އަދުގެ ޚާއްސަ

Print

މަޢާފު (2)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު (ހއ. ދިއްދޫ)

(29 އެޕްރީލް 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

"ނާހިޒު. މީގެ ރަހަ ބަލައިލަބަލަ." ސައިމު އެހެން ބުނުމުން ނާހިޒު ސިނގިރެޓްގައި ފުރަތަމަ ފަހަރަށް އަތްލިއެވެ. އަދި ގްރޫޕް ކުދީން ކިޔާން ފެށުމުން  ސައިމު ދިން ސިނގިރެޓްގެ ރަހަ ބަލައިލައިފިއެވެ. ފުރަތަމަ ފަހަރު ކޮށިއެރުމާއެކު ކެއްސައިގަތެވެ. އެހެންނަމަވެސް ކެއްސަމުން ދެ ތިން ފަހަރަކު ސިނގިރެޓް ދަމައިލައިފިއެވެ. ދެތިން ފަހަރު ދަމައިލުމުން ހަށިގަނޑަށް އަރާމު ވާހެން ހީވާންފަށައިފިއެވެ. 

"އަދި ދީބަލަ އެއްފަހަރު. ތީގެ ވަހާއި ރަހަ ބަނޑުފުރޭހައިވޭ." ނާހިޒު އަނެއްކާ ވެސް ދެތިންފަހަރު ރަހަބަލައިލައިފިއެވެ. އެއަށްފަހު ކޮޓަރިއަށް ދެމިއްޖެއެވެ. 

ހޭވެރިކަން ވުމާއެކު ރައްޓެހިން ކައިރީގައި އޭނާއަށް ވީ ކީއްތޯ އެހިއެވެ. އެމީހުން ކިޔައިދިން ވާހަކަތަކުން އެކުރެވުނު ކަމަކާމެދު ދެރަވެ ދެވަނަ ފަހަރު އެކަހަލަ ކަމެއް ނުކުރާނެކަމަށް ނާހިޒު ހިތާހިތުން ވަޢުދުވިއެވެ. އެހެނަސް އެއީ ކުޑަ ހިނދުކޮޅެއްގެ ވަޢުދެކެވެ. 

"ޖަހުޒާ. މި މަހު ކިތައް ފަހަރު ނާހިޒަށް ފައިސާ ފޮނުވައިފިން މިހާރު. ކީއްކުރަންތަ އެހާ ގިނައިން ފައިސާ ފޮނުވަން އެދެނީ." ހުޖޫދު ވާހަކައަށް ޖަހުޒާ ވިސްނައިލިއެވެ. 

"އަނެއްކާ ނާހިޒު ގޯސްމަގަކުން ހިނގަނީބާ. ނޫން. ނޫން." ނުބައި ޚިޔާލުތަކުން ޖަހުޒާ މަސައްކަތް ކުރީ ދުރުވާށެވެ. އަމިއްލަ ހިތަށް ވިސްނައިދެމުން ދިޔައީ ނާހިޒު އެ ކަހަލަ ކަމެއް ނުކުރާނެ ކަމުގައެވެ. އޭގެ ދެތިންމަސްފަހުން ކުއްލިއަކަށް ފެނުނީ ނާހިޒު އައިސް ގެއަށް ވަންތަނެވެ. 

"ނާހިޒު ދަރިފުޅާ.. ކުއްލިއަކަށް ތިޔަ އައީ ކީއްވެ؟" ޖަހުޒާ ހައިރާންވެ ސުވާލު ކުރިނަމަވެސް ނާހިޒުގެ އަނގަޔަކުން އެއްވެސް އެއްޗެއް ނުބުނެ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. 

"ހަލޯ. ހުޖޫދު. ނާހިޒު އަތުވެއްޖެ." ޖަހުޒާގެ ވާހަކަ އަޑުއިވުމުން ހުޖޫދަށް ޤަބޫލެއް ނުކުރެވުނެވެ.

"އޭނ! ކީކޭ؟ ނުވާނެ ތިހެނެއް. އޭނަ ކިޔެވުން ދޫކޮށްފައި އަންނާނެތަ؟" ޖަހުޒާގެ ވާހަކަ ވެސް މިއަދު ހުޖޫދަށް ޤަބޫލެއް ނުކުރެވުނެވެ. އެ މީހުންގެ ދަރިފުޅަށް އުނިވި އެއްވެސް އެއްޗެއް ނޯންނާނެކަން ހުޖޫދަށް އެނގެއެވެ. ނޭނގުނީ މުޖުތަމަޢު އޮތް ޙާލަތެވެ. ޖެހޭ އެކުވެރިންގެ ސަބަބުން ކިތަންމެ ރަނގަޅު ކުއްޖަކުވެސް ހަލާކުވެދާނެކަމެވެ.  

ޖަހުޒާ އެތައް ފަހަރަކު އަހައިގެން ނާހިޒު ބުނީ ދައްތަ ގިނަ ވަގުތު ގޭގައި ނޫޅޭކަމަށާ، ސްކޫލުން އަންނައިރު ކައްކައިފައި ނުހުންނަ ވާހަކައެވެ. އަދި މަންމައަށް ފައިސާއަށް އަންގާން ޖެހެނީ ހޮޓަލުން ކާންޖެހޭތީ ކަމަށެވެ. 

"އަހަރެންގެ ޢާއިލާ މީހެއްވީމަ ނަފީސައްތަ ކައިރީ އޭނަ ބަހައްޓަން އެދުނީ. އެކަމަކު ނަފީސައްތަ ކަންތައް ކުރިގޮތް ނިކަން ދެކިބަލަ. މަގޭ ދަރިއަށް ކާއެތިކޮޅެއް ދެވޭވަރު ނުވޭ. އެކަމަކު ކޮންމެ މަހަކު އޭނާ ފައިސާގައި ހިފާ. އަދި ކޮބާ އަހަރެމެން ފޮނުވާ ހަދިޔާތައް؟" ޖަހުޒާ ދެރަވެގެން ހުޖޫދު ގާތުގައި ނާހިޒާމެދު ކަންތައް ހިނގާދިޔަ ގޮތް ކިޔައިދިނެވެ. އޭގެ ފަހުން ޖަހުޒާ އާއި ނަފީސާގެ ގުޅުން ކެނޑިގެން ހިނގައްޖެއެވެ. ޖަހުޒާ ދެކޭގޮތުގައި ނަފީސައްތަގެ އަޅައިލުން ކުޑަކަމުން ނާހިޒަށް ނުކިޔަވާ ރަށަށް އަންނަން ޖެހުނީއެވެ. 

***

ނާހިޒަށް އަށާރަ އަހަރުފުރުނުއިރު އެއީ ޒުވާންކަމުން ފުރިގެންވާ ރީތި ފިރިހެންކުއްޖެކެވެ. ފަން އިސްތަށިގަނޑެއް ލިބިފައިވާ ދިގު ހިމަތޮޅި ޒުވާނެކެވެ. ހަމައެކަނި އޭނާގެ ލޯ ފެނުނަސް އަންހެން ކުދީން އެލޮލުގެ އަސަރުގައި ފިދާ ވާނެއެވެ. ދެރަކަމަކީ ނާހިޒުގެ ލޯ ގިނަވަގުތު ނުހުޅުވޭ ކަމެވެ. 

"މަންމާ. ރިސޯޓަކުން  ވަޒީފާ ހަމަޖެހިއްޖެ. މާދަން ފުރަންވެގެން މިއުޅެނީ." ނާހިޒު ދިން ޚަބަރަކީ ޖަހުޒާއަށް އުފާވެރި ޚަބަރެއް ނޫނެވެ. ޖަހުޒާ ބޭނުންވީ ނާހިޒު މޮޅަށް ކިޔަވައިގެން ޤައުމަށް އަދި ރަށަށް އެންމެ ބޭނުންތެރި ޚިދުމަތް ކުރާށެވެ. 

"ދަރިފުޅު ތިއުޅެނީ ރަނގަޅަކަށް ނޫން. ކިޔެވުނީކީ ނޫން. މަންމަމެން އަޅައިދިން ބިންގަލުން ތިހިރީ ކައްސާލައިފަ. މިހާރުދެން މައިންބަފައިންގެ ބަސް ވިކޭ ހިސާބެއްގައެއް ނޫން ތިޔަ ހުރީކީ. މަންމަގެ ނަޞޭޙަތަކީ ކޮންމެ ތަނެއްގައި އުޅުނަސް އަހަރެމެންނަކީ މުސްލިމުންކަން ދަނެގެން އުޅުން." މަންމަގެ ވާހަކަ އަޑުއަހަން އިން ނާހިޒު އާއެނކޭ ބުނެ ބޯޖަހައިލުން ފިޔަވައި އިތުރު ބަހެއް ނުބުނެއެވެ.

ނާހިޒު ރިސޯރޓްގެ ރީތި މަންޒަރުތަކާއެކު ފޭސްބުކަށް އަޕްލޯޑް ކޮށްލާ ފޮޓޯތަކަށް އެތައް އަންހެން ކުދީންގެ ނަޒަރު ހުއްޓެއެވެ. އެތައް ސަތޭކަ ލައިކެއް ލިބެއެވެ. އަންހެން ކުދީންގެ މެސެޖުތަކުން ނާހިޒުއަށް ބުނަން ނޭނގޭ ހިތްހަމަޖެހުމެއް ލިބެއެވެ. 

ރިސޯޓަށް ދެވުމުން ދުވަސްތައް ވޭތުވަމުންދާ ގޮތެއް ވެސް ނޭނގެއެވެ. ޑިއުޓީ ނިންމައިފައި ހުސްވަގުތު ލިބުމުން ދެން އޮންނަނީ ސޯޝަލް މީޑިއާގައެވެ. ޗެޓުން އެންމެ ފުރަތަމަ ލީޒާ އާއި ނާހިޒު ދިމާވި ދުވަހުވެސް ލީޒާގެ ވާހަކަތަކަށް ނާހިޒުގެ ޝައުޤުވެރިކަން ދެވުނެވެ. ލީޒާގެ ބަސްމަގު ނާހިޒުގެ ހިތްހަމަ ޖެހުމަށްވިއެވެ. ނާހިޒު ޑިއުޓީ ނިމުމާއެކު ގިނަވަގުތު ހޭދަކުރަނީ ލީޒާއާ ޗެޓްކުރުމުގައެވެ. ދޭތެރެއަކުން އެހެން އަންހެން ކުދީންނާ ވާހަކަ ދެއްކިއަސް ލީޒާއެއީ ޚާއްޞަ ކުއްޖެއް ކަމުގައިވިއެވެ. 

ނާހިޒަށް ވިހި އަހަރު ފުރުނު އިރު ލީޒާއާއި ރައްޓެހިވެގެން އުޅޭތާ ހަތަރު މަސް ވެއްޖެއެވެ. ނާހިޒު ބޭނުންވީ އަވަހަށް ކައިވެނި ކުރާށެވެ. ލީޒާ އޭރު އުޅެނީ ޓީޗިންގ ކޯހެއް ހަދާން މާލޭގައެވެ. ލީޒާއަކީ އައްޑޫއަށް އުފަން ކުއްޖެކެވެ. 

"ޑިސެންބަރުގައި ލީޒާ ކޯސް ނިމޭނެއްނު. ހިނގާ ކައިވެނި ކުރަމާ." ނާހިޒު އެހެން ބުނުމުން ލީޒާ ވިސްނާލިއެވެ. ކައިވެނި ކުރާވަރަށް ދެމީހުން ދަސްވެއްޖެބާއެވެ. 

" ކޮންކަމަކާ ތިވިސްނަނީ." ނާހިޒު އެހިއެވެ. 

" ކައިވެނިކުރުމުގެ ކުރީން އަހަރެން އެދެނީ އެންމެ ކަމަކަށް. ސިނގިރެޓް ބުއިން ހުއްޓައިލާ." ލީޒާގެ ވާހަކައަށް ނާހިޒު ވަގުތުން އެއްބަސްވިއެވެ. ނާހިޒު ގައިގައި ހަރުލައިފައިވާ ނުބައި އާދަ ލީޒާއަށް ރޭކައިވެސް ނުލައެވެ. ލީޒާއާ ބައްދަލުކުރާން އަންނައިރު ނާހިޒު ހުންނަނީ ނުލާހިކު ރީތިކޮށެވެ. މަސްތުވާ އެއްޗެއްގައި ދުވަހަކު އަތްލި މީހެއްގެ ވައްތަރުވެސް ނާހިޒު ފެންނައިރު ނުޖަހާނެއެވެ. އަނެއްކާ ލީޒާގެ ކޮންމެ ވާހަކައަކަށް ދެބަސްވުމެއްނެތި އެއްބަސްވެއެވެ. 

"ހައި. މުނާ ކިހިނެއްތަ؟ މުނާގެ އަޑު ހާދަރީއްޗޭ. ހީކުރަން ތިޔަ ސޫރަ ވެސް އެހާ ރީތިވާނެ ކަމަށް." ނާހިޒު ތަޢުރީފު އަޑު މުނާއަށް އިވުނެވެ. 

" ނޫނޭ. އަޑު ރީތިވުމަކީ މީހާ ރީތިވުމެއް ނޫން. ނާހިޒު ކަހަލަ ރީތި ސިފައެއް އަހަރެންގެ ނެތް. އަހަރެންގެ ހިތް ރީތިވާނެ. އެ ވަރުން ނުފުދޭނެތަ؟" މުނާގެ ވާހަކަ އަޑުއިވުމުން މުނާ ދެކެލާ ހިތްވެއްޖެއެވެ. އެހެންނަމަވެސް މުނާގެ ފޮޓޯއެއް ފޭސްބުކްގައެއް ނުހުރެއެވެ. އެކަމާ ކިތަންމެ ފަހަރަކު ނާހިޒަށް ޝަކުވާ ކުރެވުނެވެ.

ނާހިޒުގެ މޮޅު ވާހަކަތަކަށް މުނާ ހުރީ ހެއްލިފައެވެ. ނާހިޒާ ބައްދަލުކޮށްލާ ހިތްވެގެން މުނާ ކިތަންމެ ފަހަރަކު ވާހަކަ ދެއްކިއެވެ. ބައްދަލުވާނެ ގޮތެއް ނެތީ، ނާހިޒު ހުރީ މާލެއާއި ކައިރި ރިސޯޓެއްގައި އުޅެފައި، މުނާ ދިރިއުޅެނީ ރާއްޖޭގެ އެންމެ އުތުރުގެ ރަށެއްގައި ވީމައެވެ. އެންމެ އަވަހަށްވެސް ބައްދަލުވެވެން އައީ ޑިސެންބަރު ޗުއްޓީގައި މުނާ މާލެ ދާއިރުއެވެ. 

"ޑިސެންބަރުގައި އަހަރެން ހުންނާނީ ރަށުގައި. ހާދަދެރައޭ. ބައްދަލުވެސް ވާނެކަމެއް ނޭނގެ." ނާހިޒު ދިޔައީ މުނާއަށް އޮޅުވައިލަމުންނެވެ. މިހާރު އެއީ ދެއެކުވެރީން ކަމުގައި ވާހަކަ ދެއްކިއަސް މުނާ ބޭނުންވަނީ ނާހިޒުގެ ލޯތްބެވެ. އެ ހިތުގައި ނާހިޒުގެ ލޯބީގެ ވިންދު ޖަހަންފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ. ބައެއް ފަހަރު ނާހިޒުގެ ވާހަކަ ހުންނަ ގޮތުން މުނާއަށް ހީވަމުން ދިޔައީ ނާހިޒު މުނާދެކެ ލޯބިވާ ކަމުގައެވެ. މުނާގެ ހިތުގައި އުއްމީދުގެ ހުޅުކޮޅު ރޯވެފައިވަނީ ނާހިޒުގެ ވާހަކަތަކުންނެވެ. 

***

"މަންމާ. ދޮންބެގެ ޚަބަރެއް ވެސް ނުވޭ މިހާރު. މަންމައަށް ގުޅިތަ؟" ނާހިލް ހުރީ ބަދިގޭގައި ޖަހުޒާއަށް އެހީތެރިވުމުގައެވެ. ގްރޭޑް އެގާރަ ނިންމާފައި ލިބުނު ބޮޑު ޗުއްޓީގައި ރަށަށް އައިސް ހުރި ނާހިލް މަންމަ އަށް އެހީވަމުން ދިޔައެވެ. ޖަހުޒާ ބަދިގޭގައި އުޅޭއިރު ފިޔާ މިރުސްފަދަ ތަކެތި ކޮށައިދެނީ ނާހިލެވެ. ޖަހުޒާ ދަރިން ލައްވައި އެކަހަލަ މަސައްކަތް ކުރުވަން ބޭނުން ނުވިއަސް ނާހިލް ގޮތެއް ދުލެއް ނުކުރެވެ. އެކަމުން ޖަހުޒާއަށް އުފާވެރިކަން ލިބެއެވެ.

"ދޮންބެ ރިސޯޓަށް ދިޔަފަހުން އެއްފަހަރު ގުޅީ. މަންމަ ދޭތެރެއަކުން ގުޅާލަން. ގިނަފަހަރު ބިޒީކަމުން ކަންނޭގެ ދޮންބެއަށް ފޯން ނެގޭވަރެއް ނުވޭ." ޖަހުޒާ ވިސްނަމުން ދިޔައީ ނާހިޒު މިހާރު އުޅުން ބަދަލުވެ ރަނގަޅުވާނެކަމަށެވެ. ވަޒީފާއެއްގައި އުޅެންޏާ ޒިންމާތަކެއްވެސް ހުންނާނެތީއެވެ. 

"ދޮންބެ ރިސޯޓްގައި ހުރެފައި އޮފް ދުވަހަކު މާލެ ދިޔަސް ބައްދަލުވެސް ނުވޭ." ނާހިލް ދެރަވެފައި ބުންޏެވެ. 

***

"އޭ. ބްރޯ. ކޮންދުވަހަކުން މާލެ ދިއުމުގެ ޕްރޮގްރާމް އޮތީ." ނާހިޒު ގްރޫޕްގެ ވެރިޔާގެ ގޮތުގައި ހުންނަ ހަމީޝް އަށް ގުޅާފައި އެހިއެވެ. 

"އަންނަ ބުދަދުވަހު މިކޮޅުން ތިންމީހުން ދާނެ. ނާހިޒު ވެސް އެ ދުވަހަށް އާދެވޭތޯ ބަލާ! އެއްކަލަ ރަމިއްޓޭ ބުނި މިފަހަރު ހެޔޮ އަގެއްގައި ލިބޭނެކަމަށް." ނާހިޒަށް ހިނިތުންވެވުނެވެ. ހަފުތާއަކު އެއް ފަހަރު މާލެ ގޮސް ގްރޫޕް އެއްވެގެން މަސްތުވާ ތަކެތި ބޭނުންކުރަމުން ގެންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނާހިޒަށް މިހާރު އެހާވަރު ވެސް ލަހެވެ. ހަތަރު ދުވަސް ނޫނީ ފަސް ދުވަސް ވާއިރަށް ހަށިގަނޑު އެދި ގޮވަނީ ކުޑަ މިންވަރެއް ނަމަވެސް ބޭނުންކުރާށެވެ. ރިސޯޓުގައި އުޅޭއިރު އެހާފަސޭހައިން އޭގެ ބޭނުމެއް ނުކުރެވެއެވެ. ކެތްނުވާވަރު ވުމުން ބައެއް ކެމިކަލްގެ ވަސްބަލާލައިގެން ފުއްދައިލައެވެ. ރިސޯރޓްގައި ހުންނައިރު ޢާއްމުކޮށް ޑަންލޮޕާއި ކޯލަވާޓަރުގެ ވަސްބަލައިލުން ފިޔަވައި އިތުރު ކަމެއް ނުކުރެވެއެވެ. 

(ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ