އަދުގެ ޚާއްސަ

Print

ޢާލަމީ ވަބާތައް .... ބަދަލު ކުރެއްވުމުގެ ވަސީލަތެއްބާ!

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތާރީޚް

އިބްރާހީމް ރަޝީދު މޫސާ

ޤަދަރަށް އީމާންވުމަކީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމަށް އީމާންވުމެވެ.އެކަލާނގެއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. މިހެންވެ ސަލަފުން ވިދާޅުވިއެވެ. [الْقَدَرَ هُوَ قُدْرَةُ الرَّبِّ سُبْحَانَهُ]–([ޤަދަރަކީ ހުސްޠާހިރުވަންތަ އިލާހުގެ ކުޅަދުންވަންތަކަމެވެ.])  ﷲއީ ދެއްވާ އަދި ހިފަހައްޓަވާ ރަސްކަލާނގެއެވެ. އެކަލާނގެ ދެއްވާ ދެއްވުން މަނައެއް ނުކުރެވޭނެތެވެ. އަދި އެކަލާނގެ ނުދެއްވައި ހިފަހައްޓަވާ އެއްޗެއް ދެވޭނެ ފަރާތެއް ވެސް ނުވެއެވެ. މާތް  ﷲ ވަޙީ ކުރެއްވިއެވެ. [مَا يَفْتَحِ اللَّهُ لِلنَّاسِ مِنْ رَحْمَةٍ فَلَا مُمْسِكَ لَهَا وَمَا يُمْسِكْ فَلَا مُرْسِلَ لَهُ مِنْ بَعْدِهِ وَهُوَ الْعَزِيزُ الْحَكِيمُ]-([މީސްތަކުންނަށްޓަކައި اللَّه އެއްވެސް رحمة އެއް ހުޅުއްވަވާ ނަމަ، ފަހެ، އެ رحمة ހިފަހައްޓާނެ މީހަކު ނުވެތެވެ. އަދި އެކަލާނގެ ކަމެއް ހިފަހައްޓަވާނަމަ، އެކަން އެކަލާނގެއަށްފަހު ވީއްލާނެ މީހަކު ނުވެތެވެ. އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.]) 

اللَّهُ سُبْحَانَهُ وَتَعَالَى މި ދުނިޔޭގެ ކަންތައްތައް ބަދަލު ކުރައްވަން އިރާދަކުރައްވައިފިނަމަ އެއްވެސް އާދަމުގެދަރިއަކަށް ތަޞައްވުރު ނުކުރެވޭނެ ފަދަ ގޮތަކަށް ، އޭނާގެ ވިސްނުމަށް ނުވެސް އަންނާނެފަދަ ގޮތަކަށް އެކަމަށް ބޭނުންވާ ސަބަބުތައް މާތް ﷲ މެދުވެރިކުރައްވައިފާނެތެވެ. މާތް ﷲ މި ބިމަށް ޝާމިލު ބަދަލުތަކެއް ގެންނެވުމަށް ޓަކައި މިންވަރު ކުރައްވާ ވަސީލަތްތަކުގެ ތެރޭގައި ޖާއިޙާތައް (ޢަލަމީ ވަބާތައް) ވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. މި ބިމުގައި ފެތުރުނު ޖާއިޙާތަކުގެ ސަބަބުން ވަރަށް ގިނަ ޢަދަދެއްގެ މީހުން މަރުވެ ފަނާވެފައިވެއެވެ. އެކަމުގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ހުއްޓުންތަކެއް ނުވަތަ ލޮޅުންތަކެއް އަރައިފައި ވެއެވެ. ޤައުމުތަކުގެ އިޖްތިމާޢީ ވައްޓަފާޅިއަށް ބަދަލުތަކެއް އައިސްފައިވެއެވެ. ތާރީޚުގެ ޞަފްޙާތައް އުކައިލުމުން ފެންނަގޮތުގައި މި ފަދަ ވަބާތަކާ ވިދިގެން ބޮޑެތި ބަދަލުތަކެއް ދުނިޔޭގެ ޤައުމުތަކަށް ވަނީ އައިސްފައެވެ. ޤަދީމީ ޒަމާނުގައި ދުނިޔޭގެ ބައްރުތަކަށް އައިސްފައިވާ ހަތަރު ޖާއިޙާއެއްގެ ވާހަކަތައް  މުއައްރިޚުން ލިޔުއްވައިފައިވާ ގޮތަށް ބަލާލަމާތޯއެވެ. މި ޖާއިޙާތަކުގައި ދުނިޔެއިން އެތައް މިލިއަން ބަޔަކު ފަނާވެ ގޮސްފައި ވެއެވެ. މިކަމާ ވިދިގެން ބޮޑެތި ބަދަލުތަކެއް ދުނިޔެއަށް އައިސްފައިވެއެވެ. 

ފުރަތަމަ ވަބާ : އެންޓޯނީ ޠާޢޫން   

ތާރީޚު ބުނާގޮތުގައި މި ވަބާ ރޯމަނުންގެ ދައުލަތުގެ ރަށްތަކުގައި ފެތުރުނީ މީލާދީން ދެވަނަ ސައްތައިގެ މެދު ތެރޭގައެވެ. އެއީ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ދުނިޔެއަށް ވަޑައިގަތުމުގެ 450 އަހަރު ކުރިންނެވެ. ދުނިޔޭގެ އޭރުގެ އާބާދީގެ ކުޑަކަމާއެކުގައި ވެސް މި ވަބާގައި ފަސް މިލިއަން މީހުން މަރުވިއެވެ. ދުނިޔޭގެ އޭރުގެ އެންމެ ވަރުގަދަ ބާރުކަމުގައި އޮތް ރޯމަން އެމްޕަޔަރު ބަލިކަށިވެ ނިކަމެތިވެ ޔޫރަޕްގައި ތިބި ރޯމަނުންނާ އިދިކޮޅު ޤަބީލާތައް ނުކުމެ ތަފާތު ދައުލަތްތައް ޤާއިމު ކުރިއެވެ. މި ވަބާގެ ސަބަބުން ރޯމަން ލަޝްކަރުގެ ވަރަށް ގިނަ ބަޔަކު މަރުވިއެވެ. ރައްޔިތުންނާއި މަސައްކަތްތެރީންގެ އެތައް ހާސް ބަޔަކު ފަނާވިއެވެ. ރޯމަނުން ބަލިކަށިވުމާއެކު ފާރީސީން  ވަރުގަދަ ބަރަކަށް ވިޔެއެވެ.

 މި ވަބާގެ ސަބަބުން ރޯމަނުންގެ ޢަޤީދާއަށް ވެސް ލޮޅުންތަކެއް އެރިއެވެ. ރޯމަނުންގެ ކަލާނގެތަކަށް އެމީހުން މި ވަބާއިން ސަލާމަތްކޮށްދިނުމުގައި ނުކުޅެދުންތެރިވެފައިވާ ކަމަށް އެމީހުން ޤަބޫލުކޮށް ކަލާނގެތަކަށް ފުރަގަސްދިނެވެ. އަދި މި ޢަޤީދާ ދޫކޮށްލައި އައު ޢަޤީދާއެއް ޤަބޫލުކުރުމަށް އެނބުރިގަތެވެ. މި ވަބާގެ ސަބަބުން ރޯމަން އެމްޕަޔަރުގެ ހުޅަނގު ފިޔައިގެ  ބާރު ނެތިގެންގޮސް އެ ބާރު އިރުމައްޗަށް (ކޮންސްޓޭންޓިޕްލްއަށް)  ބަދަލުވިއެވެ. މީލާދީން ހަތަރުވަނަ ސައްތައިގެ ވިހީގެތެރޭގައި ނަޞާރާ ދީން ރޯމަން އެމްޕަޔަރުގެ ރަސްމީ ދީނަކަށް ވިއެވެ. މި ވަބާގެ ސަބަބުން އައި ބަދަލުތައް ކިހާ ބޮޑުތޯއެވެ؟ ރޯމަން އެމްޕަޔަރު ބަލިކަށިވެ ކަފާސްވުމެވެ. އެމީހުންނަށް ޙަމަލާ ދިނުމަށް ޖެހިލުންވުންވާ ޖެހިލުންވުން ކުޑަވުމެވެ. އެމީހުންގެ ޢަޤީދާގެ ބާޠިލުކަން ވިސްނި ނަޞާރާ ދީން ޤަބޫލުކުރުމެވެ. (Antonine Plague   މި ބައްޔަށް plague of Galen   ވެސް ކިޔާފައި ވެއެވެ. މި ވަބާ ފެތުރިފައި ވަނީ މީލާދީން 165 ން 180 އަށެވެ. ބައެއް ލިޔުންތައް ބުނާގޮތުގައި މިއީ ކަށިވިދުރިއެވެ.) 

ދެވަނަ ވަބާ: ޖަސްޓީނިޔަން ޠާޢޫން (Justinian Plague) 

މި ޠާޢޫން ނުވަތަ ޖާއިޙާ އައިސްފައި ވަނީ ބީޒަންޓީން ރޯމަން އެމްޕަރަރު ޖަސްޓީނިޔަން 1 ގެ ވެރިކަމުގެ ދުވަސްވަރުގައެވެ. މި ވަބާ ފެތުރުނީ މީލާދީން 6 ވަނަ ސައްތައިގެ މެދުތެރޭގައެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އުފަންވެ ވަޑައިގަތުމުގެ ތިރީހަކަށް އަހަރު ކުރިންނެވެ. މި ބަލި ރޯމަން އެމްޕަޔަރުގެ ބޮޑު ބަޔަކަށާއި ، ފާރިސީ ސާސާނީ ދައުލަތުގެ ބޮޑު ބަޔަކަށާއި ، މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށުގެ ގިނަ ޤައުމުތަކުގައި ފެތުރުނެވެ. މި ވަބާ ފެތުރުނީ މި ބަލިޖެހިފައިވާ ސެއްޅިތައް އުފުލި މީދާތަކުގެ ސަބަބުންނެވެ. ބައެއް މުއައްރިޚުން ވިދާޅުވާ ގޮތުގައި މި ޠާޢޫނުގެ ސަބަބުން ދުނިޔޭގެ މުޅީ އާބާދީގެ 13 % އާ 26 % އާ ދެމެދުގެ  ޢަދަދެއް ފަނާވެގެން ދިޔައެވެ. އެއީ ގާތްގަނޑަކަށް 25 މިލއަނާއި 50  މިލިއަނާ ދެމެދުގެ ޢަދަދެކެވެ.މި ވަބާގެ ސަބަބުން ރޯމަނުންނާއި ފާރިސީން ބަލިކަށިވިއެވެ. ދުނިޔޭގެ ބާޒާރުގައި އެއްޗެހި އަގު ބޮޑުވިއެވެ. އަދި ދުނިޔޭގެ ބޮޑު ބަޔަކު ބަނޑަށް ޖެހުނެވެ. މި ވަބާގެ ސަބަބުން ވެސް ދުނިޔޭގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައެވެ. މި ވަބާގެ 90 ވަރަކަށް އަހަރުފަހުން އައު އުއްމަތެއް އުފަންވިއެވެ. މި އުއްމަތަކީ އިސްލާމީ އުއްމަތެވެ. މި ބާރު ފެތުރި އޭރު ދުނިޔޭގައި އޮތް  ބޮޑެތި ބާރުތައް ނެތިގެންގޮސް އިސްލާމީ ޢަޤީދާއިން ދުނިޔެ ޠާހިރުވެގެން ދިޔައެވެ. ﷲ ތަޢާލާ ކަމަކަށް އިރާދަކުރައްވައިފިނަމަ އެ ކަމަށް ބޭނުންވާ ސަބަބުތައް ބިމަށް ބާވައިލައްވަވާނެތެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. (( [وَلِلَّـهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱللَّـهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ] - ([އަދި، އުޑުތަކާއި ބިމުގެ ވެރިކަންވަނީ اللَّه އަށެވެ. އަދި، اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.]) 

ތިންވަނަ ވަބާ : ކަޅު ޠާޢޫން 

މި ޠާޢޫން ފެތުރުނީ މީލާދީން 14ވަނަ ސައްތައިގެ މެދުތެރޭގައި ޔޫރަޕުގައެވެ. މި ޠާޢޫނުގެ ސަބަބުން ޔޫރަޕުގެ މުޅި އާބާދީގެ ތިން ބައި ކުޅަ އެއްބައި މަރުވިއެވެ. މިޞްރުގެ މުޅި އާބާދީގެ 40 % މަރުވިއެވެ.  މި ޠާޢޫން ހަތަރު އަހަރުގެ ދިގު މުއްދަތަކަށް ކުރިއަށް ދިޔައެވެ. މަރުވި މީހުންގެ ޖުމްލަ ޢަދަދެއް ކަމަށް ބުނެވެނީ 75 މިލިއަނާ 200 މިލިއަނާ ދެމެދުގެ ޢަދަދެކެވެ. މި ވަބާގެ ސަބަބުން ޔޫރަޕްގައި އޮތް ފިޔުޑަލް ނިޒާމު ނެތިގެން ދިޔައެވެ. އަދި ފައްޅީގެ ދައުރު ނިމުމަކަށް އައެވެ. އެއީ ޔޫރަޕްގެ ހޭލުންތެރިކަމުގެ ފެށުމެވެ.މި ވަބާގައި ވަރަށް ގިނަ އަޅުންނާއި އުދެލިކާރުންނާއި ދަނޑުވެރީން މަރުވިއެވެ. އެ ދުވަސްވަރު ދަނޑާއެކު އެ ދަނޑުތަކުގައި މަސައްކަތް ކުރާ މީހުން ވެސް ޔޫރަޕްގައި ވިއްކުނެވެ. އެމީހުންގެ ސާހިބުންނަށް އަޅުމަސައްކަތް ކޮށްދިނުންނޫން އެހެން ޙައްޤެއް ލިބިފައެއް ނުވެއެވެ. ހުޅަނގުގެ މުއައްރިޚުންގެ ލިޔުންތައް ބުނާގޮތުގައި ފިނި މޫސުން އަތުވެއްޖެނަމަ ދަނޑުވެރީންނާއި އެމީހުންގެ އަނބިދަރީންނާއި ޖަނަވާރުތައް ނިދާނީ އެއް ކޮށްޓެއްގައެވެ.މި ވަބާގެ ސަބަބުން މަރުވި މީހުން ގިނަކަމުން މަސައްކަތް ކުރާނެ އަތްތައް މަދުވިއެވެ. މި ކަމުގެ ސަބަބުން ދަނޑުގައި މަސައްކަތް  ކުރާ މީހުންނަށް އެމީހުންގެ އުޖޫރަ ކަނޑައެޅުމުގެ ޙައްޤު ތަނަވަސް ވިއެވެ.ޔޫރަޕަށް ނިދިން ހޭލެވުނީ އިސްލާމީ ސަޤާފަތާއި ޢިލްމުގެ ސަބަބުންނެވެ. އަންދަލުސްގައި މުސްލިމުން ޤާއިމުކުރި ތަހްޒީބާއި ތަމައްދުނާއި ރަސްވެހިކަމާއި ޙަޟާރަތުން ލިބުނު ފައިދާގެ ސަބަބުންނެވެ.

 ހަތަރުވަނަ ވަބާ: ކޮލެރާ ވަބާ ނުވަތަ ސްޕޭން އިންފުލޫއެންޒާ

މި ބަލި ފެތުރުނީ ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހުގައެވެ. މި ބަލީގައި މަރުވި މީހުން ގިނަކަމުން (އޯގާވެރިކަމުގެ އަހަރު) ކަމަށް އެ އަހަރުތައް ސިފަކުރެވިފައިވެއެވެ. މި ވަބާގައި ސަތޭކަ ވަރަކަށް މިލިޔަން މީހުން ޔޫރަޕުން މަރުވިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ބުނާ ގޮތުގައި ކޮލެރާގެ ސަބަބުން އަހަރަކު 1.3 މިލޔަނާ 4 މިލިއަނާ ދެމެދުގެ ޢަދަދަކަށް މީހުން މަރުވެއެވެ. މި ވަބާގެ ސަބަބުން ބޭސްވެރިކަމުގެ މައިދާނަށް އިންޤިލާބެއް އައެވެ. ޑަކްޓަރުންނަށާއި ބާޙިސުންނަށް އެންޓިބައޮޓިކްސްއާއި ވެކްސިނާއި، ބޭސްވެރިކަމުގެ އާލަތްތަކާއި، ސާމަނުތަކާއި، އަދަވާތުތައް އީޖާދުވެގެން އައެވެ. ވައިރަހާއި މައިކްރޯބު ދިރާސާ ކުރާން ބޭނުންވާ ވަސީލަތްތައް ފަހިވިއެވެ. އިރު ނުއޮއްސޭނެކަމަށް ބުނި އިނގިރޭސި އެމްޕެއަރުގެ އިރު އޮއްސި އެމެރިކާއާއި ސޮވިއެޓް ޔުނިއަން ބޮޑު ދެ ބާރުގެ ގޮތުގައި ދުނިޔެއަށް އުފަންވިއެވެ. ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. [ إنَّ حَقًّا على اللَّهِ أنْ لا يَرْفَعَ شيئًا مِنَ الدُّنْيا إلّا وضَعَهُ] – ([ދުނިޔޭގައި ﷲ އުފުއްލެވި ކޮންމެ އެއްޗެއް ތިރިކުރެއްވުމަކީ ހަމަކަށަވަރުން ﷲގެ ޙައްޤެކެވެ.]) (صحيح البخاري ٦٥٠١) ރަސޫލާގެ ބަސްފުޅުގެ ތެދުކަމާއެވެ! 

މިއަދުގެ ވަބާ (ކޯވިޑް 19):

މިއަދު އަޅުގަނޑުމެން އޭގެތެރޭގައި ދުވަސްތައް ހޭދަކުރަމުން މި ދާ ވަބާއަކީ އިންތައް ފަހަނަޅައިގޮސް ބައްރުތައް ގިރާކުރަމުން ގޮސް ފެތުރިފައިވާ ވަބާއެކެވެ. ޑަކްޓަރުންނާއި ސައެންސީން މި ބައްޔަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ފެނޭތޯ އެބަ މަސައްކަތް ކުރެއެވެ. އެހެނިހެން ވަބާތަކަށް ފަރުވާތައް ހޯދާ ބީދައިން  އިންސާނުން މި ވަބާއަށް ވެސް ﷲގެ އިރާދަފުޅުން ފަރުވާއެއް ހޯދާނެއެވެ. އެހެނަސް މި ވަބާގެ އަސަރު ތަފާތު މައިދާންތަކަށް ކުރާނެކަން ކަށަވަރެވެ. މި ކަމުގެ ސަބަބުން އިޤްތިޞާދީ ކަސާދައެއް އަންނާނެއެވެ. މި ކަމުން އަރައިގަންނާން ވަގުތު ބޭނުންވާނެއެވެ. މި ވަބާގެ ސަބަބުން ޝިކާރަވެގެންދާ މީހުންގެ ޢަދަދު ލަފާކުރެވުނު ވަރަށްވުރެ އަދި މަދެވެ. އެހެނަސް މި ޢަދަދު އިތުރުވާނެކަން ކަށަވަރެވެ. މި ބަލި ޖެހުނު މީހުންގެ ޢަދަދު މިވަނީ ތިން މިލިޔަނަށް އަރައިފައެވެ. އޭގެ ތެރެއިން މަރުވެފައިވަނީ 2.5 ލައްކަ މީހުންނެވެ. 

މި ވަބާގެ ސަބަބުން ދުނިޔޭގެ ޙަޟާރަތަށް ކުރާނީ ކޮން އަސަރުތަކެއް ހެއްޔެވެ؟ މި ވަބާގެ ސަބަބުން ޤައުމުތަކެއް އިރު އޮއްސި ބިމަށް ތިރިވާނެ ހެއްޔެވެ؟ މި ހުސްތަން ނެގުމަށް ޓަކައި އެހެން ޤައުމުތަކެއް މައްޗަށް އަރާނެހެއްޔެވެ؟ މާތްﷲ ވަޙީ ކުރެއްވިއެވެ. [قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ] - ([ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހާ ހެޔޮކަންވަނީ، އިބަރަސްކަލާނގެ يدقدرة ފުޅުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.])

މިއަދުގެ ޙާލަތަށް ބަލާއިރު ރައުސްމާލިއްޔަތު މި ވަނީ އިޝްތިރާކިއްޔަތު ބަލިކޮށް ވައްޓައިލައިފައެވެ. މިކަމާ ވިދިގެން މި ރައުސްމާލީ ނިޒާމު މި ވަނީ މާރިދަކަށްވެ ބިރުގަންނަ ދާއްބައަކަށް ވެފައެވެ. އޭގެ ހިތްހަރުކަމާއި  ބޮޑާކަން މިވަނީ ވަރަށް ބޮޑަށް ފުރޭތަވެފައެވެ. އިންސާނާއަށް އޭނާގެ ހެއްލުންތެރިކަމުން ހޭލައި ﷲގެ ސީދާމަގަށް އެނބުރިގަންނާނެ ބާވައެވެ. އޭނާއަކީ މި ކައުނުގެ މަރްކަޒުނޫންކަން ވިސްނޭނެ ބާވައެވެ. އޭނާއަކީ ވެސް ހަމަ ﷲގެ މަޚްލޫޤާތުތަކުގެތެރެއިން މަޚްލޫޤެއްކަން އެނގޭނެބާވައެވެ. މި ކުޑަކުޑަ ވައިރަހުގެ ކުރިމަތީގައި އޭނާ އިނދަޖެހިއްޖެކަން ޤަބޫލު ކުރާނެ ދުވަސް އައިސް މި ކައުނުގެ ހުރިހާކަމެއް ތަދްބީރު ކުރައްވަނީ ﷲ ސުބްޙާނަހޫ ވަ ތަޢާލާކަން  އިންސާނާގެ ހިތަށް ވަންނާނެ ބާވައެވެ! އިންސާނާއަށް އޭނާގެ ނިކަމެތިކަމާއި  ﷲގެ ކުޅަދުންވަންތަކަން އެނގޭ ހިސާބުން އޭނާ ޢަލްމާނިއްޔަތާއި މާއްދިއްޔަތާއި އިލްޙާދިއްޔަތުތާއި އެހެނިހެން [އިއްޔަތު]ތައް ދޫކޮށް މާތްﷲގެ ޙަޟްރަތަށް އެބުރި އަންނާނެތެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [رَبُّنَا الَّذِي أَعْطَى كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَى] - [އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ ސިފައާއި، طبيعة ދެއްވައި، ދެން ތެދުމަގު ދެއްކެވި ރަސްކަލާނގެއެވެ.]) 

________________________

ޙަވާލާ:

1.آلِ عِمْرَانَ: 26

2.آلِ عِمْرَانَ: 189

3.فاطر : 2

4.طه: 50

5.صحيح البخاري ٦٥٠١

ހަމަމިގަލަމުން

އިދާރާ

ވާހަކަ