ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (5)
އިބްރާހީމް ރަޝީދު މޫސާ
(2 މެއި 2020 (ހޮނިހިރު) ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
77. އިސްރާއާއި މިޢުރާޖުގެ ޙާދިސާ މެދުވެރިކުރެއްވީ ރަސޫލާ ދީނަށް ޓަކައި އުފުއްލެވި ބުރަތަކަށް އިނާމު ދެއްވުމަށާއި، އެކަލޭގެފާނުގެ ވާގިވެރީން ކަމުގައި ތިއްބެވި އަބޫ ޠާލިބުގެފާނާއި ޚަދީޖަތުގެފާނު އަވާހަރަވުމުން ލިބިވަޑައިގެން ހިތާމަ ކުޑަކޮށް ދެއްވުމަށް ޓަކައި ﷲގެ ޙަޟްރަތުން ދެއްވި ތަސައްލީއެއްގެ ގޮތުގައެވެ.
78. އިސްރާއުގެ ވާހަކަ މާތްﷲ އިސްރާއު ސޫރަތުގައި ބަޔާން ކުރައްވައިފައި ވެއެވެ. އަދި މިޢުރާޖުގެ ވާހަކަ އައްނަޖްމު ސޫރަތުގައި ބަޔާންކޮށް ދެއްވައިފައިވެއެވެ.
79. އިސްރާއާއި މިޢުރާޖު ދަތުރުފުޅަކީ މާތްﷲ ރަސޫލާ ﷺ އަށް ދެއްވި އެންމެ ބޮޑެތި މުޢުޖިޒާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
80. އެންމެ ޞަޙީޙު ރިވާޔަތް ބުނާގޮތުގައި މި މަތިވެރި ޙަދިސާ ހިނގީ ހިޖްރައިގެ އެއް އަހަރު ކުރިންނެވެ. އެންމެ މަޝްހޫރު ގޮތުގައި މި ހާދިސާ ހިނގީ ރަޖަބު މަހުގެ 27 ވިލޭރޭގައެވެ. އެއީ ހޯމަވިލޭރެއެކެވެ.
81. މި ޙާދިސާ ހިނގީ އެ ރޭގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. ޢިޝާގެ ވަގުތަށް ފަހުގައެވެ. ފަތިސްވުމުގެ ކުރިން މައްކާއަށް އެނބުރި ވަޑައިގެންނެވިއެވެ. މި ދަތުރުފުޅު ފެށުނީ ޖިބްރީލުގެފާނު ރަސޫލާ އަރިހަށް ވަޑައިގެން އެކަލޭގެފާނުގެ ގެކޮޅުން ގޮވައިގެން ގެފުޅުގެ އަރިހަށް ވަޑައިގަތުމާ ހަމައިންނެވެ.ގެފުޅުގެ ތެރޭގައި ޖިބްރީލުގެފާނު ރަސޫލާގެ މޭފުޅު ފަޅުއްވައި ހިތްޕުޅު ނެރުއްވައި ޒަމްޒަމުފެނުން ދޮންނަވައި އެ ހިތްޕުޅު އީމާންކަމާއި ޙިކްމަތުން ފުރާލެއްވުމަށްފަހު ހަށިކޮޅުތެރެއަށް ހިތްޕުޅު ލައްވައި މޭފުޅު ފެއްސެވިއެވެ. މިއީ އެ މުޤައްދަސް ދަތުރުފުޅަށް އެކަލޭގެފާނު ތައްޔާރު ކުރެއްވުމަށް ޓަކައި ކުރެއްވި ކަމެއްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
82. އެއަށްފަހު ރަސޫލާ ﷺ ޖިބްރީލުގެފާނާއެކު ބުރާޤަށް އަރައިވަޑައިގަތެވެ. މިއީ އެ ދަތުރުފުޅަށް ޚާއްޞަ ސަވާރީއެވެ. އެ ދެބޭކަލުން އަލްމަސްޖިދުލް ޙަރާމުން ވަޑައިގަތީ އަލްމަސްޖިދުލް އަޤްޞާއަށެވެ.
83. ޖިބްރީލުގެފާނުގެ އަރިހުގައި އަލްމަސްޖިދުލް އަޤްޞާއަށް ވަދެވަޑައިގެންނެވިއިރު މާތް ﷲ ވަނީ އެ މިސްކިތަށް ހުރިހާ ރަސޫލު ބޭކަލުންނާއި ނަބީބޭކަލުން ދިރުއްވައި އެ މިސްކިތަށް ޙާޟިރުކުރައްވައިފައެވެ.
84. ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ޢަދަދާމެދު ޢިލްމުވެރީންގެ ރައުޔު ތަފާތެވެ. ބުރަވެވޭ ގޮތުގައި ނަބީބޭކަލުންގެ ޢަދަދަކީ އެއް ލައްކަ ސައުވީސް ހާހެވެ. ރަސޫލުބޭކަލުންގެ ޢަދަދަކީ 315 އެވެ.
85. ރަސޫލާ ގޮވައިގެން ޖިބްރީލުގެފާނު އަލްމަސްޖިދުލް އަޤްޞާއަށް ވަދެވަޑައިގެންނެވުމުން ނަމާދަށް ގޮވައިލެވުނެވެ. އެހިނދު ޖިބަރީލުގެފާނު ރަސޫލާ ކުރިއަށް ނެރުއްވާ އިމާމުވެ ވަޑައިގެން ނަމާދު ކުރެއްވުމަށް ދެންނެވިއެވެ. މިއިން އެނގެނީ ރަސޫލާ ﷺ ގެ ރިސާލަތަކީ ޢާލަމުތަކަށް ފޮނުއްވި ރިސާލަތެއް ކަމެވެ. އަދި އެކަލޭގެފާނަކީ ހުރިހާ އިމާމުންގެ އިސް އިމާމުކަމެވެ.މިއީ ރަސޫލާގެ މަތިވެރިކަމާއި މި އުއްމަތުގެ މާތްކަން ހާމަކޮށްދޭ ކަމެކެވެ.
86. ރަސޫލާ އިމާމުވެ ކުރެއްވި ދެ ރަކްޢަތުގެ ނަމާދު ކުރައްވައި އަވަދިވެވަޑައިގަތުމުން މިޢުރާޖު ދަތުރުފުޅު ފެށްޓެވިއެވެ.
87. އިރުކޮޅެއްގެ ތެރޭގައި ޖިބަރީލުގެފާނު ރަސޫލާއާއިގެން ފުރަތަ އުޑަށް އަރައިވަޑައިގެންފިއެވެ. މި އުޑުގެ ދޮރުކޮޅު ހުޅުވައިލެވުމުން ރަސޫލާއަށް އަޖައިބުވަނިވި އެތައް ކަމެއް ފެނިވަޑައިގަތެވެ.
88.ފުރަތަމަ އު ޑުން ރަސޫލާއާ ބައްދަލު ކުރެއްވީ އިންސާނުންގެ ބަފައިކަލުން އާދަމުގެފާނެވެ.
89. ދެން އަރާވަޑައިގަތީ ދެވަނަ އުޑަށެވެ. ދެވަނަ އުޑުން ރަސޫލާއާ ބައްދަލުވެ ވަޑައިގަތީ ޔޫސުފުގެފާނާއެވެ. ޔޫސުފުގެފާނާ ބެހޭގޮތުން ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. " قَدْ أُعْطِيَ شَطْرَ الْحُسْنِ – (އެކަލޭގެފާނަށް ރިވެތިކަމުގެ ދެބައި ކުޅަ އެއްބައި ދެއްވިފައި ވެއެވެ. )
90. ދެން ޖިބްރީލުގެފާނު ރަސޫލާއާއިގެން އަރާވަޑައިގަތީ ތިންވަނަ އުޑަށެވެ. މި އުޑުން ބައްދަލުވެވަޑައިގަތީ ދެބެންގެ ދެދަރި ދެބޭކަލުން ކަމުގައިވާ ޔަޙްޔާގެފާނާއި ޢީސާގެފާނާއެވެ.
91. ދެން ޖިބްރީލުގެފާނު ރަސޫލާއާއިގެން އަރާވަޑައިގަތީ ހަތަރުވަނަ އުޑަށެވެ. މި އުޑުން ބައްދަލުވެވަޑައިގަތީ އިދްރީސުގެފާނާއެވެ.
92. ދެން ޖިބްރީލުގެފާނު ރަސޫލާއާއިގެން އަރާވަޑައިގަތީ ފަސްވަނަ އުޑަށެވެ. މި އުޑުން ބައްދަލުވެވަޑައިގަތީ ހާރޫނުގެފާނާއެވެ.
93. ދެން ޖިބްރީލުގެފާނު ރަސޫލާއާއިގެން އަރާވަޑައިގަތީ ހަވަނަ އުޑަށެވެ. މި އުޑުން ބައްދަލުވެވަޑައިގަތީ މޫސާގެފާނާއެވެ.
94. ދެން ޖިބްރީލުގެފާނު ރަސޫލާއާއިގެން އަރާވަޑައިގަތީ ހަތްވަނަ އުޑަށެވެ. މި އުޑުން ބައްދަލުވެވަޑައިގަތީ ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހީމުގެފާނާއެވެ.އެކަލޭގެފާނު ރަސޫލާއަށް ދެންނެވިއެވެ. " އަޅުގަނޑުގެ ފަރާތުން ކަލޭގެފާނުގެ އުއްމަތަށް ސަލާން ވިދާޅުވެ ދެއްވާށެވެ! އަދި އެމީހުންނަށް ވިދާޅުވެ ދެއްވާށެވެ! ސުވަރުގެއަކީ ފެން މީރު ފަސްގަނޑު މޮޅު ބިމެކެވެ. އަދި އެތާނގެ ގަސްގަހާގެއްސަކީ (( سبحان الله އާއި الحمد لله އާއި لا إله إلا الله އާއި الله أكبر)) އެވެ.
95. ރަސޫލާއަށް ސުވަރުގެއިން :
ހ- ޢުމަރު ބުނުލް ޚައްޠާބަށް ޓަކައި ބިނާކުރެވިފައިވާ ގަނޑުވަރަކާއި
ށ- ޒައިދު ބުނު ޙާރިޘާއަށް ޚާއްޞަކުރައްވައިފައިވާ ޙޫރަކާއި
ނ- ކައުޘަރު ކޯރު ފެނިވަޑައިގަތެވެ.
96. މި ދަތުރުފުޅުގައި ރަސޫލާއަށް ނަރަކަ ފެނިވަޑައިގަތެވެ.އަދި ނަރަކައިގެ ބަނޑޭރި މާލިކުގެފާނު ވެސް ފެނިވަޑައިގަތެވެ.
97. އެއަށްފަހު ޖިބްރީލުގެފާނު ރަސޫލާއާއިގެން ހަތްވަނަ އުޑުގެ ނިމޭކޮޅަށް ވަޑައިގެންނެވިއެވެ. އެއަށްފަހު ޖިބްރީލުގެފާނު ހުއްޓިވަޑައިގެން ރަސޫލާއަށް ކުރިއަށް ވަޑައިގަތުމަށް ދެންނެވިއެވެ.ރަސޫލާއަށް ވަޑައިގެންނެވުނު ހިސާބަކީ އެއްވެސް މަލާއިކަތަކަށް ވެސް އަދި އިންސާނަކަށް ވެސް ދެވިފައިނުވާ ހިސާބެކެވެ.
98. ﷲގެ އަމުރުފުޅުތައް ލިޔުއްވާ މަލާއިކަތުންގެ ގަލަންކޮޅުތައް ކޭތޭ އަޑު އިވިވަޑައިގަންނަވާ ހިސާބަކަށް ރަސޫލާއަށް ވަޑައިގެންނެވުނެވެ.
99. އެ ހިސާބަށް ވަޑައިގެންނެވުމުން ރަސޫލާ ސަޖިދައަށް ވަޑައިގެންނެވިއެވެ. އެތާނގައި މާތް ﷲ މި އުއްމަތަށް ހަދިޔާތަކެއް ދެއްވިއެވެ. އެއީ :-
ހ- ފަރްޟު ފަސް ނަމާދު ފަރްޟު ކުރެއްވުން
ށ- ބޮޑެތި ފާފަތައް ކުރެވޭ މުސްލިމުންނަށް މާފުދެއްވާނެކަން އެންގެވުން. (މިހެންވެ މުސްލިމަކު ނަރަކައިގައި ތާއަބަދަކަށް ދެމިއެއް ނުހުންނާނެތެވެ.)
ނ- އަލްބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ދެއްވުން.
(ނުނިމޭ)