އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (6)

. ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ

(3 މެއި 2020 (އާދީއްތަ) ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

99. ﷲ  ޢައްޒަ ވަ ޖައްލަގެ ޙަޟްރަތަށް ރަސޫލާ  ކުރެއްވި މި ޒިޔާރަތް ނިމިވަޑައިގަތުމުން، ޖިބްރީލުގެފާނުގެ އަރިހުގައި ބިމަށް އެނބުރި ވަޑައިގަތެވެ. އެއަށްފަހު ޖިބްރީލުގެފާނުގެ އަރިހުގައި އަލްމަސްޖިދުލްއަޤްޞާއަށް ވަޑައިގެންނެވިއެވެ. ދެން އެ ތަނުން ބުރާޤުގައި މައްކާއަށް އެނބުރިވަޑައިގަތެވެ.

100. މި މަތިވެރި ދަތުރުފުޅު ކުރައްވައިފައިވަނީ ރޭގަނޑެއްގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. މާތް ﷲ މި  ޒިކްރާ ކީރިތި ޤުރްއާނުގައި ތާއަބަދަށް ވަނީ ފުރޭފުކުރައްވައިފައެވެ. 

101. އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގެ އެއް  ދުވަސްފަހުން ޖިބްރީލުގެފާނު ރަސޫލާގެ އަރިހަށް ވަޑައިގެން ނަމާދު ކުރައްވާނެ ވަގުތުތައް ރަސޫލާ ﷺ އަށް ދަސްކޮށް ދެއްވިއެވެ.

102. އެންމެ ފުރަތަމަ ނަމާދުތައް ފަރްޟު ކުރައްވައިފައިވަނީ ދެ ރަކްޢަތުން ދެ ރަކްޢަތުންނެވެ. އެހެނަސް މަޣްރިބު ނަމާދުގައި 3 ރަކްޢަތެވެ. މެންދުރުނަމާދާއި ޢަޞްރުނަމާދާއި ޢިޝާނަމާދު 4 ރަކްޢަތަށް ބަދަލު ކުރެއްވީ މަދީނާއަށް ހިޖްރަ ކުރެއްވި ފަހުންނެވެ. 

103. ފުރަތަމަ ޤިބްލައަކަށް ވީ ބައިތުލްމަޤްދިސެވެ. ރަސޫލާ  ނަމާދުފުޅު ކުރެއްވީ ގެފުޅަށާއި ބައިތުލް މަޤްދިސަށް ކުރިމަތިފުޅު ލެއްވެވޭފަދަ ގޮތަކަށް ހުންނަވައިގެންނެވެ.

104. އޭގެފަހުން ޤުރައިޝުން ރަސޫލާގެ އަރިހުން ޙިއްސީ (މާއްދީ) މުޢުޖިޒާތްތަކަށް އެދެން ފެށިއެވެ. ތިޔަބައިމީހުންނަށް ފެންނަން އެ ހުރި ހަނދު ދެ ފަޅިއަށް އިރުއްވައިލައްފިނަމަ ތިޔަބައިމީހުން އީމާންވާނުތޯ ރަސޫލާ ސުވާލު  ކުރެއްވިއެވެ. އެބައިމީހުން އާދޭހޭ ދެންނެވުމުން ރަސޫލާ އެކަމަށް އެދިވަޑައިގެން މާތް ﷲއަށް ދުޢާ ކުރެއްވިއެވެ. އެހިނދު މާތް ﷲ އެމީހުން ބަލަބަލާ ތިއްބައި އެ ހަނދު ދެ ފަޅި ކުރެއްވިއެވެ. ޤުރައިޝުންނަށް މި މުޢުޖިޒާތް ފެނުމުން ބުނޫއެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ ބޮޑު ސިޙްރުވެރިއެކެވެ. މިހެން ބުނެ  އެމީހުން ރަސޫލާ ދޮގު ކުރޫއެވެ.އެހިނދު މާތްﷲ އެކަމާ ބެހޭ ވަޙީ ބަސްފުޅު ބާވައިލެއްވިއެވެ. (( ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ ﴿١﴾ وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ ﴿٢﴾ وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ وَكُلُّ أَمْرٍ مُّسْتَقِرٌّ  - ((قيامة ވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ. އަދި އެއުރެންނަށް ހެތްކެއް ފެންނަނީނަމަ، އެއުރެން ފުރަގަސްދެތެވެ. އަދި ބުނެތެވެ. މިއީ ދެމިހުންނަނިވި ޖާދޫއެކެވެ.އަދި އެއުރެން (حق ބަސްފުޅު) ދޮގުކުޅައޫއެވެ. އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް އެއުރެން تبع ވިއެވެ. ކޮންމެކަމަކީ ނިމުމަކަށްގޮސް ހަމަޖެހޭނެކަމެކެވެ. ))  

105.އެ ހިސާބުން ރަސޫލާ  ޙައްޖު މޫސުމުގައި ޢަރަބި ޤަބީލާތަކަށް ދީނަށް ގޮވައިލައްވަން ފެށްޓެވިއެވެ. އެއިން ބަޔަކު މާތްﷲއަށް އީމަންވެ މި ދީނަށް ނަޞްރުދީފާނެކަމުގެ އުއްމީދުގައެވެ. ރަސޫލާ   ޤަބީލާތަކަށް ދީނަށް ގޮވައިލައްވަން ފެށްޓެވުމުން، މާތް ﷲ އެ ދެމީހުންގެ މޫނު ހުތުރުކުރެއްވި އަބޫ ލަހަބާއި އަބޫ ޖަހްލު ރަސޫލާ ދޮގުކުރުމުގެ މަސައްކަތް އެ ދެމީހުން ދެމެދުގައި ބަހައިލައިގެން ކުރިއަށް ގެންދިޔައެވެ. 

106. ރަސޫލާގެ ދަޢުވަތާމެދު ޢަރަބީންގެ އެކި ޤަބީލާތަކުން ޢަމަލު ކުރީ އެކި ގޮތަށެވެ. ބައެއް ޤަބީލާތައް އެކަލޭގެފާނާ އެކަހެރިވިއެވެ.އަނެއްބައި ޤަބީލާތަކުން އެއްޗެއް ނުބުނެ ހަނު ތިއްބެވެ.އަނެއްބަޔަކު ރަސޫލާއަށްފަހު އެމީހުންނަށް ވެރިކަމަށް ލިބުމަށް އުއްމީދު ކުރިއެވެ.

107. ރަސޫލާގެ ރިސާލަތުގެ  11ވަނަ އަހަރު ޙައްޖު މޫސުމުގެ ތެރޭގައި މަދީނާގެ ޚަޒްރަޖު ވަންހައިގެ 6 ބޭކަލަކާ ރަސޫލާ  އާ ބައްދަލުވެ ވަޑައިގަތެވެ. އެމީހުންނާއެކު އިށީނދެ ވަޑައިގެން އިސްލާމްދީން އެމީހުންނަށް ހުށައެޅުއްވިއެވެ. މި ބޭކަލުން ރަސޫލާއަށް އީމާންވެ ވަޑައިގަތެވެ. މި ބޭކަލުންނަކީ :-

       ހ- އަސްޢަދު ބިން ޒުރާރަތު

       ށ- ޢައުފު ބިނުލް ޙާރިޘު

       ނ- ރާފިޢު ބިން މާލިކު

       ރ- ޤުޠުބަތު ބިން ޢާމިރު

       ބ- ޢުތުބަތު ބިން ޢާމިރު

       ބ- ޖާބިރު ބިން ޢަބްދު ﷲ  އެވެ.

108. މި ބޭކަލުން މަދީނާއަށް އެނބުރި ވަޑައިގެން އިސްލާމްދީނަށް ގޮވައިލައްވަން ފެށްޓެވުމުން  އެ ދީނުގެ ދަޢުވަތު މަދީނާގައި ފެތުރިގެން ދިޔައެވެ. ރަސޫލާގެ ދަޢުވަތުގެ ޚަބަރު ނުފޯރާ އެއްވެސް ގެއެއް މަދީނާގައި ހުރިކަމަކަށް ނުވެއެވެ.

109. ރަސޫލުކަމުގެ 12ވަނަ އަހަރު މަދީނާގެ 12 ބޭކަލުންގެ ވަފްދެއް ޙައްޖު މޫސުމުގައި މައްކާއަށް ވަޑައިގެން ރަސޫލާއަށް ނަޞްރު ދިނުމަށް ބައިޢަތު ހިއްޕެވިއެވެ. މި ބައިޢަތަށް ޢަޤަބާގެ ފުރަތަމަ ބައިޢަތުގެ ނަން ދެވިފައި ވެއެވެ. މި ބޭކަލުން ބައިޢަތު ހިއްޕެވީ ހުރިހާ ޙާލަތެއްގައި ވެސް އަދި ހުރިހާ ވަގުތެއްގައި ވެސް ރަސޫލާއަށް ކިޔަމަންގަތުމަށާއި،ރަސޫލާ މަދީނާއަށް ވަޑައިގަންނަވައިފިނަމަ އެކަލޭގެފާނު ޙިމާޔަތް ކުރުމަށާއި އިސްލާމްދީނަށް ނަޞްރު ދިނުމަށެވެ.

110. އަންޞާރުންގެ ވަފްދު މަދީނާއަށް އެނބުރިވަޑައިގަންނަވަން ދަތުރުފުޅު ފެށްޓެވުމުން އެބޭކަލުންގެ އަރިހުގައި މުޞްޢަބު ބިން ޢުމައިރު މަދީނާއަށް ފޮނުއްވިއެވެ. އެއީ މަދީނާ މީހުންނަށް އިސްލާމްދީން އުނގަންނަވާ ދެއްވުމަށް ޓަކައެވެ.

111. މުޞްޢަބުގެ އަތްޕުޅު މައްޗަށް މަދީނާގެ ޢަބްދުލް އަޝްހަލު ޤަބީލާގެ ދެ ވެރީންނާއި، ސަޢުދު ބިން މުޢާޛާއި، އުސައިދު ބިން ޚުޟައިރު އިސްލާމްވެ ވަޑައިގަތެވެ.

112. މުޞްޢަބު ބިން ޢުމައިރު މަދީނާގައި ހުންނެވީ އަސްޢަދު ބިން ޒުރާރަތުގެފާނުގެ ގެކޮޅުގައެވެ.

113. ރަސޫލުކަމުގެ 13ވަނަ އަހަރު ޙައްޖު މޫސުމުގައި ރަސޫލާއާ ބައްދަލުކުރުމަށް ޓަކައި މަދީނާގެ ވަރަށް ބޮޑު ވަފްދެއް މައްކާއަށް ވަޑައިގަތެވެ. މި ވަފްދުގައި 73 ފިރިހެނުންނާއި 2 އަންހެނުން ތިއްބެވެ.

114. މި ވަފްދު ރަސޫލާއާ ބައްދަލުކުރައްވައި އިސްލާމީ ތާރީޚުގައި އެއްބަސްވެވުނު އެންމެ ބޮޑު އަދި އެންމެ މުހިއްމު އެއްބަސްވުން ރަސޫލާއާއެކު ހެއްދެވިއެވެ. މިއީ ޢަޤަބާގެ ދެވަނަ ބައިޢަތެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ