އަދުގެ ޚާއްސަ

Print

މަޢާފު (4)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު (ފިޔާތޮށިގެ، ހއ.ދިއްދޫ)

(1 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

"އޭނާ އުޅެނީ މޮޔަވެގެން. ދުވާލަކު އެތައްފަހަރަކު ގުޅަމޯ. ފޯން އޮންނަނީ ނިއްވައިލައިފަޔޭ އޭނާބުނެފި. އަހަރެން ބުނިން މިހިރީ ރާއްޖޭން ބޭރުގަޔޭ. މި މަހު ފަހުކޮޅުއޭ ރާއްޖެދާނީ. އެ ފޯނު އޮންނާނީ ރިސޯޓްގައި. އެހެންނޫނީ އަހަރެންގެ ދުވަސް ދިޔައީސް ލީޒާގެ ކުރިމަތީގައި." ނާހިޒު ހެމުން ހެމުން ވާހަކަ ދެއްކިއެވެ.

"ދެން ތިޔަހެން އަންހެންކުދީން ހައްދައިގެން އުޅޭނީ ކިހާ ދުވަހެއް ވަންދެން؟ މިހާރު ދެން އަންހެނަކު ވެސް ތިހިރީ ލިބިފައި. ތިޔަ ކުޅިވަރު ހުއްޓައިލަބަލަ!" 

"ތިހެން ބުންޏަސް ހުއްޓޭނެތަ؟ އެއީ ދެން މަޖާކުރާން ކުރާ ކަންތައް. އަމުދަކުން އޭނާ ބަލައިލާކަށް ވެސް ރީއްޗެއް ނޫން. ޖައްސައިލާން ވެސް ކަމުދާ ކަހަލަ ސިފައެއް ވެސް ނެތް." އެފް.ބީ އިން ފޮނުވައިފައިހުރި ފޮޓޯ ދައްކައިލަމުން ނާހިޒު ބުންޏެވެ. 

"ލައިބާ ގެއިން ނުނިކުންނަ ވާހަކަ އަޑުއެހީން. އޭނާގެ މައިންބަފައިން މައްސަލަ ޖައްސާކަށް ބޭނުމެއް ނުވެޔޯ. ލައިބާގެ ވާހަކަތައް މީޑިޔާއަށް އަރައިފާނެތީ. އެއީ ތެދެއްތަ؟" ނާހިޒަށް އިވުނު އަޑު އާހިލަށް އިއްވިއެވެ. 

" އާނ! އެއީ ތެދެއް. ލައިބާއަށް ރަނގަޅަށް އެނގޭނެ ކޮން ބަޔެއްކަން އޭނާއަށް އަބަދު ދިމާކުރަނީ. ޝައްކުވަނީ މިވެނި ބަޔެކޭ ބުންޏަސް އަހަރެެމެން ގެންދާނެ. އަހަރެމެންގެ ނަސީބު." އާހިލް ވާހަކަ މެދުކަނޑައިލީ އަސާގަނޑުގެ އެހީގައި ހިނގަމުން އަންނަ ކާސިމްބޭ ފެނުމުންނެވެ. އެ ބޭބެއަކީ މުސްކުޅި އެކަނިވެރިއެކެވެ. ދުނިޔޭގައި އެ ބޭބެގެ ތިމާގެ މީހަކުވެސް ނެތެވެ. އެހެންނަމަވެސް އެކަނި ޙާލާއިގެން އެ ބޭބެ އުޅެމުން ދެއެވެ.

ކާސިންބެ އައިސް ޖޯލިފަތީގެ އެއްކޮޅުގައި އިށީނދެއްޖެއެވެ. ނާހިޒާއި އާހިލް ދައްކަމުން ދިޔަ ވާހަކަ އިތުރަށް ކުރިއަށް ނުގެންދެވިގެން ތެދުވާން އުޅެމުން އާހިލް ބުނަމުން ދިޔައެވެ. 

"މަސައްކަތް ކޮށްގެން ހޯދާ ލާރިކޮޅު ކިހިނެއް ނުކުޅެދޭ މީހުންނަށް ބަހާނީ. އޭރުން އަހަރެމެން ސިނގިރެޓެއް ބޯލާނެ އެއްޗެއް ވެސް އޮންނާނެތަ؟ އެ ވަގުތަކީ ލީޒާ ސްކޫލް ނިންމައިފައި އަންނަމުން އެ ހިސާބާ އަރައިހަމަވި ވަގުތެވެ. ކާސިމްބޭ ދެރަވެގެން އިން މަންޒަރު ލީޒާއަށް ފެނުމުން ހަމްދަރުދީ ވިއެވެ. އެއީ އެބޭބެއަށް އަމާޒުކޮށް އާހިލް ބުނި ޖުމްލައެއްކަން ލީޒާއަށް އެނގުނެވެ. އެމީހުންނަކަށް ލީޒާއެއް ނުފެނެއެވެ. ނާހިޒު ވެސް ހެމުން ހެމުން ތިޔައީ ތެދެކޭ ބުނި ބަހަކީ ލީޒާއަށް އަޑުއަހާން ފަސޭހަ ބަހަކަށް ނުވިއެވެ. މުސްކުޅިއަކު އެތާ އިނަސް އެ މީހުންނަށް އުނދަގުލެއް ކުރަނީކީ ނޫނެވެ. ލީޒާ ދަބަހުން ނަގައިފައި އެ ބޭބެ އަތަށް ތިރީސް ރުފިޔާ ދިނެވެ. 

***

"ފެންވަރާން ވަންނަ މީހާ ހާދައިރެއް ތިޔަ ވަނީ ފާޚާނާގައި. ފެންވަޅެއް ކޮނެގެންތަ ފެންވަރަނީ." ލީޒާގެ އެހެން ބުނުމުން ނާހިޒު އެއްޗެކޭ ނުބުނެއެވެ. ލީޒާއަށް ނާހިޒުގެ ލޯފެނުނީ މަޑުރަތްކަމަކާ އެކުއެވެ. 

"ނިދި އަންނަނީ." ނާހިޒު އެހެންބުނެ އެނދުގައި ޖެހުމާއެކު ނިދީ ކަމެއް ފާޑަކަށް ދެމުނީ ކަމެއް ލީޒާއަކަށް ނޭނގުނެވެ. ކާންހަދައިފައި ހުރި ވާހަކަ ބުނުމުން ވެސް ނާހިޒު އަޅައެއް ނުލިއެވެ.  

"ލީޒާ!" ޖަހުޒާގެ އަޑަށް ލީޒާ ކޮޓަރީގެ ދޮރުހުޅުވައިލައިފިއެވެ. 

"ކާކަށް ނުވޭތަ؟ ކޮބައިތަ ނާހިޒު؟ އަވަހަށް އާދޭ ކާން. އެއޮށް މެންދުރުން އަނބުރައި ދޭއް ޖަހަނީ." ކޮޓަރީގެ ދޮރުގައި ދޮރުމަތީ ހުރެ ޖަހުޒާ ވާހަކަ ދެއްކިއެވެ.

" ނާހިޒު ނިދާފަ އޮތީމަ މަޑުކޮށްލީ." ލީޒާ ބުންޏެވެ.

"ލީޒާ ހިނގާ ކާން. ނާހިޒު ނިދައި ހޭލައިގެން ކައިފާނެ." ޖަހުޒާ އެހެން ބުނުމުން ލީޒާ ކޮޓަރިން ނިކުތެވެ. އަދި ނާހިޒުގެ އުޅުމަށް އަންނަ ބަދަލުގެ ވާހަކަ ފުރަތަމަ ފަހަރަށް މައިދައިތަ ގާތު ދެއްކިއެވެ. އެ ވާހަކަތައް އަޑު އިވުމުން ޖަހުޒާ ވިސްނުމަކަށް ގެއްލިއްޖެއެވެ. ލޮލުން ކަރުނައިގެ އަސަރު ފާޅުވުމާއެކުއެވެ.

***

"ހިނގައިބަލަ އެންމެން ސްކޫލް ނިންމައިފައި މިއަދު ސަޔަކަށް ޖައްސައިލާން. ދުވަސްކޮޅެއް ވެއްޖެ އަނގަތަޅައިނުލެވޭތާ." ނާއިލާ އެހެން ބުނުމާއެކު އެންމެން އެއްބަސް ވިއެވެ. ގަޑިޖެހުމާއެކު ހުރިހާ ޓީޗަރުން އަވަސްވެގަތީ ޓައިމްޓޭބަލާ އެއްގޮތަށް ކުލާސްތަކަށް ދާށެވެ. 

ލީޒާ ފުރަތަމަ ދިޔައީ ގްރޭޑް ފަހެއްގެ ކްލާހަށެވެ. އިސްލާމްދީނުގެ ރިވެތި ސަލާމުން ސަލާމްގޮވައިލުމަށްފަހު ކުލާހަށް ވަނެވެ.

"ކޮން ކުދިންނެއް ގޭގައި ހަދާންދިން މަސައްކަތް ނިންމީ." ލީޒާ އެހެން ބުނުމުން ކުލާހުގެ ގިނަ ކުދީީން އަތްމައްޗަށް ހިއްލައިލީ މަސައްކަތް ނިންމި ކަމުގެ ގޮތުންނެވެ. 

"ރާޝިހު. މަސައްކަތް ނުނިމުނީ ކީއްވެ؟ އޮޅުން ނުފިލާ ތަންކޮޅެއް އޮތީތަ؟ " ލީޒާ އެހިއެވެ. 

"ލައްބަ. މުދައްރިސް. އަޅުގަނޑަށް އަދި ކިޔައި ދެވިދާނެތޯ  ކީރިތި ރަސޫލާ މުޙައްމަދު ﷺ ތުއްޕުޅުއިރުގެ ވާހަކަތައް." ކުލާހުގެ އެހެންކުދީންގެ ސަމާލުކަން ލިބޭ ގަޑިއަކީ އިސްލާމް ގަޑިއެވެ. 

"ހުރިހާ ކުދީން ވަރަށް ރަނގަޅަށް އަޑުއަހައްޗޭ. ކީރިތި ރަސޫލާ މުޙައްމަދު ﷺ މަންމާ ފުޅަކީ އާމިނަތު ބިންތި ވަހަބު. ބައްޕާފުޅަކީ ޢަބްދުﷲ ބިން ޢަބްދުލްމުއްޠަލިބު. ކީރިތި ރަސޫލާ މުޙައްމަދު ﷺ އުފަންވެ ވަޑައިގަތުމުގެ ކުރީން ބައްޕާފުޅު ވަނީ ދުނިޔެ ދޫކުރައްވައިފައި. އެއީ ވިޔަފާރި ދަތުރެއްގައި ޝާމްކަރަ ނުވަތަ ޔަޘްރިބަށް ވަޑައިގެންފައި އެނބުރި ވަޑައިގަތް މަގުމަތީގައި ކަމަށް ބުނެވޭ. މިހާރު މިކިޔައިދިން ވާހަކަތައް ހުރިހާ ކުދިންނަށް ސާފުވެއްޖެތަ؟" 

"ލައްބަ." ހުރިހާ ކުދީންގެ އަޑު އެއްފަހަރާ އިވުނެވެ. 

"އަދި އިތުރަށް ކިޔުއްވައިބައްލަވާ، މުދައްރިސް. ވަރަށް އަޑުއަހާހިތްވާ ވާހަކައެއް ތިޔައީ." އެންމެ އަނގަގަދަކޮށް އުޅޭ ޒަހުވާން ބުންޏެވެ. 

"ކީރިތި ރަސޫލާގެ ކާފާފުޅު ޢަބްދުލްމުއްޠަލިބުގެފާނަށް ޢަބްދުﷲގެ ފާނު އަވަހާރަވުމުގެ ޚަބަރު ލިބިވަޑައިގަތުމުން ވަރަށްބޮޑަށް ހިތާމަފުޅުކުރެއްވި. އެހިތާމައިގައި މާ ގިނަ ދުވަސްތަކެއް ނުވަނީސް އާމިނަތުގެފާނު ރައްކައުވެވަޑައިގެންފި. ބުނެވޭ ގޮތުގައި ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ރަބީޢުލްއައްވަލް މަހުގެ ބާރަވަނަ ވިލޭރޭ. އެ ދަރިކަލުންނަށް ޢަބްދުލްމުއްޠަލިބުގެފާނު  މުޙައްމަދު އޭ ވިދާޅުވެ ނަންދެއްވި. ޢަބުދުލްމުއްޠަލިބުގެފާނު އެ ދަރިކަލުންނާމެދު ޚާއްޞަގޮތެއް ބެހެއްޓެވި. އެ ތުއްޕުޅު ދަރިކަލުން މުޙައްމަދުގެ، ކިރުމައިކަމަނާއަކީ ޙަލީމަތުއްސަޢުދިއްޔާ ކަމުގައި ހަމަޖެއްސެވި. ތުއްޕުޅު މުޙައްމަދު ޙަލީމަތުއްސަޢުދިއްޔާގެ އަވަށުގައި ދުވަސްކޮޅެއްގައި ދިރިއުޅުއްވި. އެ ދުވަސްވަރު އާދަޔާ ޚިލާފު ހާދިސާއެއް މެދުވެރިވި." ރަނގަބީލުގެ އަޑާއިއެކު ލީޒާގެ ވާހަކަ ހުއްޓައިލިއެވެ. 

"މުދައްރިސް މާދަމާ އަނެއްބައި ކިޔައިދެއްވައްޗޭ. އެހެން ފިލާވަޅަކަށް ދާންވާނީ މިވާހަކަ ނިމުނީމަ." ޒަހުވާން އެހެންބުނުމުން ހުރިހާކުދީން އެއްއަޑަކުން އެއީ ތެދެކޭ ބުންޏެވެ. ލީޒާ ޖެހިގެން ހުރި ކުލާހަށް އިސްލާމް ކިޔަވައިދޭން ދާން އަވަސްވެގަތެވެ. 

***

"އަބަދު މިހެން އަވަދިނެތި މަސައްކަތާ ވިސްނަން ވެއްޖިއްޔާ.... މާ އަވަހަށް މުސްކުޅިވެދާނެ." ސާމިހާ ހިނިގަނޑެއް ޖަހައިލުމަށްފަހު ނާއިލާ ބުނި ޖުމްލައަށް އިތުރު ކޮށްލިއެވެ. ގެއަށްދިއުން ލަސްވާނެތީ ލީޒާ އަވަސް އަރުވައިލައިފައި ނާހިޒަށް އެސް.އެމް.އެސް ފޮނުވުމަށްފަހު ފޯނު ދަބަހަށް ލައިފިއެވެ. 

"ސްކޫލްގެ ދަރިވަރުންނާ މެދު އަހަރެމެން އެބަޖެހޭ ވަރަށް ވިސްނާން. މިރަށުގެ ގިނަ ޒުވާނުން މަސްތުވާ ތަކެތީގެ ފަހަތުގައި ދުވާއިރު ސްކޫލް ކުދީން ވެސް އެމީހުން އުޅޭ ގޮތް ބަލައި، އެ ގޮތަށް އުޅޭން ފަށާނެ." ސާމިހާ ފެށި ވާހަކައަކުން ހުރިހާ ޓީޗަރުންގެ ސަމާލުކަން އަތުލައިފިއެވެ. 

"މިތާ މިތިބަ ހަ ޓީޗަރުންގެ ތެރެއިން މީހުނާ އިނދެގެން އުޅޭ ހަތަރު މީހުންވާނެ ފިރިންނާ މެދު ވިސްނާން. އަދި ތިޔަ މީހުންގެ ފިރިންނަކީ ޒުވާން ނޫކަށިފުރައިގެ ކުދީންކޮޅެއް." ރަހުލާގެ ވާހަކައަށް ލީޒާ ވިސްނަން ފެށިއެވެ. 

"އަހަރެމެންގެ ފިރިން އެކަހަލަ ކަމެއް ނުކުރާނެ. އެއަށްވުރެ މާ ޒިންމާދާރުވާނެ." ސާހާ އެހެން ބުނުމުން އެންމެން އެކީގައި ހޭންފެށިއެވެ. ލީޒާއަކަށް ހިނިތުން ވެވޭ ގޮތެއް ނުވިއެވެ. މިހާރަކަށް އައިސް ނާހިޒުގެ އުޅުމަށް އައިސްގެން އުޅޭ ބަދަލުގެ ސަބަބުން، އެ ދައްކާ ވާހަކައާ ގުޅުމެއް އޮވެދާނެކަމަށް ލީޒާގެ ހިތް ބުނަމުން ދިޔައެވެ. 

"މިކުޑަރަށުގައި މަސްތުވާތަކެތީގެ އަޅުންނަށްވެގެން އުޅެނީ ކިތައްމީހުންކަން ވިސްނައިލަބަލަ! އެކަން ގިނަވާން ފެށުމުން ނިކުންނަ އިތުރު މައްސަލަތައް ވެސް ގިނަ. ރޭޕް ކުރުމާއި، ވައްކަންކުރުން ޢާއްމުވެއްޖެ. ތަނަކަށް ދަންޏާ މި ޖެހެނީ ގޭގެ ތަންތަން ތަޅުލާން." ނާއިލާގެ ވާހަކައަށް އެންމެން ވެސް އެއްބަސްވިއެވެ. 

"ތިޔަބުނާ މީހުން ވަކިކުރާނެ ގޮތެއް މަށަކަށް ނޭނގޭ. މަގުމަތީގައި ހިނގާފަ ދާއިރުވެސް އަދި ނުދެކެން މީހަކު މަސްތުވެގެން ހުންނަ ތަނެއް." މައިޝާ ބުންޏެވެ.

"މައިޝާ. މިރަށުން މީހަކު ހޯދާނެ ކަމެއްނެތް. ކަމުދާ ކަހަލަ ފިރިހެން ކުދީންނެއް ނެތްް." ނާއިލާ އެހެން ބުނުމުން އެންމެން ހޭންފަށައިފިއެވެ. ލީޒާއަށް އެހުނުމުގައި ދެން ވެސް ބައިވެރިއެއް ނުވެވުނެވެ. ފާޑަކަށް އިނދެވުނީއެވެ. އެހެން މީހުންނަށް އެ ކަން ފާހަގަ ނުވިކަން ނަސީބެކެވެ. 

***

ރޭގަނޑުގެ ވަގުތެވެ. މުޅި މާޙައުލަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. ކާންހަދައިގެން ލީޒާ އިންނަތާ ކިތަންމެ އިރެކެވެ. ދިހައެއް ޖެހިއިރު ވެސް ނާހިޒު ގެއަކަށް ނާދެއެވެ. ފޯނަށް ގުޅުނު ޢަދަދެއް ނޭނގެއެވެ. ފޯން ރިންގުވެއެވެ. ޖަވާބު ނުދެނީއެވެ. ލީޒާގެ ގޭގެެ ޖޯލިފަތީގައި ޖައްސައިލީ ނާހިޒު އަންނަންދެނެވެ. އެހެން އިންދާ ދޮރުހުޅުވާލި އަޑުއިވުމުން ލީޒާ ދޮރާދިމާއަށް ހިނގައިގަތެވެ. ނާހިޒު ކަމަށް ހީކޮށެވެ. ދޮރުން ވަދެގެން އައީ ހުޖޫދުއެވެ. 

"ދަރިފުޅާ ލީޒާ. ކީއްވެ ދޮރުކައިރީގައި ތިޔަ ހުރީ. ނާހިޒު ގެއަށް ނާންނަނީތަ؟" 

"ކާން ހަދައިގެން ހުންނަތާ ކިތަންމެ އިރެއްވެއްޖެ. ނާހިޒު ގެއަކަށް ނާދޭ. ފޯނެއް ވެސް ނުނަގާ." ލީޒާގެ ވާހަކަ އަޑުއިވުމުން ހުޖޫދު ކަންބޮޑުވެއްޖެއެވެ. ހުޖޫދު ގެއަށް އަންނައިރު ވެސް ނާހިޒު ގިނަ ފަހަރު ގޭގައި އުޅޭ ވަގުތަކާ ދިމައެއް ނުވެއެވެ. ހުޖޫދު ރަށުގައި މީހުން އެއްވެ އުޅޭ ވަރަށް ގިނަ ސަރަޙައްދު ބަލައިފިއެވެ. ނާހިޒެއް ނުފެނުނެވެ. އެނބުރި ގެއަށް ދިޔަ މަގުމަތީގައި ޖަޢުފަރުބެއާ ދިމާވެއްޖެއެވެ.

(ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ