އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (2)

. ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ

(29 އެޕުރީލު 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

26- ރަސޫލާ (صلى الله عليه وسلم) ދީނަށް ގޮވައިލައްވައިފައި ވަނީ ދެ ފިޔަވައްސެއް ގައެވެ.

    - މައްކީ ފިޔަވަހި: އެއީ މައްކާގައި ހޭދަކުރެއްވި ދުވަސްތަކެވެ. އެއީ ގާތްގަނޑަކަށް 13 އަހަރެވެ. މައްކާ ފިޔަވަހީގައި ދެ ގޮތަކަށް ދީނަށް ގޮވައިލެއްވިއެވެ. އެއީ ސިއްރިއްޔާތުގައި ދީނަށް ގޮވައިލެއްވި ދުވަސްތަކަކާއި ފާޅުގައި ދީނަށް ގޮވައިލެއްވި ދުވަސްތަކެކެވެ. 

        - މަދަނީ ފިޔަވަހި

27- ރަސޫލާ (صلى الله عليه وسلم) މައްކާގައި ސިއްރިއްޔާތުގައި ދީނަށް ގޮވައިލައްވަން ފެއްޓެވުމުން އެކަލޭގެފާނުގެ އަހްލު ބައިތުން ކަމުގައިވާ އަނބިކަނބަލުން ޚަދީޖަތުގެފާނާއި ދަރިދަރިކަނބަލުންނާއި ޢަލީގެފާނާއި ޒައިދު ބުނު ޙާރިޘަތުގެފާނު އިސްލާމްވެވަޑައިގަތެވެ. 

28- އެއަށްފަހު އެކަލޭގެފާނަށް އިތުބާރުކުރެއްވޭ ބޭކަލުންގެ އަރިހަށް ވަޑައިގެން ސިއްރިއްޔާތުގައި ދީނަށް ގޮވައިލެއްވިއެވެ. އެހިނދު އަބޫބަކްރުގެފާނު އިސްލާމްވެ ވަޑައިގަތެވެ. އަދި މީސްތަކުން ރަސޫލާގެ ދަޢުވަތުގެ އަޑު އަހަން ފެށިއެވެ. 

29- މައްކާގެ މިސްކީނުންނާއި ފަޤީރުން އިސްލާމްދީނަށް ވަނުމަށް އަވަސްވެގަތެވެ. ތިން އަހަރުގެ ތެރޭގައި އެކަށީގެންވާ ޢަދަދެއްގެ ބަޔަކު މި ދީނަށް ވަނެވެ.

30- އެއަށްފަހު މި ދީނަށް ފާޅުގައި ގޮވައިލެއްވުމަށް މާތް ﷲ އަމުރުކުރައްވައިފިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. " فَاصدَع بِما تُؤمَرُ وَأَعرِض عَنِ المُشرِكينَ (1) – މާނައީ : ފަހެ، ކަލޭގެފާނަށް أمر ކުރައްވާގޮތަށް، ފާޅުގައި دين އަށް ގޮވައިލައްވާށެވެ! އަދި شريك ކުރާ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!" 

31- މި އަމުރުފުޅު އައުމުން ރަސޫލާ (صلى الله عليه وسلم) ޞަފާ ފަރުބަދަ މައްޗަށް އަރައިވަޑައިގެން މީސްތަކުން ފާޅުގައި ދީނަށް ގޮވައިލައްވަން ފެށްޓެވިއެވެ. އަދި މީސްތަކުންނަށް އެކަލޭގެފާނަކީ ޢާލަމުތަކަށް ފޮނުއްވުނު ރަސޫލުބޭކަލަކުކަން  އެންގެވިއެވެ.

32- ޤުރައިޝުންގެ ފުރަތަމަ ފިޔަވަޅަކަށް ވީ ރަސޫލާގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބިގެފާނުގެ އަރިހަށް ވަފްދެއް ފޮނުވައި ރަސޫލާގެ ދަޢުވަތު ހުއްޓައިލެެެއްވުމަށް އަމުރުކުރެއްވުމަށް ދެންނެވުމެވެ.

33- ޤުރައިޝުންގެ ވަފްދުގެ މަސައްކަތް ނާކާމިޔާބުވުމުން ރަސޫލާއަށް ކަންތައްތަކެއް ހުށައެޅުމަށް ޓަކައި އަލްވަލީދު ބުނުލް މުޣީރަތު ރަސޫލާގެ އަރިހަށް ފޮނުވިއެވެ.ރަސޫލާއާ އަލްވަލީދިު ބުނުލް މުޣީރަތާ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި ރަސޫލާ ކީރިތި ޤުރްއާނުގެ އާޔަތްތަކެއް އަލްވަލީދު ބުނުލް މުޣީރާއަށް ވިދާޅުވެ ދެއްވިއެވެ. މި އާޔަތްތަކުން އޭނާއަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.އަލްވަލީދު ބުނުލް މުޣީރަތު ޤުރައިޝުންގެ ގާތަށް އެނބުރި އައިސް ރަސޫލާއަށް ތަބާވުމަށް ނުވަތަ އެ ކަލޭގެފާނު އެކަލޭގެފާނުގެ ދަޢުވަތުގައި ކުރިއަށް ވަޑައިގަންނަވަން ދޫކޮށްލުމަށް ނަސޭޙަތްތެރިވިއެވެ. ޤުރައިޝުން އޭނާގެ ނަސޭޙަތް ބަލައިނުގަތުމުން ވިސްނަވިސްނައިފައި ރަސޫލާއަކީ ސިޙްރުވެރިއެއް ކަމަށް ބުންޏެވެ. މި ކަމާ ވިދިގެން އޭނާއާ ބެހޭ ގޮތުން މަތްﷲ އަލްމުއްދައްޘިރު ސޫރަތުން އާޔަތްތަކެއް ބާވައިލެއްވިއެވެ. އެ އާޔަތްތަކަކީ "ذَرنى وَمَن خَلَقتُ وَحيدًا ﴿١١﴾ وَجَعَلتُ لَهُ مالًا مَمدودًا ﴿١٢﴾ وَبَنينَ شُهودًا ﴿١٣﴾ وَمَهَّدتُ لَهُ تَمهيدًا ﴿١٤﴾ ثُمَّ يَطمَعُ أَن أَزيدَ ﴿١٥﴾ كَلّا إِنَّهُ كانَ لِـٔايـٰتِنا عَنيدًا ﴿١٦﴾ سَأُرهِقُهُ صَعودًا ﴿١٧﴾إِنَّهُ فَكَّرَ وَقَدَّرَ ﴿١٨﴾ فَقُتِلَ كَيفَ قَدَّرَ ﴿١٩﴾ ثُمَّ قُتِلَ كَيفَ قَدَّرَ ﴿٢٠﴾ ثُمَّ نَظَرَ ﴿٢١﴾ ثُمَّ عَبَسَ وَبَسَرَ ﴿٢٢﴾ ثُمَّ أَدبَرَ وَاستَكبَرَ ﴿٢٣﴾ فَقالَ إِن هـٰذا إِلّا سِحرٌ يُؤثَرُ ﴿٢٤﴾ إِن هـٰذا إِلّا قَولُ البَشَرِ ﴿٢٥﴾ سَأُصليهِ سَقَرَ ﴿٢٦﴾ وَما أَدرىٰكَ ما سَقَرُ ﴿٢٧﴾ لا تُبقى وَلا تَذَرُ ﴿٢٨﴾ لَوّاحَةٌ لِلبَشَرِ  (2)– މާނައީ: ހަމައެކަނި ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރީން، ތިމަންރަސްކަލާނގެ އޭނާޔަށް ދެއްވީމެވެ. އަދި (ދުނިޔޭގެ ހުރިހާ ކަމެއް) ތަނަވަސްކޮށްދެއްވައި، އޭނާޔަށް ފަސޭހަކޮށްދެއްވީމެވެ. ދެންވެސް އޭނާ އެދެނީ، ތިމަންރަސްކަލާނގެ އިތުރުކޮށްދެއްވުމަށެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާވީ، ތިމަންރަސްކަލާނގެ آيةތަކަށް ދެކޮޅުހަދާ މީހެއް ކަމުގައެވެ. ނިކަންހުރެ ތިމަންރަސްކަލާނގެ، ގަދަފަދަވެގެންވާ عذاب އަކަށް ކުރިމަތިލުމަށް އޭނާއަށް ޖައްސަވާހުށީމެވެ. ހަމަކަށަވަރުން، އޭނާ ވިސްނައި فكر ކޮށް ރޭވިއެވެ.ދެން އޭނާޔަށް لعنة ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟ ދެން އޭނާ ބަލައި ވިސްނިއެވެ.ދެން އޭނާ މޫނު ކުނިކޮށްލިއެވެ. އަދި މޫނު ހެދިއެވެ. ދެން އޭނާ ފުރަގަސްދިނެވެ. އަދި ބޮޑާވެގަތެވެ. ފަހެ، އޭނާ ބުންޏެވެ. ޖާދޫގަރުންގެ ކިބައިން އައިސްފައިވާ ޖާދޫއެއް ކަމުގައި މެނުވީ މި قرآن ނުވެއެވެ. ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކަޔަށް ވައްދަވާހުށީމެވެ. އެ ނަރަކަ (ނާންދާ) އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ.ގައިގެ ހަން އަންދައި ކަޅުކޮށްލަތެވެ."

34- މި މަރްޙަލާގައި ޢަބްދުﷲ ބުނު އުއްމު މަކްތޫމު އިސްލާމްވެ ވަޑައިގަތެވެ. އަދި ރަސޫލާގެ ދެވަނަ މުއައްޛިނުކަމުގައި އެކަލޭގެފާނު ހަމަޖެހިގެން ދިޔައެވެ. ފުރތަމަ މުއައްޒިނަކީ ބިލާލުގެފާނެވެ

35- މި މަރްޙަލާގައި އިސްލާމީ ދަޢުވަތާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ޤުރައިޝުން ބޭނުންކުރި ބައެއް ވަސީލަތްތަކަކީ :- 

     i.ޤުރްއާނާމެދު ޝައްކު އުފެއްދުން

     ii.ޤުރްއާނާ ދެކޮޅު ހެދުން

    iii.ތަފާތު ހުށައެޅުންތައް ހުށައަޅައިގެން ރަސޫލާ ހައްލައިލެވޭތޯ މަސައްކަތް ކުރުން

36- ރަސޫލާއާއެކު ވާހަކަދައްކައިގެންނާއި ޖަދަލުކޮށްގެން ޤުރައިޝުންނަށް ކާމިޔާބު ނުލިބުމުން އެމީހުން ދެން ޤުރައިޝުން ފަށައިގަތީ މުސްލިމުންނަށް ގޯނާކޮށްގެންނާއި އަނިޔާކޮށްގެންނާއި ބިރުދައްކައިގެންނާއި ނިރުބަވެރި ޢަމަލުތަކުން މުސްލިމުން ފިތުނަވެރިކުރުވާށެވެ. ރަސޫލާ (صلى الله عليه وسلم) ގެ ޞަޙާބީންނަށް ވަރަށް ބޯދެތި ބުރަތައް ބަރުދާސްތު ކުރައްވަން ޖެހިވަޑައިގަތެވެ.މި ގޮތުން އެންމެ ބޮޑަށް އަނިޔާ ލިބިވަދައިގެން ޞަޙާބީންގެ ތެރޭގައި ޚައްބާބު ބުނުލް އަރައްތާއި ، ބިލާލުލް  ޙަބަޝީއާއި ޢައްމާރު ބުނު ޔާސިރުގެފާނާއި އެކަލޭގެފާނުގެ ޢާއިލާ ފާހަގަކުރެވެއެވެ.

37- އަބޫބަކްރުގެފާނު މުސްލިމު އަޅު ޞަޙާބީން ބައްލަވައިގަންނަވައި މިނިވަންކުރައްވަން ފެށްޓެވިއެވެ. އެއިގެތެރޭގައި ބިލާލުގެފާނާއިޢަމިރު ބުނު ފުހައިރާ ފާހަގަ ކުރެވެއެވެ.

38- މުސްލިމުންނަށް މިމޭރުމުން އަނިޔާކޮށްގެން ކާމިޔާބު ނުލިބުމުން ޤުރައިޝުން ދެން ފެށީ ރަސޫލާއަށް ފުރައްސާރަކުރާށެވެ.އެކަލޭގެފާނަށް އެންމެ ބޮޑަށް ފުރައްސާރަކުރިމީހުންގެ ތެރޭގައި ފާހަގަކުރެވޭ ދެ މީހުންނަކީ (ހ) އަލްއަސްވަދު ބުނު ޔަޣޫޘު (ށ) އަލްއަސްވަދު ބުނުލް މުއްޠަލިބު

39- ޤުރައިޝުން މުސްލިމުންނަށް ގޯނާކުރުމާއި މަލާމާތްކުރުމާއި މައްލަވަކުރުމުގައި ކުރިއަށް ދިޔުމުގެ ސަބަބުން މުސްލިމުންނަށް މައްކާގައި އުޅުމަށް ނުކުޅެދުންތެރިވިއެވެ. އެހިސާބުން ރަސޫލާ (صلى الله عليه وسلم) މުސްލިމުންނަށް ޙަބަޝާއަށް ހިޖްރަކުރުމުގެ ހުއްދަ ދެއްވިއެވެ.

40- މި ހުއްދައާއެކު 11 ފިރިހެން ބޭކަލުންނާއި 4 އަންހެންބޭކަނބަލުން ޙަބަޝާއަށް ހިޖްރަކުރެއްވިއެވެ. މިއީ އިސްލާމްދީނުގެ ފުރަތަމަ ހިޖްރައެވެ. ޙަބަޝާއަށް ހިޖްރަކުރެއްވި ބޭކަލުންގެ ތެރޭގައި ޢުޘްމާނުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން (ކީރިތި ރަސޫލާގެ ދަރިކަނބަލުން) ރުޤިއްޔަތުގެފާނާއި ޖަޢުފަރު ބުނު އަބީ ޠާލިބުގެފާނާއި ޢުޘްމާނު ބުނު މަޡްޢޫނު ހިމެނިވަޑައިގަންނަވައެވެ. ކީރިތި ރަސޫލާ (صلى الله عليه وسلم) ޙަދީސްކުރެއްވިއެވެ. "އިބްރާހީމުގެފާނާއި ލޫޠުގެފާނަށްފަހު، އެންމެ ފުރަތަމަ ހިޖްރަކުރެއްވި ދެ ބޭފުޅުންނަކީ ޢުޘްމާނުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ރުޤިއްޔާއެވެ."  (3) 

41- އައްނަޖްމު ސޫރަތް ބާވައިލެއްވުމުން ރަސޫލުاللهގެފާނު ގެފުޅުގައި ހަރު އަޑުފުޅުން އެ ސޫރަތް ކިޔަވައިވިދާޅުވިއެވެ. މި ސޫރަތުގައި އޮންނަ ސަޖިދަވަޅާ ހަމައަށް ކިޔަވައިވިދާޅުވެފައި ސަޖިދަ ކުރެއްވުމުން މުޝްރިކުންނަށް ވެސް ރަސޫލާއާއެކު ސަޖިދަ ކުރެވުނެވެ. މިއީ ޤުރްއާނުގެ މުޢުޖިޒާތެކެވެ.  

(ނުނިމޭ)

ޙަވާލާ:

1  - އަލްޙިޖްރު ސޫރަތް: 94

2 - އަލްމުއްދައްޘިރު ސޫރަތް :11-29

3 - ރިވާކުރެއްވީ އަލްޙާކިމު

ހަމަމިގަލަމުން

އިދާރާ

ވާހަކަ