އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (8)

. ހިމެނޭބަޔަކީ ސިޔަރަތު

 އިބްރާހީމް ރަޝީދު މޫސާ

(2020 މެއި 5 ވީ އަންގާރަ ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)

147. އަބޫބަކްރުގެފާނު މިނިވަންކުރެއްވި ޢާމިރު ބިން ފުހައިރާ،  ރަސޫލާ ﷺ އާއި އަބޫބަކްރުގެފާނަށް ޚިދްމަތް ކުރުމަށް ޓަކައި މި ދަތުރުމަތީގައި އުޅުއްވިއެވެ. 

148. މި ދަތުރުފުޅުގެ އާރުކާޓީއަކީ  ޢަބްދު ﷲ ބިން އުރައިޤިޠެވެ. އޭރު އޭނާއަކީ ކާފިރެކެވެ. 

149. ރަސޫލާ ﷺ އާއި އަބޫބަކްރުގެފާނާއި ޢާމިރު ބިން ފުހައިރާއާއި ޢަބްދުﷲ ބިން އުރައިޤިޠު މަދީނާއަށް ދަތުރުފުޅު ކުރެއްވީ އައްސޭރި މަގުންނެވެ. މި ދަތުރުފުޅުމަތީގައި އަޖައިބުން ފުރިގެންވާ އެތައް ކަންތައްތަކެއް ހިނގިއެވެ. މި ޙާދިސާތަކުގެ ތެރޭގައި:-  

       ހ- ސުރާޤަތު ބިން މާލިކުގެ ވާހަކަ

       ށ- ބަކަރި ހުއިހައްޕުވާ މީހާ އިސްލާމްވި ވާހަކަ

       ނ- އުއްމު މަޢުބަދުލް ޚުޒާޢިއްޔާ ގެ ވާހަކަ

       ރ- ޝާމުކަރައިން މައްކާއަށް ދަތުރުކުރައްވަމުން ވަޑައިގެންނެވި ޒުބައިރުގެފާނާއި  ޠަލްޙަތުގެފާނާ ރަސޫލާއާ ބައްދަލުވެ ވަޑައިގެންނެވި ވާހަކަ

150. ސުރާޤަތުގެ ވާހަކައަކީ ޞަޙީޙު ބުޚާރީގައި ޞައްޙަ ސަނަދުން އައިސްފައިވާ ވާހަކައެކެވެ. އެހެނަސް ސުރާޤާއަށް ކިސްރާގެ އުޅާތަކުން ދެ އުޅާ ލިބިވަޑައިގަންނަވާނެ ކަމަށް ބުނާ ވާހަކައަކީ ސީރަތު ފޮތްތަކުގައި މަޝްހޫރު ވާހަކައަކަށް ވިޔަސް އެއީ ގުޅިފައިވާ ސަނަދަކުން އައިސްފައިވާ ޚަބަރެއްނޫނެވެ. ސުރާޤާއަށް ރަސޫލާ އަމާންކަން ދެއްވިއެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ މައްކާ ފަތަޙަކުރެއްވި ދުވަހުގައެވެ. 

151. ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ އަރިހުގައި ދަތުރުކުރެއްވި ބޭކަލުންނަށް ޤުބާ ސަރަޙައްދަށް ވަޑައިގެންނެވުނީ 12 ރަބީޢުލްއައްވަލުގައެވެ.  އެއީ ހިޖްރައިން ފުރަތަމަ އަހަރެވެ. ނުވަތަ  ރަސޫލުކަމުގެ 14ވަނަ އަހަރެވެ.

152. ރަސޫލާ ޤުބާއަށް ވަޑައިގަތް އިރު އަންޞާރުން އެކަލޭގެފާނުގެ އިސްތިޤްބާލުގައި ތިއްބެވިއެވެ. އެކަލޭގެފާނު ޤުބާގައި 14 ދުވަހު މަޑުކުރެއްވިއެވެ. މި ދުވަސްތަކުގެ ތެރޭގައި ޤުބާ މިސްކިތް ބިނާކުރެއްވިއެވެ.

153. ހުކުރުދުވަހު ރަސޫލާއާއި އަބޫބަކްރުގެފާނު މަދީނާއަށް ވަޑައިގަތުމަށް ދަތުރުފުޅު ފެށްޓެވިއެވެ. މި ފަހަރު އަބޫބަކްރުގެފާނު އިންނެވީ ރަސޫލާގެ ފަހަތްޕުޅުގައި އެއް ސަވާރީއެއްގެ މަތީގައެވެ. 

154. ހުކުރުނަމާދުގެ ވަގުތު ޖެހުނުއިރު ރަސޫލާ ހުންނެވީ ބަނޫ ސާލިމު ބިން ޢައުފު ވަންހައިގެ އަވަށުގައެވެ. އެކަލޭގެފާނު ހުކުރު ކުރެއްވީ ރާނޫނާއު ( رانُوناء ) ވާދީގައެވެ. މިއީ މުސްލިމުން ކުރި ފުރަތަމަ ހުކުރުނަމާދެވެ. 

155. އެއަށްފަހު ރަސޫލާ ﷺ ބަނޫ ސާލިމު ބިން ޢައުފުގެ އަވަށުން ފުރާވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ޖަމަލުކޮޅުގެ ލަގަން ވަނީ އޭއްޗަށް ދޫކޮށްލައްވައިފައެވެ. އެކަލޭގެފާނު މަދީނާއަށް ވަދެވަޑައިގަތީ އުފަލުން ފުރިފައިވާ ބޮޑު ހޫނު މަރްޙަބާއެއްގެ ތެރޭގައެވެ. އެއީ އެ ރަށުގެ ރައްޔިތުން ދުށް ވަރަށް ތާރީޚީ ދުވަހެކެވެ. މަދީނާގެ އެންމެހާ ގެތަކުންނާއި މަގުތައް ގުގުމައިގަތްފައިވަނީ ތަޙްމީދާއި ތަކްބީރުންނެވެ.

156. އަނަސުގެފާނު ވިދާޅުވިއެވެ. "ރަސޫލާ ﷺ އާއި އަބޫބަކްރުއްޞިއްދީޤު މަދީނާއަށް ވަދެވަޑައިގެންނެވި ދުވަހަށްވުރެ އުފާވެރި، އުޖާލާކަން ބޮޑު ދުވަހެއް ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ. " އެބަސްފުޅުގެ މުރާދަކީ ހިޖްރަކުރެއްވުމަށް ފަހު އެފަދަ އުފާވެރި އެހެން ދުވަހެއް މަދީނާއަކަށް ނާދެއެވެ.

157. މާތް ﷲ ރުއްސުންލެއްވި އަލްބަރާއު ވިދާޅުވިއެވެ. ((ރަސޫލާ ﷺ މަދީނާއަށް ވަޑައިގެންނެވި ދުވަސްފަދައިން މީސްތަކުން އުފާވި ދުވަހެއް ދެކެވަޑައެއް ނުގަންނަވަމެވެ. އަޅު އަންހެނުން ވެސް ރަސޫލާ މަދީނާއަށް ވަޑައިގަންނަވައިފިޔޭ ބުނެ އުފާކުރޫއެވެ.)) އަލްބަރާއު ވިދާޅުވިއެވެ. ((ފިރިހެނުންނާއި އަންހެނުން އެ އުފާވެރި މަންޒަރު ބެލުމަށް ގޭގޭގެ މައްޗަށް އެރިއެވެ. ކުޑަކުދީންނާއި ނޯކަރުން މަގުމައްޗަށް ނުކުމެ يا محمد يا رسول الله އޭ ގޮވައި މަރްޙަބާ ދެންނެވިއެވެ. )) 

158. މާތް ﷲ ރުއްސުންލެއްވި އަނަސުގެފާނު ވިދާޅުވިއެވެ. ((ރަސޫލާ ﷺ މަދީނާއަށް ވަޑައިގެންނެވުމުން ހުރިހާ އެއްޗެއް އަލިވެ އުޖާލާވެގެން ދިޔައެވެ.)) 

159. ރަސޫލާއަށް މަރްޙަބާ ދެންނެވުމުގެ ގޮތުން މަދީނާގެ އަންހެން ކުދިންނާއި ކުޑަކުދިން ކީ މަޝްހޫރު ބައިތުތައް

       طلع البدر علينا * من ثنيات الوداع

     މި ބައިތުތައް އަލްބައިހަޤީ ނެރުއްވައިފައި ވަނީ ޟަޢީފު ސަނަދަކުންނެވެ. އިބްނު ޙަޖަރާއި އިބްނުލް ޤައްޔިމު ވެސް ވިދާޅުވާ ގޮތުގައި އެއީ ޟަޢީފު ބަހެކެވެ.

160. އަލްޤަސްޠަލާނީ ވިދާޅުވިއެވެ؛ ރަސޫލާ ﷺ މަދީނާއަށް ވަޑައިގަތުމުން މަދީނާގެ އެންމެތަކުންގެ ހިތްތައް އުފަލުން ފުރިގެން ދިޔައެވެ. 

161. ރަސޫލާ ﷺ ގެ ޖަމަލުކޮޅު ބަނޑުޖެހި ތާނގައި ރަސޫލާ ﷺ އަލްމަސްޖިދުއްނަބަވީ ބިނާކުރެއްވިއެވެ. މިއީ މާތް ﷲ އެމކަމަށް ކަނޑައެޅުއްވި ތަނެވެ. ރަސޫލާގެ ކޮޓަރިކޮޅު ބިނާކުރެވެންދެން އެކަލޭގެފަނު ފައިބައިވަޑައިގެން ހުންނެވީ އަބޫ އައްޔޫބުލްއަންޞާރީގެ ގެކޮޅުގައެވެ. ބައެއް ރިވާޔަތްތައް ބުނާ ގޮތުގައި އެކަލޭގެފާނު އަބޫ އައްޔޫބުގެ ގެކޮޅުގައި ހުންނެވީ އެއް މަސް ދުވަހުއެވެ. އަނެއް ބައި ރިވާޔަތްތައް ބުނާގޮތުގައި ރަސޫލާ އެ ގެކޮޅުގައި ހަތް މަސް ދުވަހު ހުންނެވިއެވެ. 

162. މަދީނާއަކީ ބަލިމަޑުކަން ފެތުރިފައިވާ ސަހަރެއް ކަމުން ވަރަށް ގިނަ ޞަޙާބީންނަށް މަދީނާ ވަބާ ޖެހިވަޑައިގަތެވެ. މާތް ﷲ ކީރިތި ރަސޫލާ ﷺ މި ވަބާއިން ސަލާމަތްކޮށްދެއްވިއެވެ.

163. އެކަލޭގެފާނުގެ ޞަޙާބީންނަށް މަދީނާ ރޯގާގެ ސަބަބުން ބަރުދާސްތު ކުރައްވަން ޖެހިވަޑައިގަތް ބުރަތައް ރަސޫލާ ﷺ އަށް ފެނިވަޑައިގަތުމުން މި ވަބާ މަދީނާއިން އުފުއްލަވައިދެއްވުން އެދިވަޑައިގެން މާތް ﷲ އަށް ދުޢާކުރެއްވިއެވެ.އެކަލޭގެފާނު މި ދުޢާގައި ވިދާޅުވިއެވެ. [اللهمَّ حَبِّبْ إلينا المدينةَ كحُبِّنا مكةَ أو أشدَّ، وصَحِّحْها وبارِكْ لنا في صاعها ومُدِّها] - ([ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މައްކާދެކެ އަޅަމެން ލޯބިވާ ވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް މަދީނާދެކެ ލޯބިވާ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ! އަދި އެ ރަށުގައި އަޅަމެން ދުޅަހެޔޮ ބައެއްކަމުގައި ލައްވައި، އެ ރަށުގެ ޞާޢާއި މުއްދުގައި އަޅަމެންނަށް ބަރަކާތް ލައްވާނދޭވެ!]) (أخرجه البخاري (٥٩٢٦) واللفظ له، ومسلم (١٣٧٦)) 

164. ނަބިއްޔާ ﷺ މަދީނާގެ މުޖްތަމަޢު ބިނާކުރެއްވީ ތިން އަސާސެއްގެ މަތީގައެވެ. އެއީ:-

     ހ- އަލްމަސްޖިދުއްނަބަވީ ބިނާކުރެއްވުން

     ށ- އަންޞާރުންނާއި މުހާޖިރީން އަޚުވަންތަ ކުރެއްވުން

     ނ- މަދީނާގެ މުޢާހަދާ (ޞަޙީފާ)

165. ރަސޫލާ ﷺ ޢާއިޝަތުގެފާނާއެކު ރޭކުރައްވަން ފެށްޓެވީ ހިޖްރައިން 1 ވަނަ އަހަރުގެ ޝައްވާލު މަހުގައެވެ.

166. ރަސޫލާ ﷺ މަދީނާގެ ނަން ޔަޘްރިބުން،  طابة (ޠާބާ) އަށާއި  المدينة (އަލްމަދީނާ) އަށާއި  طيبة (ޠަޔިބާ) އަށް ބަދަލު ކުރެއްވިއެވެ.  މާތް ﷲ ރުއްސުން ލެއްވި ޖާބިރު ބިން ސަމްރަތުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. [إنَّ اللهَ سَمّى المَدينةَ طابةَ] - ([ހަމަކަށަވަރުން ﷲ މަދީނާއަށް ޠާބާގެ ނަން ދެއްވިއެވެ.]) (أخرجه مسلم (١٣٨٥))

167. ޖާބިރު ބިން ސަމްރަތުގެފާނު ވިދާޅުވިއެވެ. ((އެބައިމީހުން މަދީނާއަށް ކިޔަނީ ޔަޘްރިބެވެ. ފަހެ، ރަސޫލާ ﷺ އެ ރަށަށް ޠަޔިބާ ގެ ނަން ދެއްވިއެވެ.))

168. ބަންގި ޝަރްޢު ކުރެއްވީ ހިޖްރައިން އެއްވަނަ އަހަރުގައެވެ. ބަންގީގެ ކަލިމަތައް ހުވަފެންފުޅެއްގައި ޢަބްދުﷲ ބިން ޒައިދަށް  ބޭކަލަކު  ދަސްކޮށް ދެއްވުމުން އެކަލޭގެފާނު މި ބަސްފުޅުތައް ރަސޫލާއަށް ދެންނެވިއެވެ. އެހިނދު  މި ބަސްފުޅުތަކުން ނަމާދަށް ގޮވައިލެއްވުމަށް ބިލާލުގެފާނަށް އެންގެވިއެވެ. މި ބަސްފުޅުތައް ޢުމަރުގެފާނަށް ވެސް ހުވަފެންފުޅުގައި ހަމަ އެ ރޭ ދަންނަވައި ދެވުނެވެ.   

169. ހިޖްރައިން 1 ވަނަ އަހަރު ޢަބްދު ﷲ ބިން ސަލާމް އިސްލާމްވެ ވަޑައިގަތެވެ. އެކަލޭގެފާނަކީ ޔަހޫދީ ޢިލްމުވެރިއެކެވެ. އެކަލޭގެފާނު އިސްލާމްވެ ވަޑައިގަތުމުން ޔަހޫދީން ވަރަށް ރުޅިއައެވެ. 

170. މުހާޖިރުން މަދީނާއަށް ވަޑައިގަތް އިރު [ރޫމާ] ވަޅު ނޫނީ މީރު ފެން ވަޅެއް ނެތެވެ. މި ވަޅުގެ ވެރިއަކީ ޣިފާރު ވަންހައިގެ މީހެކެވެ. އޭނާ މި ވަޅުން ފެން ހަމެއް ވިއްކަމުން ދިޔައީ މުއްދަކަށެވެ. އެހިނދު ރަސޫލާ  ﷺ  ޙަދީސް ކުރެއްވިއެވެ. މި ވަޅު ގަނެ މުސްލިމުންނަށް ޞަދަޤާތް ކުރާނީ ކާކު ހެއްޔެވެ؟ އެހިނދު ޢުޘްމާނުގެފާނު މި ވަޅު ބައްލަވައިގަންނަވައި މުސްލިމުންނަށް ޞަދަޤާތް ކުރެއްވިއެވެ. 

(އަދި ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ