އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (7)

. ހިމެނޭބަޔަކީ ސިޔަރަތު

 

އިބްރާހީމް ރަޝީދު މޫސާ

(4 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

115. ޢަޤަބާގެ ޝިޢުބެއްގައި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގެ މެދުތެރޭގައި ރަސޫލާއާއި އަންޞާރުންގެ 73 ބޭކަލަކާ ދެމެދުގައި ސިއްރު ބައްދަލުވުމެއް ބޭއްވުނެވެ. 

116. އެއްބަސްވެވުނު މީޢާދާ އެއްގޮތަށް ރޭގަނޑުގެ ވަގުތެއްގައި ނަބިއްޔާ ﷺ މަދީނާގެ 73 ބޭކަލުންނާއި 2 ބޭކަނބަލާއެކު ޢަޤަބާގެ ދެވަނަ އެއްބަސްވުން ޤާއިމުވެގެން ދިޔައެވެ. މި އެއްބަސްވުމަށް ޢަޤަބާގެ ދެވަނަ ބައިޢަތުގެ ނަން ދެވިފައިވެއެވެ. (އަންހެން ދެ ކަނބަލުންނަކީ: ނުސައިބާ ބިންތު ކަޢުބާއި އަސްމާއު ބިންތު މާޒިން ބިނުއް ނައްޖާރެވެ.)

 

117. މި ބައިޢަތުގައި ހިމެނޭ މުހިއްމު އެއްބަސްވުންތަކަކީ:- 

     ހ- އެންމެހައި ވަގުތުތަކާއި ޙަލަތުތަކުގައި ރަސޫލާ ﷺ އަށް ކިޔަމަންގަނެ ބޯލެނބުން

     ށ- މަދީނާއަށް ރަސޫލާ ﷺ ވަޑައިގަންނަވައިފިނަމަ އެކަލޭގެފާނު ޙިމާޔަތްކޮށް އެކަލޭގެފާނަށް ނަޞްރު ދިނުން

    ނ- އެބޭކަލުން ރަސޫލާ ﷺ އަށް ދެންނެވިއެވެ. އަޅުގަނޑުމެން މި ކަންތައްތައް ކޮށްދީފިނަމަ އަޅުގަނޑުމެންނަށް އޮތީ ކޮން  އެއްޗެއްތޯއެވެ؟ ޖަވާބުގައި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުންނަށް ސުވަރުގެ ލިބިގެން ވެއެވެ. އެހިނދު އެ ހުރިހާ ބޭކަލުންނާއި ބޭކަނބަލުން އެކަމަށް އިޖްމާޢުވެ ވަޑައިގަތެވެ.

118. ކީރިތި ރަސޫލާﷺއަށް އެންމެ ފުރަތަމަ ބައިޢަތު ހިއްޕެވީ އަލްބަރާއު ބިން މަޢުރޫރުގެފާނެވެ. އެއަށްފަހު ފަހަރަކު ބޭކަލަކު ބައިޢަތު ހިއްޕެވިއެވެ.

119. އަންޞާރުން ރަސޫލާ ﷺ އަށް  ބައިޢަތު ހިއްޕެވީ އެބޭކަލުންގެ އަނބިދަރިން ޙިމާޔަތްކުރައްވާ ފަދައިން ރަސޫލާ ﷺ ޙިމާޔަތް ކުރެއްވުމަށެވެ. 

120. ރަސޫލާ ﷺ  އެބޭކަލުންގެ އަރިހަށް ވަޑައިގަތުމަށްފަހު، އެބޭކަލުން ދޫކޮށްލައްވައިފައި ، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް އެނބުރި ވަޑައިނުގަންނަވާނެކަމަށް ، ރަސޫލާ ﷺ އެބޭކަލުންނަށް ޢަހްދުކަށަވަރުވެ ވަޑައިގަތެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. [أنا منكم، وأنتم مِنِّي، أُحارِبُ مَن حارَبْتُم، وأُسالِمُ مَن سالَمْتُم]  - ([ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ މީހަކީމުއެވެ. ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހަކާ ތިމަންކަލޭގެފާނު ހަނގުރާމަ ކުރައްވާނަމެވެ. ތިޔަބައިމީހުންނާ ޞުލްޙަވާ މީހަކާ ތިމަންކަލޭގެފާނު ޞުލްޙަވެވަޑައިގަންނަވާނަމެވެ.]) ( أخرجه أحمد (١٥٧٩٨) واللفظ له، وابن حبان (٧٠١١)، والطبراني (١٩/٨٧))

121.ޢަޤަބާގެ ދެވަނަ ބައިޢަތު ހިފުނީ މި ގޮތަށެވެ. އިސްލާމީ ދައުލަތް ބިނާ ކުރެއްވުމަށް ޓަކައި ރަސުލާ މަދީނާއަށް ހިޖްރަކުރެއްވީ މި ބައިޢަތުގެ ސަބަބުންނެވެ.

122.ކަޢުބު ބިން މާލިކު ވިދާޅުވިއެވެ. (( ޢަޤަބާގެ ރޭގައި އަހުރެން ރަސޫލާގެ އަރިހުގައި ހުރީމެވެ. ))

123.މި ބައިޢަތަށްފަހު އަންޞާރުން މަދީނާއަށް އެބުރި ވަޑައިގަތުމުން ރަސޫލުﷲ  ވަރަށް އުފާފުޅުވިއެވެ. މާތް ﷲ އެކަލޭގެފާނަށް ޙިމާޔަތްދީ ރައްކައުތެރިކުރާނެ ބަޔަކު ލިބިވަޑައިގަތީމައެވެ.

124.އެއަށްފަހު ރަސޫލާ ﷺ އެކަލޭގެފާނުގެ އަޞްޙާބުންނަށް މަދީނާއަށް ހިޖްރަކުރެއްވުމަށް އަމުރު ކުރެއްވިއެވެ. 

125.އަބޫ ހުރައިރަތުގެފާނު އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. [أُمِرْتُ بقريةٍ تأكُلُ القرى يقولونَ: يَثْربُ، وهي المدينةُ، تنفي النّاسَ كما ينفي الكِيرُ خبَثَ الحديدِ]  -  ([އެ ރަށަކުން އެހެން ރަށްތައް ފަތަޙަވެގެންދާނެ ރަށަށް ހިޖްރަ ކުރެއްވުމަށް ތިމަންކަލޭގެފާނަށް އަމުރުކުރެއްވުނެވެ. މީސްތަކުން އެ ރަށަށް ޔަޘްރިބު އޭ ކިޔައެވެ. އެއީ އަލްމަދީނާއެވެ. ގިނރުބާއިން ދަބަރު ސާފުވާ ގޮތަށް އެ ރަށުގެ ސަބަބުން  މީސްތަކުންގެ ޢަޤީދާ ސާފުވެ ޠާހިރުވެގެންދާނެއެވެ.]) (صحيح البخاري ١٨٧١ و صحيح مسلم ١٣٨٢ و صحيح ابن حبان ٣٧٢٣) 

126.މާތް ﷲ ރުއްސުންލެއްވި ޞަޙާބީން ޖަމާޢާތްޖަމާޢަތަށާއި ވަކިވަކިން ސަވާރީގައްޔާއި ހިންގަވައިފައި ސިއްރިއްޔާތުގައި މަދީނާއަށް ހިޖްރަކުރައްވަން ފެށްޓެވިއެވެ.

127.އެހެނަސް ރަސޫލާ ﷺ ހިޖްރަކުރައްވަން ހުއްދަ ލިބިވަޑައިގަންނަވަންދެން މައްކާގައި މަޑުކުރެއްވިއެވެ.

128.އަލްބަރާއު ބިން ޢާޒިބު ވިދާޅުވިއެވެ. ރަސޫލާ ﷺ ގެ އަޞްޙާބުންގެ ތެރެއިން ، އަހުރެމެންގެ ގާތަށް އެންމެ ފުރަތަމަ ވަޑައިގަތީ މުޞްޢަބު ބިން ޢުމައިރާއި ޢަބްދުﷲ ބިން އުއްމު މަކްތޫމެވެ.ދެން ވަޑައިގަތީ ޢައްމާރާއި ބިލާލާއި ސަޢުދުގެފާނެވެ.  

129.ޞަޙާބީންނަށް މަދީނާއަށް ހިޖްރަ ކުރެއްވުން ފަސޭހަކަމެއްކަމުގައެއް ނުވިއެވެ. މައްކާގެ މުޝްރިކުން އެބޭކަލުންނަށް ހުރަސްއަޅައި ދުއްތުރާތައް ކުރިމަތި ކުރިއެވެ.

130.ދެން ހިޖްރައަށް ވަޑައިގަތީ އަބޫ ސަލަމަތު ބިން ޢަބްދުލް އަސަދާއި ، ޢާމިރު ބިން ރަބީޢަތާއި އެކަލޭގެފާނުގެ އަބިކަނބަލުން ލައިލާ ބިންތު އަބޫ ޚައިޘަމާއާއި،  ޖަޙްޝުގެ އެންމެހާ ބޭފުޅުންނެވެ. 

131.އިބްނު އިސްޙާޤު ޞައްޙަ ސަނަދުން ރިވާކުރައްވައިފައިވާ ގޮތުގައި ޢުމަރުގެފާނު ޙިޖްރައަށް ވަޑައިގަތީ ޢައްޔާޝް ބިން އަބީ ރަބީޢާގެ އަރިހުގައި ރޭގަނޑުގެ ވަގުތެއްގައި ސިއްރިއްޔާތުގައެވެ. ޢުމަރުގެފާނު ފާޅުގައި ޤުރައިޝުންނަށް ގޮންޖައްސަވަމުން ހިޖްރައަށް ވަޑައިގެންނެވި ވާހަކަ މަޝްހޫރު ވާހަކައަކަށް ވިޔަސް، އެއީ  ސާބިތު ޞައްޙަ އެއްވެސް މަގަކުން އައިސްފައިވާ ވާހަކައެއް ނޫނެވެ.  

132.ޢަޤަބާގެ ދެވަނަ ބައިޢަތަށް މަސްދުވަސްވީއިރު މައްކާގައި ތިއްބެވީ ، ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ އަހްލުންނާއި އަބޫބަކްރުގެފާނާއި މުސްލިމުންގެ ތެރެއިން ހިޖްރަކުރުމަށް ނުކުޅެދުންތެރިވެފައިވާ ބަޔެކެވެ. 

133.ރަސޫލާ މަދީނާއަށް ހިޖްރަ ކުރެއްވުމުގެ ކުރިން ، އެކަލޭގެފާނުގެ ޞަޙާބީންގެ ތެރެއިން މައްކާގައި ތިއްބެވީ  ހަމައެކަނި ބަލި މީހުންނާއި، ނިކަމެތީންނާއި ނުކުޅެދުންތެރީންކަން ކަށަވަރު ކުރެއްވިއެވެ. 

134.އަބޫބަކްރުގެފާނު ހިޖްރަކުރެއްވުމުގެ ހުއްދަ ދެއްވައިތޯ އެތައް ފަހަރަކު ރަސޫލާއަށް ދެންނެވިއެވެ. އެއިން ކޮންމެ ފަހަރަކު ވެސް ވިދާޅުވީ ]ކަލޭގެފާނު އެ ކަމަށް އަވަސްވެ ވަޑައިނުގަންނަވާށެވެ! މާތް ﷲ ކަލޭގެފަނަށް އެކުވެރިއަކު ދެއްވައިފާނެ ކަމަށް ބައްލަވާށެވެ![ 

135.ﷲގެ ޙަޟްރަތުން ރަސޫލާއަށް މަދީނާއަށް ހިޖްރަކުރެއްވުމުގެ ހުއްދަ ދެއްވައި، މި ދަތުރުފުޅުގައި އެކަލޭގެފާނުގެ އެކުވެރިއަކީ އަބޫބަކްރުގެފާނު ކަމަށް އެންގެވިއެވެ. 

136.ރަސޫލާ ﷺ މި ޚަބަރު އަބޫބަކްރުގެފާނަށް  ދެއްވުމުން އަބޫބަކްރުގެފާނު މި ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގެންނެވިއެވެ. އެކަމަށް ޓަކައި އަބޫބަކްރުގެފާނު ދެ ސަވާރީ ތައްޔާރު ކުރެއްވިއެވެ.

137.ރަސޫލާ ﷺ ޙިޖްރަކުރައްވުމުގެ ކުރިން އެކަލޭގެފާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޓަކައި ދާރުއްނަދްވާގައި މުޝްރިކުން  ބައްދަލުވުމެއް ބާއްވައި ސައްލާކުރިއެވެ. އަދި ރަސޫލާ ޤަތުލުކުރުމަށް އެއްބަސްވިއެވެ. އެކަލޭގެފާނު ޤަތުލު ކުރާ މީހަކަށް އިނާމުގެ ގޮތުގައި 100 ޖަމަލު ދިނުމަށް ކަނޑައެޅިއެވެ. 

138.މާތް ﷲ އެކަލާނގެ ރަސޫލާއަށް ޤުރައިޝުންގެ މި މުއާމަރާގެ ޚަބަރުދެއްވައި އެކަލޭގެފާނަށް ޢަމަލު ކުރައްވަންވީ ގޮތް އެންގެވިއެވެ. 

139.ޤުރައިޝުން ރަސޫލާގެ ގެކޮޅު ވަށައިލައި އެކަލޭގެފާނު ފަތިސްނަމާދަށް ނުކުމެވަޑައިގަންނަވާ ވަގުތު އަވަހާރަކޮށްލުމަށް  ތައްޔާރުވެގެން އެ ގެކޮޅު ވަށައިލައިގެން ތިއްބާ އެކަލޭގެފާނު ނުކުމެވަޑައިގެން އަބޫބަކްރުގެފާނާއެކު ޘައުރު ފަރުބަދައިގެ ހޮހަޅަށް ވަޑައިގަތެވެ.

140. އެ ރޭ މުޝްރިކުންނަށް އޮޅުވައިލައްވަން ވެގެން ރަސޫލާގެ އަމުރުފުޅަށް  އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އަވަހާރަފުޅު ލެއްޕެވީ ޢަލީގެފާނެވެ. 

141.މުޝްރިކުންނަށް އޮޅުވައިލެއްވުމަށް ޓަކައި ރަސޫލާއާއި އަބޫބަކްރުގެފާނު މި ހޮހަޅައިގައި 3 ދުވަހު މަޑުކުރެއްވިއެވެ. އެ ދެ ބޭކަލުންނަށް އެ ތިން ދުވަހު ފަރިއްކޮޅު ގެނެސް ދެއްވީ އަސްމާއު ބިންތު އަބީ ބަކްރެވެ.

142. މައްކާގެ މުޝްރިކުން ރަސޫލާ ފެނޭތޯ މައްކާގެ ހުރިހާ ތަންތަނެއް ބެލުމަށްފަހު ޘައުރު ފަރުބަދައިގެ ހޮހަޅައިގެ އަނގަމަތީގައި މަޑުކުރިއެވެ.އެއިން މީހަކު ގުދުވެ ބަލައިލިނަމަ އެމީހަކަށް ރަސޫލުﷲގެފާނާއި އެކަލޭގެފާނުގެ އެކުވެރިޔާ އަބޫބަކްރުގެފަނު ފެންނާނެތެވެ.

143. ނަމަވެސް އެއިން އެކަކުވެސް އެ ތަނަށް ބަލައެއް ނުލައެވެ. އަބޫބަކްރުގެފާނު ކަންބޮޑުވެ ވަޑައިގަތުމުން އެކަލޭގެފާނަށް ރަސޫލާ ﷲގެ ބަސްފުޅު ދެންނެވިއެވެ. [إِلَّا تَنصُرُوهُ فَقَدْ نَصَرَهُ ٱللَّـهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُوا۟ ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَـٰحِبِهِۦ لَا تَحْزَنْ إِنَّ ٱللَّـهَ مَعَنَا فَأَنزَلَ ٱللَّـهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا۟ ٱلسُّفْلَىٰ وَكَلِمَةُ ٱللَّـهِ هِىَ ٱلْعُلْيَا وَٱللَّـهُ عَزِيزٌ حَكِيمٌ ]  - ([ތިޔަބައިމީހުން އެކަލޭގެފާނަށް نصر ނުދިނަސް، ހަމަކަށަވަރުން، اللَّه، އެކަލޭގެފާނަށް نصر ދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ حال، كافر ވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ثَور ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން اللَّه ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكر ތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި كافر ވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللَّه ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.]) (التوبة : 40)

144.އެ ހޮހަޅަ ތެރެއަށް ކޮތަރެއް ބިސްއެޅުމުން ފައިދިގުމަކުނެއް އެ ހޮހަޅައިގެ އަނގަމަތީގައި ވައު ފުރި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އިމާމު އަޙްމަދު އެކަމާ ބެހޭގޮތުން ރިވާކުރެއްވި ބަސްފުޅަކީ ޟަޢީފު ބަސްފުޅެކެވެ. 

145.މުޝްރިކުންނަށް ރަސޫލާ ނުފެނިގެން އެނބުރި މައްކާއަށް ދިޔައީއެވެ. މާތްﷲ އެކަލާނގެ ރަސޫލާ ޙިމާޔަތް ކުރެއްވީ އިސްވެ ދިޔަ އާޔަތުގައިވާ ފަދައިން އެބައިމީހުންގެ ލޮލަށް ނުފެންނަ ﷲގެ ސިފައިން މެދުވެރި ކުރައްވައެވެ.

146.3 ދުވަހު ހޮހަޅައިގައި ތިއްބެވުމަށްފަހު ރަސޫލާއާއި އަބޫބަކްރުގެފާނު ނުކުމެވަޑައިގެން މަދީނާއާ ދިމާއަށް ދަތުރުފުޅު ފެށްޓެވިއެވެ. 

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ