އަދުގެ ޚާއްސަ

Print

"ކޮވިޑް-ނަވާރަ"އާއި ބަސްކޮށާރު

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ މާދަރީބަސް

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށް)

ބަހެއްގައި ބޭނުންކުރާ ލަފުޒުތަކެއް އެއްފަހަރާ އުފަންވެ ނުވަތަ ބޭނުންނުކޮށް ހުރި ގިނަ ލަފުޒުތަކެއް އެއް ފަހަރާ ބޭނުންކުރާން ފެށުމަކީ ނުވަތަ، އާ އެތައް ލަފުޒެއް ނުވަތަ އެތައް މަފުހޫމެއް އެއް ފަހަރާ ބަސްފޮތަށް ވަނުމަކީ ބަސްވާރުން ވެސް މާ ގިނައިން ތަޖުރިބާ ކުރައްވައިފައި ވާނެ ކަމެއް ނޫނެވެ. މިއީ މި ކަން ހަމައެކަނި ރާއްޖޭގައި އޮތް ގޮތެއް ނޫނެވެ. ނަމަވެސް”ކޮވިޑް-ނަވާރަ“ ވެފައިވަނީ މުޅި ދުނިޔޭގެ އިޖުތިމާޢީ އިޤްތިޞާދީ އަދި އަދަބީ ވެއްޓަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނުވި އެއްޗެކެވެ.

ބޭރު ބަސްބަހުގައި ވެސް ކުރީން އުފެދި، ބޭނުންކުރާން ނުޖެހި ހުރި ވަރަށް ގިނަ ލަފުޒުތައް ކޮވިޑާ ގުޅިގެން ފެންމަތިވިއެވެ. އެހެންވެ ބައެއް މީހުންނަށް ހީވީ އަލަށް ލަފުޒުތަކެއް އުފެއްދީ ކަމަށެވެ. މިކަން މިހެންވީ ހަމައެކަނި ދިވެހި ބަހަކަށް ނޫނެވެ. ބޭރު ބަސްބަހުގައި ވެސް މިކަން ހުރީ ހަމަ މިހެންނެވެ. އަޅުގަނޑު މައުޟޫޢާއިގެން ކުރިޔަށް ދިޔުމުގެ ކުރީން ބައެއް މިސާލުތައް ދަންނަވައިލާނަމެވެ.

"ކޮވިޑް" މިއީ 2019 ގައި އުފެއްދި ރަމްޒީ ނަމެކެވެ. އެބްރެވިއޭޝަނެކެވެ. "ކޮރޯނާ ވައިރަސް ޑިޒީޒް" (CoronaVirusDisease) އިން ހަދައިފައިވާ ރަމްޒީ ނަމެކެވެ. ސްޓެލްކޯ ކިޔާ ގޮތަށެވެ. އެހެންނަމަވެސް މިހާލަތާ ގުޅިގެން އަލަށް އިވޭންފެށި ވަރަށް ގިނަ ލަފުޒުތަކަކީ ޤަރުނުތަކެއްގެ ނުވަތަ އަހަރުތަކެއްގެ ކުރީން ބޭނުންކުރާން ފަށައިފައިވާ ލަފުޒުތަކެކެވެ. މަފުހޫމުތަކެކެވެ. މިސާލަކަށް: ސެލްފް-އައިސޮލޭޝަން (Self-isolation) 1834 ން ފެށިގެން ބޭނުންކުރާން ފަށައިފިއެވެ. ސެލްފް-އައިސޮލޭޓިންގ (self-isolating) ބޭނުންކުރާން ފަށައިފައިވަނީ 1841 ގައެވެ. އިންފޮމޭޝަންއާއި އެޕެޑެމިކް ގުޅުވައިގެން އުފައްދައިފައިވާ ގުޅުވި (portmanteau) ލަފުޒެއް ކަމުގައިވާ އިންފޮޑެމިކް (infodemic) އުފަންވެގެން އައީ 2003 ވަނަ އަހަރު ސާރސް ރޯގާއާ ގުޅިގެންނެވެ.  ސޯޝަލް ޑިސްޓެންސް (Social distance) އާއި ސޯޝަލް ޑިސްޓެންސިންގ (Social distancing) ފުރަތަމަ ބޭނުންކުރެވުނީ 1957ގައެވެ. މިއީ މާއްދީ މަފުހޫމަކަށްވުރެ ބޮޑަށް ބެލެވެނީ ސުލޫކީ ނުވަތަ އަޚުލާޤީ މަފުހޫމެއްގެ ގޮތުގައެވެ. ޝެލްޓަރ-އިން-ޕްލޭސް (shelter-in-place) ވެސް ބޭނުންކުރެވުނީ 1976 ގައެވެ. އަދި ކްވަރެންޓީން (quarantine) އަކީ ވެސް ވަރަށް ކުރީ ޒަމާނުއްސުރެ ބޭނުންކުރާ ލަފުޒެކެވެ. މި ފަދަ އެތައް  މަފްހޫމުތަކެއް "ކޮވިޑް19" އާ ގުޅިގެން އިނގިރޭސި ބަހަށް ވެސް ތިލަވިއެވެ. ނަމަވެސް މި ދެންނެވި ފަދަ ގިނަ މަފުހޫމުތައް ކުއްލިއަކަށް ފެންމަތިވީ ޢަލަމީވަބާ އާ ގުޅިގެން އެ މަފުހޫމުތަކުގެ ބޭނުންޖެހުނީމައެވެ. ގިނަ ލަފުޒުތަކަކީ އަލަށް އުފެއްދި ލަފުޒުތަކެއް ނޫނެވެ. ކުރީން ބޭނުންކުރާންނުޖެހޭތީ އަޅުގަނޑުމެންނަށް ނީވެނީއެވެ.

ދިވެހިބަހަކީ ވެސް ހަމަ މިކަމުން އިސްތިސްނާވާ ބަހެއް ނޫނެވެ. ދިވެހިބަހުގެ އެކެޑަމީ ވެސް މިކަމަށް ސަމާލުކަން ދެއްވިއެވެ. ގިނަ ލަފުޒުތަކެއް މި ޙާލަތާ ގުޅިގެން ބޭނުންކުރައްވާން ތަޢާރަފުކުރެއްވިއެވެ. މަދު ލަފުޒެއް އަލަށް އުފެއްދެވި ނަމަވެސް މި ވަބާއާ ގުޅިގެން އިވެން ފެށި މަފުހޫމުތަކަކީ ނުވަތަ ލަފުޒުތަކަކީ އަލަށް އުފެއްދި އެއްޗެއް ނޫނެވެ. މި ޙާލަތާ ގުޅިގެން އިނގިރޭސިބަހުން ބޭނުންކުރާންފެށި މަފުހޫމުތަކާ ގުޅުވައިދެއްވީއެވެ.  ކުރީން އަދި މާކުރީން އުފެދިފައި ހުރި ލަފުޒުތައް ވެސް މިޙާލަތާ ގުޅިގެން ބޭނުންކުރާނޭ ގޮތް އޮޅުންފިލުވައިދެއްވީއެވެ. މިސާލަކަށް ކަރަންޓީނުކުރުމަކީ ދިވެހިރާއްޖޭގައި ކަށިވިދުރިބަލި ފެތުރުނު ޒަމާނުގައި ވެސް ބޭނުންކޮށްފައިވާ ލަފުޒެކެވެ. އެކަހެރިކަމާއި އެކަހެރިކުރުމަކީ ދިވެހިބަހުގައި ވަރަށް ކުރީން ވެސް ބޭނުންކުރާ ލަފުޒެކެވެ. މި ގޮތުގެ މަތީން ދިވެހިބަހުގައި ވެސް ކުރީން ހުރި، އަދި އަލަށް އުފެއްދި އެއްތައް ލަފުޒަކާއި މަފުހޫމުތަކެއް މި ޢާލަމީ ވަބާއާ ގުޅިގެން ތިލަވިއެވެ. މި ދަންނަވައިލަނީ މި ފަދަ ބައެއް މަފުހޫމުތަކާއި ލަފުޒުތަކާއި އެ ލަފުޒުތަކުގެ ބަދަލުގައި ނުވަތަ މަފުހޫމުތަކުގެ ބަދަލުގައި އިނގިރޭސިބަހުން ބޭނުންކުރާ ގޮތެވެ.

ޢަލާމާތެއް ނުފެންނަ          Asymtomatic

އެއްތާވިވީމުން              contact

އެއްތާވި މީހުން ހޯދުން        Contact tracing

އެއްތާވި މީހުން ދެނެގަތުން     contact identification

އެއްތާވި މީހުން ލިސްޓުކުރުން   contact listing

އެއްތާޥި މީހުން ބަލަމުންގެންދިޔުންcontact follow-up

ވަބާ                   Epidemic

ފުރަބަންދު               (lockdown (n.

ފުރަބަންދުކުރުން           (lockdown (v.

އެކަހެރިކަން              isolation

އެކަހެރިކުރުން             isolate

ޢާލަމީވަބާ               Pendemic

ބިރާސް                Panic

ފައްސި                Possitive

ނައްސި                Negative

ކަރަންޓީނު              Quarantine

އިސްކިރީނުކުރުން          Screening

އަމިއްލަޔަށް އެކަހެރިވުން     Self-isolate

އަމިއްލައެކަހެރިކަން        Self-isolation

އިޖުތިމާޢީ ގައިދުރުކަން     Social distancing

އިޖުތިމާޢީ ގައިދުރުމިން     Social distance

ބަލީގެ ޢަލާމާތް          Symptom

ޢަލާމާތް ފެންނަ         Symptomatic

ފެތުރުން/ (ބަލިބަލި) ގައިންގަޔަށް އެރުންTransmission

ޖަނަވާރުންގެ ފުށުން އަރާ    Zoonotic

ފަތާ، (ތެދު، ރަހަ)       flat

ގޮނި، (ލެނބުން)        curve

މި މަފުހޫމުތަކުގެ ތެރެއިން ވަރަށް ގިނަ މަފުހޫމުތައް ޢާއްމުކޮށް ބޭނުންކުރޭވެސްމެއެވެ. މިއީ ބަހަށް ލިބުނު ކުރިއެރުމެކެވެ. ނަމަވެސް މިކަމުގައި ހިތާމަވެރިކަމެއް ވެސް މަދުމަދުން ފެނެއެވެ. މިސާލަކަށް ދިވެހިބަހުގައި މީގެ އެތައް އަހަރެއް ކުރީއްސުރެ ވެސް އޮތް އަދި ބޭނުންކުރަމުން އައި ލަފުޒެއް ދޫކޮށް އަލުން އެ ލަފުޒުގެބަދަލުގައި އިނގިރޭސި ލަފުޒެއް ބައެއް ބޭފުޅުން ބޭނުންފުޅުކުރައްވާ އަޑުއިވެއެވެ. މިއީ ދެރަކަމެކެވެ. މި ފަދަ އެއް ލަފުޒަކީ "ކަރަންޓީނު" މި ލަފުޒެވެ. މިއީ އެންމެ ކުރީގެ ބަސްފޮތްތަކުގައި ވެސް ލިޔެވިފައި ހުރި ލަފުޒެކެވެ. ބަސްފޮތްތަކުގައި ކަރަންޓީނުގެ މާނަ ލިޔެފައިވާ ގޮތް ވެސް ދަންނަވައިލާނަމެވެ. ފުރަތަމަ މާނައަކީ: "ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް އުޅޭ ރަށަކުން އަންނަ އުޅަނދުތަކަށް މީހުން އަރައި ފެއިބިޔަނުދީ އެހެން އުޅަނދުފަހަރާ ދުރުގައި ވަކި މުއްދަތެއް ވަންދެން ކުރާބަންދު" ކަމަށް އޮންނަ އިރު، ދެވަނަ މާނައަކީ "ބޭރު ރަށަކުން އަންނަ އުޅަނދެއްގައި ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހަކު ހުރި ނަމަ، އެ އުޅަނދަކުން މީހުން އަރައި ފެއިބިޔަނުދީ އެހެން އުޅަނދުފަހަރާ ދުރުގައި ވަކި މުއްދަތެއް ވަންދެން ކުރާބަންދު"ކަމަށް އޮވެއެވެ. އަދި ތިންވަނަ މާނައަކީ "ނުރައްކާތެރި ރޯގާއެއް އުޅޭ ރަށްރަށް މީހުން އަރައި ފެއިބިޔަ ނުދީ ވަކި މުއްދަތެއް ވަންދެން އެ ރަށްރަށް ކުރާ ބަންދު" ކަމަށް އޮވެއެވެ. (ދިވެހި ބަސްފޮތް: ސަފުހާ:318) އަދި މި މާނަ ފުޅާކޮށް ގޭގެއަށް ވެސް މިހާރު "ކަރަންޓީނުކުރުން" ބޭނުންކުރެއެވެ. ކަރަންޓީނުގެ ވާހަކަ ނުވަތަ އެކަހެރިކުރުމުގެ ވާހަކަ ދައްކާން ނުޖެހޭ ޙާލަތުގައި އެ ފަދަ ލަފުޒުތައް ބޭނުންކުރާ އަޑު ނީވުނަސް އެއީ އެ ލަފުޒު ދިވެހިބަހުގައި ނެތީ ކަމަށް ބަލައި، އިނގިރޭސި ލަފުޒު quarantine (ކްވަރެންޓީން) ވެސް ނުބައިކޮށް (ކޮރަންޓައިން) ބޭނުންކުރާ އަޑު އިވުނީމާ ދެރަވެއެވެ. އޭރުން އިނގިރޭސި ގޮތަކަށް ދިވެހި ގޮތަކަށް ވެސް ނުވެ މުޅީން އަމިއްލަ ގޮތަކަށް ވަނީއެވެ.

އަދިވެސް ދަންނަވައިލަމެވެ. ދިވެހިބަހުގެ ބަސްކޮށާރު ބޭނުންފުޅުކުރެއްވިޔަސް މި ޒަމާނުގައި ހުރިހާ ބޭފުޅުންނަށް ވެސް އިނގިރޭސިބަސް އެނގިވަޑައިގަންނަވާނޭކަން އަޅުގަނޑުމެންނަށް އެނގެއެވެ. އިނގިރޭސި ލަފުޒު ބޭނުންފުޅުކުރައްވާނަމަ އިނގިރޭސިބަހުން ވާހަކަފުޅުދެއްކެވުން ހަމަ ރަނގަޅެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. 

ނަމަވެސް ޢަލަމީ ވަބާގެ މި ޙާލަތުގައި މަޢުލޫމާތު ފަތުރާ ވަސީލަތްތަކުން އެއް ބަސްކޮށާރެއް (ދިވެހިބަހުގެ ބަސްކޮށާރު) ބޭނުންކުރުމަކީ ބަހަށް ކުރެވޭ ޚިދުމަތަކަށް ވުމުގެ އިތުރަށް، އެއީ އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ވެސް ފަސޭހަވާނޭ ކަމެކެވެ. ވަކި މީހަކު ބޭނުންކުރާތީ އެ ލަފުޒު ބޭނުންނުކުރެއްވުމަކީ ރަނގަޅު ގޮތެއް ނޫނެވެ. މި ޙާލަތުގައި އެކި ލަފުޒުތައް ބޭނުންކުރެއްވުމުގެ ކުރީން ބަހާބެހޭ ރަސްމީ ވިދާރާ (ދިވެހިބަހުގެ އެކެޑަމީ)ގެ ލަފާ ހޯއްދަވައިގެން އެއް ބަސްކޮށާރެއް ބޭނުންފުޅުކުރައްވާނޭ ނަމަ ހާދަހާ ރަނގަޅޭ ހިތަށް އަރައެވެ.

___________________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ