު ޚަބަރު ޖަހުޒާއަށް އިއްވުމޭ މަގޭ ހިތް އެބަ ބުނޭ."  ޒައިނަބުގެ ވާހަކަ ކުރިއަށް ގެންދަނީ ދުރުދުރުންނެވެ. 

"ތިޔަހާ ހާސަރު ނުދަމައި ތިޔަ ވާހަކައެއް ބުނެބަލަ." ޖަހުޒާ ކެތްތެރިކަން ކުޑަ ރާގެއްގައި ބުންޏެވެ. 

"ރޭގައި ބަޔަކު ޝަމްސިއްޔާގޭ ދޮށީ މަންޖެގެ ދުވަސް ދުއްވާލި ވާހަކަ މި ރަށުތެރޭގައި އެބަކިޔާ." ޒައިނަބުގެ ޚަބަރުން ޖަހުޒާ އަނގަމަތީ އަތްއެޅިއެވެ. ޖަހުޒާގެ ދޮށީ ދަރިފުޅު އެ ޢަމަލު ހިންގި ގްރޫޕްގައި ހިމެނޭނެކަން ޒައިނަބަށް ޔަޤީންވި ނަމަވެސް ސީދާ އެހެން ބުނާކަށް ނުކެރުނެވެ.

"ކިހިނެއް ހިނގި ކަމެއްތީ؟ މިހާރު އެ މަންޖެ ކޮބާ؟" ޖަހުޒާ ކަންބޮޑުވެ ހުރެ އެހިއެވެ. 

" ހޮސްޕިޓަލްގައި. އޭނަ ރޭގައި ދިޔައީ ކްލާސް ކުދީންނާ އެކު ގްރޫޕް ސްޓަޑީޒް ހަދަން ރައްޓެހި ކުއްޖެއްގެ ގެއަށް. ނިމިގެން ގެއަށް ދިޔަ މަގުމަތިން ބަޔަކު ކުރި ކަމަކަށްވަނީ. އެ ގްރޫޕް ހުރިހާ ކުދީން ތިބީ މޫނު ނިވާކޮށްގެން. އެހެންވެ ލައިބާއަކަށް ކޮން ބަޔެއްކަމެއް ނޭނގުނޯ ކިޔަނީ. އެހެންވިޔަސް އެ ގްރޫޕް ކުދީންގެ ބައެއް ސިފަތައް ލައިބާ ކިޔައިދިން." ޒައިނަބުގެ ވާހަކައަށް ޖަހުޒާ ވިސްނަމުން ދިޔައެވެ. ނާހިޒު އެ ގްރޫޕްގައި ނުވުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ.

"އަންހެން ދަރީން ގެންގުޅެން މިޖެހެނީ ޖަވާހިރު ގަނޑެއްހެން ފޮރުވައިގެން. އެހެންނޫނީ ކޮންމެވެސް ބައެއްގެ ވަކިތަކުގައި ނުޖެހި ނުދާނެ." ޖަހުޒާ ބުންޏެވެ.

"އަހަރެމެންގެ މުޖުތަމަޢުގައި އަންހެން ދަރިން ފޮރުވާ ފަދައިން ފިރިހެންދަރިން ވެސް ގެންގުޅޭންވީ ހިފަހައްޓައިގެން. ފިރިހެން ކުދީންނަށް މާބޮޑަށް މިނިވަންކަން ދެވެނީ. އޭގެ ނާޖާއިޒު ފައިދާ ނަގަނީ ބޮޑަށް ފިރިހެންކުދީން." ޒައިނަބާ، ޖަހުޒާ ވާހަކައިގައި އިރުކޮޅަކު ތިބުމަށްފަހު ޒައިނަބު ދިޔުމުން ޖަހުޒާ ގޭތެރެއަށް  ވަނެވެ.  

މެންދުރު ބަންގި ގޮވުމާއެކު ފިހާރަ ބަންދުކޮށްފައި ހުޖޫދު އަވަސްވެގަތީ މިސްކިތަށް ދިއުމަށެވެ. ނަމާދުކޮށް ނިމިގެން ގެއަށްދިޔަ މަގުމަތީގައި ދިމާވި ރަށްޓެއްސެއްގެ ފަރާތުން ރޭގައި އެރަށުގައި ހިނގި ނުރައްކާތެރި ރޭޕްކުރުމުގެ ވާހަކަ އަޑުއިވުނެވެ. ޝައްކުކުރެވޭ ގްރޫޕް ކުދީންގެ ތެރޭގައި  ހުޖޫދުގެ ދޮށީ ފިރިހެންދަރި ނާހިޒު ވެސް އުޅޭނެކަން ހުޖޫދަށް ޔަޤީނެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައިހުރެ ހުޖޫދު ގެއަށް ވަދެއްޖެއެވެ. ހުޖޫދުގެ މޫނުމަތިން ރުޅިވެރި ކަން ފާޅުވަމުން ދިޔައެވެ. 

" ޖަހުޒާ! ކޮބައިތަ ނާހިޒު؟" ގެއަށް ވަނުމާއެކު ހުޖޫދު އެހީ ނާހިޒުގެ ވާހަކައެވެ. 

" އެސޮރަށް ދުވާލަކީ ރޭގަނޑު. ރޭގަނޑަކީ ދުވާލު." ޖަހުޒާ އެހެން ބުނުމުން ރޭގައި ހިނގި ހާދިސާގެ ވާހަކަ ހުޖޫދު ކިޔައިދިނެވެ. 

" ތިޔަ ވާހަކަ ޒައިނަބުގެ ފަރާތުން އަހަރެން ވެސް އަޑުއަހައިފިން."

"އަހަރެންގެ ހިތް ބުނަނީ ނާހިޒު އޭގައި ހިމެނޭނެކަމަށް. ލިބިފައި ތިބި ދެދަރިން އެހާ ތަފާތު." ހުޖޫދުގެ ވާހަކައިގައި ޖަހުޒާ ވެސް ބައިވެރިވިއެވެ. ހަގަށް ހުރި ނާހިލާއި ނާހިޒުގެ އުޅުން ދެމީހުންނަށް އަޅައި ކިޔައިލެވުނެވެ. 

"އަހަރެމެން ނާހިޒާ މެދު ކިހާ އުއްމީދެއް ކުރީން! އެކަމަކު އޭނާ ޚިޔާރުކުރީ އޭގެ އިދިކޮޅު. ދީނީ ގޮތުން ރަނގަޅު ހުރިހާކަމެއް ދަސްކޮށްދިނީން. ގްރޭޑް ހަތެއް ނިންމިއިރު ވެސް މި ރަށުގައި އެންމެ ބަސްއަހާ ކުދީންގެ ތެރޭގައި ނާހިޒުވި. ކިޔަވާން މާލެ ފޮނުވީމާ އެސޮރަށް އެހާ ބޮޑު ބަދަލެއް އައިސްގެން އެއުޅެނީ. އެންމެފަހުން ކިޔެވުނީކީ ވެސް ނޫން. އަހަރެމެން ދިން ތަރުބިއްޔަތު ނުވި އެއްވެސް އެއްޗަކަށް. މާލެފޮނުވިއަސް ނާހިޒަށް ދަތިކަމެއް ނޯންނާނެ. ބުނި ކޮންމެ ކަމެއް ކޮށްދިނިން. ސްކޫލަށް އެއްޗެއް ގެންދަން ޖެހުނަސް ހޯދައިދިނިން. ބުނިވަރަކަށް ފައިސާ ފޮނުވިން." ކާމޭޒު ކައިރީގައި އިށީންނަމުން ޖަހުޒާ ވާހަކަ ކުރިއަށް ގެންދިޔައެވެ. އަދި ނާހިޒު އުފަންވި ދުވަހުގެ ހަނދާން އެދަމިފިރިން އާކުރަމުން ދިޔައެވެ.

***               

ގެއަށް އުފާވެރިކަން އައިސްފައިވަނީ މިއަދު ޖަހުޒާ އާއި ހުޖޫދުގެ ދެމަފިރިންނަށް އަލަށް ދަރިއަކު ލިބުމުންނެވެ. ގޭގެ އެއްބަޔަކު އަވަސްވެގަތީ އުފަންވި ކުއްޖާއަށް ނަން ކިޔުމަށް، ރީތި ނަމެއް ހޯދުމަށެވެ. އަނެއްބަޔަކު ނަންކިޔާދުވަހަށް ކަތިލާނެ ބަކަރި ހޯދުމަށް އަވަސްވެގަތެވެ.  ޖަހުޒާ އަލަށްލިބުނު ފިރިހެން ދަރިފުޅާ ދިމާއަށް ބަލަން އޮތީ އެމަންމަގެ ހިތުގައި ދަރިފުޅަށްޓަކައި އޮތް ލޯބީގެ ބޮޑުކަމުންނެވެ. މައިވަންތަ ކަމުގެ ލޯބި އެދަރިފުޅު އުފަންވުމުން އިތުރުވެގެން ހިނގައްޖެއެވެ.

ޖަހުޒާ އުފުލި ވޭނާއި ކެކުޅުން ފިލައި ދިޔައީ އެމައުޞޫމް ތުއްތު ދަރިފުޅު ފެނުމުންނެވެ. އެ ދަމިފިރިން މިއަދަށްޓަކައި އެތައް ކަމެއް ތައްޔާރުކުރިއެވެ. ދަރިފުޅަށްޓަކައި އެތައް ބައިވަރު އެއްޗެއްސެއް ގަނެ ފޮރުވިއެވެ. އެންމެ ކުޑަމިނުން ދަރިފުޅު އުފަންވާ ވަގުތަށް ކަދުރުގެ ފޮނިރަހަ ލެއްވުމަށް ވެސް ހަނދާން ނައްތައެއް ނުލައެވެ. އެހާ ވެސް ބޮޑަށް އެދެމަފިރިން ތިބީ ތައްޔާރުވެގެންނެވެ. ދަރިފުޅު އުފަންވުމާއެކު އެދަރިފުޅަށް ޓަކައި ކުރާ އުއްމީދުތައް އެތައް ގުނައަކަށް އިތުރުވިއެވެ.  

"ހުޖޫދު. ބަލާބަލަ އަހަރެމެންގެ ދަރިފުޅު ނިދާލާފައި އޮތްލެއް ލޯބިކަން. މި ދަރިފުޅަށް އަޅައިލުމާއި ލޯބި  އުނިވިޔަކަ ނުދޭނަން. ދަރިފުޅު ޤައުމީ ބަޠަލަކަށް ވުމަކީ އަހަރެންގެ އުންމީދު." ހެވިފައި އޮވެ ޖަހުޒާ ވާހަކަ ކުރިއަށް ގެންދިޔައެވެ. އެ ވާހަކަތަކަށް ހުޖޫދު ހިނިތުން ވިއެވެ. 

ހަތް ދުވަސް ވުމުން ނަންކިޔައި އެދަރިފުޅުގެ ބޯ ބާލައި ބޮލުގެ އިސްތަށީގެ ބަރުދަނަށް ރިހިން ޞަދަޤާތްކުރިއެވެ. ދަރިފުޅު ގާތުގައި ޤުރުއާން ޖެހުން އާދައަކަށް ހެދިއެވެ. ތިން އަހަރު ވީއިރު ކާޓޫން ބަލާން އުޅޭތީ ދަރިފުޅު ކާޓޫން ބެލުން ފަދަ ކަންކަމުން ދުރުކުރުވިއެވެ. އިރުއޮއްސޭވަގުތު އެދަރިފުޅު ލައްވާ ޤުރުއާން ކިޔެވުން އާދަކުރުވިއެވެ. ރަށުގައި ރީތިކޮށް ޤުރުއާން ކިޔަވަން އެންމެ މޮޅު ކުދީންގެ ތެރޭގައި ނާހިޒުވިއެވެ. ކޮންމެ އަހަރަކު ރަނގަޅު ނަތީޖާއެއް ހޯދުމަށް ދަރިފުޅަށް ހިތްވަރު ދިނެވެ. އެދަރިފުޅު އެދޭ ކޮންމެ ކަމެއް ވަގުތުން ކޮށްދެވޭތޯ މަންމަ އާއި ބައްޕަ ދިޔައީ ބަލަމުންނެވެ. 

ނާހިލް ލިބުމުން ވެސް ނާހިޒުގެ ކަންކަން ދޫކޮށްނުލައި ޖަހުޒާ ދެ ދަރީންނަށް ހަމަހަމަކޮށް ކަންތައް ކޮށްދެވޭތޯ ބެލިއެވެ. ގްރޭޑް ހަތަކުން އޭ-ރިޕޯޓް ގެނައުމުން އިތުރަށް ކިޔަވާން މާލެ ފޮނުވާން ހުޖޫދު ވިސްނިއެވެ. 

"ބައްޕާ. މާލޭގައި ކިހިނެއް އެކަނި އުޅޭނީ. ހިނގާކަށް ވެސް ނޭނގޭނެ. އެހާ ބޮޑެތި ޢިމާރާތްތައް ހުންނަތަނެއް އެއީ. ނުލާހިކު ބިރުގަނޭ އެކަނި އުޅޭން." ނާހިޒު މާލެދާން ބޭނުންނުވާ ގޮތަކަށް ވާހަކަ ދައްކަމުން ދިޔައެވެ.

"ދަރިފުޅު އެކަންޏެއް ނުވާނޭ. ދައްތައެއް ކައިރިއަށޭ މިފޮނުވަނީ. ދައްތަ ގެންދާނެ އިސްކޫލަށް ވެސް. ނަފީސައްތަ ކައިރިއަށޭ މިފޮނުވަނީ. މޮޅަށް ކިޔެވޭނީ މާލެ ދިޔައިމަ. އެހެންނޫނަސް ރަށުގައި ކިޔެވެން ނެތީމަ ދަރިފުޅަށް މޮޅުގޮތް ހޯދައިދޭން މިފޮނުވަނީ. މަންމަ އާއި ބައްޕަ އެންމެ އުފަވާނީ މޮޅަށް ކިޔަވައިގެން ދަރިފުޅު އެދޭ ކަހަލަ ޑޮކްޓަރަކަށް ނޫނީ ފުލުހަކަށް ވެގެން ރަށަށް އާދެވޭ ދުވަހަކުން." ހުޖޫދުގެ ވާހަކަ އަޑުއިވުމުން ނާހިޒު ކުރިއަށްވުރެ ބޮޑަށް އުފާވިއެވެ. ހަމައެއާއެކު މާލެ ދާން އެއްބަސްވިއެވެ.

ކުޑައިރުން ފެށިގެން ނާހިޒު ބުނާ ވާހަކައެއް އޮވެއެވެ. މޮޅަށް ކިޔަވައިގެން ލާރި ލިބޭން ފެށުމުން މަންމަ އާއި ބައްޕަ ޙައްޖަށް ފޮނުވާނެ ވާހަކައެވެ. ކޮއްކޮ ނާހިލް އަށް ކިޔަވައިދޭނެ ވާހަކައެވެ. މާމައާއި ކާފައަށް ވެސް އެހީވާނެ ވާހަކަ އަބަދު ދައްކާނެއެވެ.  

***

އެކި ރަށްރަށުން އައިސްތިބި ކުދީންނާއެކު އާ މާޙައުލެއްގައި ނާހިޒުގެ ކިޔެވުން ފެށިއްޖެއެވެ. އެ ކުދީންނަކީ ކިޔަވާން ރަނގަޅު ކުދީންނެވެ. ރަށުން އައިތާ ފުރަތަމަ ދުވަސްކޮޅު ނާހިޒު ރަށާއި ޢާއިލާ މަތިން ވަރަށް ހަނދާންވިއެވެ. އެހެންނަމަވެސް ދެތިން މަސް ހޭދަވީއިރު މާލެއަށް ހޭނިއްޖެއެވެ. އޭގެ ދެ އަހަރު ފަހުން ގްރޭޑް ނުވައެއްގައި އުޅެންޖެހުނީ ކިޔެވުމަށް ސަމާލުކަން ދޭ ކުދީންތަކަކާ އެކީގައެއް ނޫނެވެ. ގިނަކުދީން އިސްކޫލަށް ދަނީ ހަފުތާއަކު އެއްދުވަހު ނޫނީ ދެ ދުވަހުއެވެ. 

މައިންބަފައިން މާލެ ފޮނުވި މަޤުޞަދު ނާހިޒު ހަނދާން ނެތިއްޖެއެވެ. ރަށުގައި އުޅުނުއިރު ފަސް ވަގުތު ނަމާދުކުރާން އާދަވެފައި ހުރި ނާހިޒު ބަންގީގެ އަޑަށް ބީރަށްޓެހިވެއްޖެއެވެ. ކުޑައިރު މަންމަ ފަތިސްނަމާދަށް ގޮވައި ހެދިޔަސް މާލެއައުމުން ނަމާދުކުރަން ބުނާނެ މީހަކު ނެތެވެ. ނާހިޒު ކުލާހުގެ ގިނަ ކުދީން މަގުމަތީ އުޅޭ ހޭބުއްދި ފިލާފައި ތިބި ކުދީންނާ ރައްޓެހި ވެއްޖެއެވެ. ނާހިޒަށް އެ ގްރޫޕްގެ ކުދީން ކަމުދާން ފަށައިފިއެވެ. ކޮންމެ ރެއަކު ނިދަން ގެއަށް ދާގަޑި ލަސްވެއްޖެއެވެ. ބަހައްޓައިފައި ހުރިގޭ ދައްތަ ބޭނުންވަނީ ފައިސާއެވެ. ކުދީން އުޅޭނޫޅޭ ގޮތް ބަލައެއް ނުހަދައެވެ. 

***

" ނާހިޒު. މީގެ ރަހަ ބަލައިލަބަލަ." ސައިމު އެހެން ބުނުމުން ނާހިޒު ސިނގިރެޓްގައި ފުރަތަމަ ފަހަރަށް އަތްލިއެވެ. އަދި ގްރޫޕް ކުދީން ކިޔާން ފެށުމުން  ސައިމު ދިން ސިނގިރެޓްގެ ރަހަ ބަލައިލައިފިއެވެ. ފުރަތަމަ ފަހަރު ކޮށިއެރުމާއެކު ކެއްސައިގަތެވެ.

(ނުނިމޭ)

އިދާރާ

ވާހަކަ