Print

ނަމަ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަންވަރު އިބްރާހީމް

ކުޑަދޮރުގައި ލޯޖަހައިގެން އިރުއިރުކޮޅާ ބޭރަށް ބަލައިލައެވެ. ސާފު އުޑަކުން ދީފައިވާ އަވީގައި ނޫ ދޫލައެއްގެ މައްޗަށް އަތުރާލެވިފައިވާ ފެހި އެސްތަކުގެ ރަށްތައް ހުރީ ވިދަވިދައެވެ. ދޭތެރެއަކުން އަންނަ ހުދު، ބޯ ވިލާގަނޑު ރަށްތަކާ ފީކޯތް ކުޅުނަސް އިސާހިތަކު އެހެން ތަސްވީރެއް ލޯމަތީ ކުރަހައިލައެވެ. ހާދަ ފުރިހަމައެވެ. ހާދަ ރީއްޗެވެ. ހާދަ ޗާލެވެ.

އާރިޒަށް އިނދެވުނީ އެތައް ހާސް ފޫޓެއްގެ ތިރިން ފެންނަމުން ދިޔަ ޖަޒީރާ ރަށްތަކަށް ފަޚުރިވެރިވާށެވެ. އެ ހިތުން ބުނަމުން ދިޔައެވެ. ދުނިޔޭގެ އެހެން ތަންތަނަށް އަންނަ ބިރުވެރި ތޫފާންތަކާއި މަރުގެ ބިންހެލުންތައް މި ރާއްޖެ ތަޖުރިބާ ކުރާކަށް ނުޖެހެއެވެ. ނުރައްކާތެރި ރޯގާތަކާއި ހިތްދަތި ބަލިމަޑުކަމެއް މި ރާއްޖެއަކަށް ނާދެއެވެ. ހައްތަހާ ވެސް ނިޢުމަތެވެ. ކަލާނގެ ރަޙުމަތެވެ. ފަތުއަޑު ކިޔައި މުޅި ދުނިޔެއަށް މިހާރު އެ ފެތުރޭ އަލިފާން ރޯގާ ވެސް މި ވަޒަނަކު ނުފެތުރެއެވެ. މިއަށްވުރެ ވަކިން ބޮޑު ނަސީބެއް ކޮބައި ހެއްޔެވެ؟ 

ޚިޔާލީ ދުނިޔޭގައި އިން އާރިޒަށް ހޭވެރިކަންވީ މުޅި ބޯޓު ތެޅިގަތުމުންނެވެ. އިވެމުން ދިޔަ ބާރު ބޫން އަޑާއެކު ކަކޫމަތީ އޮތް ދެ އަތުން ކަކުލަށް ފިތާލެވުނެވެ. ބޭރަށް ލަމުން އައި ނޭވާ ހިނދުކޮޅަކަށް ހިފަހައްޓާލެވުނެވެ. ނަމަވެސް ކުޑަ ހިނދުކޮޅަކުން އެ އަޑު ކެނޑިއްޖެއެވެ. ބޯޓުގެ އަޑުފޮށިން މަޑު މިއުޒިކާއެކު އިވެމުން ދިޔަ އަޑަށް ވުރެ ދަތުރުވެރީންގެ އަޑު އޮލަވެ މުޅި ބޯޓު ރަކަރަކަ ޖަހައިގަތެވެ. އެއީ އަބަވެސް ކަން ހިނގައި ގޮތެވެ. ބޯޓު ޖެއްސުމާއެކު މީހުންގަނޑު ތިބޭނީ ކޮޅަށެވެ. ހީވާނީ އިރުކޮޅަކު މަޑުކޮށްލާން ޖެހުނަސް ދެން ނުފޭބޭނެ ހެންނެވެ. އާރިޒު ވެސް ތެޅިގަތީއެވެ. ދެ ފަރާތުގެ ގޮނޑިބަރީގެ މެދުގައި އޮތް ހަނި މަގުން ކުރިއަށް ދެމިގަތީއެވެ. ދޮރުތައް ހުޅުވާލުމާއެކު ބަންދުވެފައިވާ އުނި ހޮރަކުން މިނިވަންވި ހިނިތަކެއްހެން ރާސްރާސްލާފައި ނުކުތް މީހުންގަނޑުގެ ތެރެއަށް ވަދެގަތީއެވެ. 

އަންނަ މީހުންގެ ގިމަތައަށް ވަދެވުމާއެކު އާރިޒަށް ހުއްޓުން އެރިއެވެ. ހެދިފައި އޮތް ނަންނުގަތި ސަފުގައި ތިބި މީހުން ދުރުދުރުގައި ތިބުމަށް ނަސޭހަތްތެރިވަމުން ދިޔުމުން އޭނާ އައީ ލާނެތް ހިންޏެކެވެ. މާ ކުރިޔާލައި ތައްޔާރުވަނީ ތޯއްޗެކެވެ. ރޯގާ އަތުވެދާނެތީވެ ރަޖާ ލަނީ ތޯއްޗެކެވެ. ދެން ކޮން ދުރުމިނެއް ހެއްޔެވެ؟ ހަމަ ދެއްކުންތެރިކަން ބޮޑީއެވެ. އާރިޒުގެ ހިތް ޝަކުވާ ކުރީ ސަފު ކުރިއަށް ދާލެއް ލަސްކަމުންނެވެ. 

ވީ ފޫހީގައި އޭނާ ހުޅުވާލީ ނިއްވާލާފައިވާ ފޯނެވެ. ވަދެވުނީ ވައިބަރަށެވެ. ފެނުނީ މަންމަގެ މިސްކޯލުތަކާއި މެސެޖުތަކެވެ. ހައިރާންވީ މަންމަ ފޮނުވާފައިވާ ލިންކަށް ވަދެވުމުންނެވެ. އޭގައި ވަނީ ރާއްޖެއިން ވެސް ޝައްކުކުރެވޭ ދެ މީހަކު ފެނުނު ވާހަކައެވެ. އެ ދެ މީހުންގެ ސާންޕަލްނަގައި ކޮވިޑަށް ޓެސްޓުކުރާ ވާހަކައެވެ. ރާއްޖޭގެ ހާލަތު ގޯސްވެދާނެކަމަށް ޓަކައި ރާއްޖެ އަންނަ ކޮންމެ މީހަކު 14 ދުވަހުގެ ބަންދަކަށް ދާންޖެހޭ ވާހަކައެވެ. ލިބުނު ހައިރާންކަމާއެކު އާރިޒުގެ ހިތް ތެޅިގަތެވެ. އެ މާޔޫސްކަމުގައި ދެން ފެނުނީ މަންމަގެ އިތުރު މެސެޖެކެވެ. 

“ މަންމަގެ ހިތް ބުނަނީ ދަރިފުޅު މަންމައަށް ކަމެއް ސިއްރުކުރާހެން. މަންމަގެ އުފަން ދުވަސް ފާހަގަކުރާން ކޮންމެވެސް ކަންތައް ގަނޑެއް ރާވާހެން. އެކަމަކު ހަނދާންކުރާތި! މަންމަ އިއްޔެ ދެއްކި ވާހަކަތައް ގަބޫލުކޮށް ގެއިން ނުނުކުންނާތި. މަޖަލަކަށް ހަދާފައި ވެސް ގެއިން ބޭރަށް ނުދާތި” 

އާރިޒަށް ހުރެވުނީ ގޮތް ހުސްވެފައެވެ. ސިކުނޑީގައި ތަޅައިގަތީ އިއްޔެ ގުޅާފައި މަންމަ ދެއްކި ވާހަކަތަކެވެ. ރޯގާގެ ވާހަކައެވެ. ގައުމަށް އައުމުގެ ފުރުޞަތު ލިބުނަސް މި ދަނޑިވަޅު އައުން ބުއްދިވެރި ނޫން ވާހަކައެވެ. މަޖަލާއި ސަކަރާތަށް ގެއިން ބޭރަށް ނުދާން ބުނެ ދިން ނަސޭހަތްތަކެވެ. މި ދަނޑިވަޅު އެއް ވެސް ހަދިޔާއެއް ސަޕްރައިޒެއް ބޭނުން ނުވާ ވާހަކައެވެ. 

ކިހައި ދެރަ ކަމެއް ހެއްޔެވެ؟ މިހެން ވާނެކަން އެނގޭނަމަ ނުވެސް އައީހެވެ. މަންމަގެ އުފަންދުވަސް ފާހަގަކުރާން މަންމަ ގާތުގައި ނުބުނެ ޓިކެޓު ނަގައިގެން މާލެއަށް ފުންމާލާކަށް ނޫޅުނީހެވެ. އެކަމަކު މި ވަރު ކުރަންޖެހޭ ހެއްޔެވެ؟ މި ތަނުގައި އެ ބަލި ފެތުރުނީކީ ނޫނެވެ. ފައްސިވެފައިވާ މީހަކު ކީއްކުރަން ހެއްޔެވެ؟ އައްސިވެފައިވާ މީހަކު ވެސް އަދި ހުރީކީ ނޫނެވެ. މީހަކަށް ޝައްކުކުރެވުމަކީ އަދި ބަލި ފެނުމެއް ވެސް ނޫނެވެ. އެކަހަލަ ކިތަންމެ ޓެސްޓެއް އެހުރީ ނައްސިވެފައެވެ. ދެން ކޮން ސަކަރާތެއް ހެއްޔެވެ؟ އާރިޒު ވީ ފޫއްސެވެ. އައީ ރުޅިއެވެ. އޭނާ ރޭވި ކަންތައް ތޮޅިއަށްދާނެކަން ޔަގީންވުމުންނެވެ. 

އާރިޒަށް ގޮތް ހުސްވިއެވެ. ވީފޫއްސާއި ލިބުނު ލަނޑާއެކު މަންމައަށް ގުޅިއެވެ. ފޯނު ހަމަ ނެގުމާއެކު މަންމަ ފެށީ ޝަކުވާއެވެ. 

”ކިހައި ވަރަކަށް ގުޅިއްޖެ. ކޮންތާކު ތި އުޅެނީ. ދަރިފުޅު ގާތުގައި ބުނީމެއްނު ބޭރަށް ނުދާށޭ. މަންމަ ގުޅާ ކޮންމެ ވަގުތަކު ފޯނު ނެގޭގޮތަށް ހުންނާށޭ“. އާދޭހުގެ އަމުރުވެރި ރާގުގައި މަންމަ ހަނދާން ކޮށްދިނީ އިއްޔެ ވެސް ދެއްކި ވާހަކައެވެ. އާރިޒަށް ހުރެވުނީއެވެ. ދޭނެ ޖަވާބެއް ހިތަށް ނައިސްގެންނެވެ. ޖަވާބު ދޭނެ ގޮތެއް ސިކުނޑިއަށް ނުވިސްނިގެންނެވެ. ހަނުހުރުމުގެ ސިކުންތުކޮޅަކަށް ފަހު އަނެއްކާ ވެސް ފެށީ މަންމައެވެ. 

”ކިހިނެއްވީ ދަރިފުޅާ؟“ މި ފަހަރު މަންމަ ފެށީ އޯގާތެރިކަމާއެކު މަޑުމަޑުންނެވެ. ހީވީ ކަމެއް ގޯސްވެއްޖެ ކަމުގެ އިހުސާސް މައި ލަނގޮޑިއަށް ކުރެވުނު ހެންނެވެ. އެތައް މޭލެއްގެ ދުރުން ވެސް އާރިޒުގެ އިހުސާސްތައް މަންމައަށް އިލްހާމުވިހެންނެވެ. 

”އަހަރެން މި ހުރީ ރާއްޖޭގައި. ކުޑަ ބަނޑޮހަށް ދާންޖެހިގެން މި އުޅެނީ.“ ކުށްވެރިއަކު ފަދައިން މަޑުމަޑުން އާރިޒު ބުންޏެވެ. މަންމަގެ ބަސް ހުއްޓުނެވެ. ހިވީ އެ މަންމަގެ ވިންދުތަކުގައި ހިފައި މީހަކު ލަތްކެއް ޖެހިހެންނެވެ. ލިބުނު ހާސްކަމާއެކު މަންމައަށް ރޮއިގަނެވުނީއެވެ. އާރިޒަށް ހުރެވުނީ ފެންކަޅިވެ ބަސްހުއްޓިފައެވެ. ދުލުން ބުނެވުނީ ހަމައެކަނި ސޮރީއެވެ.

ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކާއެކު އާރިޒު ހުންނަން ޖެހޭ ކޮޓަރިއަށް އޭނާ ވަނެވެ. ސާފު ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ތުނޑުކުނަލެއްފަދަ ރީތި ތަރުތީބެވެ. ލޮލުގައި އަޅައިގަތީ ދިމާ ކުރިމަތީ ހުރި މާސިންގާ އެދެވެ. އަޅާފައި އޮތް ބެޓްޝީޓާއި ރަޖާގަނޑު ރަށުގެ ބޯކިރު ތުނޑިއާ ވާދަކުރާ ކަހަލައެވެ. އާރިޒަށް ހިނގައިގަނެވުނީ ހުޅަނގު ބިތުގައި ހުރި ބޮޑު ދޮރާ ދިމާއަށެވެ. ދޮރު ހުޅުވާލުމާއެކު އަންނަން ފެށި ފިނިފިނި ވައިރޯޅިތައް އޭނާގެ ފަތް ބޯ ފަން އިސްތަށިގަނޑުގައި ފިރުމާން ފެށިއެވެ. ހުޅަނގު މޫސުމުގެ ހިތްގައިމު ދުވަހު ބީއްސާލައި ރާޅުތަކުގެ މިޔުޒިކީ އަޑު ކަންފަތަށް ވަންނާން ފެށިއެވެ. މާދުރުން އަންނަ ވައިރޯޅިއާ އެކު ގެންނަ ބޯކެޔޮ ވަސްގަނޑު ނޭފަތުގައި ބޮސްދޭން ފެށިއެވެ. އެ ރަހައިން އަރު ތެންމާން ފެށިއެވެ. ނަމަވެސް އޭނާގެ ހިތަށް ހިތްހަމަ ޖެހުމެއް ނުވަނެވެ. ވިސްނާން ފެށުނީ އޭނާގެ ހާލަތެވެ. އުޅެންޖެހޭނެ ހިތްދަތިކަމެވެ. އެކަނިމާއެކަނި އޮންނަން ޖެހޭ އޮތުމެވެ. 

އާރިޒަށް އޮވެވުނީއެވެ. ކަންތައް ދިމާވިގޮތާ މެދު ފިކުރު ކުރާށެވެ. މަންމަ ވާނެ ދެރައާއި ކަންބޮޑުވާނެ ވަރާމެދު ވިސްނާށެވެ. ތެދެކެވެ. އާރިޒަށް ކަމެއް ވެއްޖެނަމަ އެ ތަދު އާރިޒަށް ވުރެ ބޮޑަށް ކުރާނީ އެ މަންމައެވެ. އެއީ އެ މަންމަގެ ހުރި ހަމައެކަނި ނިޝާނެވެ. މި ދުނިޔޭގެ ހަނދާނެވެ. އެ މަންމަ އެންމެ އުފާކޮށްދޭންވީ ވަގުތު އެ މަންމަ އެދަނީ ކަރުނަ އަޅަމުންނެވެ. އާރިޒަށް ރޮވޭ ގޮތްވިއެވެ. ދެ ލޮލުން ކަރުނަ ނީރެންފެށިއެވެ. އެކަމަކު މިއަދު ކުރެވޭނެ ކަމެއް ނެތެވެ. ހެދޭނެ ގޮތެއް ވެސް ނެތެވެ. ޖެހޭނީ މަޑުކުރާށެވެ. ކަރަންޓީނުގެ މުއްދަތު ހަމަކުރާށެވެ. 

ހަފުތާއެއް ފަހެވެ. ކޮވިޑުގެ ނުރައްކާ ރޯގާއަށް ރާއްޖޭގައި ދެ މީހަކު ފައްސިވިކަން އިޢުލާން ކުރިއެވެ. ހިތް ނުތަވަސް ވެފައި އިން އާރިޒަށް ހިތްހަމަ ޖެހުން ލިބުނީ އެހެން ރަށެއްގައި ތިބި ބަޔަކުކަން ޔަގީންވުމުންނެވެ. އެ ޔަގީންކަން ލިބުނަސް އާރިޒު ހާސްވަނީއެވެ. ހުން ނެތަސް ހުން ހުރިހެން ހީވަނީއެވެ. ބޯ ނޭނބުރިޔަސް، އެނބުރޭ އުނދޯންޏަކަށް އަރާއިން ބޯބަލި މީހެއް ފަދައިން ބޯއަނބުރާހެން ވެސް ހީވަނީއެވެ. 

ހަފުތާއެއް ފަހެވެ. އާރިޒުގެ ދިގު އިސްކޮޅުގެ ފަތި ހަށިގަނޑު އެނދުމަތީ އޮތީ އޮއި ނެތް ފަޅެއްގައި އޮތް ކަނދެއްހެން ދަމާލާފައެވެ. ބައިމަތި ފުޅާ، ރޫފަ ރަނގަޅު ކުލަ އަލި ހަށިގަނޑު ފޮރުވިފައިވަނީ ދޮންލުބޯ ކުލައިގެ އަތްކުރު ޓީޝާޓުންނެވެ. އެ ޓީޝާޓުގެ މޭމަތީ ލެޓިންއަކުރުން ކަރސިވްކޮށް ކަޅުކުލައިން “އިފް” ލިޔެފައި އޮތެވެ. އެ ދެ އަކުރުން ވެސް އާރިޒަށް ކަންތައްތަކެއް ހަނދާން ކޮށްދޭކަހަލައެވެ. އާރިޒުގެ ނަޒަރު ހުއްޓުނީ ޓީވީން ފެށި ކުއްލި ޚަބަރަށެވެ. ލިބުނު ސުންޕާ ޚަބަރަކީ އާރިޒު ރާއްޖެ އައި ފުލައިޓްގައި އިން މީހަކު ބައްޔަށް ފައްސިވި ވާހަކައެވެ. އެ ފުލައިޓުން އައި މީހުން ޓެސްޓުކުރާ ވާހަކައެވެ. ދެންމެ ވަތަށް ވައްޓާލި ރޯމަހެއް ތެޅޭހެން އާރިޒުގެ ހިތް ތެޅޭން ފެށިއެވެ. ޒުވާން މޫނުގެ ކުލަވަރު ފަނޑުވެ މުޅި މީހާ ދާހިތްލާން ފެށިއެވެ.  

އާރިޒު ޓެސްޓުކުރިއެވެ. ނަތީޖާއަށް އިންތިޒާރު ކުރިއެވެ. ހެއްދެވި ފަރާތަށް ދުޢާކުރަމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން މަންމައަށް ގުޅަމުން ދިޔައެވެ. އަމިއްލަ ހިތް އޭނާއަށް މަލާމާތް ކުރަމުން ދިޔައެވެ. ހޫނު ތަވައެއްކަހަލަ ސިކުނޑީގައި ކެކެމުންދިޔަ ނަމައިގެ ރިހަގަނޑުން ބުނާ ކަހަލައެވެ. މަންމަގެ ބަސް އެހުނު ނަމައެވެ. ވަޒަނަށް ނައިސް މަޑުކޮށްލެވުނު ނަމައެވެ. އުފަންދުވަސް ފާހަގަކޮށް މަންމައަށް ސައިޕްރައިޒްދޭން ނޫޅެވުނު ނަމައެވެ. މި ކަންކަން ނުކުރެވުނު ނަމައެވެ. ހިތަށް އަރާ ފައިބަމުން ދިޔަ ޚިޔާލުތައް ހުއްޓުނީ ދޮރުގައި މީހަކު ޓަކިޖެހި އަޑަށެވެ. 

ދޮރު ހުޅުވާލުމާއެކު ފެނުނީ ކާކުކަން ނޭނގޭގޮތަށް ނޫ ކޮތަޅު ހެދުން އަޅައިގެން ތިބި ހައެއްކަ މީހުންނެވެ. ހިތުން ދުޢާކޮށްކޮށް ހުރި އާރިޒަށް ގޮތް ހުސްވިއެވެ. ހަތައުދަރެސް ފެނުޖެހުނެވެ. ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ.

“ އަހަރެން ފައްސިވީތަ؟” ތެޅެމުން ދިޔަ ހިތާއެކު އާރިޒަށް އަހައިލެވުނެވެ. އެ ތަނުން އެކަކު އާރިޒަށް ބަލާލައި ބޯ ޖަހާލުމާއެކު އާރިޒުގެ އެސްފިޔަތަކަށް ބަރުވެފައިވާ ކަރުނަތައް ކޯތާފަތުން ދެމިގަތެވެ. ކިތަންމެ ނުރޯން ހުއްޓަސް ރޮއެވުނެވެ. އެ ހިތްދަތިކަމަށް ކެތްތެރިއެއް ނުވެވުނެވެ. 

އާރިޒަށް އުޅޭން ޖެހުނީ ފިސާރި ވޭނުގައެވެ. ހިތްދަތިކަމާއި ހިތާމައިގައެވެ. އެކަނިވެރިކަމާއި މާޔޫސްކަމުގައެވެ. ﷲ އިރާދަފުޅުން ތިރީސް ދެ ދުވަހުގެ ބަންދަކަށް ފަހު އާރިޒު ސަލާމަތްވިއެވެ. ބަލީން ފަސޭހަވެ އާއްމު ހާލަތަށް ރުޖޫޢަވިއެވެ. އެންމެ ލޯބިވާ މަންމައާ ބައްދަލުވިއެވެ. މިއަދު އާރިޒަށް ގަބޫލުކުރެވެއެވެ. ކުށެއް ނޫނަސް ކުރެވުނީ ކުށެކެވެ. މަންމަގެ ނަސޭހަތް އަޑު އަހައި އަމަލުކުރެވުނު ނަމަ އެހެނެއް ނުވީހެވެ. އެކަމަކު އެއީ ވެސް އިމްތިހާނެކެވެ. 

(ނިމުނީ)

އިދާރާ

ވާހަކަ