އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (4)

. ހިމެނޭބަޔަކީ ސިޔަރަތު

 

އިބްރާހީމް ރަޝީދު މޫސާ

(2020 މެއި 1 ވަނަ (ވީ ހުކުރު) ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)

62. ޖިބްރީލުގެފާނު ވިދާޅުވިއެވެ: ޚަދީޖަތުގެފާނު ކަލޭގެފާނުގެ އަރިހަށް އެބަ ވަޑައިގަންނަވައެވެ. އެ ކަމަނާ ވަޑައިގަތުމުން އެ ކަމަނާގެ ވެރިރަސްކަލާނގެ ޙަޟްރަތުންނާއި އަޅުގަނޑުގެ ފަރާތުން އެކަމަނާއަށް ސަލާމް ވިދާޅުވެދެއްވާށެވެ! " (متفق عليه). ޖިބްރީލުގެފާނު ރަސޫލާ  އަށް ދެންނެވިއެވެ. "بشِّرْ خديجةَ ببَيتٍ في الجنَّةِ مِن قَصَبٍ لا صَخَبَ فيه ولا نَصَبَ" (السلسلة الصحيحة ٧/١٦١٢ )- ("އެ ކަމަނާއަށް ޓަކައި ސުވަރުގޭގައި ރަންމުތުގެ ގަނޑުވަރެއް ހުރިކަމުގެ ހެޔޮ ޚަބަރު ޚަދީޖަތުގެފާނަށް ދެއްވާށެވެ! އެތާނގައި ހަލަބޮލިކަމެއް ވަރުބަލިކަމެއް ނެތެވެ.") 

63. ޚަދީޖަތު ބިންތު ޚުވައިލިދުގެފާނު އަވަހާރަވީ އަބޫޠާލިބުގެފާނު އަވަހާރަވިތާ ތިން ދުވަސް ފަހުން މީލާދީން 620 ވަނަ އަހަރުގެ ރަމަޟާންމަހުގައެވެ. ރަސޫލާ  އެ ކަމަނާއާއެކު 24 އަހަރާއި 6 މަސް ދުވަހު އުޅުއްވިއެވެ. އޭރު އަދި ކަށުނަމާދު ޝަރުޢެއް ނުކުރައްވައެވެ. ފަސްދާނު ލެވުނީ މައްކާގެ ޙުޖޫން ޤަބުރުސްތާނުގައެވެ. 

64. ނިޔަނެތި އަނބިކަނބަލުންނާއި ލޮބުވެތި ބޮޑުބޭބޭފުޅު އަވަހާރަވުމުން ރަސޫލާ  އެކަމާ ވަރަށް ދެރަފުޅުވިއެވެ. ބޮޑުބޭބޭފުޅު ވެފައިވަނީ އެކަލޭގެފާނުގެ ޚަރިޖީ ކިއްލާއަށެވެ. ލޮބުވެތި އަނބިކަނބަލުން ވެފައިވަނީ ދާޚިލީ ކިއްލާއަށެވެ. 

65. ޚަދީޖަތުގެފާނު އަވަހާރަވުމުން ރަސޫލާ  ސައުދަތު ބިންތު ޒަމްޢަތުގެފާނާ ކާވެނިފުޅުބައްލަވައިގަތެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ 55 އަހަރެވެ. ސައުދަތުގެފާނާއެކު ރަސޫލާ ތިން އަހަރު އެހެން އަނބިކަބަލަކާނުލައި އުޅުއްވިއެވެ. ސައުދަތުގެފާނަކީ ވަރަށް ޞާލިޙު ވަރަށް އަޅުވެރި މިސްކީނުންނަށް ވަރަށް އޯގާވެރި ބޭކަނބަލެކެވެ.  

66. އެއަށްފަހު ރަސޫލާ  ޢާއިޝަތުގެފާނާ ކާވެނިފުޅު ބައްލަވައިގަތެވެ. 

67. އަބޫ ޠާލިބުގެފާނު އަވަހާރަވުމުން ޤުރައިޝުން ސީދާ ރަސޫލުﷲގެފާނަށް ގޯނާކުރާން ފަށައިފިއެވެ. މައްކާގެ މޮޔައިން ލައްވައި އެކަލޭގެފާނަށް ފުރައްސާރަކޮށް ގޯނަކުރިއެވެ. އަބޫ ޠާލިބުގެފާނު ދުނިޔޭގައި ހުންނެވިއިރު މުޝްރިކުންނަށް ރަސޫލާއަށް ސީދާ ކަމެއް ކުރާން ވަނީ ނުކެރިފައެވެ. 

68. ރަސޫލާ  ޙަދީސްކުރެއްވިއެވެ. "އަބޫ ޠާލިބުގެފާނު އަވަހާރަވުމުގެ ކުރީން ތިމަންކަލޭގެފާނަށް ގޯނާއެއް ކުރާން ޤުރައިޝުން ތިބީ ޖެހިލުންވެފައެވެ." (رواه البيهقي في دلائل النبوة) 

69. ރަސޫލާ ސަޖިދައިގައި އޮންނަވަނިކޮށް އެކަލޭގެފާނުގެ ގައިކޮޅުމައްޗަށް ޖަނަވާރުގެ ކަރުގޮހޮރުތައް އޮއްސައިލިއެވެ. އަދި އެކަލޭގެފާނު ސަޖިދައިގައި އޮންނަވަނިކޮށް ޢުޤްބަޠު ބިން އަބީ މުޢައިޠު ރަސޫލާގެ ކަރުފުޅު މައްޗަށް ފައިން އެރިއެވެ. ރަސޫލާ ގެފުޅުތެރޭގައި ސަޖިދަ ކުރައްވައިފިނަމަ ރަސޫލާގެ ކަރުފުޅު މައްޗަށް އަރައި ޗިސްކޮށްލާނެ ކަމަށް އަބޫ ޖަހްލު ބުނެ އެ ކަން ކުރެވޭތޯ ދިޔައެވެ. ނަމަވެސް މާތްﷲ ރަސޫލާ ޙިމާޔަތް ކުރައްވިއެވެ.

70. ރަސޫލާ  ޙަދީސް ކުރެއްވިއެވެ. "لقد أُخِفْتُ في اللهِ وما يُخافُ أحَدٌ، ولقد أُوذِيتُ في اللهِ وما يُؤْذى أحَدٌ (أخرجه الترمذي (٢٤٧٢)، وابن ماجه (١٥١)، وأحمد (١٤٠٥٥)). ("އެއްވެސް މީހަކު ބިރު ނުގެންނެވޭ މިންވަރަށް ﷲގެ މަގުގައި ތިމަންކަލޭގެފާނު ބިރުފުޅު ގެންނެވުނެވެ. އަދި އެއްވެސް މީހަކަށް ގޯނާނުކުރެވޭވަރަށް ﷲގެ މަގުގައި ތިމަންކަލޭގެފާނަށް ގޯނާކުރެވުނެވެ.") 

71. އަބޫބަކްރުގެފާނަށް ވެސް މައްކާގައި އުޅުއްވާން ދަތިފުޅުވެގެން ޙަބަޝާއަށް ހިޖްރަކުރައްވާން ގަސްތުކުރައްވައި، ހުއްދައަށް އެދިވަޑައިގަތުމުން ރަސޫލާ އެކަލޭގެފާނަށް އެ ކަމަށް  ހުއްދަ ދެއްވިއެވެ. އަބޫބަކްރުގެފާނު ޙަބަޝާއަށް ވަޑައިގަންނަވާން ވެގެން ދަތުރުފުޅު ފަށްޓަވައި "ބަރްކުލް ޣިމާދި" ނަމަކަށް ކިޔާ ހިސާބުން "އިބްނުއް ދަޣްނަތި" އާ ބައްދަލުވެ ވަޑައިގަތެވެ. އިބްނުދަޣްނާ އަކީ އަލްޤާރަތު ޤަބީލާގެ ވެރިޔާއެވެ. އޭނާ އަބޫބަކްރުގެފާނަށް ޙިމާޔަތް އެރުވިއެވެ. އޭނާ  އަބޫބަކްރުގެފާނަށް މައްކާއަށް އެނބުރި ވަޑައިގަތުމަށް ދެންނެވިއެވެ. އޭނާ ދެންނެވިއެވެ. "ކަލޭގެފާނު މައްކާއަށް އެނބުރި ވަޑައިގެން ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރައްވާށެވެ!" 

72. އިބްނުދަޣްނާ އަބޫބަކްރުގެފާނަށް ޙިމާޔަތް ދެއްވުމުން ޤުރައިޝުން އެކަމާ ވަރަށް ކަންބޮޑުވިއެވެ. މި ޙިމާޔަތް ލިބިވަޑައިގަތުމުން އަބޫބަކްރުގެފާނު އަޑުހަރުކޮށް ޤުރްއާން ކިޔަވައި ވިދާޅުވާން ފެށްޓެވީތީއެވެ.  

73. ޤުރައިޝުންގެ ޝަކްވާއާހެދި އިބްނުއްދަޣްނާ އަބޫބަކްރުގެފާނަށް ޤުރްއާން އަޑުހަރުކޮށް ކިޔަވައިވިދާޅުނުވާން ދެންނެވިއެވެ. އެ ހިނދު އަބޫބަކްރުގެފާނު އިބްނުއްދަޣްނާގެ ޙިމާޔަތް އޭނާއަށް ރައްދުކުރެއްވިއެވެ. އެހެނަސް އަބޫބަކްރުގެފާނު މައްކާގައި ހުންނެވިއެވެ. 

74. މައްކާގައި ރަސޫލާއަށް ކުރަމުން ދިޔަ  ގޯނާއާއި ދުއްތުރާތައް ބޮޑުވުމުން ދީނަށް ގޮވައިލެއްވުމަށް ޓަކައި، ރަސޫލާ  ހިންގަވައިފައި ޠާއިފަށް ވަޑައިގަތެވެ. އިސްލާންދީނަށް އެ ރަށުން ތަރުޙީބެއް ލިބިވަޑައިގެންފާނެކަމުގެ އުއްމީދުގައެވެ. އެކަލޭގެފާނުގެ އަރިހުގައި ޒައިދު ބިން ޘާބިތުގެފާނު ގެންދެވިއެވެ.

75. ޠާއިފުގެ އަހްލުވެރިން ރަސޫލާއަށް މަރްޙަބާ ދެންނެވީ އޮށްގަލުންނެވެ. މި ކަމުގެ ސަބަބުން އެކަލޭގެފާނުގެ މާތް ދެ ފައިންޕުޅު ޒަޚަމުވެ ލޭފޮދު އޮހޮރުނެވެ. 10 ދުވަސް ޠާއިފުގައި ހޭދަކުރެއްވުމަށްފަހު އެ ރަށުން ނުކުމެވަޑައިގަތީ ވަރަށް ފިކްރުފުޅު ބޮޑުވެ ހާސްފުޅުކަން މަތީގައެވެ. އެކަލޭގެފާނަށް ހުންނެވުނީ ކޮން ހިސާބެއްގައި ކަން ވެސް އެނގިވަޑައިގަތީ ޤަރްނުލްމަނާޒިލާ ހަމައިންނެވެ. އެއީ މައްކާއާ 40 މޭލު ދުރު ހިސާބެކެވެ. 

76. ޖިބްރީލުގެފާނު ފަރުބަދަތަކުގެ މަލާއިކަތާއާއެކު ރަސޫލާގެ އަރިހަށް ވަޑައިގެން އެކަލޭގެފާނު އެދިވަޑައިގަންނަވަނީ މައްކާ ހަލާކުކޮށްލެއްވުމަށްތޯ ނުވަތަ ކެތްތެރިވެ ވަޑައިގަންނަވަންތޯ ދެންނެވިއެވެ. އެހިނދު ރަސޫލާ އިޚްތިޔާރު ކުރެއްވީ ކެތްތެރިވެވަޑައިގަތުމެވެ. 

77. ކައު ރަސޫލާ  މައްކާއަށް ވަދެވަޑައިގަތީ އަލްމުޠުޢިމު ބިން ޢަދިއްޔުގެ ޙިމާޔަތް ލިބިވަޑައިގަންނަވައިގެންނެވެ. 

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ