އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (3)

. ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ 

42. މައްކާގެ މުޝްރިކުން ސަޖިދަކުރި ޚަބަރު ޙަބަޝާއަށް ހިޖްރަކުރައްވައިގެން ތިއްބެވި މުސްލިމުންނަށް އެހެން ސިފައެއްގައި ލިބިވަޑައިގަތުމުން އެ ބޭފުޅުން ހީފުޅުކުރެއްވީ މައްކާގެ ބޮޑުން އިސްލާންވީ ކަމަށެވެ. މި ކަމާ އުފާފުޅުކުރައްވައި އެ ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން މައްކާއަށް އެބުރި ވަޑައިގަތެވެ.

43. ރަސޫލާގެ ރިސާލަތުގެ ދެވަނަ އަހަރު ޙަމްޒަތުގެފާނު އިސްލާންވެ ވަޑައިގަތެވެ.

އެކަލޭގެފާނަށް ފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޢުމަރުގެފާނު އިސްލާންވެ ވަޑައިގަތެވެ. މި ކަމުގެ ސަބަބުން  މުސްލިމުންގެ ބާރު މައްކާގައި ގަދަވެ މުސްލިމުން މައްކާގައި  އިސްލާންދީން ފާޅުކުރަން ފެށިއެވެ. 

44. ޢުމަރުގެފާނު އިސްލާންވެ ވަޑައިގަތް ގޮތާ ބެހޭ ގޮތުން ޞައްޙަ އެއްވެސް ބަހެއް ނެތެވެ. އެކަލޭގެފާނު އިސްލާންވެ ވަޑައިގަތީ އެކަލޭގެފާނުގެ ކޮއްކޯފުޅުގެ ގައިކޮޅުގައި ޖެއްސެވި ޙާދިސާއާ ގުޅިގެންކަމަށް އިބްނު އިސްޙާޤު ވިދާޅުވާ ބަސްފުޅުގައި އެއްވެސް ސަނަދެއް ނެތެވެ. 

45. ޤުރައިޝުން، ރަސޫލާއާއެކު މުޢާމަލާތުކުރަމުން ދިޔަ ވަސީލަތް ބަދަލުކޮށް ފައިސާއާއި އަންހެނުންނާއި ވެރިކަމުގެ ދަޅަތައް ދައްކައިގެން ރަސޫލާ ﷺ ހައްލައިލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަލޭގެފާނު ސާބިތުކަމާއެކު ހާމަކުރެއްވީ އެކަލޭގެފާނުގެ ދަޢުވަތު ހުއްޓައިނުލައްވާނެކަމެވެ.

46. ޤުރައިޝުން، ރަސޫލާއާއެކު ވާހަކަދެއްކުމަށް ޓަކައި ޢުތުބަތު ބިން ރަބީޢަތު ފޮނުވިއެވެ. ރަސޫލާ ﷺ އޭނާގެ ހުށައެޅުންތަކަށް ޖުމްލަކޮށް ތަފްޞީލުކޮށް ނޫނެކޭ ވިދާޅުވިއެވެ.

47. އެއަށްފަހު ޤުރައިޝުންގެ ބޯހަރުކަން އިތުރުވެގެން ދިޔައެވެ. އެކަލޭގެފާނުގެ އަރިހުން ތަފާތު މުޢުޖިޒާތްތަކަށް އެދުނެވެ. އޭގެތެރޭގައި :- 

    - މަލާއިކަތުން ދެއްކެވުން

    - ފެންކޯރުތައް މައްކާގެ ބިމުގައި ހިންގެވުން 

    - ޞަފާ ފަރުބަދަ ރަނަށް ބަދަލުކޮށް ދެއްވުން

48. ޤުރައިޝުން މުސްލިމުންނަށް ދުއްތުރާކުރުމާއި ގޯނާކުރުން އިތުރު ކުރިއެވެ. މި ކަމުގައި ކާފިރުންގެ އަމާޒަކަށް ހަދައިފައި ވަނީ މުސްލިމުންގެ ތެރޭގައި ހިމެނޭ މިސްކީނުންނާއި ފަޤީރުންނެވެ. މި ކަމާހެދި ރަސޫލާ ﷺ މުސްލިމުންނަށް ދެ ވަނަ ފަހަރަށް ޙަބަޝާއަށް ހިޖްރަ ކުރުމަށް ހުއްދަ ދެއްވިއެވެ. 

49. މި ފަހަރު ޙަބަޝާއަށް ހިޖްރަ ކުރީ 82 ފިރިހެނުންނާއި 18 އަންހެނުންނެވެ. މި ޖަމާޢަތުގެ އަމީރަކަށް ފޮނުއްވީ ޖަޢުފަރު ބިން އަބީ ޠާލިބުގެފާނެވެ. 

50. މި ފަހަރު މުސްލިމުން ޙަބަޝާއަށް ހިޖްރަކުރި ހިޖްރަކުރުންވެފައިވަނީ ކުރިއަށްވުރެ މާ ބުރަ ދަތުރަކަށެވެ. ޤުރައިޝުން އެބޭކަލުންނަށް ގޯނާކުރެވޭތޯ މަސައްކަތް ކުރިއެވެ. މައްކާއަށް އަނބުރައި ގެނެވޭތޯ ވެސް ބެލިއެވެ. 

51. ޙަބަޝާއަށް މުސްލިމުން ދިޔަ މަގުމަތީގައި ޚާލިދު ބިން ޙުޒާމުގެ ގައިކޮޅުގައި ހަރުފައެއް ދަތްއެޅުމުގެ ސަބަބުން އޭނާ އަވަހާރަވިއެވެ. 

52. މުސްލިމުންގެ ޢަދަދު ގިނަވަމުން އިސްލާންދީން ފެތުރެމުންދާތީ ޤުރައިޝުން ކަންބޮޑުވެ ރަސޫލާގެ ދަޢުވަތަށް ހުރަސްއެޅުމަށް ޓަކައި، ބަނީ ހާޝިމު ވަންހައާއި ބަނިލްމުއްޠަލިބު ވަންހައާ ބޮއިކަޓުކުރަން  ކަނޑައަޅައި ލިޔުމެއް  ލިޔެ، ގެފުޅުގައި އެލުވިއެވެ.

53. މި ބޮއިކަޓުގެ ދަށުން އެމީހުންނަށް އެއްޗެހި ނުވިއްކުމާއި އެ މީހުންގެ އަތުން އެއްޗެހި ނުގަތުމާއި، އެ މީހުންނާއެކު ބައްދަލުވުންތައް ނުބޭއްވުމާއި އެ މީހުންގެ ތެރެއިން މީހަކާ ކާވެނި ނުކުރާން ނިންމިއެވެ. އެއީ މި ޒަމާނުގައި މި ކިޔާ ގޮތަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމެވެ. 

54. ދަތިކުރުމުގެ މި ފިޔަވަޅުތަކުގެ ދަށުން ބަނޫ ހާޝިމު ވަންހައާއި ބަނޫ މުއްޠަލިބު ވަންހައިގެ މީހުން މައްކާއިން ބޭރަށް ނެރެ، ޝިޢުބު އަބޫ ޠާލިބު ނަމަކަށް ކިޔާ ރަށްބޭރު ސަރަޙައްދެއްގައި ބަންދުކުރިއެވެ. މި ބޮއިކަޓު 3 އަހަރު ވަންދެން ދެމެހެއްޓިއެވެ. 

55. މި ޙިޞާރުގެ ސަބަބުން ޝިޢުބުގައި އުޅެން މަޖްބޫރުވި މީހުން ބަނޑަށްޖެހި ފެނަށް ޖެހުނެވެ. ކާނެ އެއްޗެއް ނުލިބިގެން އިންސާނުންނަށް  ކެއުން ރަނގަޅުނޫން ބާވަތްބާވަތުގެ ގަސްގަހުގެ ފަތް ވެސް ކެއެވެ.  ކުޑަކުދީން  ރޭގަނޑު ހަތަރުދަމު ރޮއި ނުނިދައި އުޅުނެވެ. 

56. މި އުއްމަތުގެ ޙިބްރު އިބްނު ޢައްބާސުގެފާނު ރައްކައުވީ މި ބޮއިކަޓްގެ ތެރޭގައެވެ. 

57. ޝިޢުބުގައި ހައްޔަރުކޮށްފައި ތިބި މީހުންނަށް ހަމްދަރްދީވި ޤުރައިޝުންގެ ބައެއް މީހުން ގެފުޅުގައި އެލުވައިފައި ހުރި ލިޔުން ވީދައިލުމަށް ޓަކައި ގެފުޅުތެރެއަށް ވަންނަން މަސައްކަތް ކުރިއެވެ.

58. މި ބޮއިކަޓު ނިމުނީ މާތް الله ފަނިތަކެއް ފޮނުއްވައި މި ލިޔުމުގައި ހުރި اللهގެ އިސްމުފުޅުތައްނޫން އެހެން އެއްޗެހިތައް ކައިލި ޚަބަރު އަބޫ ޠާލިބުގެފާނު ޤުރައިޝުންނަށް ދެއްވުމުން މުޝްރިކުންނަށް ދައްކާނެ އިތުރު ބަހަނާއެއް ނެތުމުންނެވެ. 

59. މި ބޮއިކަޓު ނިމުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަސޫލާގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބުގެފާނު އަވަހާރަވެއްޖެއެވެ. އެއީ ރަސޫލާގެ ރިސާލަތުގެ 10 ވަނަ އަހަރުގައެވެ. އަބޫ ޠާލިބުގެފާނު އަވަހާރަވީ ކުފްރުގެ މަތީގައެވެ. އެކަލޭގެފާނު އިސްލާންވެވަޑައިގަންނަވާތޯ ރަސޫލާ އާދޭސް ދެންނެވިއެވެ. އަބޫ ޠާލިބުގެފާނު އަވަހާރަވުމުން ރަސޫލާ ﷺ އެކަމާ ވަރަށް ދެރަފުޅުވެ ހިތާމަކުރެއްވިއެވެ. ރަސޫލާ ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަށް އެ ކަން މަނާ ކުރައްވައިފުމަށް ދާންދެން ކަލޭގެފާނަށް ފާފަފުއްސަވާ ދެއްވާތޯ މާތް الله އަށް ދަންނަވާނަމެވެ." 

60. މި ކަމާ ވިދިގެން ތައުބާ ސޫރަތުގައި އެ ކަން ނަހީކުރައްވައި اللهގެ ބަސްފުޅު ބާވައިލެއްވިއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " مَا كَانَ لِلنَّبِىِّ وَٱلَّذِينَ ءَامَنُوٓا۟ أَن يَسْتَغْفِرُوا۟ لِلْمُشْرِكِينَ وَلَوْ كَانُوٓا۟ أُو۟لِى قُرْبَىٰ مِنۢ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَـٰبُ ٱلْجَحِيمِ " -(ތައުބާ ސޫރަތް : 113)– "ނަބިއްޔާއަކަށްވެސް، އަދި إيمان ވި މީހުންނަކަށްވެސް مشرك ންނަށްޓަކައި ފާފަފުއްސެވުންއެދި دعاء ކުރެއްވުމެއް ނެތެވެ. އެއުރެންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެހެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ أهل ވެރިންކަން އެއުރެންނަށް ފާޅުވެ އެނގުމަށްފަހުގައެވެ." އެހެންކަމުން ކާފިރުންނަށް ރަޙްމަތް ލެއްވުން އެދި ދުޢާކުރުމަކީ އަޅުގަނޑުމެން މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއްނޫނެވެ.  

61. ކާފިރުންގެތެރެއިން ޝަފާޢާތް ލެއްވޭނެ ހަމައެކަނި މީހަކީ އަބޫޠާލިބުގެފާނެވެ. މި ޝަފާޢަތުގެ ސަބަބުން އެކަލޭގެފާގެ ޢަޒާބު ލުއިކޮށްދެއްވާނެތެވެ. ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. "ނަރަކައިގެ އަހްލުވެރީންގެ ތެރެއިން އެންމެ ޢަޒާބު ލުއިވާނެ މީހަކީ އަބޫ ޠާލިބުގެފާނެވެ. އެކަލޭގެފާނު ދެ ކިބަ ފައިވާނަށް އެރުވޭނެއެވެ. އޭގެ  ސަބަބުން އެކަލޭގެފާނުގެ ސިކުނޑިފުޅު ކެކި އުތުރި އަރާނެތެވެ." 

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ