އަދުގެ ޚާއްސަ

Print

[ކޮވިޑް-ނަވާރަ]އާ ގުޅިގެން އިސްލާމީ އުއްމަތަށް ބާރުވެރިކަން ދެއްވާށިއެވެ!

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތާރީޚް

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

[ކޮވިޑް-ނަވާރަ]އަކީ ދުނިޔެ ތަޖުރިބާކުރި ފުރަތަމަ ޢާލަމީ ވަބާއެއް ނޫނެވެ. މި ފަދަ އެތައް ވަބާއެއް ޤާދީމީ ޒަމާނުން ފެށިގެން މިއަދާ ހަމައަށް ދުނިޔެ ތަޖުރިބާ ކޮށްފިއެވެ. މިއިން ކޮންމެ ޙާލަތެއްގައި ދުނިޔެއަށް، ދުނިޔޭގެ ވެއްޓަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ދުނިޔޭގެ ބާރުތަކުގެ ތިލަފަތަށް ބޮޑެތި ލޮޅުންތައް އަރައެވެ. މީގެ ފަސް ހާސް އަހަރުކުރީން ސީނުކަރަ ތަޖުރިބާކުރި "ހަމިން މެންގާ" ނަމަކަށް ކިޔާ މި ފަދަ ވަބާއެއްގެ ސަބަބުން އެއްލައްކަ މީހުން މަރުވި ކަމަށް 2011 ވަނަ އަހަރު އާރކިއޮލޮޖިސްޓުން ހޯދި ހޯދުންތަކަކުން ސާބިތުވެއެވެ. 

މެދުއިރުމައްޗާއި ހުޅަނގު ޔޫރަޕްގެ ބޮޑު ސަރަހައްދެއްގައި ފެތުރިފައިއޮތް ބައިޒެންޓައިން އެމްޕަޔަރ ގެ ވެރިކަމުގެ ދުވަސްވަރު (މީލާދީން 541-542 ހައި ތާނގައި) ފެތުރުނު "ޖަސްޓީނިއަން ވަބާ" މެދުއިރުމައްޗާއި ހުޅަނގު ރޫރަޕާއި އެފްރިކާއަށް ފެތުރުނެވެ. މި ވަބާ ވެސް ފެތުރިފައިވަނީ ސީނުކަރައިންކަމަށް ބުނެވެއެވެ. މި ވަބާގައި ފަންސަވީސް މިލިޔަނާއި ސަތޭކަ މިޔަނާ ދެމެދުގެ ޢަދަދަކަށް މީހުން މަރުވިއެވެ.

މިފަދަ އެތައް ވަބާއެއް ދުނިޔެ ވަނީ ތަޖުރިބާ ކޮށްފައެވެ. އަޅުގަނޑު ކުރީން ވެސް ދެންނެވި ފަދައިން މިއިން ކޮންމެ ވަބާ އަކާ ގުޅިގެން ދުނިޔެއަށް ބޮޑެތި ބަދަލުތައް އާދެއެވެ. އަޅުގަނޑު ކުރީން ދެންނެވި ޖަސްޓީނިއަން ވަބާ މައިތިރިވެ، އޭގެ އަހަރުތަކެއް ފަހުން ދުނިޔެއަށް އަމާންކަން ފެތުރި އިސްލާމީ ވެރިކަމެއް ޤާއިމުވެފައެވެ. އިސްލާމީ އުންމަތް އުފަންވިއެވެ. 

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ފާޅުވި މިފަދަ ވަބާއެއްގެ ސަބަބުން ވެސް ވިފާރިތައް ބަނގުރޫޓުވެ މުއްސަނދީން ފަގީރުވިއެވެ. ހަތަރު މިލިޔަނާ ގާތްކުރާ ޢަދަދަކަށް މީހުން މަރުވި މި ވަބާގެ ސަބަބުން ބޭސްވެރިކަމުގެ ދާއިރާއަށް އާދަޔާ ޚިލާފު ކުރިއެރުމެއް ލިބުނެވެ. ދުނިޔޭގެ ބޮޑު ބާރެއް ކަމުގައިވި އިނގިރޭސީންގެ ބާރު ބަލިކަށިވެ، އެމެރިކާއާއި ޔޫއެސްއެސްއާރު ބޮޑު ދެ ބާރުގެ ގޮތުގައި ފާޅުވިއެވެ.

މިފަދަ އެތައް ވަބާއެއް ދުނިޔެ ތަޖުރިބާ ކުރުމަށްފަހު އެކާވީސް ވަނަ ޤަރުނުގައި، މިއަދު ދުނިޔެ ތަޖުރިބާކުރަމުން މިދާ "ކޮވިޑް-ނަވާރަ" ދުނިޔެއާ ބައްދަލުކުރި އިރު، އިސްލާމީ އުއްމަތް އޮތީ ބަލިކަށިވެފައެވެ. ހުޅަނގުގެ ޣައިރު މުސްލިމު ގައުމުތަކުގައި އިންސާފާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މާނަކުރަނީ އެ މީހުންނަށް ފަހިވާ ކޮންމެ ގޮތަކަށެވެ. ދީނީ މިނިވަންކަން ވެސް މާނަކުރަނީ މުސްލިމުންނާ ދެކޮޅަށެވެ. ނޫސްވެރިކަމުގެ (މީޑީއާގެ) މިނިވަންކަން ވެސް އޮތީ މިހެންނެވެ. އިސްލާމްދީނަށް ފާޑު ކިޔުމުގެ ފުރުޞަތު ފަހިވި ވަރަކަށް، އެ ކަމަށް ފުރުޞަތު ދިން ވަރަކަށް އެބައިމީހުންގެ ނަޒަރުގައި އެއީ ނޫސްވެރިކަމުގެ މިނިވަންކަން ބޮޑުވަނީއެވެ. އިސްލާމް ދީނާ ޚިލާފަށް ކޮންމެ ވާހަކައެއް ދައްކާން ވެސް އެ ނޫސްވެރިކަމުގައި މިނިވަންކަން އޮންނާނެއެވެ. ރަސޫލާއަށް ކާޓޫނުކުރަހައި ﷲގެ ވޮޑިގެންވުމާމެދު ސުވާލުއުފެއްދުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެވެ. ނަމަވެސް އެކަމާ އިދިކޮޅަށް އެއްޗެކޭ ބުނުމަކީ އިސްލާމް ދީން ޕްރޮމޯޓުކުރާން، އިސްލާމްދީން ފަތުރާން، މަސައްކަތްކުރުމަކީ އެ މީހުންގެ ނަޒަރުގައި ނިރުބަވެރިކަމެވެ. ނުވަތަ ނިރުބަވެރިކަމަށް ވާގިވެރިވުމެވެ. މަޝްހޫރު ޕީސްޓީވީ އާއި މުސްލިމް ދާޢީ ޑރ. ޒާކިރު ނައިކަށް ޣައިރު މުސްލިމު ޤައުމުތަކުން ދިމާވަނީ މި މައްސަލަތަކެވެ. 

އަނެއް ކޮޅުން، ފަލަޞްޠީނުން އިޒުރޭލަށް ގާބުރިއެއް އެއްލިޔަސް އެއީ ހުޅަނގުގެ ނަޒަރުގައި ނިރުބަވެރިކަމުގެ ޢަމަލެކެވެ. ނަމަވެސް ބަރު ހަތިޔާރާއެކު ފަލަޞްޠީނަށް އަރައި އެތަން ސުންނާފަތިކޮށް ރައްޔިތުން ޝަހީދުކުރުމަކީ ޤައުމު ދިފާޢުކުރުމަށްޓަކައި އިސްރާއީލަށް ލިބިފައިވާ ޙައްޤެކެވެ. ޤައުމެއްގެ ތެރޭގައި މުސްލިމުންނަށް އަނިޔާކުރުމަކީ އެއީ އެ ބަޔެއްގެ ދާޚިލީ ކަމެކެވެ. މިއީ ހުޅަނގުގެ އިންސާފެވެ. އެ މީހުންގެ ޑިމޮކްރެސީއެވެ.

ހުޅަނގުގެ ޑިމޮކްރެސީއަކީ އަދި އިންސާފަކީ އެމީހުންނަށް ބޭނުންވާ ކޮންމެ ގޮތެކެވެ. އިރާގު ގިތްގަޅުވައިލުމަށްޓަކައި ކެމިކަލް ހަތިޔާރޭ އޭއްޗެކޭ މީއްޗެކޭ ކިޔައި އެތަނަށް އަރައި މުޅި ޤައުމު ސުންނާފަތިކޮށްލައި އަގުހުރި މުދާތައް ފޭރިގަތީ މުޅި ދުނިޔޭގެ ލޮލުގެ ކުރިމަތީގައެވެ. އޭރު އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކާ މީހުން ތިބީ "ފަސްގަނޑުތެރޭގައި ބޮނދައެވެ." މިއަދު ފަލަޞްޠީނަށް އަރައި އެތައް ހާސް ރައްޔިތުންނެއް މަރައި އެ މީހުން އެ ބުނާ އދ.ގެ ޤާނޫނުތަކާ ޚިލާފަށް ބިންތައް ހިފައި ގެދޮރު އަޅައި މީހުން އާބާދުކުރާއިރު މިހާރު މި ކަންކަން ޚަބަރަށް ނުވާހާ ޢާއްމު ކަންކަމަށް ވެއްޖެއެވެ. މުސްލިމު ކަޝްމީރުގައްޔާއި އުތުރުކަރައިގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ބޭއިންސާފު ޖަރީމާތަކަކީ ވެސް އެވެރީންގެ ނަޒަރުގައި ޑިމޮކްރެސީއެވެ. އެ ޤައުމުގެ ދާޚިލީ ކަންކަމެވެ. ސަބަބަކީ އިޒުރޭލާ ރަޙުމަތްތެރި، އެމެރިކާއާ އެކުވެރި، މުސްލިމުންނާ ދުޝްމަން ބަޔަކަށް އެ ޙަލަމާދޭ "މީހުން" ވާތީއެވެ. މި ޙާލަތުގައި ޞުލްޙަ ޤާއިމުކުރާ މުއައްސަސާތައް އޮންނާނީ ވާގި ނެތިފައެވެ. ނުވަތަ ލޯ މަރައިގެންނެވެ. އިންސާނީޙައްޤުގެ މަންދޫބުންނާއި ސަރަހައްދީ އިމެއް ނެތި އުޅޭ ރިޕޯޓަރުން ވާތަނެއް ވެސް ނޭނގޭނެއެވެ. ޢާލަމީ ފަހެލިކަމުގެ ޖަމުޢިއްޔާ އޮނަނާނީ ނިދައިފައެވެ. އެހެންނަމަވެސް މި ދެންނެވި އަނިޔާވެރިކަމާއި ޢުދުވާނު އަނެއްކޮޅަށް އަމާޒުވެއްޖެ ނަމަ،....... ޢަދުލު އިންސާފާއި ހަމަހަމަކަން ޤާއިމުކޮށް، ކޮރަޕްޝަން ނައްތައިލައި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ނަމުގައި ކުރީން މި ދެންނެވި އަޢުވާނުންތައް ހިލިގަންނާނެއެވެ. ހީވާނީ ޤިޔާމަތެއް ޤާއިމުވަނީހެންނެވެ. ދުނިޔޭގައި އިންސާފާއި ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުރި ގޮތަކީ މިހިރީއެވެ. 

ކުރުކޮށް ދަންނަވާނަމަ... އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ފުރުޞަތު ފަހިކޮށްދީ ޙިމާޔަތާއި ޢިނާޔަތްތައް ފަހިކޮށްދިނުމަކީ މިއަދު ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އެންމެ އުސް ކުރިބޯއްޓެވެ. މުސްލިމުންނާ އިދިކޮޅަށް ދޭ ޙަމަލާއަކީ ނަފުސު ދިފާޢުކުރުމުގެ ޙައްގުގައި ކުރެވޭ ހަނގުރާމައެވެ. ނަމަވެސް މުސްލިމަކު ޣައިރު މުސްލިމެއްގެ ގަޔަށް ގާބުރިއެއް އެއްލުމަކީ ވެސް އަދި އިސްލާމް ދީނުގެ ޙިމާޔަތުގައި ވާހަކަދެއްކުމަކީ އެ މީހުންގެ ނަޒަރުގައި ނިރުބަވެރިކަމެވެ. މިއަދު އަޅުގަނޑުމެން މި ދިރިއުޅޭ "ދުނިޔެ"އޭ  މި ކިޔާ ބޭއިންސާފު މުޖުތަމަޢުގެ ޙަގީގަތަކީ މިއީއެވެ. 

މި ޙާލަތުގައި ދުނިޔެ ވަނިކޮށް އެކާވީސްވަނަ ޤަރުނުގައި ދުނިޔެއަށް މިއައި "ޢާލަމީ ވަބާ"ގެ ސަބަބުން ދުނިޔޭގެ މި ޙާލަތު ބަދަލުވުމުގެ ކޮޅުމަތި ފެންނާން ފަށައިފިއެވެ. މުސްލިމުންނަށް ކުރާ އިޙުތިރާމް ބޮޑުވެއްޖެއެވެ. މުސްލިމުންނަށް ލިބޭ ފުރުޞަތު އިތުރުވެއްޖެއެވެ. ވިލާތުގެ ޤައުމުތަކުގައި އަޑުގަދަކުރާތަކުން ބަންގި ގޮވުން ހުއްދަވެއްޖެއެވެ. މުސްލިމުންނަށް ހެޔޮ އެދުމުގެ މެސެޖްތައް ފޮނުވައި، ޣައިރު މުސްލިމުން، މުސްލިމުންނަށް "ރަމަޟާން މުބާރިކު" ކިޔާ މަންޒަރު ފެންނާން ފަށައިފިއެވެ. މުސްލިމުންނަށް ނަމާދުކުރާނޭ ތަންތަނާއި ރޯދަވީއްލުންތައް ޣައިރު މުސްލިމުން އިސްނަގައިގެން ފަހިކޮށްދޭން ފަށައިފިއެވެ. ދުނިޔޭގެ ބާރުގަދަ ވެރީން ބައިވެރިވާ ޖަލްސާތަކުގައި ކީރިތި ޤުރުއާން ކިޔަވާން ފުރުޞަތު ލިބޭން ފަށައިފިއެވެ. މުސްލިމުން ލައްވައި ދުޢާކުރާން އެދެވޭން ފަށައިފިއެވެ.

ކޮންމެއަކަސް އަދިވެސް ދުނިޔެ މިވަނީ މި ބަލިމަޑުކަމުގެ ތެރޭގައެވެ. ދާދިއަވަހަށް މި ބަލިމަޑުކަމުން އަރައިގަތުމަކީ އަޅުގަނޑުމެންގެ އުންމީދެވެ. އަދި ދުޢާއެވެ. މި ބަލީގެ ސަބަބުން އިސްލާމީ އުއްމަތަށް އާރާއި ބާރު ލިބުމަކީ އަޅުގަނޑުމެންގެ އެދުމެވެ. އަދި މި ވަބާގެ ސަބަބުން ދުނިޔޭގެ ބޭސްވެރިކަމަށް އިތުރުކުރިއެރުންތައް އަންނާނެކަމަށް އުންމީދުކޮށް އެކަމަށް ދުޢާކުރަމެވެ. ދުނިޔޭގެ މުޢާމަލާތު ހަމައާއި އިންސާފުގެ މަގަށް ރުޖޫޢަވެ، މުސްލިމު އުއްމަތަށް މި ވަބާގެ ސަބަބުން އާރާއި ބާރުވެރިކަން މިންވަރު ކުރެއްވުން އެދި ދުޢާކުރަމެވެ.

ނަމަވެސް އަޅުގަނޑުގެ އިޚުލާޞްތެރި އިލްތިމާސެއް އެބަ އޮތެވެ. ޞިއްޙީ މާހިރުންނާއި ޚިދުމަތްތެރީންގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަކީ އަޅުގަނޑުމެންނަށް ރާޒިކުކަމެކެވެ. ކަމާ ބެހޭ އިދާރާތަކުން އަޅުއްވާ ފިޔަވަޅުތަކަށް ބޯލަންބައި ގައިދުރުކަމާއި އެކަހެރިކަން އިޚުތިޔާރުކުރުން މުހިއްމެވެ. ސާފުތާހިރުކަމަށް އިސްކަންދީ އަތް ދޮވެގެން ނޫނީ އެއްޗެއް ނުކެއުމާއި އަނގަޔާއި ލޮލާއި ނޭފަތުގައި އަތްނުލައި ތިބޭން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. މިއީ ޢާއްމު ޙާލަތެއް ނޫންކަން ދަނެ، މެދުވެރިވާ ދަތި އުނދަގޫތަކަށް ކެތްތެރިވާންވާނެއެވެ. މިންވަރަށް އީމާންވެ ޝުކުރުކުރާން އާދަކުރާންޖެހޭނެއެވެ. ދީނީ އަޅުކަންތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއެކު މި ސަބަބުތަކުގައި ހިފައިގެން ތިބެ، މާތް ﷲ އަށް ދުޢާކުރުން ގިނަ ކުރާށެވެ! މިކަމުގައިވެސް ކޮންމެވެސް ހެވެއް އޮންނާނެކަމަށް ޔަޤީންކުރަމާ ހިންގަވާށެވެ! ކީރިތިވަން މާތް ﷲ! މި ނުރައްކާތެރި ވަބާއިން ދުނިޔެ ސަލާމަތްވުމުގެ ތައުފީޤުދެއްވައި، އަޅަމެން އެންމެންނަށާއި މުޅި އިސްލާމީ އުއްމަތަށް އުފާފާގަތިކަމާއި ކުރިއެރުން މިންވަރުކުރައްވާށިއެވެ! އާމީން!

_______________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ