އަދުގެ ޚާއްސަ

Print

ފަސްއިނގިލި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


އާދަމް ނަޞީރު އިބްރާހީމް (2008)


ޒަމާންތަކުގެ ތެރެއިން ޒަމާނެއްގައި ޒުވާބެއް ފެށުނެވެ. މި ޒުވާބު ހިނގީ އިންސާނުންގެ މެދަކު ނޫނެވެ. އިންސާނެއްގެ އެއް އަތުގެ ފަސް އިނގިލީގެ މެދުގައެވެ.

މި ކަންހިނގަން މެދުވެރިވެގަތް ސަބަބަކީ، އަޒާޒީލު، އިބުލީހަށް ބަދަލުވެގެން ދިޔަ ސަބަބެވެ. ބޮޑާ ކަމާއި ކިބުރުވެރިކަމެވެ. އަތުގެ ބޮޑުވައި އިނގިލި އޭނާގެ ނަމުގެ މައްޗަށް ފަޚުރުވެރިވެ ބޮޑާވެގަތީ އެވެ. އޭނާ އަށް އޭނާ ފެނި އެހެންމީހުންނަކީ އެއްވެސް ބައެއް ނޫންކަމަށް ދެކެންފެށީ އެވެ.

އެއްދުވަހަކު ހެނދުނު ބޮޑުވައިއިނގިލި ވާހަކަ ދައްކަން ފެށިއެވެ. އޭނާ ދައްކަން ފެށި ވާހަކައިގެ ގޮތުން އެހެން އިނގިލިތައްވެސް ބައިވެރިވެ މައްސަލަ ހޫނުވި އެވެ.


ބޮޑުވައިއިނގިލި: މަށަކީ ހާދަހާ ބޮޑު މީހެކޭދޯ. އަހަރެންގެ އާއިލާގެ ފަސްމެމްބަރުންގެ ތެރެއިން، އެންމެ ރޫފަ ރަނގަޅީމަ. ވަރުގަދައީ މަ. މަށަށް ބޮޑުވައި އިނގިލި ކިޔަނީވެސް އެހެންވެގެންކަން ޔަގީން. އޭނ އެނގެނީ މަގޭ ބޮޑުކަން. ބޮޑު. ބޮޑު. އަނެއްކާ ބޮޑުގެ ފަހަތަށް ދެން މި އޮންނަނީ.... ވައި. ވައި. ވަޔަކީވެސް ވަރަށް ބާރުގަދަ އެއްޗެއް. އެހެންވީމާ ވަޔާއި ބޮޑު އެކުވީމައި، މަވަރު ބާރުގަދަ ހަމަ އެކަކުވެސް ނުހުންނާނެ.

ކުޑަވައި އިނގިލި: އޭތް! ބޮޑުވައި އިނގިލި ދޮންބޭ! ތިޔަހާ ބޮޑާވާކަށް ނުވާނެ. ބޮޑާ ބަސް ބުނުމަކީ ވަރަށް ގޯސްކަމެއް. ތިއީ މާތް ﷲ ދެއްވި ނިޢުމަތަށް ޝުކުރުވެރި ނުވުން. ތިމާޔަށް ތިމާފެނުން. އޭގެ ނަތީޖާ ރަނގަޅެއް ނުވާނެ.

ބޮޑުވައިއިނގިލި: ހޫނ! މީއަދި ކާކުތަ؟ އަހަރެމެންގެ މުޅި އާއިލާގައިވެސް އިން އެންމެ ނިކަމެތި އެންމެ ކަމީނާ ސޮރު. މަށަށް ނަސޭހަތްދޭން ތީ އަދި ކާކުތަ؟

ކުޑަވައިއިނގިލި: ހެޔޮ ނުވާނެ ބޭބޭ. އެކި މީހުން އެކިވަރަށް އެކި އިސްކޮޅުގައި ތިބުމަކީ އޭންމީހެއްގެ ބާރުގައި ވެފައި އޮންނަ ކަމެއް ނޫނެއްނު. އެއީ އެހެން ފަރާތެއްގެ ކަމެއް. މިންވަރަށް އީމާންވާންޖެހޭނެ. ނިޢުމަތަށް ފަޚުރުވެރިވުމުގެ ބަދަލުގައި ނިޢުމަތަށް ޝުކުރުވެރިވާން ދަސްކުރަންވާނެ.

ބޮޑުވައި އިނގިލި: ހޫނ! ތިމާގައި ނެތް ފެންވަރު ދައްކައިގެން، ބޮޑެތި މީހުންގެ ކުރިމަތީގައި އެއްވެސް އަދަބެއް ސަދަބެއް ނެތި އަނގަގަދަ ކުރަނީ ދޯ!

ކުޑަވައި އިނގިލި: ދެން. ހެޔޮ ނުވާނެ ބޭބޭ! އެހެން ބުނި އެއްޗެއް ނޫނޭ!

ކަށި އިނގިލި: އާނ! މި އަދުވެސް އެއްކަލަ ކަންތައް ޖެހުނީދޯ! ދެން އަހަރެން ރުޅިއައިސްގެން އެއްޗެއް ބުނީމާ، މަށަށްވުރެ ހަރުކަށި ނުބައި އާދަމުގެ ދަރިޔަކު މި އުޑުދަށަކު ހުރި ކަމަކަށް ނުވާނެ. މީ ފަހެ ދެން ކިހާ ބޮޑުވެއްޖެ ކަމެއް. އެއްމާބަނޑު ފަސްބޭން. ކޮންޒުވާބެއް ކުރާކަށް؟ ދޯ މެދުއިނގިލި ދޮންބޭ!

މެދު އިނގިލި: އާނ! ތިޔަކަމުގައި ބައިވެރި ނުވާން، އަހަރެން އެއްޗެއް ނުބުނެ މިހުރީ. ޤުދުރަތުން އަހަރެން ލެއްވީވެސް ފަސް އިނގިލީގެ މެދުގައި. އެހެންވީމާ މި މައްސަލައިގެ މެދަށްވެސް މި ވަންނަނީ. އަހަންނަށް ފެންނަ އެއްޗެއް ބުނެލާނަން. އަހަރެން ދެކޭ ގޮތުގައި އެއްމެން އެއްވަރެއް ނުވާނެ. އެކި މީހުންގައި ހުންނާނީ އެކި ސިފަ. އެކަމަކު އެއްމެނަކީ ހަމަހަމަ ބައެއް. ޢަދުލުވެރިވުމުގެ މާނައިގައި ހަމަ އެއްގޮތަކަށްވެސް ތަފާތެއް ނޯންނާނެ. ދެން މި ކަމުގައި ދީނީ ގޮތުން އެއްޗެއް ބުނަން އެނގޭނީ މަށަށް ވުރެ ބޮޑަށް ޝަހާދަތް އިނގިލި ހޮއްކޮއަށް.

ޝަހާދަތް އިނގިލި: އާނ! އަހަރެމެންގެ ދީނަކީ އަނެކުންނަށް ކަމޭ ހިތުމުގެ ދީން. ތިމާގެ އަޚުންގެ ކުރިމަތީގައި ވަރުގަދަކަން ދެއްކުމާއި ބޮޑާވުމަކީ މުސްލިމުންގެ ސިފައެއް ނޫން. އެކަން ޖެހޭނީ ދޫކޮށްލަން. އަހަރެމެން އެއްމެންނަށް ހަމަޖެހިގެން ރީތި ކޮށް އަމާންކަންމަތީ ދިރި އުޅެވޭނީ މި ގޮތުގައި ތިބެގެން. އަނެކުންނަށް ހިތް ހެޔޮ ކޮށްގެން. އެހީތެރިކަން ފޯރުވައިގެން. ހިމޭންކަމާއި ކުލުނާއި ލޯބި ހިއްސާކޮށްގެން.

(ނޯޓު: މިއީ ކުޑަ ކުދީންނަށް ޚާއްޞަ ވާހަކަ އެކެވެ. މިއީ ކުރުވާހަކައެއް ނޫނެވެ.)

ހަމަމިގަލަމުން

އިދާރާ

ވާހަކަ